މާތްﷲ ވަހީކުރައްވާފައިވަނީ "وَإِذَا مَرِضْتُ فَهُوَ يَشْفِينِ އަދި ތިމަން ބަލިވެއްޖެނަމަ ބަލި ފަސޭހަކުރައްވަނީ ހަމަ އެކަލާނގެއެވެ."

***

"އިގޯގެ ބޮޑުކަމުން ދުނިޔޭގައި ނުގަނޭ. ސުބުހާނަﷲ....." އެލީނާ އައޫޒުވެސް ކިޔާލައިފިއެވެ. އެންމެފަހުން އެވާހަކަ ނިމުނީ އެލީނާ ޝައުން ފިރިހެނަކާއި އަޅުވާ ކިޔަން ފެށީމައެވެ. އެހެންމީހުންނާއި ދުރުން އުޅޭއިރުވެސް މާ ގާތް ފިރިހެނަކު ހުންނަކަމަށް އާއިޒާ ބުނީއްސުރެ އެލީނާ ހުންނަނީ އެވާހަކަ ދައްކާނެ ފުރުސަތެއް ނުލިބިފައެވެ.


"** އޮފް އެލީނާ...." ޝައުން ލޯ ހަނިކޮށްލާފައި ބުނެލިގޮތުން އެލީނާ ސިހިއްޖެއެވެ. ޝައުންގެ އަނދިރި ފަރާތް އޭނަ ހުންނަނީ ނުދައްކަން ކެތްކޮށްލައިގެންނެވެ. އެކަމަކު މިރޭ މިހާ ރުޅި ގަދަވާންވީ ސަބަބެއް އެލީނާގެ ވިސްނުމަކަށް ނައެވެ. އެލީނާ އައި ރުޅީގައި ކުރިއަށް ޖެހި ޝައުންގެ އިސްތަށިގަނޑުގައި ހިފަ ދަމައިގަންނަން އުޅުނެވެ. ކުއްލިއަކަށް އަނގަ ރަކިވީ އެތަނަށް ވަން ނީވް ފެނުމުންނެވެ. ފާޑެއްގެ ބިރެއްވެސް ގަތެވެ. އެކުއްޖާ އެލްބިނޯއަކަށް ވެފައި ހުންނަލެއް ހުދުކަމުން ކުއްލިއަކަށް އެގޮތަށް ފެނިލުމުން ހަންޑިއެކޭ ހިތަށް އަރާ ސަބަބެއްވެސް ނޭގެއެވެ.

"ނީވް ތަށިތައް ނަގަން ދޯ..." އެލީނާ ޝައުންގެ އިސްތަށިގަނޑާއި ކުޅެލާ ކަމަށް ހެދިފައި ދުރަށް ޖެހުނެވެ.

"ލައްބަ މެޑަމް......" ނީވް ތުން ތަޅުވައިލިއެވެ.

"ތަންޑުތައް ރަގަޅަށް އަޅުވައްޗޭ. ހާދަ ވިއްސާރައޭ...."

އެލީނާ ޝައުން އެތަނުން ނިކުންނަން ދެން ފްރިޖް ހުޅުވާލައިގެން އެކި އެއްޗެހި ތަރުތީބު ކުރުމުގައި އަވަދިނެތި ހުއްޓެވެ. އޭނައަށް ޝައުންއާއި ނީވް ގުޅުމެއް އޮންނަހެންވެސް ހީވަނީއެވެ. ނީވް އަދި މިބުނާ ނެނީއަކީވެސް ޝައުންއާއި ގުޅުމެއްހުރި ދަންނަ ބަޔަކީހެއްޔެވެ. ޝައުންގެ ހަރަކާތްތަކަށް އޭނަ ފާރަލާން ޖެހިއްޖެއެވެ. ޝައުން ނުކުތުމުން އެލީނާ އެހެން ކޮޓަރިއަކަށް ވަދެ ދޮރު ތަޅުލިއެވެ. އާއިޒާއަށް ގުޅިއެވެ. އޭރު ހިތުގައި އެތައް ވަހުމަކާއި ޝައްކުން ފުރިފައިވިއެވެ.

"އައިޒް. ވަޓްސްއަޕް "

"ވާރޭގެ އަޑު އަހަން އޮތީ"

"އެއްކަލަ ނޭޗާ ފްރީކް. މިރޭ ޝައުންއާއި ދިމާލަށް ގޭއިއެކޭ ކިޔާ ގަސްތުގައި ރުޅި އަރުވައިލާ އެންމެފަހުން ނެއްޓިވަރުން މަގޭ ގައިގާ ކިރިޔާ ނުޖެހީ. ނުރައްކާތެރި ނަޒަރަކުން ބަލައިލީ. ހަމަ ވެމްޕަޔަރެއް..."

"ދެން އޭނަގެ އިނަރ ޑީމަންތައް ހޭލައްވަން ތިއުޅެނީ؟ އައިމް ރިއަލީ ފްރީކްޑް އައުޓް. ފާޑެއްގެ ޑްރީމަކުން ހޭލެވުނީ. ހޭލެވުނީމަވެސް ހަޅޭއްލެވުނީ........"

"ޒޯމްބީ ސީރީޒްތައް ބަލާތީ"

"ނޫނީ ކޮންމެ ރެއަކު ޕްލެނެޓްތަކާއި އެއްޗެހި ބަލަނިކޮށް ޖިންނިއަކު އަވަލީކަމަށް ނުވާނެތަ؟" އާއިޒާ ހީގަތެވެ.

"ޔޫ ހޭވް ފްރީކިޝް އިންޓެރެސްޓްސް. އައިޒް. އަދި އެނގޭތަ؟ މި ފިރިހެނާ އެބަ ގެނޭ ނެނީއެއް. އަސްލުވެސް ލޫކާ ދެން މާ ހަލަނިވާތީ އެހެން ބުނިހާއިރުން ވަރަށް ސީރިއަސްވެފައި އެހާ އަވަހަށް ނެނީއެއް ހަމަޖެއްސީމަ މިހިރީ އެކުއްޖާއަކީ ކިހާވަރެއްގެ ކުއްޖެއްކަން ދެކޭ ހިތުން ނުނިދިފައި. އައިޒްވެސް އަންނަންވާނެ. މަ ބުނީމޭ ލިލީ ބެލިދާނެއޭ. އައިޒްވެސް ބަލާދީފާނެއޭ. ނުބެލޭނީ ލޫކާއޭ. އެވަރުންވެސް އޭނައަށް ލޫކާއަށް ޓައިމް ދޭކަށް ހިތަށް ނޭރި. މަށަށް އެނގޭ އޭނަ ހިތަށް އަރާނެކަން ލޫކާއާއިމެދު ދެކެނީ ސްޓެޕްސަން އެއް ހެނޭ. ތެދެއް ބުނަންޏާ ލޫކާގެ މޫނަށް ބަލައިލާފަ ޝައުން ސިފަވާވަރުން ރުޅި ނާންނަން ހުއްޓަސް ބައެއްފަހަރު ރުޅިއާދެވޭ. އޭމް އައި ކްރޭޒީ އޯ ވަޓް؟..."

"ފާޑަކަށް. ހޫމް ދެން ތި ނެނީއަކާއި އިންޓަވިއު ކޮށްފައި ދެން އެނގޭނީ. އައި ވިލް ބީ ދެއާ.."

"އައިޒް މިގަޑީގައި ނާދެވޭނެތަ؟ އެބައޮތް ސިކްރެޓެއް ބުނަން. އަހަރެން މިހުރިހާ ދުވަހު ފޮރުވައިގެން އުޅުނު ސިއްރު ބުނާހިތުން ކެތްމަދުވެއްޖެ. އިތުރަށް އެންމެ މިނިޓެއްވެސް ހުރެއްޖެއްޔާ ސިކުނޑި ފަޅައިގެން ހިގައިދާނެ. ބޮޓްލްއަޕް ކޮށްގެން ވަރަށް ދުވަހު ހުރެވިއްޖެ. އައިޒް ހިތަށް އަރާނެ އެއްޗެއް އަރާފާނެ. އެކަމަކު ބުނަން ބޭނުން......."

"އަވަހަށް ބުނޭ...."

"ނޮޕް. މިހެނެއްނޫން. ފޯނާއި މުވާސަލަތީ އެއްވެސް ޚިދުމަތަކަށް ޓްރަސްޓް ނުކުރެވޭ. ފޭސް ޓު ފޭސް................."

"އަސްތަޣުފިރުﷲ....މިވީގޮތުން ދާން ޖެހޭނީ..." އާއިޒާގެ ޖަވާބުން އެލީނާގެ ހިތަށް އަދި ބިރުވެރިކަން ވަނެވެ. މިއީ ހާމަކުރުން ރަގަޅު ސިއްރެއް ހެއްޔެވެ؟

އާއިޒާ ވާރޭތެރޭ ކުޑައެއް އަޅައިގެން އައިއިރު ކޮންމެވެސް ވަރަކަށް ތެމި ހީކަރުވާގޮތްވިއެވެ. ހޫނު ޗޮކްލެޓް ބޯން ދެކުދިން އަރާމު ކޮޓަރިއެއްގައި ފަނޑު އައްޔެއްގެ ދަށުގައި ދޫލަމަތީގައި ވަށައިގެން ކުޝަންތައް ޖައްސާލައިގެން ރަޖާވެސް އަޅައިގެން ޖައްސައިލިއެވެ. އެންމެ ކުރިން އެލީނާ ދިން ޚަބަރަކީ އޭނަގެ ބައްޕައާއި މަންމަ އަދި ކޮއްކޮ އެމެރިކާ ދޫކޮށް އަންނަ ޚަބަރެވެ. ބައްޕަގެ ދަރުސްތައް މާ ހައްދުފަނަހަޅާ ދާކަމަށް ބުނެ ގައުމުން ބޭރުކޮށްލީކަމަށްވެސް އާއިލާގެ އެހެން މީހަކު ބުންޏެވެ. އެކަމާ އެލީނާ ދެރަވިއެވެ. ބައްޕަމެންނާއެކު އުޅުމުން މިނިވަންކަން ގެއްލޭނެއެވެ. ކުރިއަށްވުރެ ދީނާއި ގާތްވާން މަޖުބޫރުވާނެއެވެ. އަދި މިހާރު ބައްޕަ ހައްދު ފަހަނަޅާ ދިޔަ ދަންނަބޭކަލެއްގެ ލަގަބުވެސް ހޯދައިފި ނޫންހެއްޔެވެ. އެވާހަކަތައް ދައްކަމުންގޮސް އެންމެ ފަހުން އެލީނާ އޭނަގެ ބޮޑު ސިއްރު އާއިޒާއާއި ހިއްސާކުރިއެވެ. އާއިޒާ އިނީ ޝޮކެއްގައެވެ. އޭނަގެ ބޮޑު ދެލޯ އެއަށްވުރެ ބޮޑުވެ މުޅި ކުއްޖާ ގަނޑުވިކަން އެނގުނެވެ. އާއިޒާ އަނބުރައިގެންފާނެހެން ހީވި ވަގުތެއްވެސް އައެވެ. އެލީނާ އާއިޒާގެ މޫނުގައި މަޑުމަޑުން އަތުން ޖެހިއެވެ. އެކުއްޖާ ހޭވެރިކަންވިއެވެ.

"ޕްރޮމިސް މީ. ކަށްވަޅާއި ހަމަޔަށް މި ސިކްރެޓް ގެންދާނަންތަ؟ "

"ކްރޮސް މައި ހާޓް..............."އާއިޒާ ފެށިއެވެ.

"ނޫން ތިހެނެއް އަދި ޓްރަސްޓްކުރާކަށް ނުކެރޭނެ. ކްރިސްޓިއަނުން ހުވާކުރާ ވައްތަރަކަށް ކުރާ ހުވައަކީ އަގެއް ހުރި އެއްޗެއްނޫން. މަ ވެސް ސްކޫލުގައި އެކަހަލަ ހުވާކޮށްފައި އެ ހުވާގެ މަތީގައި ނުހުރެވޭ. އާދޭ ވުޟޫކޮށްގެން...."

"ނިދަން ވުޟޫކުރިގޮތަށް މިހިރީ..." އާއިޒާގެ ހިތް އޭރުވެސް ތެޅެނީ އަޑުއިވޭހާ ބާރަށެވެ. އޭނަ އޯކަށްވެސް ދަމާގޮތްވިއެވެ.

އެލީނާ މުސްހަފް ގެނެސް މޭޒުމަތީ ބޭއްވިއެވެ.

"މިއޮތީ މާތްﷲގެ ކަލާމްފުޅު. މީގައި އަތްލައިގެން ހުރެ ހުވާކުރޭ........." އެލީނާ ބުނެލިއެވެ.

އޭރު އައިޒާ ރޮނީއެވެ. ގަނޑުކަން ފިލުމުން ކަރުނަތައް ނުހިފެހެއްޓުނީއެވެ. އެލީނާގެ ސިއްރު އޭނަ ހީކުރިވަރަށް ވުރެ މާ ބޮޑެވެ. މާ ވަރުގަދައެވެ.

"އައި ކާންޓް....."

"ޔޫ ޝުޑް........" އެލީނާ ދޫނުކޮށް އާއިޒާގެ އަތް ގެންގޮސް ޚަތިމުގައި ޖެއްސުވިއެވެ. ކޮންމެވެސް މީހަކު ކުޑަދޮރު ކައިރީ ހުރިކަމެއް އެކުދިންނަކަށް ނޭގެއެވެ. އާއިޒާ ހުވާކުރިއެވެ. އެއަށްފަހު އޭނަ ބޭނުންވީ އަވަހަށް ގެއަށް ދާށެވެ. އޭނަ ބަލިވެއްޖެއެވެ. ވަރަށް ބޮޑަށް ބަލިވެއްޖެއެވެ. ބައެއްފަހަރަށް ލިބޭ ހިތާމައަކުން ދިފާއީ ނިޒާމުވެސް ބޮއްސުންލާފާނެއެވެ. ދުޅަހެޔޮކޮށް ހުންނަން ސްޓްރެސް މުހިއްމުވިޔަސް މާ ބޮޑަށް ސްޓްރެސްވެއްޖެއްޔާ އެއީ ގޯހެކެވެ. އާއިޒާ ގެއަށްގޮސް އެނދަށް އެރިގޮތަށްވެސް ނުނިދުނެވެ. ނުނިދުނީއެއް ނޫނެވެ. ރޮވުނީއެވެ. ކެތްނުކުރެވޭވަރަށް ހާސްވެ ދެރަވެއްޖެއެވެ.ރުޅިވެސް އަތުވެއްޖެއެވެ. ރޮއިގެން ހައްލެއް ނުލިބޭނެކަން އެނގޭއިރުވެސް ކަރުނަތައް ހުއްޓުވުން ފަސޭހަ ކަމަކަށް ނުވީއެވެ. އޭނަ ރުއީ ކާކަށްޓަކާ ބާވައޭވެސް ފަހުން އަމިއްލަ ނަފުސާއި ސުވާލުކުރެވުނެވެ.

***

ކެމީލާ ސްކޫލަށް ދާން ފެށިތާ ހަފްތާއެއްހާ ދުވަސްވީއިރުވެސް އެއްވެސް ކުއްޖަކު އޭނައާއި އެކުވެރިވެ ވާހަކަދައްކާކަށް ނޫޅުނެވެ. އެހެން ކުދިންގެ ގަނާކުރުންތަކާއި ޖެއްސުންތައް އެކިގޮތްގޮތަށް ލިބެއެވެ. އޭނަ އިންނަނީ ބާކީކޮށްލާފައެވެ. އެކަމުގެ ވެރިއަކަށް އަޑީގައި ހުންނަނީ ޖުއާންއެވެ. އޭނަގެ ނުފޫޒުން ނޫނީ އެސްކޫލްގައި އެއްވެސް ކަމެއް ނުހިގާނެއެވެ. ޕްރިންސިޕަލާއި ޓީޗަރުންވެސް ތިބެނީ ޖުއާންގެ ދަށުގައެވެ. ވާނީއެހެން ނޫންހެއްޔެވެ؟އޭނައަކީ ރައީސްގެ ހަނގު ދަރިފުޅެވެ. މުއްސަދިކަމާއި ރީތިކަން އަދި ޝާހީލޭ ލިބިފައިވާ ގަދަރުވެރި އާއިލާއަކަށް ނިސްބަތްވާ ޒުވާނެކެވެ. އުނި އެންމެ ސިފައެއްވެސް ހުރީއެއް ނޫނެވެ. އެންމެން އޭނަގެ ކޮންމެ އިޝާރާތަކަށް ނަށާވަރުގެ ކެޕްޓަންއެކެވެ. މުސްތަގުބަލުގައި ގައުމުގެ ހުންގާނުގައި ހުރެވޭވަރުގެ ލީޑާޝިޕެއްހުރިކަމާއި ގާބިލުކަން އެތާ ތެރޭވެސް ދިޔައީ ދައްކަމުންނެވެ. ޖުއާން ދެކުނު ގޮތުން ކެމީލާއަކީ އެއްގޮތަކަށްވެސް އަޚުލާގެއް ދެއްވި ކުއްޖެއް ނޫނެވެ. އޭނައަށް އިހުތިރާމް ނުކުރާ ތާގައި އަޅާލުމެއްނެތި ކަތުރުފަންޏެއް ހެން އަބަދު ފޮތްތަކާއި އެކުގައި އުޅޭ ފޮތުގެ ބައިވެރިއެކެވެ. ބްރޭކްގަޑީގައިވެސް އިންނަނީ ކޮންމެވެސް ފޮތަކުން ނޯޓް ނަގާށެވެ. ނޫނީ ފިލާވަޅު ދަސްކުރާށެވެ. އެހެން ކުދިންފަދައިން މަޖާކުރާކަށް ނޫޅެއެވެ. މިހާ ފޫހި ކުއްޖަކަށް މި ސްކޫލުން ޖާގަ ދެވިގެން ނުވާނެއެވެ.

ސްކޫލްތަކުން އިންތިޒާމްކުރި ފެތުމުގެ މުބާރާތަކަށް ތައްޔާރުވާންވެގެން ކެމީލާމެން ސްކޫލުންވެސް މޮޅު ފެތުންތެރިން ހޮވުން އޮތެވެ. ކެމީލާއާއި އެންމެ ކުރިން އެކުވެރިވި އަންހެންކުއްޖާގެ އެދުމުގެ މަތިން އެ އިވެންޓްގައި ބައިވެރިވާން ކެމީލާ ނިންމިއެވެ. އެކުއްޖާ އެދުނީ ފަތަން އެދެންޏާ ކޮންމެހެން ވެސް ބައިވެރިވުމަށެވެ. ބަލިވެ އުޅެމުންވެސް އެކުއްޖާއަށްޓަކާ ދާން ނިންމިއެވެ. އެ އިވެންޓަށް އެހެން ސްކޫލްތަކުންވެސް ފަރިތަކުރަން ޓްރެކަށް ދިޔައެވެ. ޖުއާން މައްސަލަ ޖެއްސީ އެންމެ ނުލަފާ ބަސްނާހާ ކުދިން އުޅޭ ސްކޫލެއް ބައިވެރިވާކަން އެނގުމުންނެވެ. އެކަމާއި އޭނަ މުޅިން ދެކޮޅެވެ. ތުންތުންމަތިން ވާހަކަދެކެވެމުންގޮސް އެ ސްކޫލްކުދިންގެ ކަންފަތާއި ހަމަޔަށް އެ ޚަބަރު ފޯރިއެވެ. އެތަނުން އެންމެ ވަރުގަދަކޮށް ބިޔަކޮށް ތިބި ދެ ފިރިހެންކުދިންގޮސް ޖުއާން އާއި ކައިރިއަށް ހުއްޓުނެވެ.

"އޭ މިސްޓަރ. އަހަރެމެން ވީމަ މާ ދަށު ދަރަޖައަކަށް ވައްޓާލަން ޖެހޭތަ؟ ވަކި ލެވެލްގެ ބަޔަކަށް އޮތް މުބާރާތެއްތަ؟ މާ ފުއްޕާފައި އުޅެން ހަދައިގެން ދެރަގޮތެއްވިޔަސް އަަހަރެމެން ޒިންމާއެއް ނުވާނަން. ރައީސްގެ ދަރިއަށް ވިޔަސް އެހާ ފަސޭހައިން ދޫކޮށްލާނެކަމަށް ހީނުކުރާތީ......................" އެކުދިން ޖުއާން އާއި ދިމާކުރިއިރު ކެމީލާ ހުރީ އަޑު ފޯރާ ހިސާބުގައެވެ.

"ދަށު ދަރަޖައަށް އަހަރެމެން ނުވެއްޓިޔަސް އެއީވެސް ބައެއް މީހުންގެ ނަސީބުގައި ލިޔުއްވާފައިވާ ކަމެއް. މަތީ ފަންތިއާއި ދަށްފަންތިއަކީވެސް ހަމަ އޮތް އެއްޗެއްނު. ޖުއާން ހިނގި މަގަކުންވެސް ކަލެއަކަށް ނުހިގޭނެ." އެކަކަު ޖެއްސުންކޮށްލިއެވެ.

އޭރު އުޑުމަތި ބަނަކަމުން ދުވާލުވެސް ރޭގަނޑަށް ހަދާލައިފިއެވެ. ބާރު ވައިރޯޅިތައް ހަމުގައި ޖެހުމުން ހީކަރުވައިގަންނަ ގޮތްވިއެވެ. މިތަނަށް އާދެވުނުކަމުގެ މޮޔަ ހީވެ އަނބުރާ ދާންވެސް ކެމީލާ އުޅުނެވެ. ނަމަވެސް އެކުވެރިޔާގެ ފޯރިއާއި ޖޯޝް ގުޅިފައިވަނީ ޖުއާން މެންނާއެވެ. ޖުއާންގެ ކޮންމެ ހަރަކާތަކާއި އެކުއްޖާ ގަޔާވެ ފެންނަ ފަށުން ދުރަކަށްވެސް ނުދެއެވެ.

ކުއްލިއަކަށް ދެ ގްރޫޕް އެއްބަޔަކު އަނެއްބަޔަކަށް ކޮށްޕާ ގަޔަށް އަތްފޯރުކުރާން ފެށިއެވެ. އެ ސަކަރާތްގަނޑުގެ ތެރޭގައި އެކަކު ކޮށްޕާލުމުން ޖުއާން ފައި ކައްސާލައިގެން ގޮސް ރާޅުތަކުގެ ތެރޭގައި ޖެހުނުގޮތަށް އަޑިއަށްގޮސް ލޯމައްޗަށް ގެއްލުނެވެ. ކެމީލާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. މޭގަނޑު އަނގަޔަށް އައިފަދައެވެ. ކަނޑުގެ ރާޅުތައް ގަދަކަމުން އެކުވެރިންނަށްވެސް އެކުވެރިޔާ ސަލާމަތްކުރަން ފުންމައިލަން ނުކެރުނީކަން ނޭގެއެވެ. ނޫނީ ދެ ބައިމީހުން ތަޅާފޮޅަން ހަދައިގެން ޖުއާން މޫދަށް ވެއްޓުނުކަން ނޭގުނީއެވެ. ކެމީލާއާއި ކައިރީގައި ހުރި އޭނަގެ އެކުވެރި އަރީޖްވެސް ބިރުން ހީވީ ރޮއިގަތް ހެންނެވެ.

"މޫދުގައި އުޅޭ ކުދިން މޫދަށް ފަރިތަވާނެ. ޕުއާ މީ. އަހަރެން ޓަބްއެއްގެ ތެރެއަށް އެރުނަސް ގެނބޭނެ..." ކެމީލާގެ ހަނދާނަށް އައީ މިއަދު ޖުއާން އެކުވެރިއަކާއި މުޚާތަބުކޮށް ބުނެލި ޖުމްލައެވެ. ޖުއާން ކެޕްޓަން ވިޔަސް ފަތަން ނޭގި ހުރެދާނެއެވެ. ކެމީލާގެ ފައި ކުއްލިއަކަށް ހަރަކާތްކުރިއެވެ. ރާސްލާފައި ދުއްވައިގަތްގޮތަށް އެކުޑަ އަންހެންކުއްޖާ ޖުއާންއާއި ދިމާލަށް ފަތައިގަތްތަން ފެނި އަރީޖް ވީޑިއޯވެސް ކުރަން ފެށިއެވެ. ކެމީލާ ޖުއާން ވެއްޓުނު ދިމާލަށް ފަތައިގަތްގޮތަށް މޫދުގައި އުޅުނުއިރު މަހެއްފަދައެވެ. އެހާ ފަރިތައެވެ. ހަލުވިކަމާއެކު ކުރިއަށްގޮސް ޖުއާންގެ ފަހަތުން ގޮސް އޭނަ ހިފެހެއްޓީ ތަމްރީންު ލިބިފައިވާ ލައިފްގާޑެއްހެންނެވެ. އަދި މަޑުމަޑުން ހާވަމުން އައިސް ޓްރްކެގެ އަރިފަށުގައި ހިފަހައްޓާލަމުން އެހެންކުދިންގެ އެހީއަށް އެދުނެވެ. އޭރު ޖުއާން އޮތީ ލޯ މެރިފައެވެ. މާގަދަޔަށް ފެންބޮވުނީ ބާވައެވެ.

ޖުއާންގެ އެކުވެރިން އޭނަ ޓައިލްސްމަތީ ބޭއްވުމުންވެސް ހަރަކާތެއް ނުކުރިއެވެ. އެކުވެެރިއަކު ސީޕީއާރުވެސް ދިނެވެ. ކުއްލިއަކަށް ޖުއާން އަނގައިގާ ހުރި ފެންތައް ދުއްވާލާފައި ހެމުން ތެދުވެ އިށީދެއްޖެއެވެ.

"ސަލާމަތްކޮށް ދިން ކުއްޖާއަށް ޝުކުރު....." ޖުއާންގެ މުށި އިސްތަށިގަނޑު ލޮނު ފެނުން ތެމުމުން ކުލަ ތަންކޮޅެއް ގަދައެވެ.

"މަރުވާއިރުވެސް ހަމަ ތިގޮތަށް ހޭނަންތަ؟ " އެކުވެރިޔަކު އަހާލިއެވެ.

"އައިމް އިމްމޯޓަލް. އެހެންވެ އެއްނު ކަނޑުވީމަވެސް ގޮތެއް ނުވީ....." ޖުއާން ސަމާސާ ކުރަން ވެގެން ބުނެލި ޖުމްލަ ކެމީލާއަށް ރަގަޅެއްނުވިއެވެ.

"ކަނޑުވީމަ މަރުވާނެ އެހެން މީހަކު ހެލްޕް ނުވިނަމަ. އަދި މަރުވުމުގެ ވަގުތު ނުޖެހޭތީ ސަލާމަތްވީ. ތޭންކް ގޯޑް......." ކެމީލާ ރޫރޫ އަޅާ ގޮތް ވިނަމަވެސް އެއްޗެކޭ ނުބުނެ ނުހުރެވުނެވެ. އެހެން ކުދިން ހައިރާންކަމާއެކު ކެމީލާއަށް ބެލިއެވެ. މީހަކު ގެނބެންޏާ ދުޝްމަނެއް ނަމަވެސް ސަލާމަތްކޮށްދޭ ކެރޭވަރުގެ ކުއްޖެއްކަން ސާބިތުކޮށްދީފިއެވެ. އަދި މަޑުން ހުއްޓަސް ކެރޭ ކުއްޖެއްކަން އަންގާދީފިއެވެ. ބަސްބުނަން ޖެހޭ ހާލަތުގައި މީހެއްގެ މޫނަކަށް ބެލުމެއްނެތި ބުނަންވާ އެއްޗެއް އެބުނެލީއެވެ. ޖުއާން ބުމަ ކައިރިކޮށްލާފައިވެސް ހޭންފެށިއެވެ.

"ވެލް. ދެން ކޮންމެ ފަހަރަކު އަހަރެމެންގް ޓްރިޕްތަކުގައި ލައިފްގާޑަކަށް ގެންނާނަން........" ޖުއާން ދެއަތް ވިއްދާލައިގެން އިށީދެލައިގެން އިނެވެ. އޭނަ އެންމެ ކުރިން ހީކުރީ ކެމީލާ ފޮނިކަނޑާން ފަތަން އެނގޭކަމަަށް ބުނެ އަތް އުފުލީކަމުގައެވެ. ނަމަވެސް ހީކުރިވަރަށް ވުރެ މޮޅު ފެތުންތެރިއެކެވެ. މަހެއްހާ މޫދަށް ފަރިތައެވެ.

ކެމީލާ ދުރަށް ދާން ދެތިން ފިޔަވަޅު އެޅިތަނާ ޚަބަރުހުސްވެގެން ވެއްޓުނެވެ.

"ގޯޑް ވަޓް ހެޕެންޑް...." ކުއްޖަކަށް ބުނެލެވުނެވެ.

"ޝީ ލުކްސް ސޯ ޕޭލް...."

"ހިގާ ހޮސްޕިޓަލަކަށް ގެންދަމާ. ޝޮކެއް ޖެހުނީކަން ނޭގޭ..."

ޖުއާން ކެމީލާ އަތްދަނޑިމައްޗަށް އުފުލައިލިއެވެ. އެކުވެރިންނަށް އޭނަ ފެނުނީ ސުޕަ ހީރޯއެއްގެ ގޮތުގައެވެ. އެހެން ކުދިން ހައިރާންކޮށްފައި ކެމީލާ އޭނަގެ ކާރުގެ ފަހަތު ސީޓުމަތީ ބޭއްވިއެވެ. އޭނަފަދަ މުއްސަދި ޒުވާނެއްގެ ހިތްތިރިކަމާއި ނިކަމެތިންނަށް އެހީވާ މަންޒަރަކީ އަޖައިބުވާފަދަ ކަމެކެވެ. އެހެން ކުދިންނަށް މިސާލެއްކަމުގައި އެކަކު ބުނެލިއެވެ. ޖުއާންއާއެކު އެހެން ކުދިންވެސް ހޮސްޕިޓަލަށް ދާން މިސްރާބުޖެހިއެވެ. އިމަޖެންސީ ރޫމުގެ އެނދެއްގައި ކެމީލާ ބޭއްވިއިރު އެކުއްޖާ އޮތީ ހުއްޓިފައެވެ. ނަރުސްކުދިން އަވަހަށް ކެމީލާގެ ތެތް އެއްޗެހި ބާލުވާފައި ހޮސްޕިޓަލް ގައުން ލެއްވިއެވެ. ބޮޑު ރަޖާއެއްގެ ހިމާޔަތް ލިބި ހޫނުވާން ފެށުމުން ކެމީލާ ލޯ ހުޅުވާލައިފިއެވެ. ފިލްމެއްގެ މަންޒަރު ލަސް ދުވެއްޔެއްގައި ލޯ މަތީ ދަތުރުކޮށްލުމުން ވަށައިގެން ހޯދާ ލެވުނެވެ.

"ސްކޫލް ކުދިން ކޮއްކޮ ގެނައީ. ކިހިނެއްވީ؟ " ނަރުސް ކުއްޖަކު ސުވާލުކުރިއެވެ.

"އަޅުގަނޑު ފެއިންޓްވީކަން ނޭގޭ. މާ ބޮޑަށް ފިނިވީ. އޭރު ބޯކޮށް ވާރޭވެހުނު...." ކެމީލާ ހިނިތުންވެލިއެވެ. ބަލިވެ އޮތްއިރުވެސް އެ ހިނިތުންވުން އޭނައާއި ވަތްކެއްނުކުރެވުނެވެ.

އެވަގުތު ޑޮކްޓަރު ދުރުވިއެވެ. ކެމީލާ ބަލައިލުމަށްފަހު އޭނަ ޓެސްޓްތައް ހަދަން ދިނެވެ. އެޗްބީ ހުރީ ފަހެއްގައި ކަން އެނގުމުން ޑޮކްޓަރުވެސް ހައިރާންވިއެވެ. އެހާ ހިތްވަރުކޮށްފައި ހިނގާ އުޅުނީ ކިހިނެއްތޯ ސުވާލުކުރިއެވެ. އޭނަ ފިޒިޝަންއަކާއި ވާހަކަދެއްކުމުން ބުނީ ދެ ޕައިންޓް ލޭ އެޅުމަށެވެ. ކެމީލާގެ ސްކޫލް "އެކުވެރިން" އޭރުވެސް ބޭރުގައި މަޑުކޮށްލައިގެން ތިއްބެވެ. ކެމީލާ ޝޮކަކަށް ދިޔައީ އަދި އެކުދިން ހީކުރިގޮތަކަށް ނޫނެެވެ. ހަށިގަނޑުން ލޭ މަދުވީއެވެ. ޖުއާން ވަގުތުން ވޮލަންޓިއާއަކަށް ވެގެން ލޭ ހަދިޔާ ކުރަން ތައްޔާރަށް ހުރިކަމުގައި ބުނެލިއެވެ. އޭނައާއި ކެމީލާގެ ލޭ ގުޅުމުގެ ޗާންސް ކުޑަކަމަށް އޭނަ ޔަގީންކުރިއެވެ. އޭ ޕޮޒިޓިވް ލޭ މަދުވާނެ ތާއެވެ. ނަމަވެސް ވީ އެހެނެއް ނޫނެވެ. އޭނައާއި އިތުރު އެކުވެރިއަކާވެސް ކްރޮސް މެޗް ދިމާވެއްޖެއެވެ. ޖުއާން ގަތީ އަމަށަކު ބިރެއް ނޫނެވެ. ހާސްވެފައި ހުރެވެސް އޭނަގެ ފިޑިކަން އެހެން ކުދިންނަށް ދައްކަން ބޭނުންނުވި ޖުއާން ލޭ ނަގަން ކައުޗްގައި އޮށޯވެލީ ކަންފަތުގައި އައިޕޮޑް އަޅައިގެންނެވެ. އަދި ސެލްފީއެއް ނެގިއެވެ. ވަގުތުން އިންސްޓްގްރާމް ކޮށްލިއެވެ. އޭނަ ލޭ ބޭނުންވާ ބަލިމީހަކަށް ލޭ ހަދިޔާކުރަނީއެވެ. އެ ޕޯސްޓަށް އެތައް ބަޔަކު ދީވާނާވިއެވެ. ޖުއާން ކޮންމެ އެއްޗެއް ޕޯސްޓްކުރިޔަސް އެތައް ބަޔަކަށް ކަމުދާނެއެވެ. ޖުއާންއަށް މިފަހަރު އެކުރެވުނީ އެހެން ފަހަރާ ބަލާއިރު މޮޅުކަމެކެވެ. ކުޑަކުއްޖަކަށް ވެފައި އޭނަ ލޭ ހަދިޔާކުރީއެވެ. އެވެސް ދޮގު ހަދައިގެންނެވެ. އިސްކޮޅުން ދިގުވުމުން އަށާރަ އަހަރުވެސް ފުރުނުކަމަށް ބުނެ އޮޅުވައިލީއެވެ.

ލޭ ތައްޔާރުކުރުމަށް ވަގުތު ނަގާނެތީ ކެމީލާއަށް ޖެހުނީ ޒައިރާއަށް ގުޅުމަށެވެ. އަންނައިރު އޭނަގެ ޚަތިމް ގެންނަން އެދުނެވެ. ކަ ޒައިރާ އައުމުން ކެމީލާ ކޮންމެެވެސް ވަރަކަށް ކިޔާދިނެވެ. ކުއްޖަކު ސަލާމަތްކުރަން މޫދަށް ފުންމައިލުމުން ތެމުނީ ކަމަށާއި ދެން ޚަބަރު ހުސްވީކަމުގައި ބުނެލިއެވެ.

"ތޭންކް ﷲ. އެޓްލީސްޓް މިހާރު ލިލީގެ ބަލި ދޮންތަމެންނަށް އެނގިއްޖެ. ލޭ މަދުވީ. ލޭ އެޅީމަ ރަގަޅުވާނެ. ސްކޫލްކުދިން ބުލީކުރަނީތަ؟"

"ކުޑަކޮށް. އެންމެ ފްރެންޑެއް ހުރީ. އަރީޖް......،.."

"އެއީ ލިލީ ހުންނަލެއް ކުޑަކަމުން. އިނޮސެންޓްކަމުން. އެހެންވެ އެޑްވާންޓޭޖް ނަގަނީ. ގަޓް ހުންނަން ޖެހޭނެ. ކިތަންމެ ހިތް ހެވަސް ހިތް އޮންނަ ގޮތަކަށް ނޫން ބޭރުފުށުން ދައްކަންޖެހެނީ. ޔޫ ނޯ ވަޓް؟ ދުނިޔެއަކީ ކްރުއެލް ޕްލޭސްއެއް އެހެންވެ އެންމެ ރަގަޅު ބަސްއަހާ ކުއްޖާގެ އިމޭޖް އޮތިއްޔާ އެޑްވާންޓޭޖް ނެގުމާއި ބުލީ ކުރުން އޮންނާނެ. އެކަމުން ރެކެން ބޭރުފުށުން އެހެން ކުލައެއް ދައްކަންވާނީ. ނޫނެކޭ ބުނަން ދަސްކުރަން ޖެހޭނެ. ބިރުގަންނަކަމަށް އެހެން މީހުންނަށް ދެއްކެން ވެއްޖެއްޔާ ދަށްކޮށްލަން ނުކުރާނެ ކަމެއް ނުވާނެ. ޔޫ ހޭވް ޓު ބީ ސްޓްރޯންގް. ފިއާ އެއްގޮތަކަށްވެސް ހުރެގެން ނުވާނެ. ބީ ގުޑް އެކަމަކު އެކަހަލަ ބުލީއިންނަށް އެހެން ސައިޑެއް ދައްކާ. ޚާއްސަކޮށް ތި ތަނަށް މުއްސަދިންގެ ދަރިން ދާނެ. ހިތް މޮޅުވާނެ. ލިލީއަކީވެސް ހަމަ ރިޗް ކުއްޖެއްގެ ގޮތުގައި ހުންނަން ވާނީ. އެމީހުންނާއި އެއް ހަމައެއްގައި. ވީކްކަން ނުދައްކާތި...." ޒައިރާގެ ޚިޔާލުން ކެމީލާއަށް ހިތްވަރު ލިބުނެވެ.

"މިވެސް ވަރަށް އަރާމް ކޮޓަރިއެއްދޯ..."

"ނޭގޭ އޭނަ މިތަން ހޯދިގޮތެއް. ހޮސްޕިޓަލް އިމަޖެންސީއަށް ގެނައި ކުދިންގެ ނުފޫޒު ކަން ނޭގޭ. ޕްރައިވެޓް ރޫމެއް ހަމަޖައްސާދީފި........................"

"އެމީހުން ޕޭ ކުރީ؟ "

"ނޭގޭ...."

"ލަނޑެއް ދީފައި ދިޔައީކަމަށްވާނީ. އެކަމަކު ދެން ދޮންބެ ދިން ފައިސާކޮޅުން ބިލް ދައްކާލާނީ ދޯ. މިހާ އަރާމު ކޮޓަރިއެއް ދޫކޮށްލާކަށް ނުކެރޭނެ..." ޒައިރާ ކައުޗްގައި އޮށޯވެލާފައި ޓީވީ ޖައްސައިލިއެވެ. ދެން މާމަ މަތިން ހަދާންވެގެން ގުޅިއެވެ. ވަރަށް އަވަހަށް ގެއަށް އަންނާނެކަމުގައި ބުނެލިއެވެ. އޭރު ގުގުރާތީ ގުގުރި ތަސްބީހަ ކިޔަން މާމަ ހަދާންކޮށްދިނެވެ. ކޮންމެ ތާކު ތިއްބަސް ނަމާދުކުރަން ވާނެކަމުގައި ބުނެލިއެވެ. ޒައިރާ ފޯނު ބާއްވާފައި ކެމީލާ ގާތުގައި މާމަގެ ނަސޭހަތް ބުނެދިނެވެ. ކޮންމެ ހާލެއްގައިވެސް ނަމާދުކުރަން ޖެހޭނެކަން ހަދާންވެ ކެމީލާ ތެދުވުގެން ގޮސް ވުޟޫކުރަންފެށިއެވެ.

ކެމީލާއަށް އަދިވެސް ޖުއާންގެ ވާހަކަ ދޮންތަ ކައިރީ ބުނާކަށް ނުކެރުނެވެ. ޖުއާންއަކީ އޭނަ އެންމެ ގަދަރުކުރާ ރައީސްގެ ދަރިއެކެވެ. ޖުއާން އަލީ ތައިމޫރަކީ ސްކޫލްގެ ކެޕްޓަންއެވެ. ރޫހެވެ. ދިރުމެވެ. ހުރިހާ ކުދިންގެ ހިތުގެ ވިންދެވެ. އެރޭ ހުވަފެނުގައިވެސް ފެންނަނީ އޭނައާއި ޖުއާން އެކީ ލެބްގައި ހީހީފައި މަސައްކަތް ކުރާތަނެވެ. ދުޝްމަން ކަން ދިޔަތަނެއްވެސް ނޭގެއެވެ. ކެމީލާ ހޭލެވުނީ ޒައިރާ ކެމީލާގެ މޫނުގައި ފިރުމައިލީމައެވެ. ނިދީގައި ހޭވަރުން އޭނަ ބިރުގަތީކަމުގައި ބުނުމުން ކެމީލާ ތެދުވެ އިށީދެއްޖެއެވެ. އޭރުވެސް އަތަށް ލޭ ޕައިންޓު ގުޅާފައި ހުއްޓެވެ. ޖުއާން ކިތަންމެ ނުލަފާ ވިޔަސް ލޭ ހަދިޔާކުރީވެސް އޭނަ ކަންނޭގެއެވެ. ދޮންތަ ބުނާހެން މި އަނިޔާވެރި ދުނިޔޭގައި ބަލިކަށި ނުވާންވެގެން ދުނިޔޭގެ މޫނުމަތީ އޭނަވެސް ފަތްގަނޑެއް އެޅީއެވެ. ހިތްހެެވީކަން ނޭގެއެވެ. އެހެންނޫންމަ ހުވަފެނުގައި އޭނަގެ ހުނުމުގެ ބައިވެރިޔަކަށް ނުވީހެވެ.

ކެމީލާގެ އަތަށް ގުޅާފައިވާ ލޭ ޕައިންޓަށް ބަލަން އިނެވެ. ފަހަރަކު ތިއްކެއް ހަށިގަނޑުގެ ތެރެއަށް ފޮނުވަމުން ދިޔަވަރަކަށް ހަށިގަނޑުގައި ހަކަތަ ޖެހުނެވެ. ނިޔަފަތިތައް ފިޔާތޮށިވެލައިފިއެވެ. ކެމީލާ އުފާވިއެވެ. އޭނަ ބަލިން ރަގަޅުވީތާއެވެ.

"މާތްﷲއަށް ހަމްދު ހުރި..ޑޮކްޓަރު މެދުވެރި ކުރައްވާވެސް ޝިފާ ދެއްވަނީ ހަމަ ހެއްދެވި ފަރާތުން. ޕްރޭ. ވީހާވެސް ގިނައިން ނަމާދުކޮށް ގުރުއާން ކިޔަވާ ދުޢާކުރީމަ މުޅިން އޯކޭވާނެ. ...." ކެމީލާ ގުރުއާން ހުޅުވައިލިިއިރު ފުރަތަމަވެސް ނަޒަރު ހުއްޓުނީ ޝިފާގެ އާޔަތަކަށެވެ. ސީދާ އޭނައާއި މުޚާތަބު ވެވުނުފަދައެވެ. ކެމީލާއަށް ހައިރާންކަމާއެކު ބަލަން އިނދެވުނެވެ. ލޮލުގެ އުޖާލާކަން ގަދަވިއެވެ. ގުރުއާންގައި ބޮސްދެވުނެވެ.

އޭނަ ގެއަށް ފޮނުވާލުމުގެ ކުރިން ޑޮކްޓަރ ޒިޔާރަތްކުރިއެވެ. ޑޮކްޓަރ ބުނީ އަދި ޕްލެޓްލެޓް އަޅަން ޖެހޭކަމުގައެވެ. އިތުރު ޓެސްޓްތައް ހަދަން ބޭނުންކަމުގައެވެ. އޭގެ ތެރޭގައި ބޯން މެރޯ ޓެސްޓެއްވެސް ހިމެނެއެވެ. ކޮންމެވެސް އެއްޗެހިތަކެއް ކިޔާފައި ދިޔުމުން ޒައިރާ ކެމީލާގެ ކޮނޑުގައި ހިފައިލިއެވެ.

"އޭނަ ވާހަކަދެއްކީ އިނގިރޭސިބަހުންތަ؟ "

"ހީވަނީ...."

"އޭނަ ކީ އެއްޗެއް ބޮލަކަށް ނުވަން..."

"މެޑިކަލް ޓާމްތައް ބޭނުންކުރީމަ ކިހިނެއް އެނގޭނީ؟ މިހާރު ލިލީ މުޅިން ރަގަޅު. ހީވާގޮތުން ޑިޕްސްވެސް ޖެއްސޭނެ...." ކެމީލާ ބިންމަޗަށް ތިރިވުމުން ޒައިރާ ކެމީލާގެ އަތުގައި ހިފާ ނެގިއެވެ. "ޑިޕްސް ޖައްސާނީ ގެއަށް ގޮސް. މާމަ އެކަނި އޮންނާނީ. ދޮންބެއަށް ޝައްކުވެއްޖެއްޔާ ހިތްހަމަ ނުޖެހޭނެ. ދޮގު ހަދާފައި މިއުޅުނީ. އަވަހަށް ހިނގާ މިތަނުން ނިކުންނަން. އާދޭ ސެލްފީއެއް ނަގަން.."

ދެކުދިން މޫނު ޖައްސާލައިގެން ތިބެ ތުން ވަށްކޮށްލަމުން ސެލްފީއެއް ނެގިއެވެ. ކޮޓަރިތެރެވެސް ފޮޓޯނެގިއެވެ. އެއަށްފަހު އަވަސްވެގަތީ ގެއަށް ދިޔުމަށެވެ.

***

އެލީނާ އެކުވެރިއެއްގެ ދައުވަތަކަށް ދާންވެގެން ތައްޔާރުވެލިއެވެ. ގަސްތުގައި ޝައުންއަށް އުދަގޫކުރަން "އާޖެންޓް"ކޮށް އޭނަ ތަނަކަށް ގެންގޮސްލާދޭން އެދުނެވެ. ޝައުން ނުދާން އުޅުމުން ރުޅިގަދަވެގެންގޮސް އަލިފާން ހިފާ ވަރުވިއެވެ. ޓެކްސީއަކަށް ގުޅަން އުޅުމުން ޑިއުޓީއަށް ދިޔަ މަގުމަތީގައި އެބުނާ ތަނަކަށް ލާ ދޭނެކަމަށް ބުނުމުން ކާރަށް އަރާފައި އެލީނާ އިނީ ފޯނުން އެކުއްޖާއަށް ގުޅައިގެންނެވެ. ގެއަށް ގޮސް ކާރުން ފައިބާފައި ދޮރުޖެހީ ބާރަށެވެ. އެ ކާރަށް ރުޅިގަނޑު ފިލުވައިލި ކަހަލައެވެ. ދޮރު ލެއްޕުނީ ހެދުމުގެ ފަސްބައިން ބަޔަކާއެކުގައެވެ. އެލީނާ އަދި މަޑުމަޑުން ހެދުމަށް ދަމާލަ ދަމާލާ ހުރީ ރުޅިގަދަވި ވަރުން ހަދަން ވީގޮތެއްވެސް ނުވިސްނިފައެވެ. ޝައުން އަތް ދިއްކޮށްލާފައި ކާރުގެ ދޮރު ހުޅުވިއެވެ. އެލީނާގެ ހެދުން ސަލާމަތްވިއެވެ. ހެދުން ނެއްޓި މިނިވަން ވުމުން ކުރީފަހަރަށް ވުރެ ބާރަށް ދޮރު ޖެހުމުން ޝައުންއަށް މަޖާވިވަރުން ބުމަ އަރުވައިލެވުނެވެ.

***

އެލީނާ އާއިޒާއަށް ޒިޔާރަތްކުރިއެވެ. އާއިޒާ އޮތީ ހުމާ ފިހިފިހިއެވެ. އެހެންވެ އެގެއަށް ނައުމަށް ދެއްކި ބަހަނާއެއް ނޫންކަން ޔަގީންވިއެވެ. އަމިއްލަ ނަފުސާއިމެދު ކުރަން ފެށި ޝައްކުގެ މޫތައް އެންމެ ގާތް އެކުވެރިޔާއާއި ހަމަޔަށްވެސް ފޯރީއެވެ. އެކުވެރިޔާގެ އިޚުލާސްތެރިކަމާއިމެދުވެސް އިތުބާރެއް ނެތީއެވެ. އޭނަ ހީކުރީ އެ "ބޮޑު ސިއްރު" އެނގުމުން އާއިޒާ އޭނަދެކެ ފޫހިވީވަރުން އެގެއަށް އަންނަން ބޭނުން ނުވީކަމުގައެވެ. ނެނީއާއި އިންޓަވިއު ކުރަން އަންނާނެ ކަމުގައި ބުނެފައި ބަލިވީކަމުގެ ބަހަނާ ދެއްކީކަމަށެވެ. ނަމަވެސް އާއިޒާގެ ބައްޔަކީ ހަގީގަތެެވެ. އޭނަވަނީ ފްލޫގެ ޝިކާރައަކަށް ވެފައެވެ. އެލީނާ ނެނީ އަންނަންވާއިރަށް ލޫކާއާއި ލިލީ ގޮވައިގެން ސިޓިންރޫމްގައި އިންތިޒާރުގައި އިނެވެ. ލޫކާއަށް އިންޒާރުކޮށްފައިވަނީ ބަސް އަހައިގެން އިނުމަށެވެ. ނޫނީ ދެން ލޫކާ ބަލަން ގެންނާނީ "ހަންޑި" އެއްކަމުގައެވެ. ލިލީއަށްވެސް އާ ބަހެއް ދަސްވެ އަބަދުހެން ހަންޑި ކިޔެން ފެށުނެވެ. ސަލާމް ގޮވައިލި އަޑަކަށް އެލީނާ ސަލާމްގެ ޖަވާބު ދީފައި ނުކުތް އިރު ދޮރުމަތީގައި ހުރީ ސްޓައިލިޝް އަންހެންކުއްޖެކެވެ. ބުރުގާ އަޅާފައެއް ނެތެވެ. އިސްކޮޅުން ދިގުވެފައި ލޫޅާފަތި ކުއްޖެއް ނަމަވެސް ވަނާތައް ފުރިހަމައެވެ. ކުރުކޮށް ކޮށާލާފައިވާ އިސްތަށިގަނޑެކެވެ. ލާނެތްކަމެއް ފެންނާން ހުރި ލޮލެކެވެ. ޒައިރާގެ ހުރިހާ ސަމާލުކަމެއް އަތުލީ ސޯފާގައި އިން ކުޑަ ކުޑަ "ބުދު"އެވެ. ފުރާނަ ހުރި ކުއްޖެއްކަން އެނގުނީ އަތް ލާން އުޅުމުން ލިލީ ހަރަކާތް ކޮށްލުމުންނެވެ. ޒައިރާއަށް ވީގޮތް ފެނުމުން އެލީނާ ހިނި އައެވެ. ދެން އިން ފިރިހެންކުއްޖާގެ އިސްތަށިގަނޑުގެ ރީތިކަމަކީ އަނެއް އަޖައިބެވެ. އެކުއްޖާވެސް އިނގިލި އަނގައިގާ ޖަހައިގެން ބޯންއިންއިރު ލޯބިކަމުން މޮޑެލާހިތްވިއެވެ. ޒައިރާ ބޭނުންވީ ފުންމައިގެންގޮސް ދެ ފުށްގަނޑު ޗަސްކޮށްލުމަށެވެ. މިގެއިން ފެއްސިޔަސް ދެން ދުރަކަށް ނުދެވޭނެއެވެ. މި ކުދިން އޭނަގެ ހިތް އަތުލައިފިއެވެ.

"މިއީ މަގޭ އަންހެން ދަރި ލިލީ...."

"ތަމްބްލީނާތަ؟ ފެއަރީއެއްތަ؟ ޝީޒް ދަ ޕްރިޓިއެސްޓް ތިން އައިވް އެވާ ސީން އިން މައި ލައިފް....ކޮންފަދަ ފުރިހަމަ. ފެއަރީއެއް ހަމަ. އުރާލެވިދާނެތަ؟ "

"ފުރަތަމަ ގޮސް އެހެރަ ސެނިޓައިޒާއިން އަތް ސާފުކުރޭ.." އެލީނާ އެންގިއެވެ.

"ލައްބަ....." ޒައިރާ އަދަބުވެރިގޮތަކަށް ބުނެލިއެވެ.

"އިށީދޭ. ޒައިރާ ކޮން ރަށެއް؟ އުމުރު ކިހާވަރެއް؟ ތައުލީމީ ފެންވަރު؟ "އެލީނާ ސުވާލުކުރަން ފެށިއެވެ. ޒައިރާ ތެދާއި ދޮގު ލައިގެން މަައުލޫމާތު ދޭންފެށިއެވެ. އެއްތާކު މަޑުން އިންނަން ފަސޭހަ ނުވުމުން ތެދުވެފައި ދަބަހާއި ކުޅެލައެވެ. އެލީނާ ޒައިރާގެ ފޯނުގެ އަގު އެހުމުން ވިހިހާސް ރުފިޔާއޭ ބުނެލިއެވެ. ހަގީގީ އަގު އޭނަ ކިޔާން ގާތަކުން ނާހައެވެ. އެކަމަކު މާ ކުޑަ އަގެއް ކިޔުމުގެ މާނައެއް ނެތްތާއެވެ. އެލީނާ ހިނިގަނޑު ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. އޭނަ އިނީ ރިކޯޑްކުރަން ޖައްސައިގެންނެވެ. މި "ފޭކް" އަންހެންކުއްޖާގެ ކަންތައް އޭނަ އާއިޒާއަށް ކިޔާދޭނެއެވެ. އޭނަވެސް ހީހީ އަވަދިވާނެއެވެ.

މީހެއްގެ ހިލަންވެ އެނބުރި ބަލައިލިއިރު ޒައިރާއަށް "ހަންޑި" އެއް ފެނި އޭނަގެ މޫނު ހުދުވާގޮތްވިއެވެ. ހަމަ ރަގަޅަށްވެސް މިއީ ގަނޑުވަރެއްފަދަ ރީތި ގެއަަކަށްވިޔަސް ޖިންނިންގެ ކިއްލާއެއް ހެއްޔެވެ؟ އެލީނާވެސް ޒައިރާ ބަލައިލި ދިމާލަށް ބަލާފައި ނީވްގެނެސް ތައާރަފުކޮށްދިނެވެ. ޒައިރާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލި އަޑު ބޭރަށް އިވޭނެއެވެ. އެލީނާއަށް ޒައިރާއަށް ވީގޮތް ކިތަންމެ ރަގަޅަަށްވެސް އެނގުނެވެ. ޒައިރާ ކިތަންމެ ފޮރުވަން އުޅުނަސް އޭނަ ބިރުގަތީއެވެ. އެލީނާއަށް އެކަން ގަބޫލުވެސް ކުރެވުނެވެ. އޭނަވެސް ނީވްދެކެ އަދިވެސް ސިހެއެވެ. އާއިޒާ ގާތުވެސް ހަންޑިއޭ ކިޔައިގެން ނީވްގެ ވާހަކަ ދައްކާ އުޅެއެވެ.

އިންޓަވިއު ކޮށްފައި އެލީނާ ނިންމީ ޒައިރާ ނެނީއެއްގެ ގޮތުގައި ގެނައުމަށެވެ.

މިކަހަލަ މޮޔަކުއްޖަކު ހުރުމުން ފޫހިވެސް ފިލާނެތާއެވެ.

އެލީނާ އާއިޒާއަށް ގުޅިއެވެ.

"ވަރަށް ނައީވް އެހެންވެ ވަޒީފާ ދީފިން. ޓޮމްބޯއިއަކާއި ވައްތަރީ. ގަޓް ހުންނާނެހެން ހީވޭ...އެނީވޭސް އައި ލައިކްޑް ހާރ. ކީއްވެކަމެއް ނޭގޭ ފޭކް މީހުންނަށް ބައެއްފަހަރު ހިތް ކިޔާ ހަހަ.." އެލީނާ ހުރިހާ ރިޕޯޓެއް ދީފައި ފޯނު ބޭއްވިއެވެ.

***

ކޮމެންޓް 0