ކީރިތި ގުރުއާންގައި މާތްﷲ ވަހީ ކުރައްވާފައިވެއެވެ. " إِنَّ ٱللَّهَ لَا يُحِبُّ مَن كَانَ مُخۡتَالٗا فَخُورًاހަމަކަށަވަރުން، ތިމާގެ މޮޅުކަން ތިމާޔަށްފެނި، ބޮޑާވެގެން އުޅޭ މީހަކުކަމުގައި ވެއްޖެ މީހަކުދެކެ، اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ."
***
ކޯޓުލައިގެން ތިބި ބަޔަކު ވަންތަން ފެނުމުން ކެމީލާ ކުޑަކޮށް ބިރުގަންނަގޮތް ވިއެވެ. ހިތް ތެޅިގަތީ ކުރިއަށްވުރެ ބާރަށެވެ. އަދި ފެނުނު މޫނަކުން އިތުރަށް ސިހޭގޮތްވިއެވެ. ޑޮކްޓަރެއްގެ ހެދުން އަޅާފައި ރަސްމީކޮށް ހުއްޓަސް އެމޫނަކީ އެހާ ފަސޭހައިން ހަދާން ނައްތާލެވޭފަދަ މޫނެއް ނޫނެވެ. މިފަދަ ތަނަކުން މިކަހަލަ ހާލަތެއްގައި ދިމާވެދާނެކަމަށް އުއްމީދުކުރި ފަރާތެއްވެސް ނޫނެވެ. އެހެންމީހަކަށް ނަޒަރު ހުއްޓާލަންވެސް ނޭގި ކެމީލާ ލޯބޮޑުކޮށްލައިގެން އޮތީ މި ހަގީގަތް ގަބޫލުކުރަން ދަތިވެފައެވެ. އެސްފިޔަތަޅުވާލާފައި ހުޅުވައިލިއިރު ވެސް މަންޒަރު ބަދަލެއްނުވިއެވެ. ޑޮކްޓަރެއްގެ ގޮތުގައި މިހިރީ ޓެކްސީ ޑްރައިވަރެވެ. ފައިސާ ހޯދަން އިތުރު މަސައްކަތްވެސް ކުރަނީއެވެ.
"ހައި ދެއަ ސްވީޓްހާޓް." ލޭކެން ކެމީލާއަށް ގޮވައިލި ނަމަކުން ބިރުގަތެވެ. އެކަހަލަ ނަމަކުން ގޮވަންވީ ކީއްކުރަން ހެއްޔެވެ؟ އޭނަގެ ކާރުތެރެއަށް ހޮޑު ދުއްވާލިކަން ހަދާން ހުރިނަމަ އެހާ ރީތިނަމަކުން ނުކިޔާނެއެވެ. އޭނަ ކެމީލާމެން މަތިން ހަދާން ނެތުނީކަން ޔަގީނެވެ. ކެމީލާއަށް ކުޑަކޮށް ހެވިއްޖެއެވެ.
"ބަލިނޫން ކުއްޖަކު މިތާ މިއޮތީ ކީއްވެ؟ ބަލި ކުދިން ތިގޮތަކަށް ނުހޭނެ..." ލޭކެން ހުރީ މަޖާ މޫޑެއްގައެވެ.
"އަސްލުވެސް. އަޅުގަނޑު ބަލިވީއެއްނޫން. ވެއްޓިފައި ނިތްކުރި އަށް އަނިޔާ ވީ......"
"އެހެންވެއެއްނު އެތަން މިތާ ބޭސްއަޅާ މަމީއަކަށް ހަދާފައި މިއޮތީ." ލޭކަން އެއްޗެކޭ ބުނަން އުޅެފައި ނަރުސްކުއްޖެއްގެ އަތުގައި އޮތް ފައިލުން ނަން އޮޅުން ފިލުވައިގަތެވެ. "ކޮއްކޮގެ ނަމަކީ ކެމީލާ ދޯ....."
"ލައްބަ...."
"އަޑުއެހިގޮތުން ބްލީޑިން ޑިސްއޯޑާއެެއް ކަހަލަ މައްސަލައެއް އެބައުޅޭ. އެހެންވީމަ އެބަޖެހޭ ޓެސްޓްތަކެއް ހަދާލަން. އޭގެ ފަހުން ޑިސްޗާޖްކޮށްލާނީ. ބަސްއަހާ ކުދިން ދޮގެއް ނަހަދާނެ. ސޯ ޓެލް މީ..........ބްލީޑިން ޑިސްއޯޑާ އެއް ކަހަލަ ކަމެއް ނެތި މިކަހަލަ ކަމެއް ނުވާނެ ދޯ. ކޮންމެވެސް އުދަގޫތަކެއް ވާނެ. އެހެންވީމަ ކޮއްކޮ ކިޔާދޭންވީ އެގޮތަށް ވާ އުދަގޫތައް. އޭރުން ވަގުތުން ޑައިގްނޯސްކޮށް ލެވޭނެ."
"ޑްރައިވަރު" އެހާ ރީތިކޮށް ވާހަކަދެއްކުމުން ކެމީލާއަށްވެސް ޖެހުނީ އޭނަގެ ބަލީގެ ވާހަކަތައް ސިއްރުނުކޮށް ކިޔާދޭށެވެ. ބޮލުގައި ރިއްސާ ކަމަށާއި ވަރުބަލިވެ ހިތް އެކިގޮތްގޮތަށް ތެޅިގަންނަ ކަމަށާއި ކުޑަތަންކޮޅެއް ކެނޑުނަސް ގިނައިން ލޭ އަންނަކަމަށް ކެމީލާ ބުނެލިއެވެ. ތަންތަން ނޫފައިގެންފާ ހުންނަކަމަށް ބުނެ ތެދުވެ ފައިވެސް ދައްކާލައިފިއެވެ.
"ޑޯންޓް ވޮރީ ސްވީޓްހާޓް. ޓެސްޓް ހަދާލައިގެން ކުރިއަށް ދާނީ. ފަރުވާއެއްނެތް ބައްޔެއް ދުނިޔެއަކު ނުވާނެ....."
ލޭކެންއާއިއެކު އައި ޓީމު ނުކުމެގެން ދިޔުމުން ކެމީލާ ޒައިރާއަށް ގުޅައިފިއެވެ. ބައިގަޑިއެއްހާއިރު ތެރޭ ޒައިރާ ހުރީ އެކޮޓަރިތެރޭގައެވެ. ސްކައިމޯ ހޮސްޕިޓަލަށް ވަދެވުމުން ބޮޑުކަމުން އޭނައަށް ހިގަންވެސް ނޭގުނުކަމަށާއި ވަރުގަދަ ތަނެއްކަމުގައި ބުނެލިއެވެ. ކޮޓަރިއަށް ތައުރީފުކުރިއެވެ. މިތަނުން ފެންނަ ގިނަ ޑޮކްޓަރުން ވަރަށް ހެންޑްސަމް ކަމަށާ ހީވާގޮތުން މުޅިންވެސް ފަރަންޖީ މީހުންކަމަށް ބުނުމުން ކެމީލާ ޑްރައިވަރުގެ ވާހަކަ ކިޔައިދިނެވެ. ޑްރައިވަރަކީ ޑޮކްޓަރެއްކަމަށް ބުނުމުން ޒައިރާއަށްވެސް ޔަގީންވީ ހިސާބަށްވުރެ ދަހި މީހެއްކަމުގައެވެ. ޑިއުޓީ ނިންމާފައިވެސް އިތުރަށް ފައިސާ ހޯދަން އިތުރު ވަޒީފާތަކުގައެވެ. އިންސާނާގެ ހިތް ދުވަހަކު ނުފުރޭނެއެވެ. ލިބުނުހެން އިތުރަށް ހޯދަން މަސައްކަތް ކުރާނެކަމުގެ ހެއްކެކެވެ.
"ލިލީއަށް ކިހިނެއްވީ؟ އަބަދު ވެއްޓި އަނިޔާއެއް ވަނީ ކީއްވެ. މުއްސަދިންގެ ދަރިންނާ އެކު އުޅޭތީ ބައްޔެއް ވާއިރަށް މިގެންނަނީ އަގުބޮޑު ޕްރައިވެޓް ހޮސްޕިޓަލަކަށް ދޯ. މިފަހަރު އެންމެ މަޝްހޫރު އިންޓަނޭޝަނަލް ތަނަށް ލާފައި މިއޮތީ. އޯ ނޯ. އިނގިލިވެސް ބެންޑޭޖްކޮށްފައި. ވަޓް ހެޕެންޑް..." ޒައިރާ ކެމީލާގެ އަތުގައި ފިރުމައިލިއެވެ.
"ދޮންތަ ދިން އަނގޮޓީގެ ވެރިޔާ އިނގިއްޔާއެކު އަނގޮޓިވެސް ފޭރިގެން ހިގައްޖެ." ކެމީލާ ބުނެދިނެވެ.
"ކިހިނެއް އެހެން ވާނީ....."
"އެއީ ދޮންތަ ގަތް އެއްޗެއްތަ؟ ގިފްޓެއްތަ ނޫނީ......"
"އޮނެސްޓްކޮށް ބުނަންޏާ ދޮންތަ ވޯކް ކުރާ ގޭގެ ޕޮންޑް ކައިރިން އެފެނުނީ....." ޒައިރާ ކަރުކެހިލިއެވެ.
"އެމީހުން ބުނީ ދޮގަކަށް ނުވިތަ. ވަގުކުއްޖާއޭ ކިޔާފައި ގޮވީ. ކީއްވެ ދޮންތަ އެގޮތަށް މީހުންގެ އެއްޗެހި ނަގަނީ؟ ހަރާމްކަމެއްކަން އެނގޭއިރު ހަރާމް އެއްޗެހި ގެނެސްދޭކަށް ނުވާނެއްނު...." ކެމީލާ އެހާދިސާގެ ތަފްސީލު ކިޔާދިނުމުން ޒައިރާ އަމިއްލަ ނަފުސް ކުށްވެރިކުރުމުގެ އިތުރުން އެމީހުންދެކެ އިންތިހާއަށް ރުޅިއައެވެ.
"ސޮރީ ލިލީބެލްސް.. މުއްސަދިންގެ ދަރިން މުދަލާ ހެދި މިވަރު ވާނެ ކަމެއް ނުދެނެހުރިން. އެހެންނޫނަސް އެހާ އަގުބޮޑު އެއްޗެއްކަމެއް ހިތަކަށް ނާރާ......."ޒައިރާ މާފަށް އެދުނެވެ. ދުވަހަކު އެކަހަލަ ކަމެއް ނުކުރާނެކަމުގެ ޔަގީންކަން ދިނެވެ.
ވީއިރު ވިޝާއަކީ އެލީނާގެ ކޮއްކޮ ތާއެވެ. އޭނަ ހުންނަ ގަޑީގައި އެގެއަށް އައިކަމުގައި ވިޔަސް އަދި އެކުއްޖާއާއި ދިމާވީއެއް ނޫނެވެ. ޖުއާންއަކީ ވިޝާމެންގެ ބޮޑުބޭބެގެ ދަރިފުޅެވެ. ކުރީގެ ރައީސް މައިމޫންގެ ދަރިއެކެވެ. ޝައުންގެ ކޮއްކޮއެވެ. އެކުދިންގެ ނުލަފާކަމާ ބޮޑާކަމުން ބަދަލު ހިފާ ލަނޑެއްދޭން އޭނަ ވައުދުވިއެވެ. ކެމީލާއަށް ދިން ގެއްލުމުގެ ބަދަލު ނުހިފާ އޭނައަށް މަޑުން ނުހުރެވޭނެއެވެ. އޭނަ ކެމީލާހާ މާތް ކުއްޖަކަށް ނުވާނެއެވެ. އަނިޔާވެރި ދުނިޔޭގައި އިންސާފު ލިބޭނީ އަނިޔާއަށް އަނިޔާ ދީގެން ނޫންހެއްޔެވެ؟ ކެމީލާ ސުވާލުކުރަން ފެށުމުން އެންމެފަހުން ޒައިރާ ބުނީ ހެދުންތަކަކީވެސް އޭނަ ސިއްރުން ގެނައި ހެދުންތައް ކަމުގައެވެ. ކެމީލާ ހަދާންކޮށްދިނީ ހަރާމް އެއްޗެހި ބޭނުންކޮށްގެން ކުރާ ދުޢާ އިޖާބަ ނުވާނެކަމުގައެވެ. ހަލާލުގޮތުގައި ފައިސާ ހޯދަން ޖެހެނީ ހަލާލުގޮތުގައި ކައިބޮއި ހެދުންތައް އެޅުމަށެވެ. ޒައިރާއަށް އެވާހަކަތައް ގަބޫލުކުރެވުނެވެ. ކެމީލާ ބުރުގާ އަޅާހިތުން އެވާހަކަވެސް ދެއްކިއެވެ. ޒައިރާ ބުނީ ޝޯލް ގަންނަން ދާނީ ކަމަށެވެ.
***
ޑޮކްޓަރ ލޭކެން އާއި ޑޮކްޓަރ މިލާންއާއި ދެ ޒުވާނުން ޑޮކްޓަރސް ލައުންޖްގައި އިށީދެލައިގެން ތިބީ ކޮފީއެއްގައެވެ. ލޭކެން އިންސްޓަގްރާމަށް ވަދެއިންއިރު މިލާން އޮތީ ލޭކަންގެ އުނގަށް ފައި ލައިގެން ކުޝަންތަކުގައި ބޯ އަޅާލައިގެންނެވެ. ލޭކެންގެ ކާރަށް އަރާ އޭނަގެ ކާރުތެރެއަށް ހޮޑު ދުއްވައިލި އަންހެންކުއްޖާ ބަލިކަމަށާއި އެކުއްޖާ ގާތު އޭނަ ހުރީ އެނގުނުކަމަށް ހަދާނުލާ ކަމަށް ބުނުމުން މިލާން ހިނިއައެވެ.
"މާންއަށް އެނގޭތަ؟ އެކުޑަ އަންހެންކުއްޖާގެ ސިސް މަޖަލީ."
"ރައްޓެހިވާން އަހަންވީނު..." މިލާން ޚިޔާލެއް ދިނެވެ.
"ދިމާވާނެތާ. އެކަމާ ހާސްނުވޭ. މްމްމް.. މިކުއްޖާގެ ރިޕޯޓް ލިބިއްޖެ. ކައުންޓް ވަރަށް ދަށް. ޕްލޭޓްލެޓްވެސް. އަނެއްކާ ލިއުކީމިއާ ތަ؟ އައިމް ނޮޓް ހެޕީ ވިތް ދަ ރިޒަލްޓް......" ލޭކެން ތަންކޮޅެއް ސީރިޔަސްވިއެވެ. ކެމީލާގެ ފައިލް އޮންލައިންކޮށް ބަލަން އިނދެފައި މިލާންއަށް ފެންނަ ގޮތަށް ލެޕް އަނބުރާލައިފިއެވެ. އެބްނޯމަލް ރިޕޯޓެކެވެ. ސީރިޔަސް މައްސަލައެއް ހުރިކަމަށް އެ ރިޕޯޓްގެ ކޮންމެ އަކުރެއް ހެކިދެއެވެ. އެކަމަކު މިފަދަ ކޭސްއަކާއި އެމީހުން ބޯ ގޭނުމުގެ މާނައެއްނެތެވެ.
"ރިފަ ޓު އޮންކޮލޮޖީ...." މިލާން ވަގުތުން އެންގިއެވެ.
"ޔޫ އާ ރައިޓް. އޮންކޮލޮޖީ ވިންގަށް ޝިފްޓް ކުރާނީ. ބޯންމެރޯ ޓެސްޓެއް ހަދަންޖެހޭ ކަން ޔަގީން. ޕުއާ ތިންގް..." ލޭކެން އޯޑަރުތައް ލިޔެލުމަށްފަހު ލެޕް ބަހައްޓާފައި އާވި އަރައަރާ ހުރި ކޮފީތަށި ބޯންފެށިއެވެ. ދެޒުވާނުންގެ މައުޟޫއަކަށްވީ އަގުބޮޑު ކާރުތަކުގެ ވާހަކައެވެ. ކްލަބްތަކުގެ ވާހަކައެވެ. ފުޓްބޯޅައާއި ކުޅިވަރުތަކުގެ ވާހަކައެވެ. މިލާންއަށް ދިމާވެގެން އުޅޭ ލުސިޑް ޑްރީމްތަކާއި އައުޓް އޮފް ބޮޑީ އެކްސްޕީރިއެންސް އަދި ސްލީޕް ޕެރެލިސިސްގެ ވާހަކަވެސް ދެކެވުނެވެ. ބައެއްފަހަރު މިލާންގެ ރުޅިގަދަވެ ތަބީއަތު ގޯސްވެ އަނެއްބައި ފަހަރު މުޅިން އެހެން ސިފަތަކެއް ވެސް ފެނެއެވެ. އަންހެންކުދިންނާއި ބެހޭގޮތުން އިތުރު އެންމެ ވާހަކައެއްވެސް ދެ ޒުވާނުން ނުދައްކައެވެ.
***
ޒައިރާ ޔަގީންކުރީ ވަރަށް އަވަހަށް ގެއަށް ދެވިދާނެކަމުގައެވެ. މާމަ ކައިރީ ބުނުމުގެ މާނައެއް ނެތެވެ. ކަމަކާ ނުލާ މާމަ ހާސްވާނީއެވެ. އެހެން ދުވަހުވެސް އެމީހުން ގޭގައި އުޅެނީއެއް ނޫނެވެ. މާމަ ގޭގައި ހުރި އެއްޗެއް ވިއްޔާ ކާލައިގެން ހުރެދާނެއެވެ. އޭނަ އޮތީ މިއަދު އާއިލީ ޒިންމާއެއްގެ ސަބަބުން ނުދެވޭނެކަން އެލީނާއަށް އަންގާފައެވެ. ކެމީލާ ކެނިއުލާ ނައްޓުވައިގެން ފާޚާނާއަށް ވަދެ ވުޟޫކޮށްލުމަށްފަހު ނަމާދުކުރަން ފެށިއެވެ. ވަރުބަލިކަމުން މޫނަށް އަނދިރިވެދާނެހެން ހީވިއިރުވެސް ނަމާދު ދޫކޮށްލާކަށް ނުކެރުނެވެ. ދުޢާކުރުމުން ހިތަށް ހަމަޖެހުމެއް ލިބެއެވެ. އޭނައަށް ޝިފާ ދެއްވާނީ ހަމައެކަނި އެ ފަރާތުންނެވެ. ޒައިރާ އޮތީ ކޮރެއަން ޑްރާމާއެއްގެ އަވައިގާ ޖެހިފައެވެ. އެތަނުގައި އޮންނަ އިރު ދޭތެރެއަކުން ބޭރުގެ މަންޒަރުތަކަށް ބަލައިލެވެއެވެ. ދެތިން ނަރުހަކު ވަދެފައި ކެމީލާގެ ބެލެނިވެރިޔާ ހެއްޔޭ އެހިއެވެ.
"ބެލެނިވެރިޔާއެއް ނޫން. ކެމީލާގެ ދޮންތި....." ޒައިރާ ރަގަޅުކޮށްލަދިނެވެ. އަނގަޔަށް ގޮތެއް ހަދައިލަމުންނެވެ.
"ޑޮކްޓަރ ލޭކެން އެންގެވީ އޮންކޮލޮޖީއަށް ޝިފްޓްކުރަން. މި ހޮސްޕިޓަލުގެ އަނެއް ވިންގަށް....."
"އޮންކޮލޮޖީ.." ޒައިރާ ފުންމައިގެން ތެދުވުނުގޮތުން ހީވީ ބިރެއް ފެނުނުހެންނެވެ. .އޭނ. އޮންކޮލޮޖީއޭ؟ ޔޫ މީން ކެންސަރު ބަޔަށް.."
ހަގީގަތުގައި އޭނަގެ ހާސްކަން އެވަގުތު ހުރީ ސަތޭކައިގައެވެ. ހަތަރުފަރާތުން ވަށައިލާ ފިތައިލިފަދަ ނުބައި އިހުސާސެއް ކުރެވުނެވެ. ކެމީލާއަށް ޖެހިގެން އުޅޭ ބިރުވެރި ބައްޔަކީ ކެންސަރުހެއްޔެވެ؟ ނޫނެކެވެ. އިރާދަކުރެއްވިއްޔާ އެހެނެއް ނުވާނެއެވެ.
"ލައްބަ....." ނަރުސްކުއްޖާ ބުނެލިއެވެ.
"ކެމީލާއަށް ކެންސަރު ޖެހިފައޭތަ ތިބުނަނީ؟ އަހަރެމެން ގާތުގައި ޑޮކްޓަރ އެއްވެސް ވާހަކައެއް ބުނެނުދީ ހަމަ ހިތަށް އަރާއިރަށް ކެންސަރު ވާޑަށް ޝިފްޓް ކުރަންވީ؟ ހެހެ ދެޓްސް ސޯ ފަނީ. ކޮބާތަ އެ ޑޮކްޓަރ؟ " ޒައިރާ އެކުދިން ކިޔާ އެއްޗެއް އެހުމެއްނެތި ނުކުމެގެން ހިނގައިގަތީ އެބުނާ ޑޮކްޓަރ ލޭކެންއެއް ހޯދުމަށެވެ. ނަސީބަކުން ފެނުނީ އޭނަގެ ޓީމު އިއްޒަތުގައި ވަޑައިގަންނަވަނިކޮށެވެ. އޭނަގެ މޫނު ފެނުމާއެކު އެ ފޮނިކަމުގެ އިންތިހާ ޒުވާނާ ދެނެގަނެވިއްޖެއެވެ. ދެތިން ޑޮކްޓަރުންގެ ފަހަތުން ނަރުސް ޓީމެއް އަންނައިރު އެ ފިރިހެނާ ހީވަނީ ގައުމެއްގެ ވެރިއެއް ހެންނެވެ. އެހާ އިއްޒަތުގައެވެ. ޒައިރާ ނިކަން ހަމަޖެހިގެން ކުރިއަށް އެރުމުން އެ ޓީމު ހުއްޓުނެވެ.
"ޑޮކްޓަރ ބޭކެން......" ގަސްތުގައި ޒައިރާ ޖެއްސުމަށް ނަމެއް ހެދިއެވެ.
"ޔެސް....." ލޭކެން ބުމަ އަރުވައިލިއެވެ.
"ތިއީ ކެމީލާގެ ޑޮކްޓަރ؟ " ޒައިރާ ތަންކޮޅެއް ބާރަށް އެހިއެވެ.
"ޔޫ އާ ރައިޓް....."
"ލާސްޓް ޓައިމް އައި ސޯ ޔޫ ކާރެއްގެ ޑްރައިވަރަކަށް އިނީ. އަހަރެމެންނަށް ޓެކްސީ ކޮށްދިނުމުން އަހަރެން ޓިޕްވެސް ދިނިން. ހަދާންވެއްޖެތަ؟ ކެމީލާ ތި ކާރު ތެރެއަށް ހޮޑު ލި........" ޒައިރާ ހީލާފައި ކިޔައިލިއެވެ.
"އެކްސްކިއުޒް މީ؟ " ލޭކެން އެނގުނުކަމަކަށް ނަހަދާ ސީރިޔަސް ނަޒަރަކުން ބަލައިލިއެވެ. އެ އިންޒާރު އެކުލެވޭ ނުރައްކާތެރި ނަޒަރުން ވަގުތުން ޒައިރާ ޖެހިލުންކުރުވައިފިއެވެ. ހިންދިރުވައިލިއެވެ. އެކުއްޖާ ބިރުގަތްވަރު ފެނުމުން ލޭކެން އެތެރެ އެތެރެއިިން ހީލިއެވެ. ޒައިރާ ހާސްވިވަރުން ޗުއިންގަމް ހަފަމުން ނިކަން ބޮޑު ބޮތްކެއް އަރުވައިލިއެވެ. އެގޮތަށް ކަމަކާ ހާސްވެއްޖެއްޔާ ޗުއިންގަމުން ބޮކި އެރުވުމަކީ އޭނަގެ އާދައެކެވެ. އެ ބޮކި އުދުހިގެންގޮސް ތަތްލީ ލޭކެންގެ ކޮލުގައެވެ. ލޭކެން ރުޅި ކޮންޓްރޯލް ކުރަން ލޯ މަރާލައިފިއެވެ. ނަރުސް ކުއްޖަކު ވަރަށް ތެޅިފޮޅިގެން އަަވަހަށް ޓިޝޫއަކުން އެ ނައްޓަން މަސައްކަތް ކުރިއެވެ.
"ކެންސަރު ވިންގަށް ބަދަލުކުރީ ޓެސްޓްތައް ހައްދަން. ލިއުކީމިއާ ރޫލްއައުޓްކުރަން. އެކްސެޕްޝަނަލް މޮޅު ޑޮކްޓަރސް އެބައިގާ އުޅޭތީ ޑައިގްނޯސް ކުރުވަން. އަދި ކެންސަރުކަމަށް ނިންމީއެއް ނޫން. އަންޑަސްޓޭންޑްވެއްޖެ ކަމަށް އުއްމީދުކުރަން............. " ލޭކެންގެ ޖަވާބުން ޒައިރާ ކުޑަކޮށް ކަންބޮޑުވިއެވެ. ވީއިރު އެއީ އޭނައަށް އޮޅުން ނުފިލިތަންކޮޅެއް ތާއެވެ. އެކަމަކު އޮޅުން އަރާގޮތަށް ވާހަކަނުދައްކާ ރީއްޗަށް ތަފްސީލު ދިނުމަކީ ކިހާ މުހިއްމު ކަމެއްކަން ހުރިހާ ނަރުހުންނަށް ވިސްނޭނެކަމަށް އޭނަ އުއްމީދުކުރިއެވެ.
"ޕްލީޒް ޓެލް ޔޯ ޕްރޮފެޝަނަލް ނާރސެސް އެގޮތަށްގޮސް މީހުންނަށް މިނި ހާޓް އެޓޭކް ނުޖައްސާށޭ. ކެމީލާ މިހާރު ފެއިންޓްނުވާ ކަމެއްވެސްނޭގޭ. ގޮޓަ ރަން..." ޒައިރާ ދުއްވައިގަތެވެ.
ޒައިރާ ކެމީލާ ތައްޔާރުކުރަން ހުރިއިރު ލޭކެންއާއި ދިމާވެ ދެކެވުނު ވާހަކަތައް ކިޔާދީފައި ނަރުހުން ކުށްވެރިކުރިއެވެ. އޮންކޮލޮޖީ އޭ ބުނުމުން ކޮންމެ މީހަކުވެސް ބިރުގަނެ ބަލިކަށި ހިތެއް ހުއްޓިވެސް ދާނެއެވެ. ކެމީލާގެ އެފަދަ ބައްޔެއް ހުރެދާނެކަމަކަށް އެމީހުން ހީކޮށްފައެއްވެސް ނެތެވެ. ކެމީލާ ފުރޮޅިލީ ގޮނޑިއަށް ނާރަންވެސް އުޅުނެވެ. ހިނގާފައި ދެވޭނެކަމަށް ބުންޏަސް ނަރުހުން އެކަން ގަބޫލުނުކޮށް ކެމީލާ ގޮނޑީގައި ބޭންދިއެވެ. ވާހަކަދެއްކީ ނިކަން ލޯބިންނެވެ. ކުޑަކުއްޖަކާއި ވާހަކަދައްކާނެ ހެންނެވެ. އޮންކޮލޮޖީ ބަޔަށް ވަނުމުން ޒައިރާއަށް ބިރުވެރިކަމެއް އިހުސާސްވިއެވެ. މިތަނުން ފެންނަ ކޮންމެ މީހަކީ ކެންސަރު ބަލިމީހެއް ބާވައޭ ހިތަށް އެރިއެވެ. ކުޑަކުދިންނާއި ޒުވާނުންނެވެ. މުސްކުޅިންނެވެ. ބައެއް ކުދިން ރޮނީއެވެ. ބަލިމީހުންނާ އެހީތެރިންގެ ފަރާތުން ފެންނަ މާޔޫސްކަން ޒައިރާގެ ހިތަށް ތަދުކޮށްލައިފިއެވެ. ހިތުގައި ހަމްދަރުދީގެ ޝުއޫރުތައް އުތުރިއަރައިގަތެވެ. މިފަހަރު ކެމީލާ ގެންގޮސް ލީ ސެމީ ޕްރައިވެޓް ކޮޓަރިއަކަށެވެ. ދެމެދުގައި ސްކްރީނެއް ޖަހާފައެވެ. އެކަމަކު އެތަންވެސް ނިކަން އަރާމެވެ.
"ޑޮކްޓަރ ބައްލަވަން ދުރުވާނެ..."
"ޕރޮފެސަރަކު ގެންނައްޗޭ އިނގޭ. ކިޔަވާ ނިމިގެން ޑްރައިވަރުކަން ކުރަމުން އުޅޭ އާ ކުއްޖަކު އައީމަ އަސްލު ބަލި ދެނެގަންނާކަށް ނޭގޭނެ..........." ޒައިރާ ބުނެލިއެވެ. " ހަވީރު ސައި ލިބޭނެތަ؟ އައިމް ސްޓާވިން...."
ނަރުސްކުއްޖާއަށް މަޖާވެގެން ހީލިއެވެ. ޑްރައިވަރޭ ކިޔާފައި އެއުޅެނީ ރައީސްގެ ދަރިއަކަށެވެ. ޕްރައިވެޓް ކާރަކަށް އަރާފައި އެކަން ޒައިރާ މެންނަށް ނޭގުނީއެވެ.
***
ސްކައިމޯ ހޮސްޕިޓަލުގެ ދެފަރާތުގައި އޮންނަ ފެންގަނޑަށް އެކި ބާވަތް ބާވަތުގެ މަސްތައް ލާފައި ހުންނައިރު އެހެން ބައެއް ތަންތަނުގައި މަސް ޓޭންކުތައް ބަހައްޓާފައި ހުރެއެވެ. މަސްތައް ފަތާ އުޅޭތަން ބެލުމުން ލޭގެ ޕްރެޝާ ދަށްކޮށްދިނުމުގެ އިތުރުން ސްޓްރެސް ފިލުވާ ނިދުމަށް އެހީތެރިއަކަށްވެސް ވެއެވެ. ޑޮކްޓަރުންގެ ކްލިނިކްތަކުގައި މަސް ޓޭންކުތައް ބަހައްޓާ މައިގަނޑު އެއް ސަބަބަކީ އެއީއެވެ. އެހެންނޫނަސް އެއީ ބަލައިލާ ހިތްވާފަދަ މަންޒަރެކެވެ. ފެންގަނޑަށް މެދުކެނޑުމެއްނެތި ފެން އޮހެމުންދާ މަސްނޫއީ ފެންފައްވާރާގެ އަޑުންވެސް ހިތްތަކަށް ދިރުން ގެނެސްދެއެވެ. ޓެރެސްމަތިވެސް ތައްޔާރުކޮށްފައިވަނީ ޑޮކްޓަރުންނަށް ދޭތެރެއަކުން ގޮސް އަރާމުކޮށްލަން ތިބެވޭނެހެންނެވެ. ހިޔާކޮށްފައިވާ ލައުންޖްބައިގާ ބޮޑެތި ލެދަ ސޯފާސެޓްތަކެވެ.
އިންޖީނު މައްސަލައެއް ދިމާވެގެން މުޅި ރަށުން ކަރަންޓު ކެނޑި އަނދިރިކަމުގެ ތެރެއަށް ގެނބިފައިވާ ރެއެކެވެ. އުޑުމަތި ފަޅުފިލުވާލާފައިވަނީ އެތައް ހާސް ކުދި ޖަވާހިރުތައް ފަދަ ތަރިތަކުންނެވެ. ވައިރޯޅިއަކަށް ފަހު ވައިރޯޅިއެއް އަންނަމުންދާއިރު ފަޒާ ފިންޏެވެ. ޝައުން ސަންޗެއާއެއްގައި ބޯދަށަށް އަތް ލައްވައިގެން އުދަރެހަށް ބަލަން އޮތެވެ. އެލީނާއާއި އާއިޒާ ދެއްކި ވާހަކަތައް އިވުނުފަހުން އޭނަގެ ހިތް ވަނީ ހައިޖާނެއްގެ ތެރޭގައެވެ. އެލީނާއާއެކު އިތުރަށް ކެތް ކުރާނެ ގޮތެއް އޭނައަކަށް ނުވިސްނެއެވެ. ޚާންދާނުގެ އުސޫލުތަކަށްޓަކާ ތިމާގެ ހިތުގެ އިހުސާސްތަކުގައި ހުޅުޖަހާ ދިރިއުޅުން ގުރުބާން ކުރަންވީ ހެއްޔެވެ؟ އަދި އެލީނާގެ އެ ނުބައި އަމަލަށް އޭނަ ނުދެނެހުރިކަމަށް ހަދާލާ މާފުކޮށްދޭންވީ ހެއްޔެވެ؟ އެލީނާ ބޭނުންވަނީ އޭނަގެ ރީތި ނަމަށް ހުތުރުވެދާނެތީ ޝައުންގެ އަންހެނުންގެ ނަމެވެ. އެނަމުގެ ފަރުދާގައި ހުރެގެން ފާފަތައް ކުރުވަން އޭނަ ފުރުސަތުދޭން ވީހެއްޔެވެ؟ ކިޔާން ގެ ފިޔަވަޅުގެ އަޑުތައް އޭނައާއި ގާތަށް އައިސް ހުއްޓުނެވެ.
"ކޮން ފިކުރެއްގައި......ޝެއާކޮށްބަލަ..."
"މިގޮތަށް އުދަރެސް ތަރިތަކުން ފުރިފައިވާ ރެއެއްގައި ބަލައިލަން ލިބޭނީ މަދުރެއެއްގައި. ކިހާ ހިތްގައިމު. ސިކުނޑީގެ އަލްފާ ވޭވްސް ތައްވެސް އިތުރުކޮށްދޭނެ އަދި ވަގުތުން ރިލެކްސްވާނެ. އެއީ މިކުރާ ކަމަކީ..." ޝައުން ބުނެދިނެވެ. ސިކުނޑީގައި އަލްފާ ވޭވްސްތައް އުފެދިގަންނަނީ ސިކުނޑި އެގޮތަށް ރިލެކްސްވެ ޚިޔާލުތަކުން އެއްކިބާވެ އަދި މުޅިން ހުސްވެފައިވާ ވަގުތުގައެވެ. ނަމަވެސް އޭޑީއެޗްޑީ އަދި ޑިޕްރެޝަންފަދަ ކަންތައްތަކުގައި ފްރޮންޓަލް އަލްފާ ހަރަކާތްތައް މާ ގިނަވެދެއެވެ.
"މަގޭ ބީޓާ ވޭވްސް ގިނަވެގެން އުޅޭ ދުވަސްކޮޅެއް. ކްލިނިކްތަކުގެ ޑިމާންޑް ބޮޑުކަމުން ނޫނެކޭ ނުބުނެވެނީ..."
"ޔެސްޕާސަންއަކަށް ވުމަކީ ސްޓްރެސްވާކަމެއް. ނޫނެކޭ ބުނަން ދަސްކުރޭ.." އަމިއްލަ ނަފުސަށް ބުނާފަދަ ގޮތަކަށް ޝައުން ބުނެލިއެވެ."އޯ. އަދި ލޭކް އެބައިން ކުއްޖަކު ރިފާ ކޮށްފައި. ބްލީޑިން ޑިސްއޯޑާއެއް ހުރި ކުއްޖެކޭ. ކުރީ ދުވަހު ޖުއާން ބުންޏޭ ސްކޫލްގައި ކޮންމެވެސް ހާދިސާއެއް ހިނގައިގެން އޭނަ ކުއްޖަކަށް ލޭ ހަދިޔާ ކުރި ވާހަކަ. ސޯ ރައުންޑްގައި އެ ޕޭޝަންޓް ބަލައިލަން ދާނީ. ބްލަޑް ޓެސްޓްތަކަށް ބަލާފައި އެޕްލާސްޓިކް އެނީމިއާ އާމެދު ވެސް ޝައްކު އެބަވޭ....ގޭބްއަށް ގުޅައިލަން ވީ ކަން ނޭގޭ..."
"ހޫމް ޑޮކްޓަރ ޖިބްރީލް ވަރަށް އެކްސްޕީރިއެންސް ހުންނާނެ"
އެވަގުތު ކިޔާންގެ ފޯނު ރިންގުވާން ފެށިއެވެ. އެއީ ޒައިރާއެވެ.
ނުނިމޭ