ގުރުއާންގެ ޔޫސުފް ސޫރަތުގެ ސަތޭކަ ފަސްވަނަ އާޔަތުގައި ވަނީ "وَكَأَيِّن مِّنۡ ءَايَةٖ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ يَمُرُّونَ عَلَيۡهَا وَهُمۡ عَنۡهَا مُعۡرِضُونَ އުޑުތަކާއި، ބިމުގައިވާ ހެކިތަކުގެ ތެރެއިން، އެއުރެންނަށް ފެނި، ކުރިމަތިވާ، އަދި އެ ހެކިތަކުން އެއުރެން އެއްކިބާވެ، އެއާމެދު ފިކުރުނުކުރާ، ކިތައްކިތައް ހެކި ވޭހެއްޔެވެ؟

***

ނީވް ވެސް މަނާކަމެއް ކޮށްފައެއް ނު ތިއައީ. އެހާ ސިއްރުސިއްރުން ބެލީ ކޮން ބަޔަކަށް؟ މިގޭގައި އުޅެނީ ކޮންބަޔެއްތަ؟ "

ނީވްގެ މޫނުމަތިން ފެނުނު ޝުއޫރު ތަރުޖަމާ ނުކުރެވި އުޅެނިކޮށް ހީލައިފިއެވެ. "އެއީ މެޑަމްގެ ފެމިލީ. އެމެރިކާއިން މިކޮޅަށް ބަދަލުވީ"

ދެމީހުން އެއްކޮށް ހިނގާފައިގޮސް ނީވް އުޅޭ ބަޔަށް ވަނެވެ. މެއިޑްއަށް ޚާއްސަކޮށްފައިވާ ބައިވެސް އެއްކޮޓަރީގެ އެޕާޓްމެންޓެއް ފަދައެވެ. އެމީހުން ދިރިއުޅޭ ގެއާއި ބަލާފައި ނިކަން ހުވަފެނީ ތަންކޮޅެކެވެ. ނީވްއާއިމެދު ހިތުގައި ހަސަދަވެރިކަމުގެ ހުޅުކޮޅެއްވެސް ރޯވިއެވެ. އަބަދާއަބަދު މީރުކޮށް ކާލައިގެން ގަނޑުވަރެއްގައި އުޅެވޭނީ ނަސީބުވެރިންނަށެވެ.

"އެ ފެމިލީގައި އުޅެނީ ކޮންބަޔެއް؟ ތިހާ ކިއުރިއަސްވެގެން ސިއްރުން ބެލިގޮތުން ޝައްކެއްވެއްޖެ. މިފެމިލީގައި ބޯއިއެއް ހުރޭތަ؟"ޒައިރާ ލާނެތްގޮތަކަށް އަނގައާއި ބުމަވެސް އަރުވައިލިއެވެ.

"އާރިކް. އެއީ އެލީނާގެބޭބެ. ދެން އަންހެންކޮއްކޮ އެއް ހުރޭ .ބައްޕައަކީ މަޝްހޫރު އިލްމުވެރިއެއް. މުފްތީއެއް. އެލީނާމެންވެސް އަބާޔާ ލައިގެން އުޅޭ ސަބަަބަކީ އެއީ. އަހަރެންވެސް ހިލޭ ފިރިހެނުން ކުރިމައްޗަށް ދާން ވެއްޖެއްޔާ މޫނުއަޅަން. އަތްވަށް ނުނިކުމެ ހުންނަ ވަޒީފާއެއް ބޭނުންވެފައި ހުއްޓާ މިގެއިން ޖޮބް ހަމަޖެހުނީ. ނަސީބަކުން އެލީނާ ސަންސްކްރީން ގެނެސްދޭ. ގިނަގިނައިން ސަންސްކްރީން ނުލާނަމަ ހަންގަނޑަށް ނޭދެވޭ އަސަރުކުރާނެ.........."ނީވް ކިޔައިދިނެވެ.

"ނީވް ކީއްކުރަން މޫނު ބުރުގާ އަޅަނީ؟ ބައެއްފަހަރު ބުރުގާނާޅާވެސް އުޅެމެއްނު.."

"ޝައުން އުޅޭ ގަޑިއެއް ވިއްޔާ މޫނު އަޅައިގެން އުޅެނީ."

"އެއީ ކީއްވެ؟ ޔޫ އާ ޕްރިޓީ. ދުނިޔެއަށް ފޮރުވޭކަށް ނުޖެހޭ. ބުރުގާ އެޅިޔަސް މިބުނީ މޫނު ފޮރުވާކަށް ނުޖެހޭނެއޭ. ތިބުނާ އާރިކް ހެންޑްސަމްތަ..."

"އޭނައާއި ދިމާވީ އެންމެ ފަހަރަކު. އެކަމަކު.. އޭރު އަހަރެން ހުރީ މަންމަންވެގެން. އެހެންވެ އަނގައިން ނުބުނެވުނު. މިހާރުވެސް އެހެންމީހުން ގަބޫލުކުރާގޮތުން އަހަންނަށް ވާހަކަ ނުދެއްކޭ. އެލީނާއަށްވެސް ހަގީގަތެއް ނޭގޭނެ. ވަރަށް އުދަގުލުން ބުނަން މަޖުބޫރުވާ އެއްޗެއް ކުރުކޮށް ބުނެލަނީ....." ނީވް އެހިސާބަށް ބުނެލިއިރު ޒައިރާ ދެތިން ފަހަރު އެސްފިޔަ ޖަހާލައިފިއެވެ.

"ވެއިޓް އެ މިނިޓް. އާ ޔޫ ޓެލިން މީ މިހުރިހާ ދުވަހު މިއުޓް ކުއްޖެއްކަމަށް ހެދިގެން މިގޭގައި އުޅުނީ؟ " ޒައިރާ ގާތު އެވަރުގެ ބޮޑު ސިއްރެއް ހިއްސާކުރުމުން އަޖައިބުވުމުގެ އިތުރަށް އުފާވެރިކަމުގެ އަސަރުތައް ހިތުތެރޭ ހިނގާލައިފިއެވެ. "ދެން ތިހާވަރުގެ ބޮޑު ސިއްރެއް މަގޭ ކައިރީ ބުނީ ކީއްވެ؟ ހައު ކެން ޔޫ ޓްރަސް މީ ލައިކް ދެޓް؟

" ޒައިރާއަށް އިތުބާރުކުރެވުނީ ކީއްވެކަމެއް ނޭގޭ. ފެނުނު ވަގުތުން ފެށިގެން ހިތްހެޔޮ އެހެންމީހުންގެ އިހުސާސްތައް ދަންނަ ކުއްޖެއްކަން ވިސްނިއްޖެ. އެހެންވެ ހަގީގަތް މިބުނެދިނީ. އަހަރެން ފެނުނީމަ ކޮންމެ މީހަކަށްވެސް ދެވަނަ ފަހަރަށް ބަލައިލެވޭނެ. ބައެއްމީހުން ބިރުގެ އިހުސާސްވެދާނެ. އެކަމާ އަހަރެން ހިތާމައެއް ނުކުރަން. ހިތް ގޯހެއްނުވޭ ސަބަބަކީ ތަފާތުކަމެއް ހުރީމަ ބައެއްފަހަރު އިންސާނީ ތަބީއަތުގައި ހުންނަ ގޮތުން ކިއުރިއަސް ވެދާނެ. އެހެންވެ ބޭއިޚުތިޔާރުގައިވެސް ބެލޭ..ލިލީއަކީވެސް އެކަހަލަ ކުއްޖެއް އެކަމަކު ގިނަބަޔަކަށް ލިލީގެ ނާޒުކްކަމާއި ކުޑަކަމުން އަސްލު ހަގީގަތް ދެނެގެންނާކަށް ނޭގޭ. ލޫކާއާއި އެއް އުމުރެއްގެ ކުއްޖެއް އެކަމަކު ގިނަމީހުންނަށް ހީވާނީ އެއި ދެއަހަރު ވަރުގެ ތުއްތު ކުއްޖެއްހެން. މާގިނަ ވާހަކަ ދެއްކިއްޖެ. މޭޒުމަތި ތައްޔާރުކުރަން ދާންވީ..........................." ނީވް ބުރުގާ އަޅާފައި މޫނުފޮތިކޮޅުވެސް ވައްޓާލައިފިއެވެ. އެވަގުތު ޒައިރާއަށް ނީވްގެ ސިއްރު ފަރާތެއްވާކަން ޔަގީންވިއެވެ. އިތުބާރުކޮށްފައި ކިޔައި އެދިނީ ނީވްގެ ހަޔާތުގެ ކުޑަ ބާބެކެވެ. އެ ފޮތް ކިޔައިލަން ޒައިރާގެ ހިތް އެދުނެވެ.

***

ޒައިރާއާއި ނީވްގެ އެކުވެރިކަން ދުވަހަކަށްވުރެ ދުވަހެއް ބަދަހިވަމުން ދިޔައެވެ. ނީވް އެހެން މީހުން ކުރިމަތީގައި މަންމަންވެގެން އުޅުމާއި އުޅޭގޮތަކުން ކޮންމެވެސް ސިއްރެއްވާކަމަށް ގަބޫލުކުރެވުނަސް އޭނަ ނާހައެވެ. ނީވްގެ ސިއްރު އެނގޭހިތުން ވިސްނިވަރަކަށް އާރިކްއާއި އެކަމާއި ގުޅުމެއް ވެދާނެކަމުގައި ހިތް ބުންޏެވެ. ޒައިރާ އެންމެ ދުވަހެއްވެސް ވައްޓާނުލާ ގަޑިއަށް ހާޟިރުވެ އޭނަގެ ކުޅަދާނަކަމާއި ވަޒީފާއަށް ލޯބިކުރާކަން އެލީނާއަށް ސާބިތުކޮށްދިނެވެ. ލޫކާވެސް އެންމެ އިންތިޒާރުކުރަނީ ޒައިރާ އެގެއަށް އަންނަ ގަޑިއަށެވެ. ޝައުންއާއި ޒައިރާ ދިމާވުމުގެ ނަސީބެއް އަދި ނުލިބެއެވެ. ދުވަސްވިވަރަކަށް ލޫކާ ހައްތާބޮޑަށް ޒައިރާއާއި ގާތްވެ ދާގަޑި ޖެހުމުން ރޮއިހަދައެވެ. އެލީނާގެ ހަރުކަށި ނަޒަރު ނޫނީ ހަރުކަށި ބަސްތަކަށް ބިރުން ލޫކާ ހުއްޓާލިނަމަވެސް ނެނީ އާއި ލޫކާގެ ލޯތްބަކީ އެންމެނަށްވެސް ފާޅުވެފައި އޮތް ހަގީގަތެކެވެ. އާއިޒާ ބަލިވީ ދުވަހެއްގައި ލިލީއަށް ޒައިރާއާއެކު ކުޅެލާނެ ވަގުތުވިއެވެ. ޒައިރާ އުފަލުން މޮޔަވިއެވެ.

"އެލީނާ. ޗެރިޓީއަށް ދޭން ބާ ހެދުންކޮޅެއް ނެތްތަ؟ " ޝުވޭކާރުގެ ޖުމްލަ އިވުމުން ޒައިރާގެ ހިތް އަވަސްވިއެވެ. އެލީނާ ލާ އަގުބޮޑު ޑިޒައިނާ ހެދުންތައް ވެސް ސަދަގާތުގެ މަގުން ބަހާލަނީތާއެވެ.

"ކްލޯޒެޓް ހާވާލަން ޖެހޭނީ މަންމާ."އެލީނާ ބުނި އަޑު އިވުނެވެ.

ގަޑިއެއްހާއިރު ފަހުން ޒައިރާ ޗެކްކޮށްލިއިރު ސިޓިންރޫމްގެ ކަނެއްގައި ހުރި ބޮޑު ކޮތަޅު ފެނި ނަށައިލެވުނެވެ. އެލީނާ ކްލޯޒެޓް ހާވަފައި ސަަދަގާތް ކުރަން ހުރި މުދަލެވެ. އޭނައާއި ކެމީލާއަކީވެސް ޒަކާތް ހައްގު ނިކަމެތި ޔަތީމުންނޫން ހެއްޔެވެ. ފާރައަށް ހުރި ޒައިރާއަށް ދަނޑިވަޅެއް ލިބޭއިރަށް އަވަހަށް އޭގެ ތުން މޮހާލައިގެން ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. މީހަކު ލާފައި ހުރިހެނެއްވެސް ހިޔެއްނުވެއެވެ. އެކިކުލައިގެ ރީތި ހެދުންތަކެވެ. ވެލެންޓިނޯ ގެސް އަރްމާނީ ޕްރާޑާ ކެލްވިންކްލެއިން ބްރިކްލިނެން އެހެންގޮސް ނަން ހުސްކޮށް ތިބި ޓީޝާޓްތަކާއި ހަރުވާޅުތަކާއި ސޯޓްތަކެވެ. ޒައިރާގެ ހިތް ތެޅިގަތްލެއް ބާރުކަމުން ފުންމައިލަފާނެ ކަހަލައެވެ. ޓީޝާޓުގެ ފޭރާމުގައި އިގިލިތަކުން ހިފައިލިއެވެ. އޭގެ ފަށުވިކަމާއި މަޑުކަމުން އަތަށް ވިރާފާނެފަދައެވެ. އަވަސް އަރުވާލާފައި ކަމުދިޔަ ހަތަރު ވަރަކަށް ހެދުމާއި ހަރުވާޅުތައް ނަގާފައި ފޮރުވާނެތަނެއް ހޯދައިލިއެވެ. އެއަށްފަހު ކޮތަޅު ހުރިތާގައި ބަހައްޓާފައި ތެދުވެ ހިންދެމިލައިފިއެވެ.

"ކީއްވެ މަންމިގެ ޑްރެސްތައް ސޯފާދަށަށް ލީ؟ "ލޫކާ އެހިއެވެ.

"އެއީ މަންމި ދެއްވި ޗެރިޓީ ޑްރެސްތައް. ހިނގާ ޕީކަބޫ ކުޅެން. ކުޅެފައި ހަނީީބަންޗަށް ދޮންތި ކިޔާދޭނަން ޕްރޮފެޓް ޔޫސުފްގެ ސްޓޯރީ......." ޒައިރާ ލޫކާގެ ބުޅި އިސްތަށިގަނޑާއި ކުޅެލިއެވެ. ލޫކާ ޒައިރާއަށް ބަލައިލިއިރު އެދެލޯ ވިދައެވެ. އެލޮލުން ފެންނަނީ ކުޑަކުއްޖެއްގެ ސާފު ލޯތްބެވެ. ޒައިރާ ލޫކާގެ ކޯތާފަތަށް ބޮސްދިނެވެ.

ދެތިން ދުވަސްފަހުން ކެތްނުލަވައިގެން ޒައިރާ އައީ އެލީނާގެ ޓީޝާޓެއްލައިގެންނެވެ. "ގެސް ޔޫއެސް" އޭ ގެ ނިޝާން މޭމަތީގައި ޖެހި ރަތްކުލައިގެ ޓީޝާޓަކާއި ނޫ ޖިންސް ލާފައި ހުރިއިރު ލޫޅާފަތިކަމުން ލޮލުގައި އަޅައިގަންނަހާ ރީއްޗެވެ. މަގުން ހިނގާފައި އައިއިރުވެސް އެހެން ދުވަހާއި ތަފާތުކޮށް ލޯތައް ހުއްޓުނުކަން ޒައިރާ ދެނެގަތެވެ. ލޮލުގައި އަވިއައިނެއް ހުރުމުން ތަރިއެކޭ ހީކުރެވުނީކަން ނޭގެއެވެ. އަވިއައިނު އެޅުމުން މީހުންގެ ފޮނިގޮތެއް ހުންނަކަމަށް އޭނަވެސް ގަބޫލުކުރެއެވެ. އެހެންވެ އަގުހެޔޮކޮށް އައިނެއްވެސް ގަނެލީއެވެ. މީހުންނަށް ފެންނާނީ ބޭރުފުށެވެ. ހާމަޔަށް ހުރި މަންޒަރެވެ. ރޭބަން އައިނަކަށް ވީމަ އެއީ އޮރިޖިނަލްކަން ނޫނީ ފޭކްކަމެއް ނޭގޭނެތާއެވެ. ޒައިރާ ބެލް ޖަހައިލިއިރަށް ހުޅުވީ އެލީނާއެވެ.

"ރީތި ޓީޝާޓެއް. މާލެއިންވެސް ލިބެން ހުރޭތަ... "އެލީނާ ތައުރީފުކޮށްލިއެވެ.

"ނޫން. އަޅުގަނޑުގެ ދޮންބެ ޔޫރަޕުން ގެނެސްދެއްވީ...."

"އޯ...އަހަންނަށްވެސް ވަރަށް ކަމުދާ ބްރޭންޑެކޭ. މަގޭ އަތުގައިވެސް މިކަހަލަ ހެދުން ހުރޭ...." އެލީނާ ބުނެލިއެވެ.

"ނެވަމައިންޑް. މިއަދު ލިލީ ފެންނާކަށް ނެތް؟ "

"ހާދަ ސުވާލެކޭ ގިނަކުރަނީ. ސާހިބުމީހާއާއި އޮންނަން ޖެހޭ ގުޅުން ވަކި ހައްދެއްގައި އޮންނާނީ. ނީވް އެކަން ދަނެ. ޒައިރާވެސް މިގޭ ކުއްޖަކަށް ނެހެދި ނެނީއެއްގެ ގޮތުގައި އުޅެބަލަ. ޔޯ ފްރެންޑް ނީވް ގާތުން އަދަބާއި ދީންވެސް ދަސްކޮށްބަލަ............"އެލީނާ ތަންކޮޅެއް ރުންކުރުގޮތަކަށް ބުނެލާފައި އެތެރެއަށް ވަދެގެން ހިނގައިގަތެވެ.

"މިއަދު އިރުއެރީ ނުބައިކޮށް...ނީވް ޕަޕެޓެއް ހެން ހުއްޓަސް އެންމެން އެއްގޮތެއް ނުވާނެ. އަހަރެން އަދި އެލީނާއަށްވުރެ މިގެއަށް ގަދަކޮށްލާނެ ޒަމާނެއް އަތުވެދާނެ. އަދި ލޫކާގެ ދޮންމަންމައަކަށް އަހަރެން ނުވާނެކަމެއް ނޭގެއެއްނު..." ޒައިރާ ހަމަޖެހިލާފައި އަތުން ވައްތަރެއް ޖެއްސިއެވެ. ދެން ހީގަތެވެ. ލޫކާ ދޮންތި ކިޔަމުން ދުވެފައި އައުމުން ގުދުވެލާފައި ކުޑަކޮށް ބައްދާލަމުން މަންމަ ކިޔަސް ހަމަ ރަގަޅުވާނެއޭ ބުނެލާފައި ހިނިގަނޑެއްޖެހިއެވެ. އަދި އެއޮތް ބޮޑު ކުއްޖާ އުރައިލިއެވެ. އިނގިލި ޖެހީމަ ހުންނަލެއް ރީތިކަމުން އިނގިލިވެސް އަނގަޔަށް ލައްވާފައި އެކީ ސެލްފީއެއް ނެގިއެވެ. އެލީނާ އޮތީ ކުދިންގެ ފޮޓޯ ނެގުން މަނާކޮށްފައެވެ. މަނާކުރިޔަސް އަދި މިއީ ފާފައެއް ނޫންތާއެވެ. އޭނަގެ ފޯނުގައި ހަނދާނަކަށް ބެހެއްޓިޔަސް އެލީނާއަށް އެނގޭނީއެއް ނޫނެވެ. ލޫކާވެސް ޒައިރާގެ ހެދުމުގައި އަތް ޖައްސާލަމުން މަންމަގެ ޗެރިޓީ ހެދުމޭ ބުނުމުން ޒައިރާ ދެލޯ ބޮޑުވިއެވެ. ކިތަންމެ ކުޑަޔަކަސް ލޫކާ ހުރިހާކަމެއް ވިސްނެއެވެ. ލޫކާ ގާތު އޭނައަށް މަންމަ ކިޔަން ބުނި ވާހަކަ ބުނެފިއްޔާ ފީކުކުޅެއްހެން އޭނަގެ ގަޔަށް އަރައި ނުގަންނާނެ ބާވައެވެ. ޒައިރާ ލޫކާއަށް ވިސްނާދިނީ އެއްވައްތަރެއްގެ ގިނަ ހެދުންތައް ހުންނަ ކަމެވެ. މަންމަގެ ހެދުމެއް ނޫންކަމެވެ. އެކަން ޔަގީންކުރަން އޭނަ ލައިގެން ހުރި ޖިންސް ދެއްކިއެވެ. ލޫކާވެސް ލައިގެން ހުރީ ޖިންސް ސޯޓުކޮޅެއް ކަމުން ދެބަސްވުމަކާއި ނުލަ ލޫކާ ބޯ ޖަހައިލިއެވެ.

***

ލޭ އެޅިފަހުން ކެމީލާގެ ގައިވާ ވަރު ޖެހި ސްކޫލްގެ އިތުރު ހަރަކާތަކުގައި ބައިވެރިވާންފެށިއެވެ. ފެތުމާއި ނެޓްބޯޅަ ޕްރެކްޓިސްއަށް ގަވައިދުން ދެއެވެ. ޖުއާންގެ ބެސްޓްފްރެންޑް ވިޝާއެއް އަންނަން ފެށިފަހުން އެކުއްޖާއާއި އެހެން ކުދިންގެ ގަނާކުރުން އިތުރުވިޔަސް ކެމީލާގެ ހިތްވަރަށް ބަދަލެއްނާދެއެވެ. ވިޝާ އަދި ކެމީލާއާއި ޖައްސައިލީ މާ ވަރަކަށެވެ. ސަބަބެއްވެސް ނޭގުނެވެ. ވިޝާފަދަ ބުރުގާ އަޅާފައި ހުންނަ ބަސް އަހާ ކުއްޖަކު އެގޮތަށް އުޅުމުން ކެމީލާ ހައިރާންވެސް ވިއެވެ.

ކެމީލާ ޑެސްކުގައި އިށީންއިރަށް ވަތްގަނޑުގައި އެއްޗެއް އޮތްހެން ހީވެ ގުދުވެފައި ބަލައިލިއެވެ. ފުރަތަމަވެސް ނަޒަރުގައި އަޅައިގަތީ ރަތް ފިނިފެންމަލަކާއި ޗޮކްލެޓެކެވެ. ފިޔާތޮށިކުލައިގެ ސިޓީއުރައެކެވެ. މީރުވަހެއްވެސް ދުވައެވެ. ހައިރާންކަމާއެކު ހުޅުވާލިއިރު ރީތި އަތުލިޔުމަކުން އިނގިރޭސިން ލިޔެފައިވާ ސިޓީއެކެވެ.

"ޑިއަރ ގާލް. ގްރޭސްފުލްކަމުން މޮޑެލްއެއްފަދަ ތި ކުއްޖާގެ ފިނިފެންމާ ކުލައިގެ ދޮން ކުލަ ފެނިފައި ވަގުތުން ހިތް ފުންމާނުލީ ކިރިޔާ. ހިނގާލާއިރު ހިތްމަތީ ފައިއަޅާފައި ދަނީ. ޕޫލްގެ ފެންގަނޑުގެ ތެރޭ މަހެއްހެން ފަތާލާއިރު އަހަރެން ބަލަން ހުންނަން. ފެނުޕަރީއެއްގެ މިސާލު ޖެހިދާނެ. މާރމެއިޑެއް ފަދަ. ކުޅަދާނަކަމާއެކު ފެނުގެ ތެރޭ އުޅޭއިރު ހިތް ފުންމައިގެން ގޮސް އާސްމާނަށް އަރާ. ބޯޅަކުޅޭއިރު އަހަރެން ކަޅިވެސް ޖަހާނުލާ ބަލަން ހުންނަން. އެހުންނަ ލޫޅާފަތިކަމެއް. ވައިރޯޅިތައްވެސް ލޯބިކުރާފަދަ. ވައިރޯޅިތައް ތި ހިމަ ކުއްޖާ އުފުލާލައިގެން ނޫނީ އެހާ ހިތްގައިމުކޮށް އުދުހިފައެއް ނޫޅެވޭނެ. މޮޔަވެގެން މަގޭ ލޮލަށް ފެންނަ ގޮތްތަ؟ އެހެން ކުދިން ބުލީކުރާތީ އަހަރެން ދެރަވާވަރު ދެކެ ދެނެވޮޑިގެންވަނީ ހަމަ އެކަނި މަތް ރަސްކަލާނގެ. ކޮންމެވެސް ދުވަހަކު އެ ހުރިހާ ކުދިންގެ ކިބައިން ސަލާމަތްކޮށްދޭނަން. ތިޔަ ޗޮކްލެޓްކުލައިގެ އިސްތަށިގަނޑާއި ދިގު އެސްފިޔަތަކުގެ ހިޔާ މަށަށް ދީފާނަންތަ؟ ތި ދޮން ކޯތާފަތަށް އަރާ ކުލަ ފެނިފައި އަހަރެން ގެ ހިތް ކިތަންމެ ފަހަރު ހުއްޓިއްޖެ. މިރެކެލްސް އިން ކޮންމެ ފަހަރަކު އަލުން ވިންދު ޖަހަނީ. ތިޔަ ލޮލުގެ ރީތިކަން ޖަވާހިރެއްފަދަ. އިރުގެ އަލިކަން ފަދައިން ވިދަ ބަބުޅާ ދެލޮލުގެ ތެރޭ އަހަރެން ފޮރުވާލަދީފާނަންތަ؟ ފައިކުރީގެ ރީތިކަމުން ބަލަން ހުރެވޭ. ތިއީ މިދުނިޔޭގެ ކަމެއްނޫން. އަހަރެންގެ މި ދީވާނާކަން ތި ކުއްޖާއަށް ފާހަގަ ނުކުރެވޭތަ؟ އެހެން ކުދިން ކުރާ ޖެެއްސުމާއި ބައިވެރިވެގެން ހުއްޓަސް އަހަރެންގެ ހިތްވަނީ ޕްރިންސެސްއާއެކު. ޖަވާބެއް ދެއްޗޭ..."

ލޯބިވާ ޖުއާން.." ކެމީލާއަށް ހެވިއްޖެއެވެ. ސީރިޔަސްކޮށް އޭނަ ބޭރުފުށުން ދައްކަނީ މުޅިން އެހެން ކުލަވަރެއްތާއެވެ. ކެމީލާއަށް މަޖާވިވަރުން ހޭންފެށިތަނާ ކްލާހުގެ ތެރެއަށް ވަދެގަތީ ވިޝާއާއި އެކުވެރިންނެވެ. މަދީ ޖުއާންއެވެ. ހާސްކަމާއެކު އަވަހަށް ސިޓީ ފޮރުވަން އުޅެނިކޮށް ތަންކޮޅެއް ތިރީގައި އެހެން ޖުމްލައެއް އޮތްހެން ހީވެފައި ކިޔައިލެވުނެވެ.

"ޔޫ ހޭވް ބީން ޕްރޭންކްޑް"

ކެމީލާއަށް އޮޅިގެން ނަމަވެސް އެ ސިޓީއަކީ ހަގީގަތެއްކަމަށް ގަބޫލުކުރެވުނީތީ ލަދުންގޮސް ރޮވޭވަރުވިއެވެ. ވިޝާއާއި އެކުވެރިންގެ ހުނުމުގެ އަޑު ކްލާސްތެރޭ ގުގުމައިލީ ހޮނުގުގުގުރިއެއް ފަދައިންނެވެ. ކުއްލިއަކަށް ހިމަ އިނގިލިތަކުން އެ ސިޓީ ދަމައިގެންފާ ވީދާކުދި ކުދިކޮށްލާފައި އެތިކޮޅުތައް ކެމީލާގެ މޫނަށް ޖަހަލިއެވެ. އަނގަޔަށްވެސް ކޮށްޕާލައިފިއެވެ.

"މި ގިރައިގެން ކައިބަލަ. ބުނަން ވާހަކައެއް. ޖުއާން ފެނުމުން މާ ވެފައި ހީލިކަމަށް އެ ތަން ދެކުނު ކުދިން ކިޔައިދިން. ހީޒް މައިން. އެހެންވީމަ ތިޔަ އަނަރޫފަ ހިކި ހޯލިކޮޅު ދުރުން އުޅޭތި. ނޫނީ...." ވިޝާ އިންޒާރު ދީފައި ހިނގައިގަތެވެ. ކެމީލާ ހުރިޙާ އިރުވަންދެން ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލެވުނުއިރު މޫނަށް ހުދުކުލަ ވެރިވެއްޖެއެވެ. ލޯ ކަރުނުން ފުރުނެވެ. ވިޝާ ޖުއާންއޭ ކިޔައިގެން އޭނައާއި ދިމާކުރަންވީ އެއްވެސް ސަބަބެއް ނެތެވެ. އެއީ އޭނައަށްޓަކާ ހަމައެކަނި ސްކޫލް ކެޕްޓަނެވެ. ހިތުގައި ގަދަރެއް ދެވި ކުލުނު ޖެހި ހީލެވުނު ސަބަބަކީ އަދި ވިޝާ ހީކުރިފަދަ ކަމެއް ނޫނެވެ. އޭނަގެ ހިތުގައި ޖުއާންއަށްޓަކާ އެބުނާފަދަ އެއްވެސް ޖަޒުބާތެއް އުފަންވީއެއް ނޫނެވެ. އިޝްގީލޯތްބަކަށް އޭނަގެ ޝައުގެއް ނެތެވެ. ވިޝާއާއި ޖުއާންގެ ކޮންމެ ގުޅުމެއް އޮތަސް އޭނައާއި ބެހޭކަމެއް ނޫނެވެ. މިވަރަށް އުދަގޫކޮށް ގޯނާ ކުރާއިރު ޒައިރާއާއި ކިޔަންއަށް އަދިވެސް ސިއްރުކުރަންވީ ހެއްޔެވެ؟އޭނައަށް ހިމާޔަތްދޭން ދުނިޔޭގައި ތިބިހާވެސް ބަޔަކީ އެއީއެވެ. އެވަގުތު ސިކުނޑީގެ ކަނަކުން އޭނައަށް ދިން މެސެޖަކުން ހިތްވަރު ލިބުނެވެ. އޭނަގެ ފުރާނަ ހުރިހާ ހިނދަކު އޭނަގެ އަޒުމް ގުޑައެއްނުލާނެއެވެ. މަންޒިލައަށް ވާސިލުވުމަށް ގިރާ ކުރަން ޖެހޭ ކަށިތައް އެއްފަރާތްކޮށް އޭނަ ކުރިއަށް ފިޔަވަޅު އަޅާނެއެވެ. އޭނަފަދަ ނިކަމެތިންނަށް މަތީ ފަޑިއަށް ވާސިލުވާން ހިތްވަރާއި ކުރަން ޖެހޭ މަސައްކަތް ބުރަކަން ވިސްނުނެވެ.

ވިޝާ އައިފަހުން ގަނާ ކުރުންތައް ކެމީލާ ކިތަންމެ ފަހަރު ރޮއްވައިލިއެވެ. ލޮލުން ކަރުނަ ނަޔަސް ހިތް ރުޔެވެ. އެއިން ކޮންމެ ފަހަރަކު ހިތްވަރު އިތުރުވެއެވެ. ހަގުރާމައިގާ މޮޅުވާން ލިބޭ ހިތްވަރަކަށްވިއެވެ.

***

ޕިކްނިކް ދަތުރެއްގައި ކައިރީގައި އޮތް ފަޅުރަށަކަށް ދާން ޖުއާން ކެމީލާއަށްވެސް އެންގިއެވެ. ނުދާ ކުދިންނަށް ފިޔަވަޅު އަޅާނެ ވާހަކަ ބުނުމުން އަރީޖްވެސް ބުނީ ދެރަވާނެކަމެއް ނެތްކަމުގައެވެ. އޭނަ އަބަދަށްވެސް ކެމީލާއާއެކު ވާނެކަމުގައެވެ. އަރީޖްއަކީވެސް އެހެން ކުދިންގެ ފަރާތުން ކުރި ގަނާތަކުގެ ސަބަބުން އެތައް ފަހަރު ވޭނާއި ހިތްދަތިކަން ތަހައްމަލުކޮށް މާޔޫސްވެފައިވާ ކުއްޖެކެވެ. އެކަމަކު ކެމީލާ އައުމުން އޭނަ އެއްފަރާތްކޮށްލާފައި އާ ކުއްޖާއަށް އެމީހުންގެ ޖެއްސުމާއި ނުބައިކަން ދައްކަންފެށީއެވެ.

ދުރުން މާ ދުރުން އިރުގެ ރަން ދޯދިތައް އުދަރެހާއި ކަނޑަށް ވިރުވާ އަޅަމުންދާ ފަދައެވެ. ހިތްތަކަށް ހަމަޖެހުން ގެނެސްދޭފަދަ ނާނާއެއް އަޅުވަމުންދާ ރާޅުތައް ދޮންވެލިތަކުގައި އޯގާތެރިކަމާއެކު ފިރުމާލާފަދައެވެ. ކެމީލާ ތަންކޮޅެއް ދުރުގައި ދޮންވެލިތައް އަތަށް ނަގައިގެން އިނގިލިދޭތެރެއިން މަޑުމަޑުން ފުރާނާލުމުން ސިކުނޑިއަށް އަރާމުވިއެވެ. މަޑުމަޑު ދޮންވެލިގަނޑުމަތީ ހުސްފަޔާ ހިނގުމުންވެސް އެލިބޭ އަރާމެއް ބުނެދޭކަށް ނޭގެއެވެ. ގުދުރަތީ ރީތި ތަނަކަށް އާދެވުމުން ކެމީލާއަށް މިއިން ކޮންމެ މަންޒަރަކާއިމެދު ވިސްނައިލެވުނެވެ. ކުޅަދުންވަންތަކަން ހިތަށް އަރާ ފިކުރުކޮށްލެވުނެވެ. އަރީޖްވެސް ކުޑަކުއްޖެއްހެން ސޭންޑްކާސްލްއެއް ހަދަން އިންއިރު ދުރުގައި ތިބި އެހެން ކުދިން އުޅޭގޮތަކާއިމެދު ޚިޔާލެއް ނެތް ފަދައެވެ. އެދެކުދިން ބާކީކޮށްލާފައެވެ. އެންމެފަހުން ދެކުދިން މޫދަށް އެރި ފަތާ ހަދާލާފައި އެއްގަމަށް އެރިއިރު ކެމީލާގެ އިސްތަށިގަނޑު ތަރުތީބު އޮޅި ބައެއް އިސްތަށިތައް މޫނަށް ފައިބާފައެވެ. އެންމެނަށް ޕާރުސަލް ބަހަމުން އައި ވިޝާ އަރީޖްއަށް ދިއްކޮށްލިއެވެ

"ސޮރީ. އިތުރު ބޮލެއް ގިނަވެއްޖެ. މިވީ ކިހިނެއް؟ މަތިން ބައިން ޖެހިގެން އައީ. އަންއިންވައިޓެޑް ގެސްޓެއް.." އެކަކު ކިޔާލިއެވެ. ޖުއާން އެހިސާބާއި އަރާ ހަމަވުމުން ކެމީލާއަށް އިސްއުފުލާ ބަލައިލެވުނެވެ. ކިރިޔާ ވައިރޯޅިއެއް ޖެހިލިޔަސް ފަންގަނޑެއްފަދަ އިސްތަށިގަނޑު މޫނަށް ފައިބައިގަނެއެވެ. ސޯޓަކާއި ބީޗް ޓީޝާޓެއްގައި ހުރިއިރު އެންމެންގެ ތެރެއިން ފާހަގަވެއެވެ.

އެކަމަކު ދެން ވިލޯގެ ބަނޑުކޮޅު ކުޑަވީމަ އަރީޖްގެ ޕާރުސަލުން ބާކީވާ ބައި ކެވިދާނެ......"ޖުއާން ހަމްދަރުދީވެފައި ފާޑަކަށް ބުނެލިއެވެ.

"ކަމީލިއަން...." ވިޝާ ކަޅި އަޅައިގަތެވެ.

ހުރިހާ ކުދިންގެ މަލާމާތުގެ ނަޒަރު ހުއްޓުމުން ކެމީލާ ރަކިވިއެވެ. ކާ އެއްޗެއް ދުވަހަކު ނުލިބުނަސް އޭނައަށް ވަރިހަމައެވެ. ލަދުގަތީ ހާލަަތުގެ ގޮތުންނެވެ. ވިޝާއާއި ޖުއާން ކައިރިވެލިއެވެ. ސިއްރުން ކޮންމެވެސް އެއްޗެކޭ ކިޔާފައި ހޭން ފެށުމުން އަރީޖް ރުޅިއައިސްގެން ތުން ފިތައިލިއެވެ. ކެމީލާގެ ބަދަލުގައި މިފަހަރު ކަރުނަ އައީ އޭނަގެ ލޮލަށެވެ. އޭނަ ބަނޑުހައިނުވާކަމަށް ބުނެފައި ޕާރުސަލް ބެހެއްޓިއެވެ. ކެމީލާވެސް އަޅާނުލާ ސޭންޑްކާސަލްއެއް ހަދަންފެށިއެވެ.

ވިޝާ ވުޟޫކޮށްލައިގެން ކުއިލްޓް ފަތުރާލުމަށްފަހު ނަމާދުކުރަންފެށި މަންޒަރު ފެނި ކެމީލާވެސް ނަމާދު މަތިން ހަދާންވިއެވެ. ވިޝާ ހާދަ ރަގަޅެވެ. މާތްﷲ ހަދުމަނެތި ކޮށްފައި ކުޅިވަރުކުޅުމަކީ އޭނަގެ ޟަމީރު ތަންދޭ ކަމެއްނޫނެވެ. ފެން އިސްކުރުން ވުޝޫކޮށްލައިގެން އޭނަވެސް ބެކްޕެކްގައި އޮތް ބުރުގާ ނަގައިގެން ބޮލަށް މަހައިލިއެވެ. ނަމާދުކުރަންފެށިއެވެ.

ނަމާދުކޮށް ނިމުނުއިރު ވިޝާ ހުރީ ކައިރީގައި ޖައްސާލާފައެވެ. އެހެން ކުދިންގެ މަލާމާތުގެ ނަޒަރުން އޭނަގެ ހަށިގަނޑުވެސް ފޫ އަޅުވާފާނެފަދައެވެ. ވަށާލައިގެން ތިބިގޮތުން ދުވެ ފިލޭކަށްވެސް ނެތެވެ.

"ކެމީލާ އަަހަރެން ކަމެއްކުރާއިރަށް ޝޯއޮފް ކުރަން ނަމާދަށް އެރީތަ؟ ހާދަ ހެއްވައޭ...." ވިޝާ ބާރަށް ބުނެލިއެވެ.

"މިވަރަށް މީހަކަށް ކޮޕީކުރެވޭނީ.. ސީރިޔަސްކޮށް ވިޝާ ނަމާދުކުރިއޭ ކިޔާފައި ހަމަ ލަދެއްނެތި ކަންދައްކަން ކުރިކަމެއްނު އެޓެންޝަން ސީކް ކުރިޔަސް ބޮޑުވަރުކަން ނޭގެ......" ޖުއާންގެ ހިޔަނިހެން ކުރިން އުޅުނު ތާނީވެސް އެއްބައިވިއެވެ.

"ތި ދެއްކީ ރަގަޅު އެކްޒާމްޕްލްއެއް ވިޝާ. ވިޝާއަށް އެކަންޏެއް ނޫން ނަމާދު ފަރުޟުވީ. ހަނދާންކޮށްދޭން ކުރިކަމަކަށް ވަންޏާ ސަވާބު ލިބޭނެ. އެހެންކުދިންނަށް ރީތި ނަމޫނާއެއް ދެއްކީތީ. ޝޯއޮފް ކުރަން ކުރިކަމެއް ވަންޏާ މާތްﷲ ދެނެވޮޑިގެންވޭ. އަހަރެން ނަމާދުކުރީ ފަރުޟަކަށްވީތީ. ވިޝާ ކުރީމައެއް ނޫން.." ކެމީލާ އަމިއްލަ ދިފާއުގައި ބުނެލިއެވެ.

"ތިހާ ދީންވެރިނަމަ އައުރަ ނިވާނުކޮށް ހުންނަނީ؟ ގުރުއާނުގެ ނޫރު ސޫރަތް ކިޔަންވީނު......"

ކެމީލާގެ ހިތަށް އަސަރުކުރިއެވެ.

"ފިރިހެންކުދިންނަށް ތި ރީތި އިސްތަށިގަނޑު ދެއްކަން ދިގު ކަދުރާ ދެއްކެން މެކެންޒީއާއި ވައްތަރޭ ކިޔުއްވަން އުޅޭ އަންހެނެއް. ކޮންމެހެން ޖެލަސް ވެގެނެއްނޫން އެކަމަކު ރިމެމްބާ ދިސް. ސްޓޭ އެވޭ ފްރޮމް ޖުއާން....................." ވިޝާ އިނގިލި ދިއްކޮށްލިއެވެ.

އިތުރަށް ޖަދަލުކުރުމުގެ މާނައެއް ނުފެނުމުން ކެމީލާ ހިމޭންކަން ޚިޔާރުކުރިއެވެ. ކުއްލިއަކަށް ފިނިވެ ހީކަރުވަންފެށިއެވެ. ފުސްވަމުން ދިޔަ ލޮލުގެ ކަޅި ތެރޭ ވަށައިގެންވާ ކުދިން ފަތަން ފެށިފަދަ އިހުސާސް ކުރެވި ދެން ބިންގަނޑު އޭނައާއި އަރާ ހަމަކުރިއެވެ. ކެމީލާ ޚަބަރު ހުސްވެގެން ވެއްޓުނުތަން ފެނި ޖުއާން ވަގުތުން ފިނިވާގޮތްވެ އެދިމާލަށް ދާން ހިނގައިގަނެވުނެވެ. އެއާއެކު ވިޝާ އޭނަގެ އަތުގައި ހިފާ ހުއްޓުވިއެވެ.

"އެކްޓެއް. އަމިއްލައަށް ރަގަޅުވެދާނެ..." ވިޝާގެ ހިތުގައި ހަމްދަރުދީގެ ކުނޑިފަށެއްނެތެވެ. ކެމީލާއަށް ޖުއާން ހަމްދަރުދީއެއް އޮތްކަން އިހުސާސްވި ވަގުތުން ފެށިގެން ކެމީލާގެ ހިޔަނި ފެނުނަސް ރުޅިވެރިކަން ކެކި އަރައިގަނެގެން އޭނަގެ ސިކުނޑި ކައްކުވާލައެވެ. ހިތަށް ކިރިޔާވެސް ފިނިކަމެއް ލިބެނީ މިފަދަ ވަގުތެއްގައެވެ. އެކުއްޖާ މަރުވިޔަސް އޭނައަށް ކީއްހެއްޔެވެ؟ ރަގަޅީވެސް ދުނިޔެއިން ވަކިވެއްޖެއްޔާއެވެ. އޭރުން ބިރު ފިލާފާނެއެވެ.

***

މާމަ ހައްޖުން އައުމުން ކެމީލާއާއި ޒައިރާ އުފަލުން ވަރެއް ނެތެވެ. ދެކުދިން މާމަ ގައިގާ ބައްދާލައިގެން ހިވީ އެހެން ކަމެއް ހެންނެވެ. ދެރައީ މާމަ ގަދަޔަށް ރޯގާ ޖެހިފައި ހުރީމައެވެ. ހަދިޔާއަކަށް ގެނަައީ ޒަމްޒަމް ފެންފުޅިއާއި ކަދުރެވެ. ކެމީލާ އެދިގެން އަރަފާތުން ހިލަކޮޅުތައްވެސް ގެނެސްދިނެވެ.

"އެންމެ ދާން ބޭނުން މަންޒިލަކީ މިއީ. އެބިމަށް ނުދެވުނަސް ހިލަކޮޅެއްގައި އަތް ލެވުމުން ސޯ ހެޕީ ދޮންތީ....." ކެމީލާ ކުޑަކުއްޖެހެން ފުމެމުން ހިލަކޮޅުގައި ދޮންދިނެވެ. އެހެން ސަކަރާތް ޖަހަނިކޮށް ވެއްޓި ނޭފަތް ފެޅިގެން ލޭގަނޑު އޮހިގަތް ތަން ފެނި ޒައިރާއަށް އަޑުކޮޅަށް ހަޅޭއްލަވައިގަނެވުނެވެ.

***

ސްކައި ޕެލެސް ހޮސްޕިޓަލުގެ ޑޮކްޓަރަކު ކެފޭއަށް ވަންނަން އައިއިރު އެތަައް ލޮލެއް ހުއްޓުނެވެ. ހުދު ކޯޓުގައި ހުރި އެލްބިނޯ ޒުވާނާއަށް ނަޒަރު އަމާޒުވީ އޭނަގެ ތަފާތު ރީތިކަމެއް ހުރުމުންނެވެ. އަމިއްލައަށްގޮސް ކަޅުކޮފީއެއް ހިފައިގެންގޮސް އެކަހެރި މޭޒެއްގެ ދޮށުގައި އިށީދެ ލަސްލަހުން ކޯވަރުތައް ބޮމުން ދިޔައެވެ.

"ޑޮކްޓަރ ޖައިޝް ތިހިރީ ކުށްވެރިވެފައި.." ކިޔާން ޖެހިގެން ހުރި ގޮދަޑިޖެހި ގޮނޑީގައި ޖައްސައިލިއެވެ.

ނުނިމޭ

ކޮމެންޓް 0