އަޒުރާ ހައްވަދައިތަ ބަދިގެ ފަރާތަށް ނުކުމެ އުޅޭތޯ އެގޭ ފާރުބުރިމަތިން ބަލާލިއެވެ. އަދި ދެފަހަރަކު ހައްވަދައިތައަށް ގޮވާލުމުންވެސް ހިލަމެއް ނުވިއެވެ. އަޒުރާ ފަރުވާކުޑަގޮތަކަށް އައިސް އޭނަގެ އަތުގައި މިހާރު ހުސްވެފައި އޮތްފުޅި ކުނި ގޯންޏަށް ލިއެވެ. އެވަގުތު ގަސްތަކުގެ ތެރެއިން އެއްޗެއް ވެއްޓުނު އަޑުއިވި އެދިމާ ބަލާލިއެވެ. ބޮޑަށް ހީވީ ރުކުން ކުރުނބައެއް ވެއްޓުނު ހެންނެވެ. އަޒުރާ މާބޮޑު ކަމަކަށް ނުހަދާ ހިނގައިގަތީ ގޭތެރެއަށް ވަނުމަށެވެ. އެވަގުތު ކުންނާރު ގަހުގައި އަޅާފައި ހުރިއްޔާ ހުރި ކުންނާރެއް ގަސްތެޅިލުމާއިއެކު ބިންމައްޗަށް ވެރުނެވެ. އެއަޑުއިވި އަޒުރާއަށް ފަސްއެނބުރި ބަލާލާނެ ވަގުތެއް ނުލިބުނެވެ. ކޮންމެވެސް މީހަކު އޭނަގެ ހުޅިޖަހާލެވިފައިވާ އިސްތަށިގަނޑުގައި ހިފާ މައްޗަށް ވާގޮތަށް ވާންކޮއްލިއެވެ.
"ކާކު...އައްދޯއި" އަޒުރާއަށް ކުއްލިއަކަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ.
ކުއްލިއަކަށް އަޒުރާގެ އަނގަމަތީ ނުފެންނަ އަތަކުން އަތްއަޅާ ހިފަހައްޓާލިއެވެ. އޭރު އަޒުރާގެ އިސްތިށިގަނޑަށް ދިޔައީ ފަހަރަކަށްވުރެ ފަހަރެއް ވާންވަމުންނެވެ. އަޒުރާ ފައިގެ އިނގިލިތަކުގެ ކޮޅުޖައްސަމުން ކޮރާލީ އޭނަގެ ވާންވަމުންދިޔަ އިސްތަށިގަނޑަށް ދުލެއް ލިބޭތޯއެވެ. އެކަމަކު ހީވަނީ މީހަކު އޭނަގެ އިސްތަށިގަނޑުގައި ހިފާ ބިމުން މައްޗަށް އުފުލާލަން އުޅޭހެންނެވެ. ތަދުވެގެންގޮސް އަޒުރާ ތެޅިފޮޅެނީއެވެ. އެއްފަހަރު އަނގަމަތީ އަތްހާކަމުންދެއެވެ. އަނެއްފަހަރު އިސްތަށިގަނޑުގައި އަތްލަމުން އެކަމުން ސަލާމަތްވާން މަސައްކަތް ކުރަމުންދިޔައެވެ. އޭނަގެ ހިތަށް ނޭގެ ބިރުވެރިކަމެއް ވަދެގެން ދިޔައީ އެކަކުވެސް ފެންނަންނެތީމައެވެ. އެކަމަކު އޭނަގެ އަނގަމަތީ މީހަކު ހިފަހައްޓައިގެން ހުރިކަމާއި އިސްތަށިގަނޑުގައި ހިފާ މައްޗަށް އުފުލަމުން ދިޔަކަން އޭނައަށް އިޙްސާސްވަމުންދިޔައެވެ.
ކުޑަ ހިނދުކޮޅެއްގެ ތެރޭ އަޒުރާ ބިމުން މައްޗަށް ހިއްލާލާފައި ހުއްޓެވެ. އަދި އޭނަގެ ދެލޯ ރަތްވެގެންގޮސް ހީވަނީ ނުކުމެދާނެހެންނެވެ. މުޅި މޫނުވެސް ރަތްވަމުންދިޔައެވެ. އެވަގުތު އޭނަ ހުރިގޮތް ފެންނަ މީހެއްގެ ހިތަށް ބިރުވެރިކަން ވަންނަވަރުވެއެވެ. އަޒުރާ އޭނަގެ އިސްތަށިގަނޑުގެ ބާރުގައި އެލިފައި ހުރެގެން ތެޅިފޮޅެނީއެވެ. އޭނަގެ އަނގަހުޅުވޭތަނެއް ނުފެނެއެވެ. އޭނަގެ ވަށައިގެން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެހެން ތެޅެމުންދަނިކޮށް ކުލިއަކަށް އިވުނީ ބާފޮތިގަނޑެއް ކަހަލަ އެއްޗެއް އިރާލިކަހަލަ އަޑެކެވެ. އެއާއެކު ފެނުނީ އަޒުރާ ބިންމައްޗަށް ވެއްޓުނުތަނެވެ. ގުޅައަކަށްވެއްޓުނުގޮތައް އަޒުރާ އޮތީ ގުޑިލަންވެސް ނޭގިފައެވެ. އޭރު އޭނަގެ ދެލޮލުން ކަރުނަ އައިސް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. މަޑުމަޑުން އަތްގެންގޮސް ބޮލުގައި އަތްލިއެވެ. އެއާއެކު އޭނަގެ އަތަށް އިސްތަށިތައް އައެވެ. އިންތިހާ ދަރަޖައަށް ބިރުގަނެފައިވުމުން އަޒުރާ އޭނަގެ ހަށިގަނޑުގައި ބާކީހުރިއްޔާ ހުރި ހަކަތައެއް ދެއަތަށް ލަމުން ތެދުވިއެވެ. އެހެންނަމަވެސް އޭނައަށް ރަނގަޅަށް ތެދުވެވުނީ ވެއްޓެމުން ކަހަލަ ގޮތަކަށެވެ. ބާރު ހަޅޭކެއް އަޒުރާގެ އަނގައިން ނުކުތެވެ. އޭރު އޭނަ ހުރީ ބިންމައްޗަށް ބަލަހައްޓައިގެންނެވެ. އެގޮތަށް މާގިނައިރަކު ނުހުއްޓެވެ. ދެފަޔަށް ލެވުނުހާ ބާރެއް ލާފައި އެތެރެގޭ ތެރެއަށް ދުއްވައިގަތެވެ. ބިންމަތީގައިވަނީ އަޒުރާގެ އިސްތަށިގަނޑުގެ ބޮޑުބައެކެވެ.
އަޒުރާއަށް އެތެރެއަށް ވަދެވުމާއިއެކު ދޮރުލައްޕާ ތަޅުލިއެވެ. އަދި އޭނަގެ ކޮޓަރިއަށް ވަދެ އަވަސް އަވަހަށް ޝިޔާޒުއަށް ގުޅިއެވެ. ބިރުގެންފައި ހުރިވަރުން އޭނަގެ އަޑު ތުރުތުރު ލަމުންދިޔައެވެ. އެކަމާއިހެދި ޝިޔާޒުއަށް އަޒުރާ ދައްކަމުންދިޔަ ވާހަކައެއް ސާފެއްނުވިއެވެ. ކޮންމެގޮތެއްވިޔަސް ޝިޔާޒު ފޯނު ބޭއްވީ މިއަންނަނީއޭ ބުނަމުންނެވެ. އަޒުރާ ފާހާނާއަށް ވަދެ ގަޔަށް ފެންއަޅަންފެށިއެވެ. ދެއަތް މެއާއިދިމާލުން ހުރަސްކޮއްލައިގެން ހުރިއިރު އަދިވެސް އޭނައަށް ރޮވެނީއެވެ. މިވީ ކިހިނެތްކަމެއް އޭނައަކަށް ބުނެދޭކަށް ނޭގެއެވެ. ބުނެދޭން ނޭގުމަށްވުރެ އެކަންތައްތައް ކިޔާދިނުމުން ގަބޫލު ކުރާނީ ކާކުހެއްޔެވެ. ވެގެންދިޔަ އެއްވެސް ކަމަކީ ހުދު އަޒުރާގެ ބުއްދިއަށްވެސް ގަބޫލު ކުރަންދަތި ކަންތައްތަކެކެވެ. ފެންމާގަނޑުން ވެހެމުންދިޔަ ފެންތަކާއިއެކު އަޒުރާގެ ބޮލުން ވަރަށް ގިނަ އިސްތަށި ފައިބައިގެން ދިޔައެވެ. އޭނަ ތެތްއެއްޗެހި ބޭލުމަށްފަހު ފާހާނާގައި ބެހެއްޓިއެވެ. އަދި ތުވާލި އޮޅާލައިގެން ނުކުމެ އަވަސް އަވަހަސް ހެދުން ލިއެވެ. އަދި ރީތިވާ މޭޒު ކުރިމަތީ އިށީނދެ އަމިއްލަ ސޫރަ ބާލާލިއެވެ.
"ސުބްޚާނަﷲ.............މަށަށް މިހިރީ ކިހިނެތްވެފަ..........." އަޒުރާއަށް ލޯގަނޑުން އޭނަގެ ސިފަ ފެނުމާއިއެކު ބުނެލެވުނެވެ. އޭނަގެ ބޮލުން އެއްފަރާތުގެ އިސްތަށިގަނޑު ހީވަނީ ކުރުކޮށް ކޮށާލެވިފައިވާހެނެވެ. އަނގަމަތީގައި މީހެއްގެ އަތްތިލައިގެ ނިޝާން ރަތްވެފައި އެނގެން ހުއްޓެވެ. އޭނަގެ ބޮލުގައިވާ ކޮންމެ އިސްތައްޓެއްގެ ބުޑުގައި ރިއްސައެވެ. ގައިގާ ރިއްސައެވެ. މިހެން އަޒުރާއަށް ދިމާވާންވީ ކީއްވެބާއޭ އޭނަގެ ހިތާ އަދިވެސް ސުވާލުކުރަމުންދިޔައެވެ. އަޒުރާއަށް އަނެއްކާވެސް ރޮވުނީއެވެ. ރީތިވާ މޭޒުމަތީ ބޯޖަހައިގެން އޮވެ ރޮމުން ދިޔައެވެ. އޭނަ ލައިބާ އާޢި ޔަޒާންގެ މަތިންވެސް ހަނދާންނެއްފަދައެވެ.
"އަޒޫ.........އަޒޫ.......މީ މަށޭ ޝިޔާޒުއޭ، ދޮރުހުޅުވަބަލަ" ޝިޔާޒުގެ އަޑުއިވުމާއިއެކު ދޮރާދިމާލަށް އަޒުރާ ދުއްވައިގަތެވެ.
"މާތްކަލާކޯ، ތިހިރީ ކިހިނެތްވެފަ، އިސްތަށިގަނޑަށް ކީއްކޮއްފަ ތިއޮތީ، ކޮބާތަ ޔަޒާން އާއި ލައިބާ އާ........އަނެއްކާ އަޒުރާ ތިހިރީ ހަމަހޭގަތަ" ޝިޔާޒުއަށް ލިބުނު ހައިރާންކަމާއިއެކު ބުނެލިއެވެ.
"ޝިޔާޒު........" އަޒުރާ އަނެއްކާވެސް ރޮއެ ގަންނަމުން ޝިޔާޒުގެ ގައިގާ އޮޅުލައިގަތެވެ.
ޝިޔާޒު އަޒުރާ ގޮވައިގެން ކޮޓަރިތެރެއަށް ވަނެވެ. އަދި އޭނަ ހަމައަކަށް އަޅުވައި ވާހަކަދެއްކޭތޯ މަސައްކަތްކުރިއެވެ. އަޒުރާ ޝިޔާޒުއަށް ވެދިޔަ ކަންތައްތަކުގެ ވާހަކަ ކިޔާދިނެވެ. އެކަމަކު ޝިޔާޒުއަށް އެވާހަކަތައް މާހަމަޖެހޭ ވާހަކައަކަށް ނުވިއެވެ.
"އަޒުރާ ބޭނުން ކުރީމަ ހީވިގޮތެއްހެން ކަމަށްވެސް ވެދާނެއެއްނު، އަނެއްކާ އެތަނުން ގަހެއްގެ ގޮފިގަނޑެއްގައި އަޅައިގަތީކީ ނޫންތަ، ބަލާބަލަ ތިއޮއްބޮޑު އިސްތަށިގަނޑު....ތިއޮތީ މުޅިން ހަލާކުވެ އިސްތަށިތައް ބުރިބުރިވެފައެއްނު...." ޝިޔާޒު އަޒުރާގެ އިސްތަށިގަނޑަށް ބަލަމުން ވާހަކަދެއްކިއެވެ.
"މަށަށް އޭރުވެސް އެނގުނޭ އެކަކުވެސް އަހަރެން ދައްކާ ވާހަކަ ގަބޫލު ނުކުރާނެކަން، ބަލާބަލަ މަގޭ އަނގަމަތި، މިހިރަ އަތްތިލާގެ ނިޝާން ގައިމުވެސް އަހަރެންގެ އަތްތިލައަށްވުރެ މާބޮޑު، އަހަރެން ބޭނުންކުރީ ހައްދުން ނެއްޓިގެންދާވަރަށްކަށްވެސް ނޫން....ޝިޔާޒު އަހަރެންގެ ވާހަކަ ގަބޫލު ކޮއްބަލަ....އެނުފެންނަ މީހާ ހުރީ އަހަރެންގެ ފުރަގަހުގަ، އޭނަ އަހަރެންގެ އިސްތަށިގަނޑުގެ އެއްފަޅީގައި ހިފާ ބުރިކޮއްލީ، އަހަންނަށް އިސްތަށިތައް ބުރިބުރިވެގެން ދިޔަ އަޑުވެސް އިވުނު، ޔަގީނުންވެސް އެއީ ބޮޑު މީހެއް....އިސްކޮޅުން ދިގު މީހެއް....އެހެންވެތާ އަހަރެންގެ އިސްތަށިގަނޑުގަ ހިފާ އުފުލާލެވޭނީ.....އަހަރެންގެ އިސްތަށިތަކުގެ ބުޑުގައި އަދިވެސް އެބަ ވަރަށް ރިއްސާ....ޝިޔާޒު، އަނެއްކާ މިގޭގަ ޖިންނިއެއް އުޅެނީތަ، އަހަންނަކަށް ނުކުރޭނެ ބޭރަށް ނުކުންނާކަށްވެސް" އަޒުރާ ރޮމުން ވާހަކަދެއްކިއެވެ.
"ހޫމް...ހޫމް، އަހަރެން ގަބޫލު ކޮއްފީމޭ އަޒުރާ ތިދައްކާ ވާހަކަތައް، އެކަމަކު...ދެން މައްސަލައެއްނެތް، އަޒޫ ބުނެބަލަ އަހަރެން ކޮއްދޭންވީ ކީއްކަން" ޝިޔާޒު ފިކުރު ހިންގާލަމުން ބުނެލިއެވެ.
"އަހަރެން ބޭނުން މީ ކިހިނެތްވެގެން ވީކަމެއްތޯ ބަލަން، އަނެއްކާ ޖިންނި ފަރާތުކަމެއް ތޯ ނޫނީ މީހަކު އަހަންނަށް ދިން ލަނޑެއްތޯ....ޝިޔާޒު، އަހަރެންނަށް މިރަށުގަ ހުރި އެންމެ މޮޅު ކަންވެރިޔާ ގެނެސްދީ، މިހުރިހާ ކަމެއް ޔަގީން ނުވަނީސް ދެން ހަމަ ނޭވާވެސް އަހަންނަށް ނުލެވޭނެ، މިފަދަ ކަމެއް ދެވަނަ ފަހަރަށް ވާންވާއިރަށް އަހަރެން މަރުވެދާނެ ޝީޔާޒު" އަޒުރާ ޝިޔާޒުގެ ކޮނޑުގައި ބޯއަޅާލިއެވެ.
"މައްސަލައެއްނެތް، އަހަންނަށް އެނގޭ ތިކަމުގަ ދާންވީ ކާކު ގާތަށްކަން، އަޒޫ މިއަންނަނީ އަޝްހަރު ގޮވައިގެން އެގެއަށް ގޮސް އޭނަ އާއި ވާހަކަ ދައްކާލާފަ" ޝިޔާޒު ތެދުވަމުން ބުނެލިއެވެ. ހަމައެވަގުތު އަޒުރާ ޝިޔާޒުގެ އަތުގައި ހިފެހެއްޓިއެވެ. އޭނަ އެކަނި އެގޭތެރޭގައި ބަހައްޓާފައި ނުދިއުމަށް އަޒުރާ އާދޭސް ކުރަންފެށިއެވެ. އެހެންވެ ޝިޔާޒުއަށް އެންމެ ފަހުން ޖެހުނީ އަޒުރާގެ ގާތުގައި މަޑުކުރުމަށްފަހު އަޝްހަރަށް ފޯނުން ގުޅައިގެން އެގެއަށް ގެންނާށެވެ.
ހެނދުނު ދިހައެއް ޖަހާލަނިކޮށް އައިސް ގެއަށް ވަތް ޔަޒާންއަށް އަޒުރާގެ ކޮޓަރީގެ ތެރެއިން ބަޔަކު ވާހަކަ ދައްކާއަޑު އިވުނެވެ. އެހެންނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ އޭނަ އައިސްވަނީ ކޮޓަރިއަށެވެ. އޭރު ލައިބާ އޭނަގެ އަތުގައި ގައިހިއްކަން ގެންގުޅޭ ތުވާލި އޮޅާލައިގެން އެނދާއި ފާރާއި ދޭތެރޭ ކަނެއްގައި އިށީނދެލައިގެން އިނެވެ. ތަޅުންގަނޑުމަތީ އަޅާފައިވާ ތަރުފާލުގައި ތަންތަންކޮޅަށް ލޭއެޅިފައި ހުއްޓެވެ. ޔަޒާން އެތަންތަނަށް ބަލައިގެން ނާރާ ވޭތޯ ބަލަމުން އައިސް އޭނަގެ އެނދުމައްޗަށް އަރާ އިށީނެވެ. އޭނަ އިރުގަނޑެއް ވަންދެން ލައިބާއަށް ބަލަން އިނުމަށްފަހު ވާހަކަދެއްކިއެވެ.
"ކިހިނެތްވެފަ ތީނީ، އަތަށް ކިހިނެތްވީ...ދެން ތިހެން ނީދެ ދޭބަލަ ފެންވަރަން، ފެންވަރައިގެން އާދޭ ބޭސްއަޅަން" ޔަޒާން އެހެންބުނީ ކީއްވެކަމެއް ނޭގެއެވެ. އަޒުރާ ލައިބާއަށް އަނިޔާ ކުރުމުގައި ހައްދު ފަހަނަ އަޅާދާކަށް ޔަޒާން ބޭނުމެއްނޫނެވެ. ދެންވެސް އޭނަ އެފަދަ ކަންތައްތައް ހުއްޓުވާނެއެވެ. އަޒުރާ ލައިބާދެކެ ކިތަންމެ ރުޅިއަޔަސް އޭނައަށް ލައިބާ މުހިއްމެވެ.
ޔަޒާން ލައިބާއަށް އަނެއްކާވެސް ގޮވާލިއެވެ. މިފަހަރުވެސް އަނގައިންނެއް ނުބުނިއެވެ. އެންމެފަހުން ޔަޒާން ތެދުވެގެން ގޮސް ލައިބާގެ ކުރިމަތީ އުޑުފައިން އިށިންނަމުން އޭނަގެ އަތުގައި އަތްލަން މަސައްކަތްކުރިއެވެ. އެއާއެކު ލައިބާގެ ބާރު ހަޅޭކުގެ އަޑުއިވި ޔަޒާންވެސް ދިޔައީ ސިއްސައިގެންނެވެ. ކުއްލިއަކަށް ފަހަތަށް ޖެހެވުނީ އެއްވެސް އިޙްތިޔާރަކާއި ނުލައެވެ. ޔަޒާން ލައިބާއަށް ދެތިންފަހަރު ގޮވާލިއެވެ. ދެންވެސް ޔަޒާންއަށް ފެނުނީ އަޖައިބު ކުރުވަނިވި މަންޒަރެކެވެ. ލައިބާގެ ރޮއެ ރޮއެ ރަތްވެފައިވާ ދެލޮލުން ދެލޯއަޅާލަމުށް އެދުލުން ނުކުންނަން ފެށީ ނުބައިބަސްތަކެވެ. ޔަޒާން އާއި އަޒުރާ އާއި ދިމާލަށް ލައިބާ ނުބައިބަސްތަކުން މުޙާތަބުކޮށް އެއްޗެހިކިޔެވެ. ޔަޒާން ލައިބާ ގާތު އެއްޗެހި ކިޔުން ހުއްޓާލުމަށް ބުނަމުންދިޔައެވެ. އަނެއްކާވެސް އަޒުރާ އެކޮޓަރިއަށް އައިސް ލައިބާއަށް އަނިޔާ ކުރަންފަށާފާނެ ވާހަކަވެސް ޔަޒާން ދިޔައީ ހަނދާންކޮއްދެއްމުންނެވެ.
"އޭނަ އަޔަސް މަށަށްވަރިހަމަ، އެއަޒުރާ އަހަރެން މަރާނުލާ އަދިވެސް ދުނިޔޭގެ ބަހައްޓާފަ މިހިރީ ކީއްވެތަ، ބަލަ ކަލޭވެސް ބުނީމެއްނު އަޒުރާ ގާތު އަހަރެން މަރާލާށޭ، އެއީ މިހާރު އަހަރެން ބޭނުންވާގޮތް، އަހަރެން ބޭނުންވަނީ މަރުވަން، އޭރުން ސަހަރާގަ ތިބޭ މީހުންގޮތަށް އަހަންނަށްވެސް ނިދާފަ އޮވެވޭނެއެއްނު، ދުވަހަކުވެސް ހޭލާކަށް ނުޖެހޭނެ..." ލައިބާ ބުނަމުންދިޔައެވެ. އޭނަގެ ހިތުގައި އަނދަމުންދާ ނަފުރަތުގެ އަލިފާނުގައި ހުޅުފަޅައި ބޭރަށް ނުކުންނަމުންދާފަދައެވެ. މިއަދު އޭނަ ބިރެއްވެސް ނުގަނެއެވެ. ހަށިގަނޑުގައި އަޅާނެ ވޭނަކަށް ފަރުވާލެއް ނެތެވެ. އަނެއްކާވެސް ލައިބާއަށް އިތުރު ބަދަލުތަކެއް ގެނުވައިފިއެވެ.

ކޮމެންޓް 0