ލައިބާގެ ބޯދަށަށް ބާލީހެއް ލައްވާލިކަމާއި އޭނަގެ ގައިމަތީ ފޮތިގަނޑެއް އެޅިކަން އޭނައަށް އެނގުނެވެ. އިރުއިރުކޮޅާ ޔަޒާން ލައިބާގެ ނިތްކުރީގައި ބާއްވާލާ ތެތްރުމަލުން ފިނިކަން ލައިބާއަށް އިޙްސާސްކުރެވެއެވެ. އިރުއޮއްސެން ގާތްވިއިރުވެސް އަޒުރާ ގެއަކަށް ނާދެއެވެ. ޔަޒާން ލައިބާ އާއި ދުރަށް އެންމެ ހިނދުކޮޅަކަށްވެސް ދުރަކަށް ނުދެއެވެ. ކުރެވޭނެ އިތުރުކަމެއްވެސް ނެތެވެ. ބޭހެއް ހުރިއްޔާ ހުންނާނީވެސް އަޒުރާގެ ކޮޓަރީގައެވެ. އެހެންނަމަވެސް އަޒުރާ ބޭރަށް ދަމުންދަނީ އޭނަގެ ކޮޓަރި ތަޅުލާފައެވެ. ޔަޒާން ގޮތްހުސްވެފައިވާ މީހެއްފަދައިން ލައިބާގެ ނިތުގައި ތެތްރުމާއަޅަމުން ދިޔައެވެ.
މިއަދު ޔަޒާންގެ ހަބަރެއް ނުވުމުން ފައިޒަން އާއި ނަޒްމީ އޭނަ ހޯދަން އެގެއަށް އައިސްވަނެވެ. އެވަގުތު ބޮޑުއަށިމަތީ ލައިބާގެ ގާތުގައި ޔަޒާން އިންތަން އެކުދިންނަށް ފެނުނެވެ. ޔަޒާން ވެގެން އުޅޭގޮތް އޮޅުންފިލުވާދިނެވެ. އޭނަގެ ރަޙުމަތްތެރިން އެކުދިންގެ މަންމަ ގާތު ބުނަންތޯ ޔަޒާންގެ ގާތުގައި އެހިއެވެ. ޔަޒާން އެކަމާއި އެއްބަހެއް ނުވިއެވެ. އޭނަ އަދި އެގެއަށް ހިސާބު ގަނޑު މީހުން ވައްދާކަށް ބޭނުމެއްނޫނެވެ. އެވެސް އަޒުރާ އިންތިހާ ދަރަޖައަށް ރުޅިއަތުވެދާނެތީ އެވެ. ޔަޒާންގެ ގާތުގައި ނަޒްމީ އާއި ފައިޒަން އިރުއޮއްސެންދެން ތިއްބެވެ. އެކުދިން ދިޔައީ ރަޒިއްޔާ ހޯދާނެކަން އެނގޭތީއެވެ.
އިރުއޮއްސި އަނދިރިވެފައި ވަނިކޮށް އަޒުރާ އައިސް ގެއަށްވަނެވެ. އެއާއެކު ޔަޒާން އެއްފަހަރާ ހުރިހާ ވާހަކައެއް ކިޔާދޭން މަސައްކަތް ކުރިއެވެ. އަޒުރާ ހުރީ ވާނުވާއެއް ނޭގި ހުއްޓުން އަރާފައެވެ.
"އޭނަ ކިހިނެތްވެފަ އެއޮތީ," އަޒުރާ ބޮލުގެ އިޝާރާތުން ލައިބާ ދައްކާލަމުން ބުނެލިއެވެ. އަދި އަނގައިގައި އޮތް ޗުއިންގަމް ކިރުގަނޑުން ބޮތްކެއް ގޮއްވާލިއެވެ.
"މަންމާ... އަހަރެން ދައްކާ ވާހަކަ އެއްފަހަރުނަމަވެސް އަޑުއަހާބަލަ... ލައި ޑޮކްޓަރަށް ދައްކަން ގެންދަންވީއޭ... އޭނަ ހާދަ ހުންގަދައޭ... މަންމާ..." ޔަޒާން ބާރުބާރަށް ވާހަކަދައްކަން ފެށިއެވެ. ހީވާގޮތުން އަޒުރާގެ ފަރުވާކުޑަ ކަމާއިމެދު ޔަޒާން ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. އެހެންވެ ބާރަށް ވާހަކަދައްކަން އޭނައަށް މަޖުބޫރުވީއެވެ.
"ހުން އައިސްފައޭ... ގައިމު އޭނަ މިއަދު އިސްކޫލަށް ދިޔައިރު ރަނގަޅެއްނު," އަޒުރާ ގަބޫލު ނުކުރެވޭ ފާޑަކަށް ލައިބާއަށް ބަލާލަމުން އޭނަގެ ގާތަށް ދިޔައެވެ.
"އެކަމަކު މިހާރު މިއޮތީ ހުންއައިސްފައެއްނު، އިސްކޫލުން ލައި ގެއަށް ފޮނުވީ، މަންމަ އޮފީހަށް އަންނައްޗޭ ބުނި، ސްކޫލުގެ ހެލްތުވޯކަރު ބުނެފަޔޯ އޮތީ ލައި ޑޮކްޓަރަށް ދައްކާށޭ..."ޔަޒާން ވާހަކަދެއްކިއެވެ.
އަޒުރާގެ މޫނުމައްޗަށް ނުތަނަވަސްކަން ވެރިވެގެންދިޔައެވެ. އަދި ލައިބާގެ ނިތްކުރީގައި އޭނަގެ އަތުގެ ދެފުށްޖައްސާ ބަލާލިއެވެ. އޭނައަށް ލައިބާ ހުންއައިސްފައިވާކަން އެނގުނީ އެވަގުތުއެވެ. އަވަސް އަވަހަށް ނަދީމާއަށް ގުޅާލިއެވެ.
"އޭ މިއުޅެނީ ލައިބާ ވަރަށް ގަދައަށް ހުންއައިސްގެން، އަހަރެން ކިހިނެތް ހަދަންވީ... ކަލޭ ޑިއުޓީގަތަ," އަޒުރާ އަހާލިއެވެ. އަދި ނަދީމާ ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަންހުރެފައި ފޯނުބޭއްވި އެވެ. އަދި ޔަޒާން ގާތު ލައިބާގެ ހެދުމެއް ގެނައިމަށް ބުންޏެވެ. ޔަޒާން އަވަހަށް ދުއްވައިގަތީ ކޮޓަރިއަށެވެ. އޭނަ ލައިބާގެ ހެދުންތަކުގެ ތެރެއިން އޭނައަށް އެންމެ ރީތި ހެދުން ހިފައިގެން އައިސް އަޒުރާގެ އަތަށް ދިނެވެ. އެއީ މަޑު ދަނބުކުލައެއްގެ މަލެއް ޖަހާފައިވާ ހެނދުމެކެވެ. އަޒުރާ ލައިބާގެ އިސްކޫލު ޔުނީފޯމް ބޭލުވުމަށްފަހު ޔަޒާން ގެނައި ހެދުން ލައްވާލިއެވެ. އޭރުވެސް ލައިބާގެ ދެލޯވަނީ މެރިފައެވެ. ބައެއްފަހަރަށް އެކުއްޖާ ނޭވާ ނުލާހެންވެސް ހީވެއެވެ. ދެލޯމަރާލައިގެން އޮތްއިރު ހީވަނީ އެންމެ ފަހުނޭވާ ދޫކޮއްލަން ތައްޔާރުވަމުން ދާހެނެވެ. އިރަކަށްވުރެ އިރެއް އެމައުސޫމު މޫނުގެ ރޫހު ދިޔައީ ނެތެމުންނެވެ.
އަޒުރާ ލައިބާ އުރާލައިގެން ހޮސްޕިޓަލަށް މިސްރާބުޖެހިއެވެ. އޭނަވެސް ކަންބޮޑުވެފައިވާކަން އަވަސްވެފައިވާ ހިނގުމުން އެނގެއެވެ. އޭނަގެ ފަހަތުން ޔަޒާން އާދެއެވެ. ރަށުގައި އޮންނަނީ ޓެކްސީ ކުރާ އެންމެ ދެކާރުކަމަށްވާތީ ޓެކްސީ އެއް ހޯދުން އެއީ އެހާ ފަސޭހަ ކަމެއްނޫނެވެ. ހޮސްޕިޓަލާ ހަމަޔަށް ނުދެވެނިސް ލައިބާ ހޮޑުލައިފިއެވެ. ނަސީބަކުން އަޒުރާގެ ގަޔަކަށް ނޫނެވެ. އެވެސް މަގުމައްޗަށްށެވެ. ލައިބާގެ ގޮހޮރު އެއްކޮށް ހުސްވީއެވެ.
ލައިބާގެ ވަރުދެރަވެ ހަތަރެސްފައިން ވާގިނެތިގެން ދިޔަކަން އަޒުރާއަށް އެނގުނު ހިނދު އޭނައަށް ލައިބާއަށް ގޮވާލެވުނެވެ. އޭރު ހަބަރުހުސްވެގެން އަޒުރާގެ އަތްދަނޑިމައްޗަށް ދެމިފައި ލައިބާ އޮތެވެ. އަޒުރާ އަނެއްކާވެސް ލައިބާގެ ބޯ ކޮނޑުމަތީ ބާއްވާލަމުން އޭނަގެ ގަޔާ ކައިރިކޮއްލުމާއިއެކު ހިނގުން އަވަސް ކޮއްލިއެވެ. ހާސްކަން އިތުރުވެފައިވާ އަޒުރާއަށް ތަންތަންކޮޅުން ދުއްވައިވެސް ގަނެވެއެވެ. އޭނަ އާއި އެއްހަމައެއްގައި ފައިހަރުކުރަމުން އަންނަ ޔަޒާންއަށްވެސް ކަންބޮޑުވުމާއިއެކު އިރުއިރުކޮޅާ ލައިބާއަށް ގޮވާލެވެއެވެ.
"ކޮއްކޯ... އެހީއެއް ބޭނުންތަ؟" ކުއްލިއަކަށް އަޒުރާމެންގެ ވާތްފަރާތު މަގުން ނުކުތް މުދާ އުފުލާ ލޮރީއެއް އެމީހުންގެ ކުރިމައްޗަށް ހުއްޓާލިއެވެ. އަޒުރާ އާއި ޔަޒާން އޭގައި ނުޖެހުނީ ކިރިޔާއެވެ. އެމީހުންނަށް ކުއްލި ސިހުމެއްލިބިގެން ދިޔައެވެ. އެލޮރީ އައިނައި ގޮތެއްވެސް އަޒުރާއަކަށް ނޭގުނެވެ.
"އާ....އާ... ބޭބޭ މަގޭ ދަރިފުޅު… ހޮސްޕިޓަލަށް..." އަޒުރާ މާނޭވާ ލަމުން ޖުމްލަ ފުރިހަމަ ކުރެވޭތޯ މަސައްކަތްކުރިއެވެ.
"އަވަހަށް އަރާ..." ލޮރީގައި ދުއްވަން އިން ދެބައިއުމުރަށްވުރެވެސް މައްޗަށްގޮސްފައިވާ ޑްރައިވަރު ބުނެލިއެވެ. ފެންނަ ފެނުމަށް ވަރަށް ހިތްހެޔޮ ވައްތަރު ޖަހައެވެ.
އަޒުރާ ޔަޒާންގެ އަތަށް ލައިބާ ދީފައި ލޮރީއަށް އެރިއެވެ. އެއާއެކު ޔަޒާން ލައިބާ ދިއްކޮއްލިއެވެ. އަޒުރާ އޭނަގެ އުނގުގެތެރޭ ލައިބާ ހަމަޖައްސާލަމުން ގެނެސް މެޔާލާ ބޮނޑިކޮއްލިއެވެ. ޔަޒާންވެސް އެލޮރީއަށް އަރާ އަޒުރާގެ ގާތުގައި ހަމަޖެހިލުމުން އެމީހާ ލޮރީ ދުއްވާލިއެވެ. އަޒުރާ ލޮރީ ދުއްވަމުން ދިޔަ މީހާއަށް ބަލާލަމުން ހިނިތުންވެލިއެވެ. ޝުކުރުވެރިވާ ހާލުގައެވެ. އަދި ލޮރީ އައިގޮތާއިމެދު އަދިވެސް އެއްފަހަރު ވިސްނާލެވުނެވެ. ލޮރީގެ އަޑު ނީވުނީ ކީއްވެބާއޭ އަޒުރާގެ ހިތަށްއެރިއެވެ. ހެޑްލައިޓުގެ އަލި ދުރަށް ފެތުރިފައިވާއިރު އޭނައަށް ނުފެނުނީ ކީއްވެބާއޭ ހިތަށް އަރަމުން ދިޔައެވެ. އެހުރިހާ ކަމެއް އެހެން ދިމާވުމަށް މެދުވެރިވި އުޒުރަކީ ލައިބާގެ ހާލުގެ ސަބަބުން އޭނައަށް ލިބިފައިވާ ހާސްކަން ކަމުގައި ސިކުނޑިވިސްނައިދިނެވެ. ހާލަތާއިމެދު ކަންބޮޑުވެ ހާސްވެފައި ހުރިވަރުން އެހެން ކަންތައްތަކަށް ސަމާލުކަން ނުދެވުނީކަމަށް އަޒުރާ ނިންމިއެވެ.
ހޮސްޕިޓަލްގެ މައިދޮރުން އެތެރެއަށް ވަނުމުގެ ކުރިން ނަދީމާ އިންތިޒާރުގައި ހުރިތަން ފެނުނެވެ. އޭނަ އާއި ދިމާލަށް ދުވަމުން ކަހަލަ ގޮތަކަށް ލޮރީ އިން ފޭބި އަޒުރާ އާއި ޔަޒާން އައެވެ. އަތުގެ ތެރޭއޮތް ލައިބާ ދައްކާލިއެވެ. އިރުއޮއްސި އަނދިރިކަން ވެރިވެފައިވިނަމަވެސް ފަޒާގައިވަނީ ދިލަ އާތްވެކެވެ. ގަސްތަކުގެ ފަތެއްވެސް ތެޅިނުލައެވެ. އެއެއްޗެއްސައްވެސް ސިހުމެއް ލިބިފައިވާކަހަލައެވެ. ހާސްވެ ކަންބޮޑުވެފައިވާ އަޒުރާ ދާހިތްލާ ފޯވަމުން ދިޔައެވެ. ނަދީމާ އަޒުރާގެ އަތުން ލައިބާ އުރާލިއެވެ. އަދި އަވަސް ފަރުވާދޭ ބަޔަށް ވަދެ އެތަނުގައި ހުރި އެނދެއްގައި ލައިބާ ބޭއްވިއެވެ.
"ނަދީ... އިޒް ދިސް ދަ ޕޭޝަންޓު..." ކައުންޓަރު ދޮށުގައި އިން އަންހެންކުއްޖާ އާއި ވާހަކަދައްކަން ހުރި ބޭރު ޑޮކްޓަރަށް ނަދީމާގެ ހަރަކާތްތައް ފެނުމާއިއެކު އަވަހަށް އަހާލިއެވެ.
"ޔެސް ޑޮކްޓާރ..." ނަދީމާވެސް ޖަވާބު ދާރީވީ އަވަސްއަރުވާލާފައެވެ. އޭރު އަޒުރާ ލައިބާ ބާއްވާފައިއޮތް އެނދުކައިރީ ހާސްކަމާއިއެކު ދެއަތްދެއަތާއި ޖޯޑުކޮއްލަ ކޮއްލާ ހުއްޓެވެ. އަދި ނަދީމާ އާއި ޑޮކްޓަރާއި ދެމީހުންގެ މޫނަށް ބަލަމުން ދިޔައެވެ.
ޑޮކްޓަރު ވަގުތުން ލައިބާއަށް ފަރުވާދޭން ފެށިއެވެ. އޭނަ ލައިބާގެ ލޭގެ ޓެސްޓެއް ހަދަން ބޭނުންވިއެވެ. ލައިބާގެ މޭގައި އޭނަ ގެންގުޅޭ ޑޮކްޓަރ ކަށިގަނޑު ޖައްސަމުން އަތުގެ ކުޑަހުޅާ ދިމާލުން ވިންދު ބަލަމުންދިޔައެވެ. އަދި އަޒުރާ އާއި ސުވާލުކުރަން ފެށިއެވެ. ޑޮކްޓަރ ވަގުތުން ނަދިމާއަށް އިރުޝާދުތައް ދޭންފެށިއެވެ. ނަދިމާ އަވަސް އަވަހަށް ހިނގައިގަތީ ބޭސްތައް އަތުރާފައި ހުރި ޓްރޯލީއެއްގެ ކައިރިއަށެވެ. އޭނަ ބޭނުންވާ އެއްޗެހި ހިފައިގެން އައިސް ލައިބާގެ އަތަށް ކެނިއުލާ ލައްވާލިއެވެ. އަދި ވަގުތުން އައި.ވީ ގުޅިއެވެ. ލައިބާގެ ހާލު މާބޮޑަށްވެސް ދަށަށް ގޮސްފައިވާކަމުގައި ނަދީމާ އަޒުރާގެ ގާތު ބުންޏެވެ.
އެނދުމަތީ ހަރަކާތްކެނޑި ހުދުވަމުން ދިޔަ ލައިބާއަށް އެއްވެސް ހިލަމެއްނުވާކަހަލައެވެ. ގަދަނިންޖަކުން އެކުއްޖާ ނިދާލާފައިވާ ފަދައެވެ. އެކަމަކު އެމޫނުގައި ހިނިތުންވުމުގެ އެއްވެސް އަސަރެއްނެތެވެ. ދިރުންކެނޑި އުއްމީދު ގެއްލިފައިވާ ކުލަވަރު ނޫން އެހެން އެއްވެސް ކަމެއް އެމޫނުން ސިފައެއް ނުކުރެވެއެވެ. ހަމަ ދެންމެ ދެންމެ ނޭވާލުން ހުއްޓިދާނެ ފަދައެވެ. ޔަޒާންގެ ނަޒަރުވަނީ ލައިބާއަށް ހުއްޓިފައެވެ. އޭނަ އެހެން ދިމާލެއް ބަލަން ބޭނުންވެސް ނުވަނީކަންނޭގެއެވެ. އެސިކުނޑީގައި ވަނީ ހަމައެންމެ ސުވާލެކެވެ. ކުއްލިއަކަށް ލައިބާއަށް މިވީ ކިހިނެތްހެއްޔެވެ. ހަވީރު އިސްކޫލަށް ދާން ދިޔައީ ހުދު އޭނައެވެ. އޭރުވެސް ވަރަށް ހަމަޖެހިލާފައިހުރި ލައިބާ ކުއްލިއަކަށް މިހާބޮޑަށް ބަލިވާން މެދުވެރިވީ ކޮންކަމެއްބާއެވެ.
ރޭގަނޑު ދިހައެއް ޖެހިއިރުވެސް ލައިބާ ލޯހުޅުވާނުލައެވެ. ނަދީމާވެސް ގެޔަށް ދިޔައީ ޑިއުޓީގަޑިވެސް ނިމިފައިވުމާއިއެކު ޔުނީފޯމް ބަދަލުކޮއްލައިގެން އައުމަށެވެ. އޭނަ އެނބުރި ހޮސްޕިޓަލަށް އައިއިރު އައީ އަޒުރާ އަށާއި ޔަޒާންއަށް ކާންވެސް ހިފައިގެންނެވެ. އޭނަ އާއިއެކު ހިޝްމާ އާއި މިޒްނާވެސް އެތަނަށް އައެވެ. ކޮންމެ މީހަކުވެސް ކުރަމުން ދިޔައީ ހަމައެއްސުވާލެކެވެ. އޮޅުންފިލުވަން ބޭނުންވެފައި ތިބީ ކަންހިނގިގޮތެވެ. ހިނގަންމެދުވެރި ސަބަބެވެ. އެހެންނަމަވެސް އެސަބަބެއް އެކަކަށްވެސް ނޭގުނެވެ. ދަންވަމުން ދިޔަވަރަކަށް އަޒުރާގެ ފޯނަށް އަންނަ ކޯލުތައް ގިނަވިއެވެ. އަޒުރާގެ ބޮލުގައިވެސް ރިއްސަން ފަށައިފިއެވެ. އޭނަ ބޯހަމަޖައްސާލަން ކިތަންމެހާވެސް ބޭނުންވެއެވެ.

ކޮމެންޓް 0