މާތްﷲ އެކަލޭގެފާނަށް ރުއްސުން ލެއްވި ވާސިލަތު ބުނުލް އަސްގައުގެ ކިބައިގެން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ﷺ ހަދީސް ކުރެއްވިއެވެ. (ތިބާގެ އަޚާއަށް މެދުވެރިވާ ދަތި، އުދަގޫކަމެއްގެ މައްޗަށް ތިބާ އުފާނުކުރާ ހުށިކަމެވެ. އެއީ މާތް ﷲ އޭނައަށް ރަހުމަތް ލައްވާ ( އެބަހީ އޭނަ އެ އުދަގުލުން ސަލާމަތްކުރައްވާ) އެކަމުގައި ތިމާ ހައްޔަރުކުރައްވައިފާނެ ކަމެކެވެ. )

***

"ބަ**ޑް............." އެލީނާ ކަރުތެރެއިން ހަޅޭއްލަވައިގަތެވެ. ކުއްލިއަކަށް ޝައުން ބުމަގޮށްޖަހައިލުމާއެކު އޭނައާއި ދިމާލަށް ހިނގައިގަތުމުން އިހުސާސްކުރެވުނީ އެންމެ ކަމެކެވެ. ޝައުންގެ ކެތްތެރިކަން ކޮޅުންލާ ރަގަޅަށް ރުޅި އަރުވައިލެވިއްޖެކަމެވެ. އޭނައަށް ގެއްލުން ދެވުނު އެއްޗިއްސަށް ވިސްނާލުމުން މާމަގެ ހަދިޔާއާއި ޝައުންގެ އަގުބޮޑު ސެންޓްފުޅި ތަޅައިލެވިއްޖެކަން އެނގުނެވެ. އެއާއެކު އޭނަ ޝައުންއާއި މުޚާތަބު ކުރި ލަފުޒުން އޭނަގެ ބޭރުފުށުން ދައްކައިގެން ހުންނަ މަޑުމައިތިރިކަމާއި "ކޫލް" ކަން އެއްކޮށް ނެތުނީއެވެ. ކެތްތެރިކަން ކޮޅުން ލައިގެން ދިޔައީއެވެ.

ޝައުން އައި ބާރު މިނުގައި އެލީނާގެ އތުގައި ހިފެހެއްޓިއެވެ. އަދި ކިހިލީގައި ޖަހާލައިގެން ކަހަލަ ގޮތަކަށް ގެންގޮސް ސަލާމަތްވާން މަސައްކަތްކުރަމުން ހަޅޭއްލަވަމުން ދިޔަ އެލީނާ އޭނަގެ އެނދުގައި ބޭންދިއެވެ. ފަސްޓްއެއިޑް ކިޓް ގެނެސް އެނދުމަތީގައި ބެހެއްޓުމުން ޝައުންގެ މަގުސަދު އޮޅުން ފިލިއެވެ. ހަޅޭއްލެވުން ހުއްޓާފައި ތަންކޮޅެއް މައިތިރިވިއެވެ. ހަޅޭއްލެވުން ހުއްޓުމުން އަތުގައިވާ ޒަޚަމްގައި ވޭން އަޅާކަން އިހުސާސްވެ ހިމޭން ކަރުނަތައް އޮއްސަން ފެށިއެވެ. ޝައުން ފޮށި ހުޅުވާލާފައި ނެގި ތެތް ފޮތިކޮޅުގައި ދުވި ސްޕިރިޓް ވަހާއެކު ސާފުކުރަން ފެށުމުން ދިލަ ނަގައިގަތްވަރުން ކެތްކުރެވުނީއެއް ނޫނެވެ. އެ ދިލަ ނެގުމަށް އަރާމުކަމެއް ލިބުނީ ހާކައިލި ފިނި ބޭހަކުންނެވެ.

"ކިތަންމެ ރުޅިއަޔަސް ޝައިތާނާ ތިމާގެ ސިކުނޑިއަށް ވެރިވިޔަ ނުދީ. ނޫނީ މިކަހަލަ ގޯސްކަމެއް ކުރުވާނީ...." ޝައުން އެލީނާގެ އަތް ބެންޑޭޖްކޮށް ނިންމާލާފައި އެފޮށި އަލަމާރި ތެރޭ ބެހެއްޓިއެވެ.

"ތިއީނު ޑެވިލްއަކީ....." އެލީނާ ތެދުވެގެން ދާން ހިނގައިގަތެވެ. އޭނަގެ ލޮލުގައި އޭރުވެސް ވިދަ ވިދާ ހުރީ ކަރުނައެވެ.

ޝައުން ކޮށްދިން މަސައްކަތާއިމެދު ހިތް ތައުރީފުކުރިޔަސް ދުލުން އޭނަ ހެޔޮ ބަހެއް ނުބުނާނެއެވެ.

އެލީނާ އެތައް އިރެއްވާންދެން ކޮޓަރި ތެރޭ އޮތްއިރު އަތުގައިވާ ބެންޑޭޖްގަނޑާއި ދިމާލަށް ބަލައިލެވުނެވެ. ޝައުން ބެންޑޭޖް ކޮށް ދީފައި އިންލެއް ވަރަށް ރީއްޗެވެ. ހުދުކުލައިގެ ބޯ ކަފަތަކެއްގެ ތެރޭގައި ހިމާޔަތްކުރެވިފައެވެ. ނަރުހުންނަށްވެސް މިހާ ރީތިކޮށް ފާޑުވެރިކަމާއެކު މިފަދަ ކަމެއް ކޮށްލަންވެސް ނޭގޭނެއެވެ. އަތުގައި ބެންޑޭޖެއް ހުރުމުންވެސް ފެޝަނަކަށް ފުދެއެވެ.

ޝައުންގެ މޫނަށް ވެރިވި ކުލަވަރު އޭރު އޭނައަށް މާނަ ކުރަން ނޭގުނީކަން ޔަގީންވިއެވެ. މިހުރިހާ ދުވަސްވާންދެން އޭނައަށް އެ މޫނުން ދެކޭ ޝުއޫރުތައް ތަރުޖަމާ ކުރެވުނީ ނުބައިކޮށްތާއެވެ.

ބޭރަށް ނުކުތްއިރު ފެނުނީ ރީތި މަންޒަރެކެވެ. ޝައުންއޮތީ ކައުޗްގައި ނިދާލާފައެވެ. މޭމަތީގައި ކުޑަ ކުޑަ ލިލީ ބުދެއްހެން ނިދިފައި އޮތްއިރު ލޫކާ އޮތީ ޝައުންގެ އަރިދަށުގައެވެ. އޭނަގެ ބައްޕަގެ ގައިގާ ބައްދާލައިގެން ނިދާލާފައެވެ. އެލީނާ އަވަސްއަވަހަށް ފޯނަށް އެ މަންޒަރުނެގިއެވެ. ވަގުތުން އިންސްޓާކޮށްލީ "މައި ސްވީޓްހާޓްސް" ޖަހާލާފައެވެ. ޝައުންއާއި އޭނަގެ އޮތް ގުޅުމާއިމެދު ދުނިޔެއަށް ޝައްކު ވިޔަނުދޭން ދޭތެރެއަކުން އޭނަ ބޭނުންކޮށްލަނީ މިކަހަލަ އުކުޅެކެވެ. ނަމަވެސް މިއަދު ތަންކޮޅެއް ގިނައިރުވާންދެން އެފޮޓޯއަށް ބަލަހައްޓައިގެން އިނދެވުނެވެ. އިސްލާމްދީނުގައި މަޖުބޫރުން ކައިވެނި ކުރުން ހުއްދައެއްނޫނެވެ. އޭނަގެ މައިންބަފައިން އެދުނުގޮތަށް އޭނަ ކަންތައް ކުރިއިރު އެ މަޖުބޫރޫ ހާލަތު އޭނަ ފައުޅުކޮށްފައެއް ނެތެވެ. ކުރިން ބުނެވުނުނަމައެވެ. މައިންބަފައިންގެ އުފަލަށްޓަކާ އޭނަގެ ޖިސްމު ގުރުބާންކުރުމުން ކޮންމެވެސް ދުވަހަކުން އެކަމުގެ ފޮނިކަމާއި އުފާވެރިކަން ލިބޭނެކަމަށް އޭނަ ހީކުރިއެވެ. މިވަނީ ކިހިނެއްހެއްޔެވެ؟ މިދަނީ ގޯހުން ގޯހަށެވެ. އެނަގެ ހިތުގައިވަނީ އެހެން ނަމަކެވެ. ލޯބިވަނީ އެހެން މީހެއްދެކެއެވެ.

މުސްހަފު ހުޅުވައިލުމަށްފަހު އޭނަ ކޮންމެވެސް ވަރަކަށް ތަރުޖަަމާ ބެލިއެވެ. މުއުމިން އަންހެނުންނާއި ފިރިހެނުންނަށްވެސް އަންގަވާފައިވަނީ ބެލުންތައް ތިރިކުރުމަށެވެ.

"އެލީނާ ތިއުޅެނީ ކޮން ވައްތަރަކަށްތަ؟ ހަލާލު ފިރިމީހާ ހުއްޓާ އެހެން މީހަކާއިހެދި މޮޔަވެގެން އެމީހެއްގެ ފަހަތުން ނުފިލާ ހުރުމުން ފާފައަކަށް ނުވާނެހެން ހީވަނީތަ؟ ބިރެއްނުގަނޭތަ؟ ދުނިޔެއަށް ފޮނުއްވުމުގެ ބޭނުމަކީ ކޮބާ؟ ފާފަތަކަށް އަރައިގަން ތައުބާ ނުވެހުއްޓާ މަރު ބައްދަލުކުރާނެކަމެއް ނޭގޭތަ؟ ތިކަމަކާހެދި އެލީނާ ތިހުންނަނީ ނަމާދަށްވެސް ފަރުވާތެރިނުވެ. ތެޅިފޮޅިގެން ސަޖިދަ ޖަހާފައި އަނެއްކާވެސް ކިޔާންގެ މެސެޖަކަށް އިންތިޒާރުކުރުމުގައި ދުވާލު ހަތަރުދަން ވޭތުކޮށްލަނީ. ހަމަ ތިގޮތަށް ޝައުންދެކެ ލޯބިވާނަމަ ކިހާ ރީތި އުފާވެރި ދިރިއުޅުމެއް ލިބުނީސް. އެކަމަކު ދުވާލު ހަތަރުދަމުން ގިނަ ވަގުތު ބޭކާރުކުރަނީ ފިލްމް ބަލަން އިނދެ. ނޫނީ ކިޔާންއަށް މެސެޖްކުރުމުގައި. ތިއުޅުން ދޫކޮށް އިސްލާހުވާކަށް ނުވޭތަ. މަލަކުލް މައުތުގެ ފާނު ވަޑައިގަންނަވާނެ އިރެއް އެލީނާއަކަށްވެސް ނޭގޭނެ. އަޖަލު ޖެހުމާއެކު އަބަދަށްޓަކާ ލޯ މެރިގެން އެދިޔައީ. އެކަމަކު އެލީނާ ތިއުޅެނީ އެންމެ ނުބައިކޮށް. އެހެން މީހުންނަށް ތިމާއަށް ވުރެ ރަގަޅު މީހަކު ނެތްކަމަށް ދައްކައިގެން ހުރިއިރު އަޑި އެހާ ނުބައި. ވީއިރު ތައުބާވޭ.. ނޫނީ އާޚިރަތުގެ އަޒާބު......" ސިކުނޑީގެ ކަނަކުން އޭނައަށް ކޮންމެވެސް މީހަކު ބުނެދެމުން ދާ ފަދައެވެ.

އެލީނާ ކަންބޮޑުވުމާއެކު އަވަހަށް އެތެރެއަށް ވަނެވެ. އޭރު ނީވް ފޯނެއްގައި ހުރެފައި އޭނަ ފެނުމުން އަވަހަށް ކަނޑާލައިފިއެވެ. އެލީނާ އެހީވެގެން ނަފްސާނީ ޑޮކްޓަރަކަށް ނީވް ދެއްކޭނެ ގޮތް ހަމަޖައްސައިދިނެވެ. ކޮންމެ ރެއަކު ސެޝަން ނިންމާލާފައި އަންނަން ފެށި ފަހުން ނީވްގެ ހިމޭން ބަހުރުވަ މަޑުމަޑުން ރަގަޅުވަމުންގޮސް މިހާރު ގާތްގަނޑަކަށް މުޅިން ރަގަޅުވެއްޖެއެވެ.

"ކާކަށް ގުޅައިގެން....."

"ޒައިރާއަށް..." ނީވް އަވަހަށް ބުނެލިއެވެ.

"ނީވްގެ ބޭބެއެއް ހުރޭތަ؟ ނީވްއާއި ވައްތަރު ޑޮކްޓަރެއް ދެކުނިން...އެލްބިނޯއެއް." އެލީނާ ބުނެގެން ނީވް ވައިޓް ޓީ އެއް ހަދައިގެން ގެނައުމުން ގޮނޑިއެއްގައި އިށީނެވެ. އޭރު ވިލާތައް ބޯވެ ދުނިޔެ ކަޅުކޮށްލައިފިއެވެ.

"އެލްބިނޯއެއް ވިޔަސް އަޅުގަނޑަކާއި ގުޅުމެއް ނުހުރެދާނެ..އައި ވިޝް ބޭބެއަކަށް ޑޮކްޓަރަކު ވާނެނަމައޭ. އޭރުން މެއިޑެއްގެ ގޮތުގައި ހުންނާކަށް ނުޖެހޭނެ...." ނީވް ހިނިތުންވެލިއެވެ.

އެލީނާ ހިމޭންކަމުގެ ދުނިޔެއެއްގައި އިންއިރު އެ ސިކުނޑިއަށް އެރެވޭނެނަމައޭ ނީވް ހިތަށް އެރިއެވެ. އެލީނާގެ ރުޅިވެރިކަމާއި އެކުވެސް އެދޭތެރޭގައި އޮތް ރަގަޅު ގުޅުމުގެ ސަބަބުން ނީވްގެ ހިތުގައި ޚާއްސަ ގަދަރެއް ދެވިފައިވެއެވެ.

***

ކެމީލާ ދެވަނަފަހަރަށް އެޑްމިޓްކުރީވެސް ބޭހެއް ކައިގެން ނުގުޅޭގޮތެއްވެ މާ ބޮޑަށް ހާލު ދެރަވުމުގެ ސަބަބުންނެވެ. ކްރިޓިކަލް ކެއާ ޔުނިޓްއިން ނެރުމުން ޕްރައިވެޓް ރޫމެއްގައި ބޭއްވިއިރު ޕެލްޓެލެޓާއި އެއްޗެހި މަދުވެ އެޑްމިޓްކޮށްފައި އޮތް އޮތުން ދިގުދެމިގެން ދިޔައީއެވެ. މިފަހަރު އޮންނަން ޖެހުނީ ކެންސަރު ބައިގެ ސެމީޕްރައިވެޓް ރޫމެއްގައެވެ. ކެންސަރު ބަލިމީހުން ގިނަވުމުގެ ސަބަބުން ޖާގަތައް ފުރެމުން ދަނީކަން ނޭގެއެވެ. ކެމީލާ ވަރުބަލިވެފައި އޮތްއިރުވެސް ފޯނުން ގުރުއާން އަޑުއަހަމުން ދިޔައެވެ. އަމީރު ޝަމީމްގެ ހިތްފަސޭހަ ރީތި އަޑުން ބަލާޣާތް ތެރިކަމާއެކު ކިޔަވަމުން ދާއިރު އެހުންނަ އަސަރަކުން ގައިގެ ލޯލިތައްވެސް ކޮޅުން ޖެހިގެންދާ ވަރުވެއެވެ. ކޮންމެ މީހަކު ކިޔެވިޔަސް ދެލިން ލިޔެފައި ހުއްޓަސް އެއީ މާތްﷲގެ ބަސްފުޅުކަމުގައިވާއިރު މިއީ އާދައިގެ އެއްޗެއް ނޫނެވެ. އެ އަޑު ކަންފަތުގައި ޖެހުމުން މުއުމިނުން ކީއްކުރަން ކާފަރުންނަށްވެސް ގޮތްގޮތްވެއެވެ.

ކުއްލިއަކަށް އެހެން ބަޔަކު ވަންހެން ހީވެފައި ކެމީލާގެ ނަޒަރު އެދިމާލަށް ދަތުރުކުރިއެވެ. ބާރު ޓީޝާޓަކާއި ބުޑުފެންނަ ޖިންސެއްގައި ހުރި ޒުވާން އަންހެނެއްގެ ފަހަތުން ވަން ތާނީ ފެނުމުން ދެކުދިންނަށްވެސް ސިހުމެއް ލިބުނެވެ.

"ޔޫ......." ތާނީ ރުޅިވެރި ގޮތަކަށް މޫނު ހަދައިލިއެވެ. ކެމީލާ ބަލިގޮތަކަށް ހީލިއެވެ.

"ދަރިފުޅު ވަޓް ހެޕެންޑް..." ޖެނިފާ އަހައިލިއެވެ.

"ނަތިން މަމް. މިއީ އަހަރެންގެ ކްލާސްމޭޓެއް. ކެމީލާ. އެކަމަކު މަމް. އަހަރެން ބޭނުމީ ޕްރައިވެޓް ރޫމެއް. އެހެން ކުއްޖަކާއެކު ޝެއާ ނުކުރެވޭނެ..މަމްއަށް އެނގެއެއްނު. އަހަރެން ޕްރައިވެސީ ބޭނުންވާކަން...." ތާނީ ހަށަން ބަދެލިއެވެ. ޖެނިފާއަށްވެސް ތާނީގެ ގޮތް އެނގޭތީ ކަންބޮޑުވެފައި އޭނަ ގެނައި ދަބަހާއި ކޮތަޅު އެއްފަރާތެއްގައި ބެހެއްޓިއެވެ. ނަރުސް އިންޗާޖަށް ގުޅައިގެން ގެނައުމުން ވެސް ބުނީ މިވަގުތަށް މިތަނުގައި މަޑުކޮށްދިނުމަށެވެ. ވިސްނާދިނުމުން ތާނީ ފަހުން އެއްބަސްވިއެވެ. އެދޭތެރެ ވަކިކުރަން ހުރި ފަރުދާ ދަމާލުމަށްފަހު އޭނަ އެނދަށް ވެއްޓިގަތްގޮތަށް ފޯނުން އިނގިރޭސި ލަވައެއް ޖަހަންފެށިއެވެ.

"ތާނީއަށް ކިހިނެއްވީ ބާ. ބަލިހެނެއް ހިޔެއްނުވޭ އެކަމަކު ބައެއްފަހަރު ހަމަ އެހެން ރީތިކޮށް ތިއްބާ ބައްޔެއް ޖެހިފައި މީހުން ސީރިޔަސްވޭ...." ކެމީލާ ހިތާހިތުން ސުވާލުކޮށްލިއެވެ. "އެނީވޭސް މާތްﷲ އެކުއްޖާއަށް ޝިފާ ދެއްވާދޭވެ"

ކެމީލާއާއިމެދު އެހެން ކުދިން ހަސަދަވެ ގެއްލުންދޭން އުޅުނަސް ކެމީލާގެ ސްނޯކޮޅެއްފަދަ ސާފު ހިތުގައި އެހެންމީހުންނަށްޓަކާ ވަނީ ހެޔޮ ދުޢާއެވެ.

ހަވީރުވީއިރަށް އެކޮޓަރިއަށް ތާނީގެ އެކުވެރިން ވަންގޮތަށް އެތާ އަޑުގަދަވިއެވެ. ވިޝާ އާދައިގެ މަތިން ހުރީ ކަޅުހެދުމުގައި ފިޔާތޮށި ފަށުވި ސްކާފެއް އަޅައިގެންނެވެ. އެ ދޮންމޫނު އަލިވެފައި ދިއްލޭފަދައެވެ.

"އައްސަލާމްއަލައިކުމް " ވިޝާ ވަދެފައި ސަލާމް ގޮވައިލިއެވެ. ފަހަތުން ކަހަލަގޮތަކަށް ޖުއާންއެވެ. ޖުއާން ހުރީ ރަތްއަދި ކަޅު އެކުލެވޭ ޓީޝާޓަކާއި ދިގު ސޯޓެއްލައިގެންނެވެ. އަތުގައި އަޅާފައި އޮތް އަގުބޮޑު ގަޑިން އަތުގެ ރީތިކަން އިތުރުކޮށްދެއެވެ.

"ވައަލައިކުމުއް ސަލާމް. ..." ބަލިކަމުން ލޯހުޅުވައިލާނެ ވަރު ނެތަސް ކެމީލާގެ ހިނިތުންވުން އުފާވެރިއެވެ.

"ކިހިނެއް ކެމީލާ..."

"އަލްހަމްދުލިﷲ...." ކެމީލާ ބުނެލިއެވެ.

"ކުޑައެއްޗެއް ގެނައިން. ބަލިކުދިންނަށްވެސް ފުރުޓް ކެވޭނެކަމަށް ބަލާފައި..." ވިޝާ ގެނައީ މޭވާ ޓުކުރިއެކެވެ.

އެކިކުދިން އަނގަތަޅާ ވަރުން ހީވަނީ އެހެން ކަމެއްހެންނެވެ. ތާނީ އެތައް ހާސް ޝަކުވާއެއް ކުރިއެވެ. ކިޔާންއާއި ދިމާލަށް އެތިވަރެއް ގޮވައިލިއެވެ. އޭނައަށް ކެންސަރު ޖެހުނޭ ކިޔައިގެން ކިޔާން ހެދި ދޮގުގެ ދިފާއުގައި ޝައުންވެސް އުޅެނީކަމުގައި ބުނެލިއެވެ. އޭނަ އެހާ ބައްޔެއް ނޫނެވެ. ކެންސަރު ޖެހުނުނަމަ މިހެން އޮންނާނެ ހެއްޔެވެ؟

"ބުލްޝިޓް، އަހަރެން މުޅިންރަގަޅު. ކިޔާން ނޭގޭ އޭނަ ބުނިބަހުގައި ހިފަހައްޓައިގެން އުޅެނީ. އަދި އަހަރެންގެ ޕޭރެންޓުންވެސް އެކަން ގަބޫލުކޮށްގެން ކީމޯދޭން އެއްބަސްވީ. ވައި މީ؟ ކީއްވެ މަށަށް މި ބަލިޖެހެންވީ؟ " ތާނީ ބާރުބާރަށް ކިޔައިގަތެވެ. " އޮސްޓިއޯސާކޯވްމާ އެކޯ. ފާޑެއްގެ ފެންސީ ނަމެއް ކިޔާފައި ބަލިމީހަކަށް ހަދައިލަނީ މިތަނުން ލާރި ނަގަން ހަދާ އުކުޅެއްތަ؟ އަހަންނަށް އަޑުއިވޭގޮތުން މެޑިސިންއަކީވެސް ބިޒިނެސް އެކޯ. ކެންސަރު ނުޖެހުނަސް އެހެން ކިޔާފައި މީހުންގެ ފައިސާގަނޑު ދަމައިގަންނަން އުޅެނީކަން ނޭގޭ...."

"ތާނީ . އެހެން ނުބުނެބަލަ. ވައި މީ އޭ." ވިޝާ ބުނެލީ ތާނީގެ އަތުގައި ފިރުމައިލަމުންނެވެ.

"ކީއްވެ ނުބުނާން ވީ ވިޝާ. އައިމް ސޯ ޓަޔަޑް. އަދި ނުވީތާކަށް ޕްރައިވެޓް ރޫމެއްނެތް. ފޫހިވޭ. މަމް ކައިރީ ބުނެފިން އެހެން ކަންޓްރީއަކަށް ގެންދާށޭ.." ތާނީ ދަތްތައް ވިކައިގަތެވެ.

ގަޟާގަދަރަށް ވެސް އީމާން ނުވާފަދައެވެ.

އެހެންވަނީ ސަބަބެއް ނެތިއެއްވެސް ނޫނެވެ. ތާނީގެ މައިންބަފައިން އެކުއްޖާ ދީނަށް އެހާ ހޭލުންތެރި ކުރުވާފައެއްނެތެވެ. އެމީހުން ލޯބިކުރަނީ ހުޅަގުގެ އާދަކާދަތަކަށެވެ. އިސްލާމީ އުސޫލްތަކަށް ތަބާ ވުމެއްނެތެވެ. ތައުހީދާއި އިސްލާމްދީންގެ ތަރަހަ އެހާ ރަގަޅަށް ކިޔަވާދީފައެއް ނެތެވެ. ސްކޫލުން ގެންނަ އިސްލާމް ފިލާވަޅުތައް ދަސްކުރިޔަސް އެއިން ފާސްވަނީ ކިރިޔާއެވެ. ކުޑައިރުއްސުރެ ލެއްވީ ކުރު ސޯޓްކޮޅުތަކާއި ހެދުންތަކެވެ. ކުޑަ ނަމަވެސް މީހުންގެ ލޮލުގައި އަޅައިގެންނާނެ ފަދައަކުންނެވެ. އެހެންމީހުންގެ ދަހިވެތިކަމުގެ ނަޒަރާއި ޝިކާރަ އަމާޒުވާނެ ކަމެއް ނުވިސްނައެވެ. އިސްލާމީ ރީތި ތަރުބިއްޔަތަކުން ތަރުބިއްޔަތު ނުކުރެވުމުން ފަހުން ދަރިފުޅަށް ދިމާވެދާނެ ކަމެއް ވިސްނުމެއްނެތެވެ. ބައެއްފަހަރު ދީނީ ހޭލުންތެރިކަން ކުޑަވެ ޒަމާނީ އަވައިގާ ޖެހި ނެތިގެން ދަނީއެވެ. ތާނީއަށްވެސް އަނދިރިީގެ ތެރެއިން ނިކުންނަން ނޭގިފައި ހުއްޓާ ދިމާވި މުސީބާތަކުން ހައްތަހާ ބޮޑަށް އަނދިރިކަމާއި ދިމާލަށް ދެވުނީއެވެ.

***

ޑޮކްޓަރ ޝައުން ޖައިޝްގެ ގައިގާ ނުޖެހީ ހަމަ ކިރިޔާއެވެ. ދުވަހަކު އެހާ ގަދައަށް ރުޅިއައިސްފަ ހުރިތަނެއް ޖައިޝްވެސް ނުދެކެއެވެ.

"ޖައިޝް. ކަލެއަށް ހަމަ ނޭގެނީތަ؟ ނޫނީ ފަރުވާކުޑަކަމުގެ ހައްދެއްނެތީތަ؟ ކުޑަކުއްޖަކޭ އެއީ. ކިރިޔާނު ސަލާމަތް އެވީ..............."

ޖައިޝް ހުރީ ހިމޭނުންނެވެ. މާފަށް އެދެންވެސް ހިތަށް ނޭރިއެވެ. މިފަހަރު ކުރެވުނީ ކުށެއްކަމަށް ސިކުނޑީގެ ކަނަކުން ބުންޏަސް އޭނަ އެކަން ބޭރުފުށުން ދައްކަން ބޭނުންނުވީއެވެ.

"ނޫނީ ޑޮކްޓަރަކަށް ވިޔަސް އެމްޕަތީ މިކިޔާ އެއްޗެއް ނެތްދޯ ޖައިޝް..."ޝައުން ބޯ ހޫރައިލިއެވެ. ޖައިޝްއަކީ އެކުވެރިއަކަށްވިޔަސް ބޮޑު އަރަތެކެވެ. ރަހުމާއި ހަމްދަރުދީ އެހިތުގައި ލައްވާފައި ނުވާފަދައެވެ. މީހަކު ހާލުދެރަވެގެން އުއްމީދުކަނޑާލާއިރު ބަލިމީހާގެ ގާތްމީހުންނަށް އެ ޚަބަރު ދޭން ޖައިޝް ފޮނުވުމަކީ ބޮޑު ބިރެކެވެ.

"ބަޔާނެއް ލިޔެފައި ހަވާލުކުރޭ.." ޝައުން އަމުރުކުރިއެވެ.

"ޝޭން. ޕޭރެންޓުންގެ ޒިންމާއެއްނު އެއީ. ކީއްވެ ޓޯއިސްތައް ގަނެދޭއިރު ނުބެލެނީ؟ ބަޓްން ބެޓެރީއެއް ދިރުވާލައިފިއްޔާ ކުއްޖަކު މަރުވެސް ވެދާނެކަން ދަންނަން ޖެހޭނެ" ޖައިޝް ހުރީ ހަމަޖެހިގެންނެވެ.

"ގިނަ މީހުން އެވެއާއެއް ނުވާނެ ދޯ. އޭގައި ހުރި ނުރައްކާތެރިކަން އެންމެނަށް ނޭގޭތީނު މިހެން މިވީ. އަހަރެމެން ޑޮކްޓަރުންނާއި ހަމަޔަށް އައުމުންވެސް ޓައިމް ދުއްވާލީ. ކީނަން އާއި ނޯވާ އަށް ނުދެވުނުނަމަ. އޭނަ ބުނީ ޑިސިޕްލިނަރީ އެންމެ ހަރުކަށި ފިޔަވަޅު އަޅާށޭ. އެކަހަލަ ކޭސް އެއްގެ މަތިން ހަދާންނައްތާނުލާ ވަގުތުން އެކްސްރޭއެއް ނަގާށޭ ބުނަންވެސް ހަދާނެއް ނެތީތަ؟ ޑޭމް ޔޫ......" ޝައުން އަތް މުށްކަވާފައި ހުޅުވައިލިއެވެ.

ޖައިޝް އޮންކޯލުގައި ހުއްޓާ ބަޓްން ބެޓްރީއެއް ދިރުވާލައިގެން ދެއަހަރު ވަރުގެ ކުއްޖަކު ގެނައީއެވެ. މެޑިކަލް އޮފިސަރު ގުޅާފައި ހާސްކަމާއެކު ބުނީ އެކުއްޖާގެ ކާއެއްޗެހި ދަތުރުކުރާ ހޮޅީގައި އެ ތާށިވެފައިވާކަމުގެ އަލާމާތް ފެންނަ ކަމަށެވެ. ޖައިޝް ބުނީ އޭނަ އަންނަންދެން ކުއްޖާ ބޭއްވުމަށެވެ. ޚަބަރު ނުވެ ގިނައިރުވެ ކުއްޖާ ރޯވަރުން ކެތްނުވެގެން ޑޮކްޓަރ ނޯވަ އާއި ޑޮކްޓަރ ކީނަން އަށް އެކުއްޖާ ގޮވީއެވެ. އެއީވެސް އެ ޚާންދާނުގެ ދެ ފިރިހެން ޑޮކްޓަރުންނެވެ. އެޑޮކްޓަރުންނަށް އެކަމުގެ ހުރި ނުރައްކާތެރިކަން އެނގުނެވެ. ބެޓްރީ ތާށިނުވެ މައިދާއާއި ހަމަޔަށް ގޮސްފިއްޔާ ދެން ބޮޑުކަމެއް ނުވެ ހަށިގަނޑުން އެ ބޭރުވުމަކީ އެކަށީގެންވާކަމެކެވެ. އެކަމަކު ކާއެއްޗެހި ދަތުރުކުރާ ހޮޅީގައި ތާށިވެއްޖެއްޔާ ބޮޑު ނުރައްކަލަކަށް ހުށަހެޅިގެން ދާނެއެވެ. އިލެކްޓްރިކް ކަރަންޓެއް ވެ އަލްކަލައިން އިލެކްޓްރޮލައިޓްފަދަ ކެމިކަލް ތައް ލީކްވެ އޭގެ ސަބަބުން ހައިޑްރޮކްސައިޑްކިޔާ ކެމިކަލް އިތުރުވެ މަދު ގަޑިތަކެއްގެ ތެރޭގައި އެތެރެހަށި އަންދާލަފާނެއެވެ. ވީމަ އެފދަ ބެޓްރިއެއް ދިރުވާލައިފިއްޔާ އެއްވެސް އެއްޗެއް ކާން ދީ އަދި ބޯން ނުދީ އެންމެ ކުރިން އެކްސްރޭ ނެގުމަށް އަވަސްވެގަންނަން ޖެހެއެވެ. އަދި އެ ތާށިވާ ބެޓްރީ އޮޕަރޭޝަންކޮށްފައި ނެގިޔަސް ލިބުނު ގެއްލުންތައް ދެމިގެން ހިނގައިދާނެއެވެ. ނަސީބަކުން ނޯވާމެން މެދުވެރިކޮށް އެތުއްތު ކުއްޖާއަށް ޝިފާދެއްވީއެވެ. ވަގުތުން ތިއޭޓަރަށް ވައްދައިގެން އޮޕަރޭޝަން ކުރީއެވެ.

***

ޒައިރާއަށް ލިބުނު ފުރުސަތުގެ ބޭނުންކޮށްގެން ލޫކާ ގޮވައިގެން ކެމީލާއަށް ޒިޔާރަތްކުރަން އައެވެ. ލޫކާ ފެނުމުން ކެމީލާއަށް އުފަލުން ބައްދައިލެވުނެވެ. ލޫކާގެ މަންމައަށް އެނގިގެންތޯ ސުވާލުކުރިއެވެ. ޒައިރާ ވައިއަޑަކުން ބުނެލީ އެލީނާ ގޭގައި ނޫޅޭ ކަމަށާއި ލިލީ ވީ އާއިޒާމެން ގޭގައި ކަމުގައެވެ. ލޫކާގެ ހަލަނިކަމުން މަޑުން ނުހުރެ ދަމާފައިވާ ފަރުދާ ކުޑަކޮށް ކަހާލާފައި އަނެއް ފަރާތަށް ބަލައިލިއެވެ. އޭރު ތާނީ އޮތީ ނިދާލާފައެވެ.ޒައިރާގެ އަތުގައި އޮތް ކުޑަ ބޯޅަ ތާނީގެ މޫނާއި ދިމާލަށް އެއްލައިލުމުން ކުއްލިއަކަށް ކަރުފަޅައިގެންދާ ހާ ބާރަށް ހަޅޭއްލަވައިގަންނަމުން ތެދުވުނެވެ.

"އިޑިއަޓް....................." ތާނީ ކަޅި އަޅައިގެން އައިގޮތުން ހީވީ ޖަހާފާނެހެންނެވެ. މިއަދަކީ އޭނަ ހިކްމެން ލައިން ގުޅަންވެގެން ހަމަޖެހިފައިވާ ދުވަހެވެ. މަންމަވެސް އެއްޗެއް ގަންނަން ބޭރަށް ދިޔުމުން އޭނަ ވަރުބަލިވެފައިވާ ވަރުން ނިދުނީއެވެ.

"ސޮރީ. ލޫކާ ބޯޅަ ކުޅެނިކޮށް ޖެހުނީ ކަމަށްވާނީ...." ޒައިރާ ވަރަށް ލޯބިން ހީލިއެވެ. "ބައިދަ ވޭ މިއީ ޑޮކްޓަރ ޝައުންގެ ދަރިފުޅު. ލޫކާ........."

ތާނީގެ ރުޅި ކޮންމެވެސް ވަރަކަށް ފިނިވިއެވެ. އެކަމަކު ޝައުންގެ ދަރިފުޅުގެ ނެނީއަކީ ކެމީލާގެ ދައްތަހެއްޔެވެ؟ ޒައިރާ ގަޑިއެއްހާ އިރުކޮށްފައި ދިޔުމުން ކެމީލާ ގުރުއާން ޖެއްސިއެވެ. ވަގުތުން ތާނީ ފަރުދާ ކަހާލައިފިއެވެ.

"ވޮލިއުމް ތިރިކޮށްފާނަންތަ؟ މީހަކު މަރުވެގެން އުޅޭހެން ވިއްޔަ ހީވަނީ....." ތާނީ ހަރުކަށިގޮތަކަށް ބުނެލިއެވެ. މިތަނަށް އައިފަހުން ގިނަވަގުތު އޭނަގެ މޫޑު ޚަރާބުވެ ޑިޕްރެޝަންއަށް ދާވަރު ވެގެން ނަފްސާނީ ޑޮކްޓަރެއްގެ އެހީވެސް ހޯދަން ޖެހުނެވެ. ތާނީއާއި ކެމީލާ ބައްޔާއި ދޭތެރޭ ދެކޭގޮތާއި ކެތްތެރިވުމުގެ މިންވަރު ތަފާތީއެވެ. ކެމީލާ ހިތްވަރު ހޯދަނީ މާތްﷲގެ ހަޟުރަތުންނެވެ. ގަޟާގަދަރަށް އީމާންވެ ނަމާދާއި ޒިކުރުކުރުމުން އޭނަ ކެތްތެރިކަން ހޯދަން ދަސްކުރީއެވެ. ގުރުއާނުން ޝިފާ ލިބޭނެކަމުގެ ޔަގީންކަން އެކުއްޖާގެ އޮތެވެ. ގުރުއާންދެކެ ވާ ލޯބި އޭނަގެ އުޅުމުންވެސް ހާމަކޮށްދެއެެވެ. ތާނީ ރުޅިއައުމުން ވަގުތުން ގުރުއާނުގެ އަޑު މަޑުކޮށްލައިފިއެވެ. އަދި ހެޑްފޯނު އެޅިއެވެ.

ހިކްމެން ލައިން ގުޅަން ވެއްދުމުން ތާނީ ރޮއި ހަޅޭއްލެވިއެވެ. އެކަމުން ނިމިގެން އައިފަހުން މަޑުން އޮތްވާ އޭނަގެ މަންމައާއި ބައްޕަ ހަމަ ނުކުތުމާއެކު އޯކަށް ދަމާ އަޑަށް ކެމީލާއަށް ތެދުވެގެންގޮސް ތާނީއަށް އެހީވާން ޓްރޭއެއް ދިއްކޮށްލެވިއްޖެއެވެ. ހޮޑު ލެވުމުން އޭނަ އެނދަށް ވެއްޓިގަތްގޮތަށް ރުޅިވެރިކަމާއެކު ލޯ މަރާލައިފިއެވެ.

"ކެމީލާ މާ ރަގަޅު މީހަކަށް ނެހެދުނަސް ހެވޭ. ޕްލީޒް ގޯ އެވޭ......މިއީ ކެމީލާ މަށާއި ޖައްސާލައިގެން އުޅޭތީ ވާ ކަންތައްތަކޭ. އަހަންނަށް ދެރަގޮތްގޮތް ވާން އެދުނީ ކަމަށް ވާނީ..."

ކެމީލާ ދެރަވިއެވެ. ބަލިމީހަކަށް އަޅާލުމަކީ ރަގަޅުމީހަކަށް ހެދުންހެއްޔެވެ؟ އިންސާނިއްޔަތުކަމެއް ހުންނަންވާނެ ނޫންހެއްޔެވެ؟ މީހަކު މަރުވާއިރުވެސް ދުޝްމިނެއްކަމަށް ދެކެގެން އެހީނުވާންވެއްޖެއްޔާ އިންސާނިއްޔަތުކަމުގެ ދާއިރާއިން ބޭރުވެދާނެއެވެ. އެހެންނޫނަސް އޭނަގެ މުދައްރިސްވަނީ ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްގެ ހަދީސެއް ކިޔާދީފައެވެ. އެހެން މީހަކަށް ދެރަ ދަތިކަމެއް ވުމުން އުފާ ކުރަންޏާ އެމީހަކަށް އެކަން މެދުވެރިކުރައްވަފާނެތެވެ.

***

ތާނީއަށް ކެންސަރު ޖެހުމުން ކެންސަރާއިމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ބާއްވަން އޭނަގެ އެކުވެރިން ނިންމިއެވެ. ލީފްލެޓް ހަދާފައި ބެހިއެވެ. ވިޝާގެ އާއިލާއަށް ނިސްބަތްވާ ޗެނެލްއަކުން ކެންސަރާއި ބެހޭ ޚާއްސަ ޕްރޮގްރާމެއްގައި ކޮންމެ ރެއަކު ޑޮކްޓަރެއް ހުށަހަޅާދެއެވެ. އޭގެތެރޭގައި ޑޮކްޓަރ ޖިލްވާ ހިމެނެއެވެ. މޮޑެލްއެއްފަދަ ރީތި ޖިލްވާއަށް ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން އޭނަ ރަގަޅަށް ހިފިއެވެ. އެ ޕްރޮގްރާމް ހުށަހަޅާއިރު އޭނަ މޭކަޕްކޮށްފައިވާ ގޮތާއި ހެދުން އަޅާގޮތުން އެކަނިވެސް އެ ޕްރޮގްރާމް ބަލާ ޒުވާނުން ގިނަވާނެއެވެ. ޖިލްވާ ކޮންމެ ދުވަހަކު ކޮންމެވެސް ކަހަލަ ކެންސަރަކާއި ބެހޭގޮތުން މައުލޫމާތު ހޯދާ އެވާހަކަތައް އާއްމުންނާއި ހިއްސާކުރެއެވެ. މީހުންގެ ސުވާލުތަކަށް ޖަވާބުދޭން ވަގުތުކޮޅެއްވެސް އޮވެއެވެ.

ވިޝާ ގަސްތުކުރީ ދުވަސްކޮޅެއްވާންދެން ސްކައިމޯ ހޮސްޕިޓަލުގައި ތަޖުރިބާ ހޯދަން މަސައްކަތްކުރުމަށެވެ. މުސްތަގުބަލުގައި އޮންކޮލިޖިސްޓަކަށް ވުމުގެ ހުވަފެންވެސް ދެކެން ފެށުނެވެ. ފުރަތަމަ ދުވަހު އެކި އުމުރުގެ ކުދިންގެ ގާތަށް ޒިޔާރަތްކޮށް ހަދިޔާ ދީ ކުދިންނާއި އެކަށީގެންވާ ކަހަލަ ވާހަކަތައް ކިޔައިދިނެވެ. އެކުދިންނާއެކު ކުޅެހެދިއެވެ. ޖުއާންއާއި ހެދި ކިތަންމެ ވަރަށް އުޅުނަސް އޭނަ އޮތީ ދުވަހަކު ވިޝާއަށް އެކަހަލަ ނަޒަރަކުން ނުދެކެވޭނެ ކަމަށާއި އަބަދަށްވެސް އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ބެލޭނެކަމަށް ހާމަކޮށްދީފައެވެ. އެކަމާއި ދެރަވެ ހިތާމަކުރަނިކޮށް ރުހެވޭފަދަ ޒުވާނަކަށް ފެނުނީ ޖައިޝްއެވެ. އެލްބިނޯ އަކަށް ވުމުން ތަފާތު ރީތިކަމެއް ހުއްޓެވެ.

"އެއީ ޝޭންގެ ސިސް އިން ލޯ. ކުޑަކުއްޖަކާއި ދިމާލަށް ބަލަން ތިއީ ޕިޑޮފައިލްއެއްތަ؟ " ކިޔާން ޖައިޝްގެ މޫނުގައި ހިފާ އޭނައާއި ދިމާލަށް އަނބުރާލައިފިއެވެ.

"ދީނުގައި ކުޑަކުއްޖަކަށް ވަނީ ކިހިނެއްކަން ކިޔާން ބުނެނުދިނަސް އަހަރެން ދަންނަން." ޖައިޝް ހޭންފެށިއެވެ.

"ސީރިޔަސްކޮށް؟ " ކިޔާން ބުމަ އަރުވައިލިއެވެ.

"ޔޫ ނޯ ވަޓް؟ މަށެއްނޫނޭ. ދެޓް ލިޓްލް ގާލް އިޒް ޑްރޫލިން އޯވާ މީ..." ޖައިޝް ސީރިޔަސްގޮތަކަށް ބުނެލިއެވެ.

***

ޝައުންއާއި އެލީނާގެ ކައިވެނީގެ ގުޅުން ދުވަހަކަށްވުރެ ދުވަހެއް ބަލިކަށިވަމުން ގޮސް ކޮންމެ ވަގުތަކުވެސް ކެނޑިގެންދާ ހިސާބަށް ގޯސްވެއްޖެއެވެ. އެލީނާގެ ނަފްރަތާއި ރުޅިވެރިކަން ދައްކައިލާނެ ފުރުސަތަކަށް އޭނަ ބަލަބަލާ ހުންނައިރު ބައެއްފަހަރު ހިތުގައި ބިރުވެރިކަން އުފެދެއެވެ. އެހެންމީހުން ދެކޭނެ ގޮތާއިމެދު ހާސްވެއެވެ. ޝައުންއާއި ވަކިވުމުން އާއިލާގެ އެހެން ކުދިންނާއި އެކުވެރިން މަލާމާތްކޮށްފާނެއެވެ. ބޭރުފުށުން މިހުރިހާ ދުވަހު ދެއްކީ ދަޅައެއްކަން އެނގުމުން ވާނެ ގޮތަކާއިމެދު ވިސްނަން ޖެހެއެވެ. އެހެންނޫނަސް ޝައުންގެ އަންހެނުންގެ ގޮތުގައި ހުރެ ކިޔާންދެކެ ލޯބިވުމަކީ ފާފައެއްކަން ވިސްނި ކުށްވެރި އިހުސާސްކުރެވުމުން ހެއްދެވި ފަރާތަށް ބިރުގަނެ އެފާފައިން ދުރަށް ދާން ހިތް ބާރު އަޅައެވެ. ބައެއްފަހަރު ހާސްކަމާއި ހިތާމަތައް އޭނަ ވަށައިލައެވެ. ނަމާދާއި ގުރުއާނުން ހިތްހަމަޖެހުން އޭނައަށް ނުލިބެނީ ކީއްވެހެއްޔެވެ؟ އޭނަ ގެ އީމާންކަން ބަލިކަށީބާވައެވެ.

އާއިލީ އެކުވެރިންތަކާއެކު ރިޒޯޓަކަށް ދާންވެގެން އާއިޒާ ގާތަށް ލިލީ ފޮނުވާލާފައި ޒައިރާއަށް ގުޅައިގެން ގެނައެވެ. އެއަށްފަހު ނޫކުލައިގެ ޖިންސަކާއި ރީދޫކުލައިގެ ޓޮޕެއްލައިގެން އޭނަގެ ރަންކުލަ އަރާ އިސްތަށިގަނޑު ވޫކްކޮޅަކުން އައްސާލައިފިއެވެ. ޝައުން ކޮޓަރިއަށް ވަންތަން ފެނުމާއެކު ވަގުތުން މޫނު ހެދިއެވެ.

"ކޮންތާކަށް ދަނީ؟ ލޫކާ އުޅެނީ ހުމާކަން އެނގޭތަ؟ "

"ހުމާ އެއްޗެހި އަންނާނެއްނު. ކުރީ ދުވަހު ލޫކާ ހޮސްޕިޓަލަށް ގެންދިޔައީ ކީއްކުރަން؟ "އެލީނާގެ ރުޅިގަދަވިއެވެ.

"ވަޓްއެވާ. އެލީނާ. ލޫކާ ބަލިވީމަ ނެނީއާއި ހަވާލުކުރާކަށް ނޫން ޖެހެނީ. އޭނަގެ މަންމަ ކެއަރ ކުރަން ޖެހެނީ. ވީމަ ތިދާ ތަނަކަށް ނުގޮސް ގޭގައި މަޑުކުރޭ...." ޝައުން އަމުރުވެރި ގޮތަކަށް ވާހަކަދެއްކުމުން އެލީނާއަށް އެކަން ބަލައިގަންނަން ފަސޭހައެއްނުވިއެވެ.

"އަހަރެމެން ރިޒޯޓް ޕްރޮގްރާމެއް މާ ކުރިން ރާވާފައި އޮތީ. އަހަންނަށް މުހިއްމު ދަތުރެއް. ތިއީ ލޫކާގެ ބައްޕަ. ވީމަ އެކުއްޖާ ބަލިވީމަ ކުއްޖާގެ ބައްޕ އެއް ދުވަހު ޑިއުޓީއަށް ނުގޮސް ފެމިލީ ލީވް ނެގިއްޔާ ވާނީ ކީއްތަ. އަހަރެން ދާނަން. ..ސޮރީ. ނޫނީ ހިތާ ވާ މީހަކު ގެނެސް ކައިވެނި ކުރަންވީނު. އަހަރެން ވަރިކޮށްފައި................" އެލީނާ ވަރީގެ ވާހަކަ އެތައް ސަތޭކަ ފަހަރު ބުނެފިކަން ނޭގެއެވެ. އޭނަގެ އަބާޔާ ނެގިއެވެ. ހެދުމުގެ މަތިން ކަޅުހެދުން ލައިގެން ބުރުގާ އަޅަންފެށިއެވެ. ޕިންތައް ނެގިއެވެ.

"އެލީނާ. މިހިރަ ދޮރުން ނުކުމެއްޖެއްޔާ ތިއީ އަހަރެންގެ އަންބެއް ނޫން...." ޝައުން ގެ އެ ޖުމްލަ އެލީނާއަށް ޗެލެންޖަކަށްވިއެވެ. އޭނައަށް މަޖުބޫރުކުރަން ވަރީގެ ބިރު ދައްކަން ފެށީތާއެވެ. ވަރިވިޔަސް އޭނަ ދުލެއް ނުކުރާނެއެވެ. އޭނަ މިރޭ ރިޒޯޓަށް ދާނެއެވެ. ޝައުންއަށް އޭނަ ހުއްޓުވަން ލާހިކެއް ނޫނެވެ. އެލީނާ ބެކްޕެކް އަޅުވައިގެން ހިނގައިގަތް ގޮތަށް ޝައުންގެ ގައިގާ ޖެހިގަނެގެންގޮސް ދޮރު ހުރަސްކޮށް ނުކުމެގެން ވަކި ހިސާބަކަށް ދިޔުމާއެކު މިކުރެވުނީ ކީއްކަން ރޭކާލިއެވެ.

"ތިހިރީ ވަރިކޮށްފައި އެލީނާ. ޔޫ އާ ނޮޓް މައި ވައިފް އެނީ މޯ. އެއީ ނު ބޭނުންވާ ގޮތަކީ......"

ނުނިމޭ

ކޮމެންޓް 0