މާތްﷲ ޒުމަރު ސޫރަތުގެ ދިހަވަނަ އާޔަތުގައި ވަހީ ކުރައްވާފައިވަނީ " قُلۡ يٰعِبَادِ الَّذِيۡنَ اٰمَنُوا اتَّقُوۡا رَبَّكُمۡ​ ؕ لِلَّذِيۡنَ اَحۡسَنُوۡا فِىۡ هٰذِهِ الدُّنۡيَا حَسَنَةٌ ​ ؕ وَاَرۡضُ اللّٰهِ وَاسِعَةٌ ​ ؕ اِنَّمَا يُوَفَّى الصّٰبِرُوۡنَ اَجۡرَهُمۡ بِغَيۡرِ حِسَابٍ‏" މާނައަކީ ކަލޭގެފާނު ވިދާޅުވާށެވެ. އޭ އީމާންވި ތިމަން ރަސްކަލާގެ އަޅުތަކުންނޭވެ. ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެއަށް ތިޔަބައިމީހުން ތަގުވާވެރިވާށެވެ. މި ދުނިޔޭގައި ހެޔޮކޮށް ކަންތައް ކުޅަ މީހުންނަށް ހެޔޮ ދަރުމަހުއްޓެވެ. އަދި ﷲގެ ބިންވަނީ ތަނަވަސްވެގެންނެވެ. ކެތްތެރިންނަށް އެއުރެންގެ ދަރމަ ދެއްވާހުށިކަން ކަށަވަރީ ހިސާބެއް ނެތިއެވެ.

***

ދަރިފުޅާ. އެލީނާއާއި ދެކުދިން ހަމަ ނުގުޅޭނީތަ؟ " ސޯފިއާ ލާޓޭ ތަށްޓެއްނެގިއެވެ. ޝައުންގެ އަތުތެރޭ ނިދިފައި އޮތް ލިލީއަށް ބަލަހައްޓައިގެން އިން ނަޒަރަކުން ސޯފިއާ އަށް އަހައިލެވުނީއެވެ.

"ސޯފީ. ލެޓް ދެމް ޑިސައިޑް. އެންމެން ޕްރެޝާ ކުރާތީއެއްނޫން. ދެމަފިރިން އެކީ އުޅެންވާނީ އެކަކު އަނެކަކަށް ލޯބިވެ އިހުތިރާމްކޮށް އެކީ އުމުރު ދުވަހަށް އުޅެން ބޭނުމިއްޔާ. ލޯބި ނެތް ކައިވެންޏެއްގައި އެހެން މީހުންނަށްޓަކާ އުޅުމުގެ މާނައެއްނެތް ޝައުން ދަރިފުޅާ..." ތައިމޫރު ޝައުންގެ ކޮނޑުގައި އަތް ބޭއްވިއެވެ. ޝައުން ހިނިތުންވެލިއެވެ. ބައްޕަގެ އެ ބަސްކޮޅާއިމެދު ވިސްނައިލުމުން އެއީ ތެދެއްކަން އެނގުނެވެ. އެލީނާވެސް އެހެން މީހުންނަށްޓަކާ އެތައް އަހަރު ގުރުބާން ކުރީ ނޫންހެއްޔެވެ؟

"ދަރިފުޅާ. މި ތަން ކިހިނެއް؟ މާ ފިނީ ދޯ.." ކެމީލާ ދޮރު ކައިރީ ބޭރަށް ބަލަން ހުރިތަން ފެނި ތައިމޫރު އެއްސެވިއެވެ.

"ބިއުޓިފުލް...މިއީ ކޮންކަހަލަ ގަހެއްތޯ؟ "ކެމީލާ ދޮރުމަތީގައި ހުރި ގަހަށް އިޝާރާތްކުރިއެވެ.

"ޝުގަ މޭޕްލް ގަހެއް. އެފަރާތުގައި އެހެރީ އެޕްލްގަސްތަކެއް. ދަރިފުޅަށް ތި އާދެވުނީ ހުރިހާ ގަހެއްގެ ރީތިކަން ގެއްލިފައިވާ ދުވަސްކޮޅެއްގައި. ސްޕްރިންގް އަދި އޯޓަމް ވަރަށް ހިތްގައިމުވާނެ. ވިންޓަރ ތަންކޮޅެއް ބްލީކް..އެކަމަކު ދަރިފުޅު ސްނޯފޯލް އާއި ގަޔާވާނެހެން ހީވޭ. ޖޮންގެ ފެވެރެރިޓް ސީޒަން ވިއްޔަ......."

"ނޫން ޑޭޑް އެއީ ކުޑައިރު. މިހާރު ހަމަ ސަމަރ..." ޖުއާން ބުމަ އަރުވައިލިއެވެ.

"ލިލީވެސް ވަކި ހިސާބަކުން ސްނޯދެކެ ފޫހިވީމަ ސަމާރ އަށް ލޯބިކުރަން ފަށާފާނެ.."

"ޑޭޑްވެސް ކެމީލާއަށް ލިލީ ކިޔަންފެށީތޯ؟" ޖުއަން އެހިއެވެ."ސޯ ޑިއަރ ލިލީ. ހިނގާލަން ދާން ބޭނުން؟ "

"ޔެސް....." ކެމީލާއަށް ދައުވަތު ލިބުމާއެކު ނިކުންނާން ހިނގައިގަތެވެ.

"ޖެކެޓްނުލާ މިތާ ނޫޅެވޭނެ..." ޖުއާން ކެމީލާގެ ޖެކެޓް ދިއްކޮށްލިއެވެ.

"ބީ ކެއަރފުލް ދަރިފުޅުމެން. ލިލީއަށް ރޯގާ ޖެހިއްޖެއްޔާ ދެރަކަމެއް.." ސޯފިޔާމެންވެސް އެދެކުދިން އެކީގައި އުޅޭތަން ދެކެ އެ ގުޅުން ރަގަޅުކުރާތަން ދެކެން ބޭނުންވުމުން ޖުއާން އިސްނަގައިގެން ކެމީލާ ގޮވައިގެން ދާން އުޅުން މަނާ ނުކުރީއެވެ. ޖުއާން ދޮރުވެސް ހުޅުވާލަދިނެވެ. ކެމީލާ ފޯނުން ފޮޓޯނަގަމުން ޒައިރާއަށް ފޮނުވަން ކަމުގައި ބުނެލިއެވެ.

"އޯ އެހެން ވިއްޔާ އަހަރެންވެސް ދާނަން. ކޮންމެހެންވެސް ޒައިރާއަށް ފޮޓޯ ފޮޮނުވަންވާނެ..." ލޭކެންވެސް ފަހަތުން ނުކުތެވެ. ލޭކެން މޮޑެލްއެއްހެން ހުއްޓިލާފައި ކެމީލާއަށް ފޮޓޯ ނެގުމުގެ ފުރުސަތުދިނެވެ.

މަޑުމަޑުންގޮސް އެ އާއިލާއާއި ކެމީލާގެ އޮތް ގުޅުން ރަގަޅުވާން ފެށިއެވެ. ދިރިއުޅުމަކީ ޑްރާމާއެއް ނޫނެވެ. ކުއްލިއަކަށް ގައިގާ ހިފާ ރޮއި ނެހެދިކަމުގައިވިޔަސް ހުރިހާ ހިތްތަކެއްގައި އެގާތް ކަމާއި ލޯބި ލައްވާފައިވިއެވެ. ހީނަރުވެފައި އޮތް ގުޅުން ރަގަޅުކުރަން ދުވަސްތައް ނަގާނެއެވެ.

ޖެހިގެން އައި ދުވަހު ކެމީލާއަށް އަލަށް ސްނޯވެހޭ މަންޒަރު ފެނި ކުޑަކުއްޖެއްހެން މަޖާވެފައި އުޅުނެވެ. އެހެން އުޅުނުއިރު ޖުއާން އެގޭގެ ވާހަކަ ކޮންމެވެސް ވަރަކަށް ދެއްކިއެވެ.އެމީހުން އާއްމުކޮށް ދިރިއުޅުނީ ފްރާންސްގައި ކަމަށާއި މިގެ ބަލަހައްޓަން ހަވާލުކޮށްފައި ހުންނަ މީހާ ނޫން މީހަކު މިގޭގައި ދިރިނޫޅޭތާ ޒަމާންތަކެއް ވާނެކަމުގައި ޖުއާން ބުނެލިއެވެ. ކެނެޑާގައި ބޮޑުބޭބެއަކު ދިރިއުޅުއްވާ ކަމަށާއި ބައްޕަމެންނާއި ގުޅުން ވަރަށް ގޯސްކަމުގައި ބުނެލިއެވެ. ބޮޑުބޭބެ ދިރިއުޅުއްވަނީ ތަންކޮޅެއް އިހުގެ ސްޓައިލަށް ހަދާފައިވާ "މެންޝަން"އެއް ފަދައެވެ. ޖުއާން އެކި ވާހަކަތައް ދެއްކިއެވެ. ހަދާން ހުންނަން ފެށީއްސުރެ އޭނަގެ ދިރިއުޅުމުގެ އެކި ބާބުތަކެވެ. ސްކޫލަށް ފުރަތަމަ ދިޔަ ދުވަހުން ފެށިގެން މިވީހާތަނަށް ދިމާވި މަޖާ ކަންތައްތަކެވެ. އޭނައަށް ކަމުދާ ކެއުމާއި ހުސްވަގުތު ހޭދަކުރާގޮތެވެ. ރުޙޭ ކަންތައްތަކާއި ނަފްރަތު ކުރާ ކަންތައްތަކެވެ. މައިންބަފައިންނާއި މާމަމެން ކާފަމެން އަދި ބޭބެމެން ގެ ދިރިއުޅުމުގެ ވާހަކަތަކެވެ. ޚާންދާނު މީހުން އެމެރިކާގެ ވާރމޮންޓް ފަދަ ހިތްފަސޭހަ ޝަހަރުތަކުން ފެށިގެން ނިއުޔޯކްފަދަ ބޮޑެތި ސިޓީތަކުގައި ދިރިއުޅޭކަމެވެ. ލަންޑަނުގެ މުއްސަދިން ދިރިއުޅޭ ހިސާބުގައި ބައްޕައާއި ބޮޑުބޭބެމެންގެ އެޕާޓްމެންޓުތައް ހުންނަކަމުގައިވެސް ޖުއާން ބުނެލިއެވެ. ދުނިޔޭގެ އެތަން މިތަނުގައި އެ ޚާންދާނުގެ މީހުންނެވެ. ދެކުދިންގެ ދޭތެރޭގައިވާ އެކުވެރިކަމުގެ ގުޅުން ބަދަހިވެ އެންމެ ގާތް މީހުންނަށް ވުމުގެ ކޮޅުމަތި ފެންނާންފެށިއެވެ. ކެމީލާ އެއައީ ކޮން ހިސާބަކުންހެއްޔެވެ؟މި އެރުނީ ކޮންފަދަ މަތީ މަގާމަކަށް ހެއްޔެވެ. ނޭގި ހުއްޓާ މުޖުތަމައުގެ އެންމެ މަތީ ފަޑިއަށް އެރުނީއެވެ. ފަގީރު ނިކަމެތި ކުއްޖެއްގެ ގޮތުގައި އަހަރުތަކެއް ހޭދަކުރުމަށްފަހު ހީނުކުރާފަދަ ގޮތަކަށް ރިޒުގު ދެއްވާ އެންމެ މުއްސަދި އާއިލާއެއްގެ މެމްބަރެއް ކަމުގައި ހިމެނުނީއެވެ. ހީނުކުރާ ގޮތްގޮތަށް ރިޒުގު ދެއްވަން ﷲ ކުޅަދުންވަންތައެވެ.

 

***

ކެމީލާއަށް ޑޯނަރަކު ނުލިބިގެން އިންތިޒާރުގައި ގިނަ ދުވަސްވެ ސިއްހަތު ދަށަށް ދާންފެށިއެވެ. ކެމީލާ އޮތް ކޮޓަރިއަށް ވަނުމުން މިއަދު ޖުއާންގެ ހިތަށް ބުނަން ނޭގޭފަދަ އަސަރުތަކެއްކުރިއެވެ. ކެމީލާގެ ފެންކޮޅެއްފަދަ ފިނި އަތުގައި އަތް ޖެއްސުނެވެ. ކެމީލާ އެ އިނގިލިތަކާ އަތް މަހާލަމުން ހިނިތުންވެލުމާއެކު ޖުއާންގެ އެސްފިޔަތަކުގެ ފުރަގަހުގައި ފިލާ ހުރި ކަރުނަތައް އޮހިގަތެވެ.

"ނުރޮއި ޖޮން....ހުރިހާ ކަމެއް ރަގަޅުވާނެ އަލްހަމްދުލިﷲ..މިއަދުވެސް ސްނޯ އެބަވެހޭދޯ. ހިތަށް އަރާ ކުޅެން ދެވޭނެނަމައޭ...." ކެމީލާ ކިތަންމެ ބަލިވިޔަސް ހިތްވަރު ގަދައެވެ. އެ ޖުމްލަވެސް މިއަދު ޖުއާންއަށް އަޑުއަހަން ފަސޭހައެއް ނޫނެވެ. އޭނަ ބަލާ ބަލާ ފޫހިވެފައިވާ މަންޒަރުތަކަށް ވިޔަސް މިއީ ކެމީލާއަށް އާ ދުނިޔެއެކެވެ. ހަޔާތުގައި ކިތަންމެ އުފަލެއް މަދުވެފައިވިއެވެ. އާއިލާގެ ލޯބި ލިބެން ފަށާއިރަށް ދުނިޔެއާއި ވަކިވެއްޖެއްޔާ އެކަން ބަލައިގަންނަން އޭނައަށް ފަސޭހައެއް ނުވާނެއެވެ.

"ޑަޒް އިޓް ހާޓް؟ " ޖުއާން އެހިއެވެ.

"ކުޑަކޮށް......."

ޖުއާންއަށް އިތުރަށް ވާހަކަދައްކާނެ ހިތްވަރެއް ނުލިބުނެވެ. އެހެން އެންމެން ލައުންޖްގައި ތިއްބާ އަނގައިންވެސް ނުބުނެ އޭނަ ގެއަށް ގޮސް އެކަނިމާ އެކަނި ބެންޗްގައި އިށީދެލައިގެން އިނެވެ. ސްނޯގެ އެތިކޮޅުތައް އިސްތަށިގަނޑާއި އޭނަ ލައިގެން ހުރި ޖެކެޓްގައި ހަރުލަމުން ދިޔައެވެ. މޫނުގައި އަތް އަޅައިގެން އިނދެ އޭނަ އެތައް އިރެއްވާންދެން ރުޔެވެ. ކެމީލައަށްޓަކައެވެ. އޭނަގެ ރަހުމް ކުޑަކަމަށްޓަކައެވެ. ކުރިންވެސް އޭނަ ޓެސްޓްކުރުވިނަމައެވެ. އަމިއްލަ ކޮއްކޮއާއިމެދު އޭނަ ހަމްދަރުދީ ނުވީއިރު ހިތެއްވެސް ނެތީއެވެ. އިރުގަނޑެއްފަދައިން ތުއްތު ދެއަތުން އޭނަގެ ފައިގާ ހިފާލުމާއެކު ސިހިފައި ބަލައިލިއިރު ފައިގާ ހިފަހައްޓައިގެން ހުރީ ކުޑަ ކުޑަ ލިލީއެވެ.

"އާ ޔޫ ކްލައިން؟ "

"ނޫނޭ ސްވީޓްހާޓް....." ޖުއާން ތުއްތު ލިލީ ނަގާފައި މެޔާލާ ބޮނޑިކޮށްލިއެވެ.

ލިލީ ޖުއާންގެ ކަރުނަތައް ފޮހެލަދިނެވެ. ކާރުން ފޭބި ޝައުންގެ ފަހަތުން ލޫކާވެސް އޭނަގެ ޓެޑީ ހިފައިގެން ދުވަމުން އައެވެ. ޖުއާން ޝައުންއާއި ދިމާލަށް ބަލައިލީ ކަރުނުން ތެމިފައިވާ ލޮލުންނެވެ.

"ދޮންބެ. އައިމް ވިލިން ޓެސްޓް ހަދަން. މެޗްވެއްޖެއްޔާ ބޯންމެރޯ ޑޮނޭޓްކުރާނަން" ޖުއާންގެ ލަފުޒުތަކުން ޝައުންއަށް ހިތްހަމެޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. ޖުއާންގެ ގައިގާ އޮޅުލައިގަންނަމުން ބުރަކަށީގައި މަޑުމަޑުން ފިރުމައިލިއެވެ.

"ޖޮންއަށް ނޭގުނު ކަމުގައިވިޔަސް ވަރަށް ބްރޭވް. ވަރަށް އުދަގޫ އެކަމަކު ހިތްވަރު ހުރި ނިންމުމެއް ތި ނިންމީ. އެހާ ބޭނުންނުވާއިރު ވެސް ކޮއްކޮއަށްޓަކާ ގުރުބާން ވާން ތި ނިންމީ. އިރާދަކުރެއްވިއްޔާ ތިއީ ދުވަހަކު ރިގްރެޓްކުރާނެ ނިންމުމަކަށް ނުވާނެ. ޓައިމް ޗޭންޖެސް އެވްރީތިން ކޮންމެވެސް ދުވަހަކުން ޖޮންގެ ހިތް ބަދަލުވެ މިވަރުގެ ލޯތްބެއް ކޮއްކޮދެކެ ވާނެކަން އެނގޭ. ރިއަލައިޒް ނުވިކަމުގައި ވިޔަސް ކުރީއްސުރެ އެ އިހުސާސްތައް ހުންނާނެ. ބްލަޑް ޑޮނޭޓްކުރެވުނީވެސް އެއިހުސާސްއާ ހެދި. މިއަދު އެންމެނަށް ލިބޭ ހިތްހަމަޖެހުމަކަށްވާނެ. ޖޮން ހިތުން ރުހުމުން އެއްބަސްވީ. ޕްރެޝާކޮށްގެން ކުރެވުނު ނަމަ މާޔޫސްވެސް ވާނެ. އަލްހަމްދުލިﷲ......" ޝައުން ހިނިތުންވެލަމުން ޖުއާންގެ މޫނަށް ބަލައިލިއެވެ. ދެވަނަ ފަހަރަށްވެސް ބާރަށް ބައްދައިލިއެވެ.

ތެދެކެވެ. ދުނިޔޭގައި ލައްވާފައިވަނީ ހަމަ އެކަނި އިޝްގީ ލޯތްބެއް ނޫނެވެ. އެ ބާރުގަދަ ޖަޒުބާތުގެ ސަބަބުން މިފަދަ ކިތަންމެ ގުރުބާނީއެއް ވެވޭނެއެވެ. ޖުއާންއަށް މިއަދު ކެމީލާދެކެ ބޭބެއަކާ ކޮއްކޮއެއްގެ ދޭތެރޭ އޮންނާނެ ލޯބި އޭގެ އެންމެ ފުރިހަމަ ގޮތުގައި ވެވިއްޖެއެވެ. ކޮއްކޮ ދުނިޔޭގައި ހުރުމަށްޓަކާ އޭނަ ގުރުބާންވެދާނެއެވެ. ބޯންމެރޯ އެކަންޏެއް ނޫނެވެ. ހުރިހާ ގުނަވަންތައް ހަދިޔާކުރަންވެސް އޭނަ ދެން ފަހެއް ނުޖެހޭނެއެވެ.

***

"ދަރިފުޅާ. ލިލީގެ ކިޑްނީވެސް ފެއިލްވަނީޔޯ...." ޖުއާން ފެނުމުން ސޯފިޔާ ނޭފަތް ދަމައިލިއެވެ. ރޮމުންގޮސް މަންމަގެ ލޯ ދުޅަވެ ރަތް އަރާފައިވާއިރު މޫނުމަތިވެސް އެހާ ރަތެވެ.

"މަމް ނުރޮއި. އައިމް ހިއަ. އަޅުގަނޑު ކިޑްނީ ދޭނަން. އަދި ބޯންމެރޯވެސް. ލިލީ ސަލާމަތްކުރަން އަޅުގަނޑުގެ އަތުގައި އެއްވެސް ބާރެއް އޮތްނަމަ އެކަމެއް ކުރާނަން. ޓްވިންއެއްގެ ގޮތުގައި އައި ހިކުމަތަކީ ވެސް މިއީކަން ނޭގެ...މަމް. އަޅުގަނޑު ދޮންބެ ކައިރީވެސް ބުނެފިން ބޯންމެރޯ ޑޮނޭޓް ކުރާނަމޭ. މިދަނީ ޓެސްޓް ކުރުވަން. ބީ ސްޓްރޯންގް މަމް...އަޅުގަނޑުމެން ކޮއްކޮއަށްޓަކާ ކުރަން ޖެހުނު ހުރިހާ ކަމެއްކުރާނަން. ޝިފާ ދެއްވާނީ ވަކި ފަރާތަކުން....." ޖުއާން އޭނަގެ މަންމަގެ ކޯތާފަތް ފޮހެލަދިނެވެ.

ސޯފިއާއަށް ބާރު ބާރަށް ރޮއިގަނެވުނެވެ.

"މަންމަގެ ލަވް. މަންމަގެ ޑާލިން. ކޮންމެވެސް ދުވަހަކުން ދަރިފުޅު ކޮއްކޮއަށް އެހީވާނެކަން މަންމައަށް ފީލްވިޔޭ. ކަފަކޮޅެއްހާ މަޑު ހިތެއް އޮތް ކުއްޖެއްކަން މިއަދު ސާބިތުވެއްޖެ..." ސޯފިއާ ޖުއާންގެ މޫނުގައި ބޮސްދެމުން ކަރުނައިގެ ތެރެއިން ހިނިތުންވަމުން ރޮމުން ދިޔައެވެ.

"ބައްޕަގެ ޖޮންއަކީ ހަމަ ހީރޯއެއް.." ތައިމޫރުވެސް ޖުއާންގެ ނިތްކުރީގައި ތުންފަތް ޖައްސަވާލެއްވިއެވެ.

އެންމެންގެ މޫނަށް ހިނިތުންވުން ފޯރުކޮށްދެވިއްޖެއެވެ. ޖުއާންއަށް ނެގުނީ އެންމެ ރަގަޅު ޑިޒިޝަންކަން ގަބޫލުކުރެވިއްޖެއެވެ. ޓެސްޓް ހަދަން އެ ޕްރޮސީޖާ ރޫމަށް ވަންނަން ވުމުން ކުޑަކޮށް ފިނިވިއެވެ. ނަމަވެސް އޭނަގެ ދޮންބެއާއި އެހެން ޑޮކްޓަރުންގެ ހިތްވަރު ދިނުމުން އޭނަގެ ބިރު ކެނޑި ހަމަޖެހުމެއް ލިބުނެވެ. އެންމެ ބޮޑަށް ހިތްހަމަޖެހުނީ ކެމީލާ ބުނި ފަދައިން ހެއްދެވި ފަރާތް ހަދުމަކުރުމުންނެވެ. އޭނައާއި ކެމީލާގެ ބޯންމެރޯ މެޗުވުމަށްވެސް ދުއާކުރެވުނެވެ. އަދި ކިޑްނީވެސް ދޭން ނިންމިއެވެ. ލޯމަރާލައިގެން އޮތް ޖުއާންއަށް ފެންނަނީ ކެމީލާގެ ބަލި މޫނެވެ. ދިރުމެއް ނެތް ލޮލެވެ. އިރާދަކުރެއްވިއްޔާ ވަގުތު ފާއިތެއްނުވާނެއެވެ.

***

ޖުއާންގެ ބޯންމެރޯ ކެމީލާއާއި މެޗްވުމާއެކު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުނެވެ. އެންމެން ދުޢާކުރަމުން ދިޔައީ އިތުރު މައްސަލަތަކެއް ދިމާނުވެ ކެމީލާއަށް ޝިފާ ލިބުމަށެވެ. "ޑިއަރ ލިލީ މޭ ﷲ ބްލެސް ޔޫ." ޖަހާފައި އޮތް ބޯޑެއް އެކޮޓަރީގެ ތެރޭ ދިއްލަލަފައި ހުއްޓެވެ. ޑޮކްޓަރުންނާއި ނަރުހުންގެ ފަރާތުންވެސް ކެމީލާއަށް ޚާއްސަ އަޅާލުމާއި ލޯތްބެއް ލިބުނެވެ. ކިތަންމެ ދުރުގައި ތިއްބަސް ޓެކްނޮލޮޖީގެ ސަބަބުން އެއްތަނެއްގައި އުޅެވޭހެން ހީވެއެވެ. ކެމީލާއާއި ކިޔާން އަދި ޒައިރާވެސް ވާހަކަދެއްކިއެވެ. ހެޔޮއެދުންތަކާއި ދުއާތައް އަބަދަށް ވާކަމުގައި ބުނެލިއެވެ. މާމައަށް މުޅިން ނޭގުނުކަމުގައި ވިޔަސް ކެމީލާ ފެނުމުން ކުޑަކޮށް ހީލިއެވެ. ބަލަން އޮތެވެ. "ލަވް ޔޫ މާމާ.." ކެމީލާގެ ހިތަށް އަސަރުކުރިއެވެ.

ހަ ހަފްތާފަހުން ކެމީލާ ހޮސްޕިޓަލުން ދޫކޮށްލެވުނެވެ. ސްނޯއިން މަގުތައް ފުރިފައިވާ ރީތި ދުވަހެއްގައި ގެއަށް އައިއިރު އޭނައަށްޓަކާ ޕާޓީއެއް ބޭއްވުނެވެ. ހަދިޔާތައް ލިބުނެވެ. އެންމެ އުފާވީ ޖުއާން ދިން ކަޅުކުލައިގެ ކަވަރެއް ލީ މުސްހަފުއިންނެވެ. ކެމީލާ މުސްހަފު ގެނެސް މޫނުގައި ޖައްސައިލީ ނިކަން ލޯބިންނެވެ.

"ތެންކިއު ޖޮން...."

"ހިތަށް އެރިއޭ އެންމެ ލޯބިވާނެ ގިފްޓަކީ މިއީއޭ...ހިގާ ސެލްފީއެއް ނަގަން.. ޗީޒް....." ޖުއާން ކެމީލާއާއި މޫނު ޖައްސާލައިގެން ތިބެ ހިނިތުންވުމާއެކު ސެލްފީއެއްނެގިއެވެ. ކެމީލާގެ މޫނުގެ އަނެއް ފަޅީގައި މުސްހަފު ޖައްސާލައިގެންނެވެ. ދެކުދިންގެ އެ ލޯބި ޚާއްސަ ވަގުތުކޮޅު އާއިލާގެ އެންމެން ހިނިއައިސްފައި ބަލަން ތިއްބެވެ. އާތިކާވެސް މެއެވެ. ހީވެސް ނުކުރާފަދަ ގޮތަކަށް އެކުއްޖާ އާތިކާގެ ހިތުންވެސް މަގާމެއް ހޯދީއެވެ. އެހާ އަޅާލާ ހިތްހެޔޮ ލޯބި ކުއްޖެކެވެ. "އެންޖެލް" އެއްފަދައެވެ.

ފްރެންޗު ދޮރުތަކުން ބޯކޮށް ސްނޯ ވެހޭތަން ފެނެއެވެ. ސްނޯމޭންއެއް ހަދައިލާ ސްނޯ ބޯޅަ ކުޅޭހިތުން ކެމީލާ ކެތްމަދުވިއެވެ. އޭނަ ޒައިރާއަށް ވީޑިއޯ ކޯލް ޖައްސާފައި ސްނޯ މަންޒަރުތައް ދެއްކިއެވެ. ކިޔާން މާމަ އަދި ނާދިރާއަށްވެސް ކެމީލާ ފެނުމުން ވާހަކަދެއްކިއެވެ.

"ޑާލިން ހާދަ ރީއްޗޭ. ހަމަ ހެވެންލީ. ލިލީ ހެޕީކޮށް އުޅޭތީ ދޮންތި ހަމަ ވަރަށް އުފާވެފައި. އިރާދަކުރެއްވިއްޔާ ކޮންމެވެސް ދުވަހަކުން ދޮންތިއަށްވެސް ދެވޭނެ. ދުޢާކުރައްޗޭ. ލަވް ޔޫ ލިލީބެލްސް..................." ޒައިރާ އަތްތިލައިގާ ތުންފަތް ޖައްސާލާފައި ކެމީލާއަށް ދޮނެއް ފޮނުވައިލިއެވެ.

ކެމީލާ ގޮވައިގެން ބާޒާރުކޮށްލަން ގެންދިޔައިރު މުޅިންވެސް ބެލުނީ މާމައާއި ޒައިރާ އަދި ދޮންބެއަށް ދޭނެ ހަދިޔާއަކާއި މެދުގައެވެ. އެކަން ވިސްނިގެން ސޯފިއާ ވައުދުވީ ރަށަށް ދާން ބާޒާރުކުރާއިރު އެންމެނަށް ހަދިޔާ ގަންނާނެ ކަމުގައެވެ.

"އެއީ މަންމަމެންގެވެސް އާއިލާއަކަށް ވެއްޖެ. ނާދިރާ އޮޅުވާލިޔަސް މާމައާއި ކިޔާން އަދި ޒައިރާ ލޯބި ދީގެން ބަލާބޮޑު ކުރީތީ މަންމަމެން ދުވަހަކު އެ އިހުސާންތެރިކަން ހަދާން ނައްތައެއް ނުލާނަން. އެއީ ވަރަށް ސްޕެޝަލް ބަޔެއް.." ސޯފިޔާ ބުނެލިގޮތުން ކެމީލާއަށް މަންމަ ގައިގާ ބައްދައިލެވުނެވެ.

"ބައްޕައާއި ބޭބެމެންނަށް އެންމެ މީރުވަސް ދުވާނީ ކޮން ޕާފިއުމްއެއްގައިތަ؟ " ކެމީލާ ސެންޓް ފުޅިތައް ހުރި ހަރުތަކާއި ކައިރިއަށް ޖެހުނެވެ." ބައްޕަ ހަގްކޮށްލައްވަ ކޮންމެ ފަހަރަކު ވަރަށް މީރު ލުއިވަހެއް ދުވާ. ދޮންބެމެންވެސް. އެކަމަކު ތަފާތު ކަން ނޭގޭ....އަދި ބުކްޝޮޕަކަށްވެސް ދާން ބޭނުން. އިސްލާމިކް ފޮތްތައް ހުރި ތަނަކަށް."

ސޯފިޔާއަށް ހުރެވުނީ ދަރިފުޅަށް ލޯބިވެތި ނަޒަރަކުން ބަލަހައްޓައިގެންނެވެ.

މިފަަދަ އަންހެން ދަރިއެއް ލިބުމުން އުފާނުވާނީ ކޮން މަންމައެއް ހެއްޔެވެ؟ ފަނަރަ އަހަރު ގެއްލުނަސް އުމުރުން ބާކީ އޮތްހާ ދުވަހެއް އޭނަ ދަރިފުޅަށްޓަކާ ހުސްކޮށްދޭނެއެވެ. ލޯބިން ފުރާލަދޭނެއެވެ. ކޮންމެ ދުވަހަކު އޭނަ ހެއްދެވި ފަރާތަށް ޝުކުރުވެރިވެއެވެ. ގެއްލުނު ދުވަސްތަކަށްޓަކާ ހިތާމަކުރުމުގެ ބަދަލުގައި އޭނަ ވިސްނީ ކުރިމަގަށެވެ. ހަޔާތުގެ ކޮންމެ ސަފުހާއަކީ ފިލާވަޅެކެވެ. ހިކުމަތެކެވެ. ވަގުތު ފާއިތުވެ ދިޔުމުން ފަހުން ހިތާމަކުރުމުގެ ބަދަލުގައި ދުނިޔެއަށް ފޮނުއްވުމުގެ މަގުސަދު ހަދާން ނައްތާނުލާ ﷲގެ ލޯބިފުޅު ހޯދަން މަސައްކަތްކޮށް ވަގުތުގެ ބޭނުން ރަގަޅުގޮތުގައި ހިފަންވީއެވެ.

 

 

***

ސޯފިޔާ އާއި ތައިމޫރު އެކީ ހިނގާފައި ކޯރާއި ދިމާލަށް ދިޔައިރު އެކިދިމާލުން ފެންނަނީ ވިރެމުންދާ ސްނޯއެވެ. ބައެއް ދިމާލުން ޑެފޮޑިލްތައް ސްނޯގެ ތެރެއިން ބޯ ދިއްކޮށްލައިގެން އިރުގެ އަތްވަށް އެދި އިންތިޒާރުގައި ތިބި ފަދައެވެ. ފިނިކަން ކޮންމެވެސް ވަރަކަށް ކެނޑިއްޖެއެވެ. ދެމަފިރިން އަތުގުޅުވާލައިގެން ހިގަމުން ދިޔަގޮތުން އުފާވެރި ގުޅޭ ޖޯޑެއްކަން ދެކޭ ކޮންމެ މީހަކަށް އެނގޭނެއެވެ.

"ނަތާ އެބުނީ ދޮގެއްކަން މާތްﷲ ދެނެވޮޑިގެންވާނެ. މީހަކު އެއްޗެކޭ ބުނެލާއިރަށް އެހެން މީހަކުނަމަ ރުޅިއައިސްގެން ގަޔަށް ބޮލަށް އަރައިގަތީސް. ސޯފީ މިހުރިހާ ދުވަހު ތިކަން ހިތުގައި ބާއްވައިގެން ހުރެފައި ތި އެހީ. ނަތާ އަހަންނާއިހެދި އުޅުނީ. އެކަމަކު ތިބުނާކަހަލަ އެއްވެސް ގުޅުމެއް އޭނައަކާ ނޯންނާނެ. އެފަދަ ދަރިއަކު ހުރިނަމަ ކޮންތާކު ގެންގުޅުނީ؟ މިއޮތް ޒަމާނުގައި ކީއްވެ ފޮރުވައިގެން ހުންނަންވީ؟ ޑީއެންއޭވެސް ހެއްދޭނެއްނު. ސޯފީ ގަބޫލުކުރޭ. އައި ސްވިއަ އިން ދަ ނޭމް އޮފް ﷲ............." ސޯފިއާ ތައިމޫރުގެ އަނގަމަތީ އަތްއެޅިއެވެ. ހުވާ ނުކުރިޔަސް ފުދޭކަމުގައި ބުނެލީ ހީލަމުންނެވެ.

ނަތާ ނާދިރާ ގާތުގައިވެސް ވަރުގަދަ ފޮންޏެއް ކަނޑައިލީއެވެ.

***

ޝައުން ބެލް އަޅާފައި އިންތިޒާރުގައި ހުއްޓާ އެލީނާ ނުކުމެގެން އައީ ގަސްތަކުގެ ތެރެއިންނެވެ. ސްވެޓަރުފާޑުގެ ހެދުމަކާއެކު ބޭރުން ރަތްކުލައިގެ ޖެކެޓަކާއި ޖިންސެއްލައިގެން ކަރުގައި ކެހެރި ސްކާފެއް އޮޅާލައިގެންނެވެ. ވިރެމުންދާ ސްނޯއާއި ފޮޅެމުން އަންނަ ޑެފޮޑިލް ޓިއުލިޕް ފަދަ މާތަކުން ބަގީޗާތެރެއަށް އިތުރު ނަލަކަމެއް ގެނެސްދެއެވެ. ބަހާރު މޫސުމް މާ އަވަހަށް އައިސް ފިނި މޫސުމާއި ބައްދަލުކޮށްފިއެވެ. އެލީނާގެ ސަބަބުން އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ޝައުންއަށް ދުރަށް ބަލައިލެވުނެވެ. ހަގީގަތަކީ އޭނައާއި އެލީނާ ކިތަންމެ ކައިރީގައި އުޅުނަސް އެދެމީހުންގެ "ކެމިސްޓްރީ" ނެތުމެވެ. ކިތަންމެ ރީއްޗަސް ހިތުގައި ލޯބި އޮތަސް އެބުނާފަދަ ގުޅުމެއް އެދޭތެރެއަކު ނެތެވެ. ދެމީހުން އެކަކު އަނެކަކަށް ރުހެވުނަސް ލޯތްބަކީ ތަފާތު ޖަޒުބާތެކެވެ. އެ ވަރުގަދަ ޖަޒުބާތު އެދޭތެރެއަކު ނެތްކަމަށް މިއަދު ޝައުންއަށް ގަބޫލުކުރެވިއްޖެއެވެ. ނަމަވެސް އޭނަ މިހުރީ އެލީނާ ނިންމާ ގޮތަކާއި ރުހޭށެވެ. ދަރިންނަށްޓަކާ އެކީ އުޅެންވިޔަސް އޭނަ އުފަލުން ގަބޫލުކުރާނެއެވެ. ދިރިއުޅުމަކީ ކުރު އެއްޗެކެވެ. އެންމެ ހިތް އެދޭ އެންމެ ފުރިހަމަ ބައިވެރިޔާ ނުލިބޭނެއެވެ. މަސައްކަތްކޮށް އެކީ އުޅެން ދަސްކޮށްފިއްޔާ އުޅެވިދާނެއެވެ. ނަމަވެސް އޭނަގެ މައިންބަފައިންގެ ދެމެދުގއި އޮތްފަދަ ގާތް ގުޅުމެއް ނޯންނާނެކަން ޔަގީނެވެ.

"އައި ޑިސައިޑެޑް..." އެލީނާ ހަށަން ބަދެލަމުން ހުއްޓުނީ ދާދި ކައިރީގައެވެ. ދެމީހުންގެ ބޫޓުގެ ކުރި ޖެހި ބާރުވިއެވެ.

"ބުނޭ......" ޝައުން ގެ ނޭވާ އެތެރެހަށީގައި ތާށިވިއެވެ.

"ވަކިވާން ބޭނުމީ...."

"އޯ....." ޝައުންއަށް ފިނި ނޭވާއެއް ދޫކޮށްލެވުނެވެ. ފިނިވެފައިވާ އަތްތިލަ ޖިންސްގެ ޖީބަށް ޖަހާލެވިއްޖެއެވެ.

"ސަބަބަކީ އަހަރެން ވަރަށް ޅައިރު މެރީކުރީ. ކޮލެޖް ލައިފާއި ފްރީކޮށް އެހެން ކުދިންހެން މިނިވަންކޮށް ނޫޅެވުނު. މިހާރު ބޭނުންވަނީ މަންމައާއި ބައްޕައާއެކު ހަމަޖެހިގެން ދިރިއުޅުން. ކޮލެޖް ލައިފް. އައި މިސްޑް ދޯޒް ތިންގްސް....." އެލީނާގެ ހިތަށް ތަދުވިއެވެ. ޝައުން ދޫކޮށްލާފައި ދާންވުމުން ހިތް ރޮނީއެވެ. އެހެން މީހުން ކިޔާނެ އެއްޗިއްސާއިމެދުވެސް ހިތަށް ބާރުކުރަނީއެވެ. ނަމަވެސް މީހުން ކިޔާ އެއްޗަކަށްވުރެ ބަލަންވީ އެދެމީހުންގެ އިހުސާސްތަކަށެވެ. ދެމީހުން ވަކިވެ އެކަކު އަނެކަކަށް ވަގުތު ދިނުމަށެވެ.

"އޯލްރައިޓް އެލީނާ. އުފާވެރި ދިރިއުޅުމެއް ދެއްވާށި..." ޝައުން އެލީނާގެ މޫނަށް ފަޅި ސިކުންތުކޮޅަކަށް ބަލައިލިއެވެ.

"ޔޫ ޓޫ. ވަޓް އެބައުޓް ދަ ކިޑްސް....."

"ބައްޕަ ފަހަަރެއްގައި ކެނެޑާއަށް މޫވް ކުރަނީޔޯ. އެހެންވެއްޖެއްޔާ އެލީނާވެސް ކިޔަވަން ކެނެޑާއަށް ދާންވީނު..."

"ބައްޕައަށް ކެނެޑާއިން ވިޒާލިބިއްޖެއްޔާ އެތަނަށްވެސް ދެވިދާނެ."

"ކުދިންނަށްޓަކާ އަހަރެމެންނަށް އެއް ގައުމުގައި ދިރިއުޅެން މަޖުބޫރު. ސަބަބަކީ އަހަންނަށްވެސް ލޫކާއާ ލިލީއާއި ވަކިން ދިރިނޫޅެވޭނެތީ. ދޭ އާ މައި ލައިފް. ވަން މޯ ތިންގް ލިލީގެ ސިއްރު އެނގެން ޖެހޭނީ އަހަންނާއި ކިޔާން އަށް އެކަނި. އަހަންނަށް އެނގޭ ނަސްލު އޮޅުވުމަކީ ދީނުގައި ހުއްދަކަމެއްނޫންކަން. އެކަމަކު ލިލީ އަދި ވަރަށް ޅަ. ވިސްނޭއުމުރަށް ދިޔައިމަ ދުނިޔޭގައި ހުރެއްޖެއްޔާ ލިލީގެ ބައްޕައަކީ ކިޔާންކަން ބުނެދޭން ޖެހޭ. މިއަށްވުރެ ދެރަ އުދަގޫ އިހުސާސްއެއް އެހެން މީހަކަށް ނުކުރެވޭނެ. އެންމެ ލޯބިވާ ދަރިފުޅަކީ އަމިއްލަ ލޭ ނޫންކަން އެނގުނީމަ ހިތަށްވާނެ ގޮތް އެހެން މީހަކަށް ނޭގޭނެ. ބަޔާންކޮށެއް ނުދެވޭނެ. އިޓް ހާޓްސް އެލޮޓް. ކޮންމެ ގޮތެއްވިޔަސް ލިލީއާއިމެދު އަބަދަށްޓަކާ ދެކެވޭނީ ދަރިފުޅުގެ ގޮތުގައި. އަދި ލޫކާއާއި ލިލީ ވަކިކުރެވޭނެ ގޮތެއްވެސް ނޯންނާނެ. އެހެންވީމަ އަހަރެމެން އެއްރަށެއްގައި ދިރިއުޅޭނީ....." ޝައުން ވާހަކަދެއްކިއިރު އެ އަޑުގައި މޮޅިވެރިކަމާއި ހިތާމަވެރި ގޮތެއް ހުއްޓެވެ.

"ހަގީގަތުގައި އަހަރެން ބޭނުންވަނީ އެންމެނާއި ދުރުގައި ހުންނަން. ނޫނީ...ނޭގޭ ދެން ޝައުން އަބަދު ފެންނަން ވެއްޖެއްޔާ ކިހިނެއް އަހަރެން ނޯމަލް ލައިފްއެއްގަ އުޅޭނީ..."

"އުޅެވޭނެ. އެލީނާ ބޭނުމިއްޔާ ހަމަ ކިޔާންއާއި އިންނަންވީ..."

"ޝައުން އާއިޒާ؟ " އެލީނާގެ ހިތަށް އެއްކަލަ ހަސަދައިގެ ކަށި ހެރިއްޖެއެވެ. ކަރުނަތައް ނުހިފެހެއްޓިގެން ތިރިއަށް ދެމެންފެށިއެވެ.

"ނުރޮއި. އެންމެ ރަގަޅުގޮތަކީ ދެން ދެމީހުން ދެ މަގު ޚިޔާރުކުރިެއްޔާ. ވަރިއަކީ ލައްވާފައި އޮތް އެއްޗެއް. ދެރަގޮތެއްނުވާނެ. ބީ ސްޓްރޯންގް. ބީ ހެޕީ. ބްރޭކް އަޕް ނުވެ މީތި ވޯކްއައުޓް ކުރާތޯ ވަރަށް ދުވަހު މަސައްކަތްކުރިން. މުޅި އަށް އަހަރު. އެކަމަކު އެކަމެއްނުވި. މިހާރު ވަގުތު ޖެހިއްޖެ."ޝައުންގެ ވާހަކައިން މިއީ އެދެމީހުން ދެމަފިރިންގެ ގޮތުގައި އުޅޭނެ އެންމެ ފަހު ފަހަރުކަން ޔަގީންވެ ބިރުވެރި ރާޅުބާނިތައް ހަށިގަނޑުގައި ދަތުރުކޮށް މުޅިކުއްޖާ ފިނިކޮށްލައިފިއެވެ. ކުށްވެރިއަކީ ކާކުކަމެއް އެލީނާއަކަށް ނޭގުނެވެ. ޔަގީންވީ ޝައުން އޭނަދެކެ އިޝްގީ ލޯތްބެއްނުވާ ކަމެވެ. ލޯބިވީނަމަ އޭނަ ދޫކޮށްފައި ދާނެ ގޮތެއް ނޯންނާނެއެވެ. ޝައުން ކެތްގަދައެވެ. ހިތުގެ މަތީ ގަނޑުފެން އަޅައިގެން އެތައް އަހަރަކަށް ހުރެފައި މިއަދުވެސް އެހީ އެލީނާ ގާތުންނެވެ. އެލީނާ ބޭނުން ނަމަ މަޑުކުރީހެވެ. އެލީނާއަށް ޝައުންގެ ގައިގާ ބައްދައިލެވުނެވެ. ނުދާށޭ ބުނެވުނެވެ. ނަމަވެސް އޭނަގެ އެ އަމަލާއި އަޑުވެސް ވީ ސިކުނޑީގައެވެ. އެފަދަ ހިތްވަރެއް ނުކުރެވުނެވެ.

"ގުޑްބައި..." ޝައުން ދާން ހިނގައިގަތެވެ. ސްނޯ މަތީގައި ބޫޓުގެ ނިޝާން ދޫކުރަމުން ނެގި ކޮންމެ ފިޔަވަޅެއް އޭނަގެ ހަޔާތައި ދުރަށެވެ. ނާކާމިޔާބުގެ ހިތި ރަހަ އަރުތެރޭ ލިއެވެ. ލޮލުން ކަރުނަ ހިލި ކޯތާފަތް މައްޗަށް ފޭބިއެވެ. ޝައުންދެކެ ލޯބިނުވިޔަސް އެއީ އޭނަގެ ދަރިފުޅުގެ ބައްޕައެވެ. އާއިލާގެ ޒުވާނެކެވެ. އެއްކޮށް ގުޅުން ކަނޑައިލަން ފަސޭހައެއްވެސް ނުވާނެއެވެ. ދުރަށްގޮސް ފިލޭނީވެސް ދަރިން ނެތްނަމައެވެ.

"ގުޑްބައި ހަޒްބެންޑް...." އެލީނާއަށް ތިރިއަށް ނަޒަރު ހުއްޓާލެވިއްޖެއެވެ. ސްނޯގެ ތެރެއިން ފެންނަ ކުޑަ ކުޑަ މާތަކަށެވެ.

"މިއީ އުއްމީދަކީ. ފިނިމޫސުމްގެ ދަތިކަމާއި ފިނިކަމަށް ކެތްކޮށްގެން އަލުން ބަޑްތައް ނިކުންނަނީ. އަހަންނަށް ނުވާންވީ ކީއްވެ؟ މާތްﷲ ގެ އިރާދަފުޅާއެކު ރަގަޅުގޮތެއްވާނީ ޝައުންއާއި އައިޒް ގުޅުނީމަ އެންމެ ރަގަޅުވާނީ. އާއިޒާގެ ލޯތްބަކީ ޝައުން. ޝައުންވެސް ހިތް ކިޔާ ކުއްޖަކީ އެ ރީތި ރީތި އައިޒް އެބޮޑު ބޮޑު ދެލޮލަކީ ފިރިހެންކުދިން އެލޮލު ތެރޭ އަސީރުކޮށްލާނެ ހަތިޔާރެއް. މަންމަމެން ދުވަހަކު ކިޔާންއަކާއި ގަބޫލެއްނުވާނެ. ކޮންމެގޮތެއްވިޔަސް އަހަރެން ފިރިހެނުންނާއިމެދު ވިސްނާކަށް ބޭނުމެއްނޫން. އެ ޗެޕްޓާ ކްލޯޒްކޮށްފައި ފްރީކޮށް އުފާވެރިކޮށް ސިންގަލް ކަމުގެ ފޮނިކަން ތަޖުރިބާ ކޮށްލާނީ..." އެލީނާ ބެންޗުގައި އިށީދެ ދުރަށް ބަލަހައްޓައިގެން އިނީ ޚިޔާލަކަށް ގެއްލިފައެވެ.

***

ކެމީލާ ޗެރީ ބްލޮސޮމް ގަހުން ވެރެމުންދާ ފަތްތަކަށް ބަލަން ހުރެ ފޮޓޯނަގަމުން ދިޔައިރު ޖުއާން މަޖާވެފައި އެ މަންޒަރުދެކެން ހުއްޓެވެ. ކެމީލާއަށް އެފަދަ ކޮންމެ ކަމެއް އާކަމަށްވެދާ ގޮތާއިމެދު ހައިރާންވެ އުފާވެސްވެއެވެ. ޗެރީ ބްލޮސޮމްއާއި ގުޅޭފަދަ ފިޔަތޮށިކުލައިގެ ޖެކެޓާއެކު އެތެރެއިން ހުދާއި ފިޔާތޮށިކުލައެއް އެކުލެވޭ އެއްޗެހީގައި ހުރިއިރު ކެމީލާގެ މޫނުމަތި ނިކަން އުޖާލާއެވެ. އަބަދުހެން ހިނިތުންވޭވޭ ހުންނަ އުފާވެރިކުއްޖާގެ ސަބަބުން އެންމެންގެ ދިރިއުޅުން އުފާވެރިކޮށްދީފިއެވެ.

"ސްޓިލް ހިތަށް އަރަނީ ލިލީ ބައްޕަ ކައިރީ އަންކަލްއަށް ދައުވަތުދޭން ބުނި މަންޒަރު. ބައްޕަގެ ރިއެކްޝަން. ތިން ދުވަހަށްވުރެ ގިނަ ދުވަސްވާންދެން ރުޅިވެގެން ތިބެން ދީނުގައި ހުއްދަނޫންކަން ބުނެ ލިލީ ބައްޕައަށް ނަސޭހަތް ދިންގޮތް ހަހަ. ބައްޕާ ވޯޒް ލައިކް.....މައި ޑާލިން ލިޓްލްގާލް ގެ ސްވީޓްކަން. ހަގީގަތުގައި މި ފެމިލީގައި ވަރަށް ޑާކް ސިކްރެޓްސް ގިނަ. ބޮޑުބޭބެވެސް ފެމިލީއާއި ވަކިން ކިތައް އަހަރު އެވީ..އަހަރެމެން ދެމީހުންގެ ނަސީބުވެސް ބަލައިލާ. ކިރިޔާ އަހަންނަށް ލިލީ ނުގެއްލުނީ..............." ޖުއާން ކުޑަކޮށް ގަހުގެ ގޮފިގަނޑެއް ހަލުވައިލުމުން މާތައް އުދުހިގަތެވެ.

"އެއަށްވުރެ ކުޅަދުންވަންތަ ފަރާތެއްވޭ. އަހަރެމެން ނައިން މަންތްސް ވާންދެން އެކަނި އަނދިރިތަނެއްގައި ކިތައް ސިކްރެޓް ޝެއާކޮށްގެން އުޅުނީ ހެހެ..ބޭބީ ބަހުރުވައިން އޭރު ޓޯކް ކުރާނީ ދޯ. ޖޮން ނިންދަވަން އަހަރެންގެ އިނގިލި ދިނީމަ ބޮއިގެން ނިދާފައި އެކަމަކު ފަހުން ދިމާވީމަ އޭގެ ހަދާނެއްނެތް..." ކެމީލާ ހެމުން ބުނެލިއެވެ.

"ލިލީ ފެނުނީމަ ތަނަކުން ދަންނަ ފެމިލިއާ ފޭސްއެކޭ ހިތަށް އެރި. ހިތުގައި ތަފަތު ފީލިންސްއެއް. އައި މީން ގާލްއަކާ ބޯއިއަކު ގެ އެހުންނަ ކަހަލަ ކަމެއްނޫން. ތަފާތު ލޯތްބެއް. މިހާރު މިއެނގުނީ...."

"އެކަމަކު އޭރު ހޭޓްކުރާ ކަމަށް ހެދިގެނެއްނު ހުރީ. ހިޕޮކްރައިޓް..." ކެމީލާ ދޫ ނެރެލިއެވެ.

"ޑޯންޓް ކޯލް މީ ނޭމްސް އައި ސޭވްޑް ޔޯ ލައިފް...." ޖުއާން ލޯ އަޅައިލާފައި ކެމީލާ ފަހާ ދުއްވައިގަތެވެ.

ދެބެންގެ ސަކަރާތް ޖަހާތަން ބަލަން ފެންޑާގައި ތައިމޫރު ސޯފިއާ އަދި އާތިކާ ތިބީ ކޮފީއެއްގައެވެ. އެކުވެރި މާހައުލެއްގައެވެ. ދެ އަނބިންނާއިގެން މާ ބޮޑު މައްސަލަތަކެއް ނުޖެހި ތައިމޫރަށް އުޅެވެނީ އޭނަގެ އިންސާފާއި އެއްވަރަށް ދެ އަނބިންނަށް ވަގުތު ދެއްވާތީއެވެ. ދޭތެރެއަކުން ކޫސަނި މައްސަލައެއް ޖެހުނަސް ތައިމޫރު އެކަން ދާދި ފަސޭހައިން ހައްލު ކުރައްވާނެއެވެ.

***

ރާއްޖެއަށް އަބަދަށްޓަކާ އަލްވަދާއު ކިޔާފައި ކެނެޑާއަށް ބަދަލުވުމުގެ ކުރިން އެކުވެރިންނާއި ބައްދަލުކުރަން ތައިމޫރު އާއިލާ ގޮވައިގެން ރާއްޖެ އައުމުން އެންމެ އުފާވީ ކެމީލާއެވެ. އެދުވަސްކޮޅު އޭނަ ގިނަވަގުތު ހޭދަކުރީ މާމައާއި ޒައިރާ އަދި ކިޔާން އާއެކުގައެވެ. ޝައުން ކިޔާންއާއި ކުޑަ ކުޑަ ލިލީ ބައްދަލުކުރުމުގެ ފުރުސަތު ދިނެވެ. ކިޔާންގެ ކުށެއްނެތްއިރު އަދި އެހާ ވަފާތެރި ތެދުވެރި އެކުވެރިއަކާއި ވަކިވުމަކީ ޝައުންގެ ޟަމީރު ތަން ދޭނެކަމެއް ނޫނެވެ. ޝައުން ކިޔާންއާއި ލިލީ އަދި ލޫކާ ގޮވައިގެން ދަތުރުގޮސް ރިޒޯޓުގައި އިރުއޮއްސޭ މަންޒަރު ބަލަން ތިބެފައި ޝައުން އެވާހަކަ ފެށިއެވެ. އެލީނާއަކީ މިހާރު މިނިވަން ކުއްޖެއްކަމަށާއި ކިޔާންއަށް ފުރުސަތު އޮތްކަމުގައެވެ. އެވަރުންވެސް ކިޔާންއަށްވެސް ޝައުންގެ ހިތާއި ހަމަޔަށް ނުފޯރިއެވެ. ޝައުންގެ ހިތް އޭނަވަނީ ތަޅުލާފައެވެ. އަޑި އެނގުމެއްނެތް ފުންކަނޑެއްފަދައެވެ. އެހިތުގައި ރަނިކަން ކުރަނީ ކޮންފަދަ ނަސީބުވެރިއެއްކަން އެންމެ ގާތް އެކުވެރިޔާއަކަށްވެސް ނޭގުނެވެ.

"ޝޭން. އަހަރެން ދުވަހަކު އެލީނާއާއި ގުޅުމެއް ނުބާއްވާނަން. އެއީ މާޒީ. އެލިނާގެ ފެމިލީއިން ދުވަހެއްގެ ކޮޅުންވެސް އަހަރެން އެކްސެޕްޓެއް ނުކުރާނެ. ބައްޕަނެތް ހަރާމީއެއް އެމީހެއްގެ ދަރިއަކާއި ގުޅުވާލަދޭނީ ކާކު؟ ޝޭން މޮޔަ ޑިޒިޝަނެއް ނުނަގާ އަލުން ދެކުދިން ގުޅެންވީނު."

"ކިޔާންއަށް ހީވާ ގޮތް. މިޒަމާނުގައި ތިއީ އެއްވެސް މީހަކު ވިސްނާ ކަމެއްނޫން. މައިންބަފައިން ކުރި ކުށެއްގެ ސަޒާ ދަރިއަކު އުފުލާކަށް ނުޖެހޭނެ. ކިޔާން ތިގޮތަށް ވިސްނީމަ ގަބޫލުކުރަން ދަތި. ދެން އެންމެ ފަހަށް ތިބުނި ވާހަކައާއި ބެހޭގޮތުން ބުނެފާނަން. އެލީނާ ޑިސައިޑްކުރީ. އޭނަ އުފާވާ ގޮތަށް ހަދަމާ ދޯ."

ޝައުން ކިޔާންއާއި ލިލީ އިރުއޮއްސުނު ގަޑީގައި ރާޅުފަށުގައި އިށީދެ މޫދަށް ބަލަހައްޓައިގެން ތިބި މަންޒަރު ފޯނުގައި ރައްކާކުރިއެވެ. "އަހަރެމެންގެ ލިލީއަށް ޑޭޑްއަކާއި ބައްޕިއެއް ލިބިއްޖެދޯ." ކިޔާން ލިލީގެ މޫނުކޮޅަށް ބޮސްދިނެވެ. ލޫކާ ފަހަތުންގޮސް ކިޔާންގެ ކަދުރާގައި ބައްދައިގަތެވެ. ކެމީލާ އާއި ޖުއާން އަދި ޒައިރާއަށްވެސް އެތަނަށް ދެވި ބޭބެމެން ކައިރީ ދޮންވެލިގަނޑުމަތީ އިށީދެ ސެލްފީ ނަގާފައި ވާހަކަދައްކަމުން ސަމާސާކުރަމުން ދިޔައީ އެއްވެސް ފިކުރެއް ޚިޔާލެެއް ނެތް ފަދައަކުންނެވެ. ހަޔާތުގެ އާ ބާބެއްގެ ފެށުމަށް ތައްޔާރުވަމުންނެވެ. ފޮތުގެ ހުސް ސަފުހާތައް އުފާވެރިކޮށް ފުރާލަން އުއްމީދާއި އަޒުމާއެކުގައެވެ. އަދި ހެއްދެވިފަރާތަށް ދުޢާކުރަމުންނެވެ. ދެދުނިޔޭގެ ނަސީބާއި ބާއްޖަވެރިކަން އޮތީ ދެދުނިޔެއަށްވެސް ތައްޔާރުވެގެންނެވެ.

ނިމުނީ

 

ކޮމެންޓް 0