ނަޒްމީ އާއި ފައިޒަން ދުރުވުމަކުން ވަކި ޔަޒާން އާދެވެފައި ހުރި ކަންތައްތަކެއް ކުރުން ނުހުއްޓުނެވެ. އޭނަ އުޅެމުން ގެންދިޔައީ އިހުވެސް އޭނަ އުޅުނު ވިޔާނުދާ ގޮތަށެވެ. ރަނގަޅުވާން ހިތަށްވެސް ނާރާއެވެ. ތަވީދެއް އެޅުނީމާ ނިމުނީއެވެ. ހިތުގައި ދެންއޮތް ބިރުވެރިކަންވެސް ފިލާހިނގައްޖެއެވެ.
"ފަސްރުފިޔާގެ ހަކުރު....." ލައިބާ ފިހާރައިގެ ސޭޓުއަތަށް ރުފިޔާ ދިއްކޮއްލަމުން ބުނެލިއެވެ.
މަނިކު ލައިބާ ދިއްކޮއްލި ފަސްރުފިޔާގައި ހިފީ އޭނަގެ އަތާއިއެކުގައެވެ. ލައިބާ ރުޅިވެރިކަން ދައްކާލަމުން ތުންއަނބުރާލާފައި އަތްދަމައިގަތެވެ. އަދި ފިހާރައިގެ ދޮރުކައިރީ މަޑުކޮއްލީ މަނިކު ހަކުރު ކިލޯ ކިރައިދީ ނިމެންދެންނެވެ.
"މިއަދު އިތުރު އެއްޗެއް ނުގަންނަންތަ" މަނިކު ހަކުރު ކޮތަޅު ލައިބާއަށް ދިއްކޮއްލަމުން އަހާލިއެވެ.
"އާން...ނެތް..." ލައިބާ ބެލީ އަވަސް އަވަހަށް އެތަނުން ނުކުމެވޭތޯއެވެ. ފިރިހެނުންނަށް މިތިބެނީ ކިހިނެތްވެފަ ބާއޭ ލައިބާގެ ހިތަށް އަރަމުންދިޔައެވެ. އުމުރުން ދުވަސްވެފައި ހުއްޓެއްކަމަކު އޭނައަށް އިޙްތިރާމް އަދާކުރާނީ ކިހިނެތްހެއްޔެވެ. އެންމެ ފުރަތަމަ އޭނަގެ ހިތުނިޔަތްވެސް ގޯހެވެ. ލައިބާ ފެންނަ ކޮންމެ ފަހަރަކު ދުފާރަތްކޮއްފައި ހުންނަ ދަތްފިލަ ދައްކައިގެން މަނިކު ހުންނާނެއެވެ. ގަންނަންދާ އެއްޗެއްގެ އިތުރުން ކޮންމެވެސް އެއްޗެއް ދޭން މަސައްކަތްކުރާނެއެވެ. ލައިބާ ނުހިފައިފިއްޔާ ގެއަށް އައިސް އަޒުރާއަށްވެސް ދެނީއެވެ. މަނިކު އެއުޅެނީ ލައިބާގެ ފަހަތުން އަޅައިގަނެގެންކަން ހުދު ލައިބާއަށްވެސް އެނގެއެވެ. އެކަމަކު ދިފާއުވުމަށް ކުރެވޭނެކަމެއްނެތެވެ. ގޭގައި ކައްކަންވެސް ޖެހެއެވެ. އަޒުރާ ލާރި ދީފަ އެއްޗެހި ގަންނަން ދާށޭ ބުނީމަ ފިހާރައަށް ގަންނަންވެސް ދާންޖެހެވެ. ގެކައިރީގައި މާގިނަ ފިހާރަތަކެއްވެސް ހުންނަނީކީ ނޫނެވެ. 
މަނިކުގެ އުނދަގޫ ފޯރާތާ ދުވަސްކޮޅަކަށްފަހު އެއްދުވަހުގެ ހަވީރު އަސުރު ނަމާދަށް ފިހާރަ ބަންދުކޮއްލުމަށްފަހު މަނިކު އަޒުރާމެންގެއަށް ވަދެ ސަލާމް ގޮވާލިއެވެ. އޭރު އަޒުރާ ފެންޑާގައި ފޯނުން ވާހަކަދައްކަން އިނެވެ. މަނިކުގެ ސަލާމުގެ އަޑު އިވި އަޒުރާ ދޮރުން ބޭރު ބަލާލިއެވެ.
"އަހާ މަނިކު، މިފަހަރު ތިޔައީ ކޮންކަހަލަ އެއްޗެއް ހިފައިގެން؟ މަނިކު ފިހާރަ ހުޅުވިފަހުން އަހަރުމެންނަށް ހާދަ ދީލައްޗޭ" އަޒުރާއަށްވެސް މަނިކު ފެނުމާއިއެކު ބުނެލެވުނެވެ.
"މިދެން އެވަރު އެއްޗެއްތަ، އަހަރެން ކައިރީ ވަންނާކަށް ނުބުނާނަންތަ، މިއަދު މިއައީ ވަރަށް ބޮޑު ވާހަކައެއްވެސް ދައްކާލާނަމޭ ހިތާ" މަނިކު ކުރިއަށް ޖެހިލަމުން ބުނެލިއެވެ. އެއާއިއެކު އަޒުރާގެ އަތުގައި އޮތް ފޯނުން ވާހަކަ ދައްކަމުން ދިޔަ މީހާ ގާތު ފަހުން ގުޅާނަން ކަމުގައި ބުނެ ފޯނު ބޭއްވިއެވެ. އަދި މަނިކުއަށް ހިނިތުންވެލަމުން އަވަހަށް އަންނާށޭ ބުނެ ގޭތެރެއަށް ވެއްދިއެވެ.
"ކޮބާތަ އެމަންޖެ؟" މަނިކު އަހާލިއެވެ.
އަޒުރާއަށް މަނިކު އެބުނީ ކާކުގެ ވާހަކަކަން އެނގެއެވެ. އަދި މަނިކު ލައިބާއަށް ހާއްޞަކަމެއް ބަހައްޓާކަންވެސް އޭނައަށްވަނީ ފާހަގަ ކުރެވިފައެވެ. މަނިކުގެ ފަރާތުން ލިބޭ ދީލަތި އެހީތަކާއި ހަދިޔާތަކަކީވެސް ލައިބާގެ ސަބަބުން އެގެއަށް ވަންނަ އެއްޗެހިކަން އަޒުރާއަށް އެނގެއެވެ.
"އެމަންޖެ ކޮޓަރީގަ އެބައުޅޭ........." އަޒުރާވެސް މަނިކު އަހާލިގޮތަށް ރާގުލާފައި ބުނެލިއެވެ.
"އަޒުރާ.....އަހަރެން މިއައީ ކަމަކު ކިޔަންވެގެން، އަހަންނަށް....އަހަންނަށް ދޭންވީނު އެމަންޖެ....." މަނިކުގެ އަނގައިން އެބަސްތައް ނުކުތީ އުނދަގުލަކާއިއެކުއެވެ. އަޒުރާގެ ހިޔާލެއް ނޭގޭތީއެވެ.
"ދޭށޭ...." އަޒުރާއަށް އެވަރަށް ބުނެވުނުތަނާހެން މަނިކު ނޫސްގަނޑަކަށްލާ ފަތްޖަހާލާފައި އޮތް ބޮޑިވަރެއް އަޒުރާއަށް ދިއްކޮއްލިއެވެ.
"މިވެސް ކުޑަކުޑަ ހަދިޔާއެއް، އަދި ފަހުން މީގެ ޑަބަލް.....އަޒުރާ، އަހަރެން އެމަންޖެ ވަރަށް ރަނގަޅަށް ބަލާނަމޭ، އުނިވާނެ އެއްކަމެއްވެސް ނޯންނާނެ....މިވަރުން ވާނެތަ" މަނިކު ޔަގީންނުވާހާލުގައި އަޒުރާއަށް ބަލަން އިނދެ ބުނެލިއެވެ.
"އޯ....އޯ...މި ހަދިޔާ.....މަނިކު ކަލެއަކީ ވިސްނޫންތޫނު މީހެއް.....މީ...މީ....ކިހާ ވަރެއްތަ؟" އަޒުރާއަށް މަނިކު ދިއްކޮއްލި ނޫސްގަނޑު ނިއުޅާލަމުން އޭގައިވާ އެއްޗެއް ބަލާލިއެވެ. އަދި އޭނަގެ ދެލޯ ބޮޑުވެ މޫނުމައްޗަށް ހިނިތުންވުމެއްވެރިވެގެން ދިޔައީ ގަބޫލުކުރަން ދަތިވެގެންނެވެ. އެނޫސްގަނޑުގެ ތެރޭގައި ހުރީ ފައްސަތޭކައިގެ ނޫޓުތަކެކެވެ. ދުވަހަކުވެސް އަޒުރާގެ އުމުރުން އެހާތަނަށް އައިއިރު އެއްފަހަރާ އެހާގިނަ ފައިސާއެއް ނުދެކެއެވެ. އޭނަގެ ބުއްދިފިލާދާހާވިއެވެ.
"ވިހި ހާސް ރުފިޔާ...." މަނިކު އަޒުރާއަށް ވަމުންދާގޮތް ބަލަން އިނދެ ބުނެލިއެވެ.
"ވިހި...ވިހި....ވިހި ހާސްއޭ...." އަޒުރާ ހޭންފެށިއެވެ. އަޖައިބުވެގެންގޮސް އޭނައަށް އެވަގުތު ހަދާނެގޮތެއް ނޭގުނީއެވެ. އެއްފަހަރާ އަތަށް އެހާ ބައިވަރު ރުފިޔާ އެރުމުން ދެން ހަދަންވީ ކިހިނެތްކަން ހަނދާންވެސް ނެތެވެ.
"އެމަންޖެ މަށަށް....." މަނިކުގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.
"ގެންދޭ، ދީފިން، ކަލެއަށް ދީފިން އޭނަ، އަވަހަށް ގެންދޭ......ދެން ކޮންއިރަކުން ބާކީބައި ލިބޭނީ؟" އަޒުރާ ހީވަނީ މޮޔައެއް ހެންނެވެ. އަވަސް އަވަހަށް މަނިކުއަށް ޖަވާބު ދިނެވެ. އޭނަ ރުފިޔާތައް ފެނި އެއަށް އޭނަ ލައިބާ ވިއްކާލިއްޔެވެ.
އަޒުރާގެ ރުހުން ހޯދަން ބޭނުންވަނީ ކޮންއެއްޗެއްކަން މަނިކުއަށް އެނގުމުން އޭނަ ކުރަން އައިކަންތައް ކާމިޔާބު ވާނެކަމުގެ ފުރިހަމަ ޔަގީންކަން އޭނައަށް ލިބުނެވެ. އަދި އަޒުރާ ގާތު ކުރިއަށް އޮތް ހަފްތާ ނިމުމުގެ ކުރިން އޭނަ ލައިބާ ގެންދާނަން ކަމުގައި ބުންޏެވެ.
"ދެން....ދެން...އޭނަ ކައިވެންޏަށް ތައްޔާރުކޮއްފަ އަހަންނަށް މީގެން ބާކީ އޮންނާނީ ކޮންއެއްޗެއް...." އަޒުރާ ފާޑަކަށް ތުންއަނބުރާލަމުން މަނިކުއަށް ބުނެލިއެވެ.
"ހެ ހެ ހެ ހެ، އެކަމާ ހާސްނުވޭ، ތީ ހަމައެކަނި އަޒުރާއަށް ދިންއެއްޗެކޭ، އެމަންޖެ ކަންތައްތަކަށް ހަރަދުކުރަން މާދަން ގެނެސްދޭނަން، އެކަމަކު އަހަންނަށް ޔަގީންކަން ލިބެންޖެހޭނެ އެމަންޖެ އަހަންނަށް ދޭނެކަމުގެ" މަނިކު ތެދުވެދާން އުޅެފަވެސް އަޒުރާ ބުނިއެއްޗަކުން ހިނިއައިސްފައި މަޑުކޮއްލަމުން ބުނެލިއެވެ.
"އެހެންތަ، މައްސަލައެއް ނޯންނާނެ، އަހަރެން މިބުނީނު އޭނަ ދީފީމޭ، އެއްވެސް މައްސަލައެއް ނުޖެހޭނެ، އަހަރެން އެކަމުގެ ގެރެންޓީދެން، މަނިކު ހާސްނުވޭ، ބުނީމެއްނު މީގެ ދެގުނަ ދޭނަމޭ މިކަންވެއްޖެއްޔާ...އަހަރެންވެސް ބޭނުން މަނިކު ކަހަލަ މީހަކު އެމަންޖެއަށް ލިބެން" އަޒުރާ މަނިކުގެ ހިތްހަމަ ޖައްސަން ބުނެލިއެވެ.
"ހޫމް، ކައިވެނި ކުރެވިއްޖެއްޔާ ތީގެ ދެގުނަ ދޭނަން..." މަނިކު އަނެއްކާވެސް އޭނަ ބުނި ބަހުގެ ޔަގީންކަން އަޒުރާއަށް ދިނެވެ. އަދި އެގެއިން އޭނަ ނުކުމެގެން ދިޔައީ ވަރަށްވެސް ހިނިއައިސްފައި ހުރެގެންނެވެ.
އަޒުރާ އަވަސް އަވަހަށް ރުފިޔާތައް ހިފައިގެން ވަނީ އޭނަގެ ކޮޓަރިއަށެވެ. އަންހެން ދަރިއެއް ހުރިކަން ނަސީބޭ މިހާރު އޭނަގެ ހިތަށް އަރައެވެ. އެހެންނޫންނަމަ މިއަދު މިފަދަ ބޮޑު ނިއުމަތެއް ނުލެއްވީސްކަން ކަށަވަރެވެ. އަޒުރާ ކޮޓަރީގެ ދޮރު ތަޅުލުމަށްފަހު އަތުގައި ހުރި ރުފިޔާތައް އެނދުމައްޗަށް އަޅާލައިގެން ފަހަރަކު ގަނޑަކުން ގުނަންފެށިއެވެ. އަދި ދޭތެރެއަކުން ރުފިޔާތަކުން ވަސްބަލާލަނީ އެހިތަށް އިތުރު ހިތްހަމަޖެހުމެއް ލިބޭތީއެވެ.
ލައިބާގެ ފަރާތުން ސަލާމަތްވާން މިއަށްވުރެ ރަނގަޅު ފުރުޞަތެއް ނުލިބޭނެކަމުގައި އަޒުރާ ދެކުނެވެ. މަނިކު އާއި ކައިވެނިކޮއްފައި ފޮނުވާލީމާ އެކަމުން އަޒުރާއަށްވެސް ގެއްލުމެއްނެތެވެ. އޭރުން އޭނަ މިނިވަންވީފަދައެވެ. އެކައިވެންޏާއި ލައިބާ ގަބޫލުތޯވެސް އަދި ނޫންތޯވެސް އެއީ އޭނަ ބަލަން ބޭނުންވާ ކަމެއްނޫނެވެ.
ހަވީރު ފިންޏަށް ބޭރަށްދާ އުސޫލުން އަޒުރާ ނަލަވެލައިގެން ނުކުމެ ލައިބާއަށް ގޮވާލީ ތަފާތު ގޮތަކަށެވެ. އެއަޑުގައި އެއްވެސް ރުޅިވެރިކަމެއް ނުވެއެވެ. އެހެންނަމަވެސް އެހިތުގައި އޯގާތެރިކަމެއްވެސް ނުވެއެވެ.
"ކިހިނެތްވީ؟" ބޭރުން ލައިބާ ބުނެލިއަޑުއިވުނެވެ.
އަޒުރާއަށް ލައިބާ އިނީ ބޭރު އުނދޯލީގަކަން އެނގުމުން އަވަސް އަވަހަށް ބޭރަށް ނުކުތެވެ. އޭރު ޔަޒާން އޭނަ އާއި އެއްވަރުގެ ކުދިންތަކަކާއިއެކު ބޭރު ފާރުބުރި މަތީ އަރާތިއްބެވެ. ދައްކަނީ ކޮންވާހަކައެއްކަން ނޭގުނަސް އެކުދިންގެ އަޑުވަރަށްވެސް ގަދައެވެ. އަޒުރާ ލައިބާއަށް ބަލާލިއެވެ. އޭނަ އެއްވަރަކަށް އުނދޯލި ހެއްލާލަ ހެއްލާލާ އޮތެވެ.
"އަހަރެން ގޮވީމަ ކީއްވެތަ ނައީ؟" އަޒުރާ ކުރިންވެސް ވާހަކަދެއްކި ރާގުގައި އަހާލިއެވެ.
"ކަލޭ އެއްފަހަރު މަގޭ ކައިރިއަށް އައީ ވިއްޔާ ވާނީކީއްތަ" ލައިބާ ފަރުވާލެއް ނެތްގޮތަކަށް ބުނެލިއެވެ. އެއީ އޭނަ އަޒުރާ އާއި ވާހަކަދެއްކުމުގައި ގެންގުޅޭ އުސޫލެވެ. އެހެނީ އަޒުރާއަކީ އޭނަގެ މަންމަގެ މަގާމުފުރޭވަރުގެ އަންހެނެއް ނޫންކަން އޭނަ ގަބޫލު ކުރިތާ އެތަށް އަހަރެއް ފާއިތުވެ ގޮސްފިއެވެ. ދެން އަލުން އެއިއްޒަތާއި ގަދަރެއް އެއަންހެން މީހާއަށް ދޭކަށް ލައިބާ ގަސްދެއްނުކުރެއެވެ.
"ހޫމް، ދެންވަރިހަމައޭ، ކަލޭގެ ކައިވެންޏަށް ތައްޔާރުވާންވީ، ކުރިއަށް މިއޮތް ހަފްތާތެރޭ ކަލޭގެ ކައިވެނި ކުރަން މިއުޅެނީ...ކަލޭ ކައިރީ ބުނުން އެހާ މުހިއްމެވެސް ނޫން، އެކަމަކުވެސް ދެން ބުނެލީ" އަޒުރާ ހިނިއައިސްފައި ހުރެ ބުނެލިއެވެ.
"ކައިވެންޏޭ، ކާކާ..." ހެއްލަ ހެއްލާ އިން އުނދޯލި ކުއްލިއަކަށް ފައިން މަޑުޖައްސާލަމުން ލައިބާއަށް އަހާލެވުނެވެ.
"މަނިކު އާއި، ދެން އެހެން ކާކާ" އަޒުރާ ބުނެލިއެވެ.
"ނޫޅެން، އެމުސްކުޅި މީހާ އާއި މަށެއް ނީންނާނަން...އޭނަ ހީވަނީ އަހަރެންގެ ކާފަހެން، ކަލޭ އޭނަ އާއި އިންނަންވީނު" ލައިބާގާތަށް އޭރުއިނީ ވަރަށް ރުޅިއައިސްފައެވެ.

ކޮމެންޓް 0