މާތްﷲ އެކަލޭގެފާނަށް ރުއްސުން ލެއްވި އަބޫހުރައިރަތުގެ ފާނުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް ހަދީސްކުރެއްވިއެވެ. ( އެއްވެސް މުސްލިމަކު އަޚާ އާއި ރުޅިވެ ތިން ދުވަހަށް ވުރެ ގިނަ ދުވަހު އަނގައިން ނުބުނެ ހުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. ފަހެ ތިން ދުވަހަށްވުރެ ގިނަ ދުވަހު އަނގައިން ނުބުނެ ހުރެއްޖެ މީހާ ދަންނާށެވެ. އެގޮތުގައި ހުރެ އޭނަ މަރުވެއްޖެނަމަ އޭނަ ނަރަކައަށް ވަންނަ ހުއްޓެވެ.

***

ޒައިރާ އެކަނިމާއެކަނި ސައިބޯން މޭޒުދޮށުގައި އިންދާ ކެމީލާ ވަނުމުން ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ.

"ލިލީބެލްސް. ހަމަ ރަގަޅު ގަޑިއެއްގައި ތިއައީ. ކޮފީއެއް ހަދާލައިގެން ޖައްސާލާ. މާމަވެސް ނެތީމަ އެކަނިވެރިވެފައި މިއިނީ. އެކަމަކު ލިލީގެ މޫނަށް ބަލައިލީމަ ކަމެއް ގޯސްވެގެން އުޅޭހެން ހީވެއްޖެ."

"މާމަމެން ހަދާންވާ ވަރުން ދުރުގައި ނުހުރެވިގެން އައީ. އެގެ ދޫކޮށްލާފައި މިއައީ. ބީރައްޓެހި ބަޔެއްގެ ތެރޭ ނޫޅެވޭނެ. ދޮންބެ ކޮބާ؟ " ކެމީލާ އެހިއެވެ.

"އެމީހުން ނެރެލީ ދޯ" ޒައިރާ އުކުޅުގައި އަތް ވިއްދައިލިއެވެ.

"ހަމަޖެހިބަލަ ދޮންތީ. ދުނިޔެ ނިމުނީއެއްނޫން. އަހަރެމެން އާއިލާ އެއްކޮށް އުޅުނީމަ އުފަލުގައި އުޅެވޭނީ....."

"އެއީ ތެދެއް." ދޮރުމަތިން ފެނުނީ އެމީހުން ދެކޭނެ ކަމަށް ދުވަހަކު ހީނުކުރާ މޫނެކެވެ. އެންމެ ބޮޑު ޝޮކެއް ލިބުނީ ޒައިރާއަށެވެ.

ކެމީލާއަކަށް އެއީ ކާކުކަމެއް ޔަގީނެއްނުވިއެވެ.

"މަންމާ..." ޒައިރާއަށް ތެދުވެގެން އޭނަގެ މަންމަ ކައިރިއަށް ގޮސް މަޑުކޮށްލެވުނެވެ. ކަޅުކުލައިގެ ޓޮޕަކާއި ޖިންސެއްލައިގެން ގަދަ މޭކަޕެއްކޮށްލައިގެން ހުރި ނާދިރާގެ މޫނުމަތިން ކޮންމެވެސް ވަރަކަށް މާޔޫސްކަން ފެނެއެވެ. އޭނަ އެތައް ޒަމާނެއްވާންދެން އަމިއްލަ މަންމައާއި ދަރިން ދޫކޮށްފައި ބޭރު މީހަކާއެކު ގޮސް މަޖާނަގަން އެތައް އަހަރެއްވާންދެން އުޅުނެވެ. އެންމެފަހުން އެމީހާ އޭނަ ވަރިކުރީއެވެ. އަމިއްލަ ވަޒަނަށް އައީ ކޮންމެވެސް ވަރަކަށް ދަރިންނާއި މަންމަ ދެކެލާހިތުންނެވެ.

"ޒައިރާ. ކެމީލާ. ވެއަޒް ގްރޭން އެންޑް ކިޔާން." ނާދިރާ ވަށައިގެން ނަޒަރު ހިންގައިލިއެވެ. އަދި ދަބަސްތައް އެތެރެއަށް ވެއްދިއެވެ.

"ދޮންބެ ޑިއުޓީގައި ކަމަށްވާނީ. މާމަ ބޭރަށް ދިޔައީ..."

"މަންމަ ކޮންތާކު މިހުރިހާ ދުވަހު އުޅުނީ؟ މިހުރިހާ ދުވަސްފަހުން މަންމައަށް އަންނަން އެނގުނީ؟ ކީއްވެ؟ "ޒައިރާ ހުރީ ނުރުހިފައެވެ.

"މަންމައަށްވެސް ކުށެއް ކުރެވިދާނެ. ހިއުމަންސް ޑޫ ސިންސް. އަޅުވެރިން މަގުފުރައްދަން ޝައިތާނާ ކުޅަދާނައިރު އަހަރެމެންނަކީ ކޮންބަޔެއް؟ ފޮގިވް މީ ޒައިރާ. ޔޫކޭގައި އުޅެވެން އޮތްވާ މިއައީ ހަމަ ކުދިން ހަދާންވީމަ ދޯ. ކުރިން އާދެވޭނެގޮތެއްވެސް ނުވީ.ޕާސްޕޯޓްވީ ތަނެއް އޭރު ނުފެނުނު. ހަޒްބެންޑް ބޭނުމެއްނުވި ފޮނުވަން އެހެންވެ ފޮރުވީ." ނާދިރާ ދޮގަކަށްފަހު ދޮގެއް ހެދިއެވެ.

ޒައިރާ މާފު ކުރާކަށް ބޭނުމެއް ނޫނެވެ. މާފަކީ އެހާ ފަސޭހައިން ކުރެވޭނެ އެއްޗެއް ނޫނެވެ. މަންމައަކަށް މަންމައެއްގެ ލޯތްބަށް އެންމެ ބޭނުންވި ދުވަހު އެކުދިން ދޫކޮށްލާފައި ދިޔަ މީހަކަށް އެހާ އަވަހަށް މަރުހަބާ ކިޔަފާނެކަމަށް ހީވަންޏާ އެއީ ކުށްހީއެކެވެ. ޒައިރާ މަންމަ ފަސްދީފައިގޮސް ދޮރުމަތީގައި ހުއްޓުނެވެ. އަދި ލޮލުން ލިލީއަށް އިޝާރާތްކުރީ މަންމަ ގާތު އެއްޗެއް ނުބުނުމަށެވެ. ހިމޭނުން ހުރުމަށެވެ.

"ކެމީލާ..." ނާދިރާ ގޮވައިލިއެވެ.

"މިއީ މަންމައޭ...."

"އޯ......" ކެމީލާއަށް މަންމައެއް ކަމުގެ އިހުސާސް އެއްވެސް ވަރަކަށް ނުކުރެވުނެވެ. މިއަށްވުރެ ތައިމޫރުގެ އާއިލާ ބަލައިގަންނަންވެސް އޭނައަށް ފަސޭހަވިއެވެ. ކެމީލާ ޒައިރާއަށް ބަލައިލީ ޔަގީންކަން ބޭނުންވާފަދަ ގޮތަކަށެވެ.

"ހޫމް އެންމެ ރަގަޅު. ރުޅި އަންނާނެކަމުގައި ގަބޫލުކުރެވޭ. އެކްސެޕްޓަބްލް. އައި ވޯޒް އަވޭ ޖަސްޓް ލައިކް ދެޓް. ދިގު ދަތުރަކަށްފަހު ފީލިން ޓަޔަޑް. ޖެޓްލެގްވެފައި. ރެސްޓްކޮޅެއް ނަގައިލާފަ ދެން ވިލް ޓޯކް ދޯ. އެކަމަކު މާމަ ހުރި ތަނަކުން ގެނެސްދީބަލަ..." ނާދިރާ ބޫޓާއެކު ސޯފާއަށް ފައި އެރުވިއެވެ. ކެމީލާ އަނގަ ހުޅުވުނެވެ. ދެކުދިން ދޮރުގެ ދެކަންޏަށް ލެނގިލައިގެން ތިބީ ދައްކަންވީ ވާހަކައެއް ނޭގިފައެވެ. ކުއްލިއަކަށް މުންނަ ދުވަމުން ކަހަލަ ގޮތަކަށް މަގު ހުރަސްކުރިއެވެ.

"މާމަ ކާރެއްގައި ޖެހިގެން ހޮސްޕިޓަލަށް ގެންގޮސްފި... ޖިލްވާ ގުޅާފައި ބުނީ..."

"ވަޓް؟ " ޒައިރާގެ ހިތަށް ފިނިވިއެވެ. ކެމީލާވެސް ހިންދިރުވައިލިއެވެ. ނާދިރާ އަށް އެ އަޑުއިވިގެން ސޯފާއިން ފުންމާލާފައި އައުމުން މަނިކެވެސް ހައިރާންކަމާއެކު ނާދިރާއަށް ބަލައިލިއެވެ.

"މަންމައަށް ކިހިނެއްވީއޭތަ މަނިކެދައްތާ..."

"އެކްސިޑެންޓެއް ވެއްޖެޔޯ..ކެމީލާ އަށް މާ މީރު އެއްޗެއް ލިބިގެން އެ އެއްޗެއް ހިފައިގެންނޯ ދިޔައީ....." މަނިކެ އިތުރު ތަފްސީލަށް ދިޔައެވެ. ޒައިރާއާއި ކެމީލާވެސް އަވަސްވެގަތީ ހޮސްޕިޓަލަށް ދިޔުމަށެވެ. މަގުމަތިން ކާރެއް ނަގައިގެން އެކުދިން އެރިއިރު ނާދިރާވެސް ކުރީ ސީޓަށް އަރައިފިއެވެ. ޒައިރާމެން ފުރަތަމަ ދިޔައީވެސް ސްކައިމޯ ހޮސްޕިޓަލަށެވެ. އެތަނަށް މާމަ ނުގެންދެވޭކަން އެނގިގެން ޒައިރާ ކިޔާންއަށް ގުޅިއިރު ފޯނު ނިއްވާފައެވެ. ޖިލްވާއަށްވެސް ގުޅިއެވެ. ޖިލްވާގެ ފަރާތުން އެގުނީ ގެންދެވުނީ ސަރުކާރުގެ ހޮސްޕިޓަލަށް ކަމުގައެވެ. ޖިލްވާގެ އެކުވެރިއެއްގެ ފަރާތުން އޭނައަށްވެސް އެނގުނީކަމުގައި އޭނަ ބުނެލިއެވެ. ޒައިރާމެން އެހޮސްޕިޓަލަށް ފޯރިއިރު އަދި މާމަ އޮތީ އިމަޖެންސީގައެވެ. އެކުދިން އައުމުން ނަރުހަކު ނިކުމެ އޮޅުން ފިލުވާދިނެވެ. މާމަގެ ހެޔެއް ނެތްކަމަށާއި ސީޓީ ސްކޭނަށް ވައްދަން އުޅޭކަމުގައި ބުނެލިއިރު ކެމީލާގެ ލޮލުން ކަރުނަ އޮހިގެންފިއެވެ. ޒައިރާއަށް ކެމީލާ ގެނެސް މޭގައި ޖައްސާލެވުނެވެ. ކިޔާންގެ ޚަބަރެއް ނުވުމުން ކިޔާންދެކެވެސް ރުޅި އަންނަގޮތްވިއެވެ. އެފޯނަށް ގުޅުނު އަދަދެއްވެސް އެނގެނީއެއް ނޫނެވެ. ކިޔާން ހުރިނަމަ މިއަށްވުރެ ރަގަޅު ފަރުވާ ލިބޭނެކަން ނޭގެއެވެ. ކެމީލާ ހިތާހިތުން ދުޢާކުރަމުން ދިޔައީ މާމަގެ ފުރާނަ ސަލާމަތްކޮށްދެއްވާ އުމުރު ދިގުކުރެއްވުމަށެވެ. އަދި އެންމެ ހިތަށް ތަދުވަނީ އޭނައަށް މީރު އެއްޗެއް ލިބިގެން އެހިފައިގެން މާމަ އޭނައާއި ބައްދަލުކުރަން ދަނިކޮށް މި ހިތާމަވެރި ހާދިސާ ހިނގީމައެވެ. ނާދިރާވެސް ހުރީ ކަންބޮޑުވެފައެވެ. ހަތަރުފަރާތުން ބަދުނަސީބު ވަށާލީ ކަމުގައި އިހުސާސްކުރެވުނެވެ. މަންމައާއި ބައްދަލުނުވެ މަންމަ ދުނިޔެ ދޫކުރަނީހެއްޔޭ ހިތަށް އެރިއެވެ.

ސީޓީ ސްކޭނަށް ގެންދިޔައިރު މާމަގެ އަލި މޫނު ފެނުމުން ކެމީލާއަށް އަތް ޖައްސައިލެވުނެވެ. ނިކަން ފިންޏެވެ.

"މާމާ. ވަރަށް ލޯބިވޭ." ކެމީލާއަށް ބުނެވުނެވެ.

ޒައިރާގެ ލޯވެސް ތެމުނެވެ. ހިތްވަރުކޮށްގެން ހުންނަތާ ހާދަ އިރެއް ވެއްޖެއެވެ.

"އަދިވެސް ކިޔާންއަށް ނުގުޅޭތަ؟ " ނާދިރާ އެހިއެވެ.

ޒައިރާ ތުން ފިތާލައިގެން ހުރީއެވެ.

"ޔޫ ކޭމް ބެކް އެހެންވެ މާމަ އެކްސިޑެންޓްވީ.." ޒައިރާގެ ހިތަށް އެރި އެއްޗެއް ދިމާލަށް ބުނެލިއެވެ.

"ޒައިރާ....." ނާދިރާ އެއްޗެކޭ ބުނަން އުޅުނެވެ.

"ސީރިޔަސްލީ އަހަރެން ބޭނުމެއްނޫން ވާހަކަ ދައްކަން.." ޒަައިރާ ކަޅި އަޅައިލާފަ ކެމީލާ އަތުގައި ހިފައިގެން ދުރަށް ދާން ހިނގައިގަތެވެ. ނާދިރާ ހުއްޓުން އަރާފައި ހުރީއެވެ. ދަރިން ރުޅިއަޔަސް މިހާ ނިކަމެތިކޮށްލަފާނެކަމަކަށް އޭނަ ހިޔެއް ނުކުރެއެވެ. ކިޔާން ހުރިނަމަ ތަފާތުވާނެއެވެ. ކުދިންވީމަ ތަންކޮޅެއް މޮޔައީއެވެ. މަންމަވާނީ މަންމައަށް ނޫންހެއްޔެވެ؟

ޒައިރާ ކެމީލާގެ ކަރުނަތައް ހުއްޓުވަން މަސައްކަތްކުރިއިރު ދޭތެރެއަކުން އަމިއްލަ ލޯވެސް ފޮހެލަން މަޖުބޫރުވިއެވެ.

"މާމަ ފިޔަވާ އެހެން މީހެއް ހުރީވެސް ނޫން. އެންމެ ލޯބިވާ މާމަ ދިޔައީމަ ދެން ކިހިނެއްވާނީ. މާމައަށް ޓައިމް ނުދެވި ދުރުގައި ހިލޭ ބަޔެއްގެ ކައިރީ ހުރެވުނީ. އައި ފީލް ސޯ ގިލްޓީ.." ކެމީލާ ރޮމުން ބުނެލިއެވެ.

"މީ ޓޫ. އަހަންނަށްވެސް ވަގުތު ނުދެވުނު.." ޒައިރާގެ ހިތުގައި އެހެން ވިޔަސް ކެމީލާ ބޮޑަށް ދެރަވެދާނެތީ އަމިއްލަ ނަފުސަށްވުރެ ކެމީލާ އިސްކުރަން ގަސްތުކުޅައެވެ. ކެމީލާއަށް ހިތްވަރުދޭން ހުރީ އޭނަ އެކަނިކަން ވިސްނި ކެމީލާއަށް ހިތްވަރުދޭން އެކި ވާހަކަތައް ދެއްކިއެވެ.

"އަބަދުވެސް ދުޢާއަކީ އެންމެ ބާރުގަދަ ހަތިޔާރޭ ލިލީ ބުނަމެއްނު. މާމައަށް ބޭނުމީ ހެޔޮ ދުޢާ.."

"ހޫމް ދޮންތީ."ކެމީލާ ނޭފަތް ދަމައިލިއެވެ.

އަޖަލު ޖެހުމުން އެންމެ ހިނދުކޮޅެއްވެސް ލަސްވެ ނޫނީ އަވަސްނުވާނެކަން ކެމިލާވެސް ދަނެއެވެ. މަރަކީ ދާދިގާތުގައި ހިޔަނިހެން ވާ އެއްޗެކެވެ. ކޮންމެ ވަގުތަކުވެސް ކޮންމެ އުމުރެއްގެ މީހަކުވެސް މަރުގެ ގޮވާލުމަށް އިޖާބަދޭން ޖެހިދާނެއެވެ. މިއީ ވަގުތީ ގޮވަތްޗެއްކަން ދަނެގެން ލޯބިވާ މީހުންނާއެކު އުފާވެރި ވަގުތު ހޭދަކޮށް ވަގުތު ދީ ލޯތްބާއި އަޅާލުން ދިނުމަށްފަހު އަޅުކަންކޮށް ސުވަރުގެއިން ދިމާވާނެކަމުގެ އުއްމީދުގައި ތިބުމަކީ މުއުމިނުން ގަބޫލުކުރާން ޖެހޭގޮތެވެ. ކެމީލާއަށްވެސް އެކަން ގަބޫލުކުރެވެއެވެ. ނަމަވެސް އޭނަ އެންމެ ލޯބިވާ ފަރާތާއި ވަކިވެދާނެކަމުގެ ބިރު ހުރިހާ ކަމަކަށްވުރެ ބޮޑުވީއެވެ.

ދެން ލިބުނީ އެންމެ ދެރަވި ޚަބަރެވެ. މާމަ ކޯމާއަކަށް ދިޔަ ވާހަކައެވެ. ކެމީލާއާއި ޒައިރާވެސް ރުޔެވެ. ފަހުން ޒައިރާ ކެމީލާއާއި ވާހަކަދެއްކިއެވެ. ކޯމާއަށް ދިޔަސް ހަމަ ރަގަޅުވެދާނެކަމަށް ވިސްނާދިނެވެ. ދޮންތަގެ ވާހަކަތަކުން ހިތްވަރު ހޯދައިގެން ހޮސްޕިޓަލުގެ މިސްކިތަށްގޮސް ނަމާދުކޮށްގެން ދުޢާކުރިއެވެ.

ނާދިރާ ރުއީ ފާޚާނާއަށް ވަދެއެވެ. އެތައް ޒަމާނެއްފަހުން މަންމައަށްޓަކާ އޭނަގެ ލޮލުން ކަރުނަ އަތުވެއްޖެއެވެ.

***

އެލީނާ ކޮޓަރިން ބޭރަށް ނިކުތުމާއެކު ގޭ އެންމެން ނުރުހިފައިވާކަން އިހުސާސްކުރެވުނެވެ. އަތިކާވެސް "ހައި" އެއް ޖަހާލާފައި އެންމެ ކުރިން ހުރި ކޮޓަރިއަށް ވަދެ ގެއްލުނެވެ. ސޯފިއާވެސް އެލީނާ ނުފެނުނުކަމަށް ހަދާފައި ސިޑިން އަރައިގެން ދިޔައީއެވެ. ލިލީއާއިވެސް އަނގައިން ބުނުމެއް ނެތެވެ.

"އެންމެނަށް އެނގޭ..." އެލީނާގެ ސިކުނޑީގެ ކަނަކުން ބުނެލިއެވެ. "އެންމެން އެވޮއިޑް ކުރަނީ އެހެންވެ....ސުބުހާނަﷲ"

އެލީނާގެ ލޮލުން ކަރުނަ ހިލޭގޮތްވިއެވެ. ސިޓިންރޫމާއި އަރާ ހަމަވެފައި ޟަމީރު އެންގީ އަލުން ކޮޓަރިއަށް ވަނުމަށެވެ. އެންމެނަށް އެނގުމަށްފަހު މީހަކާއި ހަތަރުކަޅި ހަމަކުރަން ކެރޭނީ ކިހިނެއްހެއްޔެވެ؟ އެލީނާ އަވަހަށް އެތެރެއަށްދާން ހިނގައިގަތްއިރު ޒުބްނާންއާއި މުޑި ނުޖެހުނީ ކިރިޔާއެވެ. އެހެން ދުވަހު ޒުބްނާންއަށް އެލީނާ ފެނިއްޖެއްޔާ ނިކަން އޯގާތެރިކޮށް ހީލާފައި ވާހަކަދައްކާނެއެވެ. ޝައުންގެ ހުރިހާ ކޮއްކޮމެންވެސް އެހާ ހެޔޮވާނެއެވެ. އަދި ލިލީއާއިހެދި އެހާވަރުވެއެވެ. ނަމަވެސް މިފަހަރު ޒުބްނާންގެ ލޮލުން ފެނުނީ ފިނިކަމެވެ. ހީވެސް ނުލިއެވެ. ލިލީ ޒުބްނާންގެ ޓީޝާޓުގައި ހިފެހެއްޓުމުން ކުޑަކޮށް ކޮލުގައި ޖަހާލާފައި ތަނަކަށްދާން ލަސްވަނީ އޭ ބުންޏަސް އެލީނާއަށް އެ ޖުމްލައިން ހުރިހާ އެއްޗެއް ދެނެގަނެވިއްޖެއެވެ. ޒުބްނާނު އަކީ އެހާ ގަޑިއަށް ފަރުވާތެރި މީހެއް ނޫނެވެ. ލަސްވެގެން ދިޔަސް ލިލީ ފެނިއްޖެއްޔާ ނަގާފައި ނޫނީ ނުދާނެއެވެ.

އެލީނާ ކޮޓަރިއަށް ވަންގޮތަށް ދޮރު ލައްޕާލައިފިއެވެ.

އޭނައަށް މިގޭގައި ހުންނާކަށް ނުކެރޭނެއެވެ. އޭނަގެ ސިއްރު ބޭޒާރުވެއްޖެއެވެ. ލަދުންގޮސް މަރުވާވަރުވިއެވެ. ހިތް ތެޅެމުންގޮސް ހަށިގަނޑު ގަނޑުފެންގަނޑަކަށް ވެއްޖެއެވެ.

"ކިހިނެއް ދެން ހަދާނީ؟ "

ހަދާނެގޮތެއް ނެތް. އަވަހަށް ގެއަށްދޭ. ތައުބާ ވިޔަސް މާތްﷲ ފާފަ ފުއްސަވާދެއްވިޔަސް އިންސާނުންނަށް އެހާ ފަސޭހައިން މާފުދޭކަށް ނޭގޭނެ. އެހާ ފޮގިވިން އެއް ނުވާނެ. އިންސާނުންނަށް ކުށެއް ކުރެވިދާނެކަން ގަބޫލެއްނުކުރާނެ. ޝައުންވެސް ވަރަށް ލަދުގަންނާނެ. އަސްތަޣުފިރުﷲ. އަހަރެންގެ ކުށް. އެހެންމީހުންގެ ބޮލުގައި އެޅުމުގެ މާނައެއް ނެތް. " އެލީނާގެ ލޮލުން ކަރުނަ އޮހިގަތެވެ. ލިލީ ކަންބޮޑުވެފައި މަންމަގެ މޫނުގައި ހިފެހެއްޓިއެވެ.

"މަންމި. އާ ޔޫ ކްލައިން؟ " ލިލީ ދޫންޏެއްފަދައިން ލަވަޖެހިފަދައެވެ.

އެ އަޑުން އެލީނާގެ ކަންފަތަށް މާމުއި ވިރުވާފައި އެޅިފަދައެވެ. ހިތާމައާއި ލަދުވެތިކަން އަދި ބިރުވެރިކަމާއި ހާސްކަން އެކުވެފައި ހުރެވެސް ހިނިތުންވެލެވިއްޖެއެވެ.

"ލިލީ ޑާލިން. ދަރިފުޅުގެ ކުށެއްނެތް. ކީއްވެ އެންމެނަށް ނުވިސްނުނީ. މަންމަގެ ފޯލްޓް. ދަރިފުޅުދެކެ ކޮން ރުޅި އެއް އަންނަނީ ދަރިފުޅުގެ ކޮން ކުށެއް އޮތީ؟ މަންމިގެ ޕުއަރ ލިޓްލް ތިންގް...." އެލީނާ ހިތާހިތުން ވާހަކަދެއްކިއިރު އިތުރަށް ކަރުނަ ގިނަވިއެވެ. ހިތަށް ހާދަ އަސަރެއް ކޮށްފިއެވެ. އަމިއްލަ ނަފުސަށްވުރެ ބޮޑަށް ކުޑަ ލިލީއާއިމެދު ހަމްދަރުދީވާންފެށިއެވެ.

"މަންމި ނުރޮން. ފޮރިން ބޮޑީ އެއް މަންމި ލޮލަށް އެޅުނީ..." އެލީނާ ލިލީގެ މޫނުގައި ބޮސްދިނެވެ.

ޝައުން އޭނައާއި އެވާހަކަ ނުދައްކަން ވީ ސަބަބެއްވެސް ނޭގުނެވެ. ޝައުން ހާދަ ފިޑިއެވެ. ފިޑީއެއް ނޫނެވެ. ކެތްތެރީކަން ނޭގެއެވެ. ޝައުން ގެ ނިންމުން އަންނާނެ ގޮތެއްވެސް ނޭގެއެވެ. މިވަގުތު ރަގަޅުވާނީ ގެއަށް ދިޔައްޔާއެވެ.

 

***

ކިޔާންއަށް ތިން ޚަބަރު ލިބުނީ އެއް ފަހަރާއެވެ. އޭނަގެ މާމަ އެކްސިޑެންޓް ވިކަމެވެ. ދެން މާމަ ކޯމާއަށް ދިޔަކަމެވެ. އޭނަގެ މަންމަ އެނބުރި އަތުވެއްޖެ ކަމެވެ. ކިޔާންގެ ހިތަށް ކުރި އަސަރުތަކުން ހުރި ތަނަށް ތިރިވެވިއްޖެއެވެ. އޭނަދެކެ މި ދުނިޔެއިން އެންމެ ލޯބިވާ ފަރާތް ދެން ދުވަހަކުވެސް ލޯ ނުހުޅުވާނީ ހެއްޔެވެ؟

"ކިޔާ. ބީ ސްޓްރޯންގް. އަހަރެން އެބަ މަސައްކަތްކުރަން މާމަ ސްކައިމޯއަށް ޓްރާންސްފާ ކުރުވަން. އެންމެ ރަގަޅު ފެސިލިޓީސް ހުރި ތަނަކަށް މިވަގުތު މާމަ ގެންދަން އެބަޖެހޭ." ޖައިޝް ކިޔާންގެ ކޮނޑުގައި އަތް ޖައްސައިލިއެވެ. ކިޔާންއަށް ޖައިޝްގެ މޫނަށް ބަލައިލެވުނީ ޝުކުރުގެ ނަޒަރަކުންނެވެ. އޭނަގެ ހާލަތު ހުރިގޮތުން އެފަދަ ފުރިހަމަ ފަރުވާއެއް ހޯދޭވަރެއް ނޫނެވެ. ނަމަވެސް އޭނަ ޖައިޝްއަށް ކޮންމެވެސް ދުވަހަކުން އެކަމުގެ ބަދަލު ދޭނެއެވެ.

"ޖައިޝް. އައި ވިލް ނެވަ ފޮގެޓް ދިސް....."

ޖައިޝްއަށްވެސް މާމައަކީ ކިޔާންއަށް ކިހާ މުހިއްމު މީހެއްކަން އެނގެއެވެ.

***

އެލީނާ ލިލީ ގޮވައިގެން ގެއަށް އައިއިރު ލޫކާ ވީތަނެއް ބަލައިލަންވެސް ހަދާނެއްނުވިއެވެ. ލޫކާ އެންމެ ފަހަށް އުޅުނީ ޝައުންއާއެކުކަން ޔަގީންވިޔަސް ޝައުންއަށް ގުޅަންވެސް ފަސްޖެހުނެވެ. މާޒީގައި ކުރެވުނު އެންމެ ކުށަކުން އޮމާން ދިރިއުޅުމަކަށް ފުރުސަތު ލިބުނުއިރު އިންގިލާބެއް އައީއެވެ. އޭނަ އާއިލީ ވައިބާ ގްރޫޕަށް ވަނެވެ. ވަރަށް ހިމޭނެވެ. އަދިވެސް ކެމީލާ އެގްރޫޕުން ވަކިނުކޮށް އިންތަން ފެނުނެވެ. ލިލީ ނިންދަވާލުމަށްފަހު އޮށޯވެލައިގެން އޮވެ ތަފާތު ޚިޔާލުތައް އުދަގޫ ކުރުމުގެ ސަބަބުން ރޮއިރޮއި ހަލާކުވާވަރުވިއެވެ.

"ދަރިފުޅާ...ޝައުން އެބަހުރި.." މަންމަ ކޮޓަރީގެ ދޮރުގައި ޓަކިދިނެވެ.

ނުނިމޭ

ކޮމެންޓް 0