اَللّٰهُ يَبۡسُطُ الرِّزۡقَ لِمَنۡ يَّشَآءُ وَيَقۡدِرُؕ وَفَرِحُوۡا بِالۡحَيٰوةِ الدُّنۡيَا ؕ وَمَا الۡحَيٰوةُ الدُّنۡيَا فِى الۡاٰخِرَةِ اِلَّا مَتَاعٌ ޝައުންމާތްﷲ ގުރުއާނުގެ ރައުދު ސޫރަތުގެ ސައްބީސްވަނަ އާޔަތުގައި ވަހީ ކުރައްވާފައިވަނީ "ﷲ އެކަލާނގެ އިރާދަކުރައްވާ މީހަކަށް ރިޒުގު ތަނަވަސްކޮށް ދެއްވާ އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ރިގުޒު ދަތިކުރައްވައެވެ. އަދި ދުނިޔޭގެ ދިރިއުޅުމާމެދު އެއުރެން އުފާކުރެއެވެ. އަދި ދުނިޔޭގެ ދިރިއުޅުމަކީ އާޚިރަތުގެ ދިރިއުޅުމާއި ބަލާއިރު ވަގުތޫ އުފަލެއްކަމުގައި ނޫނީ ނުވެއެވެ. "
***
ޝައުންގެ މޫނުމަތިން ރުޅިވެރިކަމެއް ނުދެއްކިޔަސް އެވާހަކަތައް ހަރުކަށިކަމުން އެލީނާގެ ހިތަށް ނުބައިގޮތެއްވެ ހުއްޓުން އެރިއެވެ. ކުޑަކޮށް އަނގަ ސަކަރާތްވެފައި ބޯ އަރިކޮށްފައި ބެލުނެވެ. މިއީ ޝައުން ކާލައިގެން އަރާ ހުރި އިފުރީތެއްހެއްޔެވެ؟
"ވަޓް؟ " އެލީނާ އެހިއެވެ.
ޝައުން އިވުނު ކަމަށްވެސް ނަހަދާ ފޯނުން ޖުއާންއާއި ވާހަކަދައްކަން ފެށިއެވެ. އަދި ގޭތެރެއަށް ވަދެގެން ދާން ހެދުމުން އެލީނާ ފަހަތުންގޮސް ޝައުންގެ ގަމީހުގައި ހިފާ ދަމައިގަތެވެ. ޝައުން މަޑުމަޑުން އެނބުރުމުން ދެންވެސް ދޫކޮށްލާކަށް ނޫޅުނެވެ. ކަޅިއަޅައިގެން ހުރެ ހިފާލިގޮތަށް ހީވީ ގަމީހުގެ ގޮށްފަތިވެސް ވީދާލާފާނެހެންނެވެ. އަތުގައި ހުރި ހުރިހާ ބާރެއް ލާ ދަތްތައް ވިކުމުންވެސް އެކަން ކުރެވުނުކަމަކަށް ނުވިއެވެ. ރުޅިން ފޯވެފައިވާ ކުޑަ ސިންގާއެކޭ ތަފާތެއް ނެތެވެ. ކަރުތެރެއިން އަޑެއްވެސް ނެރުނެވެ. އެލީނާ ގެ އަތަށް ތަދުވުމުން މޭގައި އަތް އަޅާ ކޮށްޕާލާފައި ދުރަށް ޖެހުނެވެ.
"އަނގައިގަ ޖުމްލައިގެ އެއްބައި އޮތްވާ ގެއަށް ނެނީއެއް ގެނެވޭތީ ހައިރާންވެއްޖެ. އަނެއްކާ ސިއްރު ލޯބިވެރިޔާތަ؟ " އެލީނާ ފުންކޮށް ނޭވާތަކެއް ލަމުން ރުޅި ފިނިކުރާން މަސައްކަތްކުރިއެވެ. ޝައުން ހަމަޖެހިލައިގެން ސޯފާއެއްގައި ޖައްސައިލަމުން ލެނގިލިއެވެ. އެއް އަތް ސޯފާގެ އަތްގަނޑުގައި އަރާމުގޮތަކަށް ބާއްވައިގެން ކުޝަންއެއް އުނގުގައި ބާއްވައިގެންނެވެ.
"ޑޭމިޓް. ކިހިނެއް ހަަދައިދޭންވީ؟ އަހަރެން މިގެއިން ދާންވީތަ؟ " ޝައުންގެ އެ ޖުމްލައާއެކު އެލީނާ މައިތިރިވެއްޖެއެވެ.
"ނޫން....." އެލީނާ ހިންދިރުވައިލިއެވެ.
"އެހެންވިއްޔާ ބޭކާރު ވާހަކަ ނުދައްކާ ހުރެ ބަލަ...."
"ޑެވިލް.."އެލީނާ ދަތްތަކުގެ ތެރެއިން ކިރިޔާ އިވޭވަރަށް ކިޔާލައިފިއެވެ. ޝައުންއަށް އޭނަގެ ބަލިފައި އެނގި އަރައިރުންވެލާ އިރަށް ދެން އެތަނަށް ވަރި އެ ލަފުޒު ނުލައިފިއްޔާ ވެދާނެއެވެ.
އިތުރަށް އަރައިރުންވެ ޖަދަލުކުރާނެ ފުރުސަތެއް ނުލިބުނީ އެވަގުތު ޕާކްކޮށްލި ކާރުން ޖުއާން އާއި ލޫކާ ފޭބިތަން ފެނިފައެވެ. ޑްރައިވަރު ކާރު ދުއްވާލުމުން ޖުއާން ލޫކާ ކޮނޑަށް ލައިގެން އައިސް ގެއަށް ވަނެވެ. ކަނައަތުގައި ކްރެޕް ބެންޑޭޖެއް އޮޅާލާފައެވެ. ޝައުން ފެނުމާއެކު އުނގަށް ވަނެވެ. ލޫކާ ވަރަށް އުފާވެފައި އޭނަގެ ބައްޕައަށް އަތް ދައްކާލައިފިއެވެ. ޖުއާން އާއި ޝައުންގެ އެހެން ކޮއްކޮމެންނާއި މަންމައާއި ބައްޕަ ބެންޑޭޖް މަތީގައި ސޮއިކޮށް އަވަހަށް ޝިފާ ލިބުމަށް އެދި މެސެޖްތައް ލިޔެފައި ހުއްޓެވެ. ޝައުންއާއި ލޫކާ ނިތްކުރި ޖައްސާލައިގެން އިރުކޮޅެއްވާންދެން ތިބި މަންޒަރު ފެނި އެލީނާ ނުތަނަވަސްވިއެވެ. ޖުއާންވެސް އިށީނީ އޭނަގެ ބޭބެއާއި ޖެހި ފިތިގެންނެވެ. ހޮސްޕިޓަލަށް ގެންދިޔުމަށްފަހު ވީހާގޮތެއް ކިޔާދިނީ ފްރެންޗު ބަހުންނެވެ. އެކަމާ ރުޅިގަދަވެގެން ގޮސް އެލީނާ އިނީ ހިތާހިތުން އެތިވަރު ގޮވައެވެ. އުޅެއުޅެ އޭނައަށް ފްރެންޗު ބަސް ދަސްކުރެވޭ ގޮތެއް ނުވިއެވެ. އެދެއްކި ވާހަކަތައް ނޭގުމުން ވަކިން ބޮޑަށް ރުޅިގަދަވެ ސުވާލުކުރަން އުޅެފައިވެސް ހިމޭންވިއެވެ.
"ހިނގާ ހުރިހާ ކުދިން ކޮފީ ބޯލަން..." އެލީނާ އިހުސާސްތައް ފޮރުވާފައި ހީލިއެވެ. މޫނު އަލިކަމުން ވޮށެއް ފަދައެވެ.
"ދޮންބެދައްތާ. ކޮބާ ލިލީބަޑް..."ޖުއާން ތެދުވެގެން ހިނގައިގަތެވެ.
"އާއިޒާއާއެކު އެގެއަށް ދިޔައީ. ކުދިން އަދިވެސް އާއިޒާއާއި އެކު ޓައިމް ސްޕެންޑްކުރަން ބޭނުންވޭ..." އެލީނާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.
" ކުޑަ ޕޯސްލިން ޑޯލްއާއި ދިމާނުވެ ގެއަކަށް ނުދެވޭނެ.. އަދިވެސް ފްރެޖައިލް ކަމުން ނަގައިލަންވެސް ބިރުގަނޭ. އިޒް ޝީ ރިއަލް ދޮންބޭ........" ޖުއާން އަހައިލިއެވެ. "ސީދާ ފެއަރީޓޭލްއަކުން އައި ކުއްޖެއްހެން ވިއްޔަ. ތުއްތު އެންޖެލްއެއްހެން.."
"ކުފުރުވާކަށް ނުވާނެ ޖުއާން. އިންސާނުންނަށް އެންޖެލްއެކޭ ނުކިޔޭނެ. ޔޫ ޝުޑް ރެޕެންޓް.........." އެލީނާ ހީލާފައި ކިޔައިލިއެވެ.
"ހަހަ. އޯކޭ އޯކޭ. މިއަންނަނީ ބުދު ކޮއްކޮ ގޮވައިގެން." ޖުއާން ލޫކާގެ ކޮލަށް ދޮނެއްދީފައި ދާން ހިނގައިގަތެވެ.
ޖުއާން ލޯމަތިން ގެއްލުމާއެކު ދެއްކި ވާހަކަތައް އޮޅުން ފިލުވަން ސުވާލުކުރުމުން ޝައުން ބުނީ އެލީނާގެ ވާހަކައެއް ނުދައްކާކަމުގައެވެ.
އާއިޒާމެންގެ ހުންނަނީ އެއްގެ ދޫކޮށްފައެވެ. އެ ގޯތިތައް ބޮޑުވެފައި އެހިސާބުގައި މުޅިންވެސް އެއާއިލާގެ ގެތަކެވެ. އެލީނާއަށް ހަދިޔާކުރި ގެއަކީ ބައްޕަ އަމީރުގެ ގޯތިތެރޭގައި އަޅާފައިޥާ ގެއެކެވެ. އަމީރުގެ ގެއާއި ޖެހިގެން ހުރީ އަދުނާންމެން ގެ ގެއެވެ. އެގެ ހުންނަނީ ދިހަ ފްލޯރ ހިމެނޭ ގޮތަށެވެ. އާއިޒާ އުޅެނީ ތިންވަނަ ބައިގައެވެ. އެބައިގެ ކުޑަދޮރުން ބަލާއިރު އެލީނާމެންގެ ގޭގެ ފަހަތުބައި ރީއްޗަށް ފެންނާން އޮވެއެވެ. އެލީނާގެ އެންމެ ގާތް އެކުވެރިޔާއަކީ އާއިޒާއަށްވެފައި ދެބެންގެ ދެދަރިންނަށް ވުމުން އެގުޅުން ފުދޭވަރަކަށް ވަރުގަދައެވެ. އެލީނާ އެއްމާބަނޑު ދެބެން ވިހާފައި ޕޯސްޓްމާޓަމް ޑިޕްރެޝަންއަށް ގޮސްގެން އުޅުނުއިރުވެސް ކުދިންގެ ކަންތައް ބަލަން އާއިޒާ އައިސް އުޅެއެވެ. ކުދިންދެކެ އެލީނާއަށްވުރެ އާއިޒާ ލޯބިވެއެވެ. އެހެން ބޮޑަށް ވީ ފަހުން އަނެއްކާ އެލީނާގެ ޑިޕްރެޝަން މައްސަލަ ބޮޑުވެގެން ބޭސްކުރަން އެމެރިކާގައި އޭނަގެ މަންމަމެން ގާތަށް ގޮސް ހުރި ދުވަސްކޮޅުއެވެ. އޭރު އާއިޒާވެސް ހުރީ އެމެރިކާގައި ކޯހެއް ހަދަން ގޮސްފައެވެ. އެލީނާ އުޅުނީ ކުދިންނާ ދުރުންނެވެ. ކުދިން ފެނުނަސް އޭނަ ފޫހިވެއެވެ. އާއިޒާ އަށް ލިބޭ ހުރިހާ ވަގުތުތައް "ނެނީ"އެއް ފަދައިން ކުދިންނަށް ދީ އެކުދިންނާއި އޮތީ ގާތް ގުޅުމެކެވެ. ކުދިންދެކެ ލޯބިވެ ކުދިންނާއެކު ކުޅޭ ހިތްވާ ކުއްޖަކަށްވާތީ އޭނައަށް އެކަން ބުރަކަމަކަށް ނުވިއެވެ. މިހާރުވެސް އެލީނާގެ ގާތަށް ގިނަގިނައިން ޒިޔާރަތްކޮށް ކުދިން ގެންގުޅުމުގައި އެހީތެރިވެދީ ހަދައެވެ. ޝައުންގެ ހުންނަ މިޒާޖަކުން އާއިޒާއާއިވެސް އަނގައިން ބުނެލަނީ މަޖުބޫރުވެގެން އެއްޗެއް ބުނަން ޖެހިއްޖެ ހާލަތެއްގައެވެ. އެލީނާއާއި އާއިޒާއާއި ދެކުދިން އެއްތަން ވެއްޖެއްޔާ ފުރާވަރުގެ ދެކުދިން ހެން ހީހީފައި ސަކަރާތްޖަހާ ތޫލިކޮށް ހަޅޭއްލަވާފައި އުޅޭނެއެވެ. ކޮރެއާ ޑްރާމާތަކާއި އެމެރިކަން ސީރީޒްތައް އަދި ވާހަކަތައް ކިޔުމަކީ ދެކުދިންގެ އެއްގޮތް ހޮބީތަކެވެ. ޝައުން އަށް އޮޅިގެންވެސް ދެމީހުން ތިބި ތަނަކަށް ދެވިއްޖެއްޔާ ހުނުން ހުއްޓޭގޮތުން ބިރެއް ފެނިގެން ހުއްޓުން އަރާ ފަދައެވެ. އެލީނާއަށް އުފާވެރިކަމާއެކު މަޖާކޮށް އުޅެވެނީ ޝައުން ނެތް ތަންތާއެވެ. ޝައުން ފެނުމުން މިޒާޖު ބަދަލުވާވަރުން ހައިރާންވާނެއެވެ. ނަމަވެސް އާއިޒާ ހުރިތަނެއްގައި އެލީނާ ޝައުންއާއި އަރައިރުންވެ އެއްޗެކޭ ބުނެއެއް ނޫޅެއެވެ. އާއިޒާއަށްވެސް ސިއްރުކުރަން ބޭނުންވަނީއެވެ. އެ ހަގުރާމައިގެ ބައިވެރިޔަކީ ހަމައެކަނި ނީވްއެވެ.
***
ޝައުން އިރުކޮޅެއްވާންދެން އެލީނާއާއި އާއިޒާގެ ހަރަކާތްތައް ބަލަން ބެލްކަނީގައި ހުއްޓެވެ. ދެކުދިން މެކްބުކުން ކޮންމެވެސް އެއްޗެއް ބަލާފައި ހެނީއެވެ. ނޭގޭ ސަބަބަކާހުރެ ޝައުންއަށްވެސް ހިނިތުންވެލެވުނެވެ. އެކުދިން އެހާ ޝައުގުވެރިވެގެން ބަލާ އެއްޗެއް އޮޅުން ފިލުވަން ބޭނުންވިއެވެ. އޭނައަކީ ހަމައެކަނި ޑޮކްޓަރެއްނޫނެވެ. ހެކްކުރުމަށް އޭނަގެ ކުޅަދާނަކަން ކުޑައެއް ނުވާނެއެވެ. ލޫކާއާއި ލިލީ ވިނަގަނޑުމަތީ ބޯޅައެއްގެ ފަހަތުން ދުވެދުވެ ތިއްބެއެވެ. ދޭތެރެއަކުން އާއިޒާގެ ނަޒަރު އެކުދިންނަށް ހުއްޓެއެވެ. އެއްޗެކޭވެސް ބުނެލައެވެ. ނަމަވެސް އެލީނާގެ ނަޒަރު މެކްބުކުން ކައްސައެއްނުލައެވެ. ޝައުންގެ ނަޒަރު ދެން ހުއްޓުނީ ލިލީއާއި ލޫކާގެ ހަރަކާތްތަކަށެވެ. އެއްފަހަރު ލިލީ ވެއްޓެން އުޅުމުން ޝައުންގެ ހިތްވެސް ހުއްޓުނުހެން ހީވިއެވެ. ލޫކާ ނިކަން ހުޝިޔާރުވެ ހުރެ ލިލީ ސަލާމަތްކޮށްފައި ކޮނޑަށް ލައިފިއެވެ. ދެން ބޯޅަ ކޮށްޓަމުން ދުވެ ދުވެ އުޅުނީ ލިލީ އުރާލައިގެން ހުރެއެވެ. އުރާލައިގެން ހުރި ނާޒުކް ކުޑަ ބުދެއް ހެންނެވެ. އާއިޒާ ވީޑިއޯނެގިއެވެ. އެ މަންޒަރުން ޝައުންގެ މުޅި ދުވަސް ރީތިކޮށްލައިފިއެވެ.
އާއިޒާ ލިލީ އުރާލައިގެން ހުރެ ގެއަށް ވަންނާން އައެވެ. ލޫކާވެސް އާއިޒާގެ އަނެއް އަތުގައި ހިފައިގެން އިނގިލި އަނގައިގާ ޖަހައިގެންނެވެ. ޝައުންވެސް މަޣުރިބު ނަމާދަށްދާން ވުޟޫކޮށްލައިގެން ނުކުމެ ދޮރާއި އަރާހަމަވީއެވެ.
"އައްސަލާމް އަލައިކުމް ޝައުން....." އާއިޒާ އަދަބުވެރިގޮތަކަށް ސަލާމްކޮށްލިއެވެ.
ޝައުން ސަލާމްގެ ޖަވާބުދިނެވެ.
"ޑެޑީ. ޕްރޭކުރަން ދާން ބޭނުން.." ލޫކާ ޝައުންގެ އަތުގައި ހިފައިލިއެވެ.
"ލައްބަ ޑާލިން..." ޝައުން ލިލީގެ ފަން އިސްތަށިކޮޅާއި ކުޅެލަމުން އުރާލައިފިއެވެ." ޑެޑީގެ މަންޗްކިން..."
ލިލީވެސް ޝައުންއާއެކު މިސްކިތަށް ނުދެވިގެން މައްސަލަ ޖައްސަން ފެށިއެވެ. އެލީނާ އައިގޮތަށް ލިލީ ނަގަން އުޅުމުން ބޮޑާހާކާ ރޯވައްތަރު ދެއްކިއެވެ. އެ ހިމަ ދެއަތް ޝައުންގެ ކަރު ވަށާލެވުނެވެ.
"މަސްޖިދަށް ދާނީ ބޯއިސްއިން. ގާލްސްއިން ޕްރޭ ކުރާނީ ގޭގައި. ގޭގެ ޕްރެޔާ ރޫމްގައި. ހިނގާ ތިން ކުދިން ޕްރޭ ކޮށްލަން..............." އެލީނާ ގެ އެވާހަކަތައް ގަބޫލުކޮށްގެން ބަސްއަހައިގެން އިނީ ޝައުންވެސް އެވާހަކައަށް ބާރުދޭން އެއްޗެއް ބުނުމުންނެވެ. އެލީނާ ލިލީ ނަގާފައި މޫނުކޮޅުގައި ބޮސްދިނެވެ.
ޝައުން އެލީނާގެ ލެޕްޓޮޕް ހުޅުވާލާފައި ހިސްޓްރީ ބަލައިލިއެވެ. ހައިރާންވެ އަންތަރީސްވިއެވެ. އެލީނާމެން އެގަޑީގައި ބަލާފައިވަނީ މުޅިންވެސް އަންހެން މޮޑެލްއިންގެ އިމޭޖްތަކެވެ. ބިކިނި ފޮޓޯތައްވެސް ބަލާފައި ހުއްޓެވެ. އެމޮޑެލްއިންގެ ވީޑިއޯތައްވެސް މެއެވެ. ނުބައި ޚިޔާލުތަކެއް ސިކުނޑިއަށް ވަންނާން އުޅެފައިވެސް ޝައުން އެޚިޔާލުތައް އެއްފަރާތްކޮށްލައިފިއެވެ. އޭނައަށް ދުވަހަކު އަންހެންކުދިން ދަހެއް ނުވާނެއެވެ. އެލީނާ އެކަންޏެއްނޫނެވެ. އާއިޒާވެސް "ވިއާޑް"ތާއެވެ. އޭނަ މިހުރިހާދުވަހު ދެކެނީ އެލީނާއާއެކު އުޅުނަސް އާއިޒާގެ ސިފައާއި އެއްގޮތަށް މިިޒާޖާއި ޝަޚުސިއްޔަތުވެސް ހަރުދަނާވެ ތަފާތުވާނެ ކަމުގައެވެ. ނަމަވެސް ފެނުނީ އެހެން ކުލައެކެވެ. އޭނަ ފެނިއްޖެއްޔާ އާއިޒާ ޖެހިލުންވިޔަސް އަނގައިން ބުނެލާފައި ނޫނީ ނުދާނެއެވެ. ހިނިތުންވެލާނެއެވެ. ގިނަގިނައިން ހިނިތުންވާން ދަންނަ މޫނު އަލިކުއްޖެކެވެ. އެލީނާ އޭގެ ދިމާ އިދިކޮޅެވެ. ތާއަބަދު ނިތަށް ރޫ އަރުވާލައިގެން ބުމަ ކައިރިކޮށްގެންނެވެ.
***
ކެމީލާ ގަނޑުފެން ގަނޑެއް އަނގަޔަށް ލިއެވެ. މިދުވަސްކޮޅު އޭނަ ގަނޑުފެން ކާން ފާޑަކަށް ދެވި ހިފާފައެވެ. އޭނަ މޭޒުމަތީ ހުރި ތަށިތައް ގެންގޮސް ސިންކަށް ލުމަށްފަހު ގަޔާވެލާފައި ސައިބޯނިލާން ފެށިއެވެ. ތަށިތައް ދޮންނަން އަމިއްލައަށް ހަވާލުވަނީވެސް އޭގައި ދުވާ މީރުވަހަކުން ހިތްހަމަޖެހުން ލިބޭވަރުންނެވެ. ސައިބޯނި ބޮކިތަކާއި ކުޅެމުން އޭގައި ވަސްގަންނަމުން ތަށިތައް ދޮވެ ނިންމާފައި ހަރުގައި ޖަހަންފެށިއެވެ. ކުއްލިއަކަށް ނޭފަތުން އެއްޗެއް އަންނަހެން ހީވެގެން ދުވެފައިގޮސް ކޮޓަރިއަށް ވަދެ މޫނަށް ބަލައިލިއެވެ. ރަތްކުލައިގެ ލޭ އަންނަތަން ފެނި އަވަހަށް ޒައިރާގެ ދަބަސް ހުޅުވާފައި ޓިޝޫއެއް ނެގިއެވެ.
"ކިހިނެއްވަނީ؟ "ޒައިރާ ގަަދަޔަށް ދުފާ ރަތްކޮށްލައިގެން ހުރެ ވަނެވެ.
"ނަތިން މަޗް..." ދޮންތަ އޭނަ ގޮވައިގެން ޑޮކްޓަރަށް ގެންގޮސްފާނެތީ އެވާހަކަ ބުނާކަށް ބޭނުމެއް ނުވިއެވެ.
"އައިގޫ...މާމަގެ ކޮބް ދެކުނިންތަ..."
ކެމީލާ އޭރުވެސް ހުރީ ނޭފަތުގައި ޓިޝޫ ޖައްސާލައިގެންނެވެ. އެކަމަކު ގަދަޔަށް ހެވުނެވެ. ދޮންތަ ކޮރެއާ ބަހުން ވާހަކަދައްކަންވެސް ފެށީތާއެވެ.
"ކޮބްއަކީ ކޯންޗެއްތަ؟." ކެމީލާ ހިނިގަނޑު ދޭތެރެއިން ވާހަކަދައްކަން މަސައްކަތްކުރިއެވެ. ހުނުމުންވެސް ވަރުބަލިކަން އިހުސާސްކުރެވުނެވެ. މެޔަށްވެސް ތަދުވިހެން ހީވިއެވެ.
"ކޮބްއަކީ ޖޯޑު. މާމަ ގެންގުޅޭ އާސާރީ ޖޯޑު ވާހަކަ މިބުނީ. އޭތި ލެވުނުތޯ ޔަގީންކުރަން. ނޫނީ މާމަ ފެންފޮދެއްވެސް ނުބޮއި ހުންނާނީ. ފުރާ ދުވަސް ނުޖެހިގެން ގަޑި ގުނުން މިހާރު މިއޮތީ..ބޭގްތައް ރެޑީ. ވީ އާ ރެޑީ. ފްލައިޓަށް އަރާހިތުން ދެފައި ބިމުގައި ހަރުނުލާ. އާ އެގިއްޖެ ދޮންތަ ކިޔަވާނީ ޕައިލެޓްކަން..."
"ޓޫ ބޯއިޝް. ކެބިންކްރޫއަކަށް ވާންވީނު. ތިހާ ދިގު އިސްކޮޅެއްހުރީމަ ގުޅޭ އަނެއްކާ ޓްރެެވެލް ކުރާ ހިތްވާ ކުދިންނަށް ސަޅި ޗާންސެއް...."
"ޔެސް ޔެސް....." ޒައިރާ ފުންމައިގެން އައިގޮތަށް ކެމީލާގެ ގައިގާ ބައްދައިގަތެވެ. ފިތާލިވަރުން ތަދުވެސްވިއެވެ.ޔޫ އާ ރައިޓް.. އަސްލު ކިޔަވައިގެން މޮޅުވާން ބޭނުންވިޔަސް ކެރިއާ ޗޫޒް ނުކުރެވިފައި ހުރީ. މަގޭ ލިލީބެލްސް ގެ އައިކިއު އީންސްޓައިންވެސް ވައްޓާލާނެ. ސީރިޔަސްލީ ދޮންތަ ކިޔަވައިގެން އެމިރޭޓްސްގެ ކެބިންކްރޫއަކަށްވެގެން ލިލީވެސް ކޮރެއާއަށްވެސް ގެންދާނަން. ލިލީ މާމަ އަދި ދޮންބެވެސް. ....." ޒައިރާ ގޮދަޑިމައްޗަށް ވެއްޓިގަތް ގޮތަށް ބޯ ދަށަށް އަތްލެއްވިއެވެ. އެއްފައިމައްޗަށް އަނެއްފައި ލައިގެން ފައި ހަލުވާލަ ހަލުވާލާއޮތްއިރު ދޭތެރެއަކުން ހީލައެވެ. އޭނަގެ ޚިޔާލީ ވާފަށް ނިކަން ދުރަށް އެއްލާލައފިއެވެ.
***
ފްލައިޓް ކޮޅިގަނޑެއްގައި ޖެހި ތަޅުވާން ފެށުމުންވެސް ކެމީލާއާއި ޒައިރާއަށް މަޖާކަމަކަށްވެ ހަޅޭއްލަވައިގަނެވެއެވެ. ކުޑަކުދިންގެ ފޯރިއާއި ޖޯޝެވެ. ފުރަތަމަ ފްލައިޓްކަމުގައި ވުމުން އެންމެ ކުރިން މަޖާވެފައި ފަހުން މާ "މޮނޮޓަނަސް"ކަމަށް ބުނެ ޒައިރާ ޝަކުވާކުރަނިކޮށް ތަޅުވަން ފެށުމުން ފޯރިހިފީއެވެ. އެހެން ދަތުރުވެރިން ބިރުން ތިބިއިރު މާމަވެސް ދަންނަހާ ހެޔޮ އެއްޗެހިތަކެއް ކިއެވެ. ކެމީލާ މާމަގެ ހިތްހަމަޖައްސާދޭން ކުޑަކޮށް ބައްދާލާފައި ހުރިހާ ކަމެއް ރަގަޅުވާނެކަމަށް ބުނެލިއެވެ. ދަތުރު ދުޢާކުރުމުން އޭނަ ގަބޫލުކުރާގޮތުން މަންޒިލައަށް ސަލާމަތުން ދެވޭނެއެވެ. ބޯޓު ތެޅުވިއޭ ކިޔާފައި އެއީ މައްސަލައެއް ހެއްޔެވެ؟ ކޮންމެ ކަމަކާއި ހާސްވެ ކަންބޮޑުވާކަށް ނުޖެހޭނެއެވެ. މަރުވާނީ ގައިމު އެއްފަހަރު ތާއެވެ.
"ފްލައިޓް ވެއްޖެއްޔާ މަޖާވާނެ ދޯ..." ޒައިރާ ނިކަން ހަމަޖެހިލާފައި ކިޔާލައިފިއެވެ. ބައެއް މީހުން ކެމީލާ އާއި ޒައިރާއަށް ލޯ އެޅިއެވެ. ސުންޕާ ކުދިންކަމަށް އެކަކު ރުޅިއައިސްފައި ބުނެލިއެވެ. މިހާ ބިރުވެރި ކޮޅިގަނޑެއްގެ ތެރެއިން އުއްމީދެއްނެތި ދަތުރުކުރާއިރު ހިތަށް އެއްޗެކޭ ނާރާވިއްޔައެވެ. މަޖާ ދަތުރަކަށްފަހު ފްލައިޓް ޖެއްސުމުން ޒައިރާ އަވަސްވެގަތީ ފްލައިޓުން ފޭބުމަށެވެ. ކެމީލާ މާމަގެ އަތުގައި ހިފީ ނިކަން ލޯބިންނެވެ.
"މާމާ. ދޮންބެގެ ރަށަށް މި އާދެވުނީ...."
"އޯގޯޑް. ފައިނަލީ ޑެސްޓިނޭޝަންއަށް ރީޗްވެއްޖެ..." ޒައިރާ ފޭބިއިރަށް ވައިގަދަކަމުން އިސްތަށިގަނޑު ހޭވިއްޖެއެވެ.
ދަބަސްތަކާއި ސާމާނުތައް ޓްރޯލީއަށް ލާފައި ޒައިރާ މާމަ އުރާލާފައި ދަބަހެއްގެ މަތީ ބޭންދިއެވެ.
"މާމައަށް މިހެން ހެދީމަ ފަސޭހަވާނެއްނު. މިހެން ހިފަހައްޓައިގެން މާމަ އިންނައްޗޭ..." ޒައިރާގެ ޓްރޯލީއަށް މާމަ އަރުވައިގެން ދުއްވައިލުމުން އެތައް ބަޔެއްގެ ސަމާލުކަން ހުއްޓުނެވެ. އެކަކު ސިއްރުން ވީޑިއޯވެސް ކޮށްލައިފިއެވެ. ޒައިރާއަށް އެކަން ބޮޑުކަމަކަށް ނުވިއެވެ. ޓާމިނަލުން ބޭރަށް ނުކުތްއިރު ކިޔާން އިންތިޒާރުގައި ހުއްޓެވެ. ކިޔާން ހެމުން އައިސް ޓްރޯލީން މާމަ ބޭލުވިއެވެ.
"ޒައިރް އެންމެންގެ ސަމާލުކަން ހޯދަން މާމަ ޓްރޯލީއަކަށް ލައިގެން..."ކިޔާން ހީފައި ކިޔާލައިފިއެވެ.
"އައި ތިންކް...ކޭ ޑްރާމާއަކުން މިކަހަލަ މަންޒަރެއް ފެނުނީ؟ " ކެމީލާވެސް ޒައިރާގެ ގައިގާ އަތް އަޅާ ކުޑަކޮށް ކޮށްޕާލައިފިއެވެ. ވައިބާރުކަމާއެކު ފެރީޓާމިނަލަށް ނުކުމެވުނުއިރު އުދުހިދާނެހެން ހީވިއެވެ. ކެމީލާ ހީކަރުވައިގެން ރޫރޫ އަޅައިގަތެވެ. ދޮން މޫނުގެ ފިޔާތޮށިކުލަ ކެނޑި ހުދުވެފައެވެ. ހޫނު އަރާމު ތަންމައްޗަކަށްވުރެ އެވަގުތު އެދުނު އެހެންކަމެއް ނެތެވެ. ކިޔާން އަވަހަށް ދެކުދިންނާއި މާމަ ފެރީއަށް އަރުވައިފިއެވެ. ދުރުން ފެންނަން އޮތް ވެރިރަށުގެ މަލަމަތި ފެނުމުން ޒައިރާގެ ދެލޯ ދިއްލުނެވެ. ކެމީލާއިނީ ޒައިރާއާއި ޖެހި ފިތިގެންނެވެ. ދޮންތަގެ ހަށިގަނޑުގެ ހޫނުކަމުން ކޮންމެވެސް ވަރަކަށް ހީފިލިއެވެ. ކެމީލާ މާމަގެ އަތުގައި ހިފަހައްޓާލައިގެން އިނދެ ހީލިއެވެ. މާމަ ކެމީލާގެ އަތް ހޫނުވެގެން އެވާހަކަދެއްކިއެވެ. ހޫނުގަދަކަމަކީ ބައެއްފަހަރު ހަށިގަނޑުގައި ބައެއްކަހަލަ އުދަގޫތަކާއި ބަލިތަކަށް ހުށަހަޅާކަމެކެވެ. ފެރީގެ އަޑުގަދަކަމުން އިތުރު ވާހަކައެއް ނުދައްކާ މަންޒިލަށް ދެވެންދެން ހިމޭނުން ތިބިއިރު ޒައިރާއާއި ކެމީލާ ނަޒަރު ބަދަލުކޮށްލައެވެ. ހީލައެވެ. ދެކުދިންގެ ހުވަފެންތަކުގައި ކުލަ ޖެހުމުގެ އުއްމީދު އާވިއެވެ.
ހަނިމަގުތަކުން ކާރު ދުއްވާފައި ދިޔައިރު އުސް އިމާރާތްތަކާއި ތޮއްޖެހިފައިވާ މަގުތައްވެސް ކެމީލާއާއި ޒައިރާއަށް އަޖައިބު ކުރުވަނިވި ކަމަކަށްވިއެވެ. އެކުދިންނަށް އުމުރުދުވަހު ވެސް މިހާ ރީތި ތަހުޒީބު ތަނަކަށް ނާދެވެއެވެ. ވިލެޖްގަނޑެއްގައި އުޅެފައި ސިޓީއަކަށް އައުމުން ކުރެވޭނެ އިހުސާސްތައް ކުރެވި ދެކުދިންވެސް ބިއްލޫރިގަނޑުގައި މޫނު ޖައްސާލައިގެން ބޭރަށް ބަލަން ތިބެ ފަސްދެމުންދާ ތަންތަނާއި ބެހޭގޮތުން ސުވާލުކުރިއެވެ. ކުޑަކުއްޖަކަށް އާ އެއްޗެއް ފެނިގެން އުޅޭހެންނެވެ. ކެމީލާ ބަލިކަންވެސް ހަދާންނެތުނެެވެ. ހީކަރުވައިގެން ރޫރޫއަޅާކަންވެސް ހަދާންނެތިއްޖެއެވެ.
"ދޮންބެ. އިޓްސް ލައިކް ހެވެން...." ޒައިރާ ބުނެލިއެވެ.
"ނޯ ސްޓުޕިޑް. މިއީ ދުނިޔެމަތީގެ ސުވަރުގެއޭވެސް ބުނާވަރުގެ ތަނެއްނޫން..މިތަން ކޮންޖެސްޓެޑްކަމުން ދޮންބެއަށް ޔަގީނުންވެސް ހުރެވޭވަރެއްނޫން. ދުވަސްކޮޅަކުން ފޫހިވެދާނެ.." ކިޔާން ހީލިއެވެ. ޒައިރާމެންގެ ފޯރިއާއި ޖޯޝް އޭނަގެ ހިތްވެސް ބައިވެރިވިއެވެ.
"ފޫހިވުމުގެ ކުރިން ފޮނުވާނުލައްޗޭ..." ޒައިރާ އެދުނެވެ.
"މާމަގެ ގުޑުގުޑާ އެރުވިންތަ؟ " ކުއްލިއަކަށް މާމަ އަހައިލިއެވެ.
"މާމަގެ ގުޑުގުޑާއާއި ދުފާ މަލާފަތާއި ވެސްލީނު ފުޅިއާއި ސަންދަރޯސް ޖޯޑު މުކައްބަ އަދި މަދިރިގެ އެއްޗެހި އެޅި ފޮށިގަނޑު އެންމެ ކުރިން އެރުވީ. އެހެންނޫންނަމަ އަނބުރާ ރަށަށް އެބަލާ ދާންޖެހޭނެވިއްޔަ...ދޯ މާމާ.." ޒައިރާ މާމަގެ މޫނުގައި ފިރުމައިލިއެވެ. "މާމައަށް މި ރަށް ކަމުދޭތަ؟ "
"ދުވަސްގަނޑަކު ހުރެލަން ގޯހެއްނޫން. ހައްޖު ނިމިގެން މާމަ ރަށަށް ދާނީ........."މާމަ ބުނެލިއެވެ.
"މާމަ ކިޔައިދޭ ސްޓޯރީއެއްގައި އުޅޭ ރަށްކޮޅު މާމެލިދައިތައަކަށްނު އޭރުންވާނީ. ފަގީރު ދައިތައެއް އެކަނިމާ އެކަނި އުޅެނީކަމުގައިވާނީ.........." ޒައިރާ މަޖާވެލާފައި ބުންޏެވެ. "އެކަމަކު އެނގޭތަ؟މާމަގެ ބެސްޓީ އަދި އަޅުގަނޑުމެންގެ މުންނަ މަތިން ހަދާންވާން ފަށައިފި"
ކޮއްކޮމެން އުފާކޮށްދެވުމުން އޭނަގެ ހިތަށް ވަކިން ބޮޑު ހަމަޖެހުމަކާއި ފިނިކަމެއް ލިބިއްޖެއެވެ. ފައިސާގެ ބޭނުމަކީ އެއީ ނޫންހެއްޔެވެ؟ ބޭންކަށްލާ ފޮރުވުމެއްނޫނެވެ. ލޯބިވާ މީހުންނަށް އެއިން އުފަލެއް ނޫނީ ފައިދާއެއް ކޮށްދެވުމެވެ. އެމީހުން އުޅުނު ނިކަމެތި ހާލުވެސް އޭނަ ހަދާނެއް ނުނެތޭނެއެވެ. އެއީ ހަގީގަތުގައި މާޒީއިން އޭނަ ފޮޮހެލަން ބޭނުންވި ބާބެކެވެ. ނަމަވެސް އޭނަ ކިތަންމެ މުއްސަދިވިޔަސް ފައިސާވެރިޔަކަށްވިޔަސް އެ ހަނދާންތައް އޭނަ އަބަދަށްޓަކާ އޭނަގެ ފެންވަރު ހަދާންކޮށްދޭނެއެވެ. އޭނަގެ އެ "ނިކަމެތި" ދުވަސްތައް ދިރިއުޅުމުގެ ކޮންމެ ފަތްތަރެއްގައި އޭނަ ހިތްތިރި މީހަކަށް ހަދާނެ ބަޔަކަށް ވާނެކަން ޔަގީނެވެ. އޭނަ ކޮއްކޮމެންނަށްވެސް ތައުލީމް ހާސިލުކޮށް ކުރިމަގު ބާއްޖަވެރިކުރަން މަސައްކަތްކުރާނެއެވެ. ހުރިހާ އެންމެންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމުގައި އޭނަ ދުނިޔެއާއިވެސް ހަގުރާމަކުރާނެއެވެ.
***
"ފެންފިޔަ"އިގެ ގޯޅިކަންމައްޗަށް ކާރު މަޑުކޮށްލުމުން ކިޔާން ވޮލެޓުން ފައިސާ ނަގާފައި ޑްރައިވަރަށް ދިނެވެ. މާމަގެ އަތުގައި ހިފައިގެން ދެކުދިން ގޮވައިގެންގޮސް ގެއެއްގެ ދޮރު ހުޅުވިއެވެ. ސީދާ ވަދެވުނީ ސިޓިން ރޫމަކަށެވެ. ސޯފާސެޓަކާއި ދޮންނަ މެޝިނެއް އަދި ކަރަންޓު އުދުނަކާއި ފްރިޖަކާއި މޭޒެއް ހުއްޓެވެ. ކާޑުގެ ބާވަތްތަކައި ކާން ބޭނުންވާނެހާ އެއްޗެއް ކިޔާން ހުރީ ހޯދާފައި ކަބަޑްތަކަށް ލާފައެވެ. ފްރިޖަށްވެސް ބަޓަރާއި ޖޭމު އަދި މޭވާއާއި ޖޫސްޕެކެޓްތަކާއި ބިސްފަދަ ތަކެތި ލާ ބަރާކޮށްފައެވެ. ހުރިހާކަމެއް ހަމަޖެއްސީ ދަރަންޏަށް ފައިސާނަގައިގެންނެވެ. ދެކޮޓަރި ހުންނަ ތަނެއް އޭނަ ކުއްޔަށް ހިފީވެސް މާމައަށް ސިޑިންއަރާ ފައިބަން އުދަގޫވާނެކަމަށް ވިސްނާފައެވެ. އޭނަ އުޅޭ ހޮސްޕިޓަލުން އެކޮމޮޑޭޝަން ހަމަޖައްސާފައި ހުއްޓަސް މާމަމެން އެތަނަށް ގެންދެވޭކަށް އަދި ނެތެވެ. އެމީހުންގެ ޝަރުތަކީ އަނބިދަރިންނެވެ. އާއިލާގެ އެހެން މީހަކަށް ފުރުސަތެއް ނެތެވެ.
"ދޮންބެ މިއަންނަނީ.." ކިޔާން ގޯޅިކަންމަތީ ހުރި ލަގެޖްތައް ހިފައިގެން ގެނެސް ކޮޓަރިތަކަށް ވެއްދިއެވެ.
އޭރު ޒައިރާ އުޅުނީ ޓީވީ ނުޖެއްސިގެންނެވެ. ރިމޯޓާއި ކުޅެން ނޭގިގެންނެވެ. ކިޔާން ރިމޯޓް ބޭނުންކުރަންވީގޮތް ކިޔައިދިނެވެ. ޒައިރާއާއި ކެމީލާ އުފަލުން މޮޔަވާވަރުވިއެވެ. އެކި ޗެނެލްތައް ބަދަލުކުރަމުން ހީހީފައި އުޅުނެވެ. ސާމާނުތައް ލާ ނިމިގެން އަވަދިވުމުން ކިޔާން އެކުދިިންނަށް އެންމެ ބޮޑު ހަދިޔާދިނެވެ. ކޮންމެކުއްޖަކަށް ސްމާޓް ފޯނެކެވެ. ސިމް ލައްވާދީ ވައިފައި ޖައްސާދީ ފޯނާއި ކުޅެންވީގޮތް ދަސްކޮށްދިނެވެ. ޔޫޓިއުބުން ކޮރެއަން ޑްރާމާތައް ބެލޭކަން އެނގުމުން އިތުރަށް އުފާކުރިއެވެ. ދުނިޔޭގެ ހުރިހާ އުފާތަކެއް އެކުދިންގެ ފަސްބަަޔަށް އެޅިފައިވާކަމުގައި ހީކުރެވުނެވެ. ކިޔާން މާމައަށްވެސް ފޯނެއްދިނެވެ. މާމައަށްވެސް އެކި ގާރީންގެ ގުރުއާން އަޑުއަހާ ދީނީ ދަރުސްތައްވެސް އަހާލެވޭނެއެވެ. ހައްޖަށްދާ އިރު ކިޔަންވީ ދުއާތަކާއި އެއްޗެހި ހިމެނޭ ފޮތްތަކެއްވެސް ކިޔަން ހަދިޔާކުރިއެވެ. މާމަގެ ލޮލަށް އުފަލުން ކަރުނަ އައެވެ. ދަރިފުޅަށް ހެޔޮ ރަހުމަތް ލެއްވުމަށާއި ގިނަގިނައިން ދެއްވުމަށް އެދި ދުޢާކުރިއެވެ.
ކިޔާން އިންޒާރު ދިނީ މާ ގިނަ އިރު ފޯނު ބޭނުން ނުކުރުމަށެވެ. ގަޑިން ކައިގެން ނަމާދުކޮށް މާމައަށް އެހީވެ އެހެން މަސައްކަތްކޮށްފައި ލިބޭ ހުސްވަގުތު ފޫހިފިލުވައިލަން ކުރާ ކަމެއްގެ ގޮތުގައި ހެދުމަށެވެ. ޒައިރާއާއި ކެމީލާ އަވަސްވެގަތީ މޭޒުމަތި ތައްޔާރުކުރުމަށެވެ. ކިޔާން ގެނައި ޕިއްޒާއާއި ޗީޒްކޭކު ފޮތިކޮށްލުމަށްފަހު އެންމެން ކާންފެށިއެވެ. އެކުޑަ އާއިލާ ކައިގެން ދުފާލަން ތިބިއިރު ވާރޭވެހޭ އަޑުފަށްގަނޑު އިވުނެވެ. ކެމީލާ ރަށްމަތިން ހަދާންވިއެވެ. މިރަށުގައި އެފަދަ ފެހިކަމެއްނެތެވެ. ނަމަވެސް އެކުދިންގެ އަޒުމަކީ ހަޔާތުގެ ދަތުރުގައި ފަސްޖެހުމެއްނެތި ކުރިއަށް ގޮސް ދަތުރު ނިންމުމެވެ. ސޯފާގައި ތިބިއިރު ކިޔާން އެކުދިންގެ ކިޔެވުމާއި ބެހޭގޮތުން ވާހަކަދެއްކިއެވެ. ޒައިރާ އޭލެވެލް ހަދަންދާން ޖެހެނީ ރޭގަނޑު ކްލާހަކަށެވެ. ކެމީލާއަށް އިންޓަނޭޝަނަލް ސްކޫލަކުން ޖާގަ ލިބިއްޖެއެވެ. އޭގެ ކުރިން މާމައާއި ކެމީލާ ޑޮކްޓަރަށް ދައްކާ ޓެސްޓްހަދަންވެސް އޭނަވަނީ ނިންމާފައެވެ.
"ޒައިރް. އަދި އެންމެ މުހިއްމު ވާހަކަ. ޖޮބަކަށް އިންޓަވިއުއަކަށް ދާން އެބަޖެހޭ...." ކިޔާންގެ ޖުމްލައިން އޭނައަށް ބަލައިލެވުނީ ކެމީލާގެ މޫނަށެވެ.
"ޑްރީމް ފުރިހަމަވުމުގެ ކުރިން ފައިސާ ހޯދާ ކިޔަވަންވެސް ޖެހޭނެ...." ކެމީލާއަށް ޒައިރާގެ ހިތުގައި އޮތް އެއްޗެއް ވިސްނިގެން ބުނެލިއެވެ. ކެމީލާ ހީކަރުވާވަރުން އޭނަ އެނދުގައި އޮތް ރަޖާ ގެނެސް އޮޅާލައިގެން ދެފައިވެސް ފޮރުވާލައިގެން އިނެވެ.
"އެގްޒެކްޓްލީ. ލިލީބެލްސްގެ ހިކުމަތްތެރިކަމަށް އެވޯޑެއް ހައްގު.. ދޮންބެއަށް ލިލީ އެހެން ބުނި ސަބަބު އެނގޭތަ. ލިލީ އަސްލު ސިކުނޑިއަށް ވަދެ ފީނައިގެން ދެނެގަތީ ޒައިރްގެ ކެރިއާއަކީ ކޮބާކަން. މިހުރިހާ އަހަރެއްވީއިރު އަސްލު އެކަން ދެނެގަންނާކަށް ނޭގުނު. އެއީ އަސްލު ފްލައިކުރުން. އެ ހެޔޮ ޕައިލެޓެއް ނޫނީ ކެބިންކްރޫއެއްގެ ގޮތުންވިޔަސް. ފުރަތަމަ ފަހަރަށް ފްލައިޓަށް އަރާފައި އެއީ ސެކަންޑްހޯމް ކަމަށް ގަބޫލުކުރެވުނު. ވަރަށް އެކްސައިޓްވި......" ޒައިރާ ސޯފާއަށް ދެފައި ވަށްކޮށްލައިގެން ކިޔާންއާއި ދިމާލަށް އެނބުރިގެން އިންއިރު ދެލޮލުގެ ވިދުން ނިކަން ގަދައެވެ.
"ކުޑައިރުވެސް ޒައިރް އެ ވިލާތައް އަތު ނުލެވިގެން ނަގާހިތުން އުޅުނެއްނު. އަދި ޑްރީމް ފުރިހަމަވާނެ އިރާދަކުރެއްވިއްޔާ. އެކަމަކު އަދި ލިލީ ބުނިހެން އޭލެވެލް ހަދާފައި އެކަމަށް ކުރިމަތިލާނީ. އިސްތަށިގަނޑުވެސް ދިގުކޮށްލަންވާނެ..." ޒައިރާއަށް ކިޔާން އިސްތަށިގަނޑުގެ ވާހަކަ ބުނުމުން މަޖާވެ ހީހެދިއެވެ.
"ޔޫ ވިލް ފްލައި ހައި އިންޝާﷲ ދޮންތާ.." ކެމީލާ ހިނިތުންވެލިއެވެ.
"ދޮންބެ. ޓެލްމީ އެބައުޓް ދަ އިންޓަވިއު..."
ކިޔާންގެ ޖުމްލައިން ޒައިރާއަށް ނަށާލެވުނެވެ.
"ދޮންބެ. އައި ވޯންޓް ދެޓް ޖޮބް. ޕްލީޒް..." ކެމީލާވެސް ނިކަން ގަޔާވިއެވެ.
ނުނިމޭ