"ދޮންބެ ގަޑިޖެހިގެން އިސްކޫލަށް ދިޔައީމަ މިސް ހުރީ ރުޅިއައިސްފަ ދޯ؟ ދޮންބެއަށް އެއްޗެހި ކިތަ؟" ލައިބާ ކަންބޮޑުވުމާއިއެކު އަހާލިއެވެ.
"ހެ ހެ ހެ ހެ.... ނޫން، ދޮންބެގެ މިސް ވަރަށް ރަނގަޅުވާނެ، ބުނީ މަންމަ ގޮވައިގެން މާދަން އަންނާށޯ، ހެޑްމާސްޓަރާ ބައްދަލުކުރަން.... ލައި ކީއްތަ ތިކުރަނީ، ކައިފިންތަ؟ ފެންވެރީތަ؟" ޔަޒާން އަހާލި އެވެ.
"ލައި މިހިރީ މިލްކު ބޮއެގެން، މަންމަ ބުނީ ފެންވަރަން ވީމަ ގޮވާނަމޭ..." ލައިބާ ބުނެލި އެވެ.
އަޒުރާ އައިސް އެ ކޮޓަރިއަށްވަނީ ޔަޒާން ޔުނީފޯމް ބޭލުމަށްފަހު ބޫޓު ބާލާފައި މޭޒު ދަށުގައި ބަހައްޓަނިކޮށެވެ.
"ނާސިހު އާ ބައްދަލުކުރަން ދާންވީ ދޯ... މަށަށް މާދަން ހެނދުނު ގޮވާތި، ހަވީރު ބޭރަށް ދާން މިއުޅެނީ، ލައިބާ ސްކޫލަށް ގެންދާތި... ލައި އާދޭ ފެންވަރަން ދާން،" އަޒުރާ ޔަޒާންއަށް ބުނަންވީ އެއްޗެއް ބުނުމަށްފަހު ލައިބާއަށް އައުމަށް އިޝާރާތްކޮއްލި އެވެ.
"މަންމާ، އަހަރެން ލައިގެ ކަންތައްތައް ކޮއްދީފާނަން، އޭނަ ފެންވަރުވާފަ ކާންދީގެން އިސްކޫލަށް ގެންދާނަން، ބަލާވެސް ދާނަން... އެންމެ ރަނގަޅެއްނު،" ޔަޒާން ލައިބާއަށާއި އަޒުރާއަށް ބަލާލަމުން ބުނެލި އެވެ. އޭނަގެ ތުންފަތުގައި ފަނޑުނަމަވެސް ހިނިތުންވުމެއްދުވެލި އެވެ.
"މަށަށް ވަރިހަމަ، ޒާން އަހަރެން ފެންވަރައިގެން ނުކުންނަންވާއިރަށް އަހަރެންގެ ކޮޓަރިއަށް އަންނާތި," އަޒުރާ އެހެން ބުނެލަމުން ނުކުމެގެން ދިޔަ އެވެ.

އަޒުރާގެ ހަރުކަށި ބަސްތަކުން ވެސް ލައިބާއަށް އެކުޑަކުޑަ އާއިލާގައި ޔަޒާން ނޫނީ އޭނައަށް އަޅައިލާނެ މީހަކު ނެތްކަމުގެ އިޙްސާސް ކުރެވުނެވެ. ވާހަކަދެއްކުމުގައި ލައިބާ ބާކީކޮއްލުމާއި ޔަޒާންއަށް ކުރިއަށްވުރެވެސް ބޮޑަށް އަޒުރާ ސަމާލުކަން ދެމުންދާކަން ލައިބާއަށް ވެސް ދިޔައީ ފާހަގަ ކުރެމުންނެވެ. އަނެއްކޮޅުން އަޒުރާ ޔަޒާންއަށް ބައެއްފަހަރަށް ގަނެދޭ އެއްޗެހީގެ ސަބަބުން ލައިބާގެ ހިތަށް ވަރަށް ވެސް ފުންއަސަރުތައް ކުރުވައެވެ. ބައެއް ފަހަރަށް އޭނަގެ ބައްޕަ ކޮބާ ބާއޭވެސް ލައިބާގެ ހިތަށް އަރައެވެ. ބައްޕަ ހުރިނަމަވެސް އަޒުރާގެ ޢަމަލުތައް ހުންނާނީ އެހެންބާއޭ ލައިބާގެ ހިތަށްއަރައެވެ. ނޫނީ ބައްޕަވެސް އޭނަ ބޭނުންނުވަނީ ކަންނޭގެ އެވެ. މިހާދުވަސްވީއިރު ވެސް ބައްޕަ ނުފެންނަނީ އެހެންވެގެން ކަންނޭގެއެވެ.

* * 

ކޮންމެ ދުވަހެއްގެ އިރުއޮއްސި އަނދިރިކަން ވެރިވެގެންދިއުމާއިއެކު އަނެއް ދުވަހަށް އިރުއަރާނެ އިރަކަށް ލައިބާ އިންތިޒާރު ކުރަނީ ވަރަށްވެސް ފޮނި އުއްމީދު ތަކަކާއިއެކު އެވެ. އެއީ ދެން އަލިވިލޭނީ މުޅިން އާދުވަހަކަށްވާތީ އެދުވަހަކީ އޭނައަށް އޭނަގެ މަންމަގެ ފަރާތުން ސަމާލުކަމާއި ލޯތްބާއި އޯގާތެރިކަން އިޙްސާސްކުރެވިގެންދާނެ ދުވަހަކަށް ވާނެކަމުގެ އުއްމީދުގަ އެވެ. އިރު އޭގެ ވާޖިބު އަދާކުރަމުން ދިޔަނަމަވެސް ލައިބާއަކަށް އޭނަ އުއްމީދުކުރާފަދަ ދުވަހެއް ނާދެއެވެ. ދުވަސްތައް އަހަރަށް ބަދަލުވެގެންދިޔައިރު ވެސް ލައިބާގެ ދިރިއުޅުމަށް އޭނަ ބޭނުންވިފަދަ އެއްވެސް ބަދަލެއް އައިހެން އޭނައަކަށް ފާހަގައެއް ނުކުރެވުނެވެ.

ލައިބާގެ އުމުރުން ނުވައަހަރު ފުރުނުއިރު އޭނައަށް ފާހަގަކުރެވުނީ ހަމައެންމެ ކަމެކެވެ. އޭނަގެ ހަށިގަނޑަށް އަންނަ ބަދަލުތަކެވެ. އުމުރުގެ އެހެން ކުދިންނަށްވުރެ އަވަހަށް ހެދި ބޮޑުވަމުންދިޔަ އޭނަގެ ޅަނދޮޅު ހަށިގަނޑެވެ. ބޮޑުވެއްޖެކަމުގެ ސިގްނަލް ލައިބާގެ ހަށިގަނޑުން ފާޅުވެގެންދިއުމެވެ. އަންހެން ދަރިއަކު މަންމައަކަށް އެންމެ ބޭނުންވާނެ ހިނދުކޮޅުގަވެސް އަޒުރާގެ އެހީތެރިކަން ކުޑަވުމެވެ. ލައިބާއަށް އެކަން ބޮޑުކަމަކަށް ވިއެއްކަމަކު އަޒުރާގެ ބަސްއައީ ވަރަށްވެސް ކުރުކޮށް ސާފުކޮށެވެ. އަންހެނެއްވެއްޖެޔާ އެކަމާއި ކުރިމަތިލާން ޖެހޭނެކަމެވެ. އެވަގުތުވެސް އޯގާތެރިއަތެއްގެ ހިމާޔަތްލިބުނީ ޔަޒާންގެ ފަރާތުންނެވެ.

ފުރަތަމަ ފަހަރަށް ލައިބާ އިސްކޫލަށް ދިއުމަށް ފަސްޖެހެވުނެވެ. އެހެނީ ޓީޗަރުގެ ބެލުންތައް ހުންނަގޮތުންނެވެ. އޭނައަށް ހާއްޞަ ސަމާލުކަމެއް ދޭހެން ހީވާތީ އެވެ. އެކަހަލަ ދުވަހެއްގައި ލައިބާއަށް ޓީޗަރުގެ ފަރާތުން ކުރިމަތިވި ސުވާލުތަކުން ލަދުގެތެވެ. ކަންބޮޑުވެ ބިރުގަތްވަރުން ރޮވުނެވެ. ދެން ހަދާނެގޮތެއް ނޭގި ބުނާނެ އެއްޗެއްވެސް ނޭގުނީއެވެ. ގޭތެރޭގެ ހާލަތު ބަޔާންކުރާކަށް ލައިބާއަކަށް ނުކެރޭނެ އެވެ. އެހެންނަމަވެސް ޓީޗަރު އޭނަގެ ވާޖިބު ވަރަށް ރަނގަޅަށް އަދާކުރިއެވެ. ލައިބާގެ ހާލު ވިސްނުނީ އެއީވެސް އަންހެނަކަށް ވީމަކަންނޭގެ އެވެ. ލައިބާއަށް އެފަދަ ހާލަތްތަކުގައި ކަންކުރާނެގޮތް ވަރަށް ރަނގަޅަށް ކިޔާދިނެވެ. ސްކޫލުގައި އެހެން ކުދިންގެ ތެރޭއުޅޭއިރު ކަންތައްތައް ކުރާނެގޮތް ލައިބާއަށް ކިޔާދިނެވެ. އެކަންތައްތަކާއި ލައިބާ އުފާކޮށް ޝުކުރުކުރިއެއްކަމަކު އޭނަ އެހެންމީހުންގެ ސަމާލުކަން ހޯދާކަށް ބޭނުމެއްނުވެ އެވެ.

ޔަޒާން އާއި ގާތްގުޅުމެއް ބާއްވަމުންދިޔަ ލައިބާއަށް ޔަޒާންއަކީ އޭނަގެ އެއްބަނޑު ކުއްޖެއްކަންވެސް ނޭގެއެވެ. އޭނަ ހީކުރަނީ ޔަޒާން އަކީވެސް އޭނަގެ ބައްޕަގެ ކުއްޖެއްކަމަށެވެ. އެހެނަސް ލައިބާއަށް ލިބިފައިވަނީ މަޑުމަޑު އަޅިކުލައިގެ ކަޅިއެއްލާފައިވާ ލޮލެކެވެ. އެއާއި ހިލާފަށް ޔަޒާންގެ އިންނަނީ ގަދަ ޗޮކުލެޓުކުލައިގެ ކަޅިއެކެވެ. ލައިބާގެ އިސްތަށިގަނޑަށް މަޑުމުށިކުލައެއް ވެރިވެފައިވާއިރު ޔަޒާންގެ އިސްތަށިގަނޑު އޮންނަނީ ކަޅުކުލައިގައެވެ. އަދި އެދެމެދުގައި ހިނގާ އެއްވެސް ކަމެއް އަޒުރާއަކަށް ނާންގައެވެ. މީހަކު ގާތުބުނަންވެސް ލައިބާ ބޭނުންނުވަނީ އެވެ. ހާއްޞަކޮށް އަޒުރާއަށް އެނގިއްޖެނަމަ އެކަން މަނާކުރާނެކަން ލައިބާއަށް އެނގެއެވެ. އެހެންނަމަވެސް އެއީ ގޯސްކަމަކަށްވެގެން ކަމެއް ލައިބާގެ ސިކުނޑި ވިސްނައެއް ނުދެއެވެ. އޭނަ ހީކުރަނީ އޭނަދެކެ އެކަކުވެސް ލޯބިވާކަށް އަޒުރާ ނޭދޭނެކަމަށެވެ. އަޒުރާގެ ކޮޓަރިއަށް ޔަޒާން ދާކަމާއި އެވަގުތުތަކުގައި އެކޮޓަރި ހުންނަނީ ތަޅުލާފަ ކަންވެސް ލައިބާއަށް މިހާރު އެނގެއެވެ. އެހެންހަދަނީވެސް އެކޮޓަރިއަށް ލައިބާ ވަދެދާނެތީކަން އޭނައަށް ވިސްނެންފަށައިފި އެވެ. ހަމައެކަނި އެޅަސިކުނޑިއަށް ނޭރީ ޔަޒާން ސިއްރުކަމެއް ކޮއްފާނެކަމެވެ. ލައިބާދެކެ އެހާ ލޯބިން އުޅޭ ދޮންބެ އޭނައަށް ކަމެއް އޮޅުވާލާފާނެކަމެވެ. ކުރާކޮންމެ ކަމެއްގެ ފަހަތުގައި އަމިއްލަ އެދުންތަކެއް އޮވެދާނެކަމެވެ.

ހިތްހަމަޖެހުމާއިއެކު ހެވިލާފައި އުޅޭ ޔަޒާންއަށް އަންނަ އެއްވެސް ބަދަލެއް އަޒުރާއަކަށް ފާހަގައެއް ނުކުރެވެއެވެ. އޭނަގެ އުމުރުން ތޭރަ އަހަރުވީއިރު އޭނަގެ ހަށިގަނޑަށްވެސް ބަދަލުތަކެއް އައެވެ. ފުރާވަރަށް އެޅުމުން އެއުމުރުގެ ކުދިންނަށް އަންނަ ހުރިހާ ބަދަލެއް ޔަޒާންއަށްވެސް އައެވެ. އޭނަގެ ރީތިކަންވެސް އިތުރުވެގެންދިޔައެވެ. ހިމަތޮޅި ދިގު ހަށިގަނޑު ބައިމަތިން ކުޑަކޮށް ފުޅާވެލިއިރު އޭނަގެ ކަޅުކުލަގަދަ ފަށުވިކޮޅެއްހާ ފަންއިސްތަށިގަނޑުވެސް ހުރީ ކަންފަތު ފޫޅާ ހަމައަށް ފައިބާވަރަށް ދިގުކޮއްލާފައެވެ. އެއުމުރުގެ އަންހެން ކުދިންގެ ސަމާލުކަންވެސް ޔަޒާންއަށް ހުއްޓެމުން ދިޔައެވެ. އަޒުރާގެ ރަޙުމަތްތެރިންގެ ތެރޭ ވެސް ޔަޒާން ހިނގައިފި އެވެ. އަޒުރާއަށް ފައިދާވަނެ އިތުރު ދޮރެއް ހުޅުވުނީ އެވެ. 


އަޒުރާގެ ބުނުމަށް އިސްކޫލަށް ދިއުމަށް ޔަޒާން އާދަކުރިއެއްކަމަކު އޭނަގެ ނަތީޖާއަންނަނީ އެންމެ ފުލުންނެވެ. ތިން ހަތަރުފަހަރު މަތިން އަޒުރާ ހެޑްމާސްޓަރު ކައިރިއަށް ގެންދެވުނެވެ. އެހަނަސް ވީކަމެއްނެތެވެ. ކޮންމެ ޓާމަކު ޔަޒާންވަނީ ފެއިލްއެވެ. އެކަމާ އޭނަ ދެރައެއްވެސް ނުވެއެވެ. އެހެނީ އޭނަ އެކަން ކުރަނީ އަމާބުނީތީ ފަރަށްދާ އުޞޫލުންނެވެ. އޭނަ ބޭނުންވަނީ މަޖަލާ އަރާމުގަ މުޅިއުމުރު ހޭދަކޮއްލާށެވެ. ފޮނިބޯނެ ގިނަމާތަކެކެވެ. މަލަކަށްނުވިޔަސް އޭނައަށް އެގޮތްވެސް ކަމުދެއެވެ. އެހެނީ އޭނަގެ މަޖަލާ ހަށިގަނޑަށް އެގެނުވާ ކުޑަހިނދުކޮޅެއްގެ ބަދަލުގެ ވާހަކަ އޭނަވަނީ އެހެންބަޔަކާ ހިއްސާކޮށް އެކަމުގެ ރަހަ އެބައެއްގެ ކަރުބުޑުގައި ކޮންމެވެސް ވަރަކަށްލައްވާފަ އެވެ.

ކޮމެންޓް 0