"އަހަންނަށް ޝިޔާޒު ވަރަށް ކަމުދޭ، އެކަމަކު މިދިމާވީ މާލަސްވިފަހުން....." އަޒުރާ ޝިޔާޒުގެ މޭގައި މޫނު ފޮރުވާލިއެވެ. ޝިޔާޒު ބޮޑުއަށިމަތިން ފޭބިގޮތަށް އަޒުރާ އެބާރުގަދަ އަތުގެތެރޭ އުފުލާލިއެވެ. އަދި ގޮސްވަނީ އަޒުރާގެ ކޮޓަރިއަށެވެ.
ފަތިހުގެ ކޮވެލީގެ އަޑުއިވެންވިއިރު ގޭތެރެވަނީ ހަމަހިމޭންވެފައެވެ. އަޒުރާގެ ގާތުގައި އޮތް ޝިޔާޒުވެސް އޭރު ނުކުމެގެން ހިނގައްޖެއެވެ. އެހެންނަމަވެސް އަޒުރާގެ ލޮލަކަށް ނިންޖެއް ނާދެއެވެ. އޭނަގެ ބޮލުގައި އޭރުވެސް އެއްވަރަކަށް ރިހުން ނުކެނޑި ތަދުވަމުންދިޔައެވެ. ނުތެދުވަން އޮތް އަޒުރާ ތެދުވީ ބޭސްގުޅައެއް ހޯދާށެވެ. ރީތިވާ މޭޒުގެ ވަތްގަނޑުން ޕެނެޑޯލް ގުޅައެއް ނެގުމަށްފަހު އެނދުކައިރީ ހުރި ފެންފުޅިނަގާ ބޭސްގުޅަ ކާލިއެވެ. އެއަށްފަހު ކުޑަވަގުތުކޮޅަކަށް އެނދުގައި ޖައްސާލައިގެން އޮތުމަށްފަހު، އަޒުރާ ކޮޓަރީގެ ދޮރުހުޅުވާލާފައި ނުކުތީ ޔަޒާން ކޮބާތޯ ބަލާލުމަށެވެ. އޭނަ ކިތަންމެ ބޭނުންވިޔަސް ޝިޔާޒު ލިބޭކަށް ނެތެވެ. އޭނަ އަޒުރާގެ ހަޔާތަށް އެއްގޮތަކަށްވެސް އަންނާކަށް ބޭނުމެއްނުވެއެވެ. އޭނަގެ ގާތުގައި ދެގޮތެއްނުވެ ހުންނާނީ ޔަޒާން ކަމަށް ވިސްނުނެވެ. އަޒުރާ ދޮރުން ނުކުންނަމުން އޭނަގެ ހަށިގަނޑަށް ބަލާލިއެވެ. އެހަށިގަނޑުގައި އެންމެ ކުރީގައިވި ޖޯޝާ ބާރެއް މިހާރަކު ނެތެވެ. ދުވަސްތައް މާޒީވެ ދާވަރަކަށް އޭނައަކީވެސް މުސްކުޅިވާނެ މީހެއްކަން އަޒުރާއަށް އެނގެއެވެ. އޭނަ އެންމެ ބިރުގަންނަނީ އެހެންވެ. އެދުވަހަކުން އޭނަ އެކަނި އުޅެން ޖެހިދާނެތީއެވެ.
އަޒުރާގެ ސިކުނޑީގައިވި ބިރުވެރި ހިޔާލުތައް ދުރުކޮއްދިނީ އޭނައަށް އިވުނު އަޑަކުންނެވެ. އެއީ ކޮންކަހަލަގެ އަޑެއްކަން އަޒުރާއަށް ވަގުތުން ނަގައިގަނެވުނެވެ. އަޒުރާ ހީކުރީ ނަދީމާމެން އަދިވެސް ނުދަނީ ކަމަށެވެ. ޔަގީނުންވެސް އަޒުރާގެ ކަންފަތަށް ފަނޑުކޮށްނަމަވެސް އިވެމުންދިޔައީ ޔަޒާންގެ އަޑެވެ. އަވަސް ފިޔަވަޅުތަކުގައި އަޒުރާ އެކޮޓަރި ކައިރިއަށް ގޮސް ހުއްޓުނެއްކަމަކު ދޮރުގެ ތަޅުގައި ހިފާ ހުޅުވާލީ ވަރަށްވެސް މަޑުމަޑުންނެވެ. ކުޑަކުޑަކޮށް ހުޅުވާލި ދޮރުން އަޒުރާ އެންމެ ފުރަތަމަވެސް ބަލާލީ ޔަޒާންގެ އެނދަށެވެ. އެތަނުގައި ޔަޒާންއެއްނެތެވެ. އަޒުރާ ކުރިއަށްވުރެ ބޮޑަށް ދޮރުހުޅުވާލި ވަގުތު އޭނަގެ ދެލޯ ބޮޑުވެގެންދިޔައެވެ. އަޒުރާއަށް ހަޅޭލަވައިގަނެވެން އުޅުނެވެ. އެހެންނަމަވެސް އަވަސް އަވަހަށް އަނގަމަތީ އަތްއެޅުމަށްފަހު ކޮޓަރި ދޮރުލެއްޕިއެވެ. އޭނަ ދުވަމުން ކަހަލަ ގޮތަކަށް ގޮސް އޭނަގެ ކޮޓަރިއަށްވަދެ ދޮރު ތަޅުލިއެވެ.
އެތަށް އިރެއް ވީއިރުވެސް އަޒުރާއަށް ހަމައަކަށް ނޭޅެވުނެވެ. އެއީ ހަމަ ޔަޒާން ބާއޭ ގަބޫލުކުރަން އޭނައަށް އުނދަގޫވަނީއެވެ. ޔަޒާން އެވަރުގެ ބޮޑު އޮޅުވާލުމެއް އޮޅުވާލަން ކެރުނީތީ އޭނަހުރީ އެކަމާ ރުޅި އައިސްފައެވެ. އަނެއްކޮޅުން ލައިބާދެކެ އައި ރުޅިވެސް މަޑެއްނޫނެވެ. ތަޅާ ތަޅާ މަރާލަންވިއްޔޭވެސް އަޒުރާގެ ހިތްބުނަމުންދިޔައެވެ. އޭނައަށް އެއްވެސް ކަމެއް ރަނގަޅަކަށް ނުވިސްނެއެވެ. މީހާ ތުރުތުރު އަޅަން ފެށުމުން އެނދުގައި އިށީނެވެ. އެހެންވެސް އޭނައަކަށް ނީދެވުނެވެ. ފުއްމައިގެން ތެދުވިގޮތަށް އަތުގައި ހުރިބާރަކަށް ދޮރުހުޅުވާލަމުން ޔަޒާންގެ ނަމުން ހަޅޭލަވައިގަތެވެ.
އަޒުރާގެ އަޑުއިވުނު ހިނދު އެނދުކައިރީ ކޮޅަށްހުރި ޔަޒާންއަށްވުރެ ބޮޑަށް ތަޅުންގަނޑުމަތީއޮތް ލައިބާ ތެޅިގަތެވެ. އަދި އަވަސް އަވަހަށް އޭނަ ތެދުވިއެވެ. ޔަޒާން އަވަސްވެގަތީ އަޒުރާގެ ގާތަށް ދާށެވެ. އެހާ ހެނދުނާ މީގެ ކުރިން ދުވަހަކުވެސް އަޒުރާގެ އަޑު އެގޭތެރެއިން އިވިފަކައިނެތެވެ. ޔަޒާންއަށް އަޒުރާގެ ކޮޓަރި ދޮރުމައްޗަށް އެރުނުއިރު އޭނަގެ މޫނުމަތިންވެސް ކަންބޮޑުވުން ފެނިގެންދިޔައެވެ. އަޒުރާގެ ރަތްވެފައިވާ މޫނާ ރުޅިވެރިކަމުން ފުރިފައިވާ ދެލޮލާއެކު ގޮއްޖަހާލެވިފައިވާ ދެބުމަފެނި ޔަޒާންގެ ހަތަރެސްފައިވެސް ރޫރޫ އަޅާލިހެން ހީވިއެވެ.
"ކަލެއަށް ހަމަ ނޭގުނީތަ ތިނޫން ކަމެއްކުރަން، ބަލަ އެއީ ކަލޭގެ... ލަދެއްނެތި މަށަށް ދޮގުވެސް ހަދައިފިއޭ..." އަޒުރާ ދޮރުމަތީ ހުރި ޔަޒާން އާއި ދިމާލަށް އެދިޔަބާރުމިނުގަ ގޮސް އޭނަގެ ކަންފަތްމަތީ ޖަހައިފިއެވެ.
"އޭ........ތަދުވެޔޭ........ކިޔާ އެއްޗެއް ކިޔާބަލަ އަނގައިން....އަހަރެން އަޑު އަހާފާނަމޭ" ވީތަދުން ޔަޒާން ގެ ގާތަށްވެސް އައީ ރުޅިއެވެ. އޭނައަކީވެސް މިހާރު އެގާރަ ބާރައަހަރުގެ ކުޑަކުއްޖެއް ނޫނެވެ. އަތްފައިގައި މިއަދު ބާރު އެބަހުއްޓެވެ. އުމުރުން ސޯޅަ އަހަރު ފުރި މިހާރު މިއޮތީ ސަތާރަ އަހަރަށެވެ. ޔާޒާންގެ ހަށިގަނޑުވެސް ކުރީގަހާ ނިކަމެއްޗެއްނޫނެވެ. ދިގު އިސްކޮޅެއް ލިބިފައިވާއިރު އަޒުރާގެ ގާތުގައި އޭނަ ހުންނައިރު އޭނަގެ ކޮނޑާއި ހަމައަށް އަޒުރާގެ ބޯއަރަނީ ކިރިޔާއެވެ.
"މަށަށް ގޮތްކިޔާދޭންތަ ތިއުޅެނީ، ބަލަ އަހަރެން ބޭނުމިއްޔާ ޖަހަންވެސް ޖެހޭނެ...އަހަރެންނޭ ކަލޭމެން ބަލާ ތިވަރު ކުރީ، އަހަރެން ބޭނުންކަމެއް ކުރެވިދާނެ..." އަޒުރާ އަނެއްކާވެސް ޔަޒާން އާއި ދިމާލަށް އަތްމަޅާލިއެވެ.
ޔަޒާން ބަލަން ނުހުރެ އޭނަގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. އަޒުރާ އޭނަގެ ފަހަތުން ހަޅޭލަވަމުން ދިޔައެވެ. އެމީހުންނަށް ކޮޓަރިއަށް ވަދެވުނުއިރު ލައިބާ އިނީ އެނދުގައި އިށީނދެލައިގެންނެވެ. މޫނުމަތިންނާއި އިސްތަށިގަނޑުން އޭނަ ފެންވަރައިގެން ނުކުތީ ދެންމެ ކަން އެނގެންހުއްޓެވެ. ޔަޒާން ކޮޓަރިއަށް ވަތްގޮތަށް އޭނަގެ އެނދުމައްޗަށް ވެއްޓިގަނެ ބޮލުގައި ބާލީސް އަޅާ ދެކަންފަތް ނިވާކުރިއެވެ. އެހުރިހާ ކަމެއްގެ ސަބަބުން ރުޅި ގަދަވަމުންދިޔަ އަޒުރާއަށް ލައިބާ ފެނުމުން ހީވީ އަލިފާނަށް ތެޔޮއުކިހެންނެވެ. ދަތްކުނޑިވިކަމުން އައިސް އޭނަ ހިފީ ލައިބާގެ އިސްތަށިގަނޑުގައެވެ. އެހިފިގޮތަށް ހިފާ ދަމައިގަތްގަތީނުން ލައިބާ ތަޅުންގަނޑު މައްޗަށް ވައްޓާލިއެވެ. އަދި ފައިކުރުކޮއްލަމުން ލައިބާގެ ގައިގާ ފައިންތަޅައިގަތެވެ. އެވަރުން ނުފުދިގެން އޭނަގެ އަންނައުނު ވީދާ ކުދިކުރަންވެސް އޭނަ މަސައްކަތްކުރަމުންދިޔައެވެ. އެހެންނަމަވެސް ދެމޭފޮއްޗަށް ވުމާއިއެކު އިރާލުން އެހާ ފަސޭހަކަމަކަށް އަޒުރާއަކަށް ނުވިއެވެ. އެކަމާވެސް އޭނަގެ ރުޅިވީ ގަދައެވެ.
ލައިބާގެ ބިރުވެރި ހަޅޭކުގެ އަޑު މުޅި ކޮޓަރިތެރެއަށް ފެތުރިގެން ދިޔައެވެ. އަޒުރާ އޭނަގެ ހަތަރެސްފައިން މޮޔައަކުހެން ލައިބާގެ ގައިގާ ތަޅަނީއެވެ. އެކުއްޖާގެ ގައިން ހަންދަމާލަން އުޅޭކަހަލައެވެ. އެނދުގައި އޮތް ޔަޒާންއަށް ކަންފަތުގައި ބާލީސް އަޅައިގެނެއް ނޯވެވުނެވެ. އޭނަ ފުންމައިގެން އައިގޮތެއް ނޭގުނެއެވެ. ކުއްލިއަކަށް ފެނުނީ އަޒުރާ ދުރަށް ކޮއްޕާލިތަނެވެ.
"ކަލޭ މޮޔަވީތަ، ތިހެން ނުހަދާ އޭނަ މަރާލަން ބޭނުންވަންޏާ އެއްފަހަރުން މަރާލަންވީނު، ކަލޭގެވެސް ބޮލަށް ފަސޭހަވާނެއެއްނު، އޭރުން ކަލެއަށް އަހަރެންވެސް..." ޔަޒާން ތަޅުންގަނޑުމަތީ ދެމިފައިއޮތް ލައިބާގެ ކުރިމަތީ ހުއްޓިހުރެ ވާހަކަދެއްކިއެވެ.
"ދުރައްދޭ މަގޭ ކުރިމަތިން، ކަލޭމެން ދެމީހުން ރާވައިގެން ކުރާ ކަމެއްކަން ޔަގީން މިހާރު....ކަލޭގެ ދަރިއަކަށް ދޯ އޭނަ ބަލިވެ އޭނީ، ބޯހަލާކު...ހިތަކަށް ނޭރިތަ އެއީ ކަލޭގެ ކޮއްކޮ ކަމެއް..." އަޒުރާގެ ވާހަކަތައް ޔަޒާން މެދުކަނޑާލިއެވެ.
"އާ ވަރަށް ރަނގަޅު....ތިހެން ބުނަން އެންމެ ރަނގަޅީ ކަލޭ.....ތީ މަގޭ މަންމަ... މަންމަ އަކު ދަރިމަތިން ހަދާންނައްތާލިއިރު އަހަރެންނަށް އެއީ އަހަރެންގެ ކޮއްކޮކަން ހަނދާންނައްތާލާކަށް އެއީ އުނދަގޫކަމަށް ނުވާނެއެއްނު، އެހެންނޫނަސް މަށެއް ނުދެކެން މިހާރު މަގޭ މަންމައަކު ހުންނަކަމެއް..." ޔަޒާން ލައިބާއަށް ބަލާލަމުން އަޒުރާއަށް ބަލާލިއެވެ.
އަޒުރާ ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. މިއަދު އޭނަ އާއި އިދިކޮޅަށް ބަސްބުނަމުން އެދަނީ ހަމަ ޔަޒާން ބާއޭ އޭނަގެ ހިތަށް އަރަމުންދިޔައެވެ. އަޒުރާ ރުޅިއައިސް ފުފިފާ ހުރެގެން އެކޮޓަރިން ނުކުމެގެން ދިޔައީއެވެ. އެއާއެކު ޔަޒާން ލައިބާއަށް ބަލާލިއެވެ. އޭނަ ގުޑިވެސް ނުލާ ރޯލަ ރޯލާ ތަޅުންމަތީ އޮތެވެ. ޔަޒާން އަނެއްކާވެސް އޭނަގެ އެނދުގައި އިށީނެވެ. އަދި ލައިބާ އާއި ސުވާލު ކުރަންފެށިއެވެ.
"ކީއްވެ މަގޭ ކައިރީ ނުބުނީ" ޔަޒާން ސުވާލު ކުރީ ކޮންކަމަކާކަން ލައިބާއަށް އެނގުނެވެ.
"ކީއްކުރަން ބުނަނީ، މިގޭ މީހުން ކައިރީ އެއްވެސް ވާހަކައެއް ބުނެގެން އަޑުއަހާތަ" ލައިބާ ރޮމުން ރޮމުން ބުންޏެވެ.
"އެހެންވިޔަސް ބުނަން ޖެހޭނެ" ޔަޒާންވެސް ރުޅި މަޑެއްނުވެއެވެ.
"މީ ކަލެއާ ހެދި ވީގޮތެއް...އަހަރެން އަމިއްލައަށް ކުރިކަމެއްނޫން މީ، ކަލެއާ ހެދި އެމީހުން ބުނަނީ އަހަރެންގެ ބަނޑުގަ ކުއްޖަކު އެބައޮތޭ" ލައިބާ ގިސްލަމުން ކަހަލަގޮތަކަށް ވާހަކަދައްކަން މަސައްކަތްކުރިއެވެ. އޭނަގެ އަޑު ބައެއް ފަހަރަށް ގަދަވެފައި ގިސްލުމާއިއެކު ހިނދިގެން ދެއެވެ.
ޔަޒާން އޭނަގެ އެނދުގައި މުއްކަވާފައި ޖެހުމަށްފަހު ތެދުވެގެން އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އޭރު އޭނަގެ އަތުގައި، ދޮރުން ނުކުންނަމުން ހަރުގަނޑުން ދަމައިގަތް ޓީޝާރޓުއޮތެވެ. އެހެން އެއްވެސް ކަމަކާ ފަރުވާލެއްނެތި އޭނަބެލީ އެގެއިންވެސް ނުކުމެވޭތޯއެވެ. އެކޮޓަރިން ނުކުމެގެން ދިޔަ އަޒުރާ އެނބުރި އައީ ބޮޑުވަޅިއެއް ހިފައިގެންނެވެ. ގުޑިލަން ނުކެރިފައި އޮތް ލައިބާއަށް ބިރުން ތެޅިގަނެވުނެވެ.
"ތިހެން ނުހަދާ...އާދޭސްކޮއްފަ މިބުނީ، ތިހެން ނުހަދާ..." ލައިބާ ބާރަށް އަނެއްކާވެސް ރޯންފެށިއެވެ.
އަޒުރާ ބަލާލުމެއްނެތި ލައިބާގެ އިސްތަށިގަނޑުގައި ހިފާ ވަޅިކާތަމުން އިސްތަށިތައް ބުރިބުރި ކުރަމުންދިޔައެވެ. ލައިބާ ތެޅިފޮޅެނީއެވެ. އެހެންނުހެދުމަށް އެދި އާދޭސްކޮށް އަޒުރާގެ އަތް ހުއްޓުވަން އުޅުނެވެ. އެހެންއުޅުމުގެ ތެރޭ ވަޅީގެ މިޔަދޭތެރެއަށް ވަތް ލައިބާގެ އަތްތިލައިން ފޮއްޗަކަށް ބައެއް ކަފައިގެން ގޮސް ލޭއަންނަންފެށިއެވެ. އެވަރުންވެސް އަޒުރާ ހުއްޓައެއްނުލައެވެ. އޭނަ ހުއްޓާލިއިރު ލައިބާގެ ބޮލުގައި އިސްތަށި ހުރީ ތަންތަންކޮޅުގައެވެ. އެވެސް ކިރިޔާ ހުރިކަމެވެ. އަނެއްބައި ތަންތަންކޮޅުން ބޮލުގެ ހަންގަނޑު ފެންނަން ހުއްޓެވެ. އަދި ބޮލުގެ ތަންތަންކޮޅުންވެސް އޭރު ލޭއަންނަމުން ދިޔައެވެ.
"ދެންކަލޭ އޮވޭ.... މަވަރުގެ ނުބައި މީހެއް ނުފެނިގެން ކަލޭ ތިއުޅެނީ...." ލައިބާ އާއި ދިމާލަށް ގުދުވެއޮތް އަޒުރާ މާނޭވާ ލަމުން ތެދުވިއެވެ. އަދި ލައިބާއަށް ބަލަން ހިނދުކޮޅަކު ހުރުމަށްފަހު އޭނަ އާއި ދިމާލަށް ކުޅުޖަހާފައި ނުކުމެގެން ހިނގައްޖެއެވެ. ކުރިއަށްވުރެ ބާރަށް މިހާރު ލައިބާ ރޮމުންދިޔައެވެ. ބާރު ބާރަށް ލުބާއަށް އޭނަ ގޮވަން ފެށިއެވެ. އޭނައަށް އެހީތެރިވުމަށް އެދިއެވެ. މިއަދު އޭނަ ދުވަހަކުވެސް ލުބާއަށް ބޭނުންނުވާވަރަށް ބޭނުންވެއެވެ. އެންމެ ފަހަރަކު ނޫނެވެ. އެތަށް އެތަށް ފަހަރަކު އޭނަ ލުބާގެ ނަމުން ގޮވަމުންދިޔައެވެ. އެއާއެކު ކުއްލިއަކަށް މުޅި ބިންގަނޑުވެސް ހީވީ ގުޑައިގެންދިޔަހެންނެވެ. ފުރާޅުމައްޗަށް އައިސް ބޮޑު އެއްޗެއް ޖެހިގެން އަޑުއިވުނެވެ. ލައިބާގެ އަޑުބަންދުވެގެންދިޔައެވެ. އިވެންފެށިއަޑުތަކުގެ ސަބަބުންނެވެ. 
އަޒުރާ ސިޓިން ރޫމުތެރޭގައި ހުރި ފުޅިތައް ބަލަމުންދިޔައެވެ. ރޭގައި ގެނައިތަނުން އެތިފޮދެއް އެއިން ފުޅިއެއްގައި ބާކީވިތޯ ބެލުމަށެވެ. އޭނަގެ ނަސީބުވެސް ރަނގަޅީއެވެ. އަޝްހަރު ގެނައިތަނުން ހަމަ އެންމެ ފުޅިއެއްބާކީވެފައި އިނެވެ. އަޒުރާ ހީވީ އެތަށް ދުވަހެއްވަންދެން ކަރުހިއްކައިގަނެފައިވާ މީހެއްހެންނެވެ. އޭނަ ފުޅި ނެގިގޮތަށް ތުނބުގައި ޖެހިއެވެ. އަދި ދެލޯ މަރާލުމާއިއެކު އެއްފަހަރާ ދެތިން ކޯވަރު ބޯލިއެވެ. އަޒުރާ ހަމަނޭވާ ލީވެސް ދެނެވެ. އޭނަ އެތެރެގޭ ދޮރުހުޅުވާލިއެވެ. އޭރު ގޯތިތެރެވަނީ އިރުގެ އަލިން ދޮންކޮއްލާފައެވެ. ގަޑިން ހަތްގަޑިބައިވެ އަށެއްޖަހަނީއެވެ. އަޒުރާ ބަދިގެ ފަރާތަށް ނުކުތީ ހަމަވައިލިބި މީހާ ހަމައަކަށް އެޅުމަށެވެ. ދެވަނަ ފަހަރަށް ތުނބުގައި ޖަހަން ފުޅި ނެގިތަނާހެން އޭނަގެ އަތުގައިވެސް ލޭހުއްޓައި ފެނުނެވެ. އަވަސް އަވަހަށް މުޅިއަތަށް ބަލާލެވުނެވެ. އެކަމަކު އެއީ އޭނަގެ ލެއެއްނޫނެވެ. ޗޮކެއް ކަނޑާލުމާއިއެކު އޭނަ ފުޅީގައި ތުންޖެހިއެވެ. 

ކޮމެންޓް 0