މާތްﷲ އެކަލޭގެފާނަށް ރުއްސުންލެއްވި އަބޫހުރައިރަތުގެ ފާނުގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ސައްލައްﷲ އަލައިހި ވަސައްލަމް ހަދީސްކުރެއްވިއެވެ.( "ޣީބަ ބުނުމަކީ ކޮބައިކަން ތިޔަބައިމީހުން ދަންނަމުހެއްޔެވެ؟") އަސްހާބުން ވިދާޅުވިއެވެ. މޮޅަށް ދެނެެވޮޑިގެންވަނީ މާތްﷲއެވެ. އަދި އެކަލާނގެ ރަސޫލާ ދެނެ ވަޑައިގަތުން ބޮޑެވެ. ހަދީސްކުރެއްވިއެވެ. ( އެއީ ތިބާގެ އަޚާ ނެތްތާގައި އޭނަ ނުރުހޭފަދައިން ވާހަކަދެއްކުމެވެ.) ދެންނެވުނެވެ. އަޅުގަނޑުގެ އަޚާގެ ކިބައިގާ އަޅުގަނޑު ދައްކާ ވާހަކައާއި އެއްގޮތަށް ކަން ހުރިނަމަ ކިހިނެއްތޯއެވެ. އޭރުން ޣީބަ ބުނުން ކަމުގައި ވާނެތޯއެވެ. ހަދީސް ކުރެއްވިއެވެ. ( ފަހެ އޭނަގެ ކިބައިގާ ތިބާ އެބުނާ ކަމެއް ހުރިނަމަ ފަހެ ހަމަކަށަވަރުން އެއީ ޣީބަ ބުނުމެވެ. އަދި ތިބާ އެ ބުނާކަމެއް އޭނަގެ ކިބައިގާ ނެތްނަމަ އެވާނީ އޭނަގެ މައްޗަށް ތިބާކުރާ ބުހުތާން ދޮގު ތުހުމަތެއް ކަމުގައެވެ.
***
ޖައިޝް އެނދުގައި އޮށޯވެލައިގެން އޮވެ ލެޕުން އެއްޗެއް ބަލަމުން ދިޔައެވެ. އޭނަގެ ނަޒަރު ހުއްޓިފައިވާ ސީސީޓީވީ ފުޓޭޖްއިން ރީތިކޮށް އެ މަންޒަރު އެބަފެނެއެވެ.
"ކިޔާން އާއި އެލީނާ..ޝައުންގެ ބެސްޓީގެ ގޮތުގައި ހުރެ ކުރާ ކަންތައްތައް ބަލާބަލަ..........." ޖައިޝްގެ އިސްތަށިގަނޑުގެ ހުދުކަން ލެޕްގެ އަލީގައި ފެންނަލެއް ވަކިން ތަފާތެވެ. "އެލީނާ ތިއުޅެނީ ފުން ކަނޑަކަށް ފުންމާލަން. ހަމަ ޑްރައުން ވާނީ. އޭރުން ބަޔަކު ހާދަ ހިތާމައެއް ކުރާނެއޭ ދޯ...."
ޖައިޝް ފޯނު ނަގާފައި ބީނިޝްއަށް ގުޅާލައިފިއެވެ. "ބީން. ކީއްކުރަނީ؟ "
"އައި ހޭޓް ޔޫ..." ބީނިޝް ފޯނު ކަނޑާލައިފިއެވެ. ޖައިޝް ހީގަތެވެ. ބީނިޝްގެ ރުޅިގަނޑު އަމާޒުވީ ކޮންސަބަބަކާ ހުރެކަން އޭނައަށް އެނގުނީއެވެ.
***
ސޯފިއާ ފެންފިޔައަށް ދާން ތައްޔާރުވެ ނިމިގެން ނިކުތްއިރު ތައިމޫރުއާއި އާތިކާ ސިޓިންރޫމްގައި ކޮންމެވެސް ވާހަކައެއް ދައްކަން ތިބިތަން ފެނުނެވެ. އާތިކާގެ މޫނުމަތިން ނުރުހުމުގެ ކުލަވަރު ކޮންމެވެސް ވަރަކަށް ފެނުނެވެ.
"ސޯފީ. ހަމަ ޚިޔާލު ބަދަލުނުކުރާނީތަ؟" ތައިމޫރު އެއްސެވިއެވެ.
"ކީއްވެގެންތޯ ބަދަލުކުރާންވީ؟ އަޅުގަނޑު މިދަނީ ކެމީލާ ބަލާ އެގެއަށް. ގަޑިއަށް ކިޔައިފިއްޔާ ހުރުމަތްތެރިކޮށް ހިތަންވާނެ. ވަގުތުގެ އަގު ވަޒަން ކުރުން ވަރަށް މުހިއްމު....." ސޯފިއާއާއި އާތިކާގެ ނަޒަރު ބައްދަލުވީހިނދު ދެމީހުންނަށްވެސް ތިބެވުނީ ނުރުހެވިފައެވެ. ތައިމޫރު އަމުރުކޮށްފިއްޔާ އެކަން ހުއްޓައިލަން ސޯފިއާއަށް މަޖުބޫރުވާނެއެވެ. ތައިމޫރު ބޮލަށް ވަނިއްޔާ ވަންނާނީ އާތިކާ ފިޔަވާ ދެވަނަ މީހެއް ނޫނެވެ.
"މިހާރުވެސް އަހަރެމެންގެ އަންހެން ދަރިއަކު އެބަހުރި. އެލީނާ. ކިހާ އަޚުލާގު ރަގަޅު ބަސްއަހާ ދީނީ ކުއްޖެއް. އެވަރު އަންހެންދަރިއަކު ދެނެއް ނުލިބޭނެ. ތިޔަބުނާ ކެމީލާއާއި ބެހޭގޮތުން އިވުނީ އަހަން ނޭދޭވަރުގެ ވާހަކައެއް......" ތައިމޫރުގެ މޫނުން ފެނުނީ ސީރިޔަސްކަމެވެ.
"ތައިމޫރު. ދެ އަނބިންގެ ތެރެއިން ވަކި މީހަކު ބުނާ ބަހަށް ގޮތެއް ނިންމެވުމަށްވުރެ އަމިއްލަފުޅަށް ޖަޖްކުރެއްވުން ރަގަޅުވާނީ. ކެމީލާ އެޑޮޕްޓްކުރަން އަޅުގަނޑު ނިންމައިފިން. އެކުއްޖާ މިގޭގައި ހުރެގެން ގޯހެއް ހެދިއްޔާ ފޮނުވައިލައްވާ. މިއީ ދުވަހަކު ރިގްރެޓް ކުރާނެ ކަމެއް ނޫންކަމަށް ޟަމީރު ބުނޭ. ވީއިރު އަޅުގަނޑު އެދެނީ މިކަމަށް އެއްބާރުލެއްވުން ދެއްވަން.........." ސޯފިއާ އިތުރަށް ޖަވާބަކަށް ބެލުމެއްނެތި ފިޔަވަޅުތައް އަވަސްކުރިއިރު މޫނަށް ރަތްކަމެއް ވެރިވެއްޖެއެވެ. އޭނަ އާއްމުކޮށް ތައިމޫރުގެ ޚިޔާލާއި ހުށަހެޅުންތަކަށް އިހުތިރާމް ކުރިޔަސް އާތިކާ އެދެމެދަށް ވަނުމަށްފަހު ތައިމޫރަށްވެސް ބޯ ލަނބާކަށް އޭނަ ނެތެވެ. އޭނަ އަށް ކެމީލާދެކެ ލޯބިވެވިއްޖެއެވެ. އެންމެން ދެކޮޅުވިޔަސް އޭނަ ކެމީލާ ދޫކޮށެއް ނުލާނެއެވެ. ވަރުގަދަ އަޒުމަކާއި ނިޔަތަކާއެކު ސޯފިއާ ބިސްމި ކިޔާފައި އުޑާއި ދިމާލަށް އަތް އުފުލައިލަމުން މިކަން ކާމިޔާބުވުމަށް އެދި ދުޢާކުރިއެވެ.
ފެންފިޔައިގެ ކަންމައްޗަށް މަޑުކޮށްލި ކަޅުކުލައިގެ ކާރުން ސޯފިއާ ފޭބިއިރު ބޮޑީގާޑަކުވެސް ފަހަތުން އައެވެ. ސޯފިއާ ޝާހީކޮށް ހިގާފައިގޮސް އެގޭގެ ދޮރުމައްޗަށް އަރާ ސަލާމްކުރިއެވެ.
"ވައަލައިކުމުއް ސަލާމް. އަވަހަށް އެތެރެއަށް ވަންނަވާ." ޒައިރާއަށް ސޯފިއާގެ އަތުގައި ހިފާލެވުނީ ބޭއިޚުތިޔާރުގައެވެ. ކެމީލާއަށް ބާރަކަށް ގޮވައިލެވުނެވެ. "ލިލީ. ޔޯ މަމް އިޒް ހިއާ........"
އިރުކޮޅަކުން ކެމީލާ ނުކުތްއިރު ބުރުގާ އަޅައިގެން ހުރުމުން ސޯފިޔާގެ ހިތުގައި ގަނޑުފެނުން ފިރުމައިލިފަދައެވެ.
"ވަރަށް ލޯބި.." ސޯފިއާއަށް ބަލަން ހުރެވުނީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ.
"އަޅުގަނޑު އަދި ފަސްޓްލޭޑީއަށް އެއްޗެއް ދައްކާނަން. ވަޑައިގަންނަވާ..." ޒައިރާ ސޯފިއާ ގެންގޮސް އޭނައާއި ކެމީލާ ބޭނުންކުރާ އަލަމާރި ދެއްކިއެވެ. އަލަމާރީގެ ދޮރުފަތުގައި ކެމީލާއަށްވީ ފަޅީގައި ތައިމޫރުއާއި ސޯފިއާގެ ފޮޓޯތައް ތަތްކޮށްފައެވެ. އަދި މައިމޫންއާއި ސުކައިނާ އަދި ތައިމޫރުގެ މަންމަ އުންމު ކުލްސޫމްގެ ފޮޓޯތަކެވެ. އޭނައާއި ތައިމޫރުގެ އާއިލީ ފޮޓޯތައް ނޫހުގައި ޖެހިއިރު ކެމީލާ އެ ފޮޓޯތައްވެސް ކަފާފައި ހުރީއެވެ. ޒައިރާ އެ ފޮޓޯތަކުގައި ތިބި ކުޑަކުދިންނާއި ބެހޭގޮތުން ސުވާލުކުރުމުން އެންމެންގެ ނަން ކިޔާދިނެވެ. ޖުއާން ގެ ޅައިރުގެ ފޮޓޯއެއް ފެނުމުން ކެމީލާއަށް މަޖާވިއެވެ. ނޭގި އޭނައަށް ޖުއާންގެ ފޮޓޯތަކެއް ގެންގުޅެވިއްޖެއެވެ. އެހުރިހާ ކުދިންގެ ތެރެއިން އެކުއްޖާ ޚާއްސަވީ ކީއްވެކަމެއް ނޭގުނެވެ. އާތިކާއާއި ތައިމޫރުގެ ގާތުގައި ހުރި ފިރިހެންކުއްޖާގެ ކަޅާއި ހުދުގެ ފޮޓޯގައި އެކުއްޖާ އިސްތަށިގަނޑު ހުދުކަމުން "ބްލޯންޑް" ކުއްޖެއްކަން އެނގުނެވެ. ބޭރު ކުއްޖެއްބާވައެވެ. ޒައިރާ އަހަން އުޅެނިކޮށް ސޯފިއާއަށް ފޯނެއް އައުމުން އެ ވާހަކަ ހުއްޓުނެވެ.
"ފަސްޓްލޭޑީ. އިޓް ވިލް ބީ އެ ޕްލެޝާ މިގެއިން އެއްޗެއް ފަރިއްކުޅުއްވައިގެން ދިޔައްޔާ. ކެމީލާ ވަރަށް މީރުކޮށް ޖޫހާއި ޕިއްޒާ އަދި ކޭކެއް އެޅި......"
"ޝުއާ. ޒައިރާމެން ދިން އެއްޗެއް ވިއްޔާ ކައިގެން ދާނީ....."
ސޯފިއާ ހިތް ތިރިކަމާއެކު މާމައާއި އެހެން ކުދިންނާއެކު ސައި ބޮއިގެން ވާހަކަދައްކާލަން އިރުކޮޅަކު އިނދެލާފައި ޒައިރާ އަތަށް އެޕާޓްމެންޓެއްގެ ތަޅުދަނޑި ދިނެވެ. ޒައިރާ ވަގުތުން ދެކޮޅުހެދިއެވެ.
"ނޫން ފަސްޓްލޭޑީ. ތެދަށް ބުނަންޏާ އެހެން ތާކަށް ދާން އަޅުގަނޑު އަސްލު ބޭނުންވެފައި ހުރީ، އެކަމަކު މާމަ އެހެންތާކަށް ދާކަށް ގަބޫލެއްނޫން. އެހެންވެ ސެލްފްލެސް މީހަކަށް އެންމެ ފަހަރަކުވިޔަސް ވާން ނިންމީ. ހަމައެކަނި އަމިއްލަ އިހުސާސްތަކަށް ހުރިހާ ކަމެއް ނިންމާކަށް ނުވާނެ. މާމަގެ ޚިޔާލަށްވެސް އިހުތިރާމް ކުރަންވާނެ. އަނެއްކޮޅުން އަޅުގަނޑު އެކަމާ ވިސްނައިލީމަ ނުބައިގޮތެއްވީ. ކޮއްކޮ ވިއްކާލެވުނީއޭ ހިތަށް އެރީ. އަމިއްލަ ފައިދާ ހޯދަން ކަމަށް ފީލްވީ. އެހެންވެ ފަހުން ވިސްނާފައި އިތުރު އެއްވެސް އެއްޗެއް ބޭނުންނުވެ ހަމައެކަނި ލިލީ އުފަލުގައި އުޅޭތަން ދެކެން ބޭނުންވީ. ޕްލީޒް ގިވް ހާ އޯލް ޔޯ ލަވް. މަންމައަކާއި ބައްޕައެއްގެ ލޯބި ނުލިބި ލިލީ ހުރީ. އައި ވިލް ސްޓޭ ވިތް ގްރޭން. މި ގޭގައި. މާމަގެ ފްރެންޑް އަދި އަޅުގަނޑުމެންގެ މުންނަ މިއުޅެނީ ކުރިމަތީގައި މިހިރަ އެޕާޓްމެންޓްގައި. ސޯ މާމައާއި މުންނައާއި ދެކުދިން އެކީ އަނގަ ތަޅާ ސުއްޓާ ބޮއި ކިއްލި ތަޅާ ހިނގައިލަން ގޮސް ހެދޭނެތާ...." ޒައިރާގެ ވާހަކައިން ސޯފިއާގެ ހިތަށް އަސަރުކުރިއެވެ. ނިކަމެތި ކުދިންވިޔަސް އާއިލާގެ ތެރޭ އޮންނަންވާ ލޯތްބަކީ މިސާލެކެވެ.
"މާމަގެ ޚިޔާލު ބަދަލު ވީ ދުވަހަކުން ޒައިރާއަށް މި ތަޅުދަނޑި ލިބޭނެ..."ސޯފިޔާވެސް ގަދަކަމުން ދޭކަށް ނޫޅުނެވެ.
ކެމީލާ އެޑޮޕްޓްކުރުމުގެ ބަދަލުގައި ވިއްކާލީކަމުގެ އިހުސާސް ވިޔަދޭން ބޭނުންނުވީއެވެ. ޒައިރާއަށް އެހެން ބުނެވިއްޖެތާއެވެ.
ކާރަށް އަރާފައި ކެމީލާގެ ހިތް ތެޅެންފެށިގޮތަށް ހަތަރެސްފައި ފިނިވެލިއެވެ. ހިންދިރުވައިލެވުނެވެ. ބައެއްފަހަރު ލޮލަށް އަންނަން އުޅޭ ކަރުނަތައް ދިރުވައިލަން މަޖުބޫރުވެއެވެ. ޒައިރާ އެޕާޓްމެންޓް ނުހޯދުމުން އެކަމާވެސް އިންތިހާއަށް ދެރަވިއެވެ. މާމައާއި ދޮންތި ހާލުގައި އުޅެމުން އޭނަ ބޮޑު ގަނޑުވަރެއްގައި އުޅެން ބޭނުންނުވަނީއެވެ. ކާރުން ފުންމާލާފައި ދުވެގޮސް އަމިއްލަ އާއިލާގެ ހިމާޔަތް ހޯދަން ހިތް ބޭނުންވި ނަމަވެސް ސޯފިއާގެ އަތުގެ ފިރުމައިލުމުން ހިތަށް ހަމަޖެހުމެއްލިބުނެވެ. ސޯފިއާގެ ލޮލުން ފެނުނީ އިންތިހާ ލޯތްބާއި ކުލުނެވެ.
އޯފީލިއާ ޝޮޕިން މޯލަށް ކާރު މަޑުކުރުމުން ސޯފިއާ އޭނަ ގޮވައިގެން އެތަނަށް ވަނުމަށްފަހު ކެމީލާ އަށް ސްކާފްގެ އެކި ކުލަތައް ނަގައިދިނެވެ. ކެމީލާއަށްޓަކާ ތައްޔާރުކުރި ކޮޓަރީގައި މަދުވާނީ ހަމައެކަނި ސްކާފެވެ. ބުރުގާ އަޅާކަން ކުރިން ސޯފިއާއަށް ނޭގުނީއެވެ. ކެމީލާއަށްވެސް އެކަމުން ހައިރާންކަމެއް ލިބުނެވެ. ހަމައެކަނި ސްކާފް ގަނެދިނީ ކީއްވެބާވައޭވެސް ހިތަށް އެރިއެވެ. ކަޅުހެދުން ކަހަލަ އެއްޗެއް ގަނެދިންނަމައެވެ. އިތުރު އެއްޗެއް ބޭނުންހެއްޔޭ ސުވާލުކުރުމުން ނޫނެކޭ ބުނެފައި ހިނިތުންވެލިއެވެ. އެކަމަކު އެންމެ ބޮޑަށް ލޮލުގައި އަޅައިގަތީ ކަޅުކުލައިގެ ރީތި އަބާޔާ ތަކެވެ.
***
ސޯފިއާ ކާޑު ޖަހާލަފައި ގެއަށް ވަނެވެ. ކެމީލާ އެތެރޭގައި ފައި އެޅީ ބިސްމި ކިޔާފައެވެ. އަދި ސަލާމް ގޮވައިލިއެވެ. ނަމަވެސް ސަލާމުގެ ޖަވާބެއް ދޭނެ ފަރާތެއް ނުވިއެވެ. ތަނަވަސް ހޯލެއްވަރުގެ ބޮޑުކޮޓަރީގެ މާބްލްމަތީ އަޅާފައިވާ ބޯ ދޫލަމަތީގައި ޒުވާން ފިރިހެނުންތަކެއް ޕިއްޒާ ކެއުމުގެ ފޯރީގައި ތިބިއިރު ލޭކެންއާއި ޖުއާން ރެސްލިން މެޗެއްގައެވެ.
"ހައި މަމް...." ހުރިހާ ޒުވާނުން އެކި ގޮތްގޮތަށް މަންމައާއި ސަލާމްކޮށް ސަމާސާ ވައްތަރަށް ކޮންމެވެސް ޖުމްލައެއް ބުނެލިއެވެ. ފަހަތުން ވަން ބުރުގާ އަޅާފައި ހުރި ކުއްޖާ ފެނުމުން އެންމެނަށް ހިމޭންކަމެއް ލިބުނެވެ. ޖުއާންއާއި ލޭކެންވެސް ހަމައެކަނި ދިގު ސޯޓުގައި ތިބެފައި އަވަހަށް ބިންމައްޗަށް އުކާލާފައިވާ ޓީޝާޓުތައް ނެގިއެވެ. އެންމެންގެ ވަރުގަދަ މުލައްދަނޑިތަކުން ގަވާއިދުން ކަސްރަތުކުރާކަމުގެ ހެކި ފެނެއެވެ.
"މިއީ ހުރިހާ ކުދިންގެ ލިޓްލް ސިސް ކެމީލާ. އޮފިޝަލީ އެޑޮޕްޓްކޮށްލީ ...." ސޯފިއާ ކެމީލާ ގެނެސް ގަޔާ ލައްކޮށްލިއިރު ޒުބްނާންއާއި ކައިދަންވެސް ބަލަން ތިބީ ޝައުގުވެރި ނަޒަރަކުންނެވެ. ސާދަ އަހަރުގެ ކުއްޖެއްކަމަކު މައުސޫމްކަމާއި ޅަކަމުން ފުރިފައިވާ ކުޑަކުއްޖެކެވެ. އެހާ ހިއްކެވެ. ބަލިކުއްޖެއްވީމަ ކަން ނޭގެއެވެ.
"މިއީ ތިއްތި. މިހިރީ ކުޑާ. މިއީ ލޭކްއާއި ޖޮން........ދޮންބެއަކީ ކެމީލާގެ ޑޮކްޓަރ ދޯ. ދޮންބެ މިވަގުތު ގެއަކު ނޫޅޭ......." ސޯފިއާ އެންމެން ތައާރަފުކޮށްދިނެވެ.
"ވެލްކަމް ޓު އަވާ ފެމިލީ....." ޒުބްނާންއާއި ކައިދަން ވަގުތުން އެ ކުއްޖާ ކޮއްކޮ ކަމުގައި ބަލައިގެންފިއެވެ. ލޭކެންއާއި ޖުއާންއަށް އެއީ އެހާ ފަސޭހަކަމަކަށްނުވިއެވެ. ޒުބްނާން ޕިއްޒާ ފޮތްޗެއް ނަގާފައި ކެމީލާއަށް ދިއްކޮށްލިއެވެ. "އީޓް. ހާދަ ހިއްކޭ. ފުމެލިޔަސް އުދުހިދާނެއްނު..."
"ދެޓްސް އެން އިންސަލްޓް އޭ. ފަލަވީމަ އެހެން ބުނެލާގޮތަށް ހިކިވުމުން ދިމާކުރުމަކީވެސް އިންސަލްޓެއް. ހާދަ ނޭގެޔޭ......." ކައިދަން ޒުބްނާންއާއި ދިމާކުރަން ފެށިއެވެ.
ކެމީލާ ޝުކުރު އަދާކުރީ ހިނިތުންވެލަމުންނެވެ. ޕިއްޒާފޮތީގައި ހިފިގޮތަށް ހުރީ ނުކެވޭނެއޭ ބުނަން ނުކެރިފައެވެ. އޭނަގެ ސަލާމަތަށް އައީ ސޯފިއާއެވެ.
"ދަރިފުޅާ. ކެމީލާ އާއި މަންމަމެން ސައިބޮއިގެން މޯލަށް ގޮސް އައިސްކްރީމްވެސް ކައިގެން މިއައީ. ވީމަ މިވަގުތު ދެން ނުކެވޭނެ................"
"ކެމީލާ ބުރުގާ އެޅީ ކޮން ދުވަހަކު؟ " ޖުއާންގެ ނަޒަރުގައި ނުސިޔާނުކަމެއް ހުއްޓެވެ.
"މިއަދު............" ކެމީލާގެ ކޯތާފަތަށް ކުޑަރަތްކަމެއް ވެރިވިއެވެ.
"ސީރިޔަސްކޮށް؟ " ޖުއާން އެއް ބުމަ އަރުވައިލިގޮތަށް ހަށަން ބަދެލިއެވެ. ކެމީލާ ލަދުން މަރުވާވަރުވިއެވެ. މިގެއަށް އަންނަންވުމުން އޭނަ ބުރުގާ އެޅީކަމަށް ޖުއާން ހީކުރީތާއެވެ. ނޫނީ ވިޝާއާއި ވާދައަށް ކަމަށެވެ. ތަފްސީލުދޭންވެގެން އެއްޗެކޭ ބުނަން އުޅެނިކޮށް ސޯފިއާ ޖުއާންއަށް ލޯ އަޅައިލީ ލޯތްބާއި ކުލުނާއެކީގައެވެ.
"ޖޮން. މަންމަ ބޭނުމެއްނޫން ދަރިފުޅު ކޮއްކޮއާއި ތޮޅެން. އަންހެންކުދިން ވިއްޔާ ބުރުގާވެސް އަޅާނެ. ކޮބާ ބައްޕަ؟ "
"ބައްޕައާއި އާތިކާ މަމްވެސް އަޅުގަނޑުމެންނާއެކު ޕިއްޒާކާން ތިއްބަވާފައި ޓެރެސްއަށް ކަން ނޭގޭ......" ޖުއާން ބުނެލިއެވެ.
"ބައްޕަމެންނާއިވެސް ބައްދަލުކުރަން ޖެހޭނެއްނު. އާދޭ ކެމީލާ......" ސޯފިއާ ކެމީލާ ގޮވައިގެން ސިޑިން އަރައިގެން ދިޔުމުން ޖުއާންއާއި ލޭކެން ކޮންމެވެސް އެއްޗެއް ކިޔާފައި ހޭ އަޑުއިވުނެވެ. ކެމީލާ ކަންބޮޑުވެގެންގޮސް އަދިވެސް ހިތް ހަމަޔަކަށް އެޅުނީއެއް ނޫނެވެ. އިސްލާމްދީނުގައި "އެޑޮޕްޓް"ކުރުން ހުއްދަވާނެގޮތެއް އޭނައަކަށް ނުވިސްނުނެވެ. ދޮންބެމެން ކިޔުއްވިޔަސް ލޭގެ ގުޅުމެއް ނެތެވެ. ހިލޭ ފިރިހެނުންނެވެ. އޭނަ ޖެހޭނީ އަބަދު ބުރުގާ އަޅައިގެން މިގޭތެރޭގައި އުޅޭށެވެ. އަމިއްލަ ގޭގައި އެ މިނިވަންކަން އޮވެއެވެ. ކިޔާން ހުއްޓަސް ކުރު އެއްޗެއް ލައިގެން ހުންނަން ކެރެއެވެ. މިހާރު އިހުސާސްވަނީ އެހެން ގޮތެކެވެ. ނޭވާވެސް ރަގަޅަށް ނުލެވެއެވެ. ހޫނުވާންފެށިއެވެ. މިގޭތެރޭގެ ރީތިކަމާއި ޝާހީކަން ބޮޑުކަމުންވެސް ބިރުއެބަގަނެއެވެ. މިއީ އޭނަގެ ފެންވަރެއްނޫނެވެ. މިފެންވަރުގައި އުޅެން އޭނަ ބޭނުމެއްވެސް ނޫނެވެ. ހާސްކަމާއި ކަންބޮޑުވުން ވަށައިލުމުން މާތްﷲ ހަދުމަކުރިއެވެ. އޭނަގެ ދޮންތަވެސް އޭނައަށްޓަކާ ގުރުބާންވީ ނޫންހެއްޔެވެ؟ އޭނަވެސް ދޮންތަމެންގެ އުފަލަށްޓަކާ މިގޭގައި މަޑުކޮށްލާނީއެވެ.
ޓެރެސްވެސް ރީތިކަމާއެކު ލޯ ތަރަތަރަޖައިގެންދާ ވަރުވިއެވެ. މާބްލް ތަޅުން އޮފްގަދަކަމުން މޫނުވެސް ފެންނަ ފަދައެވެ. އިރު ހުޅަނގުފަރާތަށް ދަތުރުކުރަމުން ދާއިރު އަވީގެ ކުަލަ ރަންކުލައަށް ބަދަލުވެއްޖެއެވެ. ސޯފާގައި ކޮފީ ބޯން ތިބި ދެމަފިރިންނަށް ސޯފިޔާއާއި ކެމީލާ ފެނުމުން އެދިމާލަށް ނަޒަރު ދަތުރުކުރިއެވެ. ސޯފިއާގެ ގާތުގައި ހުރި ހިކި އެކަމަކު އަލި މޫނުގެ ވެރި ލޯބި ލޯބި ކުއްޖާއަކީ ސޯފިއާގެ ތިމާގެ ކުއްޖެއްހެއްޔެވެ؟
"ސޯފީ ކިހިނެއް ތިހެދީ؟ އެޑޮޕްޓްކުރަން އުޅުނު ކުއްޖާ ބަދަލުކުރީތަ؟ނޫނީ އަދި އަޅުގަނޑުމެންނަށް ތައާރަފުނުވާ ފެމިލީ ކުއްޖަކީތަ؟ ޕެރީޒިއަންއެއް ގެ ރީތިކަން އެބަހުރި..." މިފަހަރު އާތިކާ ވާހަކަދެއްކީ ސީދާ ފްރެންޗު ބަހުންނެވެ.
"ނޫން. މިއީ އެކުއްޖާއެއްނު. އާތީއަށް ބުރުގާ އެޅީމަ ނޭގުނީ..." ސޯފިއާ ހިނިގަނޑެއް ޖަހައިލިއެވެ.
"ރައީސް ތައިމޫރު. މިއީ އަޅުގަނޑުމެންގެ އަންހެންދަރިފުޅު ކެމީލާ." ސޯފިއާ ކެމީލާ ތައިމޫރުއާއި ދާދި ގާތުގައި ހުއްޓުވިއެވެ. ކެމީލާއަށްވެސް ރައީސްއާއި ދިމާލަށް ބަލައިލެވިއްޖެއެވެ.
ނުނިމޭ