وَمَآ أَمْوَالُكُمْ وَلآ أَوْلاَدُكُم بِالَّتِي تُقَرّ‌ِبُكُمْ عِندَنَا زُلْفَي اِلاَّ مَنْ ءَامَنَ وَعَمِلَ صَالِحاً فَأُوْلَئِك لَهُمْ جَزَآءُ الضّـِعْفِ بِمَا عَمِلُوا وَهُمْ فِي الْغُرُفَاتِ ءَامِنُونَ ގުުރުއާނުގެ އައްސަބާ ސޫރަތުގެ ތިރީސްހަތްވަނަ އާޔަތުގައި މާތްﷲގެ ވަހީ ބަސްފުޅުގައިވެއެވެ. "އަދި ތިޔަބައިމީހުންގެ މުދާވިޔަސް އަދި ދަރިންވިޔަސް އެއީ ތިމަންރަސްކަލާނގެ ހަޟުރަތަށް ތިޔަބައިމީހުން ކުއްތަންކުރާ ކަމެއް ކަމުގައި ނުވެތެވެ. އީމާންވެ ސާލިހު އަމަލުކޮށްފިމީހާ މެނުވީއެވެ. ފަހެ އެއުރެން ކުޅަ ހެޔޮ އަމަލަށް ގިނަގުނަވެގެންވާ ސަވާބު އެއުރެންނަށް ހުއްޓެވެ. އަދި ސުވަރުގޭގެ މަތިވެރި ދަރަޖައިގާ އެއުރެންވަނީ އަމާންކަން ލިބިގެންވާ ބަޔަކު ކަމުގައެވެ."

އެލީނާ ކުރުޓޮޕް ކޮޅަކާ ކަކުލުން ތިރިއަށް އޮތް ފަޔަށް ހިފާފައިވާ ޓައިޓްގައި ހުރެ ކޮޓަރިން ނުކުތެވެ. ފަންގަނޑެއްފަދަ ބޯ އިސްތަށިގަނޑުން ބޮލުގެ މެދަށް ހުޅިއެއް ޖަހާފައި ހުރިއިރު ދިގު ކަނދުރާ ހާމައަށެވެ. ތުން ވަށްކޮށްލައިގެން އެލްމަންޑް ލޮލުން ކަޅިއަޅައިގެން ހުރެ ފޯނުން ކޮންމެވެސް މީހަކާ ވާހަކަދެއްކީ ބާރަށެވެ.

"މިބުނަނީނު މަށަކަށް ލޫކާ ކަހަލަ ހަލަނި ކުއްޖެއް ނުބެލޭނެއޭ. ނެނީއެއް ގެނޭ. އަހަރެންވެސް ބޭނުމެއްނޫން ހައުސްވައިފްއެއްގެ ގޮތުގައި ދަރިން ބަލަން ގޭގައި ހުންނަން..." އެލީނާ ފޯނު އަތުކޮޅަށް ހޫރާލައިފިއެވެ. ފޯނުގެ ހަމަލާ އަމާޒުވީ އެހިސާބާއި އަރާހަމަވި ޝައުންގެ ބޫޓަށެވެ. ޝައުން ގުދުވެ ފޯނު ނަގާފައި ދިއްކޮށްލިއިރުވެސް އެމޫނުމަތިން އިތުރު ޝުއޫރެއް ނުފެނުނެވެ. އެލީނާ ފާޑަކަށް އަނގަ ހަދާފައިގޮސް ސެނިޓައިޒާ ފުޅިއެއްނަގާ ޝައުންގެ އަތްތިލައަށް އޮއްސާލައިފިއެވެ. އަދި އޭނަގެ ފޯނުވެސް ޓިޝޫއަކުން ސާފުކުރަންފެށިއެވެ.

"ގެއަށް ވަންނަންވާނީ ސްޓެރައިލްވެގެންނޭ ބުންޏަސް އެކަކުވެސް އަޑުނާހާ. އެތާ ހުންނަ ވައިރަސްތަކާ ހުރިހާ ޖަރާސީމެއް ގެއަށް ގެނެސްގެން ހުންނަން ޖެހެނީ ބިރުން ފިތްކެނޑިފައި. މިދުވަސްކޮޅުވެސް ފާޑެއްގެ ވައިރަހެއް ތިލަވެގެން އެއުޅެނީ..ފަކުރުން ހަލާކުވޭ. ލޮލަށް ނުފެނުނަސް ކަށިބޯޅައެއް ހެން ހުންނަ ކުދި ކުދި އެއްޗެހި ގައިގާ ތަތްލައިގެން އުޅޭކަށް ބޭނުމެއްނޫން................"އެލީނާގެ ނިތްކުރިން އަދިވެސް ރޫތައް ނުފިލައެވެ.

"ލޫކާ ކީއްކުރީ؟ "

"އެކުއްޖާއަށް ހަތް އަހަރުވެއްޖެ އެކަމަކު ހީސްލާން ފެނުނު ތަނަކީ އެނދު..."

"ކޮބާ ލިލީ؟ "

"އުޅޭނެއްނު.." އެލީނާ އިހުތިރާމެއް ނެތްފަދަ ގޮތަކަށް ބުނެލިއެވެ. އަދި ބާރުބާރަށް އަތް އެއްލަމުން ހިނގައިގަތީ ކާކޮޓަރިއާއި ދިމާލަށެވެ. ފްރިޖުން ނެގި އައިސްކްރީމް ތަށިގަނޑު ހިފައިގެން އައިގޮތަށް ސޯފާއަކަށް ދެފައި ވަށްކޮށްލައިގެން އަރާ އިށީދެއްޖެއެވެ. ގަޔާވެލާފައި ސަމުސަލުން އަނގަޔަށް ލުމުން ލީ މީރު ރަހައާއެކު ރުޅިގަނޑު ފިނިވެ މީހާ ހަމަޔަކަށް އެޅުނެވެ. ސަމުސަލަކަށްފަހު ސަމުސަލެއް އަރުތެރެއަށް ގޮސް ތަށިގަނޑު ހުސްވުމުން އެލީނާ އިތުރަށް ކާހިތްވިއެވެ. ކެއުމުން ސްޓްރެސް ފިލާކަމަށް އޭނަ ގަބޫލުކުރެއެވެ.

އޭނައާއި ޝައުންގެ ކައިވެންޏަކީ އެލީނާގެ ރުހުމުގައި ކުރެވުނު ކައިވެންޏެއް ނޫނެވެ. ޚާންދާނީ އުސޫލުތަކާއި އާދަކާދައިގެ މުށުތެރޭގައި އޭނަވެސް ކަންބަޅިއެއްހެން ގުރުބާން ކޮށްލީއެވެ. ދެބެންގެ ދެދަރި ބޭބެއަކާއި ކައިވެނި ކުރުވީއެވެ. ޅަ އުމުރުގައި ނުރުހެވުނު ކައިވެންޏެއްގެ ގޮށް ޖެހުމުން މިވޭތުވެ ދިޔަ އަށް އަހަރުވެސް އޭނަ އުޅެން ޖެހުނީ ހަގީގީ އުފަލެއްނެތިއެވެ. ކައިވެނީގެ ތަންމަތިވީ އަނގުރު އަލިފާނުގެ ދާނަކަށެވެ. ދެމީހުންގެ ދޭތެރޭ އޮތް ގުޅުމަކީ އަރައިރުންވުމާއި އެލީނާގެ "ޓެމްޕަ ޓެންޓްރަމްސް" ތަކެވެ. އެވެސް އެއްފަރާތުންނެވެ. ޝައުންއަކީ ކަނޑެކެވެ. ސިއްރުތަކުން ފުރި އަޑިނޭގޭ އެކަމަކު ހިމޭން އޮއިމަޑު ދުވަހެއްގެ ކަނޑެކޭ ޝައުން ތަފާތެއް ނުހުރެއެވެ. މާޔޫސްކަމާއި ނާއުއްމީދުގެ ވަކިތަކުގެ ޝިކާރައަކަށްވެ ނިމޭއިރުވެސް އެލީނާ ދުނިޔެއަށް އޭނަގެ ހަގީގަތް ސިއްރުކުރެއެވެ. ގޭގައި ގެންގުޅެނީ ހަމަ އެންމެ ޚާދިމާއެކެވެ. ނީވް އަކީ ވާހަކަނުދެއްކޭ އަންހެންކުއްޖެކެވެ. އަލްބީނޯ ކުއްޖަކަށް ވުމުން ކުރިމަތިވާ ގަނާ ކުރުމުގެ ސަބަބުން އޭނަ ލިލީ ޕެލެސްއިން ބޭރަށް ފިޔަވަޅެއް އަޅަންވެސް ނޭދެއެވެ. އެގެއިން ލިބުނު ހިމާޔަތަށް ޝުކުރުވެރިވެ އޭނަ ހުންނަނީ ގެއިންވާ ކަންތައް ނުފެންނަ ކަމަށް ހަދައިގެންނެވެ. ގެ ސާފުކުރާމީހުންނާއި ބަގީޗާ ބަލަހައްޓާމީހުންނަށް އޮންނަނީ ގަޑި ކިޔާފައެވެ. ކޮންމެ މީހަކު އެމީހަކަށް ކަނޑައެޅިފައިވާ މަސައްކަތް ނިންމާފައި ގޮސްދާނެއެވެ. އިތުރު މީހަކު ގޭގައި ގޭގައިއުޅެންޏާ އެލީނާއަކީ މާތްކަމާއި ސޯލިހުކަމުގެ މިސާލެކެވެ.

ޝައުން ކޮޓަރިއަށް ވަންއިރު ލޫކާ ބިތުގައި ބުރަކަށި ޖައްސާލައިގެން އިނގިލި އަނގަޔަށް ޖަހައިގެން އަނެއް އަތުން ކަފަ ބުދު މޫނާއި ކައިރިކޮށްލައިގެން އިނެވެ. މައުސޫމްކަމުގެ އިންތިހާއެވެ. ޝައުންގެ ހިތް ލޯބިން ފުރުނެވެ. ނަމަވެސް ޝައުން އެންމެ ކުރިން ފެންވަރާނީކަން އެނގިގެން ލޫކާވެސް މަޑުން އިނެވެ. ފެންވަރާލައިގެން ތުވާލި އޮޅާލައިގެން ހުރެ ނުކުތްތަން ފެނުމާއެކު އުދުހިފައި ކަހަލަ ގޮތަކަށް އައިސް އެ ބާރުގަދަ އަތުގެ ހިމާޔަތް ހޯދިއެވެ. ޝައުން ދަރިފުޅުގެ މޫނާއި ބޮލުގައި އެތައްފަހަރަކު ބޮސްދިނެވެ. ލޯބިވާ ވަރު ބުނެދިނެވެ. ދުނިޔޭގައިވާ ހުރިހާ އެއްޗެއްސަށްވުރެ އެންމެ ލޯބިވާ އެއްޗަކީ އޭނަގެ ދެދަރިންނެވެ. ލޫކާއާއި ލިލީއެވެ. އެކުދިންނަކީ އޭނަގެ ހިތެވެ. ފުރާނައެވެ. ދުނިޔެއެވެ. ލޮލުގެ ނޫރެވެ. އިރުގަނޑެއްނުވަނީސް އެލީނާ ލިލީ އުރާލައިގެން ގެނެސް ޝައުންއާއި ލޫކާ ގާތު އެނދުމަތީ ބޭންދިއެވެ.

"މިއުޅެނީ ބާޒާރުކޮށްލަން ދާން.." އެލީނާ ކަޅު އަބާޔާ ނަގާ ހެދުމުގެ މަތިން ވައްޓައިލިއެވެ. މެރޫންކުލައިގެ ބުރުގާއެއް އެޅިއެވެ. އެހެދުންލާ ނިމުނުއިރު ރުޅިގަދަކުއްޖާ ގެއްލި މާތްފާޑުޖަހާ ރީތި އަންހެންކުއްޖަކަށް އެލީނާ ބަދަލުވެއްޖެއެވެ. ގޭތެރޭގައި އެހެން ސޫރައެކެވެ. ގޭގެ ދޮރުން ބޭރުވުމަށްފަހު އެހެން ސިފައެކެވެ.

"އޯކޭ....." ޝައުން ވަރިހަމަ ބޮޑެވެ.

"ޑޮކްޓަރ ޝައުން އަލީ ތައިމޫރު. އަޅުގަނޑަށް ލަސްވެދާނެ. އެހެންވީމަ މިއަދު ބައްޕައެއްގެ ވާޖިބު އަދާކޮށް ކުދިންނާއެކު މުޅި ރޭ ހޭދަކޮށްލިޔަސް ރަގަޅުވާނެކަން ނޭގޭ. އެހެންޏަ. އެތަނުން ގުޅާފައި އިރުއިރުކޮޅާ ގެންދަންޖެހޭ. އެކަނި ކެރިއާއެއްނޫން މުހިއްމުވާނީ. ފެމިލީއަށްވެސް ވަގުތުދޭންވާނެ. މިހެން ބުންޏަސް ތިހާ ރަގަޅު ކުދިންނަށް އަޅާލާ ބައްޕައެއް ދުނިޔޭގައި ހުރިކަމެއް ނޭގޭ..." އެލީނާ ވަށްކަޅިން ޝައުންގެ މޫނަށް ބަލައިލިއެވެ. އަޖައިބެކެވެ. އެއްވެސް ޝުއޫރެއް ފައުޅުނުކުރާ ދެލޮލެވެ. ޖެއްސުމަށް އެހެން ބުނީވެސް ޝައުން ލައްވާ އެއްޗެކޭ ބުނުވުމަށެވެ. އެލީނާ ނެތިއްޔާ ލޫކާއާއި ލިލީ ޝައުންގެ ފަހަތުގައި ހިޔަނިހެން ޖައްސާލާފައެވެ. ޝައުން އުދަގޫވެގެން އެންމެ ފަހަރަކުވެސް އެއްޗެކޭ ބުނެނުލާނެއެވެ.ކިތަންމެ ވަރުބަލިވެފައި ހުއްޓަސް އެކުދިންނަށް އިސްކަން ދޭނީ އަމިއްލަ ނަފުސަށްވުރެވެސް ބޮޑަށް އަޅާލާތީ ނޫންހެއްޔެވެ. ނަމަވެސް އެލީނާ ހުރެއްޖެއްޔާ ޝައުންގެ ފަރާތުން ފެންނާނީ ސީރިޔަސްކަމެވެ.

"ރީތި ޑެވިލްއެއް ހަމަ. މިއަށްވުރެ ކޯލްޑް ބޯރިން ހަޒްބެންޑެއް މީހަކަށް ނުލިބޭނެ. އިންޓްރޮވާޓުންވެސް ދެކެން އެކަމަކު މިވަރެއް ނުދެކެން. އޮންކޮލޮޖިސްޓެއް އެކަމަކު ޕޭޝަންޓުންނާއިވެސް ރީތިކޮށް ވާހަކަދައްކައިލަން ނޭގޭނެކަމަށް ހުވާކުރަން ކެރިދާނެ. މިވަރުގެ މީހެއް ޑޮކްޓަރަކަށް ވާންވީ ކީއްކުރަން. ނޫން މީނަ ވާންވީ ޕެތޮލޮޖިސްޓަކަށް އޭރުން މަރުވެފައިވާ މީހުންނާއި ޑީލް ކުރަން ފަސޭހަވާނެ. ޕުއާ މީ. އަހަރެންހާ ބަދުނަސީބު އިންސާނެއް މިއުޑު ހިޔަލުގައި ނުވާނެ. މައިންބަފައިންގެ ބަސް އަހާ ދަރިން ނަސީބުވެރިވާނެއޭ އެބުނަނީ ހަމަ ބުހުތާން ދޮގެއްތާ. ހާދަ ދެރައޭ. މިކަމުން ސަލާމަތްވާނެ ކަމެއްވެސް ނޭގޭ. ލޯބި ނުވާ މީހަކާއެކު މުޅި ހަޔާތް ވޭތުކުރުމަށްވުރެ ދެރަކަމެއް އަންހެންކުއްޖަކަށް ދިމާނުވާނެ. ލޯތްބަކީ ނަސީބުގައި މިންވަރުކުރައްވާފައި ނެތްކަމަކަށްވެސް ވެދާނެ............"އެލީނާ ހިތާހިތުން އަމިއްލަ ނަފުސާއި ވާހަކަދައްކަމުން ނުކުމެގެން ދަމުން ލިލީއާއި ލޫކާގެ މޫނަށް ބޮސްދިނެވެ. ލޫކާދެކެ އައި ރުޅިގަނޑުވެސް ފިނިވެ މަންމަގެ ލޯބި ހިނދުކޮޅަކަށް ލޫކާއަށް ލިބުމުން ލޯވެސް ދިއްލުނެވެ.

ޝައުން އޭނަގެ ލޯބިވާ ދަރިންނާއިއެކު ކުޅެން އެކުދިން ކުޅޭ ކޮޓަރީގައި އިންއިރު ހުރިހާ ސަމާލުކަމެއް ވީ ލިލީއަށް ހުއްޓިފައެއްވެ. ސަބަބެއްނެތިއެއް ނޫނެވެ. އެއްމާބަނޑު ދެބެންނަށް ހަތް އަހަރުވެ އެއުމުރު ކުދިންނާ ބަލާއިރު ލޫކާ ތަންކޮޅެއް ދިގުކޮށް ހުއްޓަސް ލިލީއަކީ "ޕްރައިމޯޑިއަލް ޑްވާފިޒަމް"ގެ ޝިކާރައަކަށްވި ކުއްޖެކެވެ. އެލީނާ ބަލިވެއިން އިރު ސްކޭން ހަދާފައި ޑޮކްޓަރވެސް ޔަގީންކުރީ ބަނޑުގައި އޮތީ އެންމެކުއްޖެއް ކަމަށެވެ. ލިލީ ކުޑަކަމުން ޑޮކްޓަރަށްވެސް ދަރިފުޅު އޮތްކަމެއް ނޭގުނެވެ. ވިހޭއިރު ލިލީގެ ބަރުދަން ލުއިކަމުން ދުނިޔޭގައި އޮންނާނެކަމަކަށް ޑޮކްޓަރުން އުއްމީދެއްނުކުރެއެވެ. ނަމަވެސް އެންމެން ހައިރާންކޮށްލުމަށްފަހު ލިލީ މިވަނީ އުމުރުގެ ހަތް އަހަރު ކަޑައްތުކޮށްފައެވެ. ނަމަވެސް ސިއްހީ މައްސަލަތައް ކޮންމެ ވަގުތެއްގައިވެސް ދިމާވެދާނެކަމަށް ބަލަން ޖެހެއެވެ. ބްރެއިން އެނިއުރިޒަމް ފަދަ އިމަޖެންސީއަކަށް ގޮސްދާނެތީ ގަވައިދުން އެމް އާރު އައި ހެދުމާއި ދަތްތައް ކުދިކަމުން ދަތްތައް ޖެހުން އަދި ކަށިތައް ބަލިކަމުންވެސް އިތުރު މައްސަލަތަކެވެ.

ލިލީ ހުންނަނީ ނިކަން ހިމަކޮށް ކުޑަކޮށެވެ. އަދިވެސް ދެފޫޓް ހަމަނުވާއިރު ބަރުދަނުގައި ކިރިޔާ ހަތަރުކިލޯ އެވެ. ކުޑަ ތަމްބްލީނާ ފަދައިން ނާޒުކްއެވެ. ރީތިކަމުން ޕަރީއެއްފަދައެވެ. ދެކޭ ކޮންމެ މީހަކު ހައިރާން ކުރުވާ ހިތްތައް ލޯބިން ފުރައިލައެވެ. ލޫކާވެސް ލިލީ އުރާލައިގެން ގެންގުޅެނީ އޭނަ ކުޅެން ގެންގުޅޭ ބުދެއްފަދައިންނެވެ. އެއްއުމުރުގެ ކުދިންނަށްވިޔަސް ލޫކާވެސް އެ ކުޑަކުޑަ ލިލީއަށް ހިމާޔަތްދީ ސަލާމަތާއިމެދު ވިސްނައެވެ. ލިލީއަށް ލެވެނީ ބުދުތައް ލާ ވަރުގެ ހެދުންކޮޅެވެ. ޝައުން ޖެހެނީ ބޭރު ކުންފުނިތަކުން ލިލީއަށް ހެދުމާއި ބޫޓު އަދި އެހެނިހެން އެއްޗެހި ހައްދުވާށެވެ ކުޅޭ ގިނަ އެއްޗެއްސަށްވުރެ އޭނަ ކުޑައެވެ. ޝައުން ލިލީ ކުޑަ ކުޅޭ ކާރަކަށާއި ރޭލަށް ލައިގެން ދުއްވިއެވެ. ކިތަންމެ ކުޑަޔަސް ހަލަނިކަމުން އަވަހަށް ވަރުބަލިވެއެވެ. ޝައުން ދެކުދިން ފެންވަރުވަން ބިލިގާއަށް ލިއެވެ. ފެންގަނޑުތެރޭގައި ވެސް ލިލީގާތުގައި ޝައުން އިނީ ވަރަށް ވިސްނައިގެންނެވެ.

"ޑެޑީ....." ލިލީގެ ޅަ ހިމަ އަޑު އިވުނެވެ. ކުޑަ ބުލްބުލްއެއް މާމުއި ބޮއިގެން ލަވަ ޖަހައިލިފަދައެވެ. "ކީއްވެ ރޮނީ......."

ލޫކާ އާއި ލިލީ ގިނަވަގުތު ވާހަކަދައްކާ އުޅެނީ އިނގިރޭސި އަދި ފްރެންޗް ބަހުންނެވެ. އެލީނާ ކޮންމެހެން ދިވެހި ދަސްކޮށްދޭކަށްވެސް ޝައުގެއްނެތެވެ. އެކަމަކު ޝައުން ބޭނުންވަނީ ކުދިންނަށް ދިވެހިބަސްވެސް އެނގުމެވެ. ޝައުން އެކުދިންނާ ދިވެހި ބަހުން ވާހަކަދައްކައެވެ.

ޝައުން ހިތް ފުރިގެން ދިޔައެވެ. އޭނައަށް ނޭގި ލޮލުން ކަރުން ފޭބީ ލިލީއާއިމެދު ވިސްނިފައެވެ. އޭރު ލިލީ ބިލިގާގެ އަރިމަތީގައި ހިފަހައްޓާލައިގެން ކޮޅަށް ހުއްޓެވެ. ޝައުންއަށް ދަރިފުޅު ނަގާފައި މެޔާއި ބޮނޑިކޮށްލެވުނެވެ. ކިތަންމެ ކުޑަޔަސް ހިތް ހާދަ ބޮޑެވެ. އެހެންމީހުންގެ އިހުސާސްތަކާއިމެދު ވިސްނާ ލޯބިވެތި ކުޑަ ކުޑަ ފުރާނައެކެވެ. ޝައުންގެ އަތަށްވުރެވެސް ކުޑަ ލިލީ މޭގެ ތެރޭ ބޮނޑިވެލުމުން ޝައުންއަށް ލޯމަރާލައިގެން އިރުކޮޅެއްވާންދެން އިނދެވުނެވެ. މިއަށްވުރެ ރީތި އިހުސާސެއް ދުނިޔޭގައި ކޮބާހެއްޔެވެ. ދަރިފުޅު ދެއްވިކަމަށްޓަކާ އޭނަ ހެއްދެވި ފަރާތަށް ހަމްދުކުރިއެވެ. ޚާއްސައެހީއަށް ބޭނުންވާ ކުއްޖަކު ނުވަތަ ތަފާތު ކުއްޖަކީވެސް މައިންބަފައިންނަށް ކުރިމަތިކުރުވާ އިމްތިހާނެކެވެ.

"ލެޓްސް ހޭވް އެ ޓީ ޕާޓީ. މިައދު ސައިބޯނީ ގާޑަން ތެރޭ. ގޯ ބްރިންގް ޔޯ ޓޯއިސް........"

"ދެޓްސް ގްރޭޓް ޑެޑީ އައި ލަވް އިޓް........" ލޫކާ އުފާވިއެވެ.

ދެކުދިން ދެކޮނޑަށްލައިގެން ޝައުން ހިނގައިގަތީ ގޭގެ ފެންޑާއަށެވެ. އެގޭގެ ފަހަތު ފެންޑާއަަކީވެސް ލޮލަށް ފިނިކަން ދޭ ހިތްގައިމު ތަނެކެވެ. ގަދަ ފެހިކުލައިގެ ވިނަގަނޑު ބޯ ދޫލައެއްހެން ފެެތުރިފައިވާއިރު ބައެއް ދިމާލުގައި ލިލީ ގަސްތައް އިންދާފައެވެ. އެއްފަރާތުގައި ހުރި ޗެރީ ގަސް ޗެރީއިން ބަރާވެފައިވާތަން ފެނުނެވެ. ބެންޗުގައި ލިލީ ބޭންދުމުން ބަސްއަހައިގެން ފައި ދަމާލައިގެން އިންއިރު ފައިކޮޅު ބެންޗުގެ މެދާއި ހަމަޔަށްވެސް ނާރައެވެ. ލޫކާ ޓެޑީވެސް ގޮނޑީގައި ބޭންދިއެވެ. ޓެޑީވެސް ލިލީއަށްވުރެ ބޮޑެވެ. ލެގިންސްއަކާއި ރީދޫކުލައިގެ މިޑީ ހެދުންކޮޅެއްގައި ލިލީ ފެންނަނީ ޗައިނީޒް ބުދެއްހެންނެވެ. ހަރަކަތްނުކޮށް އިނިއްޔާ ދެކޭ މީހަކަށް ސިފަވާނީވެސް ބުދެއްގެ ގޮތުގައެވެ.

އިރުގަނޑެއްގެ ތެރޭގައި ކުއިލްޓްމަތީގައި ހޮޓްޗޮކްލެޓާއި ކޮފީ އަދި ޕިއްޒާއާއި ކޭކު އެއްޗެހި ގެނެސް އަތުރާލައިފިއެވެ. ލިލީ ޝައުންގެ ފައިމަތީ އިށީދެ ޗިޕްސްދަޅެއް ކަނޑާލައިފިއެވެ.

"ލިލީއަށްވުރެ ޗިޕްސްދަޅުވެސް ބޮޑުކަން ނޭގޭ..."

"ނޫން ލޫކާ. އަދި ލޫކާއަށްވުރެ ލިލީ މާ ބޮޑުވާނަން.....ހެހެ.." ލިލީ މަޖާގޮތަކަށް ހެމުން ބުނެލިއެވެ.

ލިލީއަށް އެއްވެސް މީހެއްގެ ފަރާތުން ގަނާކޮށްފާނެތީ ޝައުން ކަންބޮޑުވެއެވެ. ހިތުގެ ވިންދުކަމުގައިވާ ލޯބިވާ އަންހެން ދަރިފުޅަށް މީހަކު ނޭދެވޭ ނަޒަރަކުން ބަލައިލަންވެސް އޭނަ ނޭދެއެވެ. ނަމަވެސް ޚާއްސަކުއްޖަކަށް ވުމުން މީހުންގެ ސަމާލުކަން ހުއްޓެނީ އާދަޔާ ޚިލާފަށެވެ. އެކަމަކު ގިނަމީހުން ލިލީދެކެ ލޯބިވެއެވެ. ހުންނަލެއް މާ ބޮޑަށްވެސް ލޯބީއެވެ. އާއިލާ ކުދިންވެސް ކިޔާނީ "ތަމްބްލީނާ"އެވެ. ލިލީއަށް ބަލާ ބަލާ ޝައުންވެސް ފޫއްސެއްނުވެއެވެ. މި ކުޑަ ކުޑަ ފުރާނައަކީ ހަމަ ގުދަރަތުގެ އަޖައިބެކެވެ.

ސަޔަށްފަހު ޝައުން އެކުދިން ގޮވައިގެން ކާރު ދުއްވާލަން ދިޔައެވެ. އޭނަގެ މައިންބަފައިންގެ ގެއަށް ޒިޔާރަތްކުރިއެވެ. ތައިމޫރުއާއި ސޯފިއާގެ ޝައުން ފިޔަވާ ދެންވެސް ލިބުނީ ފިރިހެންދަރިންނެވެ. އެއާއިލާގެވެސް އެންމެން ލިލީ ފެނުމުން މޮޔަވާވަރުވެއެވެ. އެކަކު އަނެކަކުގެ އަތްމަތިން ލޯބިން ގެންގުޅުމުގެ ސަބަބުން ލިލީއަށް ލޯތްބާއި އަޅައިލުން އިހުސާސްކުރެވެއެވެ. އޭނަ ބޭނުންވާ ކޮންމެ ކަމެއްކޮށްދޭން އާއިލާ ފަސްނުޖެހޭއިރު ގޮތްދޫނުކުރާ ބޮޑާ ކުއްޖަކަށް ނުވިކަމީ ނަސީބެކެވެ. ޚާއްސަކުދިންގެ އޮންނަ ހިތް ބޮޑީއެވެ. އެހިތްތައްވަނީ ލޯބިން ފުރިފައެވެ. ލޫކާ ބާކީވެދާނެ ކަމުގެ އިހުސާސް ނުކުރުވަން އެންމެން އެކުއްޖާއަށްވެސް ސަމާލުކަން ދެއެވެ. އުރާ ހަދައެވެ. ހަތް އަހަރު ފުރުނަސް ލޫކާވެސް އެހާ ބޭބީއެވެ. އިނގިލި އަނގައިން ނުނައްޓާ ހުންނަނީވެސް އެހެންވެކަން ނޭގެއެވެ. ލިލީވެސް ލޫކާ ގާތުން ދަސްކޮށްގެން އިނގިއްޔެއް ބޮއެވެ.

ޝައުންއަށް ގެއަށް އާދެވުނުއިރު އެލީނާވެސް ކާރުން ފައިބަނީއެވެ. ލިލީއާއި ލޫކާވެސް މަންމައަށް ގޮވަމުންގޮސް އޭނަގެ ފައިގާ ހިފައިގަތެވެ.

"މަންމި ބޭބީސް ކޮންތާކު އުޅެފައި ތިއައީ؟ " އެލީނާ އެންމެ ކުރިން ހިޖާބު ބާލާފައި ސެނިޓައިޒަރ ފުޅިން އަތް ސާފުކޮށްލައިފިއެވެ. ގުދުވެ ލިލީ އުރާލަމުން ލޫކާގެ ވަރުގަދަ ބުޅި އިސްތަށިގަނޑާއި ކުޅެލިއެވެ. ޝައުން އެ މަންޒަރު ބަލަން ހުރެފައި އެތެރެއަށް ވަދެގެން ދާން ހިނގައިގަތެވެ. އެދަނޑިވަޅުގައިވެސް ޝައުންއާއި ދިމާލަށް ކަޅި ނާޅާ ނުހުރެވުނެވެ.

"ކާފަ ގެއަށް ދިޔައީ...."ލޫކާ ހުރީ ޓެޑީބެއާ ކިހިލީގައި ޖަހައިގެންނެވެ.

"ކޯންޗެއް ކެއީ....." އެލީނާ ޑްރެސިން ޓޭބަލް މަތީ ލިލީ ބެހެއްޓިއެވެ.

ލިލީގެ ހިމަ އަޑުން އޭނަގެ މަންމައަށް ލިސްޓެއް ކިޔައިދިނެވެ.

"ބޭބީ ގިނައިން ކެއީމަ އަދި މަންމައަށް ވުރެ އިސްކޮޅުން ދިގުވާނެ އިންޝާﷲ. ކާއިރު ބިސްމި ކިޔަން ޑެޑީ ހަދާންކޮށްދިންތަ؟ދަރިފުޅުމެން ގެއަށް ވަންނައިރުވެސް ﷲގެ އިސްމުފުޅު ނުކިޔަންޏާ ޝައިތާނާއަށް އިންވައިޓް ކުރެވޭނެ އިނގޭ. ޑެވިލް ގެއަށް ވަދެއްޖެއްޔާ ވަރަށް ގޯސްވާނެ. ލޫކާވެސް މިއަދު ޕީ ކުރީމެއްނު މަންމިގެ ބެޑަށް. އެއީ ޑެވިލް ކުރުވާ ކަންތައް އެހެންވެ މަންމަ ރުޅިއައީ ލޫކާ ދެކެއެއްނޫން. އަސްލު ޑެވިލް ދެކެ ރުޅިއައިސްގެން މަންމަ ހަޅޭއްލެވީ. ޑެވިލް މީހުންގެ ސިކުނޑިއަށް އެރި އެކަހަލަ ގޯސްކަންތައް ކުރުވާނެ. އީމާންކަން ބަލިކަށިވެ އަދި ވަރުގަދަ ޖަޒުބާތުތަކުން އިންސާނާ ބަލިކަށިވާއިރު ޝައިތާނާ އެމީހަކާއި ގާތްވާނެ. އެހެންވެ ގިނައިން ޒިކުރުކުރަންވީ. އޯލްމައިޓީއާއި ކްލޯޒްވާންވީ....." އެލީނާ ބުނަމުން ދިޔައެވެ. ލޫކާ އަނގަޔަށް އިނގިލި ޖަހައިގެން ހިމޭނުން އިނދެ މަންމަގެ ވާހަކަތައް ސިކުނޑިއަށް ނަގައިގަންނަން އުޅުނެވެ. އިޝާ ނަމާދަށްފަހު ލޫކާއާއި ލިލީ ގެނެސް އެނދުގައި ބާއްވައިގެން އެލީނާ ކިޔައިދޭންފެށީ ރަސޫލުބޭކަލެއްގެ ވާހަކައެވެ. ދެކުދިން ގަޔާވެފައި އެވާހަކަ އަޑުއަހަން ތިއްބެވެ. ލޫކާއަށް ނިދުމުން ޝައުން ލޫކާ ގެންގޮސް އެކުއްޖާގެ ކޮޓަރީގެ އެނދުގައި ބާއްވާފައި ނިތުގައި ބޮސްދިނެވެ. ލިލީ އޮތީ ނުނިދައެވެ. އެލީނާ އެންމެފަހުން ޝައުންއާއި ހަވާލުކޮށްފައި ލެޕް ހިފައިގެން ޑްރާމާ ބަލަން ދިޔައީއެވެ.

***

ލިލީގެ ކޮޓަރި ހުވަފެނީ ތަނެއްފަދައެވެ. ހުރިހާ ފަރުނީޗަރު ތަކެއް ހީވަނީ ކުޑަ ބުދަކަށްޓަކާ ތައްޔާރުކޮށްފައިވާ ތަނެއްހެންނެވެ. ލިލީއަށް ޚާއްސަކޮށްގެން ފަރުނިޗަރު ކުންފުންޏަކުން ތައްުޔާރުކުރުވި އެ ބެޑްރޫމްސެޓްގެ ޑިޒައިންއަކީ ލިލީ މަލެވެ. ލިލީ އަމިއްލައަށް އެރޭވަރުގެ އެނދާއި ސޯފާސެޓްތަކާއި ޑްރެސިން ޓޭބަލެކެވެ. ކްލޯޒެޓްވެސް އެހާ ތިރިކޮށެވެ. ބިންމަތީގައި އަޅާފައިވާ ބޯ ދޫލައިގާ މަޑު ފެހި އަދި ހުދުން ވާއިރު ރަގް ގެ ޑޒައިންވެސް ލިލީ މަލެކެވެ. ޝައުންމެން އެކޮޓަރިއަށް ވަނިއްޔާ އިށީދެ އޮށޯވެ ހަދަނީ ދޫލަމަތީގައެވެ. އެކުޑަ އެނދާއި ސޯފާސެޓްވެސް އެ ކުޑަކުޑަ ކުއްޖާއަށް ޚާއްސައެވެ. ޝައުން ލިލީ ބިންމަތީ ބެހެއްޓުމުން ކްލޯޒެޓް ހުޅުވާފައި ނިދަން ޕިޖާމާއެއް ނެގިއެވެ.

"މީތި ލާނީ..." ލިލީ އެދުނެވެ.

"ޔަގީން ބޭބީ ބޭނުން ކޮންމެ އެއްޗެއް.."

ލިލީ ބޭނުންވި ޕިޖާމާ ލައްވާދިނުމުން ޝައުންގެ މޭގައި ބޮނޑިވެލައިގެން ނުނިދަން ލޯ ބޮޑުކޮށްލައިގެން އޮތްވާ އެސްފިޔަތައް ބަރުވަމުންގޮސް ލޯ މެރިއްޖެއެވެ. ނިދިހަރުވުމުން ދަރިފުޅު އެނދުގައި ބާއްވާފައި ނިތަށް ބޮސްދިނެވެ. އަދި އެނދުގެ ވަށައިގެން ދަމާފައި ހުންނަ ސަދުވާ ވައްޓާލައިފާވެސް ލޯބިން ފުރިގެންވާ ނަޒަރަކުން ބަލަން ހުރެވުނީ ކިހާ އިރެއްވަންދެން ކަމެއްވެސް ނޭގުނެވެ.

***

ސްކައިޕެލެސް ހޮސްޕިޓަލަކީ ފަނަރަ ބުރިއަށް ނަގާފައިވާ ރީތި އިމާރާތެކެވެ. ބޮޑު އަކުރުން އެތަނުގެ ނަން އަޅާފައިވާއިރު މާ ދުރަށްވެސް އެ ބޯޑު ދިއްލޭތަން ފެނެއެވެ. މަލްޓިސްޕެޝަލިޓީ ހޮސްޕިޓަލެއްކަމުން އެތައް ބަލިތަކަށް އެ އިމާރާތުން ފަރުވާދެވެއެވެ. އެހޮސްޕިޓަލުގައި އާ ވިންގެއް ހުޅުވާ އެބައި ކެންސަރަށް ފަރުވާދޭ ތަނަކަށް ހަދާ އިންވެސްޓްކުރީ ޝައުންގެ މަންމަ ސޯފިޔާއެވެ. ސޯފިޔާގެ މަންމަ ކެންސަރުގެ ޝިކާރައަކަށް ވުމުން އެ އާއިލާއިން ކެންސަރު ރިސާޗު އަދި ހޮސްޕިޓަލްތަކަށް މިލިއަނުން ފަންޑުކުރުމައި އެހީތެރިވުމުގެ ޕްރޮގްރާމްތައް ހިންގަންފެށިއެވެ. ސޯފިއާ ދޭތެރެއަކުން ހޮސްޕިޓަލުގައިވާ ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުންނަށް ޒިޔާރަތްކޮށް ހިތްވަރުދީ އެހީތެރިވެހަދައެވެ. ނިކަމެތިންނަށް ފައިސާއާއި ހުރުމުގެ ޚަރަދުތައް ހަމަޖައްސައެވެ. ޝައުން އޮންކޮލޮޖީ ނިންމުމަށްފަހު ޚިދުމަތާއި ގުޅުނީ ދާދިފަހުންނެވެ. އޭނަގެ ޓީމުގައި ޑޮކްޓަރ ޖިބްރީލްފަދަ މޮޅު ޑޮކްޓަރުން ހިމެނޭތީ އެޓީމުގެ މަސައްކަތް ކާމިޔާބެވެ. ޝައުންގެ މަންމަމެން ޚަރަދުކުރާ ތަނަކަށްވިޔަސް އޭނަ މަސައްކަތްކުރަނީ އެހެން މުވައްޒަފުން ފަދައިން ފަރުވާތެރިކަމާއެކު ރަގަޅަށެވެ. ބަލިމީހުންނަށް ހުރިހާ ގޮތަކުން އެހީތެރިވުމުގައި އޭނައަކީވެސް ނަމޫނާއެކެވެ.

އޮންކޮލޮޖީ ޑިޕާޓްމެންޓުގައި ޑޮކްޓަރުން އަރާމުކުރަން ހަދާފައިވާ ލައުންޖް ނިކަން ހިތްފަސޭހައެވެ. ފެންވަރާ ހަދައިލެވޭގޮތަށް ބާތްޓަބަކާއެކު ވީއައިޕީ ފެންވަރުގައި ހަދާފައިވާ އެތަނުގެ ތެރޭގައި ބޮޑެތި ސޯފާސެޓްތަކާއި އެނދެއްވެސް ހުރެއެވެ. ޝައުން އެތެރެއަށްވަން އިރު އޭނަ ލައިގެން ހުރި ކޯޓުގެ ސަބަބުން އިންތިހާއަށް ސްމާޓްވެފައި ލޮލުން ވިސްނުންތެރިކަން ދައްކުވާދެއެވެ. ކަޕުޗިނޯ މެޝިނުން ކަޕުޗިނޯ ދެމަގަށް އެޅިތަނާ ކިޔާން ވަދެގެން އައެވެ.

"ވަޓް ހެޕެންޑް މޭން...." ކިޔާންގެ ހިނިތުންވެލުމުން މުޅި ކޮޓަރިވެސް އަލިވިފަދައެވެ. އޭނަގެ އުފާވެރި މިޒާޖުގެ ސަބަބުން ބައްދަލުވާ ކޮންމެ މީހަކަށްވެސް އުފާވެރިކަން ގެނެސްދޭނެއެވެ.

 

ނުނިމޭ

ކޮމެންޓް 0