"މީގެ ސަތޭކަ ވަރަކަށް އަހަރު ފަހުން ތިބާ އެކަނިމާއެކަނި ކަށްވަޅުގައި އޮންނައިރު ތިބާގެ އަތުގައި ފައިސާ ހުރި މިންވަރާއި ދުއްވި ކާރެއްގެ ވައްތަރާއި ތިބާ އުޅުނީ ކޮންކަހަލަ ގެއެއް ކަމާއިމެދު އެކަކުވެސް އަޅައެއް ނުލާނެއެވެ. އެ ދުވަހަކުން މުހިއްމުވާނެ ހަމަ އެކަނި އެއްޗަކީ ތިބާ ﷲގެ ރުހިވޮޑިގަތުން ހޯދުމަށް ކުރި ސާލިހު އަމަލުތަކެވެ. "

***

ޒައިރާ ފޭސްބުކަށް ވަނެވެ. އެންމެ ފުރަތަމަ ނަޒަރުގައި އަޅައިގަތީ "ސްޓޯރީސް އޮފް މިންކް" ޖަހާފައި އޮތް ޕޭޖެވެ. އެއީ މޮޅު ވާހަކަ ލިޔުންތެރިއެކެވެ. އޭނައަށް އެނގެނީ ނިކަން މޮޅު ލިޔުންތެރިއެއްކަމެވެ. އޭގެ އިތުރުން އެންމެ ފާހަގަވަނީ އެކުއްޖާ ދަތުރުކުރަން ހުންނަ ފޯރިއެވެ. ދުނިޔޭގެ އެތަން މިތަނުގައި ނަގާފައިވާ ރީތި ފޮޓޯތަކާއި ވީޑިއޯއިން އޭނަވެސް މޮޔަކުރުވައެވެ. ޒައިރާއަކީ މިންކްގެ އެންމެ ބޮޑު އެއް ފޭނެވެ. އެކުއްޖާއާއި ކޮންމެވެސް ދުވަހަކުން ބައްދަލުވުމަކީވެސް އުއްމީދެކެވެ. ޚަރީފުގެ ފޮޓޯތައް ފެނުމުން މޮޔަވިއެވެ. އެކި ކުލައިގެ ފަތްތަކުން ދޫލަ އެޅިފައިވާ ގެއެއްގެ ޕޯޓިކޯ ކޮންފަދަ ހިތްގައިމު ހެއްޔެވެ؟ ފިޔާތޮށިކުލައިގެ ޗެރީ ބްލޮސޮމްތައް ގަހުން ވެރެމުންދާއިރު މުޅި މަގުގައި އެ ކުލައިގެ ގަސްތަކެވެ. ސްނޯއިން ހުދުވެފައިވާ ރީތި ކޮޓެޖްތަކެވެ. ޒައިރާ ދަހިވާ ވަރުވިއެވެ. ދެން ވަދެވުނީ އޭނަ މިފަހުން ޗެކްކުރާ ލޭކެންގެ އިންސްޓަގްރާމަށެވެ. "ހޯމް ސްވީޓް ހޯމް" ޖަހާފައި މިއިނީ ރައީސްގެ ގެއަށެވެ.

"އެކްސްކިއުޒް މީ....." ކޮންމެވެސް މީހަކުގެ އަޑަށް ސިހިފައި އޭނަ އިސްއުފުލާ ބަލާލައިފިއެވެކުރިމަތީގައި ހުރީ ޖުއާންއެވެ. ޖީބަށް އަތް ޖަހާލައިގެން ހުރިގޮތުން "ފޮނި" ކަމެއް ހުއްޓެވެ. ނޫނީ އަވި އައިނު އަޅައިގެން އެހާ ރީތިކޮށް ހެދުން އަޅައިގެން ތިބުމުން ފޮނިކަމުގެ އިހުސާސް އެހެން މީހުންނަށް ކުރުވަނީއެވެ.

ބަނޑުހައިވެގެން ގޮސް އަނބުރައިގަންނަ ވަރުވުމުން އޭނަ ކެފޭއަށް އައިސް ކޮފީއަކާއި ޗީޒްކޭކް ފޮތްޗެއް ކައިގެން އެތާ އިރުކޮޅަކު މަޑުކޮށްލީ ގިގީއާއި ލޭކެން ޗެކްކޮށްލަން ވެގެންނެވެ. ޖުއާންއާއި ދިމާވެދާނެ ކަމަކަށް ނޫނެވެ.

"ހޭ ޖުއާން. ކިހިނެއް؟ "ޒައިރާ ހީލިއެވެ. ޖުއާން އެއްޗެކޭ ނުބުނެ ބަލަން ހުރީއެވެ. ބުނަންވީ އެއްޗަކާމެދު ވިސްނާފަދައެވެ.

"މި ލޭކެންގެ ވަރު ދެކެބަލަ. ސްވީޓް ހޯމް ކިޔައިގެން އިންސްޓަގްރާމަށް މިހިރީ ޖުއާންމެންގެ ގޭގެ ފޮޓޯ ލާފައި.." ޒައިރާ ފޯނު ހުޅުވާލަފައި ދެއްކިއެވެ. "އެކުވެރިކަމުގެ ފައިދާ ނަގަން މޮޅު ފިރިހެނެއްތާ."

"ނޮން އޮފް ޔޯ ބިޒިނަސް . ޒައިރާމެން ކީކޭ ކިޔައިގެންބާ މަންމަ އެވަރަށް ހިތާމަކުރަނީ؟ ކެމީލާ މަރުވަނީތަ؟ "

"އެންމެންވެސް މަރުވާންވީމަ ލަހެއް ފަހެއްނުވާނެއޭ މާމަ ބުނޭ..."

"މާމަ ނުބުންޏަސް އެކަން އޮންނާނީ އެހެންކަން ވިސްނާލިޔަސް އެނގޭނެ. އެކަމަކު މަންމަގެ ސިކުނޑިވެސް ދޮވެލީތަ؟ ޔޫ ގައިސް އާ ގްރޭޓް އިނގޭ. މަންމަގެ ހިތް އަތުލައިފި. ކީއްކުރީ...." ޖުއާން ވާހަކަ ހުރީ ހިތްހަމަނުޖެހިފައިވާ ފަދަ ގޮތަކަށެވެ.

"މަންމައާއި ފަސްޓްލޭޑީ ކޮފީއަކަށްގޮސް ދެކެވުނު ވާހަކައެއް ދައްކާފައި އައިފަހުން ފަސްޓްލޭޑީ ވޯޒް ލައިކް......ނޭގޭ އަމިއްލަ ދަރިއެއް އައިސީޔޫގައި އޮތަސް މީހަކު އެވަރެއްނުވާނެ..އުނހު. ވާނީ ހަމަ އެވަރު. އަމިއްލަ ދަރިއެއްހާ ލޯބިވާފަދަ. އަހަރެންވެސް އެކަމާއިމެދު ވަރަށް ހައިރާންވެ ސުވާލުވެސް ކުރަން ހިތަށް އެރި. ފަސްޓްލޭޑީގެ އެކްޓެއް ނޫންކަން އެނގޭ. ބައެއްމީހުން ހިތަށް އަރާފާނެ ދެއްކެންވެގެންނޭ. އެކަމަކު އެހެނެއްނޫން. ވަރަށް ޖެނުއިން ކަރުނަތައް." ޒައިރާ ކުޑަކޮށް ހެވިލާފައި ހުރެ ބުނެލިއެވެ. " ޖުއާން ކީއްވެ އަހަރެން ކައިރިން ތިއެހީ؟ މަންމަ ކައިރިން އަހަންވީމަ. ބައިދަވޭ އައިމް ގްލޭޑް ޔޫ ގައިސް އާ ހިއަ. އަދިވެސް ލިލީމެން ރާއްޖެއިން ބޭރުގައިތަ؟"

އެވަގުތު ޖުއާންގެ އެކުވެރިން ފެނުމުން އޭނަގެ ނަޒަރު އެކުދިންނަށް ހުއްޓުނެވެ.

ޒައިރާ ފޯނު ހުޅުވަލައިގެން ހުރެ ހިނގަމުން ދިޔައިރުވެސް ބެލުނީ ލޭކެން ލާފައި ހުރި ފޮޓޯތަކަށެވެ. ފޮނި ފިރިހެނެއްތާއެވެ. ނިކަން ފޮނި ކަނޑާފައި އަގުބޮޑު ހެދުންތަކާއި ގަޑި އަޅައިގެން އިޝްތިހާރު އެބަކުރެއެވެ. ކޮމެންޓްތައް ގިނަކަމުން ބަލައިލެވޭ ވަރެއް ނޫނެވެ. ގެއްލިފައި ހުރެ ދަނިކޮށް މީހެއްގެ ގައިގާ އަޅައިގަތެވެ. އެމީހަކު އޭނަ އަތުގައިވާ ފޯނަށް ނަޒަރު ހުއްޓައިލިކަން އެނގުނީ ފާޑަކަށް ހިނގަނޑެއް ޖަހައިލީމައެވެ.

"މި އަންހެންކުދިން ހެހެ...."

"ޔޫ.........." ޒައިރާ ލޯ ބޮޑުކޮށްލީ ސިިހިފައި ގޮތަކަށެވެ.

"އެއްޗެއް ދަސްވެއްޖެ. ރީތި ގެއެއްގައި ހުރެ ފޮޓޯ ލާފައި ހޯމް ސްވީޓް ހޯމް ޖަހައިލީމަ ކިހާ ސަޅި. ކޮންމެހެން ރީތިވެގެނެއް ނޫން އިންސްޓަ ހޭވީ. ފޮނިކަނޑާވަރުން ބަލައިލެވުނީ. މިހާރުވެސް ލައިގެން ތިހިރަ ޓީޝާޓަކީ ޖުއާންގެ. އަތުގައި ވާ ގަޑިވެސް. ވަރަށް ޔަގީންކަމާއެކު މިބުނަނީ..........."

"ދަރިފުޅު...." އާތިކާ ނުކުމެގެން އަންނަމުން ގޮވައިލުމުން ލޭކެން އެނބުރި ބަލާލައިފިއެވެ.

"ކާފަ ކޮންމެވެސް ވަރަކަށް ވަރުބަލިވެ ބޮލުގައި ރިއްސާތީ އެބައުޅޭ. ޕްރެޝާ ޗެކްކޮށްލާ ވީގޮތެއް ބަލައިލަން ލޭކް ދާންވީނު............................." އާތިކާގެ ނުރުހުމުގެ ނަޒަރު ޒައިރާއަށް ހުއްޓުނެވެ. ޒައިރާ ދެލޯ ބޮޑުކޮށްފައި ރަގަޅަށް ލޭކެންގެ މޫނަށް ބަލާލައިފިއެވެ. އޭނައަށް އިވުނީ ރަގަޅަށް ހެއްޔެވެ؟ އާތިކާ ގޮވައިލީ ދަރިފުޅު ކިޔާފައެވެ. އާތިކާގެ ދަރިއަކީ ބާވައެވެ. އާތިކާ ގެ ލޮލުން އޭނަ ފިއްސައިލާނެފަދަ ނަޒަރަކުން ބަލަން ހުރީ އޭނަ ލޭކެންއާއި ހިތާވެގެން އުޅޭކަމަށް ހީކޮށް ކަމަށް ވެދާނެއެވެ. ޒައިރާ ހިނި އަންނަގޮތްވިއެވެ. އޭނަ އާތިކާއަށް އިވޭވަރަށް އެއްޗެކޭ ބުނެލަން ބޭނުންވިއެވެ.

"ސޮރީ ނޮޓް މައި ޓައިޕް"

ލޭކެންގެ މޫނަށް ރަތުގެ އެތައް ކުލައެއް ޖަމާވިއެވެ. އެންމެންގެ ތެރޭ އެހާ ބާރަށް އަދި އެހެން ބުނެލާފައި ނިކަން ކެޓްވޯކް ހިނގުމެއްގައި ދަބަސް ހޫރުވަމުން ގޮސް ހޮސްޕިޓަލުންގެ މާލަމަށް ވަދެ ލޯމަތިން ގެއްލުނެވެ. އާތިކާ ލޭކަންއާއެކު ކާރާއި ދިމާލަށް ދަމުން ވާހަކަދެއްކިއެވެ. ޒައިރާމެންގެ އަދަބެއް އަޚުލާގެއް ނެތް ވަރާއި އެފަދަ އާއިލާގެ ކުދިންނާއި އަނގައިން ބުނުންވެސް ނުރައްކާތެރިކަމުގައި ހަދާންކޮށްދިނެވެ. ލޭކެން ގެ ހިތުގައި އެހެން ޚިޔާލެއް އެނބުރުނެވެ. ޒައިރާ ލަދުގަންނަވާލުމެވެ.

ޒައިރާ އެތެރެއަށްވަދެ ހިނގުން މަޑުކޮށްލިއެވެ.

"މި މީހުން މިހާ ފޮނިވެގެން އުޅެނީ ފައިސާ ހުރެފައި ބޭފުޅުންނަށްވީމަ. އާދައިގެ މީހުންނާއިމެދު ކިހާ ދަށް ނަޒަރަކުން ދެކެނީ. އިރާދަކުރެއްވިއްޔާ ކޮންމެވެސް ދުވަހަކުން މި މީހުންނަށް ވުރެ މޮޅުވާނަން. މޮޅަށް ކިޔަވައިގެން މޮޅު މީހަކަށްވެގެން ރާއްޖޭގެ އަންހެން ރައީސްކަންކުރާނީ. އެހެންޏަ..އަދި މި ފަސްޓްލޭޑީ އުޅުއްވާ ގޮތަކުން ހަމަ ފޫހިވެސް ވޭ. ހާދަ ފޮންޏޭ. އައި ހޭޓް ހާރ. އެނގިއްޖެ. ރައީސްއަކާއި އިންނާނީ. ފަސްޓްލޭޑީއަކަށްވާނީ. ތައިމޫރުއާއި އިންނަން ޖެހުނަސް އިންނާނީ. ......." ޒައިރާ ގެ ޚިޔާލީ ވާފަށް ނިކަން ދުރަށް އެއްލާލައިފިއެވެ.

"ދެ އަނބިން ތިބިގޮތަށް ހަތަރު އަނބިންވެސް ހޯދިދާނެއްނު....އެކަމަކު އެގޮތަށް އެހެންމީހުންގެ މުއްސަދިކަން ފޭރިގަތުމުގެ ބަދަލުގައި އަމިއްލައަށް ކިޔަވައިގެން މޮޅުވިއްޔާ މާ ރީތިވާނެކަން ނޭގޭ..އެކަމަކު ދެން ލިލީއާއި ހެދިވެސް އެމީހުން އުޅެނީ ކީއްވެތަ؟ އެހާ ބަލިވީމަ މިއަދު އައުމުގެ މާނައެއް ނެތް. ގެއިން ނެރެލާފައި..ލިލީ އަލުން ލޯ ހުޅުވައިފިއްޔާ ބުނާނަން އެކަހަލަ މީހުންނާ ގުޅުން ނުބާއްވާށޭ. ދެވަނަފަހަރަށް މާ ނުބައި ބަދުނާމެއް ބޮލުގައި އަޅުވާފައި ދެރަކޮށް މަގަށް ނެރެލާނެ. އެހުރިހާ ހިލޭ ފިރިހެނުންގެ ތެރެއަށް ދާކަށް ލިލީވެސް އެއްބަހެއްނުވާނެ. ލިލީއަށް ވިސްނައިދޭނީ............."

 

***

ސޯފިޔާ އެހާވަރަށް ރޯން ޖެހޭ ސަބަބެއް ތައިމޫރަކަށްވެސް ނުވިސްނުނެވެ. އެ ކަރުނަތައް ހުއްޓުވުމަށް ތައިމޫރަށްވެސް ކުރެވުނު މާ ބޮޑުކަމެއް ނެތެވެ. އެތައް ވަރަކަށް ވިސްނާދިނުމުން ހަމަޔަކަށް އެޅުނެވެ. ތައިމޫރު އަތުލަފިކޮށްގެން ގޮސް އައިސީޔޫއަށް ވަދެ ކެމީލާ އޮތް އެނދާއި ހަމަޔަށް ގެންދިޔައެވެ. ކެމީލާ ވަރުބަލިގޮތަކަށް ނިދާފައި އޮތްފަދައެވެ. ހޮޅިތައް ގުޅާފައި އޮތްތަން ފެނި ހިތް ކުދިކުދިވެގެން ފައިބައިގަތެވެ. ކެމީލާ އޮތް ހާލު ފެނިފައި ހިތަށް ތަދުވިއެވެ. ސޯފިޔާއަށް އެ ހިކި އަތުގައި ފިރުމައިލެވުނެވެ. ނިކަން ލޯބިންނެވެ.

"މަންމަގެ ލަވް..މަންމަ މިއައީ. ދެން ދަރިފުޅުގެ މިއަތުން ދޫކޮށެއް ނުލާނަން..ދަރިފުޅު އެންމެ ފަހަރަކު ނަމަވެސް ލޯ ހުޅުވާލާފައި މަންމައާއި ބައްޕައަށް ގޮވާބަލަ. ވަރަށް ލޯބިވޭ ދަރިފުޅާ. ދަރިފުޅަށް އެނގޭތަ؟ މަންމަ ކެމީލާ ދުރަށް ފޮނުވައިލީ ފޮނުވާލާ ހިތަކުންނޫން. ހިތް ކަރުނަ އެޅި. އަބަދުވެސް ތިއީ ހަމަ ޕްރެޝަސް ކުއްޖެއް. މަންމަގެ ރާނީ.........." ސޯފިޔާއަށް ރޮވޭގޮތްވިއެވެ. އައި ކައިރީގައި ހުރި ތައިމޫރުގެ އަތް ގެނެސް ކެމީލާގެ އަތްތިލައާއި ގުޅުވައިލަދިނެވެ. "މިހިރީ ބައްޕަވެސް އައިސް.....ވޭކް އަޕް ބޭބީ. ވީ ވިލް ނެވާ ހާޓް ޔޫ އެގެއިން....."

މެޝިނުގެ އަޑު ގަދަވިއެވެ. އެލާމް އަޅަންފެށިއެވެ.

ސޯފިއާ ކަންބޮޑުވެގެން އަނގަމަތީގައި އަތް އަޅާލަމުން ދުރަށް ޖެހިލާ ތައިމޫރުގެ މޫނަށް ބަލަންފެށިއެވެ. ދަރިފުޅަށް އެއްވެސް ގެއްލުމެއް ނުރައްކަލެއްވެދާނެ ފަދަ އަމަލެއް ކުރަން އޭނަ ބޭނުމެއްނޫނެވެ. ތައިމޫރަށް ކެމީލާގެ ހަގީގަތް ކިޔާދޭ ހިތުން ކެތްމަދުވެފައި ހުއްޓަސް ނާދިރާ ދެއްކި ވާހަކަތައް ހަދާންވުމުން އެއަތުން ދޫކޮށްލެވިއްޖެއެވެ. ތައިމޫރުގެ ކުށަށް މާފުދޭން ހިތަށް ފަސޭހައެއް ނޫނެވެ. އެހެން ހާލަތެއްނަމަ އަދި ތައިމޫރުއާއި އަނގައިން ބުނަންވެސް ފަސޭހައެއްނުވީހެވެ. ނަމަވެސް އަމިއްލަ ނަފުސަށްވުރެ އިސްކުރަން ޖެހިފައިވާ އެހެން ފަރާތެއް މަރާއި ހަގުރާމަކުރަމުންދާ ދަނޑިވަޅެއްގައި އެހެން ދިމާލަކަށް ވިސްނުން ހިންގުން ބޭނުމެއްނުވިއެވެ. އެހެން ހަގުރާމައެއް ކުރާނެ ހަކަތައެއް ހިތްވަރެއް ނެތެވެ. ތައިމޫރު ދެވަނަފަހަރަށް ސޯފިއާގެ އަތުގައި ހިފައިގެން ގަދަކަމުން ކަހަލަގޮތަކަށް ބޭރަށް ގެނުވިއެވެ. އެހެން ކުދިން ގާތު އެތާ މަޑުކުރަން އަންގާފައި އޭނަ ގަސްތުކުރީ ސޯފިޔާ ގެއަށް ގެންދާށެވެ. އެއްޗެއް ކައިގެން އަރާމުކޮށްލުމަށްފަހު ބޭނުމިއްޔާ އަނެއްކާ އަންނަންވީއެވެ. އެހެން މީހުންގެ ތެރޭ ދެކޮޅު ހަދަން ނުކެރިހުރި ސޯފިޔާ ހިތާއި ދެކޮޅަށް ގެއަށް އައެވެ. ސިޓިންރޫމް ގެ ސޯފާއާއި ހަމަޔަށް އައުމާއެކު ތިރިވެވުނީ ސޯފާއަށެވެ. ވާނުވާ ނޭގި ހުރި ތައިމޫރުއަށް ވާހަކަ ދެއްކުނީ ތަންކޮޅެއް ބާރަށެވެ.

"އަމިއްލަ ދަރިއަކު ބަލިވެގެން ވެސް ސޯފީ ތިވަރު ނުވޭ...."

"އެއީ އަމިއްލަ ދަރިއެކޭ. ހުރި އެންމެ އަންހެންދަރި. ނާދިރާ ހުރިހާ ވާހަކައެއް ކިޔާދީފި..ނަތާއާއި އޮތް ގުޅުން. ދަރިއަކު ލިބުނު ވާހަކަ. ކައިވެންޏަށްފަހުވެސް އޭނައާއި އޮތް ގުޅުމުގެ ވާހަކަ. އެކަމަކު އެހުރިހާ ވާހަކަތަކަށްވުރެ ބޮޑުވީ ކެމީލާއަކީ ޖުއާންގެ އެއްމާބަނޑު ކޮއްކޮކަން އެނގުނީމަ.."ސޯފިޔާ ވަގުތުން ސީދާ މައުޟޫއަށް ދިޔައެވެ. ކަރުނުން ފުރިފައިވާ ދެލޯ ތައިމޫރުއާއި އަމާޒުކޮށްލިއެވެ.

"ވަޓް؟ " ތައިމޫރު ސިހުނެވެ.

ސޯފިޔާ ހުރިހާ ވާހަކަތަކެއް ކިޔާދިނުމުން ތައިމޫރުގެ ސިކުނޑިއަށް ފެނުނީ ފުރަތަމަ ދުވަހު ކެމީލާއާއި ދިމާވި މަންޒަރެވެ. ފުރަތަމަވެސް އެ މައުސޫމް ތާޒާ ކުޑަ މޫނު ފެނި ހިތުގައި އުފެދުނު ކުލުނެވެ. ނޭގިވެސް ވަގުތުން ދަރިއެއް ކަމުގައި ބަލައިގަނެވުނު ގޮތެވެ. އެކުއްޖާއަށްޓަކާ އުފެދިގަތް އިހުސާސްތަކެވެ. އެއީ ދޮގަކަށް ނުވާނެއެވެ. ނާދިޔާ ހެދި ދޮގަކަށް ވިޔަސް އެ އިހުސާސްތައް ދޮގަކަށް ނުވާނެ ނޫންހެއްޔެވެ؟އެގޮތަށް ދަރި ކުލުނު ހިނގިކަމީ ހަގީގަތެއްކަން އަންގައިދިން ކަމެވެ. ނަތާއާއި ގުޅުމެއް އޮތަސް އަދި އެބުނީ ކޮން ދަރިއެއްގެ ވާހަކައެއް ހެއްޔެވެ؟ އެހުރިހާ ކަމަކަށްވުރެ މުހިއްމުވީ ކެމީލާއެވެ. ތައިމޫރުއަށް ކުރި ފުން އަސަރުތައް އޭނަގެ ހަށިގަނޑުގެ ހަކަތަވެސް ހުސްކޮށްލައިފިއެވެ. ނަމަވެސް ހިތްވަރުކޮށްލާފައި ސޯފިއާގެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ. ކޮޓަރިއަށް ގެންގޮސް އަރާމުކުރަން ބޭއްވިއެވެ. އަދި ކާއެއްޗެހި ހިފައިގެން ގެނެސް ކާންދިނެވެ. އެއަށްފަހު ހޮސްޕިޓަލަށް ގެންދާނަން ކަމުގައި ބުނުމުން ބަސްއަހާ ކުޑަކުއްޖެއް ފަދައިން ސޯފިއާ ކައި ނިންމައިލިއެވެ.

"ނާދިރާ ހެދީ ދޮގުކަމުގައި ވިޔަސް ތެދު ކަމުގައިވިޔަސް އަހަރެމެން ކެމީލާއަކީ ދަރިފުޅުގެ ގޮތުގައި ބަލައިގަތީ. ހިތުގައި އޮތް އިހުސާސްތައް ދޮގަކަށް ނުވާނެ. އަމިއްލަ ދަރިއެއް ފަދައިން ލޯބި ޖެހިއްޖެ. އަދި ތި ޚަބަރު އިވުމުން ކުރެވުނު ފީލިންގްސްތައް ބުނެދޭކަށް ނޭގޭ. ހިނގާ ދަރިފުޅު ދެކެލަން ދަމާ. " ތައިމޫރުގެ ވާހަކަތަކުން ސޯފިޔާއަށް ކުޑަކޮށް ހީލެވުނެވެ.

"ގުދުރަތުން އެ ދަރިފުޅު އަނބުރާ ލިބުނީމަވެސް ދޫކޮށްލެވިއްޖެ. ދުރަށް ލެވިއްޖެ. އެކަމުގެ ސަޒާ ލިބުނީކަން ނޭގޭ......." ސޯފިއާ މަޑުމަޑުން ބުނެލިއެވެ.

ތައިމޫރު ގެވެސް އޭނަފަދަ ވަރުގަދަ އިހުސާސްތައް ކެމީލާއަށްޓަކާ ހުރިކަން ޔަގީންވުމަކީ ލިބުނު ތަފާތު އުފަލެކެވެ.

***

ބޯ ވާރޭގެ ތެރޭ އަދި ހޮސްޕިޓަލަށް ދިޔުމުން ލިބުނު ޚަބަރަކީ ކެމީލާގެ ގުނަވަންތައް ފެއިލްވާން ފެށިކަމެވެ. ނާދިރާ ބުނީ ޑޮކްޓަރުން އުއްމީދު ކަނޑާލައިފިކަމުގައެވެ. ތައިމޫރުއާއި ސޯފިއާއަށް ޝޮކެއް ލިބުނެވެ. ކުރި އަސަރެއްގެ ބޮޑުކަމުން ސޯފިއާ ޚަބަރުހުސްވެގެން ވެއްޓުނެވެ. ސޯފިއާއަށް ވީވަރު ފެނި އާތިކާވެސް ކޮންވެސް ވަރަކަށް ކަންބޮޑުވިއެވެ. ސޯފިއާގެ ހިތުގައިވާ ލޯބީގެ ވަރުގަދަކަން ފެނި އަޖައިބުވެސްވިއެވެ. އޭނަގެ ހިތުގައި އެހެން މީހެއްގެ ދަރިއަކަށްޓަކާ މިވަރުގެ ލޯތްބެއް ނުއުފުދޭނެކަން ޔަގީނެވެ. ނަމަވެސް ހުރިހާ އިންސާނުން އެއްގޮތެއް ނުވާނެ ނޫންހެއްޔެވެ؟ ސޯފާގެ އެއްކޮޅުގައި ކެމިސްޓްރީ ފޮތްތައް ބަހައްޓައިގެން ކިޔަވަން އިން ޒައިރާ އުއްމީދު ކަނޑައެއްނުލައެވެ. އޭނައަށް ކެމީލާއާއި ހެއްދެވި ފަރާތާއި އޮތް ގުޅުން އެނގެއެވެ. ދުނިޔެއިން ދާން ޖެހުނަސް ކެމީލާ ދާނީ އުފަލުންނެވެ. ޒައިރާ އެންމެން ގާތު އެދުނީ ގުރުއާން ކިޔަވާ އަޑު ކެމީލާއަށް އިއްވުމަށެވެ. ކެމީލާގެ ހިތާއި ރޫހަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭނީ ގުރުއާން އިވުމުން ކަމަށާއި ގުރުއާނަކީ ޝިފާއެއްކަމުގައި ބުނެލިއެވެ.

ޒައިރާއަށް ތަންކޮޅެއް އޮޅުން ނުފިލައިގެން އަނގަޔަށް ފަންސުރު ޖަހައިގެން ވިސްނަން އިނދެފައި ޖުއާންއަށް ގޮވައިލިއެވެ. " މީތި ސޯލްވް ކޮށްދީފާނަންތަ؟ "

"އޭލެވެލް ހަދާއިރު މަށަށް ކިހިނެއް އެނގޭނީ؟ ލޭކް. މީތި ސޯލްވް ކޮށްދޭށޯ.." އެހެން ލާފައި ދިޔަ ލޭކެންއަށް ގޮވައިލުމުން އޭނަ ގާތަށް އައެވެ.

"ސޮރީ. އެނގުނަސް ބުނެދޭކަށް ނޫޅެން. ޓިއުޝަން ދޭ މީހެއްނޫނޭ..."

"ތި ބޭފުޅާ ކައިރިން އަހާކަށް އަދި ނޫޅެމޭ...." ޒައިރާ ދޫނެރެފައި ވައްތަރެއް ޖައްސައިލިއިރު އާތިކާއަށްވެސް އެ ލައުންޖަށް ވަދެވުނީއެވެ. އާތިކާއަށް އެ މަންޒަރު ފެނުމުން އާދެވުނު ރުޅީގައި ޒައިރާގެ މޫނުމަތީ އެތިފަހަރެއް ޖަހަން ބޭނުންވިއެވެ. އޭނަގެ ހުރި އެންމެ ފިރިހެންދަރިއާއި އަޅައިގަނެގެން އުޅެން އެންމެ ބޭނުންނުވާ އަންހެންކުއްޖާ ހަމަ ފަހަތުން ނެއްޓެން ނޭގިގެން އަދި "ފްލާޓް"ވެސް ކުރަންފެށީއެވެ. މުއްސަދިކަން ބޭނުންވިޔަސް ބޮޑުވަރެވެ. މި އާއިލާ ފިރިހެންކުދިންނާއި ހެދި ފަގީރު އަންހެންކުދިން އުޅެގެން ކާމިޔާބު ކުރާވަރު ނިސްބަތުން މަދެއް ނޫނެވެ.

މަންމަ ފެނުމުން ލޭކަން އޭނަގެ މަންމައާއި ކުޑަކޮށް ވާހަކަދައްކާފައި އެތަނުން ދާން ހިނގައިގަތުމުން ޒައިރާއަށް މަޖާވިއެވެ. އާތިކާ ބިރުގަންނަނީ ކީއްވެކަން އޭނަގެ ޟަމީރު ބުނުމުން އިތުރަށް ލޭކެންއާއި ދިމާކުރާހިތްވިއެވެ. އޭނަގެ ހިތުގައި އޮތްގޮތް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. މި ޝާހީ ޚާންދާނުގެ މީހުންނާއި ވައި އެޅެންވެސް ހިތެއް ނޭދެއެވެ. އެމީހުންގެ ޝަޚުސް ދެނެގަނެ އެ މޮޅުކަމަށް ފަޚުރުވެރިވާކަން އެނގިއްޖެއެވެ. އޭނަވެސް ބޭނުންވަނީ އަމިއްލަ މަސައްކަތުން މޮޅު މިނިވަން ކުއްޖަކަށް ވާށެވެ. އޭރުން ބަޔަކު ކިޔާނެ އެއްޗެއް ނޯންނާނެއެވެ. ކެމީލާ ބަލިކަމުން ހިތާމައިގާ އިންއިރުވެސް އަތުން ފޮތް ދޫކޮށްނުލާ އިންނަނީ އެހެރަ އަޒުމަކުންނެވެ. ކެމީލާ ބަލިން ރަގަޅުވެއްޖެއްޔާ އޭނަ ކެމީލާއަށްވެސް ދޭނެ ނަސޭހަތަކީ އެއީއެވެ.

***

ބިލިއަނަރުން އަދި ގިނަ މުއްސަދި އާއިލާތަކާ މަޝްހޫރު މީހުންނަށް ފައިސާ ލިބި ދުނިޔޭގެ އުފާތަކަށް ހެއްލުމުން މުސްލިމުންނަށްވިޔަސް ދީނާއި ދުރުވެއެވެ. ދުނިޔޭގެ ޒީނަތްތެރިކަމަށް ހެއްލެއެވެ. ވަގުތީ ގޮވަތިކަން އެނގޭއިރުވެސް ކުޑަ ދުވަސްކޮޅެއްގެ އުފާތަކަށްޓަކާ ހެއްލި އާޚިރަތުގެ ނަސީބާއި ރަހުމަތުން ދުރުވެއެވެ. އަދި ނަސާރާއިންނާއި ޔަހޫދީންގެ އަވައިގަ ޖެހި ދީނާއި ދުރުވެ އަދި ދީން ދޫކޮށްލާ މީހުންވެސް ތިބެއެވެ. ތައިމޫރުގެ އާއިލާއަކީވެސް ދީނާއި އެހާ ގާތް ބަޔެއްނޫނެވެ. އެ އާއިލާގައި ތިމަންނައަކީ މުސްލިމެއްނޫނޭ ބުނަން ކެރޭ މީހުންވެސް އެބަތިއްބެވެ. ތައިމޫރުވެސް ވީ އެފަދަ މީހެއްގެ ގޮތުގައެވެ. އަގީދާ ބަލިކަށިކަމުން ދެކޮޅަށް ކިރެއެވެ. އެހެން ހުއްޓާ ކުރިމަތިވީ ވަރުގަދަ އިމްތިހާނެކެވެ. ދުނިޔޭގެ ހުރިހާ އުފަލެއް ލިބުމުގެ އިތުރުން އޭނަ ވީ ގައުމެއްގެ ވެރިޔާކަމުގައެވެ. އެކަމަކު މިއަދު ކުރިމަތިވީ ތަފާތު އިމްތިހާނެކެވެ. ހުރިހާ ފައިސާއެއް ދީގެންވެސް އޭނަގެ ލޯބިވާ ދަރިފުޅު ސަލާމަތް ކުރެވެން ނެތީއެވެ. ސްކައިމޯއަށް ބަދަލުކޮށް އެންމެ މޮޅު ޑޮކްޓަރުންގެ ފަރުވާއާއި ހަމަޔަށް ގެންދެވުނުއިރު ކުއްޖާ އެންމެ ފަހުގެ ނޭވާތައް ދޫކުރަނީއެވެ.

ތައިމޫރު މިސްކިތަށް ވަނެވެ. ދުޢާކުރިއެވެ.

"ހުރިހާ އެއްޗެއް ގެންދަވާފައިވެސް އެ ދަރިފުޅު ސަލާމަތް ކުރައްވާދޭވެ. ޝޯ މީ އެ ސައިން ޕްލީޒް......."

 

***

އެލީނާ އެގޭގެ ފެންޑާގައި އިށީދެލައިގެން ބޭރަށް ބަލަން އިނެވެ. ދިރިއުޅެން އެންމެ ހިތްގައިމު އެއް ހިސާބެވެ. ޚަރީފު މޫސުމަކީ އެންމެ ރީތި ކުލަތަކުން ގަސްތަކާއި ބިންގަނޑު ފަވާފައިވާ ހިތްގައިމު ދުވަސްވަރެވެ. ލޫކާއާއި ލިލީވެސް ފިނިން ސަލާމަތްވާން ޖެކެޓްތައް ލައިގެން ފަތްތަކާއި ކުޅުމުގައި ތިބިއިރު އެކުދިންގެ އެއްވެސް ޚިޔާލެއް ފިކުރެއްނެތެވެ. އެލީނާ އެންމެ ދިރިއުޅޭހިތްވާ ތަނަކީވެސް މިއީއެވެ. ބަހާރު މޫސުމްގައި މިގޭގެ ބަގީޗާއާއި ޕޮޓްތަކުގައި އެތައް ކުލައިގެ މާތައް ފޮޅި އުފާވެރިކަން ގެނެސްދެއެވެ. ޓިއުލިޕް އައިރިސް ލެވެންޑާ ލައިލަކް ފިނިފެންމާ އަދި މީރުވަސްދުވާ މާތަކުން އެއްވަސް ވެލާފައެވެ. މޫސުމްފަދައިން ހަޔާތަށްވެސް އެކި ކުލަތައް އަންނާނެއެވެ. ދެރައީ އޭނަގެ ހަޔާތް އަބަދު ޚަރީފުކޮށް ފެންނާތީއެވެ.

ޝައުން ފޯނުގައި ހުރެފައި ގަސްތަކުގެ ތެރެއިން ނުކުމެގެން އައެވެ. މޫނުމަތިން ފެނުނީ ސީރިޔަސްކަމެވެ.

"އެލީނާ. އަހަރެން ކޮންމެހެންވެސް އެނބުރި ދާން ޖެހިއްޖެ. އައިމް ޓޭކިން މައި ކިޑްސް. އެލީނާ ދާން ބޭނުމިއްޔާ ދެވޭނެ. އެކޮޅަށް ގޮއްސަ ތިކަމާއި ބެހޭގޮތުން އަހަރެން ގޮތެއް ނިންމާނަން..."

"ނޯ......." އެލީނާ އެއްޗެކޭ ބުނަން އުޅުނެވެ.

"ދެޓްސް މައި ފައިނަލް ޑިޒިޝަން.." ޝައުން ނިންމިއެވެ.

***

ޖައިޝް އަމީރުއަށް ފޮނުވި ފޮޓޯތަކާއި ވީޑިއޯތަކުން ޝޭޚު އަމީރުއާއި ޝުވޭކާރަށް ފުން ހިތާމައެއް ލިބުނެވެ. ޖައިޝް އެދުނީ އެންމެ ކަމަކަށެވެ. ޖަލުގައިވާ އޭނަގެ ބައްޕަ މިނިވަންކުރުމަށެވެ. ބާރުގަދަ މީހުންގެ ނުފޫޒުން ބައްޕަގެ ކުށެއްނެތި ޖަލަށް ލީ ކަމުގައި އޭނަ ތުހުމަތު ކުރިއެވެ. އަމީރު ތައިމޫރަށްވެސް ގުޅުއްވިއެވެ. ތައިމޫރު ވައުދުވެލެއްވީ އެކަން ރަގަޅުގޮތަކަށް ނިންމަވާނެކަމުގައެވެ. ޖައިޝް ލައުންޖްގައި ނިކަން ހެވިލާފައި އޮތްވާ މިލާން ވަނެވެ.

"ވަޓްސް އަޕް"

"ހަގުރާމައެއް ކުރަނީ......"

"ގޭމެއްތަ؟ ވިންވާނެތަ؟ " މިލާން އެހިއެވެ.

"ސަކޭތަ ޕަސެންޓް. ޑިއުޓީއަށް އަންނަނީ ނިދަފައި ތެދުވާގޮތަށްތަ؟ މެސީ ހެއަ ބެޑްރޫމް އައިސް. ކަންތައް ކޮށްދޭން މީހަކާއި އިންނަންވީނު...." ޖައިޝް މިލާންގެ މޫނަށް ބަލައިލިއެވެ. މިލާންގެ "ތަފާތު" ކަން އޭނައަށް ކޮންމެވެސް ވަރަކަށް އެނގެއެވެ. މިލާން ކުޑަކޮށް ހީލާފައި ކޮފީއެއް އެޅިއެވެ.

"މަ އިންނާނީ މަގޭ އަމިއްލަ ނަފުސާ..." މިލާން އިށީނީ ދޫލަމަތީގައެވެ. އަދި ރިމޯޓުން ޓީވީ އޮންކޮށްލިއެވެ.

"ނޫހަށް އަރާނީ އޭރުންތާ. ޑޯގް މީދާ ނޫނީ ގަހާއިވެސް މީހުން އެބަ ކައިވެނި ކުރޭ. އޭ ތިވާހަކައެއް ނޫނޭ. ފަސްޓްލޭޑީވެސް އެޑްމިޓްކޮށްފައި ވަރަށް ސިކިއުރިޓީ ހައި މިތާ. އެކަމަކު އަޖައިބުވަނީ އެޑޮޕްޓްކުރި ކުއްޖަކާއިހެދި އެހާވަރަށް އުޅޭތީ. ކެމީލާ ވަރަށް ޕްރިޓީ. އެއާއިލާ ކުއްޖަކާއި ވައްތަރު...އެހެންވެސް ވާނެތާ. އެ ޚާންދާނުގައި އެކަހަލަ ކިތަންމެ ކަމެއް ހިނގާ. ޖިންނިންނާއިވެސް ގުޅިފަޔޯ އޮންނަނީ ހެހެ.................." ޖައިޝްގެ ވާހަކައަކަށް މިލާން ޝައުގެއް ނެތެވެ. އޭނަގެ ނަޒަރު ހުރީ ކާޓޫނަށެވެ.

"ކެމީލާ. އެ ނަން ރީތި"

"މިއަދު ރައުންޑް ހަދަން ދާއިރު އެކުއްޖާއަށް ވިޒިޓްކޮށްލަމާ. ދެމީހުން ވައްތަރުގޮތެއް ހުރި. ފަސްޓްލޭޑީ އެކުއްޖާ ބޭނުން ނުވެގެން އެއްލާލެއްވީކަމަށް ވާނީ...."

***

ތައިމޫރު އައިސީޔޫއަށް ވެންނެވީ ދަރިފުޅަށް އެންމެ ފަހުގެ އަލްވަދާއު ކިޔުމަށެވެ.

ނުނިމޭ

ކޮމެންޓް 0