"ނަމާދާއި ޒިކުރަކީ ހިތުގެ ފަރުވާއެއްކަމާއިމެދު ޝައްކެއް ނެތެވެ. މުސީބާތްތަކާއި އިމްތިހާނުތައް ކިތަންމެ ގިނަވިޔަސް ކޮންމެވެސް ދުވަހަކުން ރަހުމަތް ލައްވާނެކަމުގައި އުއްމީދުކުރާށެވެ. ދެރަގޮތް މެދުވެރި ވުމުން މާޔޫސްނުވެ ގިނަ ގިނައިން މާތްﷲ ހަދުމަކުރުމުން ހިތަށް ހަމަޖެހުން ލިބޭނެއެވެ. މާތްﷲއަކީ ރަހުމާނު ވަންތަ ރަހީމްވަންތަ އިލާހެވެ. ބުއްދިވެރިންނަކީ ކޮންމެ ވަގުތެއްގައިވެސް މަރު ބައްދަލުކުރާނެކަން ދެނެގަނެ ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާ މީހުންނެވެ."

***

ޝައުން ކޮޓަރިއަށް ވަންއިރު އެލީނާ އޮތީ މޫނުގައި ކުއިލްޓް އަޅައިގެން އެއްކޮށް ހަށިގަނޑު ފޮރުވައިގެންނެވެ. އަވަހަށްގޮސް ލިލީ ނިދާފައި އޮތް ބަޔަށް ވަނެވެ. ފަނޑު އަލިކަމުގެ ތެރޭ ތުންކޮޅު ދަމާލައިގެން އޮތް ކުޑަ ބުދެއްފަދަ ލިލީގެ ގައިގާ ކުޑަ ރަޖާއެއް އަޅާފައި އޮތްއިރު މޫނުކޮޅު ހާމަޔަށެވެ. ކުޑަ ކުޑަ ފުރިހަމަ މޫނެކެވެ. ރަތް މަލެއްފަދަ ތުންކޮޅެކެވެ. ބޯ އެސްފިޔަތަކެވެ. ޝައުންއަށް ލިލީގެ މޫނުގައި މަޑުމަޑުން އަތް ޖައްސައިލެވުނެވެ. ހިތަށް ލިބިފައިވާ ފުން އަސަރުތައް ހާމަކޮށްދިނީ ޝައުންގެ އެސްފިޔަތައް ފޫދުއްވާފައި އޮހިގެން ދިޔަ ކަރުނަތިކި ތަކުންނެވެ.

"ލިލީ ޔޫ އާ ނޮޓް މައިންތަ؟ ޑެޑީގެ އެންމެ ލޯބިވާ ފުރާނަފަ ފަދަ ކުޑަ ކުޑަ ލިލީ އެހެންމީހެއްގެ ދަރިއަކަށްވާން ވީ ކީއްވެތަ؟ އެއީ ރަގަޅު ވާހަކައެއްނޫން. ދަރިފުޅަކީ ހަމަ އެކަނި ބައްޕަގެ. ކިޔާންގެ އެއްނޫން. މިހާ ބޮޑު ލޯތްބެއް އެހެން މީހެއްގެ ދަރިއަކު ދެކެވާން ވީ ކީއްވެތަ؟ ބައްޕައެއްގެ ހިތުގައި ނޫނީ މިފަދަ ލޯތްބެއް އުފެދުމަކީ ވާނެ ކަމެއް ނޫން. ތިއީ ޑެޑީގެ ދުނިޔެ..." ޝައުން ފާރުގައި ބުރަކަށި ޖައްސައިލިގޮތަށް ދެއަތުގެ ތެރޭ މޫނު ފޮރުވިއެވެ. ހިތްފަޅައިގެންދާހާ އުދަގޫތަކެއް ހިތަށްވެއްޖެއެވެ. އެލީނާއާއެކު މި ހޭދަކުރި އުދަގޫ އަށްއަހަރު ތެރޭގައިވެސް މިފަދަ ގޮތަށް ހިތް ކުދި ކުދިވެފައެއް ނެތެވެ. ކާއިނާތުގައި ހުރި އެންމެ ކެތްތެރިކަން ގަދަ މީހަކީ އޭނަކަމަށް އޭނަ ދެކުނެވެ. މިއަދު މިއޮތް ހިތްވަރުގަދަ މީހާ ބަލިކަށި ވެއްޖެއެވެ. ކުޑަކުއްޖެއްފަދައިން އޭނަ މިއަދު ކަރުނަ އޮއްސަނީއެވެ.

އެތަނުގެ ބޮކި ދިއްލައިލި ސޯފިޔާއަށް މި މަންޒަރު ފެނި ހައިރާންކަމާއެކު އިރުކޮޅެއްވާންދެން ކުރިއަށް ހިނގައިގަންނަން ނޭގިފައި ހުރެވުނެވެ. ދެވަނަ ސިކުންތުކޮޅުގައި ދަރިފުޅަށް ގޮވައިލެވުނެވެ. ޝައުންގެ ގާތުގައި އިށީދެފައި އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ.

"ޝައުން. ދަރިފުޅު. ކިހިނެއްވީ؟ " ސޯފިޔާ ވާހަކަދެއްކީ ފްރެންޗް ބަހުންނެވެ.

ޝައުންގެ ހަށިގަނޑުގައި އެއްވެސް ވަރެއްނެތް ފަދައެވެ. އޭނައަށް މަންމަގެ އުނގުގައި ބޯ އަޅައިލެވުނުގޮތަށް ރޮވުނީއެވެ. ކުޑައިރު ފަދައިންނެވެ. އޭނައަށް މަންމަ ގާތު ހަގީގަތް ހާމަކުރެވޭނީ ކިހިނެއްހެއްޔެވެ؟ އެވާހަކަ ބުނާކަށް ނުކެރޭނެއެވެ. ނަމަވެސް މިހުރިހާ ދުވަހު އެދެމަފރިންގެ އޮތް ގުޅުމަކީ ކޮބާކަމާއި އޭނަގެ ހިތުގައި އެލީނާއަށްޓަކާ އޮތް އިހުސާސްތައް ކިޔައިދެވިދާނެއެވެ. މަންމަގެ ސުވާލުތަކަށް ފިލޭނެ ގޮތެއް ނެތެވެ. ޝައުން ހަމަޔަކަށް އެޅި އޭނަގެ މަންމައަށް ހަޔާތުގެ އެންމެ ބޮޑު ސިއްރު ހާމަކުރިއެވެ. އޭނައާއި އެލީނާގެ ކައިވެނީގެ ދިރިއުޅުމުގެ އަޑިގުޑަންތައް ކިޔާދީފައި ވަރިވި ކަމާއި އެކަމަކު ރުޖޫއަ ކުރި ނަމަވެސް އަދިވެސް ވަކިވުމުގެ ބިރު އޮތްކަމުގައި ބުނެލިއެ ސޯފިޔާގެ ހިތަށްވެސް ބަރުދާސްތު ނުކުރެވޭފަދަ ހިތާމަތައް ލިބުނެވެ. އޭނަގެ ޒުވާން ފިރިހެން ދަރިފުޅުގެ ކެތްތެރިކަމާއެވެ. އެއްވެސް ފުރާނައަކަށް އެންގުމެއްނެތި އެކަނިމާ އެކަނި ހާދަ ހިތާމައެއް އުފުލައިފިއެވެ.

ސޯފިޔާ ވިސްނައިދިނެވެ.

***

ކިޔާންއަށް މީހަކު ޒިޔާރަތް ކުރަން އައިސްފަ ހުރިކަމަށް ބުނުމުން އޭނަ އައެވެ. ޝައުން ފެނުމުން އުދަގޫތަކެއްވިއެވެ. އެލޮލަށް ބަލައިލަންވެސް ނުކެރުނެވެ. އެންމެ ގާތް އެކުވެރިޔާގެ ހައްގަކަށް އަރައިގެންފާ ކުރިމަތިލުމަކީ ފަސޭހަކަމަކަށް ނުވެދާނެއެވެ. އަދި ލިލީ ގޮވައިގެން ހޮސްޕިޓަލަށް އައި ދުވަސްތަކުގައި އޭނަ ލިލީއާއެކު ކުރި ސަމާސާތައް މިއަދު އޭނަ ލަދުގަންނަވައިލި އެއްޗެއްކަމުގައި ވެ އިސްޖަހަން މަޖުބޫރުކުރުވިއެވެ. އޭނަގެ ވަފާތެރިކަމާއި ތެދުވެރިކަން ބުނެދޭނީ ކިހިނެއްހެއްޔެވެ؟އޭނައަށް އެލީނާއަކީ ޝައުންގެ ހައްގެއްކަން އެނގުނު ހިސާބުން ފެށިގެން އޭނަ އެލީނާ ދޫކޮށްލިއެވެ. އަދި އެ ސީސީޓީވީ ފުޓޭޖްއިން ފެންނަ ހާދިސާއަކީ އޭނަގެ ގަސްތުގައި ހިނގި ކަމެއް ނޫނެވެ. ޝައުންއާއި އެލީނާގެ ކައިވެނި ސަލާމަތްކުރެވޭނީ އޭނަ ހިމޭނުން ހުރެގެންނެވެ.

މުހިއްމީ އޭނައާއި ޝައުންގެ އެކުވެރިކަމުގެ ގުޅުމެއް ނޫނެވެ.

އެލީނާއާއި ޝައުންގެ ކައިވެނީގެ މާތް ގުޅުން ދަމަހައްޓަން އޭނަ ދޮގުހަދާފާނެއެވެ.

"އަހަރެން އަހާފައި ގޮތެއް ނިންމަން ބޭނުންވީ. ވިސްނަ ވިސްނާ އަމިއްލަ ނަފުސްވެސް ދެކޮޅުހެދި. ގަސްތުގައި ކިޔާން އެކަހަލަ ކަމެއްކޮށްފާނެއޭ. އެ ފުޓޭޖްގައި އެހިނގީ ކޮން ހާދިސާއެއް؟ އެލީނާއާ އޮތީ ކޮން ގުޅުމެއް؟ އަހަންނަށް ހަގީގަތް ކިޔާދީ. އިފް ޔޫ އާ އިނަސެންޓް ބޭނުމެއްނޫން އެކްޝަނެއް ނަގަން. އެކަމަކު ގިލްޓީ ވެއްޖެއްޔާ....." ޝައުންގެ އަޑުގައި ސީރިޔަސްކަންވިއެވެ.

ކިޔާން ދެންވެސް ޝައުންއާއި ހަތަރުކަޅި ހަމަކުރަން ނުކުޅެދުނެވެ.

ކިޔާން ތިރިއަށް ބަލަން ހުރިގޮތުން ޖަވާބު ޔަގީންވިއެވެ.

"ޓޯކް......"

ކިޔާން ޚިޔާރުކުރީ ހިމޭންކަމެވެ.

ޝައުންއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. ރުޅިގަދަވެގެންގޮސް ލޮލުން އަލިފާން ކަނި ބުރައިލިއިރުވެސް އޭނަ ކެތްކުރެވޭނެ އެންމެ މައްޗަށް ކެތްކުރިއެވެ. އޭނަ ކިޔާންގެ ގަޔަށް އަތްފޯރުކުރާކަށް ނޫޅުނެވެ. ކުށްވެރިންނަށް ގާނޫނުގެ އަތް އަރާ ހަމަކުރާނެއެވެ. އަދި އިންސާނުންނަށް އޮޅުވާލައިގެން ފިލާ މީހުންނަށްވެސް ސަޒާލިބޭ ވަކި ދުވަހެއް އޮންނާނެތާއެވެ. އިންތިހާ ދަރަޖައިގެ ރުޅިވެރިކަމާއެކުގައިވެސް އޭނަ ކެތްތެރިކަން އިސްކުރީ އިންސާނަކަށް ކެތްކުރެވޭނެ އެންމެ މައްޗަށެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ޖިންސްގެ ޖީބަށް އެއް އަތް ޖަހައިލިއެވެ.

***

ހަވީރު ސައި ތައްޔާރުކޮށްފައި ހުރި ޕޫލް ކައިރީގައެވެ. ޝައުންއާއި އެލީނާ އަދި ކެމީލާ ނެތުމުން އާތިކާއަށް އޭނަ ބުނަން އުޅުނު ވާހަކަ ބުނަން ފަސޭހަވިއެވެ. ސޯފިޔާގެ މަންމަވެސް ވީ އެކުވެރިއެއްގެ ދައުވަތަކަށް ރިޒޯޓެއްގައެވެ. ކިޔާން ޖަލަށް ލާފައިވާ ކަމަށާއި ސަބަބު ބުނުމުން އެންމެ ބޮޑު ޝޮކެއް ލިބުނީ ސޯފިޔާއަށެވެ. އަނގަމަތީ އަތްއެޅުނެވެ. ކިޔާންއަކީ ޝައުންގެ އެންމެ ގާތް އެކުވެރިޔާއެވެ. ވީއިރު އެހާ ނުބައި ޖަރީމާއެއް އޭނަ ހިންގަފާނެހެއްޔެވެ؟ އާތިކާ ބުނީ ފުޓޭޖްވެސް އަތުގައި އެބައޮތް ކަމުގައެވެ. ކުށްވެރިވަނީ ހަމައެކަނި ކިޔާންއެއް ނޫނެވެ. އެލީނާ ކިޔާންއަށް ފުރުސަތުދިނީއެވެ. އޭނައާއި ކިޔާން ކުރީއްސުރެ އުޅުނީ ހިތާވެގެންނެވެ. އެލީނާގެ ބޭވަފާތެރިކަމުގެ ވާހަކަ އެ މަޖުލީހުގައި ދެކެވުނުއިރު ފިރިހެންކުދިން ތިބީ ބުނާނެ އެއްޗެއް ނޭގިފައެވެ.

"ކިހިނެއް އާތިކާއަށް ތިކަން އެނގުނީ؟ " ރައީސް ތައިމޫރު އެއްސެވިއެވެ.

"އެމީހަކު ފުޓޭޖްވެސް ފޮނުވި. އަޅުގަނޑު ދައްކާނަން. އެއީ ޖެނުއިން ވީޑިއޯއެއްކަން ބަލާފައި އެނގޭ. އަދިވެސް އެބައޮތޭ އެހެން ޚަބަރެއް. އެމީހަކު ބުނާގޮތުން ލިލީއަކީ ކިޔާންގެ ދަރިއެއް......"

"ސުބުހާނަﷲ....." ސޯފިއާގެ ލޮލަށް ކަރުނަ އަތުވެއްޖެއެވެ.

"އޯ ގޯޑް...." ޖުއާންއަށްވެސް ބުނެވުނެވެ.

"ނޮޓް ޓްރޫ....." ކައިދަންއަށްވެސް ހިމޭނުން ނީދެވުނެވެ.

"ވަޓް އެބައުޓް ލޫކާ؟ "

"ދެކުދިންގެ ބައްޕައަކީ ދެމީހުންކަމުގައި އެމީހަކު ބުނީ. އެކަމަކު މިވާހަކަތައް މިއީ އާއިލާގެ ސިއްރަކަށް ހަދަންޖެހޭނެ އިނގޭ. އެންމެ ފުރަތަމަވެސް އެ އާއިލާގެ މީހުން އުޅެންފެށި ސިއްރުގޮތަކުން މައްސަލައެއް އެބައުޅެއޭ ހިތަށް އަރައިފި. އެ ޒައިރާއަކާއި ކެމީލާއަކު މިގެއަށް އައިސްގެން ލިލީއާއިހެދި މޮޔަވާކަން ފާހަގަ ނުކުރެވޭތަ؟ ގޯޑް. މިވާން އުޅެނީ ކިހިނެއްކަމެއްވެސް ނޭގޭ..އެލީނާފަދަ އަބާޔާ ލާ ދީންވެރި އަންހެންކުއްޖަކު މިފަދަ ކަމެއްކޮށްފާނެ ކަމަށް ހީކުރާނީ ކާކު؟" އާތިކާ ބޯ ހޫރައިލިއެވެ.

ސޯފިއާއަށް މިއަދު އާތިކާގެ ކޮންމެ ޖުމްލައެއް ގަބޫލުކުރެވުނެވެ. ޝައުންގެ ހިތާމަތައް އޭނަވަނީ ދެކެފައެވެ. ޝައުންވެސް ހަގީގަތް ސިއްރުކުރީއެވެ. އެލީނާދެކެ ހިތުގައި އޮތް ލޯތްބާއި ގަދަރަކުން އެ ބޭވަފާތެރިކަމަށް ފަސްއަޅާ ފޮރުވީއެވެ.

"ހަދަންވީ ގޮތަކީ ކެމީލާއާއި ޒައިރާ ގެއިން ފޮނުވައިލަންވީ. ޖޮންގެ ހިތެއްވެސް ނުރުހޭ އެ އަންހެންކުއްޖާ މިގޭގައި ހުންނަން. އަދި މި ހާދިސާގެ ސަބަބުން އެންމެ ރަގަޅުވާނީ އެ އާއިލާ ދުރުކޮށްލިއްޔާ..."

"ކީއްވެ ކުށްވެރިން ފޮރުވަންވީ މަމް؟ އަޅުގަނޑަށް ފެންނަނީ އެލީނާވެސް ބޭޒާރުކޮށްލުން. ދޮންބެއަށް ހަގީގަތް އެނގުމަށްފަހު އެފަދަ އަންހެނަކާއެކީ ކެތްކުރެވޭނީ ކިހިނެއްތޯ؟ މިހުރިހާ ދުވަސްވަންދެން އެންމެންގެ ހިތްކަމުގައި ގެންގުޅުނު ލިލީއަކީ އެހެންމީހެއްގެ ދަރިއަކަށް މިވީ. ކުށްވެރިޔަކީ ހަމަ އެލީނާ. އޮޕެންކޮށް ކޯޓުގައި ތި ޝަރީއަތް ހިންގާފައި ދޮންބެ އޭނަގެ ގާތުން ވަރިވެ އެހެންމީހަކާއެކު ދިރިއުޅުމެއް ފެށިއްޔާ ކިހިނެއްވާނެތޯ؟ މިއީ ގަބޫލުކުރެވޭނެ ކަމެއްނޫން..." ޒުބްނާންގެ ބުމަ ކައިރިކޮށްލައިގެން އިންގޮތުން ނުރުހިފައި އިންވަރު ސާބިތުކޮށްދިނެވެ. ކައިދަންވެސް ޒުބްނާންގެ ވާހަކަތަކާއި އެއްބައިވިއެވެ.

"އަސްލުވެސް މިހުރިހާ ނުބައިކަމެއް ކުރަނީ ދީން ބޭނުންކޮށްގެން. އެލީނާވަރުގެ މާތް ކުއްޖެއް ދުނިޔެއިން ނުފެންނާނެކަމުގައި ހީކުރިން. ނަމާދު ގެއެއް ހަދާ ވަގުތުން ނަމާދުކުރަން ގޮސް ދެއްކެން އުޅުނުގޮތް ހިތަށް ސިފަވަނީ. ޝޭޚު އަމީރުގެ ފިރިހެންދަރިފުޅުވެސް ޖިހާދަށޭ ކިޔާފައި ސުއިސައިޑްވާން ސީރިޔާއަށް ގޮސްފި. ދެން ބުނާނެ ޝަހީދުވެއްޖެއޭ. ޝަހީދުވާންށޭ ކިޔާފައި އެތަނަށް ދަނީ. އަރްސަންވެސް ހެދީ އެހެން. ރައީސް ތަންކޮޅެއް ހަރުކަށި ސްޓޭންޑެއް ނަންގަވާ މިކަންތައް ހުއްޓުވަބަލަ. ފުރިހަމަ ޑިމޮކްރެސީއެއް ގެނެސްދެއްވާ. މި އެކްސްޓްރީމިސްޓުންތަކާ ހުރެ މައިންގެ ލޮލުން ކަރުނަ ނުހިކޭ...." އާތިކާ ބުނެލިއެވެ.

"އަޅުގަނޑުވެސް ދާން ބޭނުން.." ލޭކެން ސަމާސާކުރިއެވެ.

"ލޭކް ތިއީ އެތަނަށް ދާނެ އެންމެ ފަހު ކުއްޖާ.." އާތިކާ ހިނިގަނޑެއް ޖެހިއެވެ.

"އެހެން ނޭގޭނެ އާތި. އަރްސަންއަކީ ބޭބެގެވެސް އެންމެ ދީނާއި ދުރުން އުޅުނު ކުއްޖާ. އެކަމަކު..." ތައިމޫރު ބުނުއްވިއެވެ.

"ކުދިންގެ ބްރެއިންވޮޝް ކުރުވަން ތިބި ހާބީން ހޯދާފައި ޖަލުގެ އަނދިރި ގޮޅިއަކަށް ލާން އެބަޖެހޭ. މިއިން ވާހަކައެއް ދައްކާއިރަށް ލާދީނީ އޭ ކިޔާނެ. އަޅުގަނޑުމެން އެކަމަކު ކަންބޮޑުވަނީ ދަރިން ގެއްލޭތީ. ކޮންމެ މީހަކަށްވެސް ތިމާގެ ދަރި ގެއްލުނީމަ އެކަން އިހުސާސްވާނީ......................"

"މަމް. ނަތިން އިޒް ޕާމެނެންޓް ހިއަ. އެންމެންވެސް މަރުވާނެ. ހެހެ. އެކަމަކު ޑޯންޓް ވޮރީ މަމް. އަޅުގަނޑު ސިރިޔާއަށް ދިޔަސް ދާނީ މަމް އެންޑް ޑޭޑް ގޮވައިގެން..." ލޭކެން ބުނެލިއެވެ.

"ޔޫ ކާންޓް. ހީޒް މައި ޑޭޑް ޓޫ.." ޖުއާން ކަޅި އަޅައިލިއެވެ.

"ކިޑްސް އިން ދެން ކިތަންމެ ސީރިޔަސް ވާހަކައެއްގެ ތެރޭވެސް ތާކުން ތާކު ނުޖެހޭ ބޭކާރު ގިބަރިޝް އެއް ފަށާފާނެ. ޑޭޑް ކިހިނެއްތޯ ދެން ހަދާނީ. ކެމީލާމެން މިގެއިން ބޭރަށް ލައިފިއްޔާ އެކިޔާން ބްލެކްމެއިލް ކޮށްފާނެ ނޫންތޯ؟ " ޒުބްނާން ސުވާލުކުރިއެވެ.

"އެމީހުންގެ އަނގަ ބަންދުކުރުވުން އެންމެ ފޯންކޯލެއް ޑޭޑް ކުރައްވަން ޖެހޭނީ..."އާތިކާ ބުނެލިއެވެ.

"ކިޔާން ހުއްޓުވިދާނެ. އެކަމަކު އެންމެ މީހެއްހެން ހިޔެއްނުވޭ. އާތިކާއަށް ތި ފުޓޭޖް ފޮނުވަނީ ކޮން ބަޔެއްކަން ކޮން މަގުސަދެއްގައި ކަމެއްނޭގެއެއްނު. އަހަރެމެންގެ އަގު ވައްޓައިލަން ދުރަލާ ރޭވިގެން ކުރާ ކަމަކާ ވައްތަރު." ތައިމޫރު ނިތްކުރީގައި ފިރުމައިލެއްވިއެވެ.

"އެ ކިޔާނަކީ ސޯފިއާމެން ޚަރަދުކޮށްގެން ކިޔެވި މީހެއް. އޮޅުކޮށްގެން ގެންގުޅުނަސް ޖަންގަލިތެރޭ އުޅޭ ސޫފިތައް ކަށިޖަހާނެކަން މިއެނގުނީ. އިހުސާންތެރިވާކަށް ނޭގުނު. ކޮންމެފަދަ ވާހަކަތަކެއް މީޑިއާގައި ދެކެވުނަސް މިއަދުން މިއަދަށް ޒައިރާއާއި ކެމީލާ މިގެއިން ފޮނުވައިލައްވާ. ނޫނީ އުޅެން ފަސޭހައެއްނުވާނެ." އާތިކާ ކޮފީތަށި ތުމުގައި ޖެހިއެވެ. އޭނަ ބޭނުންވާގޮތް ވުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ.

ތައިމޫރުގެ މޫނުމަތީގައި ހުންނަ އުފާވެރިކަމުގެ އަސަރު މިއަދު ކެނޑިއްޖެއެވެ. އުޑުމަތީގައި އެއްވަމުންދާ ވިލާތަކުގެ ނިވަލަށްވަދެ އިރު ފިލުމުގެ ސަބަބުން ދުނިޔެމަތި އަނދިރިވެލާފައިވާ ފަދައިން އޭނަގެ މޫނުގެ އުޖާލާކަން ގެއްލުނީ ލިބެމުންދާ ހިތާމަތަކުގެ ސަބަބުންނެވެ. ހިތްވަރުކުރިޔަސް ކޮނޑުގައި އެޅިފައިވާ ޒިންމާތަކުގެ ބޭރުން އާއިލާއަށް ދެވޭ އިސްކަމާއި ވަގުތުތައް ގިނަވިއެވެ. ރައީސްކަމުގެ މަގާމަށްވުރެ ބައްޕަ ފިރިމީހާ އަދި ދަރިފުޅުގެ ޒިންމާއަދާ ކުރުން މުހިއްމެވެ.

***

ޒައިރާ އަންނަނީ ކުޑަ ވަގުތުކޮޅެއްގައި ކަމުން އެގޭ ފިރިހެންކުދިންތަކުގެ ތެރެއިން ދިމާވަނީ ޖުއާންއާއި އެކަނިއެވެ. އެކަމަކު އެއްފަހަރު ޖުއާންއާއެކު ފެންޑާގައި ހުރިތަން ފެނިފައި އޮޅުނެވެ. ލޭކެންއަކީ ޖުއާންގެ އެކުވެރިއަކީ ހެއްޔެވެ؟ މިގެއާއި އޭނަ އޮތީ ކޮން ގުޅުމެއްބާވައެވެ. ކެމީލާ ގާތުން އެހުމުން ބުނީ ޖުއާން ގާތުން އަހާނީކަމުގައެވެ. ކެމީލާ ދޮގު ނަހަދަންވެގެން އެސުވާލުގެ ޖަވާބު ދިންގޮތުން އިތުރަށް ޒައިރާއަށް އޮޅުނީއެވެ.

ސޯފިއާ ޝައުން ގެނައީ އެކޮޓަރިއަށެވެ. ޝައުންގާތު އެދުނީ އެލީނާއާއި ކުދިން ގެއަށް ފޮނުވާލުމަށެވެ. ޝައުން ސިހޭގޮތްވިއެވެ. އޭނަގެ މަންމައާއި ހަމަޔަށް އެ ޚަބަރު އައީ ކިހިނެއްހެއްޔެވެ؟

"ދަރިފުޅުވެސް މަންމައަށް ސިއްރުކުރީ. އެހެންވީމަ އެނގުނީ ކިހިނެއްކަމެއް މަންމަ ނުބުނާނަން. މިކަން ހައްލުވާންދެން ލިލީގެ ބައްޕައަކީ ކާކުކަން ޔަގީންވަންދެން އެލީނާގެ ގެއަށް އެލީނާ ފޮނުވައިލާ...." ސޯފިއާ ގެ އަޑަށް ހަރުކަށިކަމެއް އައެވެ.

"މަންމާ...."

"ޝައުން. އެލީނާވެސް ބޭނުންވާނީ އެގޮތް. ވަރަށް ޒަމާންވަންދެން އެލީނާ ބޭނުން ކުޅިއެއް ކުޅެފި. ކައިވެންޏަކީ އެހެންމީހުންނަށް އޮޅުވައިލަން ސޯޝަލްމީޑިއާއަށް ފޮޓޯތައް ލާ ޕޯސްޓްތައްކޮށް ތިމާމެން އުޅެނީ އުފަލުންކަން އެންގުމެއްނޫން. އެލީނާ އެކަންތައްކޮށްފި. އިންސެކުއާވީމަ އެހެން އެވީ. މަންމައަށް ހުރިހާކަމެއް އެނގިއްޖެ. ދަރިފުޅަށް ލިބެނީ ކޮން ހަމަޖެހުމެއް؟ ތިއަށްވުރެ ރަގަޅުވާނެ ސިންގަލްކޮށް ހުއްޓަސް. ޔަގީނުންވެސް ޒައިރާއާއި ކެމީލާއަށް އިތުރު އެންމެ ދުވަހަކަށްވިޔަސް މިގޭގެ ހިޔާވަހިކަމުގައި ނުތިބެވޭނެ...."

"މަންމާ ކިޔާން ކުރި ކުށަކުން އޭނަގެ ކޮއްކޮމެންނަށް ސަޒާ ދިނުން އިންސާފަކަށް ވާނެތޯ؟ "

"އިންސާފެއް ނޫން. އެކަން ވިސްނަން ޖެހޭނީ ކިޔާން. އެކަހަލަ ޚަސީލަތެއް ލިބިފައިވާ އާއިލާއެއްގެ ކުއްޖަކަށް ވަޒީފާ ދީ ނޫނީ ދަރިއަކަށް ހަދައިގެން އުޅޭކަށް ބޭނުމެއްނޫން. ބަޔަކަށް ސިމްޕަތީވެ އެޑޮޕްޓްކުރަންޏާ އަފްގާނިސްތާނު ޔަމަން ސީރިޔާފަދަ ތަނެއްގެ ހާލުގައި ޖެހިފައިވާ ކުއްޖަކަށް އެހީތެރިވިޔަސް މާ ރަގަޅުވާނެ. އެކުދިން މާ ހާލުގައި އުޅެނީ." ސޯފިއާގެ ނިންމުން ދެން ބަދަލެއްނުވާނެއެވެ.

"އެކަމަކު އެލީނާއައިމެދު ގޮތެއް ނިންމުމަކީ ޝައުންގެ އަތްމަތީގައި އޮތްކަމެއް. މަންމައަށް ފެންނަގޮތް ބުނެލީ"

ޝައުން ހިމޭންވިއެވެ. އޭނަ ކަންބޮޑުވެފައި ހުރީ މަންމަމެންނާއި ހަމަޔަށް އެ ޚަބަރުގެނެސްދިން މީހެއް ނޭގިގެންނެވެ. ވީއިރު އެތައް ބަޔަކަށް މި ހާދިސާގެ ޚަބަރު އެނގިފައިވަނީ ބާވައެވެ. މީޑިއާގައި "ލީކް" ވެއްޖެއްޔާ ވާނެގޮތެއްވެސް ނޭގެއެވެ.

***

ޒައިރާ އެކަނިމާއެކަނި ސައިބޯން މޭޒުދޮށުގައި އިންދާ ކެމީލާ ވަނުމުން ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ.

"ލިލީބެލްސް. ހަމަ ރަގަޅު ގަޑިއެއްގައި ތިއައީ. ކޮފީއެއް ހަދާލައިގެން ޖައްސާލާ. މާމަވެސް ނެތީމަ އެކަނިވެރިވެފައި މިއިނީ. އެކަމަކު ލިލީގެ މޫނަށް ބަލައިލީމަ ކަމެއް ގޯސްވެގެން އުޅޭހެން ހީވެއްޖެ."

"މާމަމެން ހަދާންވާ ވަރުން ދުރުގައި ނުހުރެވިގެން އައީ. އެގެ ދޫކޮށްލާފައި މިއައީ. ބީރައްޓެހި ބަޔެއްގެ ތެރޭ ނޫޅެވޭނެ. ދޮންބެ ކޮބާ؟ " ކެމީލާ އެހިއެވެ.

"އެމީހުން ނެރެލީ ދޯ" ޒައިރާ އުކުޅުގައި އަތް ވިއްދައިލިއެވެ.

"ހަމަޖެހިބަލަ ދޮންތީ. ދުނިޔެ ނިމުނީއެއްނޫން. އަހަރެމެން އާއިލާ އެއްކޮށް އުޅުނީމަ އުފަލުގައި އުޅެވޭނީ....."

"އެއީ ތެދެއް." ދޮރުމަތިން ފެނުނީ އެމީހުން ދެކޭނެ ކަމަށް ދުވަހަކު ހީނުކުރާ މޫނެކެވެ. އެންމެ ބޮޑު ޝޮކެއް ލިބުނީ ޒައިރާއަށެވެ.

ނުނިމޭ

 

ކޮމެންޓް 0