އެލީނާ ބިއްލޫރި ދޮރުފަތްތަކުގައި ހުރި ފަރުދާތައް ދަމާލުމަށްފަހު އެނދަށް އެރިއެވެ. މަޑުކަފަ ކުއިލްޓާއި ކުޝަންތަކުގެ ތެރޭ ހަށިގަނޑު ފޮރުވިއެވެ. އޭސީގެ ފިނިކަން ގަދަކޮށްލުމަށްފަހު ފޯނު ނެގުމަށްފަހު މެސެޖްކުރަން ފެށިއެވެ.

"ހޭއި ކިޔާން. ކޮންތާކު؟ހާދަ ބޯކޮށޭ ވާރޭ ވެހެނީ. ވަރަށް މިސް އެބަވޭ...... " އެލީނާ އާދައިގެ މަތިން ޗެޓް ކުރަން ފެށިއެވެ.

"އެލީނާ ކިތައް ފަހަރު ބުނާނީ މޮޔަ ވާހަކަ ނުދައްކާށޭ........"ކިޔާން ގުޅިއެވެ.

"މޮޔަކޮށްލި ގޮތެއް ހަދާނެއްނެތް ދޯ. ޕާސްޓް ޑިލީޓް ކުރާ ބަޓްންއެއް ނީންނަކަން ނަސީބެއް. ކިޔާން ބޭނުންވިޔަސް އެ ބައިތައް މެމޮރީއަކުން ނުފޮހެވޭނެ. ނުހިނގާ ކަމަކަށްވެސް ނުވާނެ. ކީއްވެ ތިހާ ސްޓަބްންއީ؟ ތިހާ ސީރިޔަސް މީހެއް ނޫނެއްނު......." އެލީނާ މަޑުމަޑުން ބުނެލިއެވެ. ޝައުންއަށް އަޑު އިވިއްޖެއްޔާ ސަލާމަތެއް ނުވާނެއެވެ.

"އަހަންނަކީ ކާކުކަން އެނގިއްޖެއްޔާ އެލީނާ ބަލާވެސް ނުލާނެ..."

"ގޭއި އެއްތަ؟ "އެލީނާ ހީގަތެވެ.

"ތިހެން ހީކުރިޔަސް އެންމެ ރަގަޅު....." ކިޔާން ގެ އަޑުގައި ރުންކުރުކަމެއް ހުއްޓެވެ.

"ނޫނީ މެރީޑްތަ؟ ކުދިން ތިބޭތަ؟ ފެމިލީގެ ވާހަކަވެސް ނުބުނަމެއްނު. މިސްޓީރިއަސްކޮށް އުޅުނަސް ހޯދާނަން ބަލައްޗޭ....." އެލީނާ އިންޒާރު ދިނެވެ.

އެލީނާ ގަޑިއެއްހާއިރު ވާންދެން ކިޔާންއަށް ފޯނު ބޭއްވުނަނުދީ ވާހަކަދައްކަން އެހެން އޮތެވެ. އެލީނާއަށް ކިޔާން ފެނުނީ ހޮސްޕިޓަލަށް ކޮންމެވެސް ކަމަކު ޒިޔާރަތްކުރި ދުވަހެއްގައެވެ. ނަސީބަކުން ދިމާވީ ލިފްޓްތެރެއިންނެވެ. ވަރަށް ބޮޑު ވާހަކައެއް ބުނަން ޖެހޭކަމަށް ބުނެ އޭނަ ކިޔާންގެ ނަމްބަރު އަތުލިއެެވެ. ކިޔާންއަކީ އެލީނާގެ ފުރަތަމަ ލޯތްބެވެ. ނަމަވެސް ކިޔާންވެސް ވީ ބޭވަފާތެރިއަކަށެވެ. ކެހިވެރިއަކަށެވެ. އޭނައާއި ރައްޓެހިވެގެން އުޅުމަށްފަހު އޭނަގެ ހަޔާތާއި އަބަދަށްޓަކާ ވަކިވެގެން ދިޔައީއެވެ. ސްކައިމޯރގައި ޑޮކްޓަރ ކިޔާން މަސައްކަތް ކުރާކަން އެނގުމުން އެލީނާ ހުރީ ފުރުސަތަކަށް ބަލަބަލައެވެ. ކިޔާންގެ ނަމްބަރު ހޯދައިގެން ވާހަކަދެއްކިޔަސް ކިޔާން ފިލައިގެން ދިޔަ ސަބަބެއް އަދިވެސް ނުބުނެއެވެ. އޭނަގެ ބޭނުމަކީ ކިޔާންގެ ފަރާތުން އޭނަގެ މާޒީ އެހުމެވެ. އެހިތާއި ހަމަޔަށް ފޯރުމުން މާޒީގެ ސަފުހާތައް ހުޅުވާލަފާނެކަން ނޭގެއެވެ. ފުރަތަމަ ލޯބިވެރިޔާއަށް ކެހިދީފައި ފިލައިގެން ދިޔަ ސަބަބެއް ބުނަން ޖެހޭނެތާއެވެ. ނަމަވެސް ކިޔާން ގަދަކޮށްލާފައި އެ ސަބަބު ބުނެދޭން ނޫޅުނުތާ އެލީނާއާއި އަނގައިން ބުނަންވެސް ދެކޮޅު ހަދަނީއެވެ.

ފޯނު ބާއްވާފައި އެލީނާ ބާލީހުގައި ބައްދާލައިގެން ހިނިތުންވެލައިގެން އޮތެވެ. އެހެން އޮވެފައި ތުން ފިތައިލިއެވެ. ކިތަންމެ ރުޅި ދެއްކިޔަސް ހިތުގައި ލޯބި ނުވާނަމަ ވާހަކަ ނުދައްކާނެ ނޫންހެއްޔެވެ؟ކިޔާން ގޮތްދޫނުކޮށް ހުއްޓަސް އޭނައާއި އަނގައިން ބުނާކަން ނަސީބެކެވެ. ހޮސްޕިޓަލަށް ދާންވީކަން ނޭގެއެވެ. އެއްފަހަރު ފެނިލާފައި އަންނާނީއެވެ. މީހަކަށް ދުރުން ބަލާލިޔަސް ފާފައެއް ނުވާނެތާއެވެ. ހޮސްޕިޓަލަށްދާން ދައްކާނެ ބަހަނާއަކާއިމެދު އެލީނާ ވިސްނައިލިއެވެ.

***

ސްކޫލް މިއުޒިކް ބޭންޑެއް އުފެއްދުމަށްފަހު ލަވައެއް ޔޫ ޓިއުބަށް ލުމުން ލިބުނު ބޮޑު ކާމިޔާބީއާއެކު އެކުދިން މަސައްކަތްކުރަމުން ދިޔައީ އިތުރު ލަވައެއް ކުޅުމަށެވެ. ވިޝާ މިއުޒިކް ކުޅުމާއި ބެހޭ ގޮތުން ސުވާލުކުރުމުން އަމީރު ބުނުއްވީ ހަރާމް ކަމެއް ކަމުގައެވެ. ޖުއާންއާއި ތާނީ ހަރާމް ކަމެއްގައި ބައިވެރިވެގެން އުޅޭތީ ވިޝާ ކަންބޮޑުވިއެވެ. ވިޝާ އެކުވެރިންގެ ގްރޫޕްގައި ބައްޕަގެ ވީޑިއޯއެއް ހިއްސާކުރުމުން ހުރިހާ ކުދިންހެން ވަގުތުން އެކަމާ ދެކޮޅަށް ބަހުސްފެށިއެވެ. ގޫގުލްއިން ޒަމާނީ ދަންނަބޭކަލުން ލިޔެފައިވާ ލިޔުންތަކުގެ ލިންކްތައް ދައްކާފައި ހުއްދަކަމަށް ނިންމިއެވެ.

ވިޝާ ފޯނު އެނދު މައްޗަށް އެއްލާލާފައި ކުޑަދޮރުގެ ކައިރީގައި އިށީންނަން ހަދާފައިވާ ދާރަމަތީގައި ކުޝަންތަކަށް ލެނގިލައިގެން ހޫނު ޗޮކްލެޓް ތަށްޓެއް ބޯން އިނެވެ. އޭނައަށް މިއުޅެވެނީ އެންމެ ރަގަޅު އެކުވެރިންތަކާއެކު ބާވައޭ ހިތުގައި ސުވާލު އުފެދުނެވެ. ރަގަޅު އެކުވެރިން އާޚިރަތަށް މަގު ދައްކާނެއެވެ.

"އެންމެނަށްވުރެ ކެމީލާ ރަގަޅުކަން ނޭގޭ. ކެމީލާ ބަލިވީމަ މިހާ ދެރަވަނީ ކީއްވެތަ؟ ތާނީގެ މަލާމާތާއިމެދު ވަރަށް ރުޅި އައި. ކެންސަރު ވަސް ދުވައޭ ކިޔާފައި ޖެއްސުންކުރާއިރު ބައްޔަކީ އެމީހަކު އަމިއްލައަށް ހޯދައިގަންނަ ކަމެއްނަމަ ތާ. ތާނީއަށް ހާދަ ނުވިސްނެއޭ. ގޯސްކުދިންނާއެކު އުޅެވިއްޖެ. އަހަންނަށްވެސް އެ ގޯސްކަންތައްތަކުގައި ބައިވެރިވެވިއްޖެ. މޭ ﷲ ފޮގިވް މީ. ދެން ހަދަންވީ ގޮތަކީ ތާނީމެން އިސްލާހު ކުރެވޭތޯ ބަލަންވީ. ކެމީލާފަދަ ކުއްޖެއްގެ ސަބަބުން އަހަރެން އިންސްޕަޔާ ވީ...." ވިޝާގެ ލޮލުގައި ކަރުނަ ގިނަވެގަތެވެ. އޭނަ ބައްޕަގެ ލެކްޗާއެއް އަޑުއަހަން ފެށުމުން ހިތަށް އަސަރުކުރިއެވެ.

***

އޮންކޮލޮޖީ ބައިގެ ލައުންޖްގައި ޒައިރާ މަޑުކޮށްލައިގެން އިންދާ ޝައުން ފެނުމުން ކަންބޮޑުވެފައިވާ ގޮތަކަށް ހީލިއެވެ. އޭނައާއެކު ދެތިން ނަރުހުންވެސް އައެވެ. ސޯފާސެޓްގައި އިށީނުމަށްފަހު ޝައުން ޒައިރާއާއި ވާހަކަދައްކަން ފެށިއެވެ.

"ކެމީލާގެ ބަލި ދެނެގަނެވިއްޖެ. އެއީ އެޕްލާސްޓިކް އެނީމިއާ......"

"ވަޓް؟ ޕްލާސްޓިކް؟ ލައްބަ ކެމީލާ އާއްމުކޮށް ޕްލާސްޓިކް އެއްޗެހީގައި ފެންބޮއި އެގޮތަށް ހަދާތީކަން ނޭގޭ. ނަސީބެއްނު ސީރިޔަސްކަމަކަށް ނުވިކަން.." ޒައިރާ ކޮޅަށް ތެދުވެފައި ދެއަތް ދެއަތާއި އުނގުޅާލައިފިއެވެ. ނަރުސްކުއްޖަކަށް ނުހިފެހެއްޓި ހިނިގަނޑެއް ޖަހައިލުމުން އޭނަ ކަރު ސާފުކޮށްލިކަމަށް ހެދުނެވެ. ޝައުން ތަންކޮޅެއް ކުޑަކޮށް އެ ބަލި ބުނެދިނުމުން ތަފްސީލުކޮށް ކިޔާދޭން ޒައިރާ އެދުނެވެ. އޭރުން އެ ރީތި މޫނަށް ބަލަން އިނދެވޭނެތާއެވެ. ވާހަކަދައްކާ ރާގުވެސް ރީތީއެވެ.

"އެޕްލާސްޓިކް އެނީމިއާއަކީ ވަރަށް ނާދިރު އެކަމަކު ވަރަށް ސީރިޔަސް ބްލަޑް ކޮންޑިޝަނެއް. ބޯންމެރޯއިން ހަށިގަނޑަށް ބޭނުންވާ ވަރަށް ލޭ ނުއުފައްދަނީ. ބޯންމެރޯ މިކިޔަނީ ކަށިގަނޑުތެރޭ ސްޕޮންޖްގޮތަށް ހުންނަ ޓިޝޫއަކަށް. ބްލަޑްސެލް އުފައްދާ ފެކްޓްރީއެކޭވެސް ބުނެވިދާނެ. ރެޑްސެލްސް ވައިޓް ސެލްސް އަދި ޕްލެޓްލެޓްވެސް މިތާ އުފައްދަނީ. ސްޓެމްސެލް އަކީ ބްލަޑް ސެލްތައް ޑިވެލޮޕްވާއިރު އެންމެ އާލީ ސްޓޭޖް. ސްޓެމްސެލް ބޯންމެރޯ ތެރޭގައި ފުލީ ޑިވެލޮޕްވީމަ އަސްލު ބްލަޑް ސްޓްރީމްގެ ތެރެއަށް ދާނީ. ސޯ ސްޓެމްސެލްތައް ހަލާކުވީމަ މި މައްސަލަ ދިމާވަނީ. އަނެއްހެން ބޯންމެރޯ ފެއިލިއާގެ ވައްތަރެކޭވެސް ބުނެވިދާނެ. އެހެންވީމަ ހަފްތާއަކު އެއްފަހަރު ކަހަލަގޮތަކަށް ލޭ އަޅަން އެބަޖެހޭ. އެއީ އަނެއްހެން މިކަމުން ލޭ މަދުވާތީ ވަގުތީ ހައްލެއް. އެކަމަކު ދާއިމީ ފަރުވާއަކީ ބޯންމެރޯ ޓްރާންސްޕްލާންޓް....." ޝައުން ކީ އެއްޗެއް ޒައިރާގެ ސިކުނޑިއަކަށް ނުވަނެވެ. ނަމަވެސް އޭނަ ބޭނުންވީ ގޮތަށް ޝައުންގެ އަޑު އަހަން ކަޅިވެސް ޖަހާނުލާ މޫނަށް ބަލަން އިނދެވުނެވެ.

"ތިހާ އާދައިގެ ނަމެއްކިޔާފައި މީހުން އޮޅުވަން އަނެއްކާ ލޭގެ ކެންސަރަށް ކިޔާ އެހެން ނަމެއްތޯ؟ " ޒައިރާގެ ތުންފަތުގައިވާ ހިނިތުންވުން ގެއްލި ކަންބޮޑުވިގޮތަކަށް ލޯ ބޮޑުކޮށްލިއެވެ.

"މިއީ ލޭގެ ކެންސަރެއްނޫން. އެގްޒެކްޓް ސަބަބު ހޯދި އެ ޓްރިގާ ކުރާ އެއްޗެއް ދުއްވާލެވިއްޖެއްޔާ ރަގަޅުކުރެވިދާނެ. މިވަގުތަށް ބޯންމެރޯ ޓްރާންސްޕްލާންޓް ނެހެދެންޏާ ހަމަ ލޭ އަޅަމުންދާނީ. އެކަމަކު އެހާ އަވަހަށް ލޭ އަޅާ ހަދަން ޖެހޭތީ ބޮޑަށް ރަގަޅުވާނީ ހިކްމެން ލައިންއަށް ގުޅާލާނީ. އޭރުން ކޮންމެ ފަހަރަކު ކަށިތައް ހަރާކަށް ނުޖެހޭނެ. ކޮންމެ ފަހަރަކު ޕެއިން ފީލް އެއްނުވާނެ........................."

ޒައިރާގާތު ޝައުން ބޯންމެރޯ ޓެސްޓް މެޗްވާނީ ކޮން ބަޔަކަށް ކަން ކިޔާދިނެވެ. ޒައިރާގެ ޓެސްޓްހަދަން އިރުޝާދުދިނުމުން އޭނަ ގަތީ އަމަށަކު ބިރެއް ނޫނެވެ. ކެމީލާއަށްޓަކާވެސް އެވަރުގެ ކަމެއްކުރާކަށް ލާހިކެއް ނޫނެވެ. އުޒުރެއް ދައްކާކަށް އެވަގުތު ނުކެރުނެވެ. ކޮންމެވެސް އެހެން ތާކުން ޑޯނަރެއް ހޯދާނީއެވެ. ކިޔާންއާއި މެޗްވެދާނެ ކަން ނޭގެއެވެ. ޝައުން ދެއްކި ވާހަކަތައް އެންމެ ރަގަޅަކަށް ނޭގުނެވެ. ގިނަ ވާހަކަތަކަކީ އޭނަ ދުވަހަކު އަޑު އެހި ނަންތަކެއް ނޫނެވެ. އެބަލީގެ ނަންވެސް ހަދާންނެތިއްޖެއެވެ. ޕްލާސްޓިކް.......ޕްލާސްޓިކް އެނީމިއާ.....އޭ ކަން ނޭގެއެވެ. ހަދާނުގައި ހަރުލަން ފަސޭހަ ނަމަކަށްވީ ޕްލާސްޓިކް އެނަން އޮތުމުންނެވެ. އޭނަ ޖެހޭނީ ދޮންބެއާއި ވާހަކަދައްކާށެވެ. ޝައުންގެ ރީތި ލޮލަށް ބަލަން ހަދައިގެންވެސް މީހަކު ކަމެއް ހަދާން ހުންނާނެހެއްޔެވެ. އެހާ ހިތް ތެޅުނެވެ. ފިނިވިއެވެ. ކެމީލާ އޮތް ކޮޓަރިއަށް ވަދެފައި ޒައިރާ އުފަލުން ހަޅޭއްލަވައިގަތް ގޮތުން ކެމީލާވެސް ހައިރާންވިއެވެ.

"ލިލީ. އިޓްސް ނޮޓް ބްލަޑް ކެންސާ...ޕްލާސްޓިކް އެނީމިއާ އެކޯ.."

"ކިހިނެއް އެ ބަލި ރަގަޅުވާނީ..." ކެމީލާ ހިނިތުންވެލީ ހުރިހާ ދަތްތައް ދައްކައިލަމުންނެވެ. އިނީ އެނދުމަތީ އިށީދެގެން އިސްތަށިގަނޑު އޮމާން ކުރާށެވެ. ގައިގާ ރިއްސާވަރުން ކޮޅަށް އިނުންވެސް ވަނީ ބުރަ މަަސައްކަތަކަށެވެ.

"ކޮންމެވެސް ލައިން އެއް ގުޅާނީ އޯ. އޭރުން ކަށި ހަރާކަށް ނުޖެހޭނެޔޯ."

"އެބުނަނީ މި ކެނިއުލާގެ ވާހަކަ. އަބަދު މި ލައިން ގުޅާފައިތަ؟" ކެމީލާ އައިވީ ދައްކާލާފައި ކަންބޮޑުވެފައިވާ ގޮތަކަށް ބުނެލިއެވެ. "ވަރަށް ޕެއިންފުލް. މި ކެނިއުލާ ހުންނަ ތަނަށްވެސް ބައެއްފަހަރު ތަދުވޭ...."

"އެމީހުންނަށް ނޭގެނީ. ޕްލާސްޓިކް އެއްޗެއްސަށް ފެން ނުބޮައިބަލަ. ކެންސަރު ޖެހޭނެއޭވެސް ކިޔައެއްނު. ޖޫސް ހަދާފައިވެސް ބިއްލޫރި ފުޅިތަކުގައި ދެން ބަހައްޓާނީ. ހުރިހާ ގޮތަކުން ޕްލާސްޓިކްއާއި ދުރުވާންވީ. އޭރުން ރަގަޅުވާނެ...." ޒައިރާ އަމިއްލައަށް ފެނުނު ލަފާއެއް ދިނެވެ. "ކޮބާ އެފަހުން އެ ވިޗް ނާދޭތަ؟ އެގެއަށް ނުދެވިފައި މިހުރީ ވިޗަށް ފިލާވަޅެއް ކިޔަވާދޭން...."

އެވަގުތު ކިޔާން ވަނުމާއެކު ޒައިރާއައި ކެމީލާގެ މޫނުމަތިން އުފާވެރިކަން އިތުރުވިއެވެ. ކިޔާން ޒައިރާގެ ބޮލުގައި ފިރުމާލާފައިގޮސް އިށީނީ ކެމީލާ ގާތުގައެވެ. ޒައިރާ ވަރަށް ފޮނިވެލާފައި ބްރީފިންއެއް ހެން ޝައުންގެ ވާހަކަތައް ކިޔާދިނެވެ. ލައިންއެއް ގުޅާ ވާހަކައާއި ބޯންމެރޯ މެޗް ކުރަން އޭނަ ޓެސްޓް ހަދަން އުޅޭތީ އެކަމަށް ތައްޔާރަށް ހުރި ކަމަށް ބުނެލިއެވެ. ކިޔާން ބުނީ އެއީ އެޕްލާސްޓިކް އެނީމިއާ ކަމުގައެވެ. ކިޔާންއަކަށް އެކަމުން އުފަލެއް ނުލިބުނެވެ. އެއީ އާދައިގެ ކަމެއްނޫނެވެ. ސީރިޔަސް މައްސަލައެކެވެ. ޒައިރާ މެންނަށް ނުވިސްނުނަސް ޑޮކްޓަރަކަށްވީތީ އޭނަ ފިކުރުބޮޑުވި ނަމަވެސް އެކަމެއް ނުދެއްކިއެވެ. އެއްބަނޑު އެއްބަފާ ކުދިން މެޗް ވިޔަސް އޭނަ ދިމަލެއްނުވާނެ ނޫންހެއްޔެވެ.

"ލިލީބެލްސް. ޔޫ ޝުޑް ބީ ސްޓްރޯންގް އިނގޭ. ޑޮކްޓަރ ޝައުން ވަރަށް މޮޅުވާނެ. އެހެންވީމަ އޭނައަށް ޓްރަސްޓްކުރަންވާނެ.................." ކިޔާން ބުނެދިނެވެ.

"ދޮންބެ. އެކަމަކު އަޅުގަނޑު ޓްރަސްޓްކުރާނީ ހަމައެކަނި މާތްﷲއަށް. އޭރުން ހުރިހާ ކަމެއް ރަގަޅުވާނެ..." ކެމީލާ ހިނިތުންވެލިއެވެ.

"އޮފްކޯޒް ސްވީޓްހާޓް."

އެވަގުތު ކިޔާންގެ ފޯނު ރިންގްވާންފެށިއެވެ. "ޕޮލިޔާނާ" ޖަހާފައި އޮތުމުން އެއީ އަންހެންކުއްޖެއްކަން ދެނެގަނެވި ޒައިރާ ހުރީ ދިމާކުރާ ހިތުން ކެތްމަދުވެފައެވެ. ދުރަށް ދާން ހިނގައިގަތީވެސް ކަމެއް ސިއްރުކުރާތީ ނޫންހެއްޔެވެ؟ އެއީ ކޮން އަންހެންކުއްޖެއް ހެއްޔެވެ. ޕޮލިޔާނާ ވާނީ އެކުއްޖާއަށް ދޮންބެ ލޯބިން ކިޔާ ނަމަކަށެވެ. ކިޔާން ނުކުތުމުން ޒައިރާ ކެމީލާ ގާތު ޕޮލިއާނާ އެނަން ފެނުނު ވާހަކަ ބުނެލިއެވެ.

"ޔޫރަޕް ފަހަރިއަކަށްވާނީ. އޭރުން އަހަރެމެންނަށް ބޭރަށް ދެވޭނެއްނު. އޭރުން ވިޗްވެސް ޖެލަސް ވާނެ ހަހަހަ..." ޒައިރާ އެނބުރިލާފައިގޮސް ދޮރު ކުޑަކޮށް ހުޅުވާލާފައި ދޮންބެ ފެންނަން ހުރިތޯ ބަލާލައިފިއެވެ. ކޮރިޑޯގެ ދެފަރާތް ބެލިތަނާ ދެން ފެނުނު މަންޒަރަކުން ކަންބޮޑުވެފައި ފަހަތަށް ދެމިގަތެވެ. ކާރުގެ ޑްރައިވަރެއް ކަމެއް ޑޮކްޓަރެއްކަމެއް އަދިވެސް އޭނައަށް ޔަގީނެއްނޫނެވެ. ކޮންމެވެސް މީހަކަށްވިޔަސް އެއީ ދުނިޔޭގައި ހުރި އެންމެ ކިބުރުވެރި ފިރިހެނާއެވެ. ފޮނިކަމުގެ ރީތި މިސާލަކަށް އޭނަ ދެއްކިދާނެއެވެ.

"ފޮނި ރަސްގެފާނު އެބަ ވަޑައިގަންނަވާ މުޅިތަނުގައި ހަކުރު ހަމަ...." ޒައިރާ ދޮރު ތަޅުލާން ބޭނުންވިޔަސް ތަޅެއްނެތްކަން އެނގުނެވެ.

"ދޮންތާ. ދީނުގައި އަމުރުކުރައްވާފައިވަނީ އެމީހަކަށް ކިޔާ އެންމެ ރީތި ނަމަކުން ކިޔަން ނޫނީ ފާފަވެރިވާނެ....." ކެމީލާ ހަދާންކޮށްދިނެވެ.

ޒައިރާ ބުނީ ބޯންމެރޯ ހެދުމާއި ބެހޭގޮތުން ވިސްނާނެކަމުގައެވެ. އެހެންވުމުން ލޭ އަޅާފައި ކެމީލާ ހަފްތާއަކުން އަންނަން އިރުޝާދު ދީފައި ގެއަށް ފޮނުވީއެވެ. ޓީޗަރުން ރަގަޅުކަމުން އޮންލައިންކޮށް ފިލާވަޅުތައް ބުނެދިނެވެ. އެހެންވެ ފިލާވަޅެއް ނުގެއްލެއެވެ. ގެއަށް ދެވުނުއިރު މާމަ އިނީ ހެދިބިލެތް ހަދާށެވެ. ކަޑާގައި ވިއްކަން މިހާރު މާމަ ކުރާ މަަސައްކަތަކީ އެއީކަމުގައި ބުނެދިނެވެ. ޒައިރާއާއި ކެމީލާވެސް މާމަ ތައްޔާރުކުރި ބިލެތްގަނޑެއް ކާލާފައި މީރުވެގެން އުޅުނެވެ. މާމައާއެކު ވަގުތުކޮޅެއް ހޭދަކޮށްލާފައި ކެމީލާ އުޅެގަތީ ކަޕްކޭކު ހެދުމަށެވެ. ތަފާތު ވައްތަރުގެ ކޭކުތައް ހަދާފައި ޒައިރާގެ ހަވާލުގައި ކަޑާއަށް ފޮނުވިއެވެ. ލޭ އެޅުމުން ހަށިގަނޑުގައި ވަރުޖެހުމުން ކެމީލާ ތަންކޮޅެއް ހަރަކާތްތެރިވިއެވެ. ސްކޫލަށް ގޮސްފައި އަނެއްކާ ފެތުމާއި އިތުރު ހަރަކާތްތަކުގައި ބައިވެރިވިއެވެ. އޭރު ސްކޫލްގައި އަޑު އަރާފައި އޮތީ އޭނަ ކެންސަރު ޖެހިގެން ސްކައިމޯ ހޮސްޕިޓަލުގައި ފަރުވާކުރާ ވާހަކައެވެ. ތާނީއަށް ފެނުމާއެކު ކެމީލާއަށް ގޮވާ ގެނައެވެ. އެންމެން ކުރިމަތީގައި ކުރަންފެށީ ދެރަވާ ކަހަލަ ސުވާލުތަކެވެ. ކީމޯ ދިނުމުން އިސްތަށިގަނޑު ފައިބާ ހުސްވާނެ ކަމަށާއި އޭގެ ކުރިން ބޯ ބާލަންވީ ނޫންހެއްޔޭވެސް ބުނެލިއެވެ. ކެމީލާ ހީލިއެވެ.

"ކޮންމެ ބައްޔެއް ޖެހުނަސް އެއީމާތްﷲގެ އިރާދަފުޅުން ހިނގާ ކަންތައް. އަބަދު މިހެނެއްވެސް ނުތިބޭނެ. ކޮންމެވެސް ދުވަހަކު އިސްތަށިގަނޑުވެސް ހަލާކުވާނެ. އައި ޑޯންޓް މައިންޑް..."

ޖުއާންއާއި ވިޝާ އަރާ ހަމަވުމުން އެންމެންގެ އުފާވެރި ނަޒަރު އެކުދިންނާއި ހަމަޔަށް ދަތުރުކުރިއެވެ. ވިޝާ ހިނިތުންވެލަމުން ކެމީލާ ކިހިނެއްހެއްޔޭ ކިޔާފައި ސުވާލުކުރިއެވެ.

"އަލްހަމްދުލިﷲ. ހަފްތާއަކު އެއްފަހަރު ލޭ އަޅަން ޖެހޭ. ޖުއާން ހެލްޕްވާނެއްނު....." ކެމީލާ ޖުއާންއާއި ދިމާލަށް ބަލައިލިއެވެ.

"ޕުއާ ތިންގް..ހަފްތާއަކު އެއްފަހަރު އެވަރަށް ކަށިތައް ހަރާލާއިރު ހާދަ ތަދެއް ވާނެއޭ...."

"މީ.. އޮފްކޯޒް. އަހަރެން މިހިރީ ލޭ ދޭން ތައްޔާރަށް...." ޖުއާން ވަގުތުން އެއްބަސްވި ނަމަވެސް ހިތް ދިމާ އިދިކޮޅެވެ. އޭނަ އުމުރު ދުވަހުވެސް ހޮސްޕިޓަލްތެރޭ ފިޔަވަޅެއް އަޅާކަށް ބޭނުމެއްނޫނެވެ. އަދި ޚާއްސަކޮށް ކެމީލާއަށްޓަކައެވެ. ނަމަވެސް އޭނައަކީ ލީޑަރެކެވެ. ލީޑަރުން ފިޑިވެގެނެއްނުވާނެއެވެ. ޖުއާންއާއި ވިޝާ އެހާ ރީތިކޮށް ވާހަކަދައްކާ ތަން ފެނި ތާނީގެ ހިތް ހަސަދައިން ފުރުނެވެ. ޖުއާންމެން ބޭރުފުށް އޮމާން ކުރަން ނޫނީ ހަގީގަތުގައިވެސް ހަމްދަރުދީވެގެން ތަމްސީލެއް ކުޅެނީހެއްޔެވެ؟ އެކަމެއް އޭނައަކަށް ޔަގީނެއް ނުވިއެވެ.

***

ޖުއާން ވިޝާ އަދި ތާނީ ކޭކާއި ހެދިބިލެތް ގަނެގެންގޮސް ކާރަށް އެރިއެވެ. އެކަޑާގައި ހުންނަ ކޭކުތައް މީރުވެގެން ލޫކާ އުޅޭވަރުން ޖުއާން ގަނެފައި އޭނައަށްވެސް ރަހަ ރަގަޅުވީއެެވެ. ތާނީ ގެއަށް ލާފައި ކާރު ދުއްވާލިއިރު ކޮންމެވެސް ވަރަކަށް ވާރޭގެ ތިކިތައް ކާރުގެ ފުރާޅުގައި ބީހެމުން ދިޔައެވެ.

"ޖުއާން. އޮނެސްޓްކޮށް ބުނެބަލަ. ކެމީލާއާއި ދޭތެރޭ ހިތުގައި އެއްވެސް އެއްޗެއް ވޭތަ؟ " ވިޝާ ކުއްލިއަކަށް އަހާލިއެވެ. ޖުއާންއަށް މަޖާވިވަރުން ބާރަށް ހޭންފެށިއެވެ.

"ޖޯކެއް ނުބުނަމެއްނު. ޑޯންޓް ލާފް. އައި އާސްކްޑް ޔޫ އެ ކުއެޝަން."

"ޔެސް. ކެމީލާ ފެނުނީމަ ހިތަށް ކޮންމެވެސް އެއްޗެއް އަރާ. ކުލުނު. ނޫނީ ހަމްދަރުދީ....." ޖުއާން ވިސްނައިލިއެވެ.

"ތި ދެން ބަދަލުވާނީ ލޯތްބަކަށް ނު..." ވިޝާ އިނީ ދެރަވެފައެވެ.

"މީހަކަށް އަބަދު ދެރައެއް ލިބެންޏާ އެމީހަކާމެދުވެސް ހަމްދަރުދީ ވާނެއްނު އެއީ ލޯތްބެއް ނޫން. އެއީ އެމްޕަތީ. އިޓްސް ނެޗުރަލް. އައި ހޭވް އެ ހާޓް އޭ............."

***

ކިޔާން އެޕާޓްމެންޓަށް ވަންއިރު ކޮންމެވެސް ވަރަކަށް ތެމިއްޖެއެވެ. ދުވެފައި ކަހަލަގޮތަކަށްގޮސް އެޕާޓްމެންޓްގެ ދޮރު ހުޅުވައިލުމުން އޭސީގެ ފިނިކަން ޖެހި ހީކަރުވާގޮތްވިއެވެ. ކިޔާން ފެންވަރާލައިގެން ނުކުތީ ތުވާލި އަނދެލައިގެންނެވެ. ފޯނު ރިންގުވާން ފެށުމުން ކަންފަތުގައި ޖެހިތަނާ ބަދިގެތެރެއިން ކޮންމެވެސް އެއްޗެއް ވެއްޓުނު އަޑުއިވުނެވެ. "މަގޭ ލޯބިވާ. ކޯންޗެއް ވައްޓައިލީ؟ " ކިޔާން ތަންކޮޅެއް ބާރަށް ގޮވައިލިއެވެ. "އެލްފް. އެލްފް........ޑާލިން ކީއްކުރަނީ؟ "

އެލީނާ އަށް ޝޮކެއް ލިބުނެވެ.

ނުނިމޭ

 

ކޮމެންޓް 0