މާތްﷲ ގުރުއާނުގެ ޔޫނުސް ސޫރަތުގެ ފަންސާސް ހަތްވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. يَٰٓأَيُّهَا ٱلنَّاسُ قَدۡ جَآءَتۡكُم مَّوۡعِظَةٞ مِّن رَّبِّكُمۡ وَشِفَآءٞ لِّمَا فِي ٱلصُّدُورِ وَهُدٗى وَرَحۡمَةٞ لِّلۡمُؤۡمِنِينَ (އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ތިޔަބައިމީހުންގެ ގާތަށް وعظ އަކާއި، ހިތްތަކުގައިވާ ބަލިތަކަށް شفاء އަކާއި، مؤمن ތަކުންނަށް ތެދުމަގަކާއި، رحمة އެއް އަތުވެއްޖެކަން ކަށަވަރެވެ.)

***

އޭނަގެ އަތަށް އަރުވާފައިވާ އަންގި ނައްޓައިލުމުން އެ ދޮންދޮން އޮމާން އަތްތިލަ ހާމަވިއެވެ. ހިމަ ލޯލި އިނގިލިތަކުގައި އެންމެ ކޫރުމެއްވެސް ނެތެވެ. އެއަތުގައި ކެނޑިފައިވާ ތަނެއް ގައިމު ކިޔާންގެ ލޮލަކަށް ނުފެނުނެވެ. އެންމެ ރަގަޅެވެ. އެއީ އެލީނާގެ ބަހަނާއެކެވެ. އޭނަގެ ފަހަތުން ހިޔަންޏަކަށްވެގެން އަންނަން އެލީނާ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެކަން ކިޔާންއަށް ޔަގީންވިއެވެ. ޖެހިލުމެއްވެސް ނުވާ ކުއްޖެކެވެ.

"ނުފެނޭތަ؟ " އެލީނާ މައުސޫމްކޮށް ލޯބޮޑުކޮށްލާފައި އިނގިލި ކިޔާންގެ މޫނާއި ދިމާލަށް ދިއްކޮށްލިއެވެ.

އެލީނާގެ މަގުސަދު ވިސްނި ބުނާނެ އެއްޗެއް ނޭގިފައި ކިޔާން ގޮނޑިއަށް ލެގިލިއެވެ.

"އެލީނާ. ދިސް އިޒް ރޯންގް. ތިކުރާ ކަންތައްތަކުން ނުކުމެދާނެ ނުބައި ނަތީޖާއަކާއިމެދު ނުވިސްނާނަންތަ؟ އަހަންނެއް ނޫން ބަދުނާމުވާނީ. އެލީނާއަކީ މީހެއްގެ އަންބެއް. އަޅުވެރި ކުދިން އުޅެން އެންމެ ރީތިގޮތަކީ ތިއީ؟ އެންމެނަށް ރަގަޅު ނަމޫނާއެއްނު އެލީނާ ތި ދައްކަނީ. ޝައުންގެ ކޮން ކަމެއް މަދުވެގެން އަހަރެންގެ ފަހަތުން ތިއަންނަނީ؟ " ކިޔާން މަޑުމައިތިރިކަމާއި އެކު ވިސްނައިދޭން މަސައްކަތް ކުރިއެވެ.

"ކިޔާން އަހަންނަށް ފޯސްކޮށްފައި ކުރި ކަންތައް މިހާރު ހަދާނެއްނެތްތަ؟ "

"ކޮންކަމެއް." ކިޔާން ހައިރާންވިއެވެ.

"އެރޭ. އައި ސެޑް ނޯ އެކަމަކު........." އެލީނާ ހަށަން ބަދެލިއެވެ.

"އެލީނާ ކޮން ރެއެއްގެ ކޮން ވާހަކައެއް ތި ދައްކަނީ؟ އާ ޔޫ ސިކް އޯ ސަމްތިން..." ކިޔާން ސީރިޔަސް ރާގަކަށް ބުނެލިއެވެ.

"އަހަރެން މޮޔަވީއެއްނޫން. ކިޔާން ހަދާން ނެތުނުކަމަށް ހެދުނަސް ބޮޑުވަރު. ޔޫ ފޯސްޑް ޔޯސެލްފް އޮން މީ އެކަމަކު މިހާރު ދެން އަހަރެން ހަދައިގެން ދައްކާ ވާހަކައަކަށް ވަނީ ދޯ......"

"މައި ގޯޑް..." ކިޔާން ބޯ ހޫރައިލިއެވެ.

"ހަނދާން ނެތޭ ބަލިޖެހުނީތަ؟ "

"މަށަކަށް ކަމެއްނުވޭ. އެކަމަކު ތިގޮތަށް ޝައުންއަށް ބޭވަފާތެރިވުމުގެ ހައްގެއް އެލީނާއަކަށް ނެތް. އަހަރެން ތިކަމުގައި ބައިވެރިޔަކަށް ހަދަން އުޅެންޏާ ހުރިހާ ވާހަކައެއް ޝައުންއަށް ކިޔާދޭނަން. ހަމަ ތެދަށް މިބުނީ އެލީނާ. ކޮންމެ ކަމަކަށްވެސް ވަކި ލިމިޓެއްވޭ. ލައިން ކްރޮސްކުރީމަ އަހަންނަށް މަޑުން ނުހުރެވޭނެ. އަހަރެން އެލީނާއާއި ޑޭޓްކުރިން އެކަމަކު އޭގެ މާނައަކީ އަހަރެން............" ކިޔާން ފޯނު ނެގިއެވެ. "އަހަރެން މި ގުޅަނީ ޝައުންއަށް"

އެލީނާ ރުޅިވެރިކަމާއެކު ކުއްލިއަކަށް ކުރިއަށް ޖެހިލާފައި ކިޔާންގެ މޫނުމަތީ ޖެހިއެވެ. ދެވަނަ ސިކުންތުކޮޅުގައި ބާރުބާރަށް ހިނގާފައިގޮސް އެތަނުން ނުކުތްތަން ފެނުމުން ކިޔާން ބުމަ ކައިރިކޮށްގެން ވިސްނުމެއްގައި ހުރެފައި ގޮސް ލެދާ ގޮނޑީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލައިފިއެވެ. އަދި މޫނުގައި މަޑުމަޑުން ފިރުމާލައިފިއެވެ.

***

ޒައިރާ ދަންވަރު ޑްރާމާގެ އަވައިގާ ޖެހިގެން ނުނިދިފައި އޮތްއިރު ކެމީލާއަށް ދޭތެރެއަކުން ނަޒަރު ހުއްޓައިލެވެއެވެ. ހުވަފެނެއްގައި އޮވެ އުދަގޫތަކެއް ވެގެން އުޅޭފަދައެވެ. އެންމެފަހުން ޒައިރާއަށް ކަމެއް ގޯސްވިކަން ރޭކާލީ ކެމީލާ އެނދުން ވެއްޓުނުތަން ފެނިފައެވެ. ޒައިރާއަށް ނުހިފެހެއްޓޭވަރަށް މުޅި ހަށިގަނޑު ތެޅެންފެށިއެވެ. ތުންފަތަށް ނޫކުލަ ވެރިވާންފެށިއެވެ. ޒައިރާ ބިރުން ރޫރޫ އަޅައިގަތެވެ. ކޮއްކޮ ނޭވާ ނުލާހެން ހީވެފައި ޒައިރާ އަވަސްވެގަތީ އެމްބިއުލެންސަށް ގުޅުމަށެވެ. ވަގުތުނަގާ ނުލާ އޭނަ ވިސްނުންތެރިކަމާއެކު ފިޔަވަޅު އެޅިއެވެ. އަދި ކިޔާންއަށްވެސް މެސެޖްކުރިއެވެ. އިރުކޮޅެއްނުވަނީސް ޕެރަމެޑިކް އައިސް ކެމީލާ އޮކްސިޖަން މާސްކެއް އަޅުވައިފިއެވެ. ޒައިރާ މާމަގާތުގައި ކެމީލާ އާއެކު ހޮސްޕިޓަލަށް ގޮސްފައި އަންނާނަމޭ ބުނެފައި ތަޅުލައިގެން މާމަ އިންނަން އެދުނެވެ. އެމްބިއުލެންސަށް އަރާ ކޮއްކޮގެ އަތުގައި ހިފަހައްޓާލައިގެން ގަނޑުވެފައި ކަހަލަ ގޮތަކަށް އިނެވެ.

ކެމީލާ ވަގުތުން އައިސީޔޫއަށް ވައްދައިފިއެވެ. ކިޔާންއަށް މެސެޖް ފެނިގެން އައިސް ސުވާލުކުރިއެވެ.

"ލިލީ ބިންމަތީގައި އޮވެ ހަންޑި އަވަލާފައިވާ ކުއްޖެއްހެން ތެޅިގަތީ. ހިފަހައްޓަން އުޅުނީމަ ޒައިރް ވިއްސައިގެން ގޮސް ފާރުގައިވެސް ޖެހުނު. ވަގުތުން އެމްބިއުލެންސްއަށް ގުޅީ.."

"ލިލީއަށް ފިޓްޖެހުނީ. ޔޫ ޑިޑް ދަ ރައިޓް ތިންގް. ކޮއްކޮގެ ފުރާނަ ސަލާމަތްވީ ޒައިރްގެ ވެސް ވިސްނުން ރަގަޅުވީމަ. އިރަދަކުރެއްވިއްޔާ ރަގަޅުވާނެ..." ކިޔާން ޒައިރާގެ ބޮލުގައި ފިރުމައިލިއެވެ.

"އެއީ ކީއްވެ ފިޓްޖެހުނީ؟ "

"މެޑިކޭޝަންގެ ސައިޑް އިފެކްޓެއް." ކިޔާން ބުނެލިއެވެ.

"ދޮންބެ. އައި ވޯޒް ސެލްފިޝް. ބޯންމެރޯ ޓެސްޓް ހަދަންވީމަ ބިރުން. އެކަމަކު ބޯންމެރޯ މެޗްވެގެން ޓްރާންސްޕާލްންޓް ހެދީމައެއްނު އިތުރަށް ގޯސްނުވެ ރަގަޅުވާނީ. އެހެންވީމަ މިހިރީ އެ ޓެސްޓް ހަދަން ރެޑީއަށް." ޒައިރާ ކޮއްކޮއަށްޓަކާ އެ ކުޑަ ގުރުބާނީ ވާން ނިންމުމުން އަމިއްލަ ނަފުސަށްވެސް ހަމަޖެހުމެއް ލިބުނެވެ.

***

ކެމީލާ ހޭލެވުނުއިރު އޭނަ އޮތީ އައިސިޔޫގެ އެނދެއްގައެވެ. ގުޅާފައި ހުރި މެޝިނުން ލޭގެ ޕްރެޝާއާއި ހިތުގެ ވިންދު އަދި އޮކްސިޖަންގެ މިންވަރު ފެންނާން ހުއްޓެވެ. ބޮލުގައި ރިއްސާވަރުން ބޯ ފަޅައިގެންގޮސްދާނެހެން ހީވިއެވެ. ޑޮކްޓަރ ޝައުން ފެނުމުން ފުރަތަމަ ކާކުކަން ދެނެގަންނާން އުދަގޫވިއެވެ. ބަލަހައްޓައިގެން އޮވެވުނީއެވެ.

"އާ ޔޫ އޯކޭ؟ " ޝައުން ހިނިތުންވެލިއެވެ.

ކެމީލާ ބޯ ޖަހައިލިއެވެ. އޭނަގެ ތުންފަތްވަނީ ހިކިފައެވެ.

ޑޮކްޓަރ ޝައުންގެ ސުވާލުތަކުން އޭނަ ކަންބޮޑުވިއެވެ. އޭނަގެ ގާތުން އެހި އެއްވެސް އެއްޗެއްގެ ޖަވާބުދޭކަށް ނޭގުނެވެ. އުޅޭ ސްކޫލްގެ ނަންވެސް ހަދާން ނެތީއެވެ. އަމިއްލަ ނަމާއި އުފަން ދުވަސް ހިތަށް ނުގެނެވުމުން ހާސްކަމާއެކު ލޯބޮޑުކޮށްލެވިއްޖެއެވެ. އޭނަ ގައިމު އަމިއްލަ ނަން ހަދާން ހުންނަން ޖެހޭނެއެވެ. ވިސްނަވިސްނާ ނޭގުމުން ބޮލުގައި އިތުރަށް ރިއްސައިލިއެވެ.

"މިވަގުތު ހަދާނެއް ނެތް...އަޅުގަނޑު ކުރިން ދަންނަން..." ކެމީލާ ކިތަންމެ ވަރަކަށް ވިސްނިޔަސް އެއްވެސް ކަމެއް ހަދާން ނެތުމުން ބިރުވެރިކަން ވަށާލައިފިއެވެ.

"އޯކޭ އިތުރަށް ނުވިސްނާ. ޔޫ ވިލް ރިމެމްބާ އަދި. ޑޯންޓް ވޮރީ މަޗް އިނގޭ. ނިއުރޮލޮޖިސްޓަކަށް ދައްކާނީ..." ޝައުން ހިތްވަރުދިނެވެ. ކެމީލާ ކުޑަކޮށް ހިނިތުންވެލިއެވެ. ޝައުން އުފާވިއެވެ. "ތޭންކް ގޯޑް ހިނިތުންވުން ހަދާން ނުނެތުނީމަ.."

***

ކެމީލާ އައިސީޔޫގައި އޮތްކަން އެނގުމުން ވިޝާގެ ހިތް ހަމްދަރުދީއިން ފުރުނެވެ. ތާނީ ސިއްރުން އުފާކުރިއެވެ. ޖުއާންގެ ހިތުގައި ނޭގޭފަދަ އުދަގޫދެނިވި އިހުސާސްތަކެއް އުފެދެންފެށިއެވެ. މިއަށް ކިޔާނީ "އެންގްޒައިޓީ"ހެއްޔެވެ؟ އެހާ ޅަކުއްޖަކު މަރާއި ހަގުރާމަކުރާތަން ފެނި އޭނަގެ ހިތަށް ބިރުވެރިކަން ވަނީހެއްޔެވެ؟ އޭނަވެސް ނަމާދުކޮށްލާނީ ދަންނަ މީހަކު ދުނިޔެ ދޫކުރިއްޔާއެވެ. ދެތިން ދުވަހު ނަމާދަށް އަރާފައި އޭނަ ހަދާނެއް ނުހުރެއެވެ. ވިޝާ ބާރުއެޅީ ހުރިހާކުދިން ކެމީލާއަށް ޒިޔާރަތްކުރުމަށެވެ. ސްކޫލް އެސެމްބްލީގައި ކެމީލާގެ ވާހަކަ ދައްކާފައި ވިޝާ ދުޢާކުރިއިރު ބައެއްކުދިން ރޮމުން ދިޔައެވެ. ޚާއްސަކޮށް އަރީޖްއެވެ.

"ޝިފާ ދެއްވަނީ މާތްﷲ. ބައެއްފަހަރު ޑޮކްޓަރުން ނޫނީ ރާގީއިން މެދުވެރިކުރައްވާ ޝިފާ ދެއްވާ ފަރާތުގެ ކުޅަދުންވަންތަ ކަމާ. ކޮންމެ ކުއްޖަކަށްވެސް އެފަދަ ދެރަގޮތެއް ވެދާނެ. އަޅުގަނޑުމެން އެފަދަކުދިންނަށް ސަޕޯޓްދީ އެކުދިންނަށް އެހީތެރިވެދިނުމުން ﷲގެ ރުހުން ލިބިވޮޑިގަންނަވާނެ. ކެމީލާގެ ބަދަލުގައި މާދަން ހަމަ އަހަރެމެންގެ ތެރެއިން ކުއްޖަކު އޮތުމަކީ އެކަށީގެންވާކަމެއް. އެހެންވީމަ އެފަދަ ހާލަތުގައިވާ ކުއްޖަކަށް އެންމެންގެ އެއްބާރު ދިނުމަށް އެދެން. ކެމީލާއަކީ ހީކުރިވަރަށްވުރެ ރަގަޅު މުހިއްމު ކުއްޖެއް. ސްކޫލްގެ ހަރަކާތްތަކުގައި ބައިވެރިވާ ޗެމްޕިއަނެއް. އެހާ ބަލިކޮށް އުޅެމުން ކިޔެވުމުން ރަން ވަނަތައް ހޯދާ ސްވިމިންއާއި ނެޓްބޯޅަކުޅުމުގައި ބައިވެރިވޭ. އަދި ގޭގައި ހުރެގެން ކޭކު ހަދާ ވިއްކާ. އެހެން ކުދިންނަށް އެކަމުން އިބުރަތް ލިބިގަންނަންވާނެ އަދި އެންމެ ފާހަގަވާ ކަމަކީ މިއޮތް ގިނަ ކުދިން އުޅޭތަނުގައި އެންމެ ގިނައިން ހިނިތުންވާ ކުއްޖަކަށް ކެމީލާ ފާހަގަކުރެވުނުކަން. އެވެސް ބަލި ހާލުގައި އުޅެމުން. މިއަދު މިހެން ބުނާކަށް ލަދެއްނުގަނޭ. ކެމީލާއަކީ އެންމެ އިންސްޕަރޭޝަނަލް ސްޓޫޑެންޓް. އޭނައަށް އެ މަގާމު ހައްގު.."

ވިޝާގެ ވާހަކަތަކުން ތާނީ އުދަގޫވެފައި ހުއްޓެވެ.

"ސިރިޔަސްކޮށް ވިޝާ ޗޭންޖުވީތަ؟ ނޫނީ އަރީޖްއަށް އޮޅުވައިލަންތަ؟ ނޭގޭ..." ތާނީ ހިތާހިތުން ކިޔައިލިއެވެ.

***

ތާނީގެ މަންމަ އޭނަ ހޮސްޕިޓަލަށް ގެންދިޔައީ ކަކުލަށް ލިބުނު އަނިޔާގެ އަސަރުތައް ނުފިލާތީއެވެ. ދެއްކީ ޑޮކްޓަރ ކިޔާންއަށެވެ. އެއީ ސްކައިމޯގެ އެންމެ މަޝްހޫރު އެއް ނަމެވެ. ކިޔާން ތާނީގެ ވާހަކަ އަޑުއަހާފައި ބުނީ އެމްއާރުއައި އަކާއި ޓެސްޓްތައް ހައްދައިގެން އައުމަށެވެ. އެތަނުގައި "މާސް" އެއް ހުރިކަމަށް އޭނައަށް އިހުސާސްވާ ވާހަކަ ބުނުމުން ތާނީ ދެލޯ ބޮޑުކޮށްލިއެވެ.

"ސީރިޔަސްކަމަކަށް ވުމުގެ ކުޑަ ޗާންސެއް އިންނާނީ. އެކަމަކު ރޫލްއައުޓް ކޮށްލަން ޖެހޭނެ ދޯ. ޑޯންޓް ވޮރީ..." ކިޔާންގެ އޯގާތެރި ހިނިތުންވުމުން ތާނީގެ ހިތަށް ފިނިކަމެއް ލިބުނެވެ. އޭނައަށް ޔަގީނެވެ. ހުރިހާ ކަމަކީ އޭނައަށް ލިބުނު އަނިޔާއެވެ. ނޭގުނީ ކިޔާންއަށެވެ. އެކޮޓަރިން ނުކުމެފައި ތާނީ ހޭންފެށިއެވެ. " ޑޮކްޓަރުންވެސް ވަރަށް ސްޓުޕިޑް. އޭނަގެ ހިތުގައި އޮތް އެއްޗެއް އެނގުނު، ސަސްޕެކްޓްކުރީ ކެންސަރު ކަމަށް. ހެންޑްސަމް އެކަމަކު ނަތިން އިންސައިޑް ހިޒް ބިއުޓިފުލް ހެޑް. ހަހަ...."

ތާނީގެ މަންމަގެ ހިތް ގުޑައިލިއެވެ.

އިމަޖެންސީކޮށް ހަދަން ދިން އެމްއާރުއައި އެއްކަމުން ވަގުތުން އެޕޮއިންޓްމެންޓް ހަމަޖެހުނެވެ. ތާނީއަށް މަޖާކަމަކަށްވިއެވެ. އޭނަ ވަގުތުން އެކުވެރިންގެ ވައިބާ ގްރޫޕަށް ފޮޓޯއާއި އެއްޗެހި ލާންފެށިއެވެ. ޑޮކްޓަރ ކިޔާންއަށް ޖޯކުޖެހިއެވެ. ހެންޑްސަމް އެކަމަކު ޑަމްބްކަމުން އޭނައަށް ބޮޑެތި ޓެސްޓްތަކެއް ހައްދަން ދީގެން އުޅެނީކަމުގައި ބުނެލިއެވެ.

"ޔޫ ކޮންސަލްޓެޑް ދަ ރޯންގް ޕާސަން. އަހަރެން ގާތު ބުނިނަމަ. މައި ބްރަދާ އިން ލޯ އިޒް ދަ ބެސްޓް މާޝާﷲ. އޭރުން ތިހާ އެގްޒަޖެރޭޓް ނުކުރާނެ...." ވިޝާ ބުނެލިއެވެ.

"މަންމަ ބުނި މިއީ ފޭމަސް ސާޖަންއެކޯ. އެކަމަކު ކިހާ ފޭމަސް. މަންމަވެސް މަށަށް ހީވަނީ ކިޔާންއަށް ހިތް ކިޔައިގެން އުޅެނީހެން. މަންމަ ވެސް އެނޫން ވާހަކައެއް ނުދައްކައޭ. އަބަދު ކިޔާން ކިޔާން...ހޫމް މިހާރު މިއުޅެނީ ހެދުމެއް ލާންވެގެން. އެމްއާރުއައި ރޫމްގައި ވަރަށް ބާރުގަދަ މެގްނެޓިކް ފީލްޑެކޯ ހުންނަނީ. މަ ވެއްޖެ ވާގޮތެއް ބަލައިލަން މެޓަލް އެއްޗެއް ސްމަގަލް ކުރަން......." ތާނީ އިރުކޮޅެއްފަހުން ސްކައިމޯ ޖެހި ލައިލެކް ކުލައިގެ ގައުންއެއް ލައިގެން ހުރެ ފޮޓޯއެއް ވައިބާކޮށްލިއެވެ. އޭނަ ހެދުން އަޅާފައި ހުރިގޮތުން މާ ބޮޑު ނިވާކަމެއްވެސް ނެތެވެ.

"ހޭއި ޑޯންޓް... މަށަށްވެސް މެޑިކަލް ކަންތައްތަކެއް ނޭގޭ. އެކަމަކު މެޓަލް އެއްޗެއް ވިއްޔާ މެގްނެޓަށް ދަމައިގަންނާނެ."

"އާ ބަހަހަހަ...އިޓް ކުޑް ބީ ކެޓަސްޓްރޮފިކް ދޯ......"

"ތި މެޝިންވެސް އެތައް މިލިއަން ޑޮލަރެއްގެ އެއްޗެއް. ތި މެޓަލް އެއް ވައްދައިގެން އޭތިވެސް ހަލާކުކޮށްނުލާތި ތާނީ ތިހެން ކިޔަކިޔާފައި. އެނީވޭސް..ވަރަށް ލަވް އިނގޭ.. " އައުސަމް ހިތަކާއިއެކު ވައިބަ ކޮށްލުމުން ތާނީ ތުއިވިއެވެ. ނަމަވެސް އައުސަމްގެ ބަދަލުގައި އޭނަ ހިތް ކިޔަނީ ޖުއާންއަށެވެ.

އެމްއާރުއައި ރޫމަށް ވަނުމުން މެޝިނުގެ އަޑު މިއުޒިކެއްފަދައިން އެއް ރާގަކަށް ކަންފަތުގައި ޖެހެން ފެށިއެވެ. އެއީ އެމްއާރުއައިގެ މެގްނެޓް އަބަދު އޮންކޮށްފައި ހުންނާތީ އިވޭ އަޑެކެވެ. މާހައުލުގެ އާ ކަމުން ފުރަތަމަ ފަހަރަށް ތާނީ ބިރުގަންނަގޮތްވިއެވެ. މެޝިނަށް ލާން އުޅުމުން ދެކޮޅު ހަދައިގެން ޓެކްނިޝަންއާއި އޭނަގެ މަންމަވެސް ވިސްނާދޭން ޖެހުނެވެ. ކަންފަތުގައި ޕްލަގެއް ޖަހާދީ ރަޖާގަނޑެއް އަޅާފައި އޮތަސް ފިނިކަމެއް އިހުސާސްވިއެވެ. ވަޑާންކުރާފަދަ އެކި ބާރު އަޑުތައް އިވެން ފެށުމުން ކެތް ނުކުރެވިގެން ހަޅޭއްލަވައިގަންނަން ބޭނުންވިއެވެ. ނަމަވެސް ގުޑިލައިފިއްޔާ އެމްއާރުއައި އަލުން ހަދަން ޖެހިދާނެކަމަށް ޓެކްނިޝަން އިންޒާރުދިން ކަން ހަދާންވެ ހިމޭނުން އޮތްއިރު ރުޅިގަދަވެގެންގޮސް އަވަދިވާވަރުވިއެވެ. ހިތާހިތުން އެކި މީހުންނަށް އެތިވަރުގޮވިއެވެ.

ގެއަށް ދިޔަފަހުން އެރޭ ހޮސްޕިޓަލުން ކޯލެެއް އައެވެ. ތާނީ ގޮވައިގެން ވަރަށް އަވަހަށް ހޮސްޕިޓަލަށް އަންނާން އެދުނެވެ. ތާނީގެ މަންމަ ހިތުގައި ވަރުގަދަ އިންޒާރުގެ ރަގަބީލެއް އަޅުވައިލުމުން ދަރިފުޅަށް ބަލައިލެވުނީ ކަންބޮޑުވުމާއެކުގައެވެ. ހޮސްޕިޓަލުން އެގޮތަށް ގުޅާނީ ކޮންމެވެސް ސީރިޔަސް މައްސަލައެއް ހުރުމުންތާއެވެ. ތާނީ އޭރު އޮތީ ޑްރާމާއެއް ބަލާށެވެ. މަންމަ ކިޔާވަރުން ފޫހިވެފައި ހުރެ ތައްޔާރުވެ ނިމުނުއިރު ސްޓޭޖްޝޯއަކަށް އަރަން ތައްޔާރުވެފައި ހުރިފަދައެވެ. އެހާ ވަރަށް މޭކަޕްކޮށްލާފައެވެ. ތާނީ އެކަނިއެއް ނޫނެވެ. އޭނަގެ މަންމަވެސް އެހާ ފުރިހަމައަށް ހެދިގެން ސެންޓް ޖަހާލައިގެންނެވެ. މަންމަ އެޖަހާ ވަރުގަދަ ސެންޓަކުން އޭނަވެސް ބޮލުގައި ރިއްސާލާ ވަރުވެއެވެ. ކިޔާންގެ އިތުރުން ޑޮކްޓަރ ޝައުންވެސް ފެނުމުން ތާނީ އަދި ވަކިން ފޮނިވެލިއެވެ. ތުއިވެގެން ގޮސް ފަރިގޮތަކަށް އެއްފައި މައްޗަށް އަނެއް ފައި ލައިގެން އިށީނެވެ.

ކިޔަން ޑޮކްޓަރ ޝައުން ތައާރަފުކޮށްދިނެވެ.

"އައި ނޯ ހިމް. މައި ބެސްޓީ ޖުއާންގެ ބްރަދާ..." ތާނީ ހީލިއެވެ.

"އަސްލު ބުނާނީ މި އަނިޔާއަކީ އަނެއްހެން ބަލަންޏާ ރަހުމަތެކޭ. ސަބަބަކީ އަނިޔާއެއް ވެގެން މި ދެނެގަނެވުނީ ކޮން ބައްޔެއްކަން. އާއްމުކޮށް އޮސްޓިއޯސާކޯމާ ޑައިގްނޯސް ކުރެވޭއިރު ފުއްޕާމޭ ކަހަލަ ތަނަކަށް ސްޕްރެޑްވާ ފަހުން މިއެނގެނީ. އަޅުގަނޑަށް ބުނެވޭނީ ހަމަ ވަރަށް ލަކީ އޭ މިގޮތަށް ދެނެގަނެވުނީމަ. ޑޮކްޓަރ ކިޔާން ވަރަށް ފުރިހަމައަށް ޑައިގްނޯސްކޮށް ދެއްވައިފި. އައިމް ސޮރީ ޓު ބްރޭކް އިޓް ޓު ޔޫ އެކަމަކު ދަންނަވަން މިޖެހުނީ ހިތާމަވެރި ޚަބަރެއް. އެމްއާރުއައި އިން އެބަ ދައްކާ ޓިއުމަރއެއް....." ޑޮކްޓަރ ޝައުންގެ ވާހަކައިން ވަގުތުން ތާނީގެ މަންމަ ޖެނިފާގެ އަނގަމަތީ އަތް އަޅާލެވިއްޖެއެވެ. އަނެއް އަތުން ދަރިފުޅުގެ އަތުގައި ހިފަހައްޓާލެވިއްޖެއެވެ.

"ނޯ ކާންޓް ބީ. އައި ހޭޑް އެ މައިނާ އިންޖަރީ. ދެޓްސް އެ ރޯންގް ޑައިގްނޯސިސް..." ތާނީ އިނީ ހިނިތުންވެލައިގެންނެވެ.

"ވީ ނީޑް ޓު ޓޭކް އެ ބަޔޮޕްސީ............"ޝައުން ބުނެލިއެވެ. ކިޔާން އެމްއާރުއައިގައި ޓިއުމަރ ހުރި ތަންކޮޅު ދެއްކިއެވެ. އެމީހުން ބޮޑަށް ޝައްކުކުރީ ކެންސަރަށެވެ. ސްޓޭޖް އެކެއް ކަމުން އިތުރު ތަނަކަށް ނުފެތުރޭނެ ކަމުގައެވެ.

ޖެނިފާ ރޯންފެށިއެވެ.

***

ޒައިރާ ބޯންމެރޯ ޓެސްޓް ހެދުމަށްފަހު ކުރި އިންތިޒާރަށް އުފާވެރި ނިމުމެއް ނައެވެ. ނަސީބު ދެރަކަމުން ކެމީލާއާއި މެޗް ނުވީއެވެ. ކިޔާންވެސް މާޔޫސްވިއެވެ. ނާރުގެ ޚާއްސަ ޑޮކްޓަރ ބަލާފައި ބުނީ ނަސީބަކުން ކެމީލާގެ އެމްނީޒިއާއަކީ ވަގުތީ ކަމެއްކަމަށެވެ. ކެމީލާއަށް ފިޓްޖެހުމުން ވެއްޓި ބޯ ފަޅައިގެން ގޮސްފައި ހުރުމުން އައިވީ އެންޓި ބައޮޓިކް އަޅަން އިތުރު ދުވަސްކޮޅަކަށް ބާއްވަން ޖެހުނެވެ. ކެމީލާ ސެމީޕްރައިވެޓް ރޫމަކަށް ބަދަލުކުރިއެވެ. އޭނަ ދެކެން ވިޝާއާއި ކްލާސްކުދިންތަކެއް އައެވެ. އެއޮތް ބަލި ކުއްޖާ އިނީ ކޮޓަރީގެ ކަނެއްގައި ނަމާދުކުރާށެވެ. މޭޒުމަތީގައި ޚަތިމެއްވެސް އޮތެވެ. ތެދެކެވެ. މަތާރަންފިލާގައި ހިރަފުސް އަރުވަން ބޭއްވުމަށްވުރެ ސަވާބު ހޯދަން ކިޔެވުމާއި އިލްމު ލިބިގަތުމަށް ބޭނުންކުރަންވީ މާތްﷲގެ މަތިވެރި ކަލާމްފުޅެވެ. ކެމީލާ ހުރިހާ ދަތްތައް ފެންނަވަރަށް ހީލަމުން ހުރިހާ ކުދިންނާއި ސަލާމް ކުރިއެވެ.

***

ރައީސް ތައިމޫރުގެ އާއިލާ ރޭގަނޑު ކެއުމުގައި ތިބެ ކޮންމެވެސް ވަރަކަށް ކެމީލާގެ ވާހަކަ ދެކެވުނެވެ. އެވާހަކަ ފެށީ ޖުއާންއެވެ. އެކުއްޖާ ކެންސަރާއި ހަގުރާމަކުރާ ވާހަކައެވެ. ޝައުން ދުވަހަކު ބަލިމީހެއްގެ ވާހަކަ ދައްކާފައި ނެތަސް ކެމީލާގެ ވާހަކަ ދެއްކިއެވެ. ކެމީލާ ކޮންމެ ޕްރޮސީޖާއެއް ހެދިޔަސް ކެނިއުލާއެއް ގުޅިޔަސް ﷲއަކްބަރު ޝަހާދަތް ނޫނީ ގުރުއާން ކިޔަވާކަމަށް ބުނުމުން އެންމެނަށްވެސް އެކަމުން އަސަރުތަކެއް ކޮށް ހިމޭންކަން ވެރިވިއެވެ.

"ދެޓްސް ބިއުޓިފުލް. ކެމީލާއަށް މަންމަ ޒިޔާރަތްކުރާނަން. އެހާ ޅައިރު އޯލްމައިޓީއާއި ކްލޯޒްވެވޭނީ ނަސީބުވެރި ކުއްޖަކަށް......................" ސޯފިއާ ބުނެލިއެވެ.

"ސޯފީ. އެއީ މާ ރަގަޅުކަމެއްހެން ހިޔެއްނުވޭ. އެއަށް ކިޔަނީ ހައްދުފަހަނަޅާ ދިޔުން. ބީ އެވެއާ.." އާތިކާ އަނގަޔަށް ގޮތެއް ހަދައިލިތަން ފެނުނެެވެ.

"ވެލް. މީހަކު ލަކީ ވާނީ އެހާ ވަރަކަށްނު މަންމާ. އެކުއްޖާ އަބަދު އޮންނަނީ ހޮސްޕިޓަލުގައި. ޕެއިން ގައި. އިފް އޯލްމައިޓީ ލަވްސް ހާ ކީއްވެގެން ތޯ އެހާ ހާލުގައި އުޅެނީ؟ އަޅުގަނޑަކަށް ނުވިސްނުނު...." ޖުއާން ލޯ ކުޑަކޮށްލިއެވެ. އެ ސުވާލަށް ޖަވާބުދެވޭނެ ފެންވަރު އެތާގައި ހުރި އެކެއްގެވެސް ނެތެވެ. އެހެންވެ ސޯފިއާ ހީލާފައި ވަގުތުން ހައްލު ބުނެދިނެވެ. ދުނިޔޭގެ އެތައް ބަޔަކު ލޯބިކުރާ ޝޭޚް އަމީރު ކައިރިން ތި ސުވާލުގެ ޖަވާބު އަހާނީ ކަމުގައެވެ. އާތިކާ އިނީ ފާޑަކަށެވެ. ސޯފިއާ މިހާރަކަށް އައިސް ދީނީ ކަންތައްތަކާއިގެން މާ ބޮޑަށް އުޅެނީ މީހުންގެ ހިތްތައް ފަތަހަކުރަންބާވައޭ ހިތަށް އެރިއެވެ. އޭނައަށްވުރެ މަތީ މަގާމެއް ހޯދަން އެހެން އުކުޅެއް ބޭނުންކުރަން ގަސްތުކުރީ ބާވައެވެ. ދީނީ މައުޟޫ ވަރަށް ނާޒުކްކަން ސޯފިއާއަށް ނޭގެނީހެއްޔެވެ؟ ސޯފިއާއަށްވުރެ ކުރިން އެ ބުނާ "ކެމީލާ"އަކަށް ޒިޔާރަތްކުރަން އޭނަ ނިންމިއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

***

ކިޔާންއަށް ފޯނުން ގުޅާތާ ގަޑިއެއްހާއިރުވީރުވެސް ޚަބަރެއް ނުވުމުން އެލީނާގެ ގައިގާ ހުޅުހިފިހެން ހީވިއެވެ. ރުޅިގަދަވެގެންގޮސް އަތުން ޖެހީނުން އެނދުގެ ސައިޑް ޓޭބަލްމަތީ ހުރި ރީތި ބޮކިވެސް ތަޅާލައިފިއެވެ. އެއީ ޝައުންގެ މާމަ ދިން ހަދިޔާއަކަށްވުމުން ވަރަށް ލޯބިން ގެންގުޅޭ އެއްޗެކެވެ. އަޑުގަދަވެގެން ދޮރުމައްޗަށް އެރި ޝައުންއަށް މި މަންޒަރު ފެނުނުއިރު އެލީނާގެ މޫނަށް ކަޅު ވިލާގަނޑެއް އެޅިފައިވާފަދައެވެ. އެ ފޯރިގަނޑާއެކު އަދި ޝައުންގެ އަގުބޮޑު ސެންޓުފުޅިއެއްވެސް ތަޅާލައިފިއެވެ. ރުޅީގެ ވަރުގަދަކަމުން ތެޅުނު ބިއްލޫރިގަނޑެއް ނަގާ ވައަތުގައި އަޅާފައި ދަމައިގަނެވުނެވެ. ޒަޚަމްވެގެން ލޭގަނޑު އޮހިގަތްތަން ފެނި ބިރުވެރިކަން ހިތުގައި ހިނގައިލިއިރުވެސް ކުށްވެރި ކުރެވުނީ ޝައުންއެވެ. ނަފްރަތުން ފުރިފައިވާ ގޮތަކަށް ކަޅި އަޅާލައިފިއެވެ.

"ބަ**ޑް............." އެލީނާ ކަރުތެރެއިން ހަޅޭއްލަވައިގަތެވެ. ކުއްލިއަކަށް ޝައުން ބުމަގޮށްޖަހައިލުމާއެކު އޭނައާއި ދިމާލަށް ހިނގައިގަތުމުން އިހުސާސްކުރެވުނީ އެންމެ ކަމެކެވެ. ޝައުންގެ ކެތްތެރިކަން ކޮޅުންލާ ރަގަޅަށް ރުޅި އަރުވައިލެވިއްޖެކަމެވެ. އޭނައަށް ގެއްލުން ދެވުނު އެއްޗިއްސަށް ވިސްނާލުމުން މާމަގެ ހަދިޔާއާއި ޝައުންގެ އަގުބޮޑު ސެންޓްފުޅި ތަޅައިލެވިއްޖެކަން އެނގުނެވެ. އެއާއެކު އޭނަ ޝައުންއާއި މުޚާތަބު ކުރި ލަފުޒުން އޭނަގެ ބޭރުފުށުން ދައްކައިގެން ހުންނަ މަޑުމައިތިރިކަމާއި "ކޫލް" ކަން އެއްކޮށް ނެތުނީއެވެ.

ނުނިމޭ

ކޮމެންޓް 0