ޔަތީމުންނާއ ފަގީރުންނާއިމެދު ގުރުއާނުގައި ވަހީ ކުރައްވާފައިވަނީ މިފަދައިންނެވެ. وَوَجَدَكَ ضَالًّا فَهَدَىوَوَجَدَكَ عَائِلًا فَأَغْنَىٰ .فَأَمَّا اليَتِيمَ فَلاَ تَقْهَرއަދި ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ކަލޭގެފާނު ގެއްލެނިވެ ވަޑައިގެންވަނިކޮށް އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލޭގެފާނަށް ހިދާޔަތް ދެއްކެވިއެވެ. އަދި ފަގީރަކު ކަމުގައި ކަލޭގެފާނު ވާތީ އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނު މުއްސަދިކުރެއްވިއެވެ. ދަންނާށެވެ. ފަހެ ކަލޭގެފާނު ޔަތީމު ކުއްޖާ ނިކަމެތިކޮށް ނުލައްވާށެވެ."
***
ސްކައި ހޮސްޕިޓަލުގެ ޑޮކްޓަރަކު ކެފޭއަށް ވަންނަން އައިއިރު އެތަައް ލޮލެއް ހުއްޓުނެވެ. ހުދު ކޯޓުގައި ހުރި އެލްބިނޯ ޒުވާނާއަށް ނަޒަރު އަމާޒުވީ އޭނަގެ ތަފާތު ރީތިކަމެއް ހުރުމުންނެވެ. އަމިއްލައަށްގޮސް ކަޅުކޮފީއެއް ހިފައިގެންގޮސް އެކަހެރި މޭޒެއްގެ ދޮށުގައި އިށީދެ ލަސްލަހުން ކޯވަރުތައް ބޮމުން ދިޔައެވެ.
"ޑޮކްޓަރ ޖައިޝް ތިހިރީ ކުށްވެރިވެފައި.." ކިޔާން ޖެހިގެން ހުރި ގޮދަޑިޖެހި ގޮނޑީގައި ޖައްސައިލިއެވެ." އެކުއްޖާ ސްކްރަބް ޓައިފަސް ކަމަށްވަނީ. ކުޑަކުދިންގެ ޑޮކްޓަރަކަށް ދައްކަންވީމަ ސިމްޕަލްކަމެއްގެ ގޮތުގައި ހަދާފައި ގެއަށް ފޮނުވައިލީ.. ކަންފަތްކައިރީގައި އިން ތަންކޮޅުވެސް ދެއްކީމޯ ޕޭރެންޓުން ބުނީ. ލިމްފް ނޯޑްސް ތައް ދުޅަވެފައި. ކީއްވެ ޖައިޝް. އެޓްލީސްޓް ޓެސްޓެއް ހަދަން ދިނަސް ކަލޭ އަތުން ގެއްލޭނެ އެއްޗެއް ނޯންނާނެ. ޓެސްޓްތައް ހަދާފައި އެހެން ސްޕެޝަލިސްޓަކަށް ރިފާވެސް ކުރެވޭނެ ދޯ. އެކުއްޖާއަށް ދެރަގޮތެއް ވެއްޖެއްޔާ މިތަ ނަން ބަދުނާމުވާނެ........."
"އެ ވާހަކަ މުޅި ސޯޝަލް މީޑީއާގައި ދޯ. އައިމް ހާޓް.."
ޖައިޝްގެ ޖުމްލައިން ކިޔާން އިނީ ބުނާނެ އެއްޗެއް ނޭގި ބަސްހުއްޓިފައެވެ. އެއްވެސް ޖަޒުބާތެއް ޝުއޫރެއް ނުދައްކާ "ހާޓް" އޭ ބުނެލިލެއް މޮޅު ނޫންހެއްޔެވެ؟
"ޑޯންޓް ގިވް މީ ކްރެޕް. ކުޑަކޮށްވެސް ހާޓްވިހެނެއް ހިޔެއްނުވޭ. ޖައިޝް ތިހެން އުޅެން ހަދައިގެން ކަނޑާލައިފިއްޔާ؟ ރޫލްސްތަކާ އެއްޗެހި ފޮލޯކޮށްބަލަ."
"އޭ ކިޔާން. އަދިވެސް ޕާޓްނާއާއެކު ކޮޓަރި ޝެއާކުރަނީ؟ "ޖައިޝް އެހިއެވެ.
"އޭނަ މަށާއި ނުލާ މަރުވެދާނެ..."
"ބޭކާރު ޚަރަދެއް ކުރާވަރުން ކިޔާންވެސް ހިތާވާ ވަރު އެނގޭ. ކޮންމެހެން އެއްފަރާތުން ވެވޭ ލޯތްބަކަށް ހަދާނެކަމެއް ނެތް. އަންހެނަކަށްވި ނަމަވެސް އެންމެ ރަގަޅޭ. ކިޔާން އޭނަ ދޫކޮށްލި އިރަކުން މަ ތި ކޮޓަރިއާއި ހަމަޔަށް ދާނީ....." ޖައިޝް ކޮފީ ކޯވަރެއް ބޯލައިފިއެވެ. އެލޮލުން ކަންބޮޑުވުމުގެ ކުލަވަރެއް ނުފެނުނެވެ. އެއަށްވުރެ މާ ހަމަޖެހެއެވެ. އެފަދަ ބޮޑު ފެސިލިޓީއަކުން އެފަދަ ގޯހެއް ހެދުމަކީ ލަދުވެތިކަމެއް ކަމުގައި ދެކެގެން ފިޔަވަޅުވެސް އަޅާފާނެއެވެ. ތަނުގެ ޑިރެކްޓަރަކަށް ހުންނަ މާޒިންގެ ހިތްހެޔޮކަމާއި އެއްވަރަށް ބަލިމީހުންގެ މައްސަލަތަކުގައި ހަރުކަށި ސިޔާސަތެއް ގެންގުޅެއެވެ. ފަރުވާކުޑަ ސްޓާފުންނަށް ފިޔަވަޅު އަޅަން ޖެހިލުންވާފަދަ ޒުވާނެއްނޫނެވެ. ސްކައިޕެލެސްގެ މޮޓޯއަކީ ހުރިހާ ބަލިމީހުންނަށް އެންމެ ފުރިހަމަ ޚިދުމަތް ދިނުމެވެ. ކެންސަރަށް ފަރުވާދޭ ވިންގެއް އެތަނުގައި ހުޅުވުނު ފަހުން ޚިދުމަތުގެ ފެންވަރު އެތައް ގުނަ އިތުރުވެ އެތައް ބަޔަކަށް އެކަމުގެ ފަސޭހަކަން ލިބުނެވެ.
**
އާއިޒާ ބާރަށް ނުކުމެގެން އަންނަނިކޮށް ޝައުންގެ ގައިގާ ޖެހިފައި ވިއްސައިގެން ނުދިޔައީ ޝައުން ހުޝިޔާރުކަމާއެކު ހިފެހެއްޓުމުންނެވެ. ޝައުން ފެނިއްޖެއްޔާ ކޮންމެވެސް އެއްޗެކޭ ބުނެނުލާ ނުދާ އަންހެންކުއްޖާއަށް ޝައުންއާއި ހަތަރުކަޅި ހަމަކުރާކަށްވެސް ނުކެރުނެވެ. އެންމެ ކުޑަވެގެން އަނިޔާއަކުން ސަލާމަތްކޮށްދިނުމުން ޝުކުރު އަދާކުރުމެއްނެތި އަވަސްވެގެން ގޮސް ގޭޓުން ނުކުމެއްޖެއެވެ.
"ޑޭމް." ޝައުންއަށް ކިޔާލެވުނެވެ. ހިނގައިގަންނަން ނޭގިފައި ހުއްޓާ އެލީނާ ލިލީ އުރާލައިގެން އަންނަ ތަން ފެނުނެވެ. ލޫކާ ތަންކޮޅެއް ފަހަތުން އޭނަ ގެންގުޅޭ ކަފަބުދު ހިފައިގެންނެވެ.
"މާމަ ބަލިވެއުޅޭތީ ވިޒިޓްކޮށްލަން މިދަނީ. ބޭބީސިޓް ކުރާ ގަޑިއަށް މުސާރަދޭނަން....."އެލީނާ ޝައުންގެ ގާތު ބިންމަތީގައި ލިލީ ބެހެއްޓިއެވެ.
"ޑެޑީ..ޝޮޕިންއަށް ދާން. މަންމިގެ ބާތުޑޭއަށް ޕްރެޒެންޓެއް ގަންނަން...."ލޫކާ އޭނަގެ ބައްޕަގެ ފައިގާ ބައްދާލިއެވެ.
"ކޯނޗެއް މަންމަ ބާތުޑޭއަށް ދޭނީ؟ ވިޗް ބުދެއް ކިހިނެއްވާނެ...................."ޝައުންގެ ޖުމްލައިން ލޫކާއަށް މަޖާވެގެން ހޭންފެށިއެވެ. ފަސްދެމުން ދިޔަ އެލީނާއަށް އެ ޖުމްލަ އިވި އެނބުރި ބަލައިލީ ހަމަ ސަންތިމަރިޔަބުވެސް ބަލައިލާނެހާ ރުޅިވެރި ނަޒަރަކުންނެވެ. ލޮލުން މީހަކު ފިހޭނެނަމަ އެ އަލިފާނުގެ ބެލުމުން ޝައުން ފިއްސައިލީހެވެ. ޝައުން އެތެރެ އެތެރެއިން ހީލިޔަސް އެނގުނުކަމަކަަށް ނެހެދިއެވެ. އެލީނާ އެކަމުގެ ބަދަލު ކޮންމެވެސް ގޮތަކުން ހިފާނެކަން އެނގި މަޖާވެސްވިއެވެ. އެލީނާގެ އެ ނަފްރަތާއެކު އެދެމީހުންނަށް އެކީ މިހާ ގިނަ އަހަރުތައް ދުއްވައިލެވުނީ ކާކުގެ ހިތްވަރުގަދަކަމުން ބާވައޭ ހިތަށް އެރިއެވެ. އޭނަގެ އަމިއްލަ ނަފުސާއި ހަގުރާމަކުރާވަރު ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ.
ދެކުދިން އޭނަގެ ބާރުގަދަ ދެއަތުގެ ހިމާޔަތް ދެމުން އެތައް ފަހަރު އެތުއްތު މޫނުކޮޅުގައި ބޮސްދިނެވެ. އެލީނާ ގޭގައި އުޅޭވަގުތު ޝައުން ކުދިންނަށް އެ ލޯބި ނުދައްކައެވެ. އެލީނާ ނެތް ގަޑީގައި އުޅޭލެއް ލޯބިކަން ފެންނަނީ ހަމައެކަނި ނީވްއަަށެވެ. އޭނަ ކޮންމެވެސް ދިމާލަކުން އެ މަންޒަރު ބަލަހައްޓައިގެން ހުރިއިރު ތުންފަތުގައި ވި ހިނިތުންވުން ފުންވިއެވެ. އޭނަ ދުވަހެއްގެ ކޮޅުންވެސް މީހަކާއި ކައިވެނި ކުރިއްޔާ ބޭނުމީ މިހާ ކުދިން ދެކެ ލޯބިވާ ބައްޕައެކެވެ.
ޝައުން އޮފޭލިއާ މޯލަށް ވަނުމުން ލޫކާ ސީދާ މިސްރާބުޖެހީ އަންހެންކުދިންގެ މޭކަޕް ސާމާނު ހުންނަ ބަޔެވެ. ލޫކާ އަށް އޭނަ ހޮވަންވީ ސާމާނު ކުރީއްސުރެ އެނގޭފަދައެވެ. އައި ޝެޑޯ އަދި ލިޕްސްޓިކްވެސް ބޭނުންވި ކުލަ ނެގިއެވެ. އެބައިގާ ތިބި ކުދިން ހީކުރީ ލޫކާއަކީވެސް އަންހެންކުއްޖެއް ކަމުގައެވެ. އެންމެން އުޅުނީ ލޫކާގެ އިސްތަށިގަނޑާއި އަޅައިގަނެގެން އަދި ކުޑަ ކުޑަ ލިލީއަށް ސަމާލުކަން ދީގެންނެވެ. އެހާ ކުޑަކުއްޖަކު ދުވެފައި އުޅޭއިރު ކައްސާލައިގެން ވެއްޓިދާނެތީ ބިރުގަންނާނެ ނޫންހެއްޔެވެ؟ އެކަކަށްވެސް ލޫކާއާއި ލިލީ އެއްމާބަނޑުކަމެއް ނޭގެއެވެ. ބައެއްމީހުން އެކަމާއި ޝައުން ކުށްވެރިކުރިއެވެ. ލިލީހާ ކުޑަކުއްޖަކު ބިމަށް ގަދައެއް ނުވާނެއެވެ. އެކުއްޖާގެ މަންމަ އަޅާނުލަނީ ހެއްޔެވެ؟ މަންމަ ނެތް ކުދިންތަކެއް ހެއްޔެވެ؟ ސުވާލުތަކުން ހިތް ފުރިފައެވެ.
***
ލޫކާ ދިން މޭކަޕްސެޓް ފެނުމުން އެލީނާއަށް ދަރިފުޅު ގެނެސް މޭގައި ޖައްސައިލެވުނެވެ. އޭނަ ލޫކާއާއިމެދު އަނިޔާވެރިވާއިރު އެކުޑަ މައުސޫމް ދަރިފުޅުގެ ހިތުގައި ވަނީ ލޯތްބެވެ. ސާފު ތާހިރު އަމިއްލަ އެދުމެއް ނެތް މައުސޫމް ލޯތްބެކެވެ. އޭނަ ހިތް ފުރިގެން އައެވެ. ލޮލުން ވެއްޓުނު ކަރުނަތިކި އެކަކަށްވެސް ނުފެންނަނީސް ފޮހެލައިފިއެވެ. އިރުކޮޅެއް ނުވަނީސް ފެނުނީ މޭކަޕް ސާމާނު ހުޅުވައިގެން ލިލީ ލޫކާ މޭކަޕްކޮށްދޭން އިން މަންޒަރެވެ. ލޫކާގެ އަނގަމަތި ލޭކޮޅެއްހާ ރަތްކޮށްލިއިރު ކޯތާފަތް ފިޔާތޮށިކުލައިން ވިދަނީއެވެ.
"ޑެޑީ. ގާލް ކޮއްކޮއެއް ބޭނުން...މޭކަޕް ކޮށްދޭން.."
"ލިލީ. ލޫކާއަކީވެސް ގާލްއެއްނު....."
"ހީ ހޭޒް އެ ވީ ވީ..." ލިލީ އޭނަގެ ޅަ ރާގުގައި ބުނުމުން އެލީނާ ހޭންފެށިއެވެ.
"ވީ ވިލް ކަޓް އިޓް......"އެލީނާ ހައްލު ބުނެދިނެވެ.
"ނޯ މަންމި. އައި ވޯނަ އެ ބޭބީ ސިސް....." ލިލީ ކުއްލިއަކަށް ރޯންފެށުމުން އެލީނާ ލިލީ އުނގަށް ލިއެވެ. މޭގައި ފޮރުވައިލަމުން ވާހަކަދައްކަން ފެށި ރާގާއި ޅަކުރާވަރުން ލޯބި އުތުރި އަރާފަދައެވެ. އެތައް ފަހަރު ބޮސްދިނެވެ. ލޫކާ ދެރަވެފައި އިނގިލި ޖަހައިގެން އެ މަންޒަރު ބަލަން ހުއްޓެވެ.
***
މާމަ ހައްޖުން އެނބުރި އައިއިރު ޖެހިފައި ހުރި ރޯގާ ރަގަޅުވާން ފެށިއިރު ކެމީލާވެސް ރޯގާޖެހި ކެއްސަންފެށީ މާ ވަރަކަށެވެ. ވަރުބަލިކަން އޭނަގެ ހަށިގަނޑުގެ ހުރިހާ ދިމާލެއްގައި ހިނގާލައިފިއެވެ. ގައިގާ ކޮޅަށް ހުންނާނެވަރެއް ނުހުރެއެވެ. ދޭތެރެއަކުން ކެއްސައިގަންނައިރަށް މާމަ އައިސް ބާމު ކަހަލަ އެއްޗެއް އުނގުޅާލަދީފައި ކަޅުސަޔަށް ލުނބޯ ނުވަތަ އިނގުރު އަޅައިގެން ބޯންދެއެވެ. މާމުއި ސަމުސާއެއް ދެއެވެ. ހޫނުފެނުން އާވިއަރުވާދެއެވެ.
ކެމީލާ ނަމާދުން ނިމިގެން އަތުބުރު ނޭގި އެނބުރެމުން ދިޔަ ފަންކާ ނިވާލައިފިއެވެ. ހޫނުގަދަ ދުވަހަކަށްވިޔަސް އޭނައަށް މާ ފިނިވީއެވެ. ހުން ވައްތަރުވީއެވެ. ސޯފާގައި ރަޖާ އަޅާލައިގެން އޮތްއިރު އެ ދޮން އަތް ނަގާފައި ބަލައިލެވުނެވެ. ބައެއް ތަންތަން ނޫފައިގެންފައެވެ. ޕިކްނިކް ދަތުރުގައި އޭނަ އަނބުރައިގެންފާ ވެއްޓިފައި އިރުކޮޅަކުން ރަގަޅުވިއެވެ. ތަޅުންމައްޗަށް ކައްސާލައިގެން ވެއްޓުނުގޮތަށް ނޭފަތުން ލޭ އޮހިގަތްގޮތަކުން ޒައިރާ ބިރުގަނެ އަޑުކޮޅަށް ހަޅޭއްލަވައިގަތް ނަމަވެސް އިރުކޮޅަކުން ހަމަޖެހުނެވެ. އޭނަގެ ހަށިގަނޑުގައި ތަފާތު ބައްޔެއްހުރީ ބާވައެވެ. ކެމީލާ ގޫގުލް ހުޅުވާލައިފިއެވެ. ތެލެސީމިއާއިން ފެށިގެން ލޭގެ ކެންސަރުފަދަ ބިރުވެރި ޚަބަރުއް ބުނެދީފައި ހުއްޓެވެ. މެޑިކަލް ބަހުރުވަ ފެނުމުން ވީ ފޫއްސެއްގެ ބޮޑުކަމުން އަވަހަށް ފޯނު ދުރުގައި ބާއްވައިފިއެވެ.
މާތްﷲއަށް އިތުބާރުކޮށް ދުޢާކުރުމުން ޝިފާ ލިބޭނެއެވެ.
ކުއްލިއަކަށް ވިޝާގެ މޫނު ލޮލުގެ ކުރިމަތީގައި ފްލޭޝްވެލައިފިއެވެ. ނަމާދާއި ބެހޭގޮތުން ދެކެވުނު ވާހަކަތައް ހަދާންވުމުން ކެމީލާއަށް ހެވިއްޖެއެވެ.
"ވިޝާ ކިހާ ސްޓުޕިޑް. ކޮޕީކުރަނީޔޯ؟ ކޮޕީކުރާކަށްނޫން. ކޮންމެ މީހަކު ރަގަޅުކަމެއް ކުރިޔަސް ފޮލޯކުރަންވާނެ. ވިޝާއެއްކަމަކު އެދުވަހު ނަމާދުކުރީމަ ހަމަ ލޯ ހުޅުވުނު. ނޫރު ސޫރަތުގެ މާނަ ބަލައިލަންވީ؟ " ކެމީލާ ފޯނުން ގުރުއާން އެޕެއް ހުޅުވައިލާފައި ތަރުޖަމާ ކިޔަންފެށިއެވެ. ގުރުއާނުގެ ނޫރު ސޫރަތުގެ މާނަ ކިޔަވަންފެށީ ޝައުގުވެރިކަމާއެކުގައެވެ. އެ އާޔަތް ކިޔެވުމަށްފަހު ބުރުގާ އަޅަން ވަގުތުން ނިންމިއެވެ. ބުރުގާ އެޅުމާއި ބެހޭގޮތުން މަޝްހޫރު އިލްމުވެރިންގެ ލެކްޗާއެއް ހުޅުވިއެވެ. އެކަމުގައި އިރުކޮޅެއްވީތަނާ ބޯ އަނބުރައިގަންނަ ގޮތްވެގެން ފޯނު ބާއްވާފައި ބާލީހުގައި ބައްދާލައިގެން ލޯ މަރާލައިފިއެވެ. ވަރުބަލިވެގެން ގޮސް ނިދުނީއެވެ.
މާމަ ނަމާދުކޮށްލައިގެން ގުރުއާން ކިޔަވާ ޒިކުރުކުރަން އިނދެފައި އެކަނިވެރިކަން އިހުސާސްކުރެވިގެން ދޮރުމައްޗަށް ނުކުތެވެ. ކެމީލާ ސޯފާގައި އުދަގޫގޮތަކަށް މަޑު ނިންޖެއްގައެވެ. ދޭތެރެއަކުން ކެއްސުންގަނޑަކާއި އެކު ލޯ ހުޅުވާލާފައި ކުކުރައިލައެވެ. އަނެއްކާ ވަރުބަލިގޮތަކަށް ލޯ މަރައިލައެވެ. ޒައިރާ ފެންނާކަށް ނެތެވެ. ރޭގަނޑު ހަތަރުދަމު ފޯނާއި ކުޅެން އޮވެފައި ޒައިރާ ނިދައިލަނީ ފަތިސްނަމާދުކޮށްގެންނެވެ. މެންދުރުވަންދެން ނިދާލާފައި އޮތް ވާޖިބަކީ ވަޒީފާފަދައެވެ. ގެއަށް އަންނަގޮތަށް ތައްޔާރުވަނީ ޓިއުޝަން ކްލާހަށް ދާށެވެ. ކެމީލާވެސް ސްކޫލުން ނިމިގެން އިތުރު ހަރަކާތުގައެވެ. އެކުޑަ އާއިލާގެ އުފާވެރި ދިރިއުޅުން ޒަމާނީ ދިރިއުޅުމުގެ އަވައިގާ ޖެހި އޮޔާލައިގެން ހިގައްޖެއެވެ. އެންމެ ބޮޑަށް އަސަރުކޮށް ނިކަމެތިވީ މުސްކުޅި މާމައެވެ. ގޭގެ ހަތަރުފާރުން ބޭރުގައި އިރުގެ އަލިކަން ފެންނާން ނެތި އިންނަން ޖެހުމުން ފޫހިވެ މާޔޫސްކަމުގެ ސާލު އޮޅާލައިފިއެވެ. ތިން ކުދިންގެ އަވަދިނެތް ދިރިއުޅުމުން މާމައަށް ވަގުތެއް ނުދެވޭ ތާގައި އެކަން ރޭކާ ލާހެނެއް ހިޔެއްނުވެއެވެ. ކިޔާންވެސް ސްކައިޕެލެސްގެ ޑިއުޓީ ނިންމާފައި އެހެން ދެ ކްލިނިކްގައި މަސައްކަތްކުރާތީ ގެއަށް ވަދެލާނެ ވަގުތެއް ނުވަނީއެވެ. އޭނަ ދޭތެރެއަކުން ކުދިންގެ ގާތުން ޚަބަރު އޮޅުން ފިލުވައެވެ. ނަމަވެސް މާމަގެ އެކަނިވެރިކަމާއި ނާ އުއްމީދު ޝަކުވާއެއް ނެތި އެހެން އިންނާތީ ކުދިންނަށް އިހުސާސްނުވިއެވެ.
***
ޒައިރާ ގެނެސްދިން ރީތި އަނގޮޓި ފެނިފައި ކެމީލާގެ ލޯ ވިދައިލިއެވެ. ކުޑައިރުއްސުރެ ގޭގެ ވަލުތެރެއިން ހޮވާ ކުލަކުލައިގެ ބިއްލޫރިކޮޅުތަކަށް ހުރި ޝައުގު މާމަ ގެންގުޅޭ އެސްތަކަށް ޖެހުނެވެ. އެފަހުން ފީރޯޒް ޔާގޫތު ނީލަން އަލިމަސް ޒަބަރުޖުދުފަދަ އަގުހުރި މައުދަންތަކަށް ލޯބި ޖެހި ކޮންމެވެސް ދުވަހެއްގައި ޖަވާހިރުތައް އެއްކުރަން ހުވަފެން ދެކުނެވެ. ރިހި އަނގޮޓިއެއްގައި އިން ދަޅައަރާ ހުދުކުލައިގެ އެހަކީ ޖަވާހިރެއް ބާވައޭ ހިތަށް އެރިއެވެ. ޔަގީންވީ މި ކިތަންމެ ރީއްޗަސް ދޮންތައަށް ލިބޭނީ މަސްނޫއީ އެއްޗެއްކަމެވެ. ޒައިރާ ލައިއުޅޭ ޓީޝާޓުތައް ފަދައިންނެވެ. އޭނަ ހީކުރާގޮތުން އެއީ މުޅިންވެސް ބާޒާރުމަތިން ގަނެލާ އާދައިގެ ހެދުންތަކެވެ.
ކެމީލާ ސްކޫލަށް ދިޔައިރު ކޮންމެވެސް ވަރަކަށް ހަށިގަނޑުގައި ހުމުގެ އަސަރު ހުއްޓެވެ. ކްލާހަށް ދަނިކޮށް ކޮރިޑޯއިން ވިޝާއާއި ދިމާވިއިރު ދެން އަންނަން އުޅެނީ ކޮންފަދަ ތޫފާނެއްކަމުގެ ހިލަމެއްވެސް ނުވިއެވެ. ވިޝާ ކުއްލިއަކަށް އޭނަ ހުއްޓުވިއެވެ. އެހެން ބައިވެރިން އެތަނަށް ޖަމާވާން ހިނދުކޮޅެއްވެސް ނުނެގިއެވެ.
"ވައްކަން ކުރަން ފެށީތަ؟ "
"ކީކޭ ވިޝާ...." ކެމީލާ ހީލައިފިއެވެ.
"ކާކު ދިން އަނގޮޓިއެއް؟ " ވިޝާ ކެމީލާގެ އަތުގައި ހިފާ އެންމެނަށް ފެންނަގޮތަށް އެ އަތް ހިއްލާލިއެވެ. އަނެއް އަތުން ހިފެހެއްޓީ ކެމީލާގެ ގަތާފައިވާ ބޯ އިސްތަށިގަނޑުގައެވެ. ތަދުވެގެން ކުކުރާލަމުން ކެމީލާ ކަނދުރާ ފަހަތަށް ލަންބަން ފެށިވަރަކަށް ވިޝާ ވެސް ދެމިއެވެ. އެ އަގޮނޓި ދޮންއަތުގެ އިނގިލިއާއި ނިކަން ގުޅެއެވެ. އިރުގެ އަލިކަން އެޅުމުން ޖަވާހިރުގެ އެތެރެ އަޅި އަދި ހުދުން ވިދުން އަރާއިރު ވާރޭ ދުނީގެ ކުލައިން ކައިރިފަށުން ދަޅައަރާފަދައެވެ.
ކެމީލާ ހިމޭންކަން ޚިޔާރުކުރިއެވެ. ޒައިރާގެ ނަން ބުނަން އުޅެފައިވެސް ވިސްނުނު އެއްޗަކުން އޭނަ ތުން ފިތައިލިއެވެ. ހޫނު ކަރުނަތައް އެސްފިޔައިގެ ބޮނޑިއަށް ޖަމާވާން ހިނދުކޮޅެއްވެސް ނުނެގިއެވެ.
"އަހަންނަށް ބާތުޑޭ ގިފްޓްއަކަށް ލިބުނު ސިލްވާ ގޯލްޑް ޑައިމަންޑް ރިންގް ގެއްލުނުތަނެއް ނޭގިގެން ވަރަށް ހޯދިން. ހުރިހާ ނުބައިކަމެއް ކުރާއިރު ވަގެއް ކަމެއް ނުދެނެހުރިން." ވިޝާ އޭރުވެސް އެއަތުގައި ހިފަހައްޓާފައި ހުރެ ފިތަމުން ދިޔައެވެ.
"އޯ އެމް ޖީ..." ތާނީ ތުއިގޮތަކަށް ކިޔާލައިފިއެވެ. ފޮނިކަމުން ހަކުރުކޮޅެއް ފަދައިން ވިރިގެން ފައިބާފާނެފަދައެވެ. "މީނައަކީ އެއްކަލަ ޕަފެކްޓްހެދިގެން އުޅޭ މުސްލިމް ގާރލް ދޯ. ދީނުގައި ވައްކަން ކުރާ ވަގުންގެ އަތް ކަނޑަން ޝަރީއަތުގައި އޮތީ. އެހެންވީމަ މި އަންހެނާގެ އަތް ކަނޑާލާފައި ކެކިކެކި ހުރި ތެޔޮ އެއްޗަކަށް ކޮށްޕާލަންވީ. ކެމީލިއަން ބަސްޓް މިވީ މާ ސަޅިކޮށް. ގޯޑް އޯލްމައިޓީ ލޯބިވެ ވޮޑިގަންނަވަނީ ކާކުކަން މިއެނގުނީނު. ވިޝާފަދަ އަޅުވެރި ކުއްޖަކުގެ ޕްރެޝަސް އެއްޗެއް ވަގަށް ނެގީމަ އެންމެން ކުރިމަތީ ތި ބަދުނާމުވީ...."
ކެމީލާގެ ލޮލުން ވެއްޓުނު ކަރުނަތިކި ކޯތާފަތުން ތިރިއަށް ދެމިގަތެވެ. ކެތްކުރިނަމަވެސް ކުއްލިއަކަށް ކެއްސަން ފެށުމުން ވިޝާ ކެމީލާގެ އިނގިލީގައި ހިފާ އުފުރައިނުލީ ކިރިޔާއެވެ. ގަދަކަމުން އަނގޮޓި ދަމައިގަންނަން ހަދައިގެން އިނގިލި ޒަޚަމްވެގެން ލޭ ފައިބަންފެށިތަން ފެށި އަރީޖަށް ދުވެފައި އައިސް ކެމީލާގެ އަތުގައި ހިފަހައްޓައިލެވުނެވެ.
"ބުލީކުރިޔަސް ބޮޑުވަރު...."
"އަރީޖް. ކޮން އަނގައެއް ބާނަނީ؟ އޭނަ ކުރީ ކުޑަކުށެއްތަ؟ ތަނަކުން ފެންނަ އެއްޗެއް އިނގިއްޔަށް އަރުވަންޏާ އިނގިލި ދުއްވާލާފައި ދާނީ............" ތާނީ ލޯ އަޅައިގެން ހުރެ ނުބައިގޮތަކަަށް ހީލައިފިއެވެ.
"ޕްރިންސިޕަލާ ހަމަޔަށް ގޮއްސިއްޔާ ވަގުތުން ސްކޫލުން ކަނޑާލާނެ. އެކަމަކު އަަހަރެން އަދި އެއް ފުރުސަތު ދޭނަން....." ވިޝާ ހުރީ އިނގިލިތަކުގެ ކުރިން އަނގޮޓި ހިފަހައްޓައިގެންނެވެ. އޭގައި ކެމީލާގެ ލޭ ހުރުމުން ނަޖިހެއްގެ ގޮތުގައި ދެކުނެވެ.
"ހާދަ ރަގަޅޭ...." ހުރިހާ ކުދިން ތައުރީފުކުރިއެވެ.
"ވައިރަސް އަހަރެމެން ބަލިޖައްސަން ވެގެން ކްލާހަށް އައީ ކީއްކުރަން؟" ކެމީލާ އާއި ދިމާލަށް ފާޑުފާޑުގެ ބަސްތަކުން ހަމަލާދިންވަރަކަށް ހިތުގައި އެޅުނު ކޫރުން ގިނަވިއެވެ.
މުޅި ދުވަހު ސްކޫލްގައި ކެމީލާ އުޅެންޖެހުނީ ލަދުން މަރުވާވަރުވެފައެވެ. އެންމެން އޭނަ ފެނުމުން ބަލާގޮތުން އެ ހާދިސާގެ ޚަބަރު ހުރިހާ ކުދިންނަށް އެނގޭކަހަލައެވެ. ދުވަހަކު ކަމަކާއި އެހާ ލަދެއްނުގަނެއެވެ. ކްލާހުގައި އިނދެވުނީ އިސްޖަހައިގެންނެވެ. ދޭތެރެއަކުން ކެއްސަން ފެށުމުން ކެއްސުންގަނޑު ހިންދަން ހަދައިގެން އިތުރަށް ވަރުބަލިވިއެވެ. އެހާލުގައި ހުއްޓާ ކްލާސް ނިމުމާއެކު ގެއަށްދާންވެގެން ދަބަސް އެޅުވިއެވެ. ޖުއާންއާއި އެހެން ކުދިން ކޮރިޑޯގައި ތިއްބެވެ. އޭނަގެ އިންތިޒާރުގައި ކަހަލައެވެ. ހިތަށް ބިރުވެރިކަން ވަނެވެ. އަނބުރާލާފައި ދާންވެސް ހިތަށް އެރިއެވެ. އަރީޖް ބުނީ ހިތްވަރުކުރުމަށެވެ. ދެރަނުވުމަށެވެ. ކުއްލިއަކަށް ޖުއާން ފައިގާ ދަތި އެޅުވުމުން ކެމީލާ ވިއްސައިގެން ދިޔަގޮތަށް ބަންޑުން ޖެހުނެވެ. އެހިސާބުގައި ލޭގެ ކުދި ކޯރެއްހެދުނެވެ. އަރީޖް އަށް ބާރަކަށް ރޮއިގަނެވުނީއެވެ. މިވަރު ކުރަން ޖެހޭހެއްޔެވެ؟ ކެމީލާ މިމީހުންނަށް ދިނީ ކޮން އަނިޔާއެއް ހެއްޔެވެ؟ އެކުއްޖާ މިތަނަށް ވަނީއްސުރެ މިމީހުން އެކުއްޖާގެ ނޭފަތުން ފެން ހިކުނަ ނުދެއެވެ. އެންމެފަހުން ދިން ބޮޑު އަނިޔާއެއް ދެކެބަލާށެވެ. މާތްﷲ މިއަނިޔާވެރިންނަށް އެކަމުގެ ބަދަލުދެއްވާށިއެވެ. އަރީޖް ކެމީލާ ގެ ގާތަށް ގުދުވިގޮތަށް މަޑުމަޑުން އަނބުރާލަން އުޅުނެވެ.
"އާ ޔޫ އޯކޭ ލަވް....."
"ބޮލުގައި ރިއްސަނީ....އަހަރެން ރަގަޅު..." ކެމީލާ ކުއްލިއަކަށް ތެދުވުމުން ހާސްވެފައި ތިބި ކުދިންނަށް ހަމަޖެހުމެއް ލިބުނެވެ. މަރެއްނުވިތާއެވެ. ނަމަވެސް ކެމީލާގެ ބުމަ ފަޅައިގެން އޮހެމުން ދިޔަ ލޭތަކަށް ހުއްޓުމެއްނައެވެ. ޔުނިފޯމްވެސް ލެއިން ފޯވަނީއެވެ. ނޭފަތުންވެސް ކޯދުލާފައި އަރަނީ ލެއެވެ.
ނަސީބަކުން އެވަގުތު މުދައްރިސަކަށް އެތަނަށް ނުކުމެވުނެވެ. ކެމީލާއަށް ވީގޮތަކާއިމެދު ސުވާލުކުރުމުން ވިޝާ ޖަވާބުދިނެވެ.
"ކެމީލާގެ އެބަހުރި ބްލީޑިން ޑިސްއޯޑާއެއް. އޭނަ ކައްސާލާފައި ވެއްޓުނުގޮތަށް ބުމަ ފެޅިގެން ލޭ އައީ. މާބޮޑުކަމެއް ނުވޭ...."
"އެއީ ތެދެއް. ވަރަށް ގިނައިން މިގޮތަށް ލޭ އައިސްފަ އިރުކޮޅަކުން މަނާވޭ. އައިމް އޯކޭ ސަރ.." ކެމީލާ އެވަގުތުވެސް ހީލިލެއް "ސްވީޓް"ކަމުން މުދައްރިސްގެ ހިތް ލޯބިން ފުރުނެވެ. ކޮންމެ ހާލެއްގައިވެސް ހިނިތުންވާ ލޯބި ލޯބި އަންހެންކުއްޖެކެވެ. ކެމީލާ އަރީޖްގެ އަތުގައި ހިފައިގެން ދެވުނީ ކުޑަތަންކޮޅަކަށެވެ. ކެމީލާގެ ގައިގެ ބާރު ހުސްވާންފެށި އޭނަގެ އަތުތެރެއަށް ދެމެންފެށިއެވެ. އަރީޖްއަށް އަޑުކޮޅަށް ސަރ އޭ ކިޔާފައި ގޮވައިލެވުނެވެ. މުދައްރިސް އަވަސްވެގަތީ ކެމީލާއަށް އެހީތެރިވެދިނުމަށެވެ. ޖުއާން ސްކައިޕެލެސް ހޮސްޕިޓަލަށް ގުޅާފައި އެމްބިއުލެންސް އަވަސްކޮށްދޭން އެދުނެވެ. އޭނަގެ ފަރާތުން ލިބުނު އަނިޔާއަކަށް އޭނަ މިހިރީ ޚަރަދުކުރާގޮތަށެވެ. ކުރީފަހަރުވެސް ކެމީލާގެ ގަޔަށް ލޭ އަޅަން ޖެހުނު ހަދާން ހިތުން އަދި ފިލައިގެނެއް ނުދެއެވެ.
"ހަމަ އެކްޓެއް. މީނައަށް މިފަހަރު އޮސްކާ އެވޯޑް ދޭން ހޮލީވުޑަށް ގެންދަންވާނެ. ލެޔާއެކު ހުރީމަ ޒޮމްބީއަކާ ވައްތަރުވީ. ޒޮމްބީ ގާލް......" ތާނީ ހެމުން ބުނެލީ އެއްވެސް ހަމްދަރުދީއެއް ނެތް ގޮތަކަށެވެ. އިންސާނިއްޔަތުގެ ކަންފުޅެއްވެސް އެކުދިންގެ ނެތެވެ.
***
ކެމީލާ ހޭއެރިއިރު އޮވެވުނީ އަލިގަދަ ތަނެއްގައެވެ. ވަށައިގެން ނަޒަރު ހިންގާލުމާއެކު އޮވެވުނީ ހޮޓަލެއްގެ ކޮޓަރިފަދަ އަރާމު ތަނެއްގައިކަން އެނގުނެވެ. ޑިސްއިންފެކްޓެންޓްގެ ބަދަލުގައި ލުއި މީރުވަހެކެވެ. މޭޒުމަތީގައި މަލުން ފުރިފައިވާ ވާސްއެކެވެ. ލެދަރ ބޮޑެތި ސޯފާތަކެވެ. ފާރުގައި ހިތްގައިމު މޮޅު ކުރެހުންތައް ހަރުކޮށްފައިވާއިރު ޕްލާސްމާ ސްކްރީންއެއްވެސް ފެންނާން ހުއްޓެވެ. އެނދުވެސް އަރާމުކަމުން ހަމަ ހޮޓަލެއްގައި އޮތުމަކީ ތަފާތެއްނެތެވެ. ސީލިންގަށް ނަޒަރު ހުއްޓާލުމާއެކު ހަނދާނުގެ މަޑިކިލަބުގައި ކޮށްޓައިލީ ސްކޫލްގެ ހާދިސާއެވެ. އޭނަގެ ހަށިގަނޑުގައި އެޅި ވޭންތަކެވެ. ޖުއާން ވިޝާ އަދި އެކުވެރިންގެ ގަނާތަކެވެ. މިހާރު އެހާ ވޭނެއް ނާޅައެވެ. ނަމަވެސް ވަރުބަލިކަމާއެކު މޭނުބައިކުރާގޮތްވެ ބޯއަނބުރައެވެ. މިއަދުވެސް އޭނަ މިތަނަށް ގެނައީ ޖުއާންހެއްޔެވެ؟ އޭނަގެ ބޭނުމަކީ ކޮބާހެއްޔެވެ. އަނިޔާދީފައި އޭގެ ބަދަލު މިގޮތަށް ދިނުމުން މާފު ހައްގުވާނެކަމުގައި ހީކުރަނީއެވެ.
ހުދު ކޯޓުލައިގެން ތިބި ބަޔަކު ވަންތަން ފެނުމުން ކެމީލާ ކުޑަކޮށް ބިރުގަންނަގޮތް ވިއެވެ. ހިތް ތެޅިގަތީ ކުރިއަށްވުރެ ބާރަށެވެ. އަދި ފެނުނު މޫނަކުން އިތުރަށް ސިހޭގޮތްވިއެވެ. ޑޮކްޓަރެއްގެ ހެދުން އަޅާފައި ރަސްމީކޮށް ހުއްޓަސް އެމޫނަކީ އެހާ ފަސޭހައިން ހަދާން ނައްތާލެވޭފަދަ މޫނެއް ނޫނެވެ. މިފަދަ ތަނަކުން މިކަހަލަ ހާލަތެއްގައި ދިމާވެދާނެކަމަށް އުއްމީދުކުރި ފަރާތެއްވެސް ނޫނެވެ. އެހެންމީހަކަށް ނަޒަރު ހުއްޓާލަންވެސް ނޭގި ކެމީލާ ލޯބޮޑުކޮށްލައިގެން އޮތީ މި ހަގީގަތް ގަބޫޅުކުރަން ދަތިވެފައެވެ.
ނުނިމޭ