"މައިންބަފައިންނާއި އާއިލާއަށް ވަގުތު ދީ އަޅާނުލަންޏާ ހިތާމަ ކުރަންޖެހޭނެ ދުވަހެއް އައިސްދާނެއެވެ. ފާއިތުވި ދުވަހެއް އަނބުރާ ހޯދުމަކީ ވާނެކަމެއް ނޫނެވެ."

***

އެލީނާ ލިލީ ގޮވައިގެން ގެއަށް އައިއިރު ލޫކާ ވީތަނެއް ބަލައިލަންވެސް ހަދާނެއްނުވިއެވެ. ލޫކާ އެންމެ ފަހަށް އުޅުނީ ޝައުން އާއެކުކަން ޔަގީންވިޔަސް ޝައުންއަށް ގުޅަންވެސް ފަސްޖެހުނެވެ. މާޒީގައި ކުރެވުނު އެންމެ ކުށަކުން އޮމާން ދިރިއުޅުމަކަށް ފުރުސަތު ލިބުނުއިރު އިންގިލާބެއް އައީއެވެ. އޭނަ އާއިލީ ވައިބާ ގްރޫޕަށް ވަނެވެ. ވަރަށް ހިމޭނެވެ. އަދިވެސް ކެމީލާ އެގްރޫޕުން ވަކިނުކޮށް އިންތަން ފެނުނެވެ. ލިލީ ނިންދަވާލުމަށްފަހު އޮށޯވެލައިގެން އޮވެ ތަފާތު ޚިޔާލުތައް އުދަގޫ ކުރުމުގެ ސަބަބުން ރޮއިރޮއި ހަލާކުވާވަރުވިއެވެ.

"ދަރިފުޅާ...ޝައުން އެބަހުރި.." މަންމަ ކޮޓަރީގެ ދޮރުގައި ޓަކިދިނެވެ.

އެލީނާގެ ހިތަށް އެވަގުތު ވީގޮތް ދެނެވޮޑިގެންވަނީ ހަމައެކަނި ހެއްދެވި ފަރާތެވެ. މިވަރަށް ރޮއިފަ ހުރެގެން ޝައުންގެ ކުރިމައްޗަށް ދާކަށް ލާހިކެއްނޫނެވެ. އެންމެ ރަގަޅުވާނީ އަޑު ނީވޭކަމަށް ހެދުނިއްޔާއެވެ. އޭނަ ކުޝަން މޫނުގައި އަޅާ ބާރުކޮށްލައިފިއެވެ.

***

އާތިކާ ނާދިރާއަށް އެންގީ ދަރިން ގޮވައިގެން ރަށަށް ފުރުމަށެވެ. ނޫނީ މާމައަށް ސްކައިމޯ ހޮސްޕިޓަލުން ފަރުވާ ނުދެވޭނެކަން އެންގިއެވެ.

"ކަލޭމެންގެ މަންމައަށް ބޭސްފަރުވާ ކުރުމުގެ ޝަރުތަކީ މިއީ. ކޯމާއިން ހޭ އެރީމަ އަންގާނަން" އާތިކާގެ އިންޒާރުން ޒައިރާއާއި ކެމީލާގެ ހިތްވެސް ރޫރޫ އަޅައިގަތެވެ. އާތިކާ ނުކުތުމާއެކު ނާދިރާ އެންގީ ދަތުރު ހެދުމަށެވެ. އޭނައަށްޓަކައެއް ނޫނެވެ. ކުދިންގެ ލޯބިވާ މާމައަށްޓަކައެވެ. ކިޔާން ޖަލަށް ލިކަން އެނގުމަށްފަހު އެކުދިންގެ ހިތްތައްވަނީ ހަލާކުވެފައެވެ. ހުރިހާ އުއްމީދެއް ފުނޑުފުނޑުވެއްޖެއެވެ. ވީ ނުވީއެއްވެސް ނޭގުނެވެ. ޒައިރާ ހިމޭންކަމާއެކު ދަބަސް ޕެކްކުރަމުން ދިޔައިރު އެ އުފާވެރި މޫނުގައި ކުރިން ހުންނަ ކުލައެއް ނެތެވެ. ލާނެތް ވިދުވަރު އޭނަގެ ލޮލުން ހިޖުރަކޮށްފިއެވެ. ކެމީލާގެ ތުންފަތްމަތީ ހުންނަ ފަނޑުވުމެއް ނެތް ހިނިތުންވެސް މާމައާއެކު ގެއްލިއްޖެއެވެ. އެކުދިން މަގުމަތިވެ އެކަނިވެރިކަން ވަށާލައިފިއެވެ. އެކުދިން މަންމަ ކިޔާ މީހާއަކީ ހުއްޓަސް ނެތް މީހެކެވެ. ޒައިރާ ނާދިރާއާއި އަނގައިން ބުނަންވެސް އިންކާރުކުރެއެވެ.

ޒައިރާ މާމަގެ ހުރިހާ އެއްޗެއް ވަކިން ޕެކްކުރިއެވެ.

"މިއީ މާމަގެ ހަދާންތަކަކީ. ކޮންމެހެންވެސް ފޮރުވަންޖެހޭނެ ދޯ ލިލީ...."

ކެމީލާގެ ލޮލުން ވެއްޓުނު ކަރުނަތިކި އަތުގެ ނުފުށުން ފޮހެލިއެވެ.

"ދުނިޔެއަކީ މިކަހަލަ ތަނެއް. ލޯބިވާ މީހުންނާއި ވަކިވާނެ. އެކަމަކު އެންމެ ދެރަވަނީ މާމައާއި ވަކިވީމަ. އަރީޖްވެސް ދިޔައީ. އަދި މިހާރު ވިޝާއާއި ތާނީ ގާތުވެސް ނުބުނެ ފުރައިގެން ދާން ޖެހެނީ. ލޫކާއާއި ލިލީ. ވިލް މިސް ދެމް ސޯ މަޗް....." ކެމީލާ އޭނައައި މާމަ އަދި ދޮންތައާއި ދޮންބެ އެކީގައި ނަގާފައިވާ ސެލްފީއަކަށް ބަލަން އިންއިރު ލޯ ފުރިގެން ކަރުނަ އަންނަމުން ދިޔައެވެ.

"ލިލީ ބީ ޕޮޒިޓިވް. މާމަ އަދި ކޯމާއިން އެނބުރި އަންނާނެ އިންޝާﷲ. އަދި ދޮންތިވެސް ކެބިންކްރޫއަަކަށް ވުމުގެ ހުވަފެން ދޫކޮށެއް ނުލަން. ލިލީވެސް އަދި އެންމެ ބެސްޓް ބޭކާރ އަށް ވާނެ...." ޒައިރާ ކުޑަކޮށް ހީލަމުން ވަށްކަޅިއަކުން އޭނަގެ މަންމަ ކުރާކަމެއް ބަލައިލިއެވެ. މަންމަ ސޯފާއަށް ދެފައި ނަގައިގެން ހުސްކަމުގެ ތެރެއަށް ބަލަހައްޓައިގެން އިނީ ގެއްލިފައެވެ. މަންމަވެސް ހިތާމަކުރޭ ހެއްޔެވެ؟ އެހިލަ ހިތް މަޑުވީބާވައެވެ.

އެކުދިންގެ ސާމާނުތައް ޕިކަޕަށް އަރުވަނިކޮށް ޖައިޝް އެގެއަށް އައެވެ. ގެ ހުސްކުރާތަން ފެނުމުން ހައިރާކަންކަމެއް ލިބުނެވެ. އޭނަ މިއައީވެސް ކިޔާން ފޮނުވައިގެން ކުދިންގެ ހާލު ބަލައިލާށެވެ. ގޭގެ ކުއްޔާއި ކެމީލާގެ ސްކޫލް ބިލް ދެއްކުންފަދަ ހުރިހާ ޒިންމާއެއް އޭނަ އޮތީ ނަގާފައެވެ. ނަމަވެސް މި ފެނުނީ ތަފާތު މަންޒަރެކެވެ. މާމަ އެހާ ބަލިއިރުވެސް އެކުދިން މާމަ ދޫކޮށްލާފައި ދަނީހެއްޔެވެ؟ ޖައިޝް ސުވާލުކުރުމުން ޒައިރާ ބުނީ ރަށަށް އެނބުރިދަނީ ކަމުގައެވެ.

"އަހަރެން ގާތު ކިޔާން އޮތީ ހުރިހާ ޚަރަދެއް ބަލާދޭން އެދިފައި. ދެން ކީއްވެ ދާންވީ؟ މިގޭގެ ކުލިވެސް ދައްކާފައި އޮތީ...."

"ނޫން ޑޮކްޓަރ ޖައިޝް. އަޅުގަނޑުމެން ދިރިއުޅޭނީ ރަށުގައި. ކިޔާން ހަވާލުކޮށްފައި އޮތިއްޔާ މާމައަށް ޚަރަދުކޮށްދެއްވާ. އަދި މާމައަށް އަޅާލަދެއްވާ. އެކަމަކު ދެން މަޑެއް ނުކުރެވޭނެ. ދޮންބެއަށް ސަލާމް އަދި ޒައިރްއާއި ލިލީ ދޮންބެއަށް އިންތިޒާރުކުރާނަމޭ ބުނެދެއްވައްޗޭ......." ޒައިރާ ދުރަށް ބަލަން ހުރެފައި ބުނެލިއެވެ. އާތިކާގެ އިންޒާރުތައް އެހެން މީހުންނާއި ހިއްސާކޮށްގެން ސްކައިމޯއިން މާމަ ނެރެލައިފިއްޔާ މާމަ ދުނިޔެއާއި ވަކިވެގެންވެސް ހިގައިދާނެއެވެ. މާމައަށް ވީހާވެސް ރަގަޅު ފަރުވާ ލިބުމަށްވުރެ އެކުދިން ދުނިޔެއިން ބޭނުންވާ އިތުރުކަމެއް ނެތެވެ. ޖައިޝް ނާދިރާއާއިވެސް ވާހަކަދެއްކިއެވެ. އެކަމަކު އެކުދިން މަޑުކޮށްލަން ޚިޔާލެއް ނުކުރިއެވެ.

***

ޑީއެންއޭ ޓެސްޓްގެ ނަތީޖާ ހިފައިގެން ކޮޓަރިއަށް ވަދެ އެ ސިޓީއުރަ ޝައުން ކަނޑައިލިއިރު ހިތުގެ ތެޅުން އަވަސްވެއްޖެއެވެ. އެއީ ލޫކާ އަދި ލިލީގެ ޑީއެންއޭ ރިޕޯޓެވެ. އެ ރިޕޯޓް ބަލައިލުމާއެކު ދެފައިގެ ވާގިދޫވިފަދަ އިހުސާސެއްވިއެވެ. އޭނަގެ ބިރު ހަގީގަތަކަށްވެ މޫނުމަތީ އެޅި އެތިފަހަރަކަށްވިއެވެ. އެ ރިޕޯޓުން ކިޔާންއާއި އެލީނާގެ ނުބައި ގުޅުން ފަޟީހަތްވެ އެދެމީހުންގެ އަގު ވެއްޓިއްޖެއެވެ. ލިލީއަކީ ޝައުންގެ ދަރިއެއްނޫނެވެ. އެހެން މީހެއްގެ ބަގީޗާގައި ފޮޅިފައިވާ މަލެކެވެ. އެކަމަކު ލޫކާއަކީ އޭނަގެ ދަރިއެކެވެ. ޖެނެޓިކް ޓެސްޓް އެކަން ޔަގީންކޮށްދީފިއެވެ. ހަގީގަތުގައި ލޫކާގެ ޓެސްޓް ނެހެދިޔަސް އެކުއްޖާގެ ސިފަތަކަށް ބަލާފައިވެސް އެއްވެސް މީހަކު އޭނަގެ ދަރިއެއް ނޫންކަމަށް ޝައްކެއް ނުކުރާނެއެވެ. ލޫކާ އެހާވެސް އޭނައާއި ވައްތަރީއެވެ. މޫނު އަދި އިސްތަށިގަނޑާއި އުޅުންވެސް ތަފާތެއް ނެތެވެ. ކާބަން ކޮޕީއެއްފަދައެވެ. އޭނަ ހީކުރީ ލިލީ ވައްތަރީ އެލީނާއާ ކަމަށެވެ. ޕްރައިމޯޑިއަލް ޑްވާފްއަކަށް ވުމުން ލިލީ ގެ ގުނަވަންތައް ކުޑަކަމާއެކު އެ ނާޒުކް މޫނުކޮޅަކީ އެލީނާގެ ކަމަށް ހީކުރިއެވެ. ނަމަވެސް ކިޔާންގެ ދަރިއެއްކަން އެނގުމާއެކު ލޯ ވައްތަރުވިއެވެ. އިސްތަށިގަނޑުވެސް މެއެވެ.

ޝައުންއަށް އެލީނާއާއި ކިޔާންގެ ލޯބިން އެކީ ނަގާފައިވާ ފޮޓޯތައް ފެނުނު ހިސާބުން ފެށިގެން އޭނަ އެލީނާއާއި އެއްކޮށް ގުޅުން ކަނޑައިލަން ބޭނުންވިއެވެ. ނަމަވެސް އެލީނާއަށް ގުޅާ ގުޅާ ޚަބަރެއް ވަނީއެއް ނޫނެވެ.

ޝައުން އެތައް އިރެއްވާންދެން ތެދުވާނެ ހިތްވަރެއް ނުލިބިފައި އޮތެވެ. އަނދިރީގެ ތެރެއިން އުއްމީދުކަމުގައިވި ކަނިޖަހަޖަހާ ހުރި ހުޅުކޮޅުވެސް ނިވި ދިރިއުޅުމުގެ މިސްރާބު ގެއްލުނީއެވެ. މާޔޫސްކަމާއި ފުންހިތާމަ އޭނަގެ ވަށައިލީ ފާރެއްފަދައިންނެވެ. އޭގެތެރޭ ފިތި ނޭވާވެސް ހުސްވަނީކަމުގެ އިހުސާސެއްކުރެވުނެވެ. މޭގެ ތެރޭ އޮތް ހިތުގައި އުފެދުނު ނުތަނަވަސްކަމާއި ކެކުޅުން ލަފުޒުތަކަކުން ބަޔާންކޮށެއް ނުދެވޭނެއެވެ. އެހާ ވަރުގަދަ އިހުސާސްތަކެއް ކުރުވައިފިއެވެ. ލޮލުން ކަރުނަ ނައި ކަމުގައިވިޔަސް ހިތް ރޮނީއެވެ. އެރޭ އެންމެ ފަހަރަކުވެސް ލޮލު ފިޔަ ޖަހައެއްނުލެވުނެވެ. ދެފަރާތަށް ފުރޮޅުނެވެ. އެމަޑު ތަންމަތިވެސް އޭނައަށް އަނގުރު އަލިފާންކަމުގައި ވިއެވެ.

އެރިއިރާއެކު ޝައުން ހުރީ ޝޭޚު އަމީރުގެ ގޭގެ ކުރިމަތީގައެވެ. ބެލްއަޅައިލުމާއެކު ނުކުމެގެން އައީ ވިޝާއެވެ. އޭނަ ހުރީ ސްކޫލަށް ދާން ތައްޔާރުވެލައިގެންނެވެ.

"އައްސަލާމް އަލައިކުމް....." ޝައުން ހިނިތުންވެލިއެވެ. އެހެން ދުވަހާ ތަފާތުކޮށް ޝައުންގެ މޫނުމަތީގައި ތާޒާކަމެއް ނެތެވެ. ތުނބުޅި މަތިމަސް ތަންކޮޅެއް ދިގުވެފައެވެ. އިސްތަށިގަނޑުވެސް މެއެވެ.

"ވައަލައިކުމުއްސަލާމް..." ވިޝާ ލަދުވެތިގޮތަކަށް ހީލައިފިއެވެ.

"ދޮންތިއަށް ގޮވާލަދީފާނަންތަ؟"

"އަހް.....އޯ ދޮންތި ހިގައްޖެ. ރޭގައި މަންމައާއިއެކު ދޮންތަވެސް ޔޫކޭއަށް ފުރައިފި." ވިޝާ ކަންބޮޑުވެފައިވާ ނަޒަރަކުން ޝައުންގެ މޫނަށް ބަލައިލިއެވެ. "ދޮންތި ނުބުނޭތޯ؟ އަސްތަޣުފިރުﷲ. އަޅުގަނޑަށް ކޮންމެވެސް މައްސަލައެއް އުޅޭކަން އެނގޭ އެކަމަކު ދޮންތަ ނުބުނެ ފުރާފާނެކަމަށް ހީނުކުރަން. ކުރީދުވަހު އަދި ބުންޏޭ ދޮންބެ ކައިރިއަށް ސީރިޔާއަށޯ ދާނީ. ވަރަށް ހާޓްވެފައޭ...."

"ވަޓް؟ "ޝައުންގެ ހިތް ބިރުވެރިކަމުން ފުރުނެވެ.

އެލީނާއަކީ އެފަދަ ޚިޔާލުތައް ކުރިން ހުންނަ ކުއްޖެއްނޫނެވެ. ސީރިޔާއަށް ކުދިންނާއިގެން ދިޔުމުގެ ވިސްނުން އައި ގޮތެއްވެސް ނޭގުނެވެ. ދީނީ ފޭރާން އަޅައިގެން ހުއްޓަސް އެލީނާއަކީ ކޮންކަހަލަ ކުއްޖެއްކަން ޝައުން ދަނެއެވެ. އާރިކް ހިނގި މަގަކުން ހިގުން އެލީނާއަށް ފަސޭހައެއްނުވާނެއެވެ.

"ޕްލީޒް އެތެރެއަށް ވަންނަވާ. ކޮޅަށް ހުރެ ވާހަކަ ދައްކާ މި ނިމެނީ. ވިލް ބްރިންގް ޔޫ ކޮފީ....." ވިޝާ ޝައުންއަށް ދައުވަތު ދިނެވެ. ނަމަވެސް ޝައުން ބުނީ އޭނަވެސް ޑިއުޓީއަށް ދާން ލަސްވާކަމުގައެވެ.

"އައިމް ސޮރީ ދޮންތަބެ. ދޮންތި އަސްލު ވަރަށް ޑެސްޕެރޭޓްވެ ބިރުން ހުރީ. ކޮން މައްސަލައެއްކަމެއް ނޭގޭ އެކަމަކު ޑިޕްރެޝަންއަށް ގޮއްސަ އަބަދު ލަދުގަންނަ ވާހަކައާއި މީހަކަށް ފެންނަން ބޭނުންނުވެއޭ ކިއި. އެހެންވެކަން ނޭގޭ ރާއްޖެ ދޫކޮށް އެދިޔައީ. އަދި އެނބުރި އަންނާނެ އިންޝާﷲ. " ވިޝާ ބުނެލިއެވެ.

ޝައުން ކާރަށް އަރާ ހުންގާނުގައި ބަންލާފައި އަތުންޖެހުނެވެ. ރުޅިއާއި ހިތާމަ އޭނަގެ ސިކުނޑި ހާސްކުރުވައިފިއެވެ. އެލީނާގެ މޮޔަކަމާއެކުވެސް އެފަދަ ފިޔަވަޅެއް އަޅާފާނެކަމަށް އޭނަ ހީނުކުރެއެވެ. ވަގުތުން އެލީނާގެ މަންމަ ޝުވޭކާރަށް ގުޅަން އުޅެފައިވެސް ޚިޔާލު ބަދަލުވީ މިހާރު ޔޫކޭއަށް ދަންވަރު ވަގުތުކަން ހަދާންވެފައެވެ. އެކަމަކު ގުޅައިގެން ވާހަކަ ދެއްކުމަށްވުރެ އެންމެ ރަގަޅުވާނީ އެލީނާ ހުރި ތަނަކަށް އޭނަގޮސް ދިމާކުރުމަށެވެ. އެނޫނީ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ.

***

ހަވީރު ސަޔަށްފަހު ވާހަކަދައްކައިލަން ޕޫލްކައިރީ ބަހައްޓާފައި ހުރި ގޮނޑިތަކުގައި ތައިމޫރުގެ އާއިލާ މެމްބަރުން ތިއްބެވެ. ހަމައެކަނި ފިރިހެންކުދިންނާއެކު މިގޮތަށް ދުވަހެއް ލިބުމުން އާތިކާ އުފާވިއެވެ. ކެމީލާ އަދި އެލީނާއާއި ކުދިންނަކީ މި ތަސްވީރު ފުރިހަމަ ކުރަން ބޭނުންވާ ބަޔެއް ކަމުގައި އޭނަ ނުދެކެއެވެ. ނަމަވެސް ސޯފިއާގެ މޫނު މިލާފައިވާ ގޮތުން ހިތާމައެއްގައިކަން އެނގެއެވެ. އެލީނާ ވަކިވެ ދިޔުމަކީވެސް ލިބުނު ޝޮކެކެވެ.

"ސޯފީ އަދިވެސް ކެމީލާ މިގެއިން ދިޔުމުން ހިތާމަ ކުރައްވަނީތޯ؟ " އާތިކާ އެހިއެވެ.

"އަމިއްލަ ދަރިއެއްކަމުގައި ބަލާ ގެންގުޅުނު ކުއްޖަކު މަތިން އެހާ ފަސޭހައިން ހަދާން ނައްތާނުލެވޭނެ. ދެޓް ޗައިލްޑް. ޔާ. އެކުއްޖާ ދިޔައީ ހިތުން ބަޔެއް ހިފައިގެން.." ސޯފިޔާ އެހާ ފާޅުކޮށް ބުނެލިގޮތުން އެންމެނަށް ހައިރާންކަމެއް ލިބުނެވެ.

"މަމް. އަޅުގަނޑު ހީކުރީ އެލީނާ ދިޔައީމަކަމަށް..." ޖުއާން ލޯ ބޮޑުކޮށްލިއެވެ.

"އަޅުގަނޑުވެސް އަޖައިބުވެއްޖެ. މިވަނީ ކިހިނެއްތޯ؟ ކެމީލާކަހަލަ އަންހެންކުއްޖަކަށްޓަކާ.........." އާތިކާ ބޯ ހޫރައިލިއެވެ.

"ކެމީލާގެ ކުށެއްނެތް. އެކުއްޖާ ޅަކަމުން......." ސޯފިއާގެ ލޮލުން ކަރުނަ ތިއްކެއް ނީރައިލިއެވެ.

"މަމް...." ޖުއާން އެއްޗެކޭ ބުނަން އުޅެފައިވެސް މަންމަ ޖަޒުބާތީވިތަން ފެނި އިސްޖެހިއްޖެއެވެ. އޭނައަށްވުރެ ވެސް މަންމަ ކެމީލާދެކެ ލޯބިވަނީ ބާވައޭ ހިތަށް އަރާ ހަސަދައިގެ ކުޑަ އަލިފާންކޮޅެއް ރޯވާން އުޅެފައިވެސް ނިވިއްޖެއެވެ. އެއީ ހަސަދަވެރިވުމުގެ ހައްގު އޮތް ކުއްޖެއްވެސް ނޫނެވެ. މަންމައަށް ސިހުރު ހަދައިގެން ހިތް އަތުލިޔަސް އެކުއްޖާއާއި އެ އާއިލާގެ ނުބައިނުލަފާކަން މުޅި މި އާއިލާ ދަނެއެވެ. ދުވަހަކު ހިތް ހެވެއް ނުވާނެއެވެ.

***

ޖިލްވާ ކިޔަންއާއި ބެހޭގޮތުން މާ ކުރީއްސުރެ ދައްކަމުން އައި ހަގީގަތެއްނެތް ބުހުތާން ދޮގުގެ ފައިދާ ނެގީ ސްކައިމޯ އާއިލާއިންނެވެ. އެލީނާއާއި ކިޔާން ބެހުނުކަން ފޮރުވާފައި އެހެން ކުށެއް ކިޔާންގެ ބޮލުގައި އަޅުވާ ޖަލުގެ އަނދިރި ގޮޅިއަށް އެއްލައިލަން މަޖުބޫރުކުރުވީ ޖިލްވާ ހެކިބަސްދީގެންނެވެ. އެލީނާ ބަދުނާމު ނުކޮށް ކިޔާންއާއި ޖިލްވާ ނޫސްތަކަށް އަރުވައިލަން ލިބުނު ރީތި ފުރުސަތެކެވެ. ހުރިހާ ނޫސްތަކުގައި ހޫނު ޚަބަރަކަށް އޮތީ ސްކައިމޯ ހޮސްޕިޓަލުގެ ޑޮކްޓަރެއްކަމަށްވާ ކިޔާން ޖިލްވާ ކުޑައިރު ގޯނާކުރި ވާހަކައެވެ. އަށާރަ އަހަރު ނުފުރޭ ކުއްޖަކަށް ގޯނާކުރުމަކީ ގާނޫނީގޮތުން ބޮޑު ކުށެކެވެ. މާތްﷲގެ ރަސްކަންފުޅަށް ބިރެއްނެތި ފައިސާއަށްޓަކާ އެކަމަށް ހެކިދޭނެ ދެ ޒުވާނުންވެސް ވިއެވެ.

ޖައިޝްއަށް ހަގީގަތް އެނގުނަސް އޭނަ ހިމޭންވިއެވެ. އެލީނާގެ ދިރިއުޅުން ހަލާކުކުރެވިއްޖެއެވެ. އިތުރަށް އެކަމަށް ވަންނަން ހަދައިގެން އޭނަ ބޭޒާރުވެދާނެތީ އިހަށް މަޑުކޮށްލީއެވެ.

ނަމަވެސް ކިޔާން ސަލާމަތްކުރަންވެސް އެބަޖެހެއެވެ.

***

ކިޔާންއާއި ޖިލްވާގެ ޚަބަރުން ސޯޝަލް މީޑިއާ ގެނބެނީއެވެ. އެމީހަކަށް ފެންނަ ޚިޔާލެއް ފައުޅުކުރަމުންދާއިރު ޖިލްވާއާއި ދެކޮޅަށް ލިޔެފައިވާ ލިޔުންތައް މަދެއްނޫނެވެ. ޖިލްވާގެ އިންޓަވިއުތައްވެސް އެހާ ގިނައެވެ. އޭނައަށް ލިބެމުންދާ މަޝްހޫރުކަމުން ނިކަން ފޮނިވެސް ވެފައެވެ. ކިޔާން ޖަލުގައި ދުވަސްތައް ގުނަމުންދާއިރު އޭނަގެ ފަރާތުން ފެންނަނީ ހިމޭންކަމެވެ. ކިޔާންއަށް ހުރިހާކަމެއް ވިސްނެއެވެ. ރައީސް ތައިމޫރުގެ އާއިލާއިން އެލީނާގެ އިއްޒަތާއި ގަދަރަށް ހިރަފުސް ބުރާކަށް ބޭނުމެއްނުވާނެއެވެ. އޭނަ ރައްކާތެރިކުރަން އެމީހުން މަސައްކަތްކުރާނެތާއެވެ. އެކަމަށް އެހީތެރިވީ ޖިލްވާއެވެ. އެހެންވީމަ ކިޔާންވެސް ޖެހޭނީ ޖިލްވާއާއި އެއްބަޔަށް ހުންނާށެވެ. އެތައް ސަބަބަކާއި ހުރެއެވެ. ޖިލްވާ ބަދުނާމުވިޔަސް ހެޔޮކަމަށް އޭނައޭ ކިޔައިގެން ދޮގުހެދިޔަސް އެލީނާ ތަފާތެވެ. އޭނައާއި ހެދި އުޅުނަސް އެލީނާ އަމިއްލަ އަބުރު ސަލާމަތްކުރަންވެސް ބޭނުންވެއެވެ.

ޒައިރާއައި ކެމީލާއަށް އެދުވަހު ހަތަރުދަމު އެނޫން ވާހަކައެއް ދެކެވުނު ކަމަކަށްނުވިއެވެ.

"ދޮންބެވެސް ހިމޭނުން ހުރުމުގެ މާނައަކީ ކޮންމެވެސް ރީޒަން އެއް އޮތީއޭ. އަހަރެމެން އެންމެނަށް ޖިލްވާ ދޮގުހަދާކަން އެނގޭ. އަހަރެމެންވެސް މިކޮޅުގައި މިތިބީ ރީޒަންއަކާއިހެދި. ކޮންމެހެން ވީކް ވެގެން ފިލައިގެން އައީއެއްނޫން. ގިވްއަޕް ކުރީއެއްނޫން. ހުވަފެންތައްވެސް ދޫކުރީއެއްނޫން. ހަމައެކަނި މާމައަށް ޓްރީޓްމެންޓް ދެވެން އޮތީ މިހެން ކަމަށްވާތީ. އަދި އަހަރެމެންގެ ދުވަސް އަންނާނެ އިންޝާﷲ. ވީ ވިލް ނޮޓް ގިވް އަޕް. ދޯ ލިލީ" ޒައިރާ ގޮދަޑިމަތީ ހަށިގަނޑު ދަމާލައިގެން އޮތެވެ. ކެމީލާވެސް އޭނަ ގާތުގައި ބޮނޑިވެލައިގެންނެވެ.

ކެމީލާ ހިމޭނުން އޮތެވެ.

"އެ ފެމިލީ މަތިން ހަދާންކުރަނީތަ؟ "

"ކުޑަކޮށް...." ކެމީލާ އެއްބަސްވިއެވެ.

"އަލުން ކޭކު ހަދަންފަށާބަލަ. ލިލީހެދި ސެވެން ލޭޔާ އައިސްކްރީމް ކޭކު އަދި ޗޮކޯ މިންޓް ސްކުއޭސްވެސް ހާދަ މީރޭ. މުއްސަދިވީމަ ފައިދާތައް ކުޑައެއްނޫން..." ޒައިރާ ބުނެލިއެވެ.

"ކޭކުތައް ހަދަން ފައިސާއެއްވެސް ނެތެއްނު ދޮންތީ. މިވަގުތަށް އިހަށް ދޮންބެއާއި މާމަގެ ޚަބަރެއްވާންދެން މަޑުކޮށްލަމާ. ކޮބާ މަންމަ؟ ކީއްވެ ދޮންތި އަނގައިން ނުބުނަނީ. ދެރަވާނެއްނު.." ކެމީލާ އެހިއެވެ.

"މަންމަގެ ސުންޕާކަން ލިލީއަކަށް ނުފެނޭތަ؟ އޭނަ އައުމާއެކު މާމަ ބަލިވީ. ދޮންބެ ޖަލަށްލީ. އަދި އަހަރެމެން މިކޮޅަށް އަންނަން ޖެހުނީ. އޭނަ ނައިނަމަ. އެއީ މަންމައެއްނޫން. އައި ހޭޓް ހާރ. މާމައަކީ އަހަރެންގެ މަންމަ." ޒައިރާ ނުރުހުމާއެކު ބުނެލިއެވެ.

"މާތްﷲ މާމައަށް ޝިފާ ދެއްވާށި. ދޮންބެ ޖަލުން ސަލާމަތްކުރައްވާށި. ދޮންތިގެ ޑްރީމްތައް ފުރިހަމަ ކުރައްވާށި. އަދި މަންމައަށް ރަގަޅު ގޮތްތައް މެދުވެރިކުރައްވާ އާއިލާއެކީ އުފާވެރިކޮށް ހަޔާތް ހޭދަކުރާނެގޮތް މެދުވެރިކުރައްވާށި. ކޮންމެ ނަމާދެއްކޮށްގެން ދުޢާކުރެވޭއިރު މަންމައަށްވެސް ދުޢާކުރެވޭ. މަންމައަށް ހިދާޔަތް ދެއްވުމަށް އެދެވޭ. ހިތަށް އަރާ ލިލީ ދުނިޔެއަށް އައީ އެހެން މީހުންނަށްޓަކައޭ. އަމިއްލަ ނަފުސަށްވުރެ އެހެން މީހުންގެ އުފަލަށް އިސްކަންދެވޭ. މަންމަ ރުޅިއަންނަ ކަން އެނގޭއިރުވެސް ހިތުގައި މި މަންމައަށްޓަކާ ލޯބި އޮވޭ.........." ކެމީލާ ބުނަމުން ދިޔައެވެ.

"މަންމަ ލިލީއަށް ޓްރީޓްކުރަނީ ދޮންދަރިއެއްހެން. އެހެންވެ އަދި ވަކިން ފޫހިވޭ. ލިލީގެ ބައްޕަދެކެ އަންނަ ރުޅި ބާލަނީކަން ނޭގޭ....."

"މަންމައަށް ހެޔޮކޮށް ހިތަށް ގުރުއާނާއި ހަދީސްގައިވޭ. މަންމަ ކޮންމެފަދަ ގޮތަކަށް ކަންތައް ކުރިޔަސް ދަރިންގެ ވާޖިބު އަދާކުރަންވާނެ ދޮންތީ. މަންމަގެ ބްލެސިންނެތި ހުވަފެންތައް ފުރިހަމަ ނުކުރެވި ހިނގައިދާނެ. ދޮންތީ. ޑޯންޓް ހާޓް ހާރ. ޝީޒް ޔޯ މަމް. ސަޕޯޓްދީ ހަމަ މަންމަވެސް މާމައަށް ވީގޮތުން ހިތާމަކޮށްފާނެ. މަންމައަށް ވިސްނިގެން އަހަރެމެންނާއެކު އުޅެން އައީކަން ނޭގެއެއްނު...ޕްލީޒް ފޮގިވް ހާ. މަންމައަށް ޗާންސެއް ދީ.." ކެމީލާގެ ވާހަކަތަކުން ޒައިރާ އޮތީ ބުނާނެ އެއްޗެއް ނޭގިފައެވެ.

***

ނާދިރާއަށް އެކުދިންގެ ވާހަކަތައް އިވުނެވެ. އޭނަގެ ހިތަށް އަސަރުކުރިއެވެ. ޒައިރާގެ ނަފްރަތަށްވުރެ ބޮޑަށް އަސަރުކުރީ ކެމީލާގެ ވާހަކަތަކުންނެވެ. ކެމީލާގެ މައުސޫމް ހިތުގައި އޭނައަށްޓަކާ އޮތް ލޯތްބާއި ދުޢާތަކުންނެވެ. އެ ދުޢާތައް އޭނަގެ ހިތަށް ބުނަންނޭގޭފަދަ އަސަރުތަކެއް ކުރުވައިފިއެވެ. ކެމީލާދެކެ އޭނަ ނަފްރަތުކުރާއިރު އެހިތް ކޮންފަދަ ސާފުހެއްޔެވެ؟ ކޮންފަދަ ފުރިހަމަ ހިތެއް ހެއްޔެވެ؟ އެފަދަ ކުއްޖަކު ދުނިޔެއަށް ފޮނުއްވީ ހިކުމަތަކަށެވެ. އެހާ ބަލިކޮށް އުޅޭއިރު އަދިވެސް އެވިސްނަނީ އޭނައާއި ދޭތެރޭގައެވެ. ޒައިރާއަށް ވިސްނައިދިނީ އޭނައަށް އޯގާތެރިވުމަށެވެ. ނާދިރާގެ ލޮލުން ހޯސްލާފައި ކަރުނަ އޮހިގެންފިއެވެ. ކެމީލާއަށްޓަކާ ހިތުގައި އޮތްހާ ކުންޏެއް ފިލާ އެހިތުގައި ލޯބި ހޭލައިގެންފިއެވެ.

"ކުޑަ ކުޑަ ލިލީ....އާހް. ޔޫ މޭކް މައި ހާޓް މެލްޓް......" ނާދިރާއަށް މޫނުގައި އަތް އެޅުނެވެ.

***

އޮރެންޖް ފަތްތައް ފެހި ވިނަގަނޑު މައްޗަށް އޮހެމުން ދިޔައީ ލޯތަކަށް ފިނިކަން ދެމުންނެވެ. ޚަރީފުގެ ފިނިކަމާއެކު ފުސްވެފައިވާ ފަޒާގެ ސަބަބުން ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް ބަގީޗާތެރެއަށް ވެރިވެފައިވިއެވެ. ޝައުން ލާފައި ހުރި ކަޅުކުލައިގެ ދިގު ޖެކެޓްގެ ތެރެއިން ލައިގެން ހުރި ކަޅުފެހި ޓީޝާޓާއި ނޫޖިންސް ފެނެއެވެ. ޖިންސްގެ ޖީބަށް އަތް ޖަހާލައިގެންހުރެ ގޮސް ބެލްޖެހިއެވެ. ދޮރު ހުޅުވައިލި ޝުވޭކާރަށް ޝައުން ފެނުމުން ދެލޯ ވިދުމާއެކު ދަނބިދަރިފުޅުގެ ގައިގާ ބައްދައިލެވުނެވެ. ގޭތެރެއިން ދުވަނީ ހޫނު ކޮކޯ އާއި ޖިންޖާބްރެޑް އައި ޕަމްޕްކިން ޕައިގެ މީރުވަހެވެ. އަލިފާން އަންދާތަނުގައި އަނދަމުންދާ އަލިފާނުގެ ސަބަބުން މަޑު ހޫނުކަމެއް ލިއްބާދެއެވެ.

ޝައުން މައިދައިތައާއި ކުޑަކޮށް ވާހަކަދައްކާލުމަށްފަހު އެލީނާ އޮތް ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ދެކުދިން ނިންދަވައިގެން އެލީނާ އިނީ ކުޑަދޮރުކައިރީގައެވެ. ކުޝަންތައް ޖަހާ އަރާމުކޮށް ހަދާފައިވާ ތަނުގައި އިށީދެލައިގެން ފުޅާ ކުޑަދޮރުތަކުން ފަތްތައް ވެހޭ މަންޒަރު ބަލާށެވެ. ޝައުން ފެނުމުން ބިރުންގޮސް ދެލޯ ބޮޑުވިގޮތަށް އަނގަވެސް ހުޅުވުނެވެ.

"ޝައުން..........."

"ފިލުމަކީ ކޮންމެ ކަމެއްގެ ހައްލެއްނޫން. ވާހަކަ ދައްކައިގެން ގޮތެއް ނިންމަން ޖެހޭނީ. އަހަރެމެން ދައްކަން ޖެހޭ ބައިވަރު ވާހަކަ އެބަހުރި.........." ޝައުންގެ ތޫނު ނަޒަރުން ފިލަން ދުވާނެތަނެއް ނުފެނުމުން އޭނަ އިސްޖަހައިލިއެވެ.

"ޔޫ ޑޯންޓް ޑިޒާވް މީ..." އެލީނާ ބުނެލިއެވެ.

"ކީއްވެ؟ "

"އައި ބިޓްރެއިޑް ޔޫ. އަދި އެނގޭ އެކަން ޝައުންއަށް އެނގޭކަން. ނޭގޭކަމަށް ހެދިގެން ހުއްޓަސް ހުރިހާކަމެއް އެނގޭ އެހެންނު. އެހެންވެ އަހަރެން ދުރަށް މިއައީ..." އެލީނާގެ ލޮލުގެ ފުރަގަހުގައި ކަރުނަތައް އެއްވާންފެށިއެވެ.

"އެލީނާގެ އަމިއްލަ ނަފުސަށް އެކަނިތި ވިސްނީ؟ ވަޓް އެބައުޓް މައި ކިޑްސް. ކޮން ހައްގެއް އޮތީ އަހަންނަށް ނާންގާ ކުދިން ގޮވައިގެން ފިލައިގެން އަންނަން؟ " ޝައުން ބުމަ ގޮށްޖަހައިލިތަން ފެނި އެލީނާ ހިންދިރުވައިލިއެވެ.

ނުނިމޭ

ކޮމެންޓް 0