މާތްﷲ ގުރުއާނުގެ އަލް ޖުމްއާ ސޫރަތުގެ ހަތަރު ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. ذَٰلِكَ فَضۡلُ ٱللَّهِ يُؤۡتِيهِ مَن يَشَآءُۚ وَٱللَّهُ ذُو ٱلۡفَضۡلِ ٱلۡعَظِيمِ މާނައަކީ (އެއީ اللَّه ގެ فضل ވަންތަކަމެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް އެކަލާނގެ އެކަން ދެއްވަތެވެ. އަދި اللَّه އީ، ބޮޑުވެގެންވާ فضل ވަންތަކަމުގެ ވެރިރަސްކަލާނގެއެވެ.)

 

***

ޝައުން ލެޕުން ނަޒަރު ވަކިކޮށްލިއެވެ. އެކަމަކު ޖަވާބެއް ނުދިނެވެ. އެއްޗެކޭ ބުނަން އުޅެފައިވެސް ބުމަ ކައިރިކޮށްލައިފިއެވެ. އެވަގުތު އެލީނާގެ ފޯނު ރިންގުވާން ފެށުމުން ބަލައިލާފާ ޝައުންއަށް ބަލައިލީ ކޮންމެވެސް ވަރަކަށް ކަންބޮޑުވެފައެވެ. އަދި އަވަހަށް ފޯނު ހިފައިގެން އެތެރެއަށް ދާން ހިގައިގަތެވެ.

"ކިޔާން. ކީއްކުރަން ތިގުޅީ؟ މިއޮތްފަދަ ގަޑީގައި ހަނދާންވީޔޯ؟ " އެލީނާއަށް އަހައިލެވުނެވެ.

"އަހަރެން ކޮންމެހެން ގުޅަން ޖެހުނީމަ. މިއީ ފަސޭހަކަމެއްވެސް ނޫން. އެނގޭތަ؟ ކުރިން އެއްގޮތަކަށްވެސް އެލީނާގެ ވާހަކަ ގަބޫލެއް ނުކުރަން. ހަދަހަދައިގެން ދެއްކި ވާހަކައެއް ކަމަށް ހީކުރީ. އެކަމަކު މިހާރު......"

"މިހާރު އެމްނީޝިއާއިން ރިކަވާ ވީތަ؟ ނޫނީ އެއްބަސްވާން ހިތަށް އެރީ؟ " އެލީނާ ދެރަވިއެވެ. ކިޔާން ކަންތައް ކުރިގޮތުން އޭނަގެ ހިތުގައި ކޮންމެވެސް ވަރެއްގެ ފޫހިކަމެއް އުފެދުނެވެ. ނަމަވެސް މިރޭ ގުޅުމުން އަނެއްކާ ކިޔާންއާއި ވާހަކަދައްކާލާ ހިތްވެއްޖެއެވެ.

"އެލީނާ. އައިމް ސޮރީ. މާޒީގައި އެ ހިނގި ކަމުގެ މައްޗަށް ވަރަށް ރިގްރެޓްކޮށްފިން. އަހަރެން އެކަންޏެއްނޫން ބަދުނާމުވާނީ. އެކަނި އަހަރެންގެ ރެޕިއުޓޭޝަނަށް މިކަމުގެ އަސަރު ކުރާނެނަމަ ވަރިހަމަ. އަހަރެން މި ވިސްނަނީ އެލީނާއާއިމެދު. ޝައުންއާއިމެދު. ދެދަރިންނާމެދު. އެޓްލީސްޓް ކުދިންނަށްޓަކާ އެލީނާ ޕާސްޓް ހަދާންނައްތާލަފައި މޫވްއޮން ކޮށްބަލަ. ޕްލީޒް. ފޯ ގޯޑްސް ސޭކް....." ކިޔާން ވާހަކަދެއްކިއެވެ.

"ކިޔާންގެ އަޑުން ޑެސްޕެރޭޓްވެފައި ހުރި ކަން އެނގިއްޖެ. އެންމެ ރަގަޅު އަހަރެން ހަދާން ނައްތާލަފާނަން. އެކަމަކު އަހަރެން ސުވާލެއް ކުރީމެއްނު. އެ ސުވާލުގެ ޖަވާބު ނުލިބޭ......." އެލީނާ ހުއްޓުނީ ބެލްކަނީގައެވެ.

"ކޮން ސުވާލެއް؟ " އެލީނާ އެހިއެވެ.

"ޓްވިންސްގެ ބައްޕައަކީ ތިއީ ކަމަށް ވެއްޖެއްޔާ....."

"ވަޓް؟ " ކިޔާންގެ އަޑު ވާރޭގެ ތެރެއިންވެސް އިވުނީ ތަންކޮޅެއް ބާރަށެވެ.

"ކިޔާން. ލިލީގެ ލޮލަކީ ހަމަ ކިޔާންގެ. އެހެން މީހަކަށް ނޯޓިސް ނުވަނީ ކީއްވެތަ؟ "

"އެކަމަކު ލޫކާއަކީ ޝައުންގެ ކޮޕީއެއް...ސޯ.........."

"ތިއީ ޑޮކްޓަރެއް. މަދު ހާލަތެއްގައި ނަމަވެސް ޓްވިންސްއިންގެ ބައްޕަ ތަފާތުވެދާނެކަން ރަގަޅަށް އެނގޭނެ؟ ވީއިރު ލިލީގެ ޑީއެންއޭ ޓެސްޓެއް ހައްދާ. ލިލީގެ ބައްޕައަކީ ކިޔާންއަށް ވެއްޖެއްޔާ ވެދާނެގޮތަކާއިމެދު އަހަރެންވެސް ބިރުގަނޭ. ކޮންމެވެސް މެޑިކަލް އިމަޖެންސީއެއްގައި ނަމަވެސް ޝައުންއަށް އެކަން ޔަގީންވެއްޖެއްޔާ.........." އެލީނާގެ ހިތަށް އެ ޚިޔާލު ކުރިންނެއް ނާދެއެވެ. އެ ޚިޔާލުގެ ބިރުވެރިކަމުން އޭނަގެ ގައިންވެސް ހީބިހި ނަގައިގެން ބިރުވެރިކަމުގެ ރާޅަކަށް ފަހު ރާޅެއް ހަށިގަނޑަށް ޖަހަންފެށިއެވެ. ނޭވާކުރުވެ ހަތަރެސްފައި ފިނިވެލައިފިއެވެ. ލޫކާ ޝައުންއާއި ވައްތަރުވުމުން މިހުރިހާ ދުވަހު އޭނަވެސް އެކަމާ ވިސްނާލާފައެއް ނުވެއެވެ. ނަމަވެސް ކުއްލިއަކަށް ހީވީ ކިޔާންގެ ލޯ ކުރިމަތީގައި ތަސައްވަރުވެ ލިލީ ފެނުނުހެންނެވެ.

"އަހަންނަކަށް ނޭގޭ....."

"ގޯސްހެދީ ކިޔާން. އެ ކުށް ރަގަޅުކުރަން ހަދަންވީ ގޮތް އެނގޭނީ ކިޔާންއަށް. ލިލީގެ ޑީއެންއޭ ކޮންމެވެސް ގޮތަކުން ޓެސްޓްކުރޭ..އައިމް ސްކެއާޑް ޓޫ. ކިހިނެއްހަދާނީ؟ " އެލީނާ ފޯނު ބޭއްވީ ޝައުން ފެނިފައެވެ. އެލީނާގެ ހާސްކަން ޝައުންއަށް ކިތަންމެ ރީއްޗަށްވެސް އޮޅުން ފިލިއެވެ.

"އެއީ އާއިޒާ........"

އޭނަ ނާހަނީސް އެހެން ބުނުމުން ޝައުންއަށް މަޖާވެ ކުޑަކޮށް ހިނި އަންނަ ގޮތްވިއެވެ. އެލީނާއާއި އާއިޒާގެ އެއޮންނަ މަޖާ ގުޅުމަކާއިހެދިވެސް މީހަކު ހިނި ނާންނާނެހެއްޔެވެ؟އެހާ ހާސްވީ ދެން ކީއްވެހެއްޔެވެ؟ އާއިޒާ ވެއްޖެއްޔާ އެލީނާ އަށް އެވަރުވާންވީ ސަބަބެއް ނޭގުނެވެ. މޮންސްޓާއެއް ފެނުމުން ވާފަދަ ގޮތެއް ވެފައެވެ.

 

***

ވިޝާ އަށް ޑޮކްޓަރ ޖިލްވާ ކެންސަރަށް ހޭލުންތެރިކަމުގެ ޕްރޮގްރާމް ބާއްވާގޮތް ކަމުނުދިޔައެވެ. ޖިލްވާގެ ފޮނިކަމާއި ކިބުރުވެރިކަން ހެދުން އަޅާގޮތް އަދި މާ ގަދަޔަށް މޭކަޕްކޮށްފައި ހުރެ ތުއިވާވަރުން ސިއްހީ ކަމަކަށްވުރެ ފެޝަން ޝޯއަކަށް އަރާ މީހެއްފަދައެވެ. ޖައިޝްއާއި ކިޔާން މިލާންމެން ފަދަ ޑޮކްޓަރުންނާއި މާ ވަރަކަށް "ފްލާޓް" ކުރާކަންވެސް ވިޝާއަށް ފާހަގަކުރެވުނެވެ. ކެމީލާ ބަލިވުމުން ހަމްދަރުދީވެގެން ހެޔޮކޮށް ހިތިޔަސް ކޮންމެ ކޮންމެ މީހަކަށް އޯގާތެރިވެ އެމީހެއްގެ ނުބައިކަން ނުދެކެން ލޯ މަރަލާއިގެން ހުރުމަކީ އޭނަގެ މިޒާޖު ތަންދޭ ކަމެއް ނޫނެވެ. ޑޮކްޓަރ ޖިލްވާގެ ބަދަލުގައި ބުރުގާ އަޅާ ޑޮކްޓަރަކު ހަމަޖެއްސީ ވިޝާ ބާރު އަޅައިގެންނެވެ. އޭނައަށް ވެވޭނެނަމަ ސްކައިމޯ ހޮސްޕިޓަލުންވެސް ޖިލްވާ ވަކިކުރުވީހެވެ. އެކިމީހުން ފަހަތު އަޅުވަމުންގޮސް މިހާރު ޝައުންއާއި އަޅައިގެން އުޅޭކަން ފާހަގަވުމުން ވިޝާ އަދި އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ. މީސްމީހުންގެ ފިރިން ފަހަތުން ދުވާ ޒާތުގެ އަންހެނުންވެސް އުޅެނީއެވެ.

 

***

ތައިމޫރުއާއި ސޯފިއާ ކެމީލާއަށް ކިތަންމެހާވެސް ހެވެވެ. އާތިކާއަށްވެސް ވީ އެކަހަލަ ގޮތެކެވެ. ކެމީލާގެ ރަގަޅު ސިފަތައް ފެނުމުން އެކުއްޖާދެކެ ރުޅި އާދެވޭނީ އެގޭގެ ކޮން މެމްބަރަކަށް ހެއްޔެވެ؟ އެކުއްޖާ އެހެން އެންމެނަށް އެހާ ރަގަޅެވެ. ޚާދިމާއިންނާ ބައިވެގެން މަސައްކަތްކޮށް ފްރެންޗް ކާއެއްޗެހި ކައްކަން ދަސްކުރިއެވެ. ތަފާތު ވައްތަރުގެ ކޭކު ހެދުމުގެ ފުރުސަތު ލިބުނެވެ. ވިޕްޑް ކްރީމް ޑަބަލް ކްރީމް އަދި ކްރޭމް ފްރޭޝް ގްރީކް ޔޯގަޓް ކޮޓެޖް ޗީޒް އަދި ސިލްކެން ޓޮފޫފަދަ ކިތަންމެ އެއްޗެއް އެގޭ ގެ ގެއެއްވަރުގެ ބަދިގެތެރެއިން ލިބެއެވެ. ބަދިގެ ފެނުނަސް ކެމީލާގެ ދެލޯ ދިއްލެއެވެ. އެހީވަނީ އެކަނި ބަދިގޭގެ މަސައްކަތަކާ ނޫނެވެ. ކާރު ދޮންނަން މީހަކު އުޅެންޏާ ބައިވެރިވާނެއެވެ. ޕޮޓްގައި ގަހެއް އިންދަން އުޅެންޏާ އެންމެ ގާތުގައި އިންނާނީ ކެމީލާއެވެ. އާތިކާ ބުނާ ކޮންމެ ކަމެއްވެސް ދެބަސްވުމެއްނެތި ކުރާނެއެވެ. އެންމެންގެ ހިތުން މަގާމެއް އަތުލައިގަންނަން ކެމީލާ ދެތިން ދުވަސްވެސް ނުނަގައެވެ. އަދި އެހާ ލަދުރަކިއެވެ. ބުރުގާ ނަގަންވެސް މިހާރު އޭނައަށް ނުކެރެއެވެ.

ހެނދުނު ކެމީލާ ތެދުވެގެން ގޮސް ބެލްކަނީގައި ހުރި ޕޮޓްތަކަށް ފެންދިނެވެ. ޓެރެސްއަށް އަރާ ބައިގެ ދޮރު ހުޅުވިފައި ހުރިތަން ފެނުމުން އެދިމާލަށް ދެވުނެވެ. އެތާ އުޅެނީ ކާކުބާއެވެ. ބޭބެމެންނަށް ކޮފީ ގެންގޮސްދޭން ވީ ކަންނޭގެއެވެ. ސަލާމް ގޮވައިލިއިރު ހުރިހާ އެންމެން އެތާގައި އުޅެއެވެ. އެންމެންވެސް ހަމައެކަނި ބޮކްސާތަކުގައެވެ. ޕޫލަށް އެރެން ވެގެން ކަން ނޭގެއެވެ. ކެމީލާގެ މޫނަށް ހީވީ މަޑު ފިޔާތޮށިކުލައިގެ ބްލަޝާއެއް ޖައްސައިލިހެންނެވެ.

"މޯނިން ލިޓްލް ސިސް......" ކައިދަން އާއި ޒުބްނާން ސަލާމް ކުރިއެވެ.

"އެއްވެސް ކުއްޖަކު ކޮފީ ބޯނަންތޯ؟ " ކެމީލާ ހީލިއެވެ.

"ޔެސް ޑާލިން...ޕްލީޒް." ލޭކެން ބުނެލިއެވެ. އަރައިގެން އަންނަ އިރުގެ ދޯދިތައް އެ ހުދު އިސްތަށިގަނޑަށް އެޅިފައިވާއިރު ޖާދުވީކޮށް ފެންނާން ހުއްޓެވެ. އޭނަގެ ދޮންތިއާއި އެންމެ ގުޅޭ ބޭބެއަކީ މިއީއޭ ހިތަށް އެރިއެވެ.

އިރުކޮޅެއްނުވެ ކެމީލާ ކޮފީ ޖަގެއްގެނެސް ކޮންމެ ޒުވާނަކަށް ކޮފީއެއް އަޅާދިނެވެ. ޖުއާން އޭރު އޮތީ ފެންގަނޑުތެރޭގައެވެ.

"ކެމީލާ. ކޮންމެވެސް ކުއްޖަކު ބުނި އަރީޖް ސްކޫލުން ކެނޑިގެން އޭނަގެ ރަށަށް ހިގައްޖެޔޯ. ސްކޫލް ފީ ނުދެއްކިގެން. އެކުއްޖާގެ ބޭބެ ވަރަށް ފަހުން މަރުވީ ދޯ...."

ކެމީލާގެ މޫނުމަތި ހުދުވެ ބަލަން ހުރެވުނީ ކަންބޮޑުވެފައިވާ ނަޒަރަކުންނެވެ.

"ނޭގޭ ދޯ. އަހަރެން ހީކުރީ ބެސްޓީ ވީމަ އެނގޭނެކަމަށް.." ޖުއާން ޕޫލްގެ އަރިމަތީ ހިފަހައްޓާލައިގެން އޮތްވާ ކެމީލާ ކޮފީއެއް ކައިރީގައި ބެހެއްޓިއެވެ. އަދި އެނބުރުނީ ލޮލުގައި ގިނަވި ކަރުނަތައް ނުދައްކަން ވެގެންނެވެ. އަރީޖް އޭނަގެ ގާތުގައި ނުބުނެ ފުރައިގެން ދިޔައީ ކީއްވެހެއްޔެވެ؟ އޭނަ އަރީޖްއަށް އެހީވާން ބޭނުމެވެ. އޭނައަށް ކުރި ޚަރަދުތައް ދޮންބެއަށް ކޮށްދެވޭނެ ނޫންހެއްޔެވެ؟ މިހާރު ދޮންބެ އޭނަގެ އެއްވެސް ޚަރަދެއް ބަލަން ޖެހެނީއެއް ނޫނެވެ.

އަރީޖް ކޮންމެ ތަނެއްގައި ހުއްޓަސް އޭނަ ހޯދާނެއެވެ.

ކުއްލިއަކަށް ކެމީލާގެ ބޮލަށް އެނބުރުން އަރާ ގޮތްވުމާއެކު ވެއްޓެން ދިޔައެވެ. ޒުބްނާންއަށް ހިފެހެއްޓުނީ ތަންކޮޅެއް ގާތުގައި ހުރި ކަމުންނެވެ.

މިފަހަރުވެސް ތާނީ ކީމޯ އަޅަން ހިއްސާކުރަން ޖެހުނީ ކެމީލާއާއި އެއްކޮޓަރިއެކެވެ. ކެމީލާ ނަމާދުކޮށް ހަދާތަން ފެނުމުން ވަރުބަލިވެފައި އޮތް ތާނީއަށް އެ މަންޒަރު ބަލަން އޮވެވުނެވެ. ހަމަ ހަގީގަތުގައިވެސް ކެމީލާއަށް ނަމާދުން ހިތްހަމަޖެހުން ލިބެނީހެއްޔެވެ؟ އޭނަ ނަމާދުކުރަން އުޅުނަސް ވަރުބަލިވެ ނިދޭގޮތްވެދެއެވެ. އެއްވެސް ހަމަޖެހުމެއް ލިބެނީއެއް ނޫނެވެ. ތާނީއަށް ނޭގޭ ކަމަކީ ހެއްދެވި ފަރާތާއި އޮތް ގުޅުން ވަރުގަދަވެ ރަހުމަތަށް އެދުންވެރިވެ ޚުޝޫއަތްތެރިކަމާއެކު މާތްﷲއަށް އަޅުކަން ކުރުމުން ހިތަށް އެލިބޭ ރޫހާނީ އުފަލާއި އެ ފޮނިކަން ކޮންމެ ކޮންމެ މީހަކަށް އިހުސާސް ނުކުރެވޭނެކަމެވެ. ގުރުއާން ކިޔެވުމުންވެސް ވާނީ ހަމަ އެފަދަގޮތެކެވެ. މާތްﷲ ގެ ކަލާމްފުޅު އިވުމުން ބައެއްފަހަރު ކާފަރުންގެ ހިތަށްވެސް އަސަރުކުރުވައެވެ. އެފަދަ އަސަރެއް ނުކޮށްފިއްޔާ އެއީ އެކަމާ އަމިއްލަ ނަފުސާއި ސުވާލުކުރަން ޖެހޭ ކަމެކެވެ.

"ހޭއި ކެމީލާ" ތާނީ އެނދުގެ ހެޑްބޯޑަށް ލެނގިލައިގެން އިށީނެވެ.

"ކިހިނެއް؟ ރަގަޅުތަ ތާނީ..." ކެމީލާ ނަމާދުކޮށް ނިމިގެން މުސައްލަ ނިކަން ރީތިކޮށް ފަތް ޖަހާފައި ކަބަޑަށް ލާފައި ތާނީގެ ގާތަށް އައެވެ.

"މައި ހެއާ އިޒް ފޯލިން..." ތާނީ އިސްތަށިގަނޑުގައި އަތް ލުމުން އިސްތަށި ބޮނޑިވަރެއް ލުހިގެން އައެވެ. " ކެމީލާ ބުރުގާ އެޅީ އިސްތަށި ފައިބާތީތަ؟ އާ ޔޫ ގެޓިން ކިމޯ ޓޫ "

"ނޫން. އެޕްލާސްޓިކް އެނީމިއާގެ ވަރަށް ސިވިއާ ކޭސްތަކަށް ކީމޯ ދޭހެން ހީވޭ. ޔަގީނެއްނޫން. އަހަންނަށް ދިނީ އޭޓީޖީ ކިޔަ ޓްރީޓްމެންޓެއް. އެކަމަކު އެވެސް އަސްލު ބަލީގެ ފަރުވާއެއްނޫން. ބޯންމެރޯ ހަދަން ޖެހެނީ...." ކެމީލާ ބުނެދިނެވެ.

"ކީއްވެ އެހާ ގަޑިން ޕްރޭ ކުރަނީ؟ ސްޓެމިނާ ހުރޭތަ؟ އަހަރެން...ވަރަށް ވީކް...." ތާނީ މޮޅިވެރިގޮތަކަށް ބުނެލިއެވެ.

"މޭނުބައި ކުރަންޏާ ކިއްލި ކަހަލަ އެއްޗެއް ރަގަޅުވާނެ. ނޫނީ މިންޓް ކެންޑީ ކިހިނެއްވާނެ.." ކެމީލާ އަވަހަށް ގޮސް ދަބަސް ހުޅުވާލާފައި ކިއްލިއަކާއި އެއްޗެހި ގެނެސް ތާނީއަތަށް ދިނެވެ. ތާނީ ކުޑަކޮށް ހީލިއެވެ.

"ތެންކިއު..."

"ތާނީ ގިނަގިނައިން ދުޢާކުރައްޗޭ. އިރާދަކުރެއްވިއްޔާ ރަގަޅުވާނެ. އެނގޭތަ؟ ޝިފާގެ އާޔަތްތައް ނޫނީ އަލްހަމްދު ކިޔަވާފައި ގައިގާ ފިރުމާލިޔަސް އަސްލު ވަރަށް ފަސޭހަވޭ. އަމިއްލައަށް ރުގުޔާގެ އާޔަތްތައްވެސް ކިޔެވޭނެ. ގުރުއާންއަކީ ޝިފާއެއް. މާތްﷲއަށް އިތުބާރުކޮށް ކެތްތެރިވީމަ ވަރަށް އަވަހަށް ބަލިތަކުން ފަސޭހަވާނެ ދޯ. އެކަމަކު އަހަރެމެންނަނަށް ވާ ގޮތަކީ ޝަކުވާ ކުރެވެނީ. މިއުޒިކްގެ ބަދަލުގައި ގުރުއާން އަޑުއަހަން ފެށީމަ ޑިފެރެންސް ފީލްވެދާނެ. އޭރުން މިއުޒިކް އަހާކަށް ބޭނުމެއްވެސް ނުވާނެ.." ކެމީލާގެ ވާހަކަ އުމުރާއި ނުގުޅެއޭވެސް ހިތަށް އެރިއެވެ. އެހެން ދުވަހެއްނަމަ ވަގުތުން ޖަދަލުކޮށް އެއްޗެހި ކިޔުނީހެވެ. ނަމަވެސް މިއަދު ތާނީގެ ހަށިގަނޑުގައި ވަރެއް ނެތެވެ. ހަށިގަނޑަށް މި ފޮނުވާ "ވިހަ" އަކުން އޭނަ ހަލާކުވަނީއެވެ. ރޫހުވެސް ނުކުމެދާނެފަދައެވެ. ކާއެއްޗެހީގައި ރަހައެއް ނުދެއެވެ. އަދި ގެއަށްގޮސް ހޮޑުލުމާއި ބޭރަށް ހިނގުން ފަށެއް އޮންނާނެއެވެ.

"އައި ޓްރައި ޓު ޕްރޭ އެކަމަކު.....ކީއްވެ ތިބުނާފަދަ އިހުސާސެއް ނުވަނީ؟ ގޯޑް ޑަޒަންޓް ލައިކް މީ ތަ؟ " ތާނީ ދެރަވެފައި އެހިއެވެ.

"ތިހެން ނުބުނޭ. ލޯބިވާ އަޅުތަކުންނަށް ދެރަގޮތްގޮތް ނުވާނަމަ އެންމެ ބޮޑު އިމްތިހާނުތަކާއި ކުރިމަތިވީ ﷲ އެންމެ ލޯބިވާ ރަސޫލުންނާ. ވީމަ އެހެން ގަބޫލުކުރާކަށް ނުވާނެ."

އެވަގުތު ރައީސްގެ ދެމަފިރިކަނބަލުން ވަޑައިގަތެވެ. ސޯފިއާ ކެމީލާ އެޑޮޕްޓްކުރި ވާހަކަ ޖުއާންވެސް ނުބުނެއެވެ. މިއަދު ދެކެވުނު ވާހަކަތަކުން އެކަން ފާހަގަވެ ފަހުން ސުވާލުކުރުމުން އެކަން ޔަގީންވިއެވެ. ތާނީއަށް އޮވެވުނީ ހައިރާންވެފައެވެ.

ކެމީލާފަދަ ނަސީބުވެރި އަންހެންކުއްޖަކު ދުނިޔެއަކު ނުވާނެއެވެ.

***

ޒައިރާ ސިއްރު ކަންތައް ކުރާކަން އެނގުނަސް އެލީނާ ހުންނަނީ އެއްޗެކޭ ނުބުނަން ކެތްކޮށްލައިގެންނެވެ. ނަމަވެސް އޭނަ އެހާވަރުން ގެނުވި ލަޑޫރޭ ކެމަރޮން ފޮށިތަކެއް ނެގިކަން ކެމެރާއިން ފެނުމުން ޒައިރާއާއި ދިމާލަށް ރުޅިއައިސްގެން ބަވައިލިއެވެ. ލިލީއާއި ލޫކާވެސް ކަންބޮޑުވެފައި ބަލަން ތިއްބައެވެ. ނުވީތާކަށް ލޫކާގެ އަތުގައި ހިފާ ދަމާ ކޫއްތަމުންގޮސް ކޮޓަރިއަށް ލާފައި ތަޅުލިއެވެ. ލިލީ ރޯންފެށިއެވެ.

"ޒައިރާ ހަމަ މިހާރު ދޭ. ތިހިީ ވަޒީފާއިން ވަކިކޮށްފައި......."

"އިޓްސް އޯކޭ. މިއުޅެނީ ވަންނާނެ ތަނެއް ނޭގިގެނެއް ނޫން. މައި ބްރަދާ ކިޔާން އިޒް އެ ޑޮކްޓަރ އިން ސްކައިމޯ ހޮސްޕިޓަލް. ސާޖަންއެއް. ވީއިރު ތިގޮތަށް ހާސް ވަޒީފާއިން ކަނޑާލިޔަސް އަދި ނުސިހޭނެ. އެހެންނޫނަސް ތިހާ މުއްސަދި ބަޔެއްގެ ފްރިޖްގައި ހުންނަ ބިސްކޯދެއް ކާލީމަ ތިހާ ރުޅި އަންނަންޏާ ދަހި މީހުންގެ ގާތުގައި އުޅޭހިތެއްނުވޭ. އަހަރެމެން ފަގީރުވިޔަސް މާ ޖެނެރަސްވާނެ. މިސާލަކަށް ބުނެފާނަން. ކިތަންމެ ދުވަހު ލޫކާއަށް މީރުވެގެން އުޅޭތީ ގޭގައި ހުންނަ ކޭކުތައް ގެނެސްދެން. ހަމަ ފްރީކޮށް. ސޯ. އައި ގެސް ރިޗް އަދި ޕުއާގެ ހުރި ތަފާތަކީ މިއީ. މުށްބާރުކަން........." ޒައިރާ ފާޑަކަށް ހިނި އައިސްފަ ކޮނޑު އަރުވައިލިއެވެ. ކިޔާންއަކީ އޭނަގެ ދޮންބެކަން ހާމަނުކޮށް ހުރުމުގެ ބޭނުމެއް ދެން ނެތްވިއްޔައެވެ. ވަޒީފާ ގެއްލުނު ހިސާބުން ފެށިގެން އޭނައާއި މިގެއާއި އޮތްހާ ގުޅުމެއް ކެނޑިއްޖެއެވެ.

އެލީނާ ސިހުނުގޮތަށް އަނގަ ހުޅުވިއްޖެއެވެ.

ޒައިރާ ހީކުރީ މައްސަލައަކީ އޭނަގެ ޖުމްލަތަކުން ހިތުގައި ޖެހުނީ ކަމުގައެވެ.

ލިލީއަށް ލިބުނު ފުރުސަތުގައި އައިސް ޒައިރާގެ އުރަށް އެރިއެވެ. އޭރު ނީވްވެސް އެއްފަރާތުގައި މަންޒަރު ބަލަން ހުއްޓެވެ.

"ޕްލީޒް ދޯންޓް ގޯ ދޮންތީ....." ލިލީގެ މާމުޔަށް ވުރެ ފޮނި އަޑު އިވުމުން ޒައިރާގެ ހިތް ވިރިގެން ފައިބައިފިއެވެ. އެތުއްތު މޫނުކޮޅަށް ދޮން ދިނެވެ.

"ހޫމް ޒައިރާ. އަހަރެން އެހެން ބުނީ ކަމަކާ ރުޅިއައިސްގެން. އަހަންނަށް އެނގޭ ކުދިން ޒައިރާއަށް އެޓޭޗް ވެފައިވާވަރު. ވަޒީފާއިން ކަނޑާލީއޭ ބުނީ ރުޅިން. ކޮންމެހެން ބިސްކޯދުކާތީ އެއް ނޫން...." އެލީނާ ބާރުބާރަށް ހިނގާފައިގޮސް ކޮޓަރިއަށް ވަދެ ދޮރުލެއްޕުމުން ޒައިރާ އާއި ނީވް މާނަވީ ހިނިތުންވުމެއް ބަދަލުކޮށްފައި ހޭންފެށިއެވެ.

***

ލޫކާއާއި ލިލީ އަދި އެލްފް ގޮވައިގެން ކާރުން ފޭބި ޒައިރާއަށް ކިޔާން ފެނުމުން ގޮސް އަތާ އަތްޖެހިއެވެ. ކިޔާން ފެނުމާއެކު އެލްފްވެސް ލޫކާ އަތުން ލޫދިގަނެގެން ގޮސް ކިޔާންގެ އުރަށް އެރިއެވެ. ކިޔާންގެ ނަޒަރު ހުއްޓުނީ ލިލީގެ މޫނަށެވެ. އެހެން ދުވަހާއި ތަފާތު ނަޒަރެކެވެ. ލިލީ ފެނުމުން ޖަޒުބާތީވެވި މިއަދު ލޯ ތެމޭގޮތްވިއެވެ. ޒައިރާގެ އުރުގައި ހުރި ލިލީވެސް ކިޔާންއާއި ރުހޭފަދަ ގޮތަކަށް ބަލަން ހުރުމުން އިރުކޮޅެއްވާންދެން ކިޔާންއަށް ބަލަން ހުރެވުނެވެ.

"އިޒްންޓް ޝީ އެ ޑޯލް؟ ޕްރައިމޯޑިއަލް ޑްވާފިޒަމް ކުއްޖަކަށްވީމަ ލޫކާހެން އިސްކޮޅުން ދިގުނުވެ ކުޑަ ތަމްބްލީނާއެއް ގޮތަށް ހުރީ. އަދި އެހާ ލުއި. ސީމްސް ޝީ ލައިކްސް ޔޫ ދޮންބެ. އުރާލަބަލަ. ކެމީލާވެސް މި ކުދިން ފެނިއްޖެއްޔާ މޮޔަވާނެ ހަމަ........" ޒައިރާ ކުއްލިއަކަށް އަނެއް އަތަށް ލިލީ ލާ ދީފިއެވެ. ކިޔާންގެ ހިތް އަވަސްވިއެވެ. މިއީ ހަމަ އޭނަގެ ލޭހެއްޔެވެ؟ އަޖައިބުވަނީ ވިޔަސް ނުވިޔަސް އެކުއްޖާއާއިމެދު އަޖައިބެއްފަދަ ލޯތްބެއް އުފެދިއްޖެކަމެވެ. ވެދާނެއެވެ. އޭނަ ކުޑަކުދިންދެކެ ލޯބިވާވަރުންނެވެ. ޚާއްސަ ކުއްޖަކަށް ވީމައެވެ. ބަލި ކުއްޖަކަށްވީމައެވެ. ލޫކާ ގޮސް މާމަގެ ކައިރިއަށް ގޮސް ކިއްލިކޮޅެއް ހޯދަން މަސައްކަތް ކުރަން ފެށުމުން މާމަ ކިއްލިކޮޅެއް އަނގަޔަށް ލާ ދިނެވެ. ލޫކާގެ ތުންފަތްކޮޅު ކުރިއަށްވުރެ ރަތްވިއެވެ. މާމަގެ ހަށިގަނޑަށް ލެނގިލައިގެން އިނީ އަދިވެސް އެތިކޮޅެއް ލިބޭނެކަމުގެ އުއްމީދުގައެވެ. ކުއްލިއަކަށް ދޮރުމައްޗަށް މީހަކު އެރިހެން ހީވެފައި އެންމެނަށް ބަލައިލެވުނީ ދޮރާއި ދިމާލަށެވެ.

ނުނިމޭ

ކޮމެންޓް 0