"މީރުތަ؟" ޔަޒާން ލައިބާ ކާން އިންގޮތުން އަހާލިއެވެ. އެއާއެކު ލައިބާ ބޯޖަހާލި އެވެ. އެވަރުން ޔަޒާން އަކަށް ނުފުދުނެވެ. ލައިބާއަށް ޖޯކެއް ކިޔާދީ ހެއްވާލަން އޭނަ ބޭނުންވިއެވެ. ކައިނިމުނުއިރުވެސް ޔަޒާންއަކަށް ލައިބާގެ ސަމާލުކަމެއް ނުހޯދުނެވެ. ކޭތަށިތަށްވެސް ދޮވުނީ ޔަޒާންއެވެ. ލައިބާއަށް އެއްވެސް ކަމެއްކުރާކަށް ނުޖެހުނެވެ.
ބަދިގެ ބޭރުގައި ދިއްލާފައިވާ އެނާޖީ ސޭވިން ބޮކީގެ ހުދުއަލި ދުރަށްފެތުރިފައިވިއެއް ކަމަކު ގަސްތަކާއި ގިފިލި ކައިރީގައިވާ ތާންގިއާ ތަންތަން ދައްކަނީ އަނދިރިކޮށެވެ. ލައިބާ އެތެރެގެއަށް ވަންނަން ދިޔައީ ޔަޒާންގެ އަތުގައި ބާރަށް ހިފަހައްޓާލައިގެން ހުރެއެވެ. ގޭތެރެއަށް ނުވަދެވެނިސް ކާޅެއް ގޮވާލިއެވެ. އެކަމާ ޔަޒާން ސަމާލުކަމެއް ނުދިނެއްކަމަކު ލައިބާ ދިޔައީ ސިއްސައިގެންނެވެ. އޭނަ ފަހަތަށް ބަލާލުމެއްނެއްތި އަވަހަށް ގޭތެރެއަށް ވަނެވެ.
"ގައިދޮވެގެން ދޯ ނިދާ އެއްޗެހި ލާނީ،" ޔަޒާން ލައިބާގެ ގާތުގައި ބުނެލިއެވެ.
ލައިބާއަށް އިތުރަށް ބުނާނެ އެއްޗެއް ނުވިސްނުނެއެވެ. ވާނެ ގޮތް ލައިބާއަށް އެނގެއެވެ. އޭނަ އެއިން ކަމެއް ބޭނުމެއްނުވެއެވެ. އެއީ ގޯސްކަމެކެވެ. ލައިބާ އެފަދަ ކުއްޖަކަށް ވާކަށް ބޭނުމެއްނުވެއެވެ. މީހުންގެ ސަމާލުކަމާއި މަލާމާތާއި މުޖުތަމައުން އެކަހެރިވެފައިވާ ކުއްޖަކަށް އޭނަ ވާކަށްބޭނުމެއްނުވެއެވެ. އޭނަ އެންމެ ލޯބިވާ ދޮންބެއަކީވެސް އެފަދަ ކަންތައްތައް ކުރާ މީހަކަށް ވާކަށް އޭނަ ބޭނުމެއްނޫނެވެ. އެކަމަކު އެހުރިހާ ވާހަކައެއް ކިޔާދޭނީ ކިހިނެތްހެއްޔެވެ.
"އާދޭ، އަވަހަށް ހެދުން..." ޔަޒާން އެނދުގައި އިށީނދެ ލައިބާއަށް އަތްދިއްކޮއްލީ އަންނާށޭ ބުނާގޮތަށެވެ. އެއާއެކު ޔަޒާން ލައިބާގެ އަތުގައި ހިފި އެވެ. 
"ދޮންބެ، ލައި އެކަނި ގައި އުނގުޅޭނެ މިހާރު،" ލައިބާގެ ބުނެލިއެވެ.
ލައިބާ ޔަޒާން އާއި ދުރަށްދިއުމަށް މަސައްކަތްކުރަންފެށުމުން ޔަޒާން ދުރަށްޖެހުނެވެ. އޭނައަށް ހައިރާންކަން ލިބުނެވެ. ކުރިއާ ހިލާފަށް ލައިބާ ބަދަލުވާންވީ އެއްވެސް ކަމެއް އޭނައަށް ނުވިސްނުނެވެ. ޔަޒާން ލައިބާ ގައިދޮވެގެން ފާހާނާއިން ނުކުންނަންދެން ބަލަން ދުރުގައި ހުރީ އެވެ. އަދި ލައިބާ ނުކުތުމުން އޭނަވެސް ފެންވަރާލައިގެން ނުކުތެވެ. މިފަހަރުވެސް ލައިބާ އޭނައާއި ދިމާލަށް ބަލާލާކަށް ނޫޅުނެވެ. ލައިބާ އަވަސް އަރުވާލާފައި ނިދާ ހެދުން ލައިގެން އޮށޮންނަން ތައްޔާރުވަނީއެވެ.
"ލައި، ދޮންބެ އާއިއެކުއެއް ނޫންތަ ނިދާނީ،" 
"ލައި އަދިވެސް ވަރަށް ބޮޑަށް ނިދިއައިސްފަ މިހިރީ... އަވަހަށް ނިދާލަން ބޭނުމީ،" ލައިބާ އެނދަށް އަރަމުން ބުނެލިއެވެ.
ޔަޒާން ކޮޓަރިން ބޭރަށް ދިއުމުން ލައިބާ ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮއްލިއެވެ. އަދި ބާލީހުގައި ބައްދާލައިގެން އޮށޯވެލިއެވެ.
ކޮޓަރި ތެރޭގައި އަޒުރާ ވާހަކަދައްކާ އަޑުއިވެމުން ދިޔައެވެ. އެހެންނަމަވެސް ޔަޒާން ފަސްޖެހުމެއްނެތި ކޮޓަރި ދޮރު ހުޅުވާލާފައި ވަނެވެ. އަޒުރާއަށް ދޮރުންވަތް ޔަޒާން ފެނުމާއިއެކު ތެދުވިއެވެ. އަދި ޔަޒާންގެ ތެތް ފަން އިސްތަށިގަނޑުން ފެށިގެން ފަޔާއި ހަމައަށް ބަލާލިއެވެ. އަދި ފޯނުން ވާހަކަ ދައްކަމުން ދިޔަ މީހާ ގާތު ހުރިހާ ކަމެއްވެސް ހަމަޖެހޭނެއޭ ބުނެ އަވަހަށް ފޯނުބޭއްވިއެވެ. ލާނެތް ގޮތަކަށް ތުންފަތުގެ ހިމަކޮޅުން ހީލިއެވެ.
"ކޮންއިރަކުން ނަދީމާމެން އަންނަނީ؟" ޔަޒާން ދެފަރާތަށް ބޯ ހޫރުވާލަމުން ބުނެލިއެވެ. އަޒުރާ ގާތަށް ޖެހިލި އެވެ. އެހެންނަމަވެސް ލައިބާގެ ސަބަބުން ޔަޒާންގެ މޫޑުވަނީ ބަދަލުވެފައެވެ.
"އެމީހުން އަންނާނެ އެއްނު އަންނަންވީމަ، އެކަމާ ޒާން އާ ކޮންކަމެއް!" އަޒުރާ ޔަޒާންގެ އަތުގައި ހިފާލަމުން ބުނެލި އެވެ.
"އަހަރެން ނިދަން މިދަނީ، ވަރަށް ނިދިއައިސްފި..." ޔަޒާން އަވަހަށް ދޮރުހުޅުވާލާފައި ބޭރަށް ދެމިގަންނަން އުޅުނެވެ. ނަމަވެސް އަޒުރާ މާހުޝިޔާރެވެ. ދޮރުގައި އަތުން ޖެހިގަތްގަތީނުން ދޮރުލެއްޕުނެވެ.
"ފަހުން އަންނާނަމޭ މިބުނީނު،" ޔަޒާންގެ އަޒުރާގެ އަތުގައި ހިފަހައްޓަން މަސައްކަތް ކުރަމުން ޔަޒާން ވާހަކަދެއްކި އެވެ.
އަޒުރާ ގަދަ ދައްކާލާފައި ޔަޒާންގެ ތުވާލީގައި ހިފެހެއްޓި އެވެ.
"މަށެއް..." ޔަޒާން ނުރުހުނެވެ. އެ އަޑެއް އަޒުރާ ނާހައެވެ. އަޒުރާ ޔަޒާންގެ އަތުގައި ހިފައި އެނދާ ދިމާލަށް ކޮއްޕާލި އެވެ.
ނުރުހިފައި ހުރެވެސް ޔަޒާނަކަށް ކުރެވުނު ކަމެއް ނެތެވެ. ދެއްކޭނެ އިތުރު ބާރެއްނެތެވެ. މަޖުބޫރު ވެގެނެވެ. އަޒުރާގެ ކަންތައްތައް ހުރިގޮތުންނެވެ. އެހެންވެ މޫޑު ނެތަސް މޫޑު އަންނަން މާގިނައިރެއް ނުނެގިއެވެ. 
ޔަޒާން ގޮސް ފެންމާގަނޑު ދަށުގައި ހުރެ ފުރަތަމަ ފަހަރަށް ވިސްނައިލި އެވެ. އޭނަ އެކޮޓަރިއަށް އައީ ލައިބާގެ ގާތުގައި ވަގުތު ހޭދަކޮއްލުމުގެ ހިޔާލުގައި ހުރެފައެވެ. އެހެނަސް ވަކިތަކުން ސަލާމަތް ވުމަކީ ވާނެކަމެއް ނޫންކަން ވިސްނުނެވެ. އޭނަ ސިހިފައި ހިޔާލީ ދުނިޔެއިން ނުކުތީ އޭނަގެ ގައިގާ އަޒުރާގެ އަތްތިލަ ޖެހުމުންނެވެ.
"މަ މިދަނީ ނިދަން،" ޔަޒާން ފެންމާގަނޑު ބާރު ކޮއްލުމާއިއެކު ބުނެލި އެވެ.
އަޒުރާގެ އެއްވެސް ސުވާލަށް ޖަވާބެއް ނުދީ ޔަޒާން އެކޮޓަރިން ނުކުތުމަށް އަވަސްވެ ގަތެވެ. އަޒުރާ ތުން އަބުރާލައިގެ ހުއްޓެވެ.
ކޮޓަރިއަށް ވަދެ ދޮރުލައްޕާ ތަޅުލުމަށްފަހު ޔަޒާން އޭނަގެ އެނދުގައި އިށީނެވެ. ހަމަޖެހުމުގެ ނޭވާއެއް ލުމާއިއެކު ކުރިމަތީ ހުރި އެނދުގައި ނިދާފައި އޮތް ލައިބާއަށް ބަލާލި އެވެ. ޔަޒާން އޭނަގެ އިސްތަށިގަނޑުގައި އަތް ހާކާލި އެވެ. ދެފަރާތަށް ބޯހޫރުވާލުމަށްފަހު އެނދަށްއަރާ އޮށޯވެއްޖެއެވެ. ވެފައިހުރި ވަރުބަލިން އޭނައަށް ނިދޭކަށް މާގިނައިރެއް ނުނެގިއެވެ.
"މިހާރު ލައި ކިހިނެތްތައް؟" ޝިޔާޒު އަޒުރާގެ ފަންއިސްތަށިގަނޑާއި ކުޅެމުން އަހާލިއެވެ.
"ރަނގަޅުވީމައެއްނު ޑޮކްޓަރު ގެއަށް ފޮނުވާލީ،" އަޒުރާ ޖަވާބުދިނީ ރުންކުރު ގޮތަކަށެވެ. ޝިޔާޒުވެސް އަޒުރާގެ ޖަވާބު އައިގޮތުން އިތުރަށް އެކަމާއިގުޅިގެން ވާހަކައެއް ދައްކަން ބޭނުންނުވިއެވެ.
"އޭ ކޮބާތަ ޒާން..." މިޒްނާ ފައިހަރުނުލާ ފަދަ ގޮތަކަށް ހިނގަމުން އައިސް އަޒުރާމެން ތިބި ދިމާ ބޮޑު އަށިމައްޗަށް ޖެހިގަންނަމުން އަހާލިއެވެ. އޭރު އޭނަގެ އަނގައިގައި އެއްވެސް ވަރެއްނެތެވެ.
"އޭނަ މިރޭ ވަރުބަލިވެގެން ނިދާފަ އޮތީ،" އަޒުރާ ބުނެލިއެވެ.
"ހާދަ ދެރައޭ، އަހަރެން ޔަޒާނަށް ގޮވާލަންތަ؟" މިޒްނާ ދެލޯހުޅުވައިގެން ހުންނަން މަސައްކަތްކުރާފަދަ ގޮތަކަށް އަނެއްކާވެސް ވާހަކަދެއްކި އެވެ.
"ނޫން، އެކޮޓަރިއަށް ވަންނާނެ ކަމެއްނެތް، ލައިބާ ނިދާފަ އޮންނާނެ،" ކުއްލިއަކަށް އަޒުރާ ބުނެލިއެވެ.
މުޅި ރޭ ނިމިގެން ދިޔައީ އެހެންރޭ ރޭފަދަ ރޭތަކެކޭ އެއްގޮތަށެވެ. އަޒުރާ އޭނަގެ ރަޙުމަތްތެރިން ނުކުމެގެން ދިއުމާއިއެކު ބޭރު ދޮރުތަޅުލާފައި އޭނަގެ ކޮޓަރިއަށް ދަމުން ޔަޒާން އާއި ލައިބާ ނިދާފައިތިބި ކޮޓަރި ދޮރުހުޅުވާލިއެވެ. އޭރު ބިއްދޮށަށް އެނބުރި ލައިބާ ނިދާފައި އޮތެވެ. އަދި ޔަޒާން ވެސް ނިދިފައި އޮތެވެ.. ކުޑައިރުކޮޅަކު ޔަޒާންއަށް ބަލަން ހުރުމަށްފަހު އަޒުރާ ގޮސް އޭނަގެ ކޮޓަރިއަށްވަނެވެ.
ހެނދުނު އަށެއްޖަހަން އުޅެނިކޮށް ލައިބާއަށް ހޭލެވުނެވެ. އޭރު ކޮޓަރިތެރޭގައި އެކަކުވެސް ނެތްކަން އެނގި ހޯދާލެވުނީ ފާހާނާގައި ޔަޒާން އުޅެދާނެކަމަށެވެ. އެނދުން ތެދުވެގެން ގޮސް ފާހާނާ ބަލާލިއިރު އެތާކުވެސް ޔަޒާންއެއް ނެތެވެ. ލައިބާ ކޮޓަރިން ބޭރަށް ބޯދިއްކޮއްލިއެވެ. މުޅި ގޭތެރެއަށްވަނީ ހަމަހިމޭންކަން ފެތުރިފައެވެ. ބޭރު ދޮރު ހުރީ ލައްޕާފައެވެ. ލައިބާއަށް ޔަޒާން ސްކޫލަށް ދިޔައީކަން ޔަގީންވިއެވެ. މިއަދު އޭނަވެސް ސްކޫލަށް ދާން ޖެހޭނެކަން އެނގޭތީ އެކަމާ ކަންބޮޑުވިއެވެ. އޭނަ ސްކޫލަށްގޮސް ކިޔަވާ މޮޅުކުއްޖަކަށްވާހިތްވެއެވެ. އެކަމަކު ޓީޗަރުން ކުރާ ސުވާލުތަކުންނާއި އެމީހުން ލައިބާއަށް ބަލާގޮތް އޭނައަކަށް އެއްގޮތަކަށްވެސް ކަމަކު ނުދެއެވެ.
މެންދުރު ލައިބާ ފެންވަރާލައިގެން ނުކުމެ ޓީވީ ބަލަން ބޮޑުއަށިމަތީގައި އޮއްވަ ގެއަށް ނުދަންނަ ފިރިހެނަކު އައެވެ. އިސްކޮޅުން ކުރުކޮށްހުރި ބޮޑު ދެލޯލާފައި އަޑުބަރު މީހެކެވެ. އޭނަ އައީ އަޒުރާ އާއި ބައްދަލުކުރުމަށެވެ. ލައިބާ އަވަސް އަވަހަށް ބޮޑުއަށިމަތިން ފައިބައިގެން ގޮސް އަޒުރާގެ ކޮޓަރީގައި ޓަކިދިނެވެ.
"ކިހިނެތްވީ؟" އަޒުރާއަށް އެއީ ލައިބާކަން އެނގުމުން ބުނެލިއެވެ. އެހެންނަމަވެސް ވަކިއެއްޗެއް ލައިބާ ނުބުނެ ހުރެ ކޮޓަރި ދޮރުގައި ޓަކިދެމުން ދިޔައެވެ. އަދި ގޭ ދޮރުމަތީ ހުރިމީހާއަށް ދޭތެރެއަކުން ބަލައެވެ.
އަޒުރާ ކުއްލިއަކަށް ދޮރުހުޅުވާލުމުން ލައިބާ ދިޔައީ ސިއްސައިގެންނެވެ. އަޒުރާގެ ރުޅިވެރި މޫނުފެނިފަވެސް ލައިބާއަށް ފަސްޖެހެވުނެވެ. އެކަމަކު ހަމައެވަގުތު އަޒުރާއަށް ގޭ ދޮރުމަތީ ހުރި ފިރިހެން މީހާ ފެނުމުން އެމޫނުމައްޗަށް ހިނިތުންވުން ވެރިވެގެން ދިޔައެވެ. އަޒުރާ ލައިބާގެ ކޮނޑުގައި ހިފާ ބޮޑުއަށްޓާ ދިމާލަށް ކުޑަކޮށް ކޮއްޕާލަމުން ހެވިފައި ދޮރުމަތީ ހުރި މީހާއަށް އެތެރެއަށް އައުމަށް އެދުނެވެ. ލައިބާ ދުރަށް ހިނގައިގަންނަމުން ދިގު ނޭވާއެއް އެތެރެހައްޓަށް ދަމާލެވުނީ އަޒުރާގެ ހަށިގަނޑުން ދުވި މީރުވަހުގެ ސަބަބުންނެވެ. ލައިބާ ބަލަބަލާ ހުއްޓާ އެމީހާ އަޒުރާގެ ކޮޓަރިއަށް ވަނެވެ. ދެން އިވެންފެށީ ކޮންމެވެސް ލަވައެއްގެ އަޑެވެ.
"ލައި...މިއަދު ކިހިނެތްތަ؟ ކޮބާ މަންމަ" އިސްކޫލުން ގެއަށް އައިސްވަތް ޔަޒާންއަށް ބޮޑުއަށިމަތީ ޓީވީ ބަލަން އޮތް ލައިބާ ފެނުމާއިއެކު އަހާލިއެވެ. އޭނަ ހުރީ ވަރަށް ހޫނުވެ ދާހިތްލާފައެވެ.
ލައިބާ ވަކި އެއްޗެއް ނުބުނެ ހިނިތުންވެލުމާއިއެކު ޔަޒާން އޭނަގެ ކޮޓަރިއަށްވަނެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭ ޔަޒާން ލައިބާއަށް ގޮވާލިއެވެ. އެއަޑަށް ލައިބާ އައިސް އެކޮޓަރިއަށްވަނެވެ.
"ދޮންބެ އަންނަންވާއިރަށް މާރީތިވެލައިގެން ތިއޮތީ އަނެއްކާ ފެންވަރައިފިންތަ" ޔަޒާން އާދައިގެންމަތިން ފެންވަރަން ތައްޔާރުވަމުންދިޔައެވެ.
"ހޫމް... މިއަދު ލައި އެކަނި ފެންވަރާލީ، މަންމަވެސް ބުނެއެއްނު ލައިއަކީ މިހާރު ބޮޑުކުއްޖެކޭ، ދޮންބެ އަދިވެސް އުޅެނީ ލައި ކުޑަކުއްޖަކަށް ހަދައިގެން، ލައިއަށް މިހާރު ނައިން އިޔާސް ވެއްޖެއެއްނު" ލައިބާ އޭނަ ބޮޑުވެއްޖެކަން އަންގާދޭން އުޅޭފަދައެވެ.
"ހެ ހެ ހެ... އެކަމަކު އަދިވެސް ދޮންބެގެ ކޮނޑާ ހަމައަށްވެސް ލައިގެ ބޯ ނާރާ، ތީ އަބަދުވެސް ދޮންބެގެ ކުޑަކުޑަ ލައި، ކޮބާ މަންމަ، އަދިވެސް ނިދާފަތަ؟ ލައި މިއަދު އެއްވެސް އެއްޗެއް ކައިފިންތަ؟" ޔަޒާން ފާހާނާއަށް ވަންނަން ދަމުން އަހާލިއެވެ.

ކޮމެންޓް 0