މާތް ﷲ ގުރުއާނުގެ ޝޫރާ ސޫރަތުގެ ފަންސަވީސް ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. (وَهُوَ ٱلَّذِي يَقۡبَلُ ٱلتَّوۡبَةَ عَنۡ عِبَادِهِۦ وَيَعۡفُواْ عَنِ ٱلسَّيِّـَٔاتِ وَيَعۡلَمُ مَا تَفۡعَلُونَ)އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ ކިބައިން توبة قبول ކުރައްވައި، ނުބައިކަންތަކަށް عفو ކުރައްވާ ރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންކުރާ ކަންތައްތައް، އެކަލާނގެ ދެނެވޮޑިގެންވެއެވެ.
***
ކިޔާން އެޕާޓްމެންޓަށް ވަންއިރު ކޮންމެވެސް ވަރަކަށް ތެމިއްޖެއެވެ. ދުވެފައި ކަހަލަގޮތަކަށްގޮސް އެޕާޓްމެންޓްގެ ދޮރު ހުޅުވައިލުމުން އޭސީގެ ފިނިކަން ޖެހި ހީކަރުވާގޮތްވިއެވެ. ކިޔާން ފެންވަރާލައިގެން ނުކުތީ ތުވާލި އަނދެލައިގެންނެވެ. ފޯނު ރިންގުވާން ފެށުމުން ކަންފަތުގައި ޖެހިތަނާ ބަދިގެތެރެއިން ކޮންމެވެސް އެއްޗެއް ވެއްޓުނު އަޑުއިވުނެވެ. "މަގޭ ލޯބިވާ. ކޯންޗެއް ވައްޓައިލީ؟ " ކިޔާން ތަންކޮޅެއް ބާރަށް ގޮވައިލިއެވެ. "އެލްފް. އެލްފް........ޑާލިން ކީއްކުރަނީ؟ "
އެލީނާ އަށް ލިބުނީ ޝޮކެކެވެ. އިރުކޮޅެއްވާންދެން ގަނޑުވެފައިވާ ބުދެއްހެން އެސްފިޔަޖަހާ ނުލާ އިނުމަށްފަހު ކިޔާންގެ ޖުމްލަތައް ހޮނުގުގުރިއެއް ފަދައިން ކަންފަތުގައި ޖެހުނެވެ. އޭނައަކީ ކާކުކަން އެނގޭނަމަ ބަލައިވެސް ނުލާނެކަމަށް ބުނި ނުބައި ސިއްރަކީ މިއީހެއްޔެވެ؟ ކިޔަންއަކީ މުސްލިމެއްހެއްޔެވެ؟ އެހާ ނުބައި ފާފައަކަށް އަރައިގަންނަހިނދު ބޮޑުވެގެންވާ ކޯފާއެއް އަތުވެދާނެކަމަށް ހިތަށް އެރިއްޔާ ގައިމު ނަފުސް މައިތިރިކުރާނެއެވެ. އެލީނާގެ ސިކުނޑިއަށް ލޫތުގެ ފާނުގެ ގައުމުގެ ކަންތައްގަނޑު ހަދާންވިއެވެ. ސިކުނޑިތެރެއިން ހަޅޭއްލެވެން ފެށުނެވެ. އަޑުގަދަވެގެން ކަންފަތުގައި އަތް އެޅިއްޖެއެވެ.
ކިޔާން ފެނުމާއެކު އޭނަގެ ޕާޝިއަން ބުޅާ އެލްފް ފުންމައިގެން އައިގޮތަށް ކަނދުރާގައި އަތް އެޅުވީ ލޯބިވެރިޔަކުވެސް އަތް ވައްޓައިލާނެ މިސާލުގައެވެ. ބޮޑު ކެހެރިގަނޑެއްލާފައި އޮންނަ އެހެން ބުޅާތަކާއި ޚިލާފަށް ޕާޝިއަން ބުޅާތަކަކީ ބޮޑު އަދި އެހާ ރީތި އެއްޗެކެވެ. އޭނައަށް އެކުވެރިއަކު އެލްފް ހަދިޔާކުރިއިރު އެސޮރު ނިކަން ކުޑައެވެ. އަބަދުހެން ގެންގުޅެއް ދަރިކުލުނު ޖެހިފައިވެއެވެ. ކާންދެވެނީ ބުޅަލަށް ޚާއްސަ ކާނާއެވެ. އެލްފް ނިދަން ޚާއްސަ ތަނެއް ހަދާފައި ހުއްޓަސް ބައެއްފަހަރު ކިޔާންގެ އެނދަށް އަރާ ނިދަން އޮވެއެވެ. އެހެން އެކުވެރިންތައްވެސް އެޕާޓްމެންޓް ޝެއާކުރަން ބޭނުންނުވަނީ އެ ބުޅަލާއިހެދިއެވެ. އެކުވެރިން އެހާވަރުން ގެންގުޅެން ބޭނުންވާ އެއްޗަކަށް ނުވާތީއެވެ. ދުނިޔެއިން އެންމެ ޚާއްސަ އެކައްޗަކަށް ބުޅާވެފައިވެއެވެ.
***
ޕްލެޓްލެޓް އެޅުމަށްފަހު ނަރުސްކުއްޖާ ކެމީލާއަށް ހިކްމެން ލައިންއާއި ބެހޭގޮތުން އޮޅުން ފިލުވާދިނެވެ. ކެމީލާ ޔަގީންކުރީ އަތަށް ގުޅާ ކެނިއުލާފަދަ އެއްޗެއް މޭމަތީގެ ނާރަކަށް ހަރައިލާނީކަމުގައެވެ. ހޮސްޕިޓަލުގެ ގައުނެއް ލެއްވުމަށްފަހު ތިއޭޓަރަށް ވަނުމުން ހިތަށް ބިރުވެރިކަން ވަނެވެ. ހިތްގައިމު ތިއޭޓަރެކެވެ. ހިތްހެޔޮ ހިނިތުންވުންތަކުގައި ތިބި ޑޮކްޓަރުންނާއި ނަރުހުންނެވެ. ވިންދާއި ހޫނުފިނިމުން އަދި ހިތުގެ ރޭޓް ފަދަ އެއްޗެހި ބަލަން މެޝިނަކާވެސް ގުޅައިލިއެވެ. ޝައުން ބުނީ ހޭނައްތާ ޑޮކްޓަރ ވަކި ތަންކޮޅެއް އައްސިކޮށްލާނީ ކަމަށާއި އޭގެ ފަހުން ތަދުނުވާނެކަމުގައެވެ. އެމީހުން އޮޕަރޭޝަން ކުރަންވާ ތަންތަނުގައި ފާހަގަ ޖެހިކަން ކެމީލާއަށް އެނގުނެވެ. ހޭނައްތާ ޑޮކްޓަރ ލޯކަލް ދޭންވެގެން ކަށި ހަރައިލުމައެކު ކެމީލާ ސިހުނެވެ. ހިފައިލެވުނީ ޝައުންގެ އަތުގައެވެ.
"އިޒް ދިސް އެ ސާޖަރީ ޑޮކްޓަރ؟"
"ނޫން ކުޑަ ކުޑަ ޕްރޮސީޖާއެއް"
"ކިހާ އިރެއް ނަގާނެތޯ؟ "
"ތިރީހަކަށް މިނިޓް. ބީ ސްޓްރޯންގް ކެމީލާ....." ޝައުން ހިނިތުންވެލިއެވެ.
އަނެއްކާވެސް ތަދުގެ އިހުސާސް ކުރެވުމުން "ﷲ" ކިޔާފައި ކެމީލާ ލޯ މަރައިލިއެވެ. އިރުކޮޅެއް ފަހުން ތަދު ކެނޑުނެވެ. ނަމަވެސް މޭމަތިން ނަރާއި އެއްޗެހި ވަންނަފަދަ ތަފާތު އިހުސާސްތަކެއް ކުރެވުނެވެ. ލޭ ހިނގާހެން ވެސް ހީވިއެވެ. އައްސިކޮށްފައި ހުރުމުން ތަދުގެ އިހުސާސް ނުވިޔަސް ކުރާ ކޮންމެ ކަމެއް އިހުސާސް ކުރެވި ބިރުވެސް ގަތެވެ. މިއީ އައިވީ ކެނިއުލާ ގުޅުން ކަހަލަ ކުޑަކަމެއް ނޫންކަން އެނގުނެވެ. އޭނަ އޮތީ ބިރުގެންފައެވެ. ނަމަވެސް ޝައުންގެ އޯގާތެރިކަން ފާހަގަކުރެވުނެވެ. އޭނަ ގެ ވާހަކަތަކުން ހިތްވަރުވެސް ލިބުނެވެ. މާތްﷲއަށް އިތުބާރު ކުރާ ކުއްޖަކު ކެތްތެރިވާނެ ނޫންހެއްޔޭ ކިޔާފައި ދީނީ ވާހަކަ ދެއްކުމުން ހަގީގަތުގައި ކެމީލާ އުފާވިއެވެ.
އެ ކަމުން ނިމިގެން ކޮޓަރިއަށް ދިޔުމުން ޒައިރާ އަވަހަށް ހެދުން ހިއްލާލާފައި ބަލައިލިއެވެ.
"މައިގޯޑް. ވަޓް ދަ ހެލް އިޒް ދިސް. ކޮންފަދަ ބިރުވެރިކަމެއް. މީތި ހުއްޓާ ފެންވަރާ ނިދާނީ ކިހިނެއްތަ؟ "
"އެކަމަކު ލޭއަޅާ ކޮންމެ ފަހަރަކު ޕްރިކް ކުރާކަށް ނުޖެހޭ. މީގެ ކޮޅުގައި މިއިންނަ ބައި ނައްޓާލާފައި މިތަނުން ލޭ އަޅާ ބޭސްތައް ފޮނުވައިލާނީ....." ކެމީލާ އުފާވިއެވެ.
ކިޔާން ކެމީލާ އޮތް ކޮޓަރިއަށް ވަދެފައި ހުއްޓާ ބްރޯ އޭ ކިޔާފައި ޒައިރާ ކޮންމެވެސް އެއްޗެކޭ ބުނި ވަގުތު ޝައުންއާއި ނަރުސްކުއްޖަކު ވަންތަން ފެނުނެވެ. ޝައުންއަށް "ބްރޯ" އެ ލަފުޒު އިވުމުން ބުމަ އަރުވައިލަމުން ޒައިރާ އަދި ކިޔާންގެ މޫނަށް ބަލައިލެވިއްޖެއެވެ. ކިޔާން ޒައިރާއަށް ދިން ނަޒަރަކުން ވިސްނުމާއެކު ވަގުތުން ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލައިފިއެވެ. އަންހެން ނަރުސްކުއްޖާއާއި ކައިރިއަށް ޖެހުނެވެ.
"ހޭ ބްރޯ ހާދަ ރީތި މޭކަޕެކޭ...." ޒައިރާ ތައުރީފީ ނަޒަރަކުން ބަލާލައިފިއެވެ.
"ފަނީ ގާލް. އެންމެނާ ދިމާލަށް ބްރޯ އޭ މި ކިޔަނީ ރިގާޑްލެސް އޮފް ދަ ޖެންޑާ. މިހާރުގެ ޒަމާނީ ކުދިން އުޅޭ ގޮތަކީ ދޯ..." ކިޔާން ޝައުންއަށް އިވޭހާ ސިއްރުން ބުނެލުމުން ޝައުންއަށްވެސް މަޖާވިއެވެ. ހަގީގަތުގައިވެސް މަޖާ އަންހެންކުއްޖެކެވެ. މޫނަށް ބަލައިލިޔަސް ލާނެތްކަމުން ފުރިފައެވެ. ލޮލުން ލާނެތްކަން އޮހޭފަދައެވެ. އެކުއްޖާ ހުރި ތަނެއްގައިި މީހަކު ފޫހިވެގެން އުޅޭކަށް ނުޖެހޭނެކަން ޔަގީނެވެ.
***
ކެމީލާގެ ފަރުވާއަކަށް އޭޓީޖީ ކިޔާ އެއްޗެއް ފެށިއެވެ. އެއާއެކު ކޮންމެ ދުވަހަކު ހެދުނު ބޭސްތައް ގަވާއިދުން ކާން ޖެހެއެވެ. ބޭސްތައް ކާންފެށުމުން ކުރިއަށްވުރެ ރަގަޅުވެ ހަށިގަނޑުގައި ވަރު ޖެހުނެވެ. ބޭސްކެއުމުގެ އިތުރުން ކެމީލާ ކޮންމެ ނަމާދެއްކޮށްގެން ޝިފާދެއްވުމަށާއި ކެތްތެރިކަން ދެއްވުމަށް އެދި ދުޢާކުރެއެވެ. އޭނަ ގަސްތުކުރީ އަވަހަށް ބުރުގާވެސް އެޅުމަށެވެ. ވިޝާ ކޮޕީކުރަނީއޭ ބުންޏަސް އޭނައަށް ހެވެވެ. މީހުން ބުނާ އެއްޗަކަށް ބެލުމަށްވުރެ މާތްﷲގެ ރުހިވޮޑިގަތުން ހޯދަން ކުރާ ކޮންމެ ކަމެއް ރަގަޅުވާނެކަން އޭނައަށް ޔަގީނެވެ.
ކިޔާން ހުރީ ކޮއްކޮގެ ހާލާއިމެދު ފިކުރު ބޮޑުވެފައެވެ. އަދި އެހެން ލޯނެއް ނަގަންވުމުން މާޔޫސްވެ ހިތްވަރު އެލިފައެވެ. މަތިމައްޗަށް ދަރަނިވެރިވަމުން ދަންޏާ ދުވަސްކޮޅަކުން އެންމެން ތިބޭނީ އޭނަ އަތުން ފައިސާ އަތުލަން ކިއޫ ހަދާފައިތާއެވެ. ލިބޭ މުސާރަށްއަށް ވުރެ ސްކަައިމޯ ހޮސްޕިޓަލުގެ ކެންސަރު ފަރުވާގެ އަގު މާ ބޮޑީއެވެ. އެކަމަކު ކެމީލާއަށްޓަކާ އޭނަ ބޭނުންވަނީ އެންމެ ރަގަޅު ފަރުވާއެވެ.
***
ޒައިރާއަށް ލިލީ ޕެލެސްއާއި ހަމަޔަށް އާދެވުނުއިރު ދަލުން ފެންވެރޭހާ ހޫނުގަދައެވެ. ގަހެއްގެ ފަތެއްވެސް ހިރިނުލައެވެ. ރަތްދަކަ އަވީގައި ހޮސްޕިޓަލުން ގެއާއި ހަމަޔަށް އާދެވުނުއިރު އޭނަ މިހުރީ ބުރާންތިވާވަރުވެފައެވެ. ދޮރު ހުޅުވައިލީ އޭސީގެ ފިނިކަމުގެ ރާހަތު ލިބިގަތުމުގެ ފޮނި އުއްމީދުގައެވެ. އެކަމަކު އޭނައާއި ބައްދަލުކުރީ ހިތްދަތިކަމެވެ.
"ކަރަންޓުނެތް..." ނީވް ދިނީ ނުބައި ޚަބަރެކެވެ. އޭނަ އިނީ ލޫކާއާއި ލިލީ ސޯފާތަކުގައި ބައިންދައިގެންނެވެ. ދެކުދިން ކިޔަމަންތެރިކަމާއެކީ ފޮތެއްގައި ކުލަ ޖައްސަން ތިއްބެވެ. ޒައިރާ ފެނުމާއެކު ފޮތްތައް ދޫކޮށްލާފައި ދުވެ އައިގޮތަށް އޭނަގެ ފައިގާ ހިފައިގަތެވެ. އެކުޑަ ކުޑަ ލޯބި މޫނުތަކުން އުފާވެރިކަމުގެ އަސަރުތައް ފެނުނެވެ. ފުޅާ ހިނިތުންވުމެވެ.
"ކޮބާ މަންމީ.." ޒައިރާ އެކުދިންނާއި ހަމަޔަށް ތިރިވަމުން އެހިއެވެ.
"އެލީނާ ކުއްލިއަކަށް ބަލިވެގެން ހޮސްޕިޓަލަށް ދާންޖެހުނީ." ޖަވާބުދިނީ ނީވްއެވެ.
"ކޮންއިރަކު އޭނަ އަންނާނީ.."
"ހީވަނީ ތަންކޮޅެއް ލަސްވެދާނެހެން.. މިރޭ ކުދިންނަށް ކާ އެއްޗެއް ތައްޔާރުކުރަން ރެސިޕީވެސް ހަވާލުކޮށްފައި ދިޔައީ..." ނީވް ބުނެދިނެވެ.
"އޯ...ދެން ކަރަންޓު؟ " ޒައިރާއަށް ބުނެވުނެވެ.
"އެލީނާ އަންނަންދެން ތިކަމަށް އިންތިޒާރުކުރަން ޖެހޭނީ..." ނީވް ފަރުވާކުޑަގޮތަކަށް ކޮނޑު އަރުވައިލިއެވެ. ކުއްލިއަކަށް ޒައިރާގެ ތުންފަތަށް ވެރިވި ހިނިތުންވުން ފުންވިއެވެ. އޭނަ ބުމަމަތީ ހުރި ދާތިކިތައް ފޮހެލިއެވެ. އޭސީ ހުރިތަން އަދި ދާންޖެހޭނެ ތަން ޒައިރާއަށް ދެނެގަނެވުނެވެ.
"ނީވް. އަހަރެން މިދަނީ ކުދިން ގޮވައިގެން ހިނގާލަން..އަހަރެމެންނާއެކު ދާން ބޭނުންތަ؟ މިތަން ހީވަނީ އަވަންއެއްހެން ވިއްޔަ...." ޒައިރާ ބުނެލިއެވެ.
"އައި.. އަހް.....އަހަންނަށް ޔަގީނެއްނޫން އަހަރެމެންނަށް ތިކަމުގެ ހުއްދަ އޮންނާހެން. އަހަރެން މި ވަޒީފާއިން ވަކިވާކަށް ނޭދެން....."
"ވަރަށް އަވަހަށް އަންނާނީއޭ ޓްރަސްޓް މީ..." ޒައިރާ އާދޭހުގެ ނަޒަރަކުން ބަލައިލިއެވެ. އެންމެފަހުން ނީވް ވިސްނާލާފައި އެއްބަސްވިއެވެ. އޭނަ ބާރުގަދަ ސަންސްކްރީނެއް އުނގުޅާލައިގެން މޫނުފޮތިކޮޅުވެސް އަޅާލައިގެން ނުކުތެވެ.
"ޑޫ ޔޫ ވޯނަ ގޯ ފޯ އެ ވޯކް މައި ބޭބީސް؟ " ޒައިރާ އެހުމުން ދެކުދިންވެސް ނިކަން ފޯރިއާއިއެކު އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލިއެވެ. ޒައިރާ ނީވް އަދި ދެކުދިންނާއިގެން އޭނަ އުޅޭ ގެއާއި ހަމަޔަށް ފޯރިއިރު މާމައާއި ކެމީލާ އުޅެނީ މެންދުރު ކެއުމުގައި މަޝްޣޫލުވެގެންނެވެ. ކެމީލާއާއި މާމައަށް ނީވް އަދި ދެކުދިން ތައާރަފުކޮށްދިނެވެ. ކެމީލާ ވަރަށް އުފަލާއެކު ދެކުދިންގެ ގައިގާ ބައްދާލަމުން މޫނުކޮޅުތަކަށް ބޮސްދިނެވެ. ލިލީ ބިންމަތީގައި ބަހައްޓަން ޒައިރާ އުޅުމުން ބިރުން ރޫރޫ އަޅައިގަތެވެ. ބިންމަތީގައި ކޮންމެވެސް ވަރަކަށް ހިނިތައް ދުވާތަން ފެނި ޒައިރާއަށް އެކަން މަޖާކަމަކަށްވިއެވެ. ލިލީ ބިންމައްޗަށް ނޭރި ޒައިރާގެ ގައިގާ ތަތްލަވައިގެން ހުރީ ހިނިތައް ދެކެ ބިރުންނެވެ. އެކުދިން ދުވަހަކު ނުފެންނަ އެއްޗަކީކަމަށް ވެދާނެއެވެ. ލިލީ ރޯންވެސް ފެށިއެވެ. ކޮންމެ ފަހަރަކު ބިމަށް ތިރިކުރާއިރަށް ދެފައި ހިއްލާލައެވެ. ކެމީލާއާއި ނީވްއަށްވެސް އެކަން މަޖާކަމަކަށްވިއެވެ. ކެމީލާ ލިލީ އުރާލިއެވެ. އެކުޑަ ކުޑަ ލޯބި މޫނުކޮޅަށް ބަލަބަލާ މީހަކު ފޫއްސެއް ނުވާނެއެވެ. ޕްރައިމޯޑިއަލް ޑްވާފްކުދިން އެހެން ޑްވާފުންނާއި ތަފާތެވެ. މިކުދިން ތިބެނީ ނިކަން ހިމަކޮށް ނާޒުކްކޮށެވެ. ތަމްބްލީނާ ފަދައެވެ. ކުޑަ ބުދަކާ ތަފާތެއް ނެތެވެ. ކެމީލާވެސް ވީ ކުޑަކުދިންނާއި ނިކަން ގުޅޭ މިޒާޖުގެ ކުއްޖަކަށެވެ. ލިލީ އެކަންޏެއް ނޫނެވެ. ލޫކާދެކެވެސް ފުރަތަމަ ނަޒަރުން ލޯބިވެވިއްޖެއެވެ. ކޮންމެ ދުވަހަކު އެކުދިންނާއެކު ކުޅެން ބޭނުންވެ އެކުދިން ގެނެސްދޭން އެދުނެވެ. ޒައިރާ ބުނީ އެކުދިންގެ މަންމައަށް ސިއްރުން ގެނައީ ކަމަށާއި އެނގިއްޖެއްޔާ އޭނަ ޖަލަށްވެސް ލާނެކަމުގައެވެ. އެޖުމްލައާއެކު ކެމީލާގެ އުއްމީދުތައް ފުނޑު ފުނޑުވިއެވެ. ޒައިރާ އަބަދު މަނާ ކަންތައް ކުރަނީ ކީއްވެބާވައެވެ.
***
އެލީނާ ހޮސްޕިޓަލްގެ ތެރެއަށް ވަދެެގެން ދިޔައީ ސާޖިކަލް ވޯޑަށެވެ. ޑޮކްޓަރ ކިޔާންގެ ހިޔަނި ނަމަވެސް ފެނިލާނެކަމުގެ އުއްމީދުގައެވެ. އޭނަ ކިޔާން ގާތުން އަހަންޖެހޭ ސުވާލުތައް ފުނިޖެހެމުންގޮސް ސިކުނޑި ފުރިއްޖެއެވެ. ސިކުނޑިއަށް ލުޔެއް ލިބޭނީ އެސުވާލުތަކުގެ ޖަވާބު ލިބިގެންނެވެ. އެލްފްއަކީ ކާކުކަން އެނގުން މުހިއްމެއެވެ. އެންމެ ކުރިން ކައުންޓަރަށްގޮސް ޑޮކްޓަރ އެލްފް އެއް އުޅޭ ހެއްޔޭ އެހުމުން އެކުދިންނަށް ހައިރާންކަމެއްވެސް ލިބުނެވެ. އެލީނާއަށް ޔަގީންވީ އެއީ ޑޮކްޓަރެއް ނޫންކަމެވެ. މޫނު ފޮތިކޮޅު އެޅުމުން އިތުރު އެހެން މީހަކަށް އޭނަ ނޭގޭނެކަމުގެ ޔަގީންކަން ލިބުނެވެ. މީހާގެ ހިނގުން ތަފާތުކޮށްލަނިކޮށް އެހެން މީހުންނަށް އޭނަ ވަކިކުރާކަށް ނޭގޭނެއެވެ. ނިކަން ހަމަޖެހިގެން ލިފްޓަށް އަރާފައި ފޮތިކޮޅު އިރުކޮޅަކަށް ހިއްލައިލަން އުޅުނީ ނޭވާ ހާސްވާގޮތްވެފައެވެ. ދެން އެރިމީހަކާއި ދިމާލަށް ބެލުމާއެކު ނޭވާވެސް ހުއްޓުނުހެން ހީވިއެވެ.
"ޝައުން. މިތާ.." އެލީނާ ހިތުން ބުނެލީ އަމިއްލަ ނަފުސަށެވެ.
"އެލީނާ ކީއްކުރަން މިތަނަށް އައީ؟ " ޝައުންގެ ނަޒަރު އެލީނާއަށް ހުއްޓުނެވެ. އޭނަ ބޭނުންކޮށްފައި ހުރި ސެންޓުގެ ވަހުންވެސް ޝައުންއަށް ދެނެގަނެވުނެވެ.
"އަމް......އޮންކޮލޮޖީއަށް.....ފްރެންޑަކު އޮތީމަ..." އެލީނާ ހައިރާންވީ އޭނަ މޫނު ފޮތިކޮޅު އަޅައިގެން އެހާ މަޑުން ހުއްޓާވެސް ޝައުން އޭނަ ދެނެގަތީމައެވެ. އެހެން ކަހަލަ ބާރެއް އެ ތޫނު ލޮލުގައި ހުންނަނީހެއްޔެވެ؟ އެތޫނު ނަޒަރުން އެކްސްރޭ ކޮށްލީކަން ނޭގެއެވެ. އަޖައިބެކެވެ.
"ސީރިޔަސްކޮށް. އަހަރެން ނުދެނަހުރިން އެލީނާގެ ފްރެންޑަކަށް ކެންސަރު ޖެހުނުކަމެއް...."
"އަހަރެންގެ އެއްވެސް ކަމެއް ތި ބޭފުޅާއަށް އެނގިލައްވާކަމެއް ނުދެނެހުރިން." ލިފްޓް ހުއްޓުމާއެކު އައި ރުޅީގައި މާޗްކޮށްފައި ކަހަލަގޮތަކަށް ނުކުމެގެން ދާން އުޅުނުތަނާ ފައި އަރިއަޅާލާގޮތްވެ ވެއްޓެން ދިޔައިރު އަތް ދިއްކޮށްލާފައި ހިފުނީ ޝައުންގެ އަތުގައެވެ. އެވަގުތު އެހިސާބާ އަރާ ހަމަވީ އާއިލީ ޑޮކްޓަރުންނަށް އޭނަ ކަމަށް ޝައްކުވީ އެހިސާބުންނެވެ.
"ޢެލީނާ ސިސް؟ " ލޭކެން ބުމަ އަރުވައިލުމުން އެލީނާ ކުޑަކޮށް ވާހަކަދެއްކިއެވެ.
މާ ރަގަޅަށްވެސް ބޭޒާރުވެއްޖެއެވެ. މިވެސް މި ޝައުންގެ ކަންތަކެވެ. މިވީގޮތުން ކިޔާން ހުރިތަނެއް ހޯދަން ދާކަށް ނުކެރޭނެއެވެ.
***
ޝައުން ކިޔާންގެ އެޕާޓްމެންޓަށް ވަންއިރު ކިޔާން އިނީ ސޯފާގައި ފޯނު ހިފައިގެންނެވެ. އޭނަގެ އެލްފް އުނގުގައި ނިކަން އަރާމުގައި ދެއަތް ދަމާލައިގެން އޮތްތަން ފެނުނެވެ. ކިޔާން ފޯނު ޖީބަށް ލުމަށްފަހު ޝައުންއަށް ސަމާލުކަން ދިނެވެ. "ހަމަ އޮނާއެއް. ހިޔެއްނުކުރަން އެއްކަލަ ޝޭންއަށް އަހަރެންގެ ޖިފުޓިގަނޑަށް ވަންނަން ޓައިމްއެއް ވާނެއޭ،"
"ވަންނާކަށް ނޫން މިއައީ. ކަމަކު ކިޔަން."
"އޯ...." ކިޔާންގެ ހިތް އަވަސްވިއެވެ. ލޮލުން ކުޑަ ސިހުމެއްގެ އަސަރު ފެނުނަސް ނިކަން އަވަހަށް ފިލުވާލައިފިއެވެ.
"އަހަރެންގެ ދަރިފުޅު ޕާޝިއަން ކެޓެއް ބޭނުންވެގެން ކިޔާވަރުން ސަޕްރައިޒެއް ދޭހިތްވީ. ގޭގައި އުޅޭ ބޭބީސިޓާ ބުޅަލެއް ދައްކައިގެން އެނޫން ވާހަކައެއް ނުދައްކާ. މި ބޮރޯ ކުރެވިދާނެތަ؟ "
"ޑޭމް ޔޫ ޝޭން. މަގޭ ހިތް ދޭކަށްނު ތިބުނީ. އެކަމަކު ތިކަމާ ވިސްނާނަން.." ކިޔާން ޖެހިލުންވިއެވެ.
"ދެތިން ދުވަހަށް...."
"މަގޭ ލޯބިވެރިޔާ އެންމެ ސިކުންތުކޮޅަކަށް ވެސް މަ ނެތި ސަވައިވް ނުވާނެ. އެކަމަކު ބަލާނީ." ކިޔާން ނިކަން ލޯބިން ބުޅަލުގެ ބޮލުގައި އިނގިލިތަކުން ފިރުމަމުން ދިޔައީ ލޯބިވެރިއެއްގެ ގައިގާވެސް ފިރުމާނެ އުސޫލުންނެވެ.
"ޖައިޝްވެސް އެބައުޅޭ ކޮޓަރި ޝެއާކުރާނެ ރަގަޅު އެކުވެރިއަކު ނުލިބިގެން. ޚަރަދުބޮޑުވަނީ އޯ ކިޔާފައި. އެލްފް އޮތްވައެއް އޭނައަކަށް މިތާކު ނޫޅެވޭނެވިއްުޔަ."
"ހެހެ.....ޝޭން. ހަދާން ނައްތާނުލާ. ތްރީ ޑޭސްއަށް ބޮރޯ ތިކުރަނީ..." ކިޔާން އިންޒާރުކުރިއެވެ.
***
އެލްފް ފެނުމުން ލިލީއާއި ލޫކާ މޮޔަވާވަރުވިއެވެ. ދެކުދިން ބުޅާ އުނގަށް ލައިގެން އެއާހެދި އުޅުނުވަރު ފެނުމުން ޝައުންވެސް ހައިރާންވިއެވެ. ލޫކާގާތު ޝައުން އެސޮރުގެ ނަން ބުނެލިއެވެ. ކިޔާން ދީފައި ހުރި ކެޓްފުޑް ވަކި ގަޑިތަކެއްގައި ކާން ދޭން ޝައުންގާތު ބުނެފައި އެންމެ އުދަގޫ މަސައްކަތަކަށްވީ އެލްފް ފާޚާނާކުރީމަ އެސާފުކުރަން ޖެހޭކަމެވެ. ޕޮޓީ ޓްރެއިނިން ދީފައި ހުރުމުން އަނެއްހެން ފަސޭހައެވެ. ޔަގީނުންވެސް ޝައުންއަށް އެ މަސައްކަތެއް ނުކުރެވޭނެއެވެ. އެކަމަށް ގެންނަން ޖެހޭނީ މަސައްކަތު މީހެކެވެ.
ޒައިރާ އެގެއަށް ވަދެފައި ސިހުނީ ލިލީއަށްވުރެ ބޮޑު ބުޅާ ފެނިފައެވެ. ފުރަތަމަ ހީކުރެވުނީ ކުޑަ މިނިކާވަގެއް ކަމަށެވެ. ގެ ފަޅައިގެންދާހާ ބާރަށް ހަޅޭއްލަވަމުން ވައިރޯޅިއެއްހެން އުދުހިލާފައި ދިޔަގޮތަށް ގޭޓާއި ހަމަޔަށް ދުވުނެވެ. އެއާއެކު ވިސްނައިލުމުން އެއީ ބުޅަކަލަށް ވެދާނެކަން ވިސްނުނެވެ. އޭނަ ގޫގުލް ކޮށްލުމުން އެވައްތަރު ޖަހާ ބިޔަ ބުޅަލެއް ފެނުނެވެ. އޭނަގެ ދޮންބެ ކިޔާންވެސް ބޮޑު ބުޅަލެއް ގެންގުޅޭކަން އޭނަ ދަނެއެވެ. ސުބުހާނަﷲއެވެ. އޭނަގެ އަމަލުން ކުދިންވެސް ހިތް ފަޅައިގެން މަރުނުވާކަމެއް ނޭގެއެވެ. އައިވަރަށްވުރެ ބާރަށް ޒައިރާ އެގެއާއި ދިމާލަށް ދުއްވައިގަތެވެ. ނިކަން ހަމަޖެހިލާފައި ދޮރު ހުޅުވައިލިއިރު ލިލީ އިނީ ޝައުންގެ އުރުގައެވެ. މަޑުމަޑުން ރޮނީއެވެ. ހަގީގަތުގައިވެސް އެކުޑަ ނާޒުކް ހިތަށް ބިރުވެރިކަން ވަނީއެވެ. ޝައުން ނިކަން ލޯބިން ލިލީއާއި ވާހަކަދައްކަމުން ރުއްސަން އުޅުނެވެ. ޒައިރާ ފެނުމުން ލިލީ ބިރުގަތެވެ. ޝައުންގެ ކަނދުރާގައި ބައްދައިގަތެވެ.
ލޫކާ ރަގްމަތީގައި ކަކޫ ޖައްސާލައިގެން ބުޅަލުގެ ގައިގާ ފިރުމައިލިއެވެ.
"ހޭއި ސްވީޓީ. އައިމް ސޮރީ.....ސޯ ސޮރީ.." ޒައިރާ ލިލީގެ ކޮލުގައި ހިފައިލިއެވެ. ޝައުންގެ ނަޒަރު އަމާޒުވުމުން ގަތް ލަދުން މަރުވާވަރު ވިނަމަވެސް ޒައިރާ މާފަށް އެދުނީ ލިލީގެ ފަރާތުންނެވެ.
"ދޮންތި މާ ބާރަށް ސްކްރީމް ކުރީމަ ލިލީ ބިރުގަތީ." ލޫކާ ބުނެދިނެވެ. "ދޮންތި މީޓް އެލްފް....."
"އެލްފް؟ ތިއީ އަސްލު ދޮންބެ......." ޒައިރާއަށް އެއީ ދޮންބެ ގެންގުޅޭ ބުޅަލުގެ ނަންކަން އެނގުމާއެކު އެހެން ނުބުނެވުނީ ހަމަ ކިރިޔާއެވެ. އޭރު ޝައުންއަށްވެސް އޭނައަށް ބަލަން ހުރެވުނެވެ. ޒައިރާ ކަރުތެރެ ސާފުކޮށްލާފައި ކަންބޮޑު ހިނިތުންވުމެއް ދިނެވެ.
"ބުނަން މިއުޅުނީ ތީ އަސްލު ދޮންތިއަށް ވަރަށް ކިއުޓް ބުޅަލެކޭ..........." ޒައިރާ ބުޅާ އުރާލަމުން މޮޑެލިއެވެ. މޫނުގައި ޖެއްސިއެވެ. ލިލީ އިރުކޮޅަކުން ހަމަޔަކަށް އެޅި ބިންމައްޗަށް ފޭބިއެވެ. ޒައިރާދެކެ ގަތް ބިރު ނެތެން އިރުކޮޅެއްވެސް ނުނެގިއެވެ.
"ޑޮކްޓަރ ޝައުން. އަޅުގަނޑު އެނގިލައްވާނެކަން ޔަގީން. ތިއީ ކެމީލާގެ ޑޮކްޓަރ. ކިތަންމެ ފަހަރު ހޮސްޕިޓަލުން ދިމާވެފައިވަނީ. ތިހާ މޮޅު ޑޮކްޓަރެއްގެ ޓްރީޓްމެންޓް ރަގަޅުކަމުން ކެމީލާ މިހާރު މުޅިން އޯކޭ. އެކަމަށްޓަކާ ޝުކުރުވެރިވަން.." ޒައިރާ ކުޑަކޮށް "ބްލަޝް"ވެއްޖެއެވެ. ޝައުން ފެންނަ ކޮންމެ ފަހަރަކު އޭނަގެ މޫނަށް އަނގުރުކުލަ ވެރިވެ ހިތް ގޮތްގޮތަށް ތެޅިގަނެއެވެ. ފިނިވެއެވެ. އެހެން ރީތި މީހުން ފެނިފައިވެސް މިފަދަ ގޮތެއްނުވާތީ މިއީ ލޯބީގެ ނިޝާނެއްބާވައޭ ހިތަށް އަރާ މަޖާވިއެވެ. ދެކުދިންގެ ބައްޕައަކާއިހެދި އޭނަ މޮޔަވާން މިނޫނީ މި ދުނިޔޭގައި ފިރިހެނަކު ނެތީހެއްޔެވެ؟
"އިޓްސް ފައިން. އެއީ އަހަރެންގެ ވާޖިބެއް." ޝައުން ސީރިޔަސް ރާގަކަށް ބުނެލިއެވެ.
އެވަގުތު ބޭރުން ގެއަށް އައިސް ވަން އެލީނާގެ މޫނަށް އެތައް ކުލަތަކެއް ވެރިވިއެވެ. ޝައުންއާއި ޒައިރާ ވާހަކަދެއްކިތަން ފެނިފައެވެ. ޒައިރާގެ އުރުގައި އޮތް ސިންގާއެއްވަރުގެ ބުޅާ ފެނިފައެވެ. ރީތިކަމުންގޮސް މީހަކު މޮޑެލާހިތްވާ ފަދަ ރީތި އެއްޗަކަށްވިޔަސް އެލީނާގެ ހިތުގައި ހަސަދައާއި ރުޅިވެރިކަން ހިނގައިގަތެވެ. އޭނަގެ ހުއްދަނެތި މިގެއަށް އެއްވެސް މަޚުލޫގަކަށް ނުވަދެވޭނެއެވެ. ޝައުން އަޅާވެސް ނުލާ ނުކުމެގެން ހިނގައިގަތުމުން އައި ރުޅި ވަކިން ގަދަވިއެވެ. ވަގުތުން ޒައިރާއާއި ސުވާލުކުރަން ފެށިއެވެ. ޒައިރާ ބުނީ އޭނަ މިގެއަށް އައިއިރުވެސް މި ބުޅާ އޮތްކަމުގައެވެ. ލޫކާ ހީހީފައި ޒައިރާ ބިރުގަތްވަރު ކިޔައިދިނުމުންވެސް އެލީނާގެ ރުޅި މަޑެއްނުވިއެވެ. ޝައުން އެއްކަމަކު ބުޅަލެއް ގެއަށް ވައްދައިގެން ނުވާނެއެވެ.
"ލޫކާ. މިގޭގައި ޕެޓެއް ނުގެންގުޅެވޭނެ." އެލީނާ ވަގުތުން ނިންމިއެވެ.
"ނޯ މަންމި.." ލޫކާ ހީވީ ރޮއިގަތް ހެންނެވެ. ޒައިރާ އަތުން ބުޅާ އަތުލަމުން ބައްދައިލިއިރު އަނެއްކޮޅުން ލިލީވެސް އައިސް ލޫކާގެ ގައިގާ ބައްދައިގެން އޮތެވެ. " ޔޫ ކާންޓް ޓޭކް ހިމް.."
"އިނަފް ލޫކާ..." އެލީނާ ރުޅިވެރިިކަމާއެކު ލޫކާގެ ކަންފަތުގައި ހިފާ ދަމައިގަތެވެ.
"މިހާރު މަށާއި ޒުވާބު ކުރަން ދަސްކުރީތަ ނުލަފާ ކުއްޖާ. އަހަރެން މިބުނީނު މިގޭގައި ތި ނުގެންގުޅެވޭނެއޭ. އޭތީގެ ކެހުރު މުޅި މިތާ. އަހަރެން އެލާޖިކްވާ ކަމެއް ނޭގޭތަ؟ " އެލީނާ ފުލުފުލުގައި ދެތިން ކިބިހި އެޅިއެވެ.
"އެލްފް އަކީ ޑެޑީގެ ހަދިޔާއެއް.." ލޫކާގެ ލޯ ކަރުނުން ފުރުނެވެ.
"އެލްފް....." އެލީނާގެ ސިކުނޑީގެ ކަނެއްގައި އެނަން ކޮށްޓާލައިފިއެވެ. ސިކުނޑީގައި ރަގަބީލެއް ޖެހުނެވެ. ޝައުންއާއި ކިޔާންގެ ގާތް އެކުވެރިކަމާއެކު ކިޔާންގެ "އެލްފް" މިގެއަށް އައީ ބާވައެވެ. ކިޔާންގެ ލޯބިވެރިޔާ އެލްފްއަކީ މި ބުޅާހެއްޔެވެ؟ ކުއްލިއަކަށް އެލީނާއަށް ހެވެން ފެށިގޮތަށް އޭނަގެ ރުޅި ދިޔަތަނެއްވެސް ނޭގުނެވެ. ހަމަ ހެވުނީއެވެ. ބަނޑަށް ތަދުވާވަރަށްވެސް ހެވުނެވެ. ހެމުންގޮސް ލޮލުން ފެން އަންނަވަރު ވުމުން އޭނަ ލިލީ އުރާލިއެވެ. ލޫކާގެ އިސްތަށިގަނޑުގައި ފިރުމައިލިއެވެ.
"އޯކޭ މަންމި ރުޅި އައިސްފަ ހުރިވަރުން އެހެން ބުނެވުނީ..ލޫކާ ޔޫ ކެން ކީޕް އެލްފް. ހީޒް އަވާ ގެސްޓް....ހެހެ.." އެލީނާ އެލްފްއާއި ދިމާލަށް ބަލައިލީ ތަފާތު ނަޒަރަކުންނެވެ. ލާނެތްކަމެއްވެސް ހުއްޓެވެ. ކިޔާންގެ އެލްފްއަކީ މިއީ ކަމަށް ވަންޏާ ހަދަންވީގޮތް ހިތުގައި ރާވާލެވިއްޖެއެވެ. ކިޔާން ފޯނު ނުނަގާ އެއުޅެނީ އެލްފްއަކީ ފިރިހެނެއްކަމަށް ހަދައިގެން އޭނައަށް އޮޅުވާލައިގެންނެވެ. އޭނަ ވެސް އޮޅިއްޖެކަމަށް ހެދިގެން ހުރެދާނެއެވެ. ކިޔާންގެ މަކަރުވެރިކަމާއިމެދު ބުނާނެ އެއްޗެއްވެސް ނެތެވެ. އޭނަ ކިޔާންގެ މާޒީ ކޮންމެ ގޮތެއް ހަދާފައިވެސް ހޯދާނެއެވެ. ކިޔާންގެ ބޭވަފާތެރިކަމުގެ ސިއްރު އޭނަ ހޯދާނެއެވެ.
***
ޝައުން ދެކުދިން ގޮވައިގެން މޯލަކަށް ވަދެ އައިސްކްރީމް ގަނެދިނެވެ. ލިލީގެ މޫނަށްވުރެ އައިސްކްރީމްވެސް ބޮޑުހެން ހީވެއެވެ. ޝައުން އޮފޭލިއާގެ ރެސްޓޯރެންޓަށް ވަދެ ހުސް މޭޒަކާއި ދިމާލަށް ދިޔައެވެ. އެމޭޒުގައިވާ ގޮަދަޑި ދިގު ގޮނޑީގައި ޝައުންއާއި ލޫކާއާއި ދެމެދުގައި ލިލީ ބޭންދިއެވެ. އޭނަ ކޮޅަށް ތެދުވުނެވެ. އެތައް ބަޔެއްގެ ނަޒަރު ލިލީއަށް ހުއްޓުނުއިރު އެކުއްޖާގެ އުމުރާއިމެދު މާބޮޑަަކަށް ނޭގުނެވެ. އެންމެނަށް ހީވީ ދެއަހަރުވަރުގެ ކުއްޖެއްކަމުގައެވެ. ނޫނީ އެއަށްވުރެވެސް ޅަ ކަމުގައެވެ. ކޮންމެވެސް "ތަފާތު" ކަމެއް ހުއްޓަސް ގިނަމީހުންނަށް ދެނެގަންނާކަށް ނޭގުނެވެ. ލިލީ ބޮޑުކުއްޖެއްފަދައިން އައިސްކޯނު ބޮމުން ދިޔައެވެ. ކިޔާންއާއި ޖައިޝް އެތަނަށް ވަދެފައި ކިޔާންއާއި ޖައިޝްވެސް އެ މޭޒަށް އައެވެ.
"ޝޭންގެ ބޭބީސްތަ؟ ސޯ އެޑޯރަބްލް މާޝާﷲ..." ކިޔާންގެ ނަޒަރު ލޫކާގެ މޫނުންގޮސް ލިލީގެ މޫނަށް ހުއްޓުނެވެ. އިރުކޮޅެއްވާންދެން އެ މޫނަށް ބަލަން ހުރެވުނީ ކަމެއް ހަދާން ކުރަން އުޅުނުފަދައަކުންނެވެ. އެލޮލުން ދަންނަ ވައްތަރެއް ޖެހީއެވެ.
"ތެންކިއު.." ޝައުން ހިނިތުންވަމުން އެ ދެ ޑޮކްޓަރުންނަށް އެ ކުޑަ އާއިލާއާއި ބައިވެރިވާން ދައުވަތުދިނެވެ. އެލްފްއަކީ ކިޔާންގެ ޕެޓްކަން އެނގުމުން ލޫކާ ކިޔާންއަށް ޝުކުރުވެރިވިއެވެ.
ނުނިމޭ