"ﷲ ސުބުހާނަހޫ ވަތައާލާ މި އުއްމަތަށް ރަހުމަތްލައްވާ ބަރަކާތްތެރި ގުރުއާން ދެއްވިއެވެ. އެ ކަލާމްފުޅު އަހަރެމެންގެ ގެތަކުގައިވެއެވެ. މާތްﷲ ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްއަށް ދެއްވި މުއުޖިޒާތް ވަނީ އަހަރެމެންގެ ގޭގެ މޭޒުތައް ނޫނީ މަތާރަން ފިލާގައެވެ. އަހަރެމެންނަށް އެފޮތް ނެގެނީ ކިތައް ފަހަރުހެއްޔެވެ؟ އޭގެ ހައްގުތައް އަދާ ކުރެވުނީ ކިތައް ފަހަރުހެއްޔެވެ؟ އޭގެ ފަހުގައި އަހަރެމެން މާޔޫސްވެ ފިކުރުބޮޑުވެ މޮޅިވެރިވެ އެކި ކަންތަކާ އެބަ ޝަކުވާ ކުރަމެވެ. ކީއްވެހެއްޔެވެ؟ އަހަރެމެންނަށް ފުރާނައިގެ ކާނާ ދެއްވާފައިވާއިރު އަހަރެމެން އެކަމާ ދެކޮޅު ހަދަމުން އެބަ ދަމެވެ. ގުރުއާނަކީ ޝިފާއެކެވެ. ގިނަގިނައިން ގުރުއާން ކިޔަވާ ފުރާނައަށް ދިރުން ގެނުވުމުން މާޔޫސްކަން ފިލާ އުފާވެރިކަން ލިއްބާދޭނެއެވެ."

***

"ވިޝާގެ ފޮޓޯ އެހެން މީހެއްގެ އަތުގައި ހުންނާނެތަ؟ ޖުއާން ނުކުރާނެ އެކަހަލަ ކަމެއް..."

"ޖުއާންގެ އަތުގައިވެސް ބުރުގާ ނާޅާ ހުރި ފޮޓޯއެއް ނުހުންނާނެ. ކިހިނެއް ހަދާނީ؟ ތި މީހަކާއި ވާހަކަދައްކަބަލަ....."

"އެހާ ރިވީލިން ފޮޓޯއެއްނޫން. އެކަމަކު.....އޯ ގޯޑް. މަށަށް މި މީހަކު ފޮނުވައިފި މި ފޮޓޯ......ވިޝާ މިހުރީ ނިދާ ހެދުމުގައި...." ތާނީ އެ މީހަކު ފޮނުވި ފޮޓޯ ވިޝާއަށް ދެއްކިއެވެ.

ވިޝާ ހާސްވެގެންގޮސް މުޅި ހަށިގަނޑު ފިނިވެއްޖެއެވެ. އެމީހެއްގެ ބޭނުމަކީ ކޮބާ ބާވައެވެ. އޭނަ އަމިއްލައަށް މި މީހަކާއި ވައިބާކޮށްގެން އެމީހާ ބޭނުންވަނީ ކޮންކަމެއްތޯ ސުވާލުކުރާނީއެވެ. ވިޝާ އެމީހާއާއި ވާހަކަދައްކަން ފެށީ ރީތިކޮށެވެ. އެމީހާ ބުނީ ހަމަ އެކުވެރިއެއް ކަމުގައެވެ. ދަންނަ މީހެއްކަމުގައެވެ. ފޮޓޯތައް ލިބޭނީ ވިޝާ ދިނީމަ ކަމުގައެވެ. އޭނަގެ ފޯނުގެ ގެލެރީގައި ހުރި އެންމެ ނިވާކަން ކުޑަ ފޮޓޯތައް މިމީހާ ފޮނުވަންފެށުމުން ވިޝާ އަނބުރައިނުގަތީ ކިރިޔާއެވެ. އަމިއްލަ ފޯނުގައި ސެލްފީ ނަގާފައި ބެހެއްޓުމަކީވެސް ބިރުވެރިކަމެކެވެ. ވިޝާ ބިރުން ރޫރޫ އަޅައިގަތެވެ. އެހެން މީހަކަށް އެނގިއްޖެއްޔާ ވާނީ ކިހިނެއްހެއްޔެވެ؟ އޭނަ މި ވާހަކަ ހިއްސާކުރަން ހުރި މީހަކީ ތާނީއެވެ. ދެން ހުރި ކުއްޖާ އެއޮތީ މަރާއި ހަގުރާމަކޮށްކޮށެވެ. މާޔޫސްވެ ހިތާމައިން ހިތް ފަޅައިގެން ބިރުވެރިކަމާއި ކުރިމަތިލީ ހިނދު އިންސާނުންގެ އެހީއަށް ބޭނުންވާން ވީ ކީއްވެހެއްޔެވެ؟ އެންމެ ކުރިން އެހީއަށް އެދެންވީ ފަރާތް އިރުކޮޅަކަށް ނަމަވެސް ހަދާން ނެތިއްޖެއެވެ.

ވިޝާ އޭނަގެ ބައްޕަގެ ދަރުސްތައް މަތިން ހަދާންކުރިއެވެ.

އަމިއްލަ އަބުރު ވެއްޔާ މޮޑެވި އެންމެންގެ ތެރެއަށް ފަޟީހަތް ވީ އޭނަގެ ކުށަކުންނޫނެވެ. އޭނަފަދަ ކުއްޖަކަށް ބުރުގާ ނާޅާ އަދި ނިދާކޮޓަރީގައި ސެލްފީތައް ހާމަވުން ވާނީ ބޮޑު ލަދުވެތިކަމަކަށެވެ. އިތުބާރުކޮށްފައި ނުކުރަންވީ ކާކަށް ކަމެއްވެސް މި ޒަމާނުގައި ނޭގޭނެއެވެ. ކޮންމެ މީހަކުވެސް ބަދަލު ހިފަން ނޫނީ އަނެކާއަށް ލަނޑެއްދޭއިރު ތިމާ އެފަދަ ލަދުވެތިކަމަކާއި ކުރިމަތިލާން ޖެހިދާނެކަމަކަށް ހިޔެއް ނުކުރާނެއެވެ. އެހެން މުސްލިމުންގެ އަބުރަށް ރައްކާތެރިވާން އޮންނަން ކަން ނުދަންނަނީއެވެ. އެހެން މީހުންނަށް ދެރައެއް ލިބުމުން އެކަމާ އުފާކުރަންވެސް ދީނުގައި ނޯވެއެވެ. އޭނައާއި މިހާ ޖައްސައިލީ ކާކުހެއްޔެވެ؟ ޒައިރާއާއި ނީވްއާއިމެދުވެސް ޝައްކު ކުރެވުނެވެ. އެލީނާގެ ގޭގައި ފޯނު ބާއްވާފައި ހަދާންނެތިގެން ގެއަށް އާދެވޭ ފަހަރުވެސް އާދެއެވެ. ކޮންމެ ގޮތެއްވިޔަސް އެކަން ހިނގި ގޮތާއި ވީގޮތާއިމެދު ވިސްނިޔަސް ހައްލެއް ނުލިބޭނެއެވެ. ވިޝާ ވުޟޫކޮށްލައިގެން ނަމާދުކުރިއެވެ. އެތައްއިރެއްވާންދެން ދުޢާކުރަން އިންއިރު ލޮލުން ހިފެހެއްޓުމެއްނެތި ފައިބަމުން ދިޔަ ކަރުނައިން މުސައްލާ ތެމުނެވެ. މާތްﷲ ފިޔަވާ އޭނައަށް އެހީތެރިވެ ވޮޑިގަންނަވާނެ އިތުރު ފަރާތެއް ނެތެވެ. އެފަރާތް އޭނައަށް ފުދެއެވެ. ހުރިހާ އިންސާނުންގެ ވެރި ފަރާތަށް އިތުބާރުކުރުމަށްވުރެ މޮޅު އެހެން ގޮތެއް ނޯންނާނެ ކަމުގައި ހިތް ބުނެދިނެވެ.

***

ތައިމޫރުއާއި ސޯފިޔާ ރިޒޯޓްގައި އޮތް ހަފްލާއެއް ނިންމުމަށްފަހު އަވަސްވެގަތީ ގެއަށް އައުމަށެވެ. ކާރު ޕާކްކޮށްލުމާއެކު ސޯފިޔާއާއި ތައިމޫރު ކޮންމެވެސް ވާހަކައެއް ދައްކަވަމުން އެކީ ހިންގަވާފައި އައެވެ. ތައިމޫރު ހުންނެވީ ކޯޓު ފަޓުލޫނުގައެވެ. ސޯފިޔާ ދިވެހި ހެދުމުގައެވެ. ރަސްމީ ކޮށް ހުރި ރޭމްޕް މޮޑެލްއެއް ފަދައެވެ. ޒުވާން ކުދިން ހަސަދަވެރިވާނެފަދަ ހަށިގަނޑެކެވެ.

"އައްސަލާމް އަލައިކުމް...."ސޯފިއާ އެތެރެއަށް ވަނެވެ.

އާތިކާއާއި ފިރިހެންކުދިންތައް ސޯފާގައި އިށީދެލައިގެން ތިބިގޮތުން ކޮންމެވެސް ކަމަކާ ނުތަނަވަސްވެފައިވާ ފަދައެވެ. މަޑުމައިތިރިކަމާއެކު އަނގައިން ބުނުމެއްނެތި ފިކުރާއި ޚިޔާލެއްގައި ތިބުމުން ސޯފިޔާވެސް ސުވާލުކޮށްލިއެވެ. ތައިމޫރު އިށީންނެވީ ޖުއާންގެ ގާތުގައެވެ. އަދި އޭނަގެ އިސްތަށިގަނޑުގައި ފިރުމައިލެއްވިއެވެ.

"ބަޑީ. މޫޑު އޮފްވެފަތަ؟"

"ވަރަށް ބޮޑަށް. ޑޭޑް. ދެންމެ މިގެއަށް ސްޓްރޭންޖާއެއް އައި....."

"އޭނަ ދިން ޚަބަރަކުން ހުރިހާ ކުދިން ޝޮކެއްގައި މިތިބީ."އާތިކާ އިތުރުކޮށްލިއެވެ.

"މަންމައަށް ނާދިޔާ ކިޔާ އަންހެނަކު އެނގޭތަ؟ " ޒުބުނާން އެހިއެވެ. ސޯފިއާ އެއްބުމަ އަރުވައިލިތަނާހެން ޖުއާން ކުށް ރަގަޅުކޮށްލަދިނެވެ.

"ނާދިޔާއެއް ނޫން. ނާދިރާ......."

"މަންމާ. ކޮންމެވެސް ނަތާއެއްގެ ވާހަކަވެސް އޭނަ ދެއްކި. މި ނަމްބަރަށް ގުޅާލައްވާށޭ ކޮއްކޮ ސަލާމަތްކުރަން ބޭނުމިއްޔާ..." ކައިދަން ތެދުވެފައި އޭނަގެ މަންމަ އަތަށް ކަރުދާސްކޮޅު ދިނެވެ. ފިކުރުބޮޑުވެފައި ހުރި ސޯފިއާ އަވަހަށް ފޯނު ނަގާ ނަމްބަރުތަކަށް ފިތާތަން ފެނި އާތިކާއަށް ބޯ ހޫރާލެވުނެވެ. ސޯފިޔާ އަނެއްކާވެސް ހިނގައިގަތީ ކާރާއި ދިމާލަށެވެ.

"އެކުއްޖާ މަންމައަށް ސިހުރު ހަދައިފި...."

"އިނަފް އާތި. އެއްޗެކޭ ނުބުނަން ވަރަށް ކެތްކޮށްފިން. ތިވައްތަރަށް ވާހަކަ ނުދައްކަބަލަ. ހިތުގައި ރަހުމެއް ދަރިކުލުނެއް ހުރި މީހެއް ވެއްޖެއްޔާ އެހެން ވެދާނެ. ތެދަށް ބުނަންޏާ އަހަރެންވެސް އަންހެންދަރިއަކަށް ބޭނުންވި. އެ އުއްމީދުގައި ހުއްޓާ ކެމީލާ ފެނުމުން ދަރިއެއްފަދަ އިހުސާސްތަކެއް ކުރެވުނު. ނަމަވެސް އަދި ކަންތައް އެނބުރިގެން ދިޔުން އެއީ މީހެއްގެ ބާރުގައި ވާ ކަމެއްނޫން. ސިހުރު ނެހެދިޔަސް އިންސާނިއްޔަތުގެ ކަންފުޅެއް ހުރެއްޖެއްޔާ ބަލި ކުއްޖަކަށް ހަމްދަރުދީ ވާނެ. ލައިފް ތްރެޓްނިން ކޮންޑިޝަނަކާއި ހަގުރާމަކުރަމުންދާ ކުއްޖެއްނު. އެހެންވީމަ ދެން އެކަކު އަނެކަކަށް އިނގިލި ދިގުނުކޮށް ސަޕޯޓް ދިނިއްޔާ މާރަގަޅުވަނެ. އާފްޓައޯލް ވީ އާ ވަން ބިގް ފެމިލީ...." ތައިމޫރު ކޮންމެވެސް ވަރެއްގެ ނުރުހުމާއެކު ވަހަކަ ދައްކަވާފައި ހިންގަވައިގަތީ ސިޑިއާއި ދިމާލަށެވެ. ބައްޕަގެ އެ ވާހަކަތަކުން ފިރިހެންކުދިންނަށްވެސް ހިމޭންކަމެއް ލިބުނެވެ.

އެކި ކުދިން އެކި ދިމާލަށް ހިނގައިގަތެވެ.

ޖުއާން އާތިކާގެ ކައިރިއަށް ހުއްޓުނެވެ.

"އާތިކާ މަމް. މިކަމުގައި އަޅުގަނޑު ބައްޕަމެންނާއި ދެކޮޅު. ބަލި ކުއްޖަކަށް ވުމަކީ އެހެން މީހުންގެ ދިރިއުޅުން ހަލާކުކުރަން ދައްކާނެ އެކްސްކިއުޒެއް ނޫން. އެކުއްޖާ މަންމަ އިމޯޝަނަލީ ބްލެކްމެއިލް ކޮށްފައި އެހެރީ. އަދި މަންމައަށްވެސް ވިސްނޭނެ. ހިލޭ ބަޔެއްގެ ދަރިއަކަށް ކުލުނު ޖެހިދާނެ. އެކަމަކު އަދި މަންމަ އެވަރުވާން އެހާ ގިނަ ދުވަސްވީއެއްނޫން...." ޖުއާން ހިނިތުންވެލިއެވެ. އާތިކާ ޖުއާންގެ ފަން އިސްތަށިގަނޑުގައި ފިރުމައިލިއެވެ. އެންމެ ކުއްޖަކު އޭނަގެ ބަޔަށް ހުއްޓަސް އެންމެ ރަގަޅެވެ. އޭނަ އިތުރު އާއިލާއެއް އެމީހުންގެ ހަޔާތުގައި ވަކި އެޅުނަކަ ނުދޭނެއެވެ. މުއްސަދިކަން ހޯދަން ބައެއްމީހުން ލަދެއް ހަޔާތެއް ނެތި ކޮންމެފަދަ ކަމެއް ކޮށްފާނެއެވެ. ނާދިރާގެ އާއިލާއަކީ މިސާލެކެވެ.

 

***

ސޯފިޔާ އަވަސް ހިނގުމެއްގައިގޮސް ހޮސްޕިޓަލުގެ އިމާރާތުގެ ތެރެއަށް ވަނެވެ. އެތައް ބަޔެއްގެ ނަޒަރު ފަސްޓްލޭޑީއަށް އަމާޒުވިއެވެ. ހަށިފާރަވެރިއެއްނެތި ގިނިކަންޏާ ލިފްޓަށް އެރިތަން ފެނުނެވެ. އައިސީޔޫ ކައިރީގައި ހުރި ލައުންޖްއަށް ވަންއިރު އެތާ ތިބީ ދެތިން މީހުންނެވެ. ނާދިރާއާއި ޒައިރާ ޖެހިގެން ހުރި ގޮނޑިތަކުގައި އިށީދެލައިގެން ތިބިއިރު ޒައިރާ އިނީ ފޯނުން ކޮންމެވެސް އެއްޗެއް ބަލާށެވެ. ސޯފިޔާ ފެނުމުން އެބަ އަންނަމޭ ކިޔާފައި ނާދިރާ ހިނގައިގަތީ ސޯފިޔާއާއި ދިމާލަށެވެ.

"އެކަނި ތިބެ އެވަރުގެ ވާހަކައެއް ދައްކަން ކެރޭނީ. އަދި ޒައިރާއަށް އެގެންވެސް މާ އަވަސް.."ނާދިރާ ބުނެލިއެވެ.

ދެމީހުންގޮސް އިށީނީ ކެފޭއެއްގެ އެންމެ ކަނުގައިވާ މޭޒުގައެވެ. ދެމީހުންވެސް ކޮފީއަށް އޯޑަރުދިނެވެ.

"ސޯފިޔާ ނަތާ މަތިން ހަދާނެއް ނުނެތޭނެ. ސޯފީގެ އެކުވެރިއެއް އެކަމަކު ތައިމޫރު ކުރިން ރައްޓެހިވީވެސް އޭނައާއި. ތައިމޫރު ފަދަ ރިޗް ހެންޑްސަމް މީހެއްވީމަ ޕްލޭބޯއިންގެ ގޮތުގައި ޒުވާން އުމުރު ދުއްވައިލާނީ. ސޯފިއާދެކެ ލޯބިވުމުގެ ކުރިން އެހެން ކުދިންނަށް ތައިމޫރުގެ ފަރާތުން ލަނޑު ލިބުނު. އެކުދިންނަށްވެސް މަޖާކުރަނީކަން އެނގިހުރެވެސް ހަމަ އޭނަ ގާތަށް ދެވޭނެތާ. ސޯފީއާއި ކައިވެނިކޮށްގެން ހުރެ އަދި ސޯފީގެ އެކުވެރިއެއްގެ މަގާމުގައި ހުރެވެސް ތައިމޫރުއާއި ނަތާގެ ގުޅުން އޮތް. ނަތާ ބަލިވެއިނީ . ބަނޑުބޮޑުކަން އެނގުމުން ބަދުނާމު ވެދާނެކަމުގެ ބިރުން އަވަހަށް މީހަކާއިއިނީ. އެނގޭތަ؟ އޭރު ސޯފީވެސް ޗުއްޓީއެއްގައި މި ކޮޅުގައި ހުރީ. އަހަންނާ ސޯފީގެ ކުޑަނަމަވެސް އެކުވެރިކަމެއް އޮތިއްޔާ އެ ޝުކުރު އޮތީ ނަތާއަށް. ނަތާ ފަހުން ވަރަށް ރަގަޅު ސޯލިހު މީހަކަށްވީ. ފިރިމީހާދެކެ ލޯބިވާ އަޅާލާ ރަގަޅު މީހަކަށްވި. ނަމަވެސް އޭގެ ކުރިން އޭނަ ކުށެއް ކުރި. ވަރަށް ބޮޑު ފާފައެއް ކުރީ......." ނާދިރާ ވާހަކަ ދައްކަމުން ދިޔައިރު ސޯފިޔާ އިނީ ނޭވާލަންވެސް އުދަގޫވެފައެވެ. ދެއަތް ތިލަ ގުޅުވާލައިގެން އިންއިރު އެ ދެލޯ ހުއްޓިފައިވަނީ ނާދިރާގެ މޫނަށެވެ.

"ތިބުނާ ކުއްޖާ ހުރީ ކޮންތާކު؟ " ސޯފިޔާ އެހިއެވެ. ޓިޝޫއަކުން ނިތްކުރި ފޮހެލަމުންނެވެ.

"އެކަން އެނގުމުގެ މާނައެއް ނެތްކަން ނޭގޭ. އަދި ވާހަކައިގެ އަނެއް ބައި އޮތީ. ނަތާ ބަދަލު ހިފުމުގެ ރޫހުގައި ކޮންމެފަދަ ކަމެއް ކުރަންވެސް ތައްޔާރަށް ހުރީ. ތައިމޫރު އޭނައާއި ކައިވެނި ނުކުރީމަކަން ނޭގޭ. ކޮންމެވެސް ސަބަބަކާހުރެ ތައިމޫރުއާއި ދެމީހުން މައްސަލަ ޖެހުނެއްނު. ސޯފިއާ އަހަރެމެންގެ ރަށަށްގޮސް އެގޭގައި ހުއްޓާ ބަނޑުގައި ރިއްސަންފެށީ. އޭރު އަހަރެން ވިހައިގެން އުޅުނީ. ދަރިފުޅު ހިތުގެ މައްސަލަ ހުރި ކުއްޖަކަށްވީމަ ވިހޭއިރުވެސް ހާލު ދެރަ. ސޯފިއާއަށް ލިބުނީ އެއްމާ ބަނޑު ދެބެން. ނަތާ ކުދިން ސްވިޗްކުރީ. ސޯފިޔާގެ ސިއްހަތު ރަގަޅު ދަރިފުޅު އަހަންނަށް ގެނެސްދީފައި އަހަރެންގެ ކުއްޖާ ގެންގޮސް އެނދުގައި ބޭއްވީ. މަރުވެގެން ވަޅުލެވުނީ ހަގީގަތުގައި އަހަރެންގެ ދަރި........................." ނާދިރާގެ ވާހަކަ އެހިސާބަށް ދިޔައިރު ސޯފިޔާގެ މޫނު ކަފަކޮޅެއްހާ ހުދު ވެއްޖެއެވެ. އަނބުރައިގެންފާނެ ކަމަށް ހީކޮށް ނާދިރާ އަވަހަށް ފެންތަށްޓެއް ދިނެވެ. މޫނަށް ފެންކޮޅެއް ބުރުއްސައިލިއެވެ. ގަނޑުވެ ބުދެއްހެން ހުއްޓުން އަރާފައި ހުރި ސޯފިއައަށް ބަހެއްވެސް ނުބުނެވުނެވެ.

"އައިމް ސޮރީ. އަހަންނަށް ނަތާގެ އެ އަމަލާ ނުރުހެވުނު ނަމަވެސް ސެލްފިޝްވި. ނަތާއަށްޓަކާ ތައިމޫރުގެ ފަރާތުން ބަދަލު ހިފަން އެ ކުޅިގަނޑުގައި ބައިވެރިވެވުނީ."

"ތިބުނަނީ ކެމީލާއަކީ މަގޭ......."ސޯފިއާގެ ދެލޯ ކަރުނުން ފުރިއްޖެއެވެ.

"އާނ. ޖުއާންގެ އެއްމާބަނޑުކޮއްކޮ..." ނާދިރާ ކޮފީތަށި ތުމުގައިޖެހިއެވެ.

ތޫފާނެއްފަދައިން ކެރިގަނޑު އައިސް ޖެހިގަތްއިރު ދޮރުފަތްތައްވެސް ތެޅިލިއެވެ. ޖެހި ބާރު ގުގުރާއެކު ބައެއްމީހުންގެ ހިތްތައް ގުޑައިލިއެވެ. ސޯފިއާއަށް ވަގުތުން ތެދުވެވިއްޖެއެވެ.

"މައި ލިޓްލް ގާލް މައި ޑާލިން..........." ސޯފިއާގެ އެސްފިޔަތަކުގައި ގިނަވެގަތް ކަރުނަތައް އޮހެމުން ދިޔައެވެ. ވެހެންފެށި ބޯ ވާރޭފަދައިންނެވެ.

"ސޯފީ. އަދި މިކަން ސިއްރުކުރޭ. އެއްވެސް މީހަކު އެހާ ފަސޭހައިން ގަބޫލެއް ނުކުރާނެ. އަދި ކެމީލާ އެހާ ބަލި ހާލުގައި އޮތްވާ. ޑޮކްޓަރުން އުއްމީދު ކަނޑާލާ ހިސާބުގައި އެފަކީރު އެއޮތީ. އިހަށް ކެމީލާގެ ހާލު މުޅިން ރަގަޅުވާންދެން މި ހަގީގަތް އެންމެނަށް ސިއްރުކޮށްދީ..................." ނާދިރާ އެދުނެވެ.

ސޯފިއާއަށް ވަރަށް ގިނަ އެއްޗެހި ވިސްނިއްޖެއެވެ.

ސޯފިއާ އެންމެ ކުރިން ގުޅީ ރައީސް ތައިމޫރަށެވެ. އަވަހަށް ހޮސްޕިޓަލަށް ދުރުވާން އެދި ވާހަކަދެއްކީ ފްރެންޗު ބަހުންނެވެ. ސޯފިއާ ރޯވަރުން ތައިމޫރު ހީކުރެއްވީވެސް ކެމީލާ ދުނިޔެ ދޫކުރީކަމުގައެވެ. އެހެންނޫނަމަ އެގޮތަކަށް ނުރޯނެ ނޫންހެއްޔެވެ؟ ސޯފިއާ ލައުންޖްގެ ގޮނޑިއެއްގައި އިށީންތަނާ ފަހަތުން ނާދިރާވެސް އަންނަތަން ފެނުނެވެ.އެ ވޭނީ ކަރުނަތައް ފެނުމުން ޒައިރާ ފޯނާއި ލޯ ވަކިކޮށްލިއެވެ. ތެދުވެގެންގޮސް ސޯފިޔާގެ ގާތުގައި އިށީނެވެ.

"އައި ނޯ މަންމަ ކެމީލާގެ ކޮންޑިޝަން ކިޔާދިނީ. އެކަމަކު ފަސްޓްލޭޑީ. ޕްލީޒް ބީ ސްޓްރޯންގް. ދެއަރސް ﷲ. ދުޢާ ކުރެއްވީމަ އިޖާބަކުރައްވާނެ ކޮންމެވެސް ސިފައެއްގައި. ވަރަށް އުފާވެއްޖެ އަމިއްލަ މަންމައަށްވުރެވެސް އެޑޮޕްޓްކުރި މަންމައެއްގެ ހިތުގައި ލޯބި ލެއްވީމަ...." ޒައިރާއަށް އެކައްޗެއް ވެސް ނޭގޭ ހާލުގައި ބުނެވުނެވެ. ނާދިރާ ކުށްވެރިއެއްފަދައިން އިސްޖަހާލައިގެން އިނީ އަމިއްލަ ޚިޔާލެއްގައެވެ. އިރުކޮޅެއްފަހުން ގޮސް ބިއްލޫރި ދޮރުން ވާރޭ ވެހޭ މަންޒަރު ބަލަން ހުއްޓެވެ.

ރައީސް ތައިމޫރު ވެންނެވީ ސިކިއިރުޓީއިންނާ އެކުގައެވެ. އެތާ ތިބި އެންމެން އިހުތިރާމް ކުރުމުގެ ގޮތުން ތެދުވުމުން ޒައިރާވެސް ތެދުވެއްޖެއެވެ. އުފާވެރިކަމުގެ ރާގެއް ހިތުގައި ކުޅެލިއެވެ. ކެމީލާގެ ސަބަބުން އެމީހުންގެ އާއިލާއަށް ރައީސްއާއި ފަސްޓްލޭޑީގެ ސަމާލުކަން އެބަ ލިބޭތާއެވެ. ދުރުކޮށްލާފައިވެސް ނުތިބެވުނެވެ. ރައީސް ސޯފިއާއަށް ގޮވައިލެއްވުމުން އަދި ސޯފިއާއަށް މާ ބޮޑަށް ރޮވުނެވެ. ތައިމޫރުގެ މޭގައި ބޯ ޖައްސައިލެވުނެވެ.

"އަޅުގަނޑުމެންގެ ދަރިފުޅު. ކިރިޔާ ދުނިޔޭގައި އޮތްކަން. ހުރިހާ ބޯއިސްއިންނަށް އަމުރުކުރައްވާ. ބޯންމެރޯ ޓެސްޓްކުރުވަން...." ސޯފިޔާ ރޯވަރުން ޒައިރާވެސް ކަންތައް ބޮޑުވެއްޖެއެވެ. ކެމީލާ ބަލިވުމުން އެންމެ ހިތާމަކުރަން ޖެހެނީ މަންމަ ނޫންހެއްޔެވެ؟ ނާދިރާ މަންމަ ހިތާމަކުރިޔަސް ލޮލުގައި ކަރުނަ ތިއްކެއްވެސް ނެތެވެ. ސޯފިއާ އަނެއްކޮޅުން ހަށިގަނޑުން ވަރު ހުސްވެގެން ސޯފާގައި ބައިންދާ ހިސާބަށް ހިނގައްޖެއެވެ.

"އެކްސްކިއުޒް މީ. އެކަމަކު އަސްލު މިވަގުތު ބޯންމެރޯ ހަދަން ނުޖެހޭނެ. ސެޕްޓިކް ޝޮކަކަށް ކޮއްކޮ ގޮއްސަ..." ޒައިރާ ބުނެދޭން އުޅުނެވެ.

"ޝަޓަޕް ޒައިރާ. އެހެންމީހުންގެ ވާހަކަތަކަށް އަނގަ ނުބާނާ ހުރެފާނަންތަ؟ " ސޯފިއާ ރުޅިއަންނަގޮތްވެސް ވިއެވެ. ހިތާމައިގެ ބޮޑުކަމުންގޮސް ސިކުނޑިވެސް ގޯސްވަނީ ބާވައޭ ޒައިރާގެ ހިތަށްވެސް އެރިއެވެ. އެހެންނޫންނަމަ އެގޭތެރޭގައި އުޅޭއިރު ހިތްހަމަނުޖެހޭ ކަމަކާއި ދިމާވިޔަސް ސޯފިއާ ރީތިކޮށް ވާހަކަދައްކާތީއެވެ. މިއަދު ސޯފިއާގެ މޫނުމަތިން އެފެންނަ ކުލަވަރު ތަރުޖަމާކުރާކަށް އޭނައަށް ނޭގުނެވެ. އެހެން ކުއްޖެއްނަމަ ލަދުގަތީހެވެ. ޒައިރާ ތަންކޮޅެއް ހަމަޖެހޭކަމުން ކަންބޮޑުވުމާއެކު ސޯފިއާއަށް ނަޒަރު ހުއްޓާލައިގެން ހުއްޓެވެ. ސައިކޭޓްރިސްޓަކަށް ދައްކަން ޚިޔާލު ދޭން އުޅެފައިވެސް ޒައިރާ އަނގަ ލައްޕާލައިފިއެވެ.

"މީހަކު ކޮސްނުވާނެތަ؟ މަންމައަށްވުރެ ސޯފިއާ ކެމީލާއާއިހެދި މިއޮތް ވާ ވަރެއް..." ޒައިރާ ހިތާހިތުން ކިޔައިލިއެވެ.

ތައިމޫރު މަޑުމަޑުން ކޮންމެވެސް ވާހަކައެއް ދެއްކެވިއެވެ. ދެން ފެނުނީ ސޯފިއާ މީހަކަށް ގުޅައިލިތަނެވެ. އެއީ ކާކަށް ކަން ޒައިރާއަށް އެނގުނީ ނަމުން ކިޔާލީމައެވެ.

"ދަރިފުޅާ ޝައުން. ކޮންތާކު؟ "

"އަވަހަށް މިކޮޅަށް އާދޭ. ކޮއްކޮ ވަރަށް ބަލި. ސެޕްސިސްވެގެންނޯ. މެޑިކަލީ އިންޑިއުސްޑް ކޯމާއެއްގައި އޮތީ...." ސޯފިއާ އިތުރަށް ބުނެދިނެވެ. ފަހަރަކު ކުއްޖަކަށް ސޯފިއާ ގުޅިއެވެ. އޭނަގެ މަންމައަށްވެސް މެއެވެ. އިރުކޮޅެއްނުވަނީސް އާއިލާގެ މީހުންތައް އަންނަން ފެށިއެވެ. ޒައިރާ ނާދިރާގެ ކައިރިއަށް ޖެހިލިއެވެ. އަދި މަންމަ ސޯފިއާ ބިރުގަންނަވައިލީ ކީކޭ ކިޔައިގެން ހެއްޔޭ އެހިއެވެ. ނާދިރާ އެއްޗެކޭ ބުނަން އުޅެފައިވެސް ތުން ފިތައިލިއެވެ.

 

 

***

ޒައިރާ ފޭސްބުކަށް ވަނެވެ. އެންމެ ފުރަތަމަ ނަޒަރުގައި އަޅައިގަތީ "ސްޓޯރީސް އޮފް މިންކް" ޖަހާފައި އޮތް ޕޭޖެވެ. އެއީ މޮޅު ވާހަކަ ލިޔުންތެރިއެކެވެ. އޭނައަށް އެނގެނީ ނިކަން މޮޅު ލިޔުންތެރިއެއްކަމެވެ. އޭގެ އިތުރުން އެންމެ ފާހަގަވަނީ އެކުއްޖާ ދަތުރުކުރަން ހުންނަ ފޯރިއެވެ. ދުނިޔޭގެ އެތަން މިތަނުގައި ނަގާފައިވާ ރީތި ފޮޓޯތަކާއި ވީޑިއޯއިން އޭނަވެސް މޮޔަކުރުވައެވެ. ޒައިރާއަކީ މިންކްގެ އެންމެ ބޮޑު އެއް ފޭނެވެ. އެކުއްޖާއާއި ކޮންމެވެސް ދުވަހަކުން ބައްދަލުވުމަކީވެސް އުއްމީދެކެވެ. ޚަރީފުގެ ފޮޓޯތައް ފެނުމުން މޮޔަވިއެވެ. އެކި ކުލައިގެ ފަތްތަކުން ދޫލަ އެޅިފައިވާ ގެއެއްގެ ޕޯޓިކޯ ކޮންފަދަ ހިތްގައިމު ހެއްޔެވެ؟ ފިޔާތޮށިކުލައިގެ ޗެރީ ބްލޮސޮމްތައް ގަހުން ވެރެމުންދާއިރު މުޅި މަގުގައި އެ ކުލައިގެ ގަސްތަކެވެ. ސްނޯއިން ހުދުވެފައިވާ ރީތި ކޮޓެޖްތަކެވެ. ޒައިރާ ދަހިވާ ވަރުވިއެވެ. ދެން ވަދެވުނީ އޭނަ މިފަހުން ޗެކްކުރާ ލޭކެންގެ އިންސްޓަގްރާމަށެވެ. "ހޯމް ސްވީޓް ހޯމް" ޖަހާފައި މިއިނީ ރައީސްގެ ގެއަށެވެ.

"އެކްސްކިއުޒް މީ....." ކޮންމެވެސް މީހަކުގެ އަޑަށް ސިހިފައި އޭނަ އިސްއުފުލާ ބަލާލައިފިއެވެ.

ނުނިމޭ

ކޮމެންޓް 0