މާތް ﷲ އަލް އިސްރާ ސޫރަތުގެ އަށްޑިހަ ތިންވަނަ އާޔަތުގައި ވަހީ ކުރައްވާފައިވަނީ ( وَإِذَآ أَنۡعَمۡنَا عَلَى ٱلۡإِنسَٰنِ أَعۡرَضَ وَنَـَٔا بِجَانِبِهِۦ وَإِذَا مَسَّهُ ٱلشَّرُّ كَانَ يَـُٔوسٗا)
މާނައަކީ
އަދި އިންސާނާއަށް، ތިމަންރަސްކަލާނގެ نعمة ދެއްވައިފިނަމަ، އަނެއްފަރާތަށް އެނބުރި ބޮޑާވެގަނެތެވެ. އަދި އޭނާއަށް ނުބައިކަމެއް ޖެހިއްޖެނަމަ، (އެކަލާނގެ رحمة ން) އުންމީދު ކަނޑައިލާ މީހަކަށް ވެދެތެވެ.
***
އެ ޖުމްލައާއެކު އެލީނާގެ މުޅި ހަށިގަނޑުގައި ބިރުވެރިކަމުގެ ރާޅެއް ޖަހައިފިއެވެ. އެހެން ނުވާންވީ ކީއްވެހެއްޔެވެ؟ ކިޔާންއަކީ މިއުޒިކަށް ލޯބިކުރާ ހުނަރު ހުންނަ ޒުވާނެކެވެ. ޕިއާނޯ ކުޅެލާއިރު ހިތުގެ ފަރުވާއަކަށް ވާނެއެވެ. ކިޔާންގެ ހުނަރު މި ކުޑަ ކުޑަ ލިލީއަށް ވާރުތަވީއެވެ. ލިލީގެ ޅަ މޫނަށް ނަޒަރު ހުއްޓާލުމާއެކު އެލީނާގެ ލޯ ކަރުނުން ފުރި ބާރުވިއެވެ. މާޒީގައި ހެދުނު ކުށެއް މިގޮތަށް އައިސް އޭނަ ފަޟީހަތްކޮށްލާ ކަރަށް ވައްޓައިލި މަޅިއެއްފަދައިން ވެދާނެކަމަކަށް އޭނަ ހިޔެއް ނުކުރެއެވެ. އޭނަގެ ކުށަކީ ހަލާލު ފިރިމީހާ ހުއްޓާ އެހެން މީހަކާއި ލޯބީގެ ގޮތުން ގުޅުމެވެ. ކިޔާން އޭނައަށް ބާރު ފޯރުވަން ފުރުސަތު ދިންކަމީވެސް އޭނަގެ ކުށެވެ. ފިރިހެނުންނަކީ ފާޑެއްގެ ބަޔެކެވެ. މީހެއްގެ ހިތެއް ނޭގޭނެއެވެ. ގިނަފަހަރު ލޯބީގެ ނަމުގައި ކުރާނެ ކަމަކީ ފޭރުމެވެ. ކިޔާންގެ ނުބައިކަމާ ދޭތެރޭ އެވަގުތު އެލީނާގެ ހިތުގައި ރުޅިވެރިކަން އުފެދުނެވެ. ކިޔާން އެ ފާފަ ނުކުރިނަމައެވެ. އޭނަގެ ކައިވެނީގެ ދިރިއުޅުމަށް ބަރަކާތް ނުލެއްވީ މިހެންވީމަ ބާވައެވެ.
"ދަރިފުޅަށް ކުޑަ ޕިއާނޯއެއް ގަންނާނީ...." ޝައުން ބުނެލިއެވެ.
"ޝައުން އަދިވެސް ޖަވާބެއް ނުދެމެއްނު....."
"ކިހާވަރަކަށް ވިސްނާފައި ތިހެން ހިތަށް އެރީ؟ "
"ސެލްފިޝް މީހަކަށްވާން ބޭނުން ނުވީ. މާތްﷲއަށްޓަކާ މިގޮތަށް ނިންމީ. ޕޭރެންޓުންނާއި ކުދިންގެވެސް ހައްގުގައި. ޝައުންވެސް ބޭނުމެއްނުވެއެއްނު އެ ސިއްރު އެހެން މީހަކަށް އެނގެން. ސޯ ލެޓްސް މޭކް ޕީސް......................" އެލީނާގެ ހިތުގައި ބިރުވެރިކަން އޮތް ނަމަވެސް އެ ސިއްރު ފޮރުވިދާނެކަމުގެ އުއްމީދު އާވިއެވެ. ކިޔާން އާއި އޭނަ ނޫން މީހަކަށް އެ ސިއްރު ނޭގޭނެތާއެވެ. ކިޔާންވެސް އެހެރީ އެންމެ ގާތްއެކުވެރިޔާގެ ހައްގަކަށް އަރައިގަނެވުނީމަ އެކަމާ ފިކުރުބޮޑުވެފައެވެ. އޭނަވެސް ކަށްވަޅާއި ހަމަޔަށް އެ ސިއްރު ހިފަހައްޓާނެކަން ޔަގީނެވެ.
ދެން އޮތީ ދުޢާކުރުމެވެ. ވީހާވެސް ގިނައިން ދުޢާކުރުމެވެ. ދުޢާއަކީ އެންމެ ބާރުގަދަ ހަތިޔާރެވެ. ގިނަގިނައިން ދުޢާކުރުމުން އެފަރާތުންވެސް އެކަން ސިއްރުކޮށްދެއްވުމަކީ ވެދާނެކަމެކެވެ.
***
ޝައުންއާއި އެލީނާގެ ކައިވެނި ރުޖޫއަ ކުރުމަށްފަހު އެލީނާ އޭނަގެ ހުރި ނޭދެވޭ ސިފަތައް ނައްތާލަން މަސައްކަތްކުރިއެވެ. ފުރަތަމަ ދުވަސް ވޭތުވެގެން ދިޔައީ އޮމާންކޮށެވެ. ޝައުންއާއި އެލީނާ ކުދިން ގޮވައިގެން ރިޒޯޓަކަށް ގޮސް އެކީގައި ވަގުތުތައް ހޭދަކުރިއެވެ. އެކީގައި ފޮޓޯތައް ނަގާ ރީތި ހަދާންތައް ރައްކާކުރިއެވެ. ދެމަފިރިންގެ ގުޅުން މިހާވަރަށް ރަގަޅުވި ފުރަތަމަ ފަހަރެވެ. ޝައުންވެސް ބުނީ ކުދިންނަށްޓަކާ އެކީގައި އުޅެން ބޭނުންވާކަމުގައެވެ. ކިތަންމެ ސީރިޔަސް މިޒާޖެއް ހުއްޓަސް ސަމާސާގޮތެއް ހުރެއެވެ. މަދު ފަހަރެއްގައެވެ. ކުދިންނާއެކު ޝައުން އުޅުނީ ވަރަށް ލޯބިންނެވެ. ޚާއްސަކޮށް ލިލީއާއިމެދު އެހިތުގައިވާ ލޯތްބާއި ކުލުނު އަދި އެދޭ ލޯބިން އެލީނާގެ ހިތަށް އަސަރުތަކެއް ކުރުވިއެވެ. ހަގީގަތުގައިވެސް ޝައުންގެ ދަރިއެއް ބާވައެވެ. ސިއްރުން ޑީއެންއޭ ޓެސްޓެއް ހެދިޔަސް އެހެން މީހުންނަށް އެނގިގެން މައްސަލަތައް ކުރިމަތިވެދާނެއެވެ. އެކަން ޔަގީންކުރަން ހިތުގެ ކަނަކުން ބާރު އަޅާއިރު އެކަން ނޭގި އޮތިއްޔާ މާ ރަގަޅޭ ހިތަށް އަރައެވެ. ތިމާގެ ނަސްލުގެ ތެރެއިން ނުހިމެނޭ ކުއްޖަކު ނަސްލެއްގެ ތެރެއަށް ވައްދައިފި އަންހެނަކަށް ސުވަރުގޭގެ ވަސްނުދުވާނެއޭ އޮތް ހަދީސް ފެނިފައި އެލީނާ ބިރުން ރޫރޫ އަޅައިގަތެވެ.
"އެލީނާ ނޮޓް ޔޯ ފޯލްޓް....." އޭނަ އަމިއްލަ ނަފުސަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.
"ޔޯ ފޯލްޓް ޓޫ. ކިޔާން ފަހަތުން އުޅުނީމެއްނު. އެހާ ބޮޑު ހާދިސާއެއް ހިގީމަ ފިރިމީހާއަށް ސިއްރުކުރީ. އޭނައަށް އެނގެން ޖެހޭނެއްނު..................."
އެލީނާގެ އުފާވެރިކަން ފޭރެވެނީއެވެ. ލޮލުން ކަރުނަ ހިލެނީ ގަންނަ ބިރަކުންނެވެ. އުފާވެރިކަން ހޯދަން އުޅުނަސް މާޒީގެ ސަފުހާތައް ވިހައަކަށް ވެގެން އޭނަގެ ހަޔާތަށް ޒަހަރު ލަނީއެވެ.
***
ނީވް ވަންނާނެ ތަނެއް ނެތުމުން އެގެއިން ހިމާޔަތްދިނީ ޒައިރާއެވެ. ނީވްއަށް އޭނަ ދެއްކި ވާހަކަތައް އިވި ވަގުތުން ޖާސޫސެއްހެން ޖައިޝްއަށް އެ ޚަބަރު ފޯރުވާ ނޫސްތަކުގައި ކެމީލާއާއި ޖުއާންގެ ވާހަކަ ޖަހާފާނެކަން ޒައިރާ ފަހަރެއްގައިވެސް ހީކޮށްފައެއްނެތެވެ. ނީވްއާއި ޖައިޝްގެ ތަފާތު ރީތިކަމުގެ ފުރަގަހުގައި ފިލާތިބީ ކިހާ ނުބައި ބަޔެއްކަމަށް ރޭކާ ނުލީއެވެ. ޒައިރާ ދެނެހުރިގޮތުން ނީވްއަކީ ވަންނާނެ ހިޔާވައްސެއްނެތް ފަގީރު ޔަތީމެކެވެ. އެކުވެރިއެއްވެސް ހުރީއެއް ނޫނެވެ.
"ދޮންބެ އަދިވެސް ޔޫޒްލެސްއޭ ބުނާނަންތަ؟ "
"ނޫން ބައްޕަ ދުނިޔޭގައި ހުންނެވިނަމަ ފަޚުރުވެރިވާނެ.." ޖައިޝް ހިތްވަރުދިނެވެ.
"ތެންކިއު ދޮންބެ. އަދިވެސް ބަދަލު ހިފާ ނުނިމެނީތަ؟ މިހާރު އެމީހުން ބަދުނާމް ވެއްޖެއެއްނު....."
"ބީން ހަދާން ނެތުނީތަ؟ލެޓް މީ ހެލްޕް ޔޫ ރިކޯލް ޔޯ މެމޮރީސް. އެފެމިލީއާއި ހެދި އަހަރެމެންގެ މަންމަ މަރުވީ....."
"މަންމައަށް ހާޓްއެޓޭކެއް ޖެހުނީ ބައްޕަ ޖަލަށް ދިޔައީމައެއްނޫންތަ؟ " ނީވް ސުވާލުކުރިއެވެ.
އަހަންނަށް ގަބޫލެއްވެސް ނުކުރެވޭ ތިހާ ސްޓުޕިޑް ގާލްއެއް މަގޭ ކޮއްކޮއަކަށް ވެދާނެއޭ. ބައްޕަ ދޮގު ތުހުމަތެއް ބޮލުގައި އަޅުވާފައި ޖަލަށް ލީ ކޮންބަޔެއްތަ؟ " ޖައިޝް އެހިއެވެ.
"އަމީރުގެ ފެމިލީ....."
"އެ އާއިލާއިން ބައްޕަ ޖަލަށް ނުލި ނަމަ އަހަރެމެންގެ މަންމަ ދުނިޔޭގައި ހުރީސް.." ޖައިޝް ނީވްއަށް ވިސްނާދިނެވެ.
***
ކެމީލާ އެގެއިން ދިޔުން މަނާކުރިޔަސް އެގޭ މީހުންގެ ފަރާތުން ފެނުނީ ދުރުހިލޭކަމެވެ. ޝައުންއާއި އެލީނާ އަދި ކުދިންގެ ފަރާތުން އެލިބޭ އަޅާލުމާއި ލޯބި ފިޔަވާ އެހެން އެއްވެސް އެއްޗެއް ނުލިބެއެވެ. ކެމީލާ އެގޭގައި ހުންނާކަށް ނޭދެއެވެ. ނަމަވެސް މިފަހަރުވެސް މަޑުކުރީ ނޫސްވެރިންގެ ވާހަކަތައް ދޮގު ކުޅައުމަށެވެ. ސޯފިޔާމެންގެ އެދުމަށެވެ. ނޫނީ ކެމީލާގެ ސަބަބުން އެމީހުންގެ އިއްޒަތާ ގަދަރަށް ދެވަނަފަހަރަށް ހިރަފުސް ބުރާނެ ނޫންހެއްޔެވެ؟ ދުވަސްކޮޅެއްފަހުން އެ ވާހަަކަ ފިނިވީމަ އޭނަ މިގެއިން ދާނީއެވެ. ސޯފިއާ އާއި އާތިކާ އޭނަ އެގޭގައި މަޑުކުރުވި ސަބަބަކީ އެއީއެވެ. ސޯފިއާ ފަހުން އެވާހަކަ ބުނެދިނެވެ. އިހުސާންތެރިކަމުގެ ބަދަލުގައި ކެމީލާ ކޮށްދޭން ވީ ކަމަކީ އެމީހުން ބުނާ މުއްދަތަކަށް އެގޭގައި ހުރެދިނުމެވެ.
ޖައިޝްގެ ގާތުގައި އެސިސްޓެންޓަކަށް ވިޝާ ހުރިއިރު "ފްލާޓް"ކުރަނީ ނުސީދާކޮށެވެ. ވިޝާ ކުޑަކަމުން އެކަން ނަގައިގަނެވޭގޮތެއް ނުވިއެވެ. ޖައިޝްގެ މަގުސަދެއް ވިޝާއަކަށް އެއްގޮތަކަށްވެސް ނޭގެއެވެ. އަބާޔާއާއި އެތެރެއިން ލާފައި ހުރި ހަރުވާޅާއި ތަތްލަވާ ވަރުން އެހެން ބުނީމަ ޖައިޝް ހީގަތެވެ.
"ޔޫ އާ އެ މެގްނެޓް އެހެންވެ ދަމާބާރު ހުންނާނެތާ..."
"ހެހެ..." ވިޝާއަށް ޖައިޝްގެ ރީތި މޫނަށް ބަލައިލެވުނެވެ. އެންމެ އަޅައިގަންނަނީ ހުދު އިސްތަށިގަނޑުގައެވެ.
"ޑޮކްޓަރ ޖިލްވާ ވަރަށް މައްސަލަ ޖައްސާ ވިޝާ ތިމަންނަ ޕްރޮގްރާމުން ވަކިކުރުވީއޭ ކިޔާފައި. އެއީ ތެދެއްތަ؟ " ޖައިޝް ބޮޑު ގޮނޑިއަށް ހަށިގަނޑު ދޫކޮށްލައިގެން އިނީ ކަންނެތްކޮށެވެ.
"އޭނަ ޝޯއޮފް ކުރާވަރުން...."
"ވިޝާ އަރަންވީނު. މަވެސް ލައިކްވަނީ ދީނީ ކުދިންދެކެ. ޖިލްވާ ކަހަލަ ކުދިން ކޮންމެ ކަމެއްގައި ދެއްކުންތެރިކަން ހުރެފައި އެހެން މީހުން ލައްވާ ތައުރީފުކުރުވަން ބޭނުންވާނީ. ހިނގާ ކޮފީއަކަށްދާން...." ޖައިޝް ޖެހިލުމެއްނެތި ދައުވަތު ދިނެވެ.
"ސުބުހާނަﷲ ނުކެރޭނެ...." ވިޝާ ލަދުން މަރުވާވަރުވިއެވެ.
"ޖަސްޓް ކޮފީއަކަށް. ބްރޯޑް ޑޭ ލައިޓްގައި. އެއީ މަނާކަމަކީތަ؟ "
"އައި ތިންކް ސޯ...." ވިޝާ ކުއްލިއަކަށް ބިރުގަންނަގޮތްވިއެވެ. ވާހަކަ މިދަނީ ކޮން މިސްރާބަކަށް ހެއްޔެވެ؟ އޭނަ ބޭނުމީ ހަލާލު ގުޅުމެކެވެ. ފިރިހެންކުދިންނާއި ރައްޓެހިވާން ހަދައިގެން އިތުރަށް ހިތް ހަލާކުވެދާނެއެވެ. އޭނަގެ ކުށަކާ ނުލާ ޖުއާންވަނީ އޭނައައި އޮތް ހުރިހާ އެކުވެރިކަމުގެ ގުޅުމެއް ކަނޑާ އޭނަ ދުރުކޮށްލާފައެވެ. ކެމީލާއާއި އޭނަ އަދި ތާނީ މާ ދީނީވެ ހައްދުފަނަޅާދަނީއޭ ކިޔާފައި ފޫހިވާކަމުގައި ޖުއާންވަނީ އަންގާފައެވެ. ޖައިޝްވެސް ތަފާތެއް ނުވާނެއެވެ.
"އެންމެ ރަގަޅު. މަޑުކޮށްލާ. ބެލުނު ޕޭޝަންޓުންތައް އަޕްޑޭޓްކޮށްލާ. އެބައަންނަން އިނގޭ...."
ދިހަވަރަކަށް މިނިޓް ތެރޭ ޖައިޝް އައީ މެގްނަމެއް ހިފައިގެންނެވެ.
"ޑޮކްޓަރ ޖައިޝް......." ވިޝާ ދެލޯ ބޮޑުކޮށްލިއެވެ.
"މަސައްކަތްކުރިލެއް ރަގަޅުކަމުން ހަމަ ޓްރީޓެއް ދޭ ހިތްވީ. މިއީ ދެން ލިބޭ ބޮޑު މުސާރައައި ބަލާއިރު ކޯންޗެއް ދޯ...." ޖައިޝް އެއްލޯ މަރައިލިއެވެ.
ވިޝާއަށް ނޭގިވެސް ހިތުން މަގާމެއް ދެވުނެވެ.
ޖައިޝް ހާދަ ރަގަޅޭ ހިތަށް އެރިއެވެ.
އޭނައަކީ އައިސްކްރީމާއިހެދި މޮޔަވާ ކުއްޖެކެވެ. އައިސްކްރީމް ދޭ ކުއްޖަކަށް އޭނަ ހިތް ކިޔާނެތާއެވެ.
ނުނިމޭ