ގުރުއާނުގައި މާތް ﷲގެ ވަހީބަސްފުޅުގައިވަނީ "وَإِن يَمۡسَسۡكَ ٱللَّهُ بِضُرّٖ فَلَا كَاشِفَ لَهُۥٓ إِلَّا هُوَۖ وَإِن يَمۡسَسۡكَ بِخَيۡرٖ فَهُوَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ އަދި اللَّه، ތިބާޔަށް ގެއްލުމެއް މެދުވެރިކުރައްވާނަމަ، އެކަލާނގެ މެނުވީ އެކަން ފިއްލަވާނެ އެހެންފަރާތެއް ނުވެއެވެ. އަދި އެކަލާނގެ ތިބާޔަށް ހެޔޮގޮތެއް މެދުވެރިކުރައްވާނަމަ، (އެކަން ދުރުކުރާނޭ އެހެންފަރާތެއް ނުވެއެވެ.) ފަހެ، އެކަލާނގެއީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

***

"ޔެސްޕާސަންއަކަށް ވުމަކީ ސްޓްރެސްވާކަމެއް. ނޫނެކޭ ބުނަން ދަސްކުރޭ.." އަމިއްލަ ނަފުސަށް ބުނާފަދަ ގޮތަކަށް ޝައުން ބުނެލިއެވެ."އޯ. އަދި ލޭކް އެބައިން ކުއްޖަކު ރިފާ ކޮށްފައި. ބްލީޑިން ޑިސްއޯޑާއެއް ހުރި ކުއްޖެކޭ. ކުރީ ދުވަހު ޖުއާން ބުންޏޭ ސްކޫލްގައި ކޮންމެވެސް ހާދިސާއެއް ހިނގައިގެން އޭނަ ކުއްޖަކަށް ލޭ ހަދިޔާ ކުރި ވާހަކަ. ސޯ ރައުންޑްގައި އެ ޕޭޝަންޓް ބަލައިލަން ދާނީ. ބްލަޑް ޓެސްޓްތަކަށް ބަލާފައި އެޕްލާސްޓިކް އެނީމިއާ އާމެދު ވެސް ޝައްކު އެބަވޭ....ގޭބްއަށް ގުޅައިލަން ވީ ކަން ނޭގޭ..."

"ހޫމް ޑޮކްޓަރު ޖިބްރީލް ވަރަށް އެކްސްޕީރިއެންސް ހުންނާނެ"

އެވަގުތު ކިޔާންގެ ފޯނު ރިންގުވާން ފެށިއެވެ. އެއީ ޒައިރާއެވެ.

ޒައިރާގެ ފަރާތުން ކެމީލާގެ ޚަބަރު އެނގުމާއެކު ލޭކެން ޝައުންއަށް ރިފާ ކުރި ބަލިމީހަކީ ކެމީލާކަން އެނގި ހިތުގައި ބިރުވެރިކަމުގެ ރާޅެއް ޖަހާލައިފިއެވެ. ޒައިރާއަށް އެގެއިން ނެނީއެއްގެ ވަޒީފާ ހޯދިއިރު އެއީ ކޮއްކޮއެއްކަން ޝައުންއަށް އޮތީ ސިއްރުކޮށްފައެވެ. ކޮންމެގޮތެއް ވިޔަސް އެއާއިލާއަށް ވަޒީފާގެ ބޭނުންތެރިކަން ޖެހިފައިވާ މިންވަރު ޝައުންއަށްވެސް ނޭގޭނެއެވެ. ކިޔާންގެ އާއިލާ ޝައުންއަށް އެނގުމަކީ އިތުރު މައްސަލަތަކެއް ނުކުމެދާނެކަމެކެވެ. އިހަށް ސިއްރުކުރަން ޖެހޭނެއެވެ. އޭނަ ފޯނު ހިފައިގެން ތަންކޮޅެއް ދުރަށް ގޮސް ޒައިރާއާއި ކެމީލާ ގާތު ހަދަންވީ ގޮތް ކިޔައިދިނެވެ. ޒައިރާގެ ވަޒީފާ ސަލާމަތްކުރަން އަދި ކޮންމެހެންވެސް އެބަޖެހެއެވެ. އޭނަވެސް އާއިލާގެ ޚަރަދުތައް ފޫބައްދަން އެކި ކްލިނިކްތަކުގައި ބުރަކޮށް މަސައްކަތްކުރަން ހަދައިގެން މާމަމެންނާއި ބައްދަލުކޮށް ނުލެވޭތާވެސް އެތައް ދުވަހެއް ވެއްޖެއެވެ. ހުކުރު ދުވަހު މުޅި ހަފްތާއަށް ވާވަރަށް ނިދައިލެވެނީއެވެ. އޮންކޮލޮޖީއަށް ޝައުގުވެރިވާތީ މިހާރުއްސުރެން އޭނައަށް ލިބޭ ވަގުތެއްގައި އިންނަނީ ޝައުންގެ ފޮތެއް ހޯދައިގެން އޭގެ ތެރެއަށް ވަދެއެވެ.

***

ކިޔާން ކެމީލާގެ ފައިލާއި ރިޕޯޓްތައް ބަލައިލުމުން ޝައްކުތަކެއް ހިތުގައި ހިނގައިގަތެވެ. ވަގުތުން ލޭގެ ކެންސަރު ކަމުގައި ބުނެ ސިކުނޑި ނުރައްކާތެރިކަމުގެ ރަގަބީލެއް އެޅިއެވެ. ސިކުނޑި ހަމަޖައްސައިލަންވެގެން އޭނަ ކޮފީއަކަށް ފަހު ކޮފީތަށްޓެއް ހުސްކުރަމުން ދިޔައެވެ. ކޮއްކޮއަށް އެހާ ވަރުގެ ބައްޔެއް ޖެހިފައި ހުރިކަން އޭނައަށް ދެނެނުގަނެވުނީތީ އަމިއްލަ ނަފުސް ކުށްވެރިކުރިއެވެ. ޝައުންމެންގެ ޓީމު ގާބިލުވެފައި ބަލި ދެނެގަންނާނެއެވެ. އޭނަ ފުރަތަމަ އިތުބާރު ކުރީ ހެއްދެވި ފަރާތަށެވެ. ޝައުން މެދުވެރިކުރައްވާ ކޮއްކޮއަށް ޝިފާ ދެއްވާނެއެވެ. ލޮލުން ކަރުނަ އައިކަން އެނގުނީވެސް ކޯތާފަތް ތެމުމުންނެވެ.

ކިޔާން އެކޮޓަރިއަށް ދޭތެރެއަކުން ވަދެ ކެމީލާއަށް ހިތްވަރުދެއެވެ. ބިރުނުގަތުމަށް ބުނެއެވެ. އެހެން މުވައްޒަފަކަށް ކިޔާންއާއި ކެމީލާގެ އޮތް ގުޅުމެއް އެއްވެސް ވަރަކަށް ރޭކާ ނުލައެވެ. އޭނަ ޒިޔާރަތްކުރަނީ ބަލިމީހަކަށް ޑޮކްޓަރަކު ޒިޔާރަތް ކުރާ އުސޫލުންކަމަށް އެންމެން ދެކުނެވެ.

***

ޝައުންއާއި ޖިބްރީލްގެ ފަހަތުން ޖޫނިއާ ދެ ޑޮކްޓަރުންނާއި ނަރުހުން އައެވެ. ޝައުން ޖިބްރީލްއަށް ކެމީލާގެ ވާހަކަ ކޮންމެވެސް ވަރަކަށް ކިޔައިދިނެވެ.

"ގޭބް. ކިހިނެއް ހީވަނީ؟ "

"ކުޑް ބީ އެޕްލާސްޓިކް އެނީމިއާ؟ " ޖިބްރީލްގެ ޖަވާބުން ޝައުންއަށް ބަލި ދެނެގަނެވުނެވެ. ނަމަވެސް ޔަގީން ކުރަން ބޯންމެރޯ އާއި އެހެން ޓެސްޓްތައް ކުރަން ޖެހޭނެއެވެ. އެނދުގައި އޮތް ބަލި އަންހެންކުއްޖާ މެޔާއި ހަމަޔަށް އޮތީ މަޑު ރަޖާއެއް އަޅާފައެވެ. ހުދު އަލީގެ ތެރެއިން އެކުއްޖާގެ މޫނު ފެންނަނީ ދޮންފޫޑުވެފައި ވަނިކޮށެވެ. ނިތްކުރިއާއެކު ބޮޑު ބެންޑޭޖްގަނޑެއް އޮޅާލާފައިވާއިރު ލޮލާއި ކޯތާފަތް ވަޅުވަދެ ތުންފަތުގެ ތެތްކަމެއް ނެތެވެ. އެކަމަކު އެކުއްޖާ ފެނުމުން ކޮންމެވެސް ދަންނަ މޫނެއް ސިފަވިއެވެ. ފިލްމެއްގައި އުޅޭ މަޝްހޫރު ކުއްޖެއްކަމަށް ވެދާނެއެވެ. ވަރަށް ދަންނަގޮތެއް ހުރި މޫނެކެވެ. ޝައުންއާއި ހަތަރުކަޅި ހަމަވުމާއެކު ހީލިގޮތަކުން އެންމެންގެ ހިތްވެސް ލޯބިން ފުރުނެވެ. ކެމީލާގެ އެންމެ ރީތި ސިފައަކީ ބަލިހާލުގައި ކެތްތެރިވެ ހީލުމެވެ. އަބަދުވެސް އެރީތި ހިނިތުންވުމުން ޑޮކްޓަރުންވެސް އުފާކޮށްދިނުމެވެ. އަމިއްލަ ދަރިއެއްފަދަ ކުލުނެއް ޝައުންގެ ހިތުގައި ޖެހުނެވެ. ލިލީފަދައިންނެވެ. އެހެން ނުވާންވީ ކީއްވެހެއްޔެވެ؟ މިކުއްޖާވެސް އެހާ ނާޒުކްވެފައި މައުސޫމެވެ. ފަނަރައަހަރުވާއިރު އަދި ހުންނަނީ ދިހަ ބާރައަހަރުގެ ކުއްޖެއްހެންނެވެ. އެއްފަރާތުގައި މަޑުކޮށްގެން ހުރި އަންހެންކުއްޖާ ލޫޅާފަތިވެފައި ކުރުކޮށް ބޮބްކަޓެއް ނަގާފައިވަ އިސްތަށިގަނޑެކެވެ. މޫނުމަތިން ލާނެތްކަމެއް ފެނެއެވެ.

"ވީ އާ ޔޯ ޑޮކްޓަރސް..." ޝައުން ތައާރަފެއް ދިނެވެ.

ޝައުންގެ ނަން އިވުމުން ޒައިރާ ކުޑަކޮށް ބޯ އަރިކޮށްފައި ޝައުންގެ މޫނަށް ރަގަޅަށް ބަލަން ކައިރިވެލައިފިއެވެ. ސުބުހާނަﷲ މިއީ އެލީނާގެ ފިރިމީހާހެއްޔެވެ؟ ލިލީއާއި ލޫކާގެ ބައްޕަ ޑޮކްޓަރ ޝައުންހެއްޔެވެ؟ އަޑުންވެސް ވައްތަރުވެއްޖެއެވެ. ޒައިރާ ކުއްލިއަކަށް ފަހަތަށް ޖެހެމުންގޮސް ފާރަށް ލެނގިގަތް ގޮތަށް ފާރަށް ވަދެ ގެއްލެން ބޭނުންވިފަދައެވެ. ލޭކެންއަށްވުރެވެސް ހައިބަތު ހުރި ދެ ޑޮކްޓަރުންނެވެ. ވަގުތުން އިސްޖަހާލިގޮތަށް އިސްތަށިގަނޑުން ބަޔެއް މޫނަށް ހިޔާ އަޅުވާލައިފިއެވެ.

"ހައު އާ ޔޫ ފީލިން " ޝައުން ގެ ނަޒަރުގައި އޯގާތެރިކަމެއް ވިއެވެ.

އެތައް ލޮލެއް ހުއްޓިފައިވާތަން ފެނި ކެމީލާ ރަކިވާގޮތްވިއެވެ.

"އައި ޕާސްޑް އައުޓް.....އިޓް ވޮޒްންޓް އެ ބިގް ޑީލް.. ނައު އައިމް ފައިން އަލްހަމްދުލިﷲ......" ކެމީލާ ހިނިތުންވެލަމުން ވާހަކަދެއްކިއެވެ. އޭނަ ހީކުރީ ޑޮކްޓަރ ޝައުންއަކީ ޔޫރަޕް ހިސާބު ޑޮކްޓަރެއް ކަމުގައެވެ. ރަންކުލަ އަރާ ބުޅި އިސްތަށިގަނޑާއި ހަމުގެ ޓޭންކަމުންވެސް ރާއްޖޭގެ ޒުވާނެއްހެނެއް ހީ ނުވީއެވެ. އިސްކޮޅުންވެސް އެހާ ދިގެވެ.

ޝައުން އެލީނާގެ މޭމަތީ ސްޓެތޯ ޖައްސާލާފައ ހިތާއި ފުއްޕާމޭ ޗެކްކުރިއެވެ. ބަނޑުވެސް ޗެކްކޮށްލީ ސްޕްލީން އަދި ފުރަމޭ ކަހަލަ ތަނެއް ބޮޑުވެފައި ހުރިތޯ އާއި ހަރުތަންކޮޅެއް ތަދުވާ ތަނެއް ނޫނީ ޓިއުމަރެއްފަދަ އެއްވެސް އެއްޗެއް ހުރިތޯއެވެ. ފައިގައި ނޫވެފައިވާ ތަންތަން ބަލައިލިއެވެ. އެއަށްފަހު ޖިބްރީލްއާއި ދެމީހުން ވާހަކަދައްކާލާފައި ބޯންމެރޯ ޓެސްޓްކުރަންވެސް ނިންމިއެވެ. ޓެސްޓްތަކުގެ ވާހަކަދައްކަން ފެށުމުން ކެމީލާ ކަންބޮޑުވިއެވެ. މިއީ ވޭންހުރި ކަމެކެވެ. ކަށިތައް އަބަދު ހަރަންޏާ ތަދުނުވާނީ ކާކަށް ހެއްޔެވެ؟ ޑޮކްޓަރުން ޒައިރާއާއި ވާހަކަދެއްކިއިރު ވެސް އޭނަ ހުރީ ހުރިގޮތަށް ތަބެއްހެންނެވެ. ބަލި ދެނެގަތުމަށް ހަދާ ކޮންމެ ތަހުލީލެއް އެންމެ ރަގަޅުވާނެ ކަމުގައި ބުނެލިއެވެ. ޝައުން މެން ނުކުތުމާއެކު ޒައިރާގޮސް ކެމީލާގެ ގައިގާ ހިފައިގަތެވެ.

"ދެ ޑޮކްޓަރުންވެސް ވަރަށް ހޮޓް. އެކަމަކު އެނގޭތަ؟ ޝައުންގެ އޮތީ ހަމަ ލޫކާގެ ހެއާރ. ބުނަމެއްނު ލޫކާގެ އޮންނަ ކާރލީ ރީތި އިސްތަށިގަނޑު ފެނުމުން ހަސަދަވާ ވާހަކަ. ޝައުންގެ އެހެރަ ރީތިކަމެއް. އައި ތިންކް އައިމް ފޯލިން ފޯ ހިމް......" ޒައިރާ ކުޑަކޮށް ނަށައިލިއެވެ.

"ހީޒް މެރީޑް..."

"ސޯ ވަޓް. ދެ އަންބަށްވެސް އިނދެވިދާނެ..." ޒައިރާ ހިނިގަނޑެއް ޖަހައިލިއެވެ.

"އެމީހުން އެބުނާ ޓެސްޓްތައް އެއްޗެހި ހަދަން ކިހާ ދުވަހެއް ނަގާނެ. އޭމް އައި ރިއަލީ ސިކް؟ "ކެމީލާ ސުވާލުކޮށްލިއެވެ.

"ނޫން އެންޖެލް....ހިޔެއްނުވޭ." ޒައިރާ ޔަގީންކުރިއެވެ.

"ހޫމް އަދި ހަދާންވެއްޖެ. އެއްކަލަ ބޭކަރީ މީހުންވެސް ކޭކުތައް ވިއްކާދޭން ހުއްދަނުދިން. އެކަމަކު ކަޑާގައި އުޅޭ މޫސަބޭ ބުނި ކަޕްކޭކުތައް ގެންނާށޭ. ކިހާ ރަގަޅު. އަގެއްނެތި. ލިލީ އަވަހަށް ރަގަޅުވެގެން ގެއަށްގޮސް ކޭކު ހަދަން ފަށާބަލަ. ކޮންމެތާކު ހުއްޓަސް މީރު ކޭކެއް ވެއްޖެއްޔާ ވިކޭނެ. ކޮއްކޮގެ ކަޕްކޭކް ނުކެވިގެން ލޫކާވެސް އެހާ އުޅޭ. ލޫކާއަށްވެސް މާ މީރު އެއްޗެކޯ...." ކުއްލިއަކަށް ޒައިރާ ކަމެއް ހަނދާންވިއެވެ.

"އައިސިން ޖެހީމަ ކަމަށްވާނީ..."

"ލިލީބެލްސްގެ އަތުގެ މެޖިކް...." ޒައިރާ ކެމީލާގެ އަތަށް ބޮސްދިނެވެ.

***

ޒިޔާރަތްކުރާ ގަޑީގައި ކްލާސްކުދިންތަކެއް އައުމުން ކެމީލާ ހައިރާންވިއެވެ. ވިޝާއާއި ތާނީ އަދި ފިރިހެންކުއްޖެކެވެ. ތާނީ މޭކަޕްކޮށްފައި ކުރު މިޑީއެއް ލައިގެން ހުރިއިރު ފެޝަން ޝޯއަކަށް އަރަން ތައްޔާރަށް ހުރިފަދައެވެ. ދެއްކުންތެރިކަމާއެކުވެސް ތާނީ ރީތިކަމުން މީހުންގެ ސަމާލުކަން އަތުލައިގަންނާނެއެވެ. ލަވަ މުބާރާތަކުން ވިދައިލިގޮތަށް އޭނަ ނުދަންނަ މީހަކު ރާއްޖޭގައި މަދުވާނެއެވެ. ސްކޫލް ބޭންޑުގައި ލަވަ ކިޔުންތެރިއަކީ އޭނައެވެ. ޖާވިންއާއި އައުސަމް އަދި އެހެން ދެކުއްޖަކު އެބޭންޑުގައި އުޅެއެވެ. ވިޝާ ކަޅު ހެދުމާއެކު ފަށުވި ބުރުގާއެއް އަޅާފައި ހުރިއިރު ނިކަން ލޯބިއެވެ. އިސްކޮޅުން ތަންކޮޅެއް ކުރީއެވެ. ހީލަށް އަރާފައި ދިގުކަމަށް ދައްކައެވެ. އޭރު ޒައިރާ ހުރީ ބޭނުންވާ ސާމާނު ނަގަން ގެއަށް ގޮސްފައެވެ. ތާނީ އައިއިރު ޗޮކްލެޓް ކޭކެއް ގެނައެވެ. އޭނަ މޭޒުމަތީގައި ކޭކު ބެހެއްޓިއެވެ.

"ގެޓް ވެލް ސޫން ކޭކެއް އަޅައިގެން މިއައީ. ދޮންތި ބުނި ކެމީލާގެ ކޭކު ވިއްކަން ދޮންތަގެ ބޭކަރީއަށް ލާން އުޅުނު ވާހަކަ. ދޮންތަވެސް ކޭކު އަޅައޭ........" ތާނީގެ ކޮންމެ ޖުމްލައެއް މަލާމާތުން ކުލަ ޖެހިފައި ވިއެވެ. ކެމީލާ ޅަވިޔަސް އެ އަޑުގައި ހުރި މަލާމާތް ދެނެގަނެވުނެވެ.

"ކިހިނެއް ކެމީލާ. ކެމީލާ އޮންކޮލޮޖީ ބަޔަށް ގެނައިކަން އެނގުނީމަ ވަރަށް ދެރަވި. ވަޓް ހެޕެންޑް.." ވިޝާ އެހިއެވެ.

"ކޮންތާކު ކެންސަރު ޖެހުނީ.." ތާނީ ފާޑަކަށް ހިނިއައިސްފަ އެހިއެވެ.

"ނޭގޭ...އަސްލު......" ކެމީލާ އެކުދިންނަށް އޮޅުން އެރިކަން ބުނެދޭން ބޭނުންވިއެވެ.

"ބްލަޑް ކެންސަރުކަން ނޭގޭ. ލިއުކީމިއާ. ހޮސްޕިޓަލް ތަންތަން ފެނުނަސް ފޫހިވޭ އެކަމަކު ކެމީލާ މިހާ ބޮޑު ބައްޔެއް ޖެހުނުކަން އެނގުނީމަ ހަގީގަތުގައި ސިމްޕަތީ ވެގެން އާދެވުނީ...... ގެޓް ވެލް ސޫން.." ތާނީ އޭނަގެ ލޯބިވެރިޔާ އައުސަމްގެ ކޮނޑުގައި އަތް ޖައްސާލައިގެން ހުއްޓުނެވެ.

"ތެންކިއު.." ކެމީލާ ބިރުވެސް ގަތެވެ. އެކަނި އޮތްވާ ފެނުމުން ކޮންމެވެސް ގޯނާއެއްކުރަން ފަހެއް ނުޖެހޭނެއެވެ.

"މިތަނުގައި ކެންސަރު ވަސް ދުވާ ވަރުން ނޭވާ ނުހިނގާ. ސީރިޔަސްކޮށް އޮންކޮލޮޖީ ބަޔަށް ވަންފަހުން ހަމަ އޯކަށް އެބަ ދަމާ. އީކް...................." ތާނީ ގަދަކަމުން އޯކަށް ދެމިއެވެ. ކެމީލާ ނުރުހުންވިއެވެ. ހަގީގަތަކީ މިތާގައި ދުވަނީ މާތަކުގެ މީރުވަހެވެ. އެބުނާފަދަ އެއްވެސް ބައްޔެއްގެ ވަހެއް ދުވަނީއެއް ނޫނެވެ. ތާނީގެ ޖެއްސުން ބޮޑުކަމުން ކޮންމެވެސް ޑްރާމާއެއް ކުޅޭހިތުން ޖައްސާހާ ހުތުރު ވައްތަރުތަކެވެ.

"ކެންސަރުގައި ވަހެއް ދުވާތަ؟ "ވިޝާވެސް އެހިއެވެ.

"ނޭގޭ އޮންކޮލޮޖީ ޑިޕާޓްމެންޓަށް ވަނީމަ ފާޑެއްގެ ވަހެެއް ދުވަންފެށީ ދެން ކެންސަރ ވަސް ނޫން ކޮން ވަހެއް މިތާ ހުންނާނީ...." ތާނީ އަނގަޔަށް ވައްތަރެއް ޖައްސައިލަމުން ނޭފަތް ގުރުޑުކޮށްލައިފިއެވެ.

ނަސީބަކުން އެވަގުތު އަރީޖްއާއި އޭނަގެ މަންމަ އައުމުން ތާނީ ބޭނުންހާ ކުޅިއެއް ކުޅޭކަށް ނުކެރުނެވެ. އެކުދިން ނުކުތުމުން ކެމީލާއަށް ލިބިފައިވާ ނުތަނަވަސްކަން ކެނޑި ހިތަށް ފިނިކަމެއް ލިބުނެވެ. އަރީޖް ވަގުތުން ކޭކާއިމެދުވެސް ޝައްކުކުރިއެވެ. އެކޭކަށް ޒަހަރު ނާޅާކަމެއް އެނގެނި ކިހިނެއްހެއްޔެވެ؟ އެއީ ކެމީލާއަށް ހެޔޮއެދިގެން އައި ބަޔެއްނޫނެވެ. ކެމީލާ މައުސޫމްކަމުން ހިތްހެޔޮކަމުން ނުވިސްނުނަސް އަރީޖްއަށް ވިސްނޭކަމަށް ބުނެފައި އެކޭކު ހުރިގޮތަށް ޑަސްބިނަށް ލައިފިއެވެ. އަދި ގޮސް ކެމީލާއާއި އަތާ އަތް ޖެހިއެވެ.

އަރީޖްމެންނަކީވެސް މުއްސަދި ބަޔެއް ނޫނެވެ. އަރީޖްގެ ބޭބެ ރިޒޯޓެއްގައި ވަޒީފާ އަދާކުރަމުން ކޮއްކޮގެ ކުރިމަގާއިމެދު ވިސްނާފައި އެންމެ ރަގަޅު ސްކޫލަކަށް ވެއްދީއެވެ. ގަނާގެ ޝިކާރައަކަށްވެ އެތައް ވަރަށް ރުއިފަހުން ކެމީލާފަދަ އެކުވެރި ކުއްޖަކު ލިބުމުން އަރީޖްގެ ހިތަށްވެސް ފަރުވާއަކަށްވިއެވެ. އެކަކު އަނެކަކަށް ހިތްވަރު ދެވޭނެކަމުގައި އަރީޖް ދެކެއެވެ. ވެވުނުހާ އެހީއެއް އޭނަ ކެމީލާއަށް ވެދޭނެއެވެ. އެނުލަފާ ކުދިންތަކުގެ ކިބައިން ކެމީލާ ހިމާޔަތް ކުރަން އޭނަގެ ފުރާނަވެސް ގުރުބާން ކޮށްފާނެއެވެ.

***

ކެމީލާގެ ޓެސްޓްތައް ހަދަން ފެށިއެވެ. ބޯންމެރޯ ޓެސްޓް ހަދަން ގެންދިޔައިރު ކެމީލާ ރޯން ފެށުމުން ޒައިރާވެސް ރުޔެވެ. ކެމީލާގެ މައްސަލައަކީ ކަށިތައް ހަރާލެއް ގިނަވެ އަޅާ ވޭނެވެ. ކޮންމެ ފަހަރަކު ސިރިންޖެއް ފެންނައިރަށް ހަށިގަނޑު ހަރުވެ "އެލާޖިކް"ވާހެން ހީވެއެވެ. ބިރުން ރޫރޫ އަޅައެވެ. އެކްސްރޭތަކާއި ލޭގެ ޓެސްޓްތައް ހަދައިފިއެވެ. ލޭ އަދި ޕްލެޓްލެޓްވެސް އަޅައިފިއެވެ. ކެމީލާ އެއިން ކޮންމެ ފަހަރަކު ވޭން އަޅާއިރަށް ބާރުބާރަށް "ﷲއަކްބަރު" ކިޔާތީ ޑޮކްޓަރުންނާއި ނަރުހުންނަށް ކެމީލާއަކީ ދީންވެރި ކުއްޖެއްކަން ދެނެގަނެވުނެވެ. ބައެއްފަހަރު ބިރުގަތުމުން ގުރުއާންގެ ކޮންމެވެސް ސޫރަތެއް ކިޔަން ފަށާފާނެއެވެ. އެއިން ކޮންމެ ކަމަކުން އޭނައަށް އެހީތެރިވާ އެންމެންގެ ހިތުގައި ކެމީލާއަށްޓަކާ ލޯބި އުފެދުނެވެ. މިހާ ކުޑައިރުވެސް ތަފާތެވެ.

***

"ކޮންކަހަލަ ނެނީއެއް ތި ގެނައީ؟ ހަމަ މަކަރުހެދުމުގެ އެއްވަނަ. ދައްތައަކު ބަލިވެގެންނޯ ކިޔާފައި ނާދޭ......" އެލީނާ ދެކުދިން ދެކިހިލީގައި ޖަހައިގެން ނުކުމެ ޝައުންގެ ކުރިމަތީގައި ބޭތިއްބިއެވެ.

"އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތް. އިންސާނެއް ވެއްޖެއްޔާ ބަލިވެސް ވާނެ. ފެމިލީ ރެސްޕޯންޒިބިލިޓީ އެއްވެސް އޮންނާނެ. އެލީނާ ދުވަހަކު ބަލިނުވާނީތަ..." ޝައުން ސޯފާއިން ތެދުވުނެވެ. މުށިކުލައިގެ ޖިންސަކާއި ޓީޝާޓެއްގައި ހުރިއިރު ރަސްމީކަމެއް ނެތެވެ. ކަންނެތް ނަޒަރެކެވެ.

"އާނ އަހަރެން ބައްޔެއް ނުވާނެ. މަރެއްވެސް ނުވާނެ..." ރުޅިގަދަވާ ވަގުތު ކިޔޭ ނުކިޔޭ އެއްޗެއްވެސް އެލީނާއަށް ނޭގެއެވެ.

"އެލީނާ އިމޯޓަލް ތަ؟ " ޝައުން އެއް ބުމަ އަރުވާލިގޮތަށް ކުޑަކޮށް ހީލިއެވެ.

"އާނ. އިމޯޓަލް ސޯ ވަޓް؟ " އެލީނާ ތުން މާރަގައެއްހާ ދިގުކޮށްލައިގެން ހުރެ ތަންކޮޅެއް ބާރަށް ބުނެލައިފިއެވެ. ލިލީ އޭރު އޭނައަށް ވުރެ ބޮޑު ޓެޑީ އެއް ސޯޯފާގައި ބައިންދައިގެން ބައްދާލާފައި ވާހަކަދައްކަން ހުއްޓެވެ. ހަތް އަހަރު ވިޔަސް ލިލީ އުޅެނީ އުމުރަށްވުރެ މާ ޅަކޮށެވެ.

"މަންމީ. އާ ޔޫ ސުޕަރމޭން؟ "ލޫކާ ލޯ ހަނިކޮށްލަމުން އެހިއެވެ. " ސުޕަމޭން އިޒް އިމޯޓަލް......"

ލޫކާ ޝައުންއާއި އެއްބައިވެ އެލީނާއާއި ދިމާކޮށްލަށް ބުނި ޖުމްލައިން ޝައުންއަށް ހީގަނެވިއްޖެއެވެ. އެލީނާ ކުދި ކިޔަމުން ކޮޓަރިއަށްވަދެ ދޮރު އަތުކޮޅަށް ޖަހާލައިފިއެވެ. ދަތްތައް ބިންދައިގެންދާހާ ބާރަށް ދަތްތައް ވިކާލާފައި އެނދަށް އެރިއެވެ. ބާލީސްތަކުގައި ތަޅައިގަތެވެ. އިރުގަނޑެއްފަހުން ތެދުވުނުތަނުން ފޯނު ފެންނައިރަށް އެލީނާގެ ރުޅި ފިނިވެ ވަގުތުން ބުނެވުނު ޖުމްލަ އަނބުރާ ނެގިއެވެ. "ޔާﷲ ފާފަ ފުއްސަވާދޭވެ. އެ ޝައުންގެ ނުލަފާ ކަމުން ގަސްތުގައި ރުޅި އަރުވަނީއޭ. މިއަޅާވެސް މަރުވާނެ. އަދި އޭނައާއިހެދި. އޭނަގެ ކިބައިން ސަލާމަތްކުރައްވާ ދޭވެ..."

އެލީނާ ބިއްލޫރި ދޮރުފަތްތަކުގައި ހުރި ފަރުދާތައް ދަމާލުމަށްފަހު އެނދަށް އެރިއެވެ. މަޑުކަފަ ކުއިލްޓާއި ކުޝަންތަކުގެ ތެރޭ ހަށިގަނޑު ފޮރުވިއެވެ. އޭސީގެ ފިނިކަން ގަދަކޮށްލުމަށްފަހު ފޯނު ނެގުމަށްފަހު މެސެޖްކުރަން ފެށިއެވެ.

"ހޭއި ކިޔާން. ކޮންތާކު؟ހާދަ ބޯކޮށޭ ވާރޭ ވެހެނީ. ވަރަށް މިސް އެބަވޭ...... " އެލީނާ އާދައިގެ މަތިން ޗެޓް ކުރަން ފެށިއެވެ.

ނުނިމޭ

ކޮމެންޓް 0