"އޭ ޒާން، ކަލޭ ހާދަ ބިޒީއޭ ދޯ.........ކީއްވެތަ ނުފެންނަނީ، އަބަދު ގޭތެރޭގަ، އޭ ޒާންގެ މަންމަ ވަރަށް ރުޅިގަދަ ދޯ، އެންގީތަ ގޭންބޭރަށް ނުނިކުންނަން، ކޮއްކޮ އާއިއެކޮށް ފީކޮއިކުޅެން ގޭތެރޭގަ ހުންނާށޭ ބުނީދޯ....ހެ ހެ ހެ ހެ ހޭ" ނަޒްމީ ޔަޒާން އާއި ދިމާކޮއްލިއެވެ. 
"ނޫނޭ، އޭ މަފަހުން ދާނަން ތިގެއަށް، މަށާއެކު ބޭރަށް ދާންކެރޭނެތަ؟" ޔަޒާން އެހެން ބުނިއިރުވެސް ހީވަނީ ލަސްވެގެން އުޅޭހެންނެވެ.
"އިރުއޮއްސުނީމަ މަގޭ މަންމަ ރުޅިއަންނާނެ އެހާ ދުރަށް ދިޔައީމަ،" ނަޒްމީ ގޭތެރެއާއި ދިމާލަށް ބަލާލަމުން ބުނެލި އެވެ.
"އެހާ ދުރަކަށް ނޫނޭ، މިދިމާ އަތިރިމައްޗާ ދިމާލުގަ އެބައިނޭ ޖޯލިފައްޗެއް، އެތަނަށް،" ޔަޒާން އަތުން އިޝާރާތްކޮއްލަމުން ބުނެލިއެވެ.
"އޯކޭ، އާދޭ ދާންވީމަ،" ނަޒްމީ އެހެން ބުނުމާއެކު އަވަސް ހިނގުމުގައި ގޭތެރެއަށްވަދެގެން ޔަޒާން ހިނގައްޖެއެވެ.
ގޭތެރެއަށް ވަދެގެން އައި ޔަޒާންއަށް ފެނުނީ މުޅިން އެހެން މަންޒަރެކެވެ. އެގަޑީގަ ޝިޔާޒު އެގެއިން ފެނިދާނެ ކަމަކަށް ޔަޒާން ކުޑަކޮށްވެސް ހީއެއްނުކުރެއެވެ. އޭނަ ހުއްޓުން އަރާފަ ބަލަހައްޓައިގެން ހުރެވުނީ ޝިޔާޒު ކުރަމުން ދިޔަ މަސައްކަތް ފެނުނީމައެވެ.
"ބުނާގޮތް ނުހަދަންޏާ ވާނީ ދެން މިހެން،" އަޒުރާ ޔަޒާންއަށް ބަލާލަމުން ބުނެލިއެވެ. އެއާއެކު ޝިޔާޒުވެސް ޔަޒާންއަށް ބަލާލަމުން އޭނަ ކުރަން ހުރި މަސައްކަތް ކުރިއަށްގެންދިޔަ އެވެ.
މާޔޫސްކަމާއިއެކު ޔަޒާން ބޭރަށް ހިނގައިގަތެވެ. އޭނަގެ މިސްރާބު ހުރީ ބަނބުކެޔޮ ގަހުގައި އެލުވާފައިވާ އުނދޯއްޔާއި ދިމާލަށެވެ. ޔަޒާންއަށް އުނދޯއްޔާއި އަރާ ހަމަވާއިރަށް އުނދޯލީގައި އިށީނދެ ހެއްލާލަމުން ދެފައިނަގާ އުނދޯލީގައި އަޅުވާލިއެވެ. އުނދޯލި ދެކޮޅަށް ހެއްލެމުން ދިޔައިރު ޔަޒާން ވިސްނަމުން ދިޔައީ އަޒުރާ އާއިދޭތެރޭ އެވެ. އޭނަގެ ކޮޓަރީގައި ޝިޔާޒު ލައްވާ ބޮޑު ތަންޑެއް އެހަރުކުރަނީ ކީއްވެބާ އެވެ. އަޒުރާ ބޭނުންވާ ގޮތަށް އޭނަވެސް ކިޔަވަން މަސައްކަތްކުރަން ބޭނުމެވެ. އެކަމަކު މިހާރު ކިޔެވުމަށް އެއްވެސް ޝައުގުވެރިކަމެއް ނުހުރުން އެއީ ޔަޒާން އަމިއްލައަށް ކުރާކަމެއް ނޫނެވެ. އޭނަ މިހާރު ކިޔަވާހިތްނުވަނީ އެވެ. ސްކޫލު މަތިންވެސް ފޫހިވަނީއެވެ. ބޭނުންވަނީ ގޭގަ އަޒުރާ އާއިއެކު އޭނަ ބުނިހާ ގޮތެއް ހަދައިގެން އުޅޭށެވެ. ގޭތެރެއިން އޭނައަށް ދަސްވަމުން ދިޔަ ފިލާވަޅުތަކަކީ އެހެންއެއްވެސް ކަމަކަށްވުރެ ދަސްކުރަން ފަސޭހަ އަދި ޝައުގުވެރިކަމުން ފުރިގެންވި ފިލާވަޅުތަކަކަށް ވީކަމެވެ.
ލައިބާ ބަލާ އިސްކޫލުދޮށަށް މިއަދު ޔަޒާންއަށް ގަޑިއަށް ދެވުނެވެ. އެހެނީ އަޒުރާގެ ގާތުގައި ޔަޒާންގެ ބަދަލުގައި ގަޑިފުރަމުން ދިޔައީ ޝިޔާޒުއަށް ވީތީއެވެ. އެކަމާއި ޔަޒާން ހުރީ ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިފައެވެ. ލައިބާ ގޮވައިގެން ގެއަށް އައިމަގުމަތީގަވެސް ލައިބާގެ ވާހަކަތަކަކަށް މާބޮޑު ސަމާލުކަމެއް ނުދިންތާ އޭނަ ކުރާ ސުވާލުތަކަށް ޖަވާބެއްވެސް ނުދިނެވެ. އެންމެފަހުން ލައިބާވެސް ޔަޒާން އާއި ވާހަކަދެއްކުން ހުއްޓާލިއެވެ. އަދި ޔަޒާން އާއި އެއްވަރަށް ހިނގަމުން އައިސް ގެއަށްވަނެވެ.
ޔަޒާން ކޮޓަރިއަށްވަނީވެސް ދޮރުގައި ހަރުކޮއްފައިވާ ތަންޑަށް ބަލާލަމުންނެވެ. އޭރު ލައިބާ އޭނަގެ އިސްކޫލު ބޫޓު ބާލަން އުޅެއެވެ. ޔަޒާންވެސް ފާރުކައިރީ ހުރި މޭޒުމަތީ އޭނަގެ ބުރަކަށީގައި އަޅުވައިގެން ހުރި ލައިބާގެ ފޮތްދަބަސް ނަގާ ބެހެއްޓިއެވެ.
"ލައި ޔުނީފޯރމް އަޅުވާފަ ސައިބޯން ދާތި، އެހެންނޫނީ މަންމަ ހަޅޭލަވާނީ ދޮންބެއާ ދިމާލަށް،" ޔަޒާން ކޮޓަރިން ނުކުންނަން ދަމުން ބުނެލިއެވެ.
"ލައި ކޮންމެ ދުވަހަކުވެސް ޔުނީފޯމް އަޅުވަމޭ، ދޮންބޭ، މަންމަ މިހާރު ވަރަށް ހަޅޭނުލަވައެއްނު، މަންމައަށް އެނގެއޭ ދޮންބެ އާއި ލައިއަކީ ބަސްއަހާ ކުދިންކަން،" ލައިބާ ބުނެލިއެވެ. ޔަޒާން އެޖުމްލަ އަޑުއިވޭ ކަމަކަށް ނުހެދިއެވެ. ލައިބާއަށް އެހެން ބުނެވުނީ އަޒުރާ މިހާރު ޔަޒާންދެކެ ލޯބިން އުޅޭތަން ފެންނަމުންދާތީ އެވެ. އެކަމަކު އެކުޑަކުޑަ ހިތަށްވެސް އެކި އިޙްސާސްތަށް ދެނެގަންނަން އެނގެއެވެ. އޭނަ ދެރަވަނީ މަންމަ އަޒުރާ ޔަޒާންގެ ގައިގާ ލޯބިން ފިރުމާ ހަދާއިރު އޭނަގެ ގައިގާ ފިރުމާނުލާތި އެވެ. ލައިބާއަށް ވިސްނިފައި އޮންނަ ގޮތުގައި ޔަޒާން އޭނަގެ މަންމަ އަޒުރާއަށް ގޭތެރޭގެ ކަންތައްތަކުގައި ވަރަށް އެހީތެރިވެދެ އެވެ. ޔަޒާންދެކެ ބޮޑަށް ލޯބިވަނީ އެހެންވެކަންނޭގެ އެވެ. ލައިބާވެސް އޭނަގެ މަންމައަށް އެހީތެރިވެދީގެން އެމަންމަގެ އޯގާތެރިކަން ހޯދަން ބޭނުންވެއެވެ. ލައިބާ ހެދުނު ލައިގެން އުޅުނު ހެދުން ލައިގެން ކޮޓަރިން ނުކުންނަށް ހިނގައިގަތެވެ. ދޮރުގައި އިން ތަންޑުފެނުނީ އެވަގުތުއެވެ. އޭނައަށްވެސް ލިބުނީ ހައިރާން ކަމެކެވެ. އަވަހަށް ޔަޒާން ހޯދަން ބޭނުންވީ އެތަންޑުގެ ވާހަކަ އެހުމަށެވެ. މަންމަ އަޒުރާގެ ގާތުން އެދެވޭ ޖަވާބެއް ނުލިބޭނެކަން ލައިބާއަށް އެނގޭތީއެވެ.
ގޭތެރޭގެ އެތަން މިތަން ހޯދިއިރު ވެސް ލައިބާއަކަށް ޔަޒާންއެއް ނުފެނުނެވެ. އެންމެފަހުން ގޮސް މަންމަ އަޒުރާގެ ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފާލީ އަޒުރާގެ ގާތުން އޮޅުންފިލުވުމަށެވެ. އެހެންނަމަވެސް އެކޮޓަރީގެ ދޮރުވަނީ ތަޅުލާފައެވެ. އެހާއަވަހަށް ޔަޒާން އެދާނީ ރަޒިއްޔާމެންގެއަށްކަން ލައިބާގެ ހިތަށް އެރިއެވެ. އެހެން ހިތަށް އަރުވާލައިގެން ހުރެ ލައިބާ ބަދިގެއާ ދިމާލަށް ދިޔައެވެ.

"ލައިބާ........" ސައިބޮއެ ނިމިގެން ގޭތެރެއަށްއަށް ވަންނަން އައި ލައިބާއަށް ކުއްލިއަކަށް ފަހަތަށް ބަލާލެވުނެވެ. އޭނައަށް މީހަކު ގޮވާލީމައެވެ. އެކަމަކު އެތާކު އެކަކުވެސް ފެންނާކަށް ނެތެވެ. އަނެއްކާވެސް ލައިބާ ގޭތެރެއަށް ވަނުމަށް ފައިނަގަނަގާ ހުއްޓާ ގޮވާލައިފިއެވެ. މިފަހަރު އަޑުއައީ ކޮންދިމާލަކުންކަން ލައިބާއަށް އެނގުނެވެ. އެއަޑުގައި ހިތްގައިމުކަމެއް އެކުލެވިފައިވިޔަސް އެއީ ފިރިހެނެއްގެ އަޑެކެވެ. ލައިބާ ބަލަހައްޓައިގެން ހުރީ ބަދިގޭގެ ރައްޒިއްޔާ މެންގެއާއިވީ ފަރާތަށް އޮންނަ ގަސްތަކާއިދިމާލަށެވެ. އެތަނުގައި ދެކެޔޮގަހާއި ރުކަކާއި ކުންނާރު ގަހެއް ހުރެއެވެ. އަދި ލައިބާގެ އިސްކޮޅުވަރުގެ ކުދިކުދި ފަޅޯ ގަސްތަކެއްވެސް ހުރެއެވެ. ލައިބާ އެދިމާލަށް ބަލަހައްޓައިގެން އިރުކޮޅެއްވަންދެން ހުއްޓެވެ. އެކަމަކު އެތަނުން އެކަކުވެސް އޭނައަކަށް ނުފެނުނެވެ. ލައިބާ ގޭތެރެއަށް ބަލާލީ ކުއްލިއަކަށް އަޒުރާގެ ކޮޓަރީގެ ތަޅު ހުޅުވާލިއަޑަށެވެ. އޭނަ އަވަސް ހިނގުމުގައި ހިނގައިގަތީ އާދައިގެ މަތިން އުނދޯއްޔަށް އެރުމަށެވެ.
އަޒުރާގެ ކޮޓަރިން ކުއްލިއަކަށް ނުކުތް ޔަޒާންގެ ގައިގާ ލައިބާ ނުޖެހުނީ ކިރިޔާއެވެ. ލައިބާ ޔަޒާންއަށް ބަލާލީ ހައިރާންވެ ހުރެ ސުވާލުން ފުރިގެންވި ނަޒަރަކުންނެވެ. ޔަޒާންއަށް ލިބުނު ނުތަނަވަސްކަމާއިއެކު ދެލޯ ބޮޑުކޮށްލެވުނެވެ. ދާހިތްލަން ފެށީ ކުރިމަތީ ހުރި ލައިބާ ބަލަންހުރި ގޮތުންނެވެ. އޭނަ އެއްޗެއް ބުނަން އަނގަހުޅުވާލުމާއިއެކު ޔަޒާން ބޭރަށް ނުކުތުމަށް އަވަސްވެގަތެވެ. އޭރު ޔަޒާން ލައިގެން އުޅުނު ގަމީސް އޮތީ އޭނަގެ އަތުގައެވެ. ލައިބާވެސް ޔަޒާންގެ ފަހަތުން ނުކުތެވެ. މަގުމައްޗަށް ނުކުމެވުނުއިރު ޔަޒާން އޭނަގެ ގަމީހުގެ ގޮއްތަށް އަޅުވަމުން ދިޔައެވެ. އޭނަ މަޑުކުރުމެއްނެތި ގޮސްވަނީ ޖެހިގެން ހުރި ރަޒިއްޔާމެންގެ ގެއަށެވެ. ލައިބާ މަޑުމަޑުން ގޮސް ކޮރާލަމުން އުނދޯއްޔަށް އަރާ ހަމަޖެހިލިއެވެ. އެހެންނަމަވެސް މިފަހަރު އެޖޯލި އުނދޯލީގައި އޭނަގެ ބުރަކަށިދަމައެއް ނުލައެވެ. އޭނަ ވިސްނަމުން ދިޔައީ ޔަޒާން އާއި ދޭތެރޭއެވެ. އެހެން އިންދާ އެޖެހެލީ އާދައިގެ މަތިން ޖެހިލާ މަޑުމަޑު ވައިރޯޅިއެވެ. ލައިބާގެ މޫނުމައްޗަށް ހިނިތުންވުމެއްވެރިވެގެން ދިޔައެވެ. އޭނައަށް ޖޯލީގައި އޮށޯވެލެވުނެވެ. އަދި މަތިން ފެންނަމުންދިޔަ ބަނބުކެޔޮ ގަހުގެ ބޮޑެތި ފަތްތަކަށް ނަޒަރު ދޫކޮއްލައިގެން އޮތެއެވެ. އުނދޯލި ކުރިއަށްގޮސް ފަހަތަށް އަންނައިރު ހީވަނީ އުނދޯލީގެ ފަހަތުގައި ހުރެ މީހަކު ކޮއްޕާލާހެނެވެ.
ރަތްވިލާތަކުން އުޑުގެ ނޫކުލަވަނީ ފަޑުކޮއްލާފައެވެ. އިރުއޮއްސުމުގެ އަލާމާތްތައް ފެންނަމުންދިޔައެވެ. ރަށުތެރޭ ގޮވަމުން އައި ކާޅާ ކޮވެލިވެސް އެސޮރުމެންގެ ހާއްޔަށް ދިއުމަށްޓަކައި ދަތުރުފަށައިފައިވެއެވެ. ވަލުގައި އުޅޭ ކުކުޅުތައްވެސް ދަރިންފަތިގޮވައިގެން ގަސްތަކުގެ ތެރެއަށް ވަންނަމުން ދާމަންޒަރުތައް ފެންނަމުންދިޔައެވެ. ނަޒްމީ އާއި ފައިޒަންގެ މެދުގައި ޔަޒާންހުރެ ހިނގަމުން ދިޔައީ އަތިރިއަށް ދާން އޮންނަމަގުގައި ހަދާފައި ހުރި ޖޯލިފައްޗަށް ދިއުމަށެވެ.
"ޒާން، ކީއްވެތަ މިހާރު އިސްކޫލުން ނުފެންނަނީ، އަނެއްކާ މައްސަލައެއް ޖެހުނީތަ؟" ފައިޒަން ވާހަކަދެއްކިއެވެ.
"ހެ ހެ ހެ ........މައްސަލައެކޭ، ކޮންމައްސަލައެއް ޖެހެން އޮންނާނީ، އިސްކޫލަށް ނުދެވެނީ ހަމަ ނުހޭލެވިގެން" ޔަޒާން ސަމާސާ ރާގެއްގައި ރަޙުމަތްތެރިންނަށް އޮޅުވާލިއެވެ.
"އޭ ސީރިއަސްކޮށް ބުނެބަލަ، ހަމައަސްލުވެސް ހޭނުލެވެނީތަ؟ ޒާން މަންމަ ހެނދުނު ނުވެސް ގޮވާތަ؟" ނަޒްމީ ޔަޒާންގެ ކޮނޑުގައި އަތްއަޅުވާލަމުން ބުނެލިއެވެ. ފައިޒަން ނަޒްމީއަށްވުރެ އެއްއަހަރު ދޮށީވިއެއްކަމަކު އިސްކޮޅުގެ ގޮތުން ނަޒްމީ ހުންނަނީ ފައިޒަންއަށްވުރެ ދިގުކޮށެވެ. އެދެބެން އެކުގައި ފެނިއްޖަނަމަ ކޮންމެ މީހަކުވެސް ދޮށީކުރަނީ ނަޒްމީއެވެ. ޔަޒާންއަކީވެސް ހިމަތޮޅި ހަށިގަނޑަކާއި ދިގު އިސްކޮޅެއް ލިބިފައިވާ ކުއްޖެކެވެ. ހަށިގަނޑުގެ ރޫފަ ރަނގަޅުނުވަނީ ރަނގަޅު ކާނާ ކާން ނުލިބޭތިއެވެ. އެކަމަކުވެސް އެމޫނުގެ ރީތިކަން އިތުރުކޮއްދެނީ ހީލުމުން ކޮލުގައި އިންނަ އަޑިކޮޅުންނެވެ. ބޮލުގައިވާ ކަޅުކުލަގަދަ ބޯފަން އިސްތަށިގަނޑުންނެވެ.
"ސީރިއަސްކޮށޭ މިބުނަނީ، ހަމަ ނުހޭލެވޭތީ ނުދަނީ" ޔަޒާން ހިނިއައިސްފައި ބުނެލިއެވެ.
"ދެން ކީއްވެ ޒާން މިހާރު އަހަރުމެން ގޯއްޗަށް ނާންނަނީ، ގޯތިތެރޭ އުޅޭތަނެއްވެސް ނުފެނޭ، ޒާންގެ ކޮއްކޮ ފެނޭ އަބަދު އެއުނދޯލި ގަނޑެއްގަ އިންނަތަން، ޒާން ކޮބާހޭ އަހާލީމަ ބުނާނެ މަންމަ ބުނެގެން ތަނަކަށްގޮއްސައޭވީ" ނަޒްމީ ބުނެލިއެވެ.
"މިތާއޭ އިށިންނަންވީ....." ޔަޒާން ޖޯލިފައްޗާ އަރާ ހަމަވުމާއިއެކު ބުނެލިއެވެ. ތިންކުދިން އެކީ ޖެހިޖެހިގެން ޖޯލީގައި އިށީނެވެ. ޔަޒާން އެކުދިންނާ އެކިއެކި ވާހަކަދައްކަމުން ދިޔައެވެ. އެވާހަކަތަކުގެ ތެރެއިން ނަޒްމީ އާއި ފައިޒަންގެ ބައްޕަ ރިސޯޓު މަސައްކަތް ނިންމާފަ ރަށަށް އަންނަ ޚަބަރުވެސް ދިނެވެ. މާލެން ހަދިޔާ ގެންނާނެތީ ނަޒްމީ އާއި ފައިޒަން ތިބީ ވަރަށް އުފަލުންނެވެ. އޭގެތެރެއިން އެއްވެސް ކުއްޖަކު އަދި މާލެއެއް ނުދެއެވެ. އެހެންނަމަވެސް މާލެއަކީ ކިހާވަރެއްގެ ކޮންތަނެއްކަން އެކުދިންނަށްވެސް އެނގެއެވެ.
"ޒާން......ހިނގާދޯ ދެން ދަމާ، މަންމަ ރުޅި އަންނާނެ މަޤްރިބު ނަމާދުނުކޮށް އަހަރުމެން ބޭރުގަ އުޅެންޏާ" ފައިޒަން ޔަޒާންއަށް ބަލާލަމުން ތެދުވަން އުޅޭފަދަ އިޝާރާތެއްކޮއްލިއެވެ.
"އޭ އަދި މީޓު ކޮއްލަން ވާނެ ދޯ......." ޔަޒާން އެހެން ބުނެލަމުން ތެދުވިއެވެ.
"އަހަރުމެން ގޯއްޗަށް އަންނާނަން ދޯ" ނަޒްމީވެސް ތެދުވަމުން އަވަހަށް އަހާލިއެވެ.
"ނޭގެ، ބަލާނަން އެނގޭ ޓައިމެއް ހޯދައިލައިގެން ދެވޭތޯ، ޔަގީނުންވެސް މިގަޑީގަ ޓައިމް ވާނެ. މިތަން ސަޅިއެއްނު، މާދަންވެސް ވާނެ އަންނަން........އެނގޭތަ.........މީ......މީ....މަށަށް ވަރަށް ސަޅިކަމެއް ވެއްޖެއޭ....." ބުނަން ނުބުނަން އުޅޭފަދަ ގޮތަކަށް ޔަޒާން ޖުމްލަ ނިންމާލިއެވެ.
"އަނެއްކާ ކިހިނެއްވީ؟" ނަޒްމީ އަހާލިއެވެ. އެއާއެކު ފައިޒަންގެ ސަމާލުކަންވެސް ޔަޒާންއަށް ދެވުނެވެ.
"ނޫން މިއަދުއަކު ނޫން، މާދަމާ......މަ ދާނަން އިރުއޮއްސޭއިރަށް..........." ޔަޒާންގެ ޖުމަލް ނުނިމެނިސް މަތިން ނެއްޓިގެން އައިސް އޭނަގެ ފައިބުޑަށް އެޖެހުނީ ރުކެއްގެ ކާޓެކެވެ. މަގުގެ އެއްފަރާތުން ގަސްތަކާއި ކައިރިން ހިނގަމުން ދިޔަ ތިންކުދިންނަށް ސިހިފައި މަގުމެދަށް ފުއްމައިގަނެވުނެވެ. އަދި އެންމެންނަށް އެއްފަހަރާ ބަލާލެވުނީ މައްޗަށެވެ. އޭރު ދުނިޏެމަތިވަނީ ކަޅުސާލެއް ލެވިފައެވެ. އެކުދިންނަށް ދެންބަލާލެވުނީ އެއީ ކޮންރުކަކުން ވެއްޓުނު ކާޓެއްތޯއެވެ. އެހެންނަމަވެސް ތިންކުދިންވެސް އަޖައިބުވީ އޭރު އެކުދިންނަށް ތިބެވުނީ އެތަނުގައި ފެންނަން ހުރި ދެރުކުގެ މެދުގައި ކަމަށްވީމައެވެ. 

ކޮމެންޓް 0