"މާތްﷲއަށް އިތުބާރުކުރާށެވެ. އެމީހަކަށްޓަކާ ﷲ އިރާދަ ކުރައްވާފައިވާ ކަމެއް ލިބުމަށް ހުރަސް އެޅޭނެ އެއްވެސް ފަރާތެއް ދުނިޔެއަކު ނުވެއެވެ. ވީއިރު އެފަރާތަށް އިތުބާރުކޮށް ވަކީލު ކުރާށެވެ."
***
"ނޫހަށް އަރާނީ އޭރުންތާ. ޑޯގް މީދާ ނޫނީ ގަހާއިވެސް މީހުން އެބަ ކައިވެނި ކުރޭ. އޭ ތިވާހަކައެއް ނޫނޭ. ފަސްޓްލޭޑީވެސް އެޑްމިޓްކޮށްފައި ވަރަށް ސިކިއުރިޓީ ހައި މިތާ. އެކަމަކު އަޖައިބުވަނީ އެޑޮޕްޓްކުރި ކުއްޖަކާއިހެދި އެހާވަރަށް އުޅޭތީ. ކެމީލާ ވަރަށް ޕްރިޓީ. އެއާއިލާ ކުއްޖަކާއި ވައްތަރު...އެހެންވެސް ވާނެތާ. އެ ޚާންދާނުގައި އެކަހަލަ ކިތަންމެ ކަމެއް ހިނގާ. ޖިންނިންނާއިވެސް ގުޅިފަޔޯ އޮންނަނީ ހެހެ.................." ޖައިޝްގެ ވާހަކައަކަށް މިލާން ޝައުގެއް ނެތެވެ. އޭނަގެ ނަޒަރު ހުރީ ކާޓޫނަށެވެ.
"ކެމީލާ. އެ ނަން ރީތި"
"މިއަދު ރައުންޑް ހަދަން ދާއިރު އެކުއްޖާއަށް ވިޒިޓްކޮށްލަމާ. ދެމީހުން ވައްތަރުގޮތެއް ހުރި. ފަސްޓްލޭޑީ އެކުއްޖާ ބޭނުން ނުވެގެން އެއްލާލެއްވީކަމަށް ވާނީ...."
***
ތައިމޫރު އައިސީޔޫއަށް ވެންނެވީ ދަރިފުޅަށް އެންމެ ފަހުގެ އަލްވަދާއު ކިޔުމަށެވެ. މަރުމަރުހިލައިގެ ބުދެއް ފަދައިން އެއްވެސް ހަރަކާތެއް ނެތި އޮތް ދަރިފުޅަށް ނަޒަރު ހުއްޓަވާލެއްވުމާއެކު ލޮލުގައި ކަރުނަ ހިނގާލީ އަމިއްލަ ޒާތުގައެއް ނޫނެވެ. ހިތްވަރު ކުރެއްވިޔަސް ހިތް ކުދިކުދިވެ ފައިބައިގަތް ފަދައެވެ. މި ކުޑަ ދަރިފުޅު ދުނިޔޭގައި ހުއްޓާ މައިންބަފައިން ކައިރިއަށް އައުމަށް މެދުވެރިކުރެއްވިއެވެ. ނަމަވެސް އެކަން ބަލައި ނުގަނެވުނީއެވެ. ކުރިން އެނގުނުނަމައެވެ.
ތައިމޫރު ކެމީލާގެ އަތުގައި ފިރުމައިލެއްވިއެވެ. އެ ހިމަ ހޯލި އިނގިލިތައް ދަމާލެވިފައެވެ. ގަނޑުފެންކޮޅެއްވެސް އެހާ ފިންޏެއް ނުވާނެއެވެ.
"ދަރިފުޅާ. ސޮރީ. ބައްޕައަށް ނޭގުނީ..." ތައިމޫރު ގުދުވެލައްވާފައި ކެމީލާގެ ތަނަވަސް ނިތަށް ބޮސްދިނެވެ. އެވަގުތު ލޮލުން ވެއްޓުނު ކަރުނަތިކި ކެމީލާގެ އެސްފިޔަތަކުގައި ބީހިލުމާއެކު ކުޑަކޮށް ހަރަކާތްކޮށްލިހެން ހީވިއެވެ. ސޯފިއާގެ މަޑު ގިސްލުމުގެ އަޑު މެޝިންތަކުގެ އަޑުގެ ތެރެއަށް ގެނބުނެވެ.
"ޝީޒް ވޭކިން އަޕް މިސްޓަރ ޕްރެޒިޑެންޓް.." އެތާހުރި ނަރުސް އުފާވެރި އަޑަކުން ބުނެލިއެވެ.
"އަލްހަމްދުލިﷲ.." ސޯފިއާއަށް ރުއިމުގެ ތެރެއިން ހީލެވިއްޖެއެވެ.
ނަރުސް ކުދިން އަވަސްވެގަތީ ޑޮކްޓަރަށް ގުޅުމަށެވެ.
ކެމީލާ ލޯ ހުޅުވާލީ ލަސްލަހުންނެވެ. އުދަގުލެއް ވެގެން އުޅޭ ފަދައެވެ. ދެލޯ ބިއްލޫރިކޮޅެއް ފަދައެވެ. އެކަމަކު އެ ނަޒަރު ތައިމޫރާއި ސޯފިއާގެ މޫނަށް ހުއްޓުނެވެ.
"ދަރިފުޅު..........."ސޯފިއާއަށް ގޮވާލެވުނެވެ.
ކެމީލާ ކަންބޮޑުވިފަދައެވެ. ކުރިމަތީގައި މިތިބީ ބީރައްޓެހިން ކަމުގައި ދެކޭއިރު މިފަދަ ގަޑިއެއްގައި ވާނީ އެފަދަ ގޮތެއް ނޫންހެއްޔެވެ؟ އެދެލޯ ދުށުމަށް އެދެނީ އެހެން ބަޔެކެވެ. މާމައާއި ކިޔާންއެވެ. ޒައިރާއެވެ. ކެމީލާ ލޯ މަރައިލުމުން ސޯފިޔާއަށް ނަރުސްކުއްޖާއަށް ގޮވައިލެވުނެވެ. ކެމީލާގެ އަތުގައި ހިފާ ތަޅުވައިލެވުނީ ހާސްކަމާއެކުގައެވެ.
"އައި ތިންކް ޝީޒް ފައިން. އަޅުގަނޑަށް ހީވާގޮތުން ވަރުބަލިކަމުން ލޯ މެރުނީ ފަސްޓް ލޭޑީ.." އެކުއްޖާ ރަކިގޮތަކަށް ހީލަމުން މޮނިޓަރއަށް ނަޒަރު ހުއްޓައިލިއެވެ.
ޑޮކްޓަރުންގެ ޓީމު ވަނުމުން އެމީހުންނަށް ފުރުސަތު ދީފައި ތައިމޫރުގެ ދެމަފިރިން ބޭރަށް ނުކުންނެވިއެވެ. އަދި ކެމީލާ ހޭއެރިކަމުގެ އުފާވެރި ޚަބަރު ދިނެވެ. އޭރު ޒައިރާވެސް ހުރީ މިސްކިތުގައި އަންހެނުން ނަމާދުކުރަން ހުންނަ ބައިގާ މުސައްލަމަތީގައެވެ. އެތައް ފަހަރު އޭނަ ދުޢާކުރިއެވެ. އޭނަ މައްސަރެއްވާންދެން ރޯދަ ހިފަން ނަދުރު ބުނެލިއެވެ. މާމައާއި ކެމީލާއަށްޓަކައެވެ. މާމަވެސް މިހާރު މިހޮސްޕިޓަލަށް ބަދަލުކޮށްގެން ފަރުވާދޭން ފެށުނީއެވެ. އެދެމީހުންނާއި ކިޔާންއަކީ ޒައިރާގެ އެންމެ ލޯބިވާ ފަރާތްތަކެވެ. ލިބޭ ކޮންމެ އުފަލެއް އެމީހުންނާއި ހިއްސާކުރަން ބޭނުންވާ މީހުންނެވެ. ކިޔަވާ މޮޅު މީހަކަށްވަނީވެސް އެ މީހުންނަށްޓަކައެވެ. ދުޢާކޮށް ނިމުމުން ހިތަށް ފިނިކަމެއް ލިބުނެވެ. ބޭރުގައި ޖެހެމުން ދިޔަ ވައިރޯޅިއެއް އައިސް މޭގައި ބީހިލިފަދައެވެ.
"ހީއިޒް އޯލްމައިޓީ. ރަހީމްވަންތަ ރަހުމާންވަންތަ. ހުރިހާ މޫމިނުންގެ ދުޢާ ކޮންމެވެސް ސިފައެއްގައި އިޖާބަކުރައްވާނެ. މިހާރު ޔަގީނުންވެސް ހިތަށް ހަމަޖެހުމެއް ލިބިއްޖެ.." ޒައިރާ މިސްކިތުން ނުކުމެ އޭނަ ލައިގެން ހުރި ސްނިކާސްއަށް އެރިއެވެ. ފިރިހެންކުދިންތަކެއް އެހެން ދަމުން ބެހިލުމުން ކަޅި އަޅައިލިގޮތުން އެކުދިން ބިރުގަތްފަދައެވެ.
ޒައިރާ ލައުންޖަށް ވަނުމާއެކު ކޮއްކޮ ހޭއެރި ޚަބަރު ލިބުނެވެ. އަތް ހިއްލާލާފައި ވައްތަރެއް ޖައްސާ ހަޅޭއްލަވައިގަންނަން އުޅެފައިވެސް ތައިމޫރުގެ ދެމަފިރިން ފެނުމުން އަދަބުވެރިކަމާއެކު އިށީދެއްޖެއެވެ.
ވިޝާއާއި ތާނީވެސް އުފަލާއެކު ބައްދައިލިއެވެ.
"މިރެކްލްސް ޑޫ ހެޕެން އެއްނު. އެންމެންގެ ދުޢާތައް އިޖާބަކުރައްވައިފި. ޑޮކްޓަރުން އަދި އުއްމީދު ކަނޑާލިޔަސް ޝިފާ ދެއްވަނީ ވަކި ފަރާތަކުން...." ވިޝާއާއި ތާނީ ކެފޭ ކައިރީގައި ވާހަކަދައްކައިލަން ތިއްބެވެ.
"މިހެން ވީމަ ފެއިތް ވަރުގަދަވެއްޖެ. ކެންސަރަކީ ރަހުމަތެކޭވެސް ބުނެވިދާނެ. ބަލި ނުވިނަމަ އޯލްމައިޓީއާއި މިހާ ކްލޯޒް ނުވާނެ. އަދި ކެމީލާއާއި ދެމީހުން އެއް ރޫމް ޝެއާ ކުރަން ޖެހުމުން ރުޅިދައްކާ މައްސަލަ ޖެއްސުމުންވެސް ރޫމް ބަދަލުނުވީކަމީވެސް ހަމަ ހިކުމަތެކޭ ބުނެވޭނީ...." ތާނީ ހިނިތުންވެލިއެވެ. ވިޝާގެ ދެލޯ ހޯދަމުން ދިޔައީ އެންމެ ފަރާތެކެވެ. ޖައިޝްއެވެ. ޖައިޝް މިއަދު ޑިއުޓީއިން ނުފެންނަންވީ ސަބަބެއް އެއްގޮތަކަށްވެސް ނޭގެއެވެ. ކެތް ނުކުރެވިގެން ތާނީއާއި ހިއްސާ ކުރަން މަޖުބޫރުވިއެވެ.
"ވިޝާ ބުނަމެއްނު ހަލާލު ގޮތުގައޭ ފިރިހެންކުދިންނާއި ރައްޓެހިވާންވާނީ..."
"ޔޫ އާ ރައިޓް ތާނީ. އެކަމަކު ރައްޓެހިވާކަށް ނޫނޭ. ވަރަށް ލައިކް ވޭ. ޖައިޝް ވަރަށް ލާނެތް....." ވިޝާގެ ތުންފަތް މައްޗަށް ރަކި ހިނިތުންވުމެއް ވެރިވިއެވެ.
"ޕޭރެންޓުން އެލަވް ކުރާނެތަ؟ "
"ނޭގޭ...."
"ވިޝާ ޑާލިން. ޔޫ އާ ޖަސްޓް ފިފްޓީން. މެރީ ކުރެވޭނީވެސް އެއިޓީން ވީމަ. ދެން ހަމަ ޖައިޝް ދެކެ ލައިކްވެގެން އޭނައާއި ސަމާސާ ކޮށް އަނގައިން ބުނަންޏާ އެ ހަލާލު ގުޅުމަކަށްވާނެތަ؟ވިޝާ އަދި ލޯބީގެ ގުޅުމެއް ފަށާވަރަށްވުރެ މާ ޔަންގްއެއްނު. މިބުނީ އަހަރެމެން ދެން ދިވެހި ކުދިން އާއްމުކަމެއް. އޮޕޮޒިޓް ސެކްސް އަށް އެޓްރެކްޓް ވުމަކީ ނެޗުރަލް ކަމެއް އެކަމަކު ވިޝާފަދަ ޝޭޚެއްގެ ކުއްޖަކާއި ނުގުޅޭ. ދީނަށް އުޅެން ބޭނުންވެ ގުރުއާނާ ސުންނަތަށް ފޮލޯ ކުރަންޏާ ބޯއިފްރެންޑުންނެއް ނުގެންގުޅޭނެ. ޑިރެކްޓްކޮށް ކައިވެންޏާއި ހަމަޔަކަށްނު ދާނީ..." ތާނީ ވިސްނައިދިނެވެ.
"ހޫމް ތާނީ. އެކަމަކު. މައި ހާޓް.." ވިޝާ ކަންބޮޑުވިއެވެ.
"ހާޓްތަ ނޫނީ ޑެވިލް ވިޝާ ބޮލަށް އެރުނީތަ؟ ހެހެ" ތާނީ އެހިއެވެ.
"ސުބުހާނަﷲ. ތިބުނާހެން އަހަންނަށް މަގު އޮޅިއްޖެ."
"އެކަހަލަ ސިޗުއޭޝަންތަކާއި ދުރުވީމަ ރަގަޅީ. އެންމެ ފުރަތަމަވެސް ޖައިޝްގެ އެސިސްޓެންޓަކަށް ނުދިޔަނަމަ. ހެންޑްސަމް ބޯއިއެއްގެ ކުރިމަތީ އޭނަ ލޮލަށް ބަލައިގެން އެތައް އިރެއްވާންދެން އިނީމަ ހަމަ ފީލިންސްތައް ހުރެދާނެ......" ތާނީގެ ވިސްނުން ބަދަލުވީ ވަރުން ވިޝާވެސް ހައިރާންވިއެވެ.
"ތާނީ ހާދަ ބުއްދިވެރި ކުއްޖަކަށް ވެއްޖެއޭ..ދީނަށް ލޯބި ކުރާ ކުއްޖަކާއެކު އުޅެވޭކަން މިހާރު އެނގޭ." ވިޝާ ތާނީގެ ކޯތާފަތުގައި ހިފައިލިއެވެ.
"ވަރަށް އެބަ ޓްރައި ކުރަމޭ. އަރަބި ލާނިން ޕްރޮގްރާމެއް ފަށައިފިން. އަދި އެނގެނީ މިހާވަރަށް ހާޒާ ކުރުސިއްޔުން. ހާޒާ ކިތާބުން. ހާޒާ ސަރީރުން. ވަރަށް ލޯބިވޭ އަރަބި ބަސްދެކެ. ހުރިހަ މުސްލިމުން ދަސްކުރަން ޖެހޭނެކަމަށް ގަބޫލުކުރަން. ނޫނީ ފަހުން ރިގްރެޓްވެސް ކުރާނެ. އެޓްލީސްޓް ގުރުއާނިކް އެރެބް އުނގެނި ގުރުއާން ކިޔެވީމަ ތަފާތު އަސަރު ކުރުވާނެ. ކުރިން ބޭނުންވީ ސިންގާ އަކަށްވާން. މިހާރު ސްކޯލާއަކަށް ވާން ބޭނުމީ. ދުނިޔާ ޝުއައިބުފަދަ....." ތާނީ ބުނަމުން ދިޔައެވެ.
ވިޝާގެ ހިތުގައި މަސްހުނި އިހުސާސްތަކެއް އުފެދުނެވެ. ރަގަޅު ރަހުމަތްތެރިން ގެންގުޅުމުގެ މުހިއްމުކަން އެވަގުތު ރޭކާލިއެވެ. ގޯސް މަގަކުން ދަންޏާ ރަގަޅު މަގުދައްކާނެއެވެ. ޖަންނަތަށް ދިޔުމަށް އެކީ މަސައްކަތް ކުރާނެއެވެ. ތާނީއާއި ކެމީލާއަކީ އެފަދަ ދެ ރަހުމަތްތެރިންނެވެ. ޖައިޝްއާއިމެދު ހިތުގައި އުފެދެން ފެށި އިހުސާސްތައް ޗިސްކޮށްލާނީއެވެ. އޭނައަކީ އަދި މީހަކާއި އިންނަ ވަރަށް ވުރެ ޅަ އަންހެންކުއްޖެކެވެ. ފިރިހެނުންނާއިހެދި އުޅެގެން އޭނަގެ ތައުލީމާއި އަޅުކަމަށްވެސް ހުރަސްއެޅިދާނެއެވެ. ހިތުގެ މައްޗަށް އެހެން މީހަކު ވެރިކަންކުރިޔަ ދިނުމަށްވުރެ ބަލަންވީ މާތްﷲދެކެ ލޯބި އުފެއްދުމެވެ.
***
ވިޝާ ގެއަށް ދިޔުމުން ލިބުނު ޚަބަރަކުން ހިތް ހަލާކުވާވަރުވިއެވެ. އޭނަގެ ފޮޓޯތައް ލީކްކޮށް ބައްޕަައަށް ފޮނުވީ އެ ނުލަފާ ޖައިޝް ނޫން ދެވަނަ އިންސާނެއް ނޫނެވެ. މަންމަގެ ވާހަކަތަކުން ވިޝާ ލަދުން މޫނު އެއްކޮށް ރަތްވިއެވެ. ކޮޓަރިއަށްވަން ގޮތަށް ވިޝާ ރޮއިރޮއި ހަލާކުވިއެވެ. އެންމެ އިތުބާރު ކުރި އެންމެ ރީތި ފިރިހެނާއަކީ ހަމަ ޝައިތާނެއްފަދަ މީހެކެވެ. އޭނަގެ އަތުން ފޮޓޯ ވަގަށް ނެގި ގޮތެއްވެސް ނޭގުނެވެ. ނަމަވެސް އެ ފިރިހެނާ އޭނަ ގެ ކިތަންމެ ފޮޓޯއެއް ބަލައިފިއެވެ. މަންމަ ބުނި ގޮތުން ޖައިޝް ސްކައިމޯގެ ވަޒީފާއިން ވެސް ވަކިކޮށްލައިފިއެވެ. ޖައިޝް މިއަދު ޑިއުޓީއިން ނުފެނުނު ސަބަބަކީ އެއީއެވެ. ހާދަ ނުބައި ފިރިހެނެވެ.
***
ޖައިޝްއާއި ނީވް އާއި ދެބެން ކޮޓެޖެއްގެ ހިތްފަސޭހަ ބެކްޔާޑުގައި ތިބިއިރު އަތުގައި ހުރީ ހޫނު ޗޮކްލެޓާއި ކޮފީއެވެ. ޕަމްޕްކިން ޕައިފަދަ ގޭގައި ތައްޔާރުކޮށްފައިވާ ހޫނު ކެއުންތައް ތަބަކެއްގައި އަތުރާލާފައި ވެއެވެ. ދެކުދިން ބައްޕައާއެކު ޗުއްޓީ ހަދައިލަން ޔޫކޭގެ ޓައުނެއްގައި ދިރިއުޅޭ އެކުވެރިއެއްގެ ދައުވަތަކަށް އައީއެވެ. ބަދަލު ހިފުމުގެ ރޫހުގައި ކުރެވުނު ކަންތައްތަކަށް ޖައިޝް ހިތާމަ ނުކުރިޔަސް ނީވް ދެރަވިއެވެ. އެލީނާމެންނަށްޓަކާ އޭނަގެ ހިތުގައި ހަމްދަރުދީ އުފެދެނީ ކީއްވެ ކަމެއް ނޭގެއެވެ. އެ އާއިލާއާއިމެދު އޭނައަށް ބެލުނީ ރުހުމުގެ ލޮލަކުންނެވެ. ޖައިޝް ގާތު އެހެން ނުބުނަނީ ރުޅިއައިސްދާނެތީއެވެ.
"ބައްޕަވެސް ފްރެންޑް ފަދައިން އިނގިރޭސިއަކާއި އިންނާނެހެން ހީވޭ. ކުރީ ރޭވެސް އަންހެނަކާއި ވާހަކަދައްކަން ހުރިތަން ފެނުނު...." ޖައިޝް ނީވް ގާތު ބުނެލިއެވެ.
ނީވް ފޯނުން ސެލްފީއެއް ނެގިއެވެ.
"ބައްޕަ ވަރަށް ދުވަހަށް ހުރެފިއެއްނު. ހީޒް ދަ ބެސްޓް ޑޭޑް. މްމްމް އައި ލަވް އޯޓަމް..."ނީވް މޭޕްލް ފަތެއް ނެގިއެވެ. އޭގެ ފޮޓޯއެއްވެސް އެކިގޮތްގޮތަށް ނަގަންފެށުމުން ޖައިޝް ހިނި އައެވެ. އޭނަ ހަދާނަށް އައީ ކުޑަ ކުޑަ ވިޝާއެވެ. އެކުއްޖާއަށް އޭނަގެ ކަންތައް ފަޅާއެރުމުން ކިހާ ވަރެއް ވި ހެއްޔެވެ؟ ކުޑަކުއްޖަކަށްވިޔަސް އޭނައާއި ގަޔާވިކަން އޭނައަށް އެނގެއެވެ. އަންހެންކުދިން އޭނައާ އަޅައިގަންނަނީ އޭނަގެ ތަފާތު ކަމުންނެވެ. ހުރިހާ ޝުކުރެއް ހެއްދެވި ފަރާތަށެވެ.
"އަންހެންކުދިން އުޅޭނީ އަބަދު ފޮޓޯ ނުނެގިގެން...."
"ހެހެ. މިހާރު ދެން ފަގީރު ރެފިއުޖީއެއްކަމަށް ހެދިގެން އުޅޭކަށް ނުޖެހޭނެ. ބޭނުންވަރަކަށް ފޮޓޯވެސް ލެވޭނެ ވިއްޔަ..."ނީވް ހީލިއެވެ.
***
ތައިމޫރު ނަމާދުކުރެއްވުމަށްފަހު ހެއްދެވި ފަރަތަށް ހަމްދުކުރިއެވެ. ޝުކުރުގެ ސަޖިދައެއް ކުރެއްވިއެވެ. އޭނަގެ ދުޢާ އިޖާބަވީގޮތުން އީމާންތެރިކަން ވަރުގަދަވެ ބާރުގަދަ ފަރާތެއްވޮޑިގެންވާ ކަމަށް ގަބޫލުކުރެވިއްޖެއެވެ. މިހުރިހާ ދުވަހު ޒަކާތް ދިނުމާއި ސަދަގާތާއިމެދު ވިސްނާލާފައި ނެތަސް އޭނަ އަމީރުއަށް ގުޅައިގެން ސަދަގާތް ކުރަންވެސް ނިންމިއެވެ. ހިތުގައި ޖަހާފައިވާ ދަބަރު މަޑުމަޑުން ފިލާ ސާފުވާން ފެށިކަމުގެ އިހުސާސް ކުރެވެން ފެށިއެވެ.
ތައިމޫރާއި ސޯފިއާ އެންމެ ކުރިން ކެމީލާގެ ޚަބަރު ދިނީ މައިންބަފައިންނަށެވެ. އެންމެނަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އުފާވެސް ވިއެވެ. އެއީ އެމީހުންނަށް ބީރައްޓެހި ކުއްޖަކަށް ނުވިއެވެ. ކުރިން ބައްދަލުވެ ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިފައިވާތީއެވެ.
އާތިކާއާއި ފިރިހެންކުދިން ކޮޓަރީގައި އިންތިޒާރުކުރަމުން ދިޔައީ ރައީސް ތައިމޫރަށެވެ. ބައްޕަ ދައްކަވަން އުޅުއްވަނީ ކޮންފަދަ ޚާއްސަ ވާހަކައެއް ބާވައޭ އެންމެންގެ ހިތުގައި ސުވާލު އުފެދުނެވެ. ތައިމޫރާއި ސޯފިއާ އެކީގައި ކަހަލަ ގޮތަކަށް ވަންއިރު ޖުއާން އޮތީ ފޯނުން ގޭމް ކުޅޭށެވެ. އެހެން ކުދިންވެސް ފޫހިވެފައި ގަޑިއަށް ބަލަނީ ތަނަކަށް ދާން ލަސްވެގެން އުޅޭފަދައަކުންނެވެ. ބައްޕަމެން ކެމީލާގެ ވާހަކަ ދައްކަފާނެހެން ހަމަ ހީވަނީއެވެ. ބައްޕައާއި މަންމަ އެހާވަރުން އެކުއްޖާއަށް ވަގުތު ދީ ހަތަރުދަން ހޮސްޕިޓަލުގައި ހޭދަކުރާތީ އެނޫން ވާހަކައެއް ދައްކަފާނެހެން ހީވެސް ނުވަނީއެވެ.
ސޯފިއާ އެންމެ ކުރިން ނާދިރާގެ ވާހަކަ އިން މައުޟޫ ކުރިއަށް ގެންދިޔައެވެ. އޭނައާއި ނަތާއެއްގެ ވާހަކަ ދައްކަމުންގޮސް މާޒީގެ ސަފުހާތައް ހުޅުވައިލުމުން އަދި ޒުބުނާން އާ ކައިދަންއަށްވެސް އެކަކު އަނެކަކަށް ބަލައިލެވުނީ ކަންބޮޑުވެފައިވާ ގޮތަކަށެވެ. ލޭކެން އިނީ ނުލަފާ ހިންޏެއް އައިސްފައެވެ.
"ޓުވިން ލިބުނުކަން އެނގޭ. ޝީޒް ޑެޑް ނޫންތަ މަންމާ..." ޖުއާން އެހިއެވެ.
"އެހެން ހީކުރެވުނީ. އެކަމަކު އެކުއްޖާ އެބަހުރި. ސްވިޗް ކުރީ...ނަތާ ބަދަލު ހިފަންވެގެން ލިބުނު ފުރުސަތުގެ ބޭނުންކުރީ..."
"އޯ......މަމް. ދެން މަމް ބުނަން ތިއުޅެނީ އެކުއްޖާއަކީ ކެމީލާއޭ ތޯ؟ " ޖުއާން ހީލިޔަސް ހާސްވެ އެހެން ކަހަލަ އިހުސާސްތަކެއް ކުރެވުނެވެ.
"މި އާއިލާގައި ކިތަން ކުދިން ސްވިޗްވެއްޖެ ބާ. އައިޒަން އަލީޒާ ފަދަ ޓްވިންސްއިންވެސް މިގޮތަށް ބަދަލުކޮށް ނަސްލު އޮޅުމުގެ ކަންތައް ހިނގައިފި. މިއަށްވުރެ އާދަޔާ ޚިލާފު އާއިލާއެއް ކާއިނާތުގައި ވާނެކަން ނޭގޭ. އެނީވޭއިސް އައިމް ނޮޓް ބައިންގް ދިސް...." ލޭކެން ހިނިގަނޑެއް ޖެހިއެވެ.
"މީ ޓޫ. އަންބިލީވަބްލް.." ޖުއާން ހޭންފެށިއެވެ.
"އެ އަންހެންމީހާ ލާރިގަނޑެއް ހޯދަންވެގެން ހަދައިގަތް ވާހަކައެއް ނޫންތޯ ސޯފީ.." އާތިކާ ހަށަން ބަދެލިއެވެ.
"މަމް. ކޮބާ ހެއްކަކީ؟ އަޅުގަނޑުމެންނަށް ކޮއްކޮއެއް ކަމުގެ އިހުސާސް ނުކުރެވޭ. މިކަންތައް ގަބޫލުކުރަން ހާދަ އުދަގުލޭ...." ކައިދަންވެސް ހިތްހަމަނުޖެހޭގޮތްވިއެވެ.
"އެމީހުން ޑީއެންއޭ ހަދަން ބުނި. މިޒަމާނުގައި އެހާ ފަސޭހައިން މީހުންގެ ބޮލުގައި ދަރިން އަޅުވާލާފައެއް ނުދެވޭނެ. މެޑިކަލް ދާއިރާގައި އުޅޭ ކުދިން ވީމަ އަމިއްލައަށް ސާމްޕަލް ނަގައިގެން ގޮސް އަމިއްލައަށް ހަދަންވީއެއްނު. އަނެއްކާ ބޯންމެރޯ ޓެސްޓްއިންވެސް ކޮމްފާމް ވާނެ...." ސޯފިއާ ހަދާންކޮށްލަދިނެވެ.
".ބޯންމެރޯ ޓެސްޓެއް ހަދަން އަޅުގަނޑު ދެކޮޅު......" ޖުއާން ދެކޮޅުހެދިއެވެ.
"ދެކޮޅުހަދަންޏާ މިގެއިން ނުކުމެގެން ދޭ. މަގޭ ދަރިއަކަށް ވަންޏާ ބުނާގޮތަށް ހަދަން ޖެހޭނީ..." ސޯފިއާ ނުރުހުމާއެކު ބާރަށް ބުނެލިގޮތުން ޖުއާންއަށް އަސަރުކުރިއެވެ. ކެމީލާއަށްޓަކާ މަންމަ އޭނަވެސް ގުރުބާން ކުރަން ތައްޔާރަށް ހުރިކަން އެ ލަފުޒުތަކުން ދޭހަވެއްޖެއެވެ. ހިތަށް އުދަގޫވިއެވެ.
"ޖުއާން.ދަރިފުޅާ. ކޮއްކޮގެ ފުރާނަ ސަލާމްކޮށްދޭން ބޭނުމެއްނުވޭތަ؟ " ތައިމޫރު އައްސަވާލެއްވީ ރީތިކޮށެވެ.
"ޝީޒް ނޮޓް މައި ސިސް އޭ ޑޭޑް..." ޖުއާން ތުން އޫކޮށްލިއެވެ.
"އެކަން ޔަގީންކުރާކަށް ދަރިފުޅު ބޭނުމެއްނުވޭތަ؟"
"އޭނަގެ ބާތުޑޭވެސް އެހެން ދުވަހެއް. އަހަރެއްހާ ދުވަސް ތަފާތު.މިއީ ރޭވިގެން ހިންގާ ބޮޑު ޖަރީމާއެއް.." ޖުއާން އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލިއެވެ."ދޮންބެއަށް އެނގޭތަ؟ "
"އެންމެ ކުރިން މަންމަ ދޮންބެ ގާތު ބުނީ. ދޮންބެއަށް އަންޑަސްޓޭންޑްވި. ބުނި ޑީއެންއޭ ހެދީމަ ޔަގީންވާނެ ނޫންހެއްޔޭ. ދޮންބެމެން ވަރަށް އަވަހަށް އެބަައާދޭ. އެލްފްވެސް ލޫކާމެން ނުފެނިގެން ވަރަކަށް ހޯދަ ހޯދާފައި އެއުޅެނީ. " ސޯފިޔާ ބުނެލީ ހިނިތުންވެލަމުންނެވެ. އެދެލޮލުގެ ވިދުން ޖަވާހިރެއްފަދައެވެ. އުފާވެރިކަމުގެ ރީތިކަން މޫނުމަތި އިތުރަށް އުޖާލާކޮށްލައިފިއެވެ.
އެތައް އިރެއްވާންދެން އެކަމާއި ބެހޭގޮތުން ވާހަކަ ދެއްކުމަށްފަހު ތައިމޫރުއާއި ސޯފިޔާ ކާރުގައި މިސްރާބުޖެހީ ސްކައިމޯ ހޮސްޕިޓަލަށެވެ.
***
ތައިމޫރުގެ ދެމަފިރިންގެ އަޅާލުމާއި ލޯބީގެ ސަބަބުން ކުރީކޮޅު ކެމީލާ ކަންބޮޑުވިއެވެ. މަގުސަދަކީ ކޮބާބާވައޭ ހިތަށް އެރިއެވެ. ނަމަވެސް އެމީހުންގެ ހިތުގައި އޭނައަށްޓަކާ އިހުސާސްތައްވާކަން އެނގުނެވެ. އަދި އަމިއްލަ ހިތުގައި އެދެމަފިރިންނަށްޓަކާ ލޯތްބާއި އަޅާލުންވާކަން ދެނެގަނެވުނެވެ. ބޭބެމެންދެކެވެސް މެއެވެ. ކޮއްކޮ ގޮތުގައި ބަލައިނުގަތް ނަމަވެސް ހެވެވެ.
ކެމީލާ އައިސީޔޫއިން ނެރެގެން ގެންދެވުނީ ޕްރައިވެޓް ރޫމަކަށެވެ.
އަރާމުކަމުގެ އިންތިހާއެވެ. ސެވެންސްޓާރ ހޮޓަލެއްގެ ރޫމްފަދައެވެ. މިއީ އެ އާއިލާ މީހުންނަށް ޚާއްސަކޮށް ހަދާފައިވާ ސޫޓެއްކަން ކެމީލާއަކަށް އޭރަކު ނޭގެއެވެ. އޭނައަށް އޭނައަކީ ކާކުކަމެއްވެސް އޮޅުމެއް ނުފިލައެވެ. ސޯފިޔާ އަބަދުހެން އިންނަނީ ގާތުގައެވެ. ޒައިރާއަށްވެސް އެކަނިވެރިކަމާއެކު ވާހަކަަދައްކައިލެވޭނެ ފުރުސަތެއްވެސް އެ އާއިލާއަކުން ނުދިނެވެ. ކުއްލިއަކަށް މި މީހުން އެކުއްޖާއާއި ހެދި އުޅެގަތްވަރު ފެނުމުން އޭނައަށްވެސް ހުރެވުނީ ހައިރާންކަމެއް ލިބިފައެވެ. ލިބުނު ފުރުސަތެއްގައި ޒައިރާ ކެމީލާއަށް ވަރަށް ގިނަ އެއްޗެހި ކިޔާދިނެވެ. އަލުން އެގެއަށް ނުގޮސް އަމިއްލަ މަސައްކަތުން އަޒުމާއެކު މޮޅު މީހުންނަށް ވާނީކަމުގައި ބުނެ ހިތްވަރު ދިނެވެ.
ސޯފިޔާ ކެމީލާގެ އިސްތަށިގަނޑުގައި ފުނާ އަޅުވާދީފައި ވޫލްކޮޅަކުން އައްސާލަދިނެވެ. އެހެން މީހަކު ވަދެފާނެތީ ބިރުން ބުރުގާ އަޅަން އޭނަ ބޭނުންވިއެވެ.
"ބޭބެމެންނަށް ފެނުނަސް އޯކޭވާނެއޭ ލަވް.." ސޯފިޔާ ކެމީލާގެ ކޮލުގައި ފިރުމައިލިއެވެ.
"މަހުރަމުންނަށް ނުވާނެއްނު. އެޑޮޕްޓްކުރުމުން އެކަން އޮތްގޮތް ބަލައިފިން.." ކެމީލާ އިސްޖެހިއެވެ.
"ކިހިނެއް އެކަން އޮންނަނީ ދަރިފުޅާ..."
"އެޑޮޕްޓްކުރުން އަނެއްހެން ހުއްދައެއްނޫން. އެކަމަކު ޔަތީމުންނަށް ރައްކާތެރިކަން ދޭން ނޫނީ އެހީވެވިދާނެ. ފިރިހެންކުދިން ތިބި ގެއަކަށް ގޮސް އެއް ގެއެއްގައި އުޅޭކަށް ފަސޭހައެއް ނުވާނެ. އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރުވެރިވަން އަޅުގަނޑާއި މާމައަށް މިވަރަށް އެހީތެރިވެދެއްވާތީ. އެކަމަަކު އަލުން އެގެއަށް ދާކަށް ފަސޭހައެއްނޫން. އަޅުގަނޑު ދޮންތަމެންނާއެކު އުޅޭނީ..." ކެމީލާ އޭނަގެ ހިތުގައިވާ އެއްޗެއް ސާފުކޮށްދިނެވެ.
"ނޫން ދަރިފުޅާ. މަންމައަށް ދަރިފުޅާ ދުރުންނެއް ނޫޅެވޭނެ..."
ކެމީލާއަށް ސޯފިޔާގެ މޫނަށް ބަލާލެވުނީ ކަންބޮޑުވެފައިވާ ނަޒަރަކުންނެވެ. އެދެލޮލުން ކެމީލާއަށްޓަކާ ލޯތްބާއި އަޅައިލުން ނޫން އެހެން އެއްޗެއް ނުފެނެއެވެ.
ނުނިމޭ