އެނދުގައި އޮތް ލައިބާ ބާލީހުގައި ބައްދާލައިގެން ނިދިފައި އޮތްކަމުގައިވިޔަސް ޔަޒާންގެ ލޮލަށް ނިންޖެއްނައެވެ. ގޭތެރޭގައި އަޒުރާމެންގެ ސަކަރާތާ މަޖަލުގެ އަޑުގަދަވީމައާއިއެކުއެވެ. އެމީހުން ދައްކާ ވާހަކަތައް ޔަޒާންއަށް ސާފުކޮށް އަޑުއިވެއެވެ. ބައެއްބަސްތަށް އިވިއިވި އެއްގޮތްވިޔަސް އަދިވެސް އޭގެމާނަ ދެނެގަންނާކަށް ނޭގެއެވެ. ކޮޓަރިން ބޭރު ބަލާލުމަށް ޔަޒާންގެ ހިތް އެދެނުއެވެ.

ކޮޓަރީގެ ދޮރާ ހަމައަށް ގޮސްފަވެސް ޔަޒާންއަށް މަޑުޖެހެވުނެވެ. އަޒުރާއަށް އޭނަ ހޭލާ އުޅޭކަން އެނގުނަސް ކަންތައްތައް ވަރަށް ގޯސްވާނެކަން ހުދު ޔަޒާންއަށްވެސް އެނގޭތީއެވެ. އެނބުރި އެނދާ ދިމާލަށް ބަލާލާފަވެސް ޔަޒާން ދޮރުގެ ތަޅުގައި ހިފައި ތަޅުވަޅުން ބަލާލިއެވެ. އޭނައަށް ފެނުނީ މީގެ ކުރިން ދުވަހަކުވެސް ދެކިފައިނުވާފަދަ މަންޒަރެކެވެ. ބޮޑު އަށިމަތީގައި އޭނަގެ މަންމަ އިންއިރު އެމަންމަގެ ތުނބުގައި ރޯކޮއްފައިވާ ބިޑިފާޑުގެ އެއްޗެއް ވެއެވެ. އަދި ކޮންމެ މީހެއްގެ އަތުގައި ބިއްލޫރިތައްޓެއް އޮތެވެ.

ބޮޑުއަށިން އެންމެ ފުރަތަމަ ތެދުވި މީހަކަށްވީ ނަދީމާއެވެ. އޭނަގެ ހިނގުމަށްވަނީ ބަދަލު އައިސްފައެވެ. އޭރުވެސް އަޝްހަރު އޭނަގެ އަތުގައި އޮތް ފުޅިން ނަދީމާގެ ތަށި ހުސްވިޔަ ނުދީ ފުރާދެމުން ދިޔައެވެ. ނަދީމާ އޭނަގެ ގާތުގައި އިން ހިޝްމާގެ އަތުގައި ހިފާ ދަމަމުން އައިސް އަޒުރާގެ ކުދިން ނިދާފައިތިބި ކޮޓަރީގެ ދޮރުފަތުގައި ޖެހިގަތެވެ. އެއާއެކު އަޒުރާ ނަދީމާއާއި ދިމާލަށް އެތިވަރުތަކެއް ގޮވައިގަތެވެ. ކީނުކީ އެއްޗެއް މާރަނގަޅަކަށް ސާފެއްނުވެއެވެ. އެތަނުން އެކަކުގެ އަނގައިގަވެސް ވަރު ހުރިހެންނެއް ހިޔައްނުވެއެވެ. ނަދީމާ ހިޝްމާގެ ގައިގާ އޮޅުލަމުން ކަހަލަގޮތަކަށް ގޮސްވަނީ އަޒުރާގެ ކޮޓަރިތެރެއަށެވެ.

ތަޅުވަޅުން ބަލަން އޮތް ޔަޒާން ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް ގޮސް އެނދަށްއަރާ އޮށޯވެ ދެލޯމަރާލިއެވެ. އޭރުވެސް އޭނަގެ މޭގަނޑު ތެޅޭއަޑު މުޅިކޮޓަރިތެރޭން އިވޭކަހަލައެވެ. އެތަށް އިރެއްވަންދެން ދެލޯ މަރާ ލާފަ ހުޅުވާލާފަ، މިފަދަ ގޮތަކަށް އުޅުނެވެ. ނިދޭގޮތްވީ ބާލީސް ހިފައިގެން ގޮސް ލައިބާގެ ގާތުގައި އެ އެނދުގައި އޮށޯތުމުންނެވެ.

"ޔަޒާން........ޕޭ އެޓެންޝަން......" ކުލާހުގެ ޓީޗަރު ގޮވާލިއެވެ.
ރޭގަނޑުގެ ނިދި ރަނގަޅަށް ނުލިބުމުގެ ސަބަބުން ޔަޒާން ކުލާހުގައި އިންއިރު ނިދިޖެހޭގޮތްވަނީއެވެ. އެހެންނަމަވެސް ރޭގައި އޭނައަށް ފެނުނު އެއްވެސް މަންޒަރެއްގެ ވާހަކަ އެކަކު ކައިރީވެސް ދައްކާކަށް އޭނަ ބޭނުމެއްނޫނެވެ. ކިތަންމެ ބިރެއްގަނެފައި ހުއްޓެއްކަމަކު މިރޭވެސް އޭނަ އަޒުރާމެން ކުރާކަމެއް ބަލާނެކަން ޔަގީނެވެ. އެހެނީ ޔަޒާންއަކީ ބޮޑުވަމުން އަންނަ ކުއްޖަކަށްވެފައި އެއުމުރުގައި ފެންނަ ނުރަނގަޅު ކަންތައްތަކަށް ދެވޭ ޝައުގުވެރިކަން ރަނގަޅުކަންތައްތަކަށްވުރެ ބޮޑަށް އިތުރުވެގެންދާނެތީއެވެ.

"ހައްވަ ދައިތާ.........ހައްވަ ދައިތާ......." އަޒުރާ ގޭގެ ބިއްދޮށް ފަރާތުން ހައްވަދައިތަ މެންގެއާއި އެގެއާއި އިންވަކިކުރާ ފާރުބުރި މަތީ އަތްއަޅުވާލައިގެން ހުރެ ގޮވަމުން ދިޔައެވެ.
"މާ ބާރަށް ތިގޮވަނީ، އަނެއްކާ މިއަދުވެސް ރިހާކުރު ބޭނުމީތަ" ބަދިގެ ތެރެއިން ނުކުތް ހައްވަދައިތަ އަހާލިއެވެ.
"ހުސޭނުބެ މަހެއް ނުގެނޭތަ، ގަރުދިޔަ ފޮދެއް ހޯދަންކަމަށް" އަޒުރާ ބުނެލިއެވެ.
"ދަރިޔާ މަހެއްނުލިބެޔޭ މިހާރު، ހުންނާނެ އިއްޔެ ކެއްކި ގަރުދިޔަ ، މިއަދު މިއުޅެނީ ދަޑުން ގެނައި ބަރަބޮލުގަ ރިހަކައްކަން، މިހާރު އެހެރީ އުދާފަ، ދެން މަޑުކުރޭ ރިހަފޮދެއް ގެންދަން........ގަރުދިޔަކޮޅަކަށްވުރެ މާރަނގަޅުވާނެ އެއްނު" ހައްވަދައިތަ ބަދިގެ ފަރާތުގައި ހުރި ފެންތާންގިން ފެންޖަގެއް ނަގަމުން ވާހަކަދެއްކިއެވެ.
"އޭރުން ހައްވަދައިތައާއި ހުސޭނުބެ ކާނީ ކޯއްޗެއް، ގަރުދިޔަފޮދެއް ރަނގަޅުވާނެޔޭ.......ބޯތަށި ގެންނަންތަ" އަޒުރާ ފަރުވާ ކުޑަގޮތަކަށް ބުނެލިއެވެ. އޭނަ މެންދުރުގެ ކެއުން ތައްޔާރު ކުރަނީ މުޅިންވެސް އެކަހަލަ ގޮތަކަށެވެ. މަދު ފަހަރަކު ނޫނީ ގޭގައި ލައިންކާނެ އެއްޗެއް ނުހަދާނެއެވެ.
"މިގޭގަ ކާން ތިބީ ދައިތަމެން ދެމަފިރިން އެކަނި، ދެން އަޒުރާ ބޭނުމިއްޔާ ގަރުދިޔަވެސް ދީފާނަން، އެކަމަކު އެކުދިންނަށް ރިހަފޮދެއްވެސް ގެންދަންވާނެ" ހައްވަދައިތަ ބުނެލިއެވެ.

ލައިބާ ގޭތެރޭގައި ފޮތެއް ހިފައިގެން ކުރަހަންއިނެވެ. އޭނައަކީ ގެއިން ބޭރަށް ނުކުންނަށް ކުއްޖަކަށްނުވާތީ އަވަށްޓެރިންގެ ތެރޭގައިވެސް ލައިބާގެ ރަޙުމަތްތެރި ކުއްޖެއް ނުހުރެއެވެ. އޭނަ ވާހަކަދައްކާނީ އަޒުރާއާއި ޔަޒާން އާއި އެކަނިއެވެ. އެހެންނަމަވެސް އަޒުރާއަކީ އެއްވެސް އިރެއްގައި ލައިބާގެ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއްދޭ މަންމައެއްނޫނެވެ. ގިނަފަހަރަށް ލައިބާ ފެންވަރުވާލާ ގައިންތާހިރު ކޮއްލުންވެސް އެއީ އަޒުރާއަށް ބޮޑުކަމެކެވެ. ލައިބާވެސް ފިރިހެން ކުއްޖަކަށްވީނަމައޭ އަޒުރާ އަބަދުހެން ބުނެއުޅެއެވެ. މިއިން އެއްވެސް ކަމަކަށް ފިކުރު ހިންގޭވަރަށް ވުރެ ލައިބާ އަދި މާކުޑައެވެ. ނަމަވެސް އެކުއްޖާ ބޮޑުވީ އަޒުރާއަށް އެކަންޏެވެ.
މަގުތަކުގައި އަވިން ސަލާމަތްވުމަށް ވަދެލާނެ ހިޔާކޮޅެއް ވަރަށްމަދެވެ. ހޫނުގަދަކަމުން ސުކޫލުން ނިމިގެން ގެއަށްދިއުމަށް ޔަޒާން ހިނގަމުން ދިޔައިރު އޭނަގެ ފޮތްތައް އަޅާފައިވާ ދަބަސްއޮތީ ބޯމަތީގައެވެ. ގަދަހޫނުން ބޯނިވާކުރުމުގެ މަގްޞަދުގައެވެ. އޭރު ނިތްކުރިންނާއި ބުރަކަށިން ދާތިކި ފައިބަމުންދިޔައެވެ. އެހެންނަމަވެސް ހުއްޓުމެއްނެތި އަވަސް ފިޔަވަޅުތަކުގައި ޔަޒާން ހިނގަމުން ދިޔައީ އަވަހަށް ގެއަށްވަންނާށެވެ.

"ރޭގަ ކަމަކުނުދޭ، އެސޮރު އާކަމުންވެސް.........." އަޒުރާ ބޮޑުއަށިމަތީ ފޯނެއްގައި އިނެއެވެ. ޔަޒާން އައިސް ގެއަށްވަނީ އެވަގުތުއެވެ. އޭނަ އަޒުރާއަށް ބަލާވެސް ނުލާ އަވަހަށް ބެލީ ކޮޓަރިއަށް ވަދެވޭތޯއެވެ. އަޒުރާ އޭނަގެ ފޯނު ކޯލު ނިންމާލާފައި ކޮޓަރިއަށްވަނީ ޔަޒާން ނުނިކުތުމުންނެވެ. އޭރު ފެންވަރާލައިގެން ނުކުމެ ޔަޒާން އެނދުގައި ޖައްސާލިގޮތަށް ކޮންމެވެސް ފިކުރެއްގެތެރޭގައި އޮތެވެ. އަޒުރާއަކަށް އެކަމެއް ފާހަގައެއް ނުކުރެވުނެވެ. އޭނަ ޔަޒާން ގާތު ކާން ހަދާފަ ހުންނާނެ ވާހަކަ ބުންޏެވެ. އަދި އާދައިގެ މަތިން ލައިބާ ސުކޫލަށް ގެންދިއުމަށް ހަނދާންކޮއްދިނެވެ.
ކޮންމެ ދުވަހެއްމެ ނިމިދަނީ މިފަދަ ގޮތަކަށެވެ. އަޒުރާއަށްވުރެ ބޮޑަށް ލައިބާގެ ކަންތައްތައް ބަލަހައްޓަނީ ޔަޒާންއެވެ. އަނެއްކޮޅުން ކޮންމެ ރެއަކީ އެގެއަށް އީދެއް އައިސްގެން އުޅޭފަދަ ރޭތަކެކެވެ. އަޒުރާ އޭނަގެ ބޮޑުވަމުން އަންނަ ދެދަރިން ތިބިކަންވެސް ހަނދާން ނުހުންނަފަދައެވެ. ހިލޭ ފިރިހެނުންނާއި އަންހެނުން އެގޭތެރޭގައި މަސްހުނިވެ މަޖަލާ ސަކަރާތުގައި ހޭދަކުރަމުން ދާއިރު ހިތަށް ހަމައެކައްޗެއްވެސް ނާރައެވެ.

"ދެން ރީތިކޮށް ތިބެގެން ނިދާ.........ނުނިކުންނާތި ބޭރަށް" އަޒުރާގެ ފަހުބަސް ބުނެލިއެވެ.
"މަންމާ........" އަޒުރާއަށް ކޮޓަރިން ނުނިކުމެވެނިސް ޔަޒާން ގޮވާލިއެވެ.
"މިހާރު ކިހިނެތްވީ" އަޒުރާ އެނބުރިލަމުން އުނަގަނޑުގައި އަތްވިއްދާލާފައި އަހާލިއެވެ.
"މަންމާ........ބިރު.......ބިރު ގަންނަނީ......." ޔަޒާން މަޑުމަޑުން އިސްޖަހާލަމުން ބުނެލިއެވެ.
"ބިރޭ.........ކޮންކަމާ" އަޒުރާގެ އަޑުގައިވަނީ ހަރުކަށިކަމެވެ.
"ހަމަ ބިރު ގަންނަނީ....." ޔަޒާން އަނެއްކާވެސް ބުންޏެވެ.
"ޔަޒާން އެކަނިތަ މިކޮޓަރީގަ އޮންނަނީ، ލައިވެސް އެއޮތީނު......." އަޒުރާ ފާޑަކަށް ޔަޒާންއަށް ބަލާލިއެވެ. އޭރުވެސް ޔަޒާންއިނީ އިސްޖަހާލައިގެންނެވެ.
"ޕްލީސް މަންމާ........" ޔަޒާން އާދޭހުގެ ރާގެއްގައި ބުނެލިއެވެ.
"ނިދޭ ތޯ އުޅެބަލަ، އޮށޯތީމަ ނިދޭނެއެއްނު، ދެން އޮށޯވޭ، އޮށޯވެ ލޯމަރާ.........އޭރުން ނިދޭނެ" އަޒުރާ ޔަޒާންގެ އެނދާ ކައިރިވެލަމުން ބުނެލިއެވެ.

ޔަޒާން އެނދުގައި އޮށޯވެ ދެލޯމެރިއެވެ. އަޒުރާ މިމަންޒަރު ބަލަން ހުރެފައި އެކޮޓަރިން ނުކުމެގެން ދިޔައެވެ. އެތަން ބަލަން އޮތް ލައިބާ ޔަޒާން އާއި ވާހަކަދައްކަން ފެށިއެވެ. ޔަޒާން ބިރުގަންނަނަމަ ލައިބާގެ ގާތުގައި އެ އެނދުގައި ނިދަން އައުމަށް ލައިބާ އެދުނެވެ. އެހެންނަމަވެސް ޔަޒާން ލައިބާގެ ގާތުން އެދުނީ އަވަހަށް ނިދުމަށެވެ.
ފެންވަރާ ރީތިވެލައިގެން ފެންޑާއަށް ނުކުތް އަޒުރާ ކުދިން ނިދާފައިތޯތިބީ އެކޮޓަރި ހުޅުވާބަލާލިއެވެ. އެއާއެކު ހައިރާންވީ ޔަޒާން ހޭލާ އޮތުމުންނެވެ. އަޒުރާ ސުވާލުކުރުމުން މިފަހަރުވެސް ބުނީ ބިރުގަންނީކަމަށެވެ. ލައިބާ މާއަވަހަށް ނިދާވާހަކައެވެ. ދެން ޔަޒާން އެދުނީ ވަރަށް ތަފާތު ކަމަކަށެވެ. އަޒުރާ އެކަމާއި ވިސްނާލިއެވެ. އަނެއްކޮޅުން ޝިޔާޒްމެން އަންނަ ގަޑިވެސް ކައިރިވަނީއެވެ.

"ހޫމް.......ދެން ދޭ........ބާލީސް ހިފައިގެން ދާތި، އެކަމަކު ދެން އަހަރެން ބަލަން ދާންވާއިރަށް އޮންނަން ޖެހޭނީ ނިދާފަ" އަޒުރާ ނުރުހުމުގެ ރާގެއްގައި ބުނެލިއެވެ.

ޔަޒާންގެ މޫނުމައްޗަށް ވެރިވި ހިނިތުންވުމާއިއެކު އޭނަ ނިދަން ގެންގުޅޭ ބާލީސް ހިފައިގެން ގޮސްވަނީ އަޒުރާގެ ކޮޓަރިއަށެވެ. އޭނަ ހަނދާން ހުންނަން ފެށީއްސުރެ އެކޮޓަރިއަކީ އަޒުރާ އެކަނި ނިދުމަށް ހާއްސަކޮއްފައިވާ ކޮޓަރިއެކެވެ. ޔަޒާން އާއި ލައިބާ ނިދަނީ މިހާރުވެސް އެމީހުންނިދާ ކޮޓަރީގައެވެ. އެހެނީ އަޒުރާގެ ކޮޓަރިއަށް ވަދެ އުޅުން އޭނަވަނީ މަނާކޮއްފައެވެ. އަޒުރާގެ އެނދުގައި ޔަޒާން އޮށޯތީ ނިދާކަށް ނޫނެވެ. އެހެންނަމަވެސް ތަންމަތީގެ މަޑުކަމާއި ކޮޓަރީގައި ހަރުލާފައިވާ ފިނިކަމުގެ ސަބަބުން ޔަޒާންއަށް ނިދޭކަށް މާގިނައިރެއް ނުނެގިއެވެ. އަޒުރާ އެކޮޓަރިއަށް ވަތްކަމެއްވެސް ޔަޒާންއަކަށް ނޭގެއެވެ. އޭނަވެސް ހުރީ ޝިޔާޒްމެން ގެއަށް އައުމުން ޔަޒާންގެ އެނދަށް އޭނަ ގެންދިއުމަށެވެ. އެހެންނަމަވެސް ޝިޔާޒް ފެނުމުން އެހެން ހުރިހާ ކަމެއްގެ މަތިން އަޒުރާ ހަނދާންނެތުނީއެވެ.
"މިރޭ އެހެން ރޭރެއަށްވުރެ މާރީތިހެން ހީވޭ" އަޝްހަރު އަޒުރާގެ ގައިގާ އަތްހާކާލަމުން ބުނެލިއެވެ. އެއާއެކު ޝިޔާޒް އަޒުރާ އޭނަ އާއި ދިމާލަށް ގެނެއެވެ. ނަދީމާ އާއި ހިޝްމާ އާއި މިޒްނާވެސް އެމީހުންނާއިއެކު އައެވެ. އެންމެން ބޮޑުއަށިމައްޗަށް އަރާ ހަމަޖެހިލިއެވެ. އެވަގުތު ޝިޔާޒް އޭނަގެ ޖީބުން ސިޓީއުރައެއްނަގާ އަޒުރާގެ އަތަށް ލާދިނެވެ. އަދި ކައިރީގައި އަޒުރާއަށް އެސްފިޔަ ޖަހާލުމެއްނެތި ބަލަމުން ދިޔަ ފިރިހެން ކުއްޖެއް ތައާރަފްކޮއްދިނެވެ.

"މީ މޯޑް.............މޯޑް މީ އަޒުރާއަކީ" ޝިޔާޒް އަޒުރާ އާއި މޯޑު އާއި ދެމީހުން އެކަކު އަނެކަކަށް ބުނެދިނެވެ.
"ހެލޯ...." މޯޑު ބުނެލިއެވެ.
"ހާދަ ލަދުން ތިއުޅެނީ.......އާދޭ މިތާ މަގޭ ކައިރީ އިށީނދެލަން" އަޒުރާ ބޮޑުއަށީގައި ހަމަޖެހިލަމުން ބުނެލިއެވެ.
"މި ޝިޔާޒް ދެކެ ވަރަށް ފޫހިވޭ" ނަދިމާ ބޮޑުއަށީގައި ކުރުއަތްމައްޗަށް އޮވެފައި ބުނެލިއެވެ.
"އޭ އަހަރެން ނަދީމާއަށް ލަނޑެއް ނުދެން........ދެން ކީއްވެ ފޫހިވާންވީ" ޝިޔާޒް ތާސްބައިގެ ކަނޑުތައް ދެއަތަށް ބަހާލަމުން ބުނެލިއެވެ.
"ޝިޔާޒް ހަމައެކަނި އަޒޫ އާއި ރީތި ބިޓުންނާއި އިންޓްރޮޑިއުސްކޮއްދޭނީ، ކީއްތަވާނީ މަށަށްވެސް ކަމުދާކަހަލަ ކުއްޖެއް ހޯދަ ދިނިއްޔާ" ނަދިމާ ބުނެލިއެވެ.

ތާސްބައިގެ ގަނޑުތައް ޝިޔާޒް ބަހާލީ ޑިގަށެވެ. ތާސްކުޅުމުގައި ބައިވެރި ނުވެ ހަމައެކަނި ތިބީ ހިޝްމާ އާއި މިޒްނާއެވެ. ފުރަތަމަ ގަނޑު ޝިޔާޒް ދޫކުރިއިރަށް އަޝްހަރު މިރޭވެސް އޭނަގެންގުޅޭ ތަނުން ފުޅިއެއް ހިފައިގެން އައިސް އެންމެންގެ ތަށިތަށް ފުރާދޭން ފެށިއެވެ. އެއާއެކު ގޭތެރޭގައި ހުނުމުގެ އަޑު މަޑުމަޑުން ގަދަވަމުން ދިޔައެވެ. އަޝްހަރު މިޒްނާގެ އަތަށް ދަމާލާފައި އޭނަގެ އުނގުގެ ތެރެއަށް އައުމަށް ބުނެލިއެވެ. އެއާއެކު މިޒްނާވެސް ދެކޮޅު ހެދުމެއްނެތި އަޝްހަރުގެ ދައުވަތު ގަބޫލުކުރިއެވެ. ދަންވާވަރަކަށް ގައިގޯޅިވުންތައް އިތުރުވާންފެށިއެވެ. ތާސްކުޅުން މެދުކެނޑުނީ ވީސިއަރު ގައި ޝިޔާޒް އަޅުވާލި އިނގިރޭސި ފިލްމުންނެވެ. ފިލްމުންފެންނަމުން ދިޔަ މަންޒަރުތަކުން އެންމެންގެ ހަށިގަނޑުތަކުގެ ލޭ ކައްކުވާލާ ނޭވާ އަވަސްކުރުވިއެވެ. އޭރު ކޮންމެ މީހެއްމެވަނީ މަސްތުވެފައެވެ. އެހެނީ ތަށިތަކުގައި ކޮންމެރެއަކު ބޮމުންދަނީ ބަނގުރާކަމުގައި ވުމެވެ. ތުނބުން ބޭރުކޮއްލާ ދުމަކީ ތެޔޮ ބިޑިން ދޫކުރާ ދުންކަމުގައިވުމެވެ.

މިރޭވެސް ކެތްތެރިކަން ކުޑަވީ ނަދީމާގެއެވެ. އެހެންވެ ހިޝްމާގެ އަތުގައި ހިފައިގެން ދެފަރާތަށް ދެމީހުން ކިރެމުން ކިރެމުން ގޮސް އަޒުރާގެ ކޮޓަރިއަށްވަނެވެ. ނަދީމާ އަކީ އެއްޖިއްސުން ގުޅުން ހިންގާ މީހެކެވެ. އޭނަގެ ގާތުގައި އަބަދުވެސް ކޮންމެވެސް ޅައަންހެން ކުއްޖެއްވާނެއެވެ. ނަމަވެސް ނަދީމާ އާއި ހިޝްމާ ދިމާވިފަހުން އޭނަ އެހެން އަންހެން ކުދިން ގެންނަތަނެއް ނުފެނެއެވެ. އަޒުރާ މެންގެޔަކީ ނަދީމާ ބޭނުންގޮތަކަށް އުޅުމުގެ މިނިވަންކަން ލިބިފައިވާ ގެއެކެވެ. އެފުރުޞަތުގެ ބޭނުން އޭނަ ކިތަންމެހާވެސް ހިފައެވެ.
ހިޝްމާއަށް ހައިރާންކަން ލިބުނީ އަޒުރާގެ އެނދުމަތީގައި ނިދާފައި އޮތް ކުޑަފިރިހެން ކުއްޖާފެނުމުންނެވެ.
"އަޒްރާގެ ދަރިވެސް ހާދަ ރީއްޗޭ ދޯ" ހިޝްމާ ނިދިފައިއޮތް ޔަޒާންގެ މޫނާ މޫނު ގާތްކޮއްލަމުން ބުނެލިއެވެ. ނަދިމާވެސް ޔަޒާންއަށް ރަނގަޅަށް ބަލާލީ އެވަގުތުއެވެ.

ކޮމެންޓް 0