ކުޑަވަގުތުކޮޅަކަށްވިޔަސް ލައިބާއަށް ނިދުނީއެވެ. ހޭލެވުމާއިއެކު ލުބާ އޭނަ ކުރުމަށް ހަވާލުކުރި ކަންތައްމަތިން ހަނދާންވިއެވެ. އެހެންވެ ލައިބާ މަޑުމަޑުން ތެދުވެގެންގޮސް މޭޒުމަތީ ހުރި ގަޑިއަށްއަށް ބަލާލިއެވެ. ފަތިސްވާން ގާތްވެއްޖެއެވެ. ގިނައިރެއްނުވެ ދުނިޔެމައްޗަށް އަލިވެދާނެއެވެ. އެހެންނަމަވެސް ޔަޒާން އެކޮޓަރިއަކަށް ނުވަނެވެ. ލައިބާ މަޑުމަޑުން ކޮޓަރިން ބޭރަށް ނުކުތެވެ. ބޮޑުއަށިމަތީގައި އަޝްހަރުއޮތެވެ. އޭނަގެ އަތުގެތެރޭގައި ބިއްދޮށަށް އެނބުރި އޮތީ ކޮން އަންހެނެއްކަމެއް ލައިބާއަކަށް ނޭގެއެވެ. އޭނަ މަޑުމަޑުން އަޑެއް ނުނިކުންނާނޭ ފަދަ ގޮތަކަށް ފިޔަވަޅު އަޅަމުން އަޒުރާގެ ކޮޓަރިއާއި ދިމާލަށް ދިޔައެވެ. އަޒުރާގެ ކޮޓަރީގެ ދޮރުގައިވާ ތަޅުގައި ލައިބާ ހިފީ ދެއަތުންނެވެ. އަދި މަޑުމަޑުން ތަޅުއަނބުރާލެވޭތޯ އުޅުނެވެ. ދޮރު ހުރީ ތަޅުނުލައެވެ. ލައިބާ ކިރިޔަ ކިރިޔާ އޭނަގެ ލޮލަށް އެކޮޓަރިތެރެ ފެންނަ ގޮތަށް ހުޅުވާލިއެވެ. އެހެނީ ހޭލާ މީހަކު އުޅޭނަމަ ދޮރުހުޅުވާކަން ފާހަގަވިޔަ ނުދިނުމައްޓަކައެވެ.
ހަގީގަތް އެނގޭއިރުވެސް ލައިބާއަށް އެކޮޓަރީގެ ހާލަތު ފެނި މޫނު އަނބުރާލެވުނެވެ. އެކޮޓަރީގައި އަޒުރާ އާއިއެކު އިތުރު ދެއަންހެނުން އޮތެވެ. ޔަޒާން އޮތީ އެނދުގެ މަގަތުގައި އަޒުރާ އާއި ޖެހިގެންނެވެ. ލައިބާ މަޑުމަޑުން ދޮރުލެއްޕިއެވެ. އަދި އޭނަގެ ކޮޓަރިއަށް އެނބުރިދިޔައެވެ. ލުބާ ދެއްކި ވާހަކަތައް ހަނދާންހުއްޓެއް ކަމަކު އޭނައަކަށް އެކަން ކުރާނެ ފުރުޞަތެއް ނުލިބުނެވެ.
ހެނދުނު ދިހައެއް ޖެހިފަހުން ޔަޒާން ނިދި މޫނާއެކު ތެދުވެގެން އައިސް ކޮޓަރިއަށްވަނެވެ. އޭރު ލައިބާ ހުރީ އެއްޗެހި ފަތްޖަހަންށެވެ. ޔަޒާން އެކަމާ ފަރުވާލެއް ނުބަހައްޓާ އަނެއްކާވެސް އޭނަގެ އެނދުމައްޗަށް ބަނޑުން ވެއްޓިގަންނަމުން އުޅުނީ ނިދޭތޯއެވެ. ލައިބާ ޔަޒާންއަށް ބަލަހައްޓައިގެން ހުރީ ދެން ހަދާނީ ކިހިނެތްކަން ނޭގިފައެވެ. ނަމަވެސް އޭނަގެ ސިކުނޑިއަށް ހަނދަންވީގޮތް އެނގިގެންދިޔައެވެ. ލައިބާ ފަތްޖަހަން ހުރި އެއްޗެހި ބަހައްޓާފައި ދިޔައީ ބަދިގެ ފަރާތަށެވެ. ލައިބާހުރީ ހާސްވާގޮތްވެ އަތްފައިފިނިވެފައެވެ. އޭނަ ބަދިގެއަށްވަދެ ސަމްސަލާ ވަޅިއާއި އެއްޗެހި ޖަހާފައިވާއެތިން ތުނޑު ހިމަ ވަޅިއެއްނެގިއެވެ. އަދި ފުނޑާދައިގެ އެއްފަރާތުގައި ވަޅީގެ މިޔަ ހާކާލަމުން ކޮޅުން ތޫނުކޮއްލެވޭތޯ އުޅުނެވެ. އެކަން އެގޮތަށް ކުރާތަން އޭނަ ދެކެނީ ހައްވަދައިތަ ބަދިގޭގައި ކައްކަން އުޅޭއިރުއެވެ. ދޭތެރެއަކުން ވަޅި ކޮށިވެއްޖެއޭ ކިޔާފައި އައިސް ފުނޑާދާގައި ވަޅީގެ މިޔަ ހާކާލާފައި ހިތްހަމަޖެހޭވަރު ވުމުން ދާނެއެވެ. ލައިބާ ތެދިންފަހަރު ދާގައި ވަޅީގެ މިޔަ ހާކާލުމަށްފަހު އިނގިލި ކުރިން އަތްލިއެވެ. އަމިއްލަ ހިތް ރަނގަޅުވާނެ ކަމުގައި ބުނުމުން ވަޅި ހިފައިގެން އޭނަ އަނެއްކާވެސް ވަނީ އެތެރެގޭތެރެއަށެވެ.
ހެދުމާއި ވަޅި އާއި އެއްކޮލައިގެން ހުރެ އަވަސް އަވަހަށް އައިސް ލައިބާ ކޮޓަރިއަށްވަދެ ދޮރުލެއްޕިއެވެ. އަދި ތަޅުލުމަށްފަހު އަތުގައި އޮތް ވަޅިއަށް ބަލާލިއެވެ. ލައިބާ ޔަޒާންގެ ގާތަށް މަޑުމަޑުން ހިނގަމުންދިޔައެއްކަމަކު އޭނަހުރީ ވަރަށް ބިރުންނެވެ. ޔަޒާންއަށް ހޭލެވިދާނެތީއެވެ. އޭނައަށް ހޭލެވި ލައިބާގެ އަތުގައި ވަޅިއޮއްވައި ފެނިއްޖެނަމަ ކަންތައްތައް މުޅިން ގޯހުން ގޯހަށް ދާނެކަން ޔަގީންވާތީއެވެ. ލައިބާ އޭނަގެ ދިގުހެދުން ފޫގަޅާލާ އުސޫލުން ދެފައިދޭތެރެއަށް ކުރިމަތީބައި ލައްވާލަމުން ބުރުގާ ބޭލިއެވެ. އެއީ އޭގެ ކަންގަނޑުން ޔަޒާންގެ ގައިގާ ޖެހުނަނުދިނުމަށެވެ. އޭނަ ޔަޒާންއާއި ކުރިއަށްވުރެ ބޮޑަށް ގާތްވެލާފައި އޭނަގެ ކަނދުރާ އާއި ދިމާލަށް ގުދުވެބަލަންފެށިއެވެ. ކަޅުކުލައިގެ ފަށެކެވެ. އެފަށުގައިވާ ބަޑީގެ ތެރޭގައިކަން ތަވީދުވީ ލައިބާއަށް އެނގެއެވެ. އޭނަބެލީ ޔަޒާންއަށް ނޭގި ފަށަށް ދަމާލެވޭނޭގޮތެއް ވޭތޯއެވެ. ކުއްލިއަކަށް ޔަޒާން ބޯއަނބުރާލުމާއިއެކު ލައިބާ ދިޔައީ ސިއްސައިގެންނެވެ. އަތުގައި އޮތްވަޅި ފުރަގަހަށްލާ ފޮރުވުނެވެ. އެހެންނަމަވެސް ޔަޒާންއެއް ނުހޭލައެވެ. އޭނަ ޖެހުނީ އުއްޑުންނެވެ. ލައިބާއަށް ފުންނޭވާއެއް ބޭރުކޮއްލެވުނެވެ. އަދި އަނެއްކާވެސް ޔަޒާން އާއި ގާތްވެލަމުން ކަރުގައި އޮތް ކަޅުފަށުގައި ހިފިއެވެ. ޔަޒާން އުއްޑުން ޖެހުމާއިއެކު ލައިބާ ކުރަން އުޅުނު ކަންތައް އެތައްގުނައެއް ފަސޭހަވެގެން ދިޔައެވެ. އަވަސް އަވަހަށް ވަޅީގެ ތުނޑު ފަށުގައި އަޅުވާލާފައި މަޑުމަޑުން ދެކޮޅަށް ކާތާލިއެވެ. ކުޑަހިނދުކޮޅެއްގެ ތެރޭ ޔަޒާންގެ ކަރުގައި އޮތް ފަށް ކަނޑައިގެން ގޮއްސިއެވެ. އޭގެ އެއްފަރާތް އެނދުމައްޗަށް ވެއްޓުނެވެ. އަނެއްބައި އޮތީ ބަޑިއާއިއެކު ޔަޒާންގެ މޭމައްޗަށް ވާގޮތަށް ކަރުގައި އެޅިފައެވެ. ލައިބާ މަޑުމަޑުން ބަޑީގައި ހިފާ ދަމާލިއެވެ. އެއާއިއެކު ފަށުގެ ތެރެއިން ލައިބާގެ އަތަށް ބަޑިއައެވެ. އެވަގުތު ޔަޒާން ކުޑަކޮށް ތެޅިލިއެވެ. ލައިބާގެ ހަރަކާތްތައް ވަގުތުން ހުއްޓުނެވެ. ބޭރަށް ލާލާ ހުރި ނޭވާވެސް އޭނަ ހިފަހައްޓާލި ކަހަލައެވެ. ޔަޒާން ނިދީގެ ތެރެއިން ކޮންމެވެސް އެއްޗެކޭ ބުނެލާފައި އަނެއްކާވެސް ފުރޮޅިލީއެވެ. ލައިބާ ވަގުތުގެ ބޭނުންހިފުމުގެ ގޮތުން އެނދުމައްޗަށް ވެއްޓިފައި އޮތް ފަށުގެ ކޮޅު މަޑުމަޑުން ދަމައިގަތެވެ. އެއާއިއެކު ފައްވެސް ލައިބާގެ އަތަށް އަތުވެއްޖެއެވެ. އޭނަ އަވަސް އަވަހަށް ކުރިން ނެގި ބުރުގާ ހެޔޮވަރުކޮއްލައިގެން ކޮޓަރިން ބޭރަށް ނުކުތެވެ.
އަވަސް ފިޔަވަޅުގައި އައިސް ބަދިގެއަށްވަތް ލައިބާ އެންމެ ފުރަތަމަވެސް އުޅުނީ އުނދުން ރޯކުރުމަށެވެ. އުނދުނުގެ ހުޅުގަނޑު ފެނުމާއިއެކު ބޮޑުކޮއްލިއެވެ. އަދި އަތުގައި އޮތް ފަށާއި ބަޑި އުނދުނުގެ ތެރެއަށް ލިއެވެ. ގިނައިރެއްނުވެ ފަށްއަނދައިގެން ދިޔައެވެ. ބަދިގެ ތެރެއިން ތަފާތު ވަހެއް ދުވަންފެށީ ލޮއެގެ ބަޑިވިރެން ފެށުމުންނެވެ. އެހުރިހާ އިރު ލައިބާ ހުރީ އެއަށް ވާގޮތެއް ބަލާށެވެ. އޭތިވިރެމުންގޮސް ދިޔާވިއެވެ. އަދި އުނދުނުގެ މެދުގައި ހަރުލާފައި ހުއްޓެވެ. އެކަމަކު އެއީ ކޮންކަހަލަ އެއްޗެއްކަމެއް އެނގޭވަރެއްނުވެއެވެ.
މެންދުރު ކައްކަން އޭނަ އުޅުނީ ދެނެވެ. ހުރިހާ ކަމަކުން އަވަދިވެގެން ބަދިގެއިން ނުކުތްއިރު ރަޒިއްޔާ މެންގެއާއި ވީ ފަރާތުގެ ފާރުބުރިމަތީ ލުބާ އިށީނދެލައިގެން އިނެވެ. ހިނިއައިސްފައިވާ ވަރުން އޭނަގެ ދަތްތައްވެސް ފެންނަމުންދިޔައެވެ.
"އަހަރެން ލުބާ...." ލައިބާ ލުބާ ފެނުމާއިއެކު ބުނަން އުޅުނެވެ.
"ހޫމް، އަހަންނަށް އެނގޭ، ދެންމެއެއްނު ތިއަންދާލީ، އަހަރެން ލައިއަށް ނުގޮވަން މިއިނީ ހުރިހާ ކަމެއް ނިމެންދެން" ލުބާ ހިނިއައިސްފައި ބުނެލިއެވެ.
"ދެން އަހަރެން ކިހިނެތް ހަދަންވީ" ލައިބާ އަހާލިއެވެ.
"އަދި އެއްކަންތައް ކޮއްދީ، ބުނޭ ޔަޒާން ކައިރީ އޭނަ ހޯދަން އަޔޭ އަންހެން ކުއްޖެއް، ބުންޏޭ އޭނައަށް ކުރިކަމެއްގެ ބަދަލު ދޭން ބޭނުންވެޔޭ، ދެން އޭނަ ކިހިނެތް ހުރި އަންހެން ކުއްޖެއްހޭ އަހައިފިއްޔާ ބުނޭ، މީގެކުރިން ނުދެކޭހާ ރީތި ކުއްޖެއް ކަމަށް، ކޮންމެހެންވެސް ޔަޒާން އާއި ބައްދަލު ކުރަން ބޭނުންވެޔޭ، އަދި ބުނާތި އެއަންހެން ކުއްޖާ ބުންޏޭ އިރުއޮއްސޭން ވާއިރަށް އަތިރިމަތީ ޖޯއްޔަށް އަންނާށެ، އެތަނުގަ އެއަންހެން ކުއްޖާ އިންނާނަމެ ބުންޏޭވެސް ބުނާތި" ލުބާ ބުނެލިއެވެ.
"ލުބާ، ކިހިނެތްވާންތަ މިއުޅެނީ، އަހަރެން ވަރަށް ބިރުގަންނަ ކަހަލަ ގޮތްތަކެއްވަނީ، އަނެއްކާ ލުބާ ތިއުޅެނީ ކީއްކުރަން" ލައިބާއަށް ވާނުވާ ނޭގޭހާލު ބުނެލިއެވެ.
"ލައި ކޮންކަމާ ހާސްވަނީ، އެމީހުންނާއިމެދު ވިސްނާނެކަމެއްނެތް، މިހާރު ލައި ވިސްނަންވީ ލިބެން އުޅޭ ކުއްޖާ އާއި ދެތެރޭ، އެމީހުންގެ އަނިޔާވެރިކަމުން ސަލާމަތްވާކަށް ބޭނުމެއްނޫންތަ؟" ލުބާ ބުނެލިއެވެ.
"ބޭނުން، އެކަމަކު ހިތަށް އަރަނީ އަނިޔާވެރިވާ މީހުންގެ ކިބައިން ސަލާމަތްވެވެން އޮތީ އެމީހުންގެ މައްޗަށްވެސް އަނިޔާވެރި ވެގެންބާއޭ، އެހެންކަމުގަ ވާނަމަ މައްސަލައެއްނެތް، އަހަރެން އެގޮތުންވެސް އެމީހުންގެ ކައިރިން ސަލާތްވާން ބޭނުން" ލައިބާ ބުނެލިއެވެ.
"ދެރަނުވޭ، އަދި ސަލާމަތްވާނެ، ލައިގެ ހިތްވަރުގަދަކަން އަހަރެން ދެކުނިން، ވީއިރު އަދި ސަލާމަތްވާނެ، ކެތްކޮއްލާ، މިއަދު އަހަރެން މިހިރީ ލައި މިނިވަންކުރަން، އެހެންމީހުން ފަދައިން ލައިއަށްވެސް މިނިވަންކަމާއިއެކު އުޅުމުގެ ހައްގު އަހަރެން ހޯދަދޭން ބޭނުން، އަހަރެންނަށް މިއަދު ދެން ހިޔެއްނުވޭ އާދެވޭނެ ހެނެއް، އެކަމަކު ބުނަން، އަޒުރާ އެއްވެސް އެއްޗެކޭ ކިޔަސް އަޅާލާނެ ކަމެއްނެތް، އެއްޗެއް ބުނާނެކަމެއްވެސް ނެތް" ލުބާ ލައިބާގެ ކައިރިއަށް އައިސް އޭނަގެ ދެއަތުގައި ހިފާލަމުން ބުނެލިއެވެ. ލައިބާ މަޑުމަޑުން ބޯޖަހާލިއެވެ. އަދި ލުބާ ބަލަންހުއްޓައި އޭނަ ގޮސް ގޭތެރެއަށްވަނެވެ.
ޔަޒާން ބޮޑުއަށިމަތީ އިނީ ފިކުރެއްގެ ތެރޭއެވެ. ދޭތެރެއަކުން ކަރުގައި އަތްލައެވެ. އެހެނީ އިރުއިރުކޮޅާ ކަރުގައި އޮތްތޯ ބަލަބަލާ ހުރި ފަށްކަރުގައި ނެތުމުންނެވެ. އޭނަ ހަނދާން ކުރަމުން އެދަނީ ރޭގައި ހިނގި ކަންތައްތަކާއިމެދުއެވެ. އެހެންނަމަވެސް އޭނަ ތަވީދު ނެގި ހަނދާނެއްނުވެއެވެ. އޭނަ ނޫން މީހަކުވެސް އޭނަގެ ކަރުގައި އޮތް ތަވީދަކު އަތެއްނުލައެވެ. ދެން ވީއިރު އޭނަގެ ތަވީދަށްވީ ކިހިނެތްހެއްޔެވެ.
"އޭ މަށަށް ކާން ހަދާބަލަ" ފެންވަރައިގެން ރީތިވެގެން ނުކުތް ލައިބާ ފެނުމާއެކު ޔަޒާން ބުނެލިއެވެ.
ލައިބާ އޭނަގެ ތެމިފައިވާ ތުވާލި ހިފައިގެން ބަދިގެ ފަރާތަށް ނުކުތެވެ. އަދި ރޯނުގައި ތުވާލި އަޅާލަމުން ކާންހަދަން އުޅުނެވެ. ލައިބާގެ ފަހަތުން އައި ޔަޒާން ބަދިގެއަށްވަދެ ކާމޭޒު ކައިރީ އިށީނދެލައިގެން އިނެވެ. ލައިބާ ޔަޒާންއަށް ކާންހަދާފައި ނުކުންނަމުން ލުބާ ބުނި ގޮތަށް ޔަޒާން ކައިރީ ބުނެލިއެވެ.
" ހަމަ އަހަރެން ހޯދަންތަ އައީ، ނުވާނެ...ތީ ދޮގެއް" ޔަޒާންއަށް ލައިބާ ދެއްކި ވާހަކައެއް ގަބޫލެއް ނުކުރެވުނެވެ.
"މަށަށްވަރިހަމަ، އޭނަ ބުނީ މިހެން ބުނާށޭ ޔަޒާން ކައިރީ، އަހަންނަށް ބުނެވިއްޖެ އެއްނު" ލައިބާ ދާން ހިނގައިގަތެވެ.
"އެހަށް މަޑުކޮއްބަލަ، ކިހިނެތްހުރި ކުއްޖެއްތަ އައީ؟ ވަރަށް ރީތިތަ" ޔަޒާން ކާންފަށަން އުޅެފަވެސް ލައިބާ ދެއްކި ވާހަކައަކުން އެކަމާ ގަޔާވެވޭގޮތްވެއްޖެއެވެ.
"މިރަށުން އަދި ނުދެކެން އެހާ ރީތި ކުއްޖެއް، ވަރަށް ރީތި" ލައިބާ މަޑުމަޑުން ޔަޒާންއަށް ބަލާލަމުން ބުނެލިއެވެ.
"އިރުއޮއްސުމުގެ ކުރިން އަތިރިމަތީ ޖޯއްޔަށް އަންނާށޭތަ ބުނީ" ޔަޒާން އަނެއްކާވެސް ޔަގީންކޮއްލާ ފަދަ ގޮތަކަށް އަހާލިއެވެ.
"ހޫމް" ލައިބާ އާއެކޭ ބުނުމުގެ ގޮތުން ހޫން ލައްވާލިއެވެ. އަދި އިތުރަށް މަޑުކުރުމެއްނެތި ގޭތެރެއަށް ވަނުމަށް ދިޔައެވެ. 

ކޮމެންޓް 0