ޝިޔާޒު އަވަސް އަވަހަށް ސައިކަލުން ފައިބާ ފޯނުގެ ބައިތައްނަގާ ގުޅުވާލިއެވެ. އަދި ފޯނު އޮންކޮއްލަމުން އަނެއްކާވެސް މަގަށް ނަޒަރު ހިންގާލިއެވެ. ޝިޔާޒުގެ ހިތަށް ހައިރާންކަމަށްވުރެ ބޮޑަށް ވަނީ ބިރުވެރިކަމެވެ. އޭނައަށް ސައިކަލު ޕާކުކޮއްލައިގެން ހުރެވުނީ ސަހަރާކައިރީގައެވެ. އަތުގައި އޮތް ފޯނާއެކު މޫނުގައި ދެއަތްއަޅާ ލޮލުގައި އަތްހާކާލިއެވެ. އަދި ފުންނޭވާއެއް ބޭރުކޮއްލަމުން ލޯހުޅުވާ ބަލާލީ ދެވަނަ ފަހަރަށްވެސް އޭނައަށް ފެނުނީ ރަނގަޅަށްތޯ ޔަގީންކުރުމަށެވެ. އާއެކެވެ. އަދިވެސް އޭނައަށް ހުރެވުނީ ސަހަރާފާރުކައިރީ ސައިކަލު މަޑުކޮއްލައިގެންނެވެ. ވެހެމުންދިޔަ ތުނިތުނި ވާރޭގެ ސަބަބުން ދުރުދުރަށްދަންދެން ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ޝިޔާޒުގެ ހިތް ބާރަށް ތެޅުމާއިއެކު ހަރަކާތް އަވަސް ވިއެވެ. އޭރުވެސް އަތުގައި ފޯނު އޮތެވެ. ދެން ބެލީ އަނެއްކާވެސް އަޝްހަރުއަށް ގުޅޭތޯއެވެ. އެހެންނަމަވެސް އޭނަ ފޯނެއްނުނެގިއެވެ. ޝިޔާޒު ސައިކަލަށް އަރާ ދުއްވަން ހުއްދަދީފައިވާ ބާރުމިނަށްވުރެ މަތީދުވެއްޔެއްގައި ސައިކަލު ދުއްވާލީ އަނެއްކާވެސް އަޒުރާމެންގެއަށް ދިއުމަށެވެ. އެހެނަސް އެކަން ޝިޔާޒުއަށް ކާމިޔާބު ވާގޮތެއް ނުވިއެވެ. ދެންވާންފެށިގޮތަކީ އަޅާލާ ކޮންމެ މަގެއްގެ ކަންމަތީ ޝިޔާޒުގެ އަންހެނުން އެބަހުރެއެވެ. ފެންނައިރަށް ޝިޔާޒުއަށް ގޮވާލައެވެ. މިކަމަކާހެދި ޝިޔާޒު ބިރުގަތްވަރުން ދެންބެލީ އެނބުރި އޭނަގެ ގެއަށްދެވޭތޯއެވެ.
ގެއަށް ވަދެވުމާއިއެކު ޝިޔާޒު އަވަސްވެގަތީ ކޮޓަރިއަށް ވަނުމަށެވެ. އަދި އެހިސާބުން އޭނައަށް ދުލަށް އައިހާ ހެޔޮއެއްޗެއް ކިޔެންފެށުނެވެ. ކޮޓަރީގެ ދޮރު ތަޅުލުމަށްފަހު ހޮޅިބުރި ދިއްލާލީ ވެރިވެފައިއޮތް އަނދިރިކަމުން ސަލާމަތްވުމަށެވެ. ޝިޔާޒު ބިރުގެންފައި ހުރިވަރުންނެވެ. މުޅި ކޮޓަރިތެރެ އަލިވެގެންދިއުމުން ޝިޔާޒުއަށް އެނދުގައި ދަރިފުޅާއެކު ނިދާފައި އޮތް އޭނަގެ އަންހެނުން ފެނުނެވެ. އޮތީ ގަދަ ނިދީގައެވެ. އެނދުގެ ފައިލާ ކޮޅުގައި އިށީނދެލުމަށްފަހު އޭނަގެ ބޮލުގައި ދެއަތުން ހިފަހައްޓާލެވުނެވެ. ޝިޔާޒުއަށް އިރުއަރާ އޮއްސޭފަދައިން މިރޭ އޭނައަށް އެފެނުނީ އޭނަގެ އަންހެނުންގެ ސިފަޖެހިގެން ހުރި މަޙުލޫގެއްކަމާއިމެދު އެއްވެސް ޝައްކެއްނުކުރެއެވެ. ކުއްލިއަކަށް އެހާ ކައިރިން ފެނުމާއިއެކު ކޮންމެ ފަހަރަކު އޭނަގެ ނަމުން ގޮވާލާތީއެވެ. ޝިޔާޒުގެ އަންހެނުން އޭނައަށް ދުވަހަކުވެސް ގޮވާފައެއް ނުވެއެވެ. ގޮވާލާނީ ކިހިނެތްހެއްޔެވެ. އޭނަގެ އަންހެނުން އަފާފްއަކީ އުފަންވިއިރުވެސް މަންމަނެކެވެ. އޭނަ އަފާފް އާއި ކައިވެނި ކުރީ ކުޑަކޮށްވެސް ލޯބިވެގެންނެއްނޫނެވެ. އަމިއްލަ ފައިދާއަށްޓަކައެވެ. އެހެނީ ރަށުގައި ހުރި އެންމެ ބޮޑުވިޔަފާރިވެރިއާއަށް ވުމުގެ ބޭނުމުގައި އޭނަ ކުރި ކައިވެންޏެކެވެ. އެކަމަކު މިހާރު އޭނަ އަފާފްދެކެ ލޯބިވެއެވެ. ދަރިފުޅުދެކެވެސް އިންތިހާއަށް ލޯބިވެއެވެ. އަޒުރާގެ ކަންތައްތައް އަފާފްއަށް އެނގެން ބޭނުންނުވަނީވެސް އެހެންވެއެވެ. ކުއްލިއަކަށް ޝިޔާޒުއަށް މީގެ ކުރިން ދުވަހަކުވެސް ވިސްނާލެވިފައިނުވާފަދަ ފުންވިސްނުމަކާއިއެކު އެނދުގައި އޮތް އަފާފްއަށް ބަލާލެވުނެވެ. ދަރިއަކު ލިބުމުގެ ސަބަބުން ހަށިގަނޑުގެ ރޫފަ ރީތިވެލައިފައިވެއެވެ. ދުވަހަކުވެސް ޝިޔާޒުއަށް ރުޅި މޫނު ދައްކައިގެން ނުހުރެއެވެ. ކޮއްދޭ ކޮންމެ ކަމެއްގައި އެއީ ކިތަންމެ ކުޑަކުޑަކަމެއްކަމުގައިވިޔަސް ލޯތްބާއި އޯގާތެރިކަން އެކުލެވިފައިވެއެވެ. އަފާފްއަށް ގެއްލިފައި އިން ޝިޔާޒު ސިހުނީ ފޯނު ރިންގުވިއަޑަށެވެ. އޭނަ ފޯނަށް ބަލާލަމުން ރިންގުވާއަޑު ކަނޑާލިއެވެ. އަދި ފޯނަށް ބަލަހައްޓައިގެން އިނެވެ.
"ނޭނގެ މަށަކަށް، އޭނަ ފޯނެއްވެސް ނުނަގާ، އަޒޫ ގުޅަންވީނު" އަޝްހަރު ބުނެލިއެވެ. އަޒުރާ އޭނަގެ ފޯނުނެގުމަށްފަހު ޝިޔާޒުއަށް ގުޅޭތޯ މަސައްކަތްކުރިއެވެ. ޝިޔާޒުއާއި ގުޅުނެއްކަމަކު އޭނަ ފޯނެއްނުނެގިއެވެ. އެކަމާ އަޒުރާ ކަންބޮޑުވިއެވެ. ޝިޔާޒުއަށް ނާދެވެންޏާ އެވާހަކަ އޭނަ ބުނާނެއެވެ. ނާދެވޭނެ ސަބަބު ބުނެދޭނެއެވެ. އޭނަ ނައެއްކަމަކު ގޭތެރޭގައި އެހެންޏާވެސް ހިނގާ ހުރިހާކަމެއް ހިނގަމުންދިޔައެވެ. ފަތިސްވުމާއިއެކު ޔަޒާންގެ އުނދަގޫ ލައިބާއަށްވެސް ކުރިމަތިވިއެވެ. ޝިޔާޒު ނައުމާއިއެކު އަޒުރާބެލީ ވީހާވެސް ބޮޑަކަށް މަސްތުވެވޭތޯއެވެ.
އިރު އޭގެ ވާޖިބު އަދާކުރާފަދައިން ލައިބާވެސް ބެލީ އޭނައަށް ދިމާވަމުންދާ އަނިޔާވެރިކަމަށް ކެތްތެރިވެވޭތޯއެވެ. ގަދަހަނގުރާމައެއް ކުރަމުންދާ ފަހުލަވާނެއްފަދައިން އަދިވެސް ފަނޑުނަމަވެސް އުއްމީދުތަކެއްވެއެވެ. އެގޭގެ ނުބައިކަމުން ސަލާމަތްވެވެން އޮތް ގޮތެއް ހޯދަން އޭނަވެސް ބޭނުންވެއެވެ. އެއީ އެގޭން ނުކުމެގެން ދިއުންކަމުގައި ވިޔަސް އެންމެ ރަނގަޅެވެ. އެހެންނަމަވެސް ހަފްތާއެއް ވޭތުވެގެން ދިޔައިރު ރަށުތެރޭގައިވެސް ދުވަހަކުވެސް މީހުން ނުދައްކާފަދަ ވާހަކަތައް ދެކެވެންފަށައިފިއެވެ. އަނެއްކޮޅުން ލައިބާއަށް އަނެއްކާވެސް ހޮޑުލެވެންފެށިއްޖެއެވެ. ހެނދުނުގަޑީ ބޯއެނބުރުމާއި އަބަދުވެސް މޭނުބައިކޮއްފައި ހުންނަކަން ފާހަގަ ކުރެވެންފެށިއެވެ. މިފަހަރު ލައިބާއަށް މިވަނީ ކިހިނެތްކަން އެނގުނެވެ. އަދި އެކަން ސިއްރުކުރަން އޭނަ ބޭނުންވިއެވެ. އެކަން އިނގޭ މީހަކަށް ހަމައެކަނި ހުރީ ލުބާއެވެ. ލައިބާ ރަށުތެރޭ ދެކެވޭ ވާހަކަތަކާއި ގުޅިގެންވެސް ލުބާއާއި ސުވާލުކުރެއެވެ. މިހާރު އެއްއަޑަކަށް ރަށުތެރޭ ދެކެވެމުންދަނީ މަނިކު ގެއްލިގެން އުޅޭ ވާހަކައެވެ. އޭނަގެ ގެއަށް ނާންނަތާ ފޯނުންވެސް ދިމައެއްނުވިއެވެ. ރަށު އޮފީހުން ބަޔަކާއިއެކު ރައްޔިތުންގެ ތެރެއިން ބަޔަކު އޭނަގެ ނަންމައްޗަށް އޮންނަ ފަޅުރަށަށް ގޮސް ހޯދި ހޯދުމުގައި އެތަނަށް މަނިކު އައިކަމުގެ އެއްވެސް ނިށާނެއްފެންނަންނެތޭވަނީ ބުނެފައެވެ. ރަށުގެ ގަސްބޯ ސަރަޙައްދުތަކަށްވެސް ރައްޔިތުން ބައިބަޔަށް ގޮސް ހޯދާހޯދާވެސް ވަނީ ނުފެނިފައެވެ. މިހަބަރަކީ ހިތާމަވެރި ޚަބަރެއްކަމުގައިވިޔަސް ލައިބާއަށް އެޚަބަރުން ހިތްހަމަޖެހުން ލިބިގެންދިޔައެވެ.
"ރަނގަޅު އެމުސްޅި މީހާގަނޑަށް ވީގޮތް.....ނޫންތަ ލުބާ، މަ އެބަ އުޅެންވިއްޏަ އޭނަ އާއި އިންނަންވެގެން" ލައިބާ ބިންގަނޑުގައިވާ ހިރަފުސްކަން ކުޑަކުރުމުގެ ގޮތުން ފެންޖަހަމުން ކައިރީގައި ހުރި ލުބާއަށް ބުނެލިއެވެ. ލުބާ ހަމައެކަނި ހިނިތުންވެލީއެވެ. އިތުރު އެއްވެސް އެއްޗެއް ނުބުންޏެވެ.
ރަށުތެރޭގައި ހިނގަމުންދިޔަ ކަންތައްތަކާއި ގުޅިގެން ޝިޔާޒުއަށްވެސް ވަނީ ބަދަލުތަކެއް ގެނުވައިފައެވެ. އޭނަ މިހާރު އަޒުރާމެންގެއަށް ދިއުމަށް ބިރުގަނެއެވެ. އެހެނީ އެގެއަށް ދާން އޭނަ އުޅެފިނަމަ އޭނައަށް އެކިއެކި އާދަޔާއި ހިލާފު ބުއްދިގަބޫލުކުރަން ދަތިވާފަދަ ކަންތައްތަކާއި ދިމާވަނީއެވެ. މަނިކުގެ ގޮތްވެސް ޝިޔާޒުއަށް ކޮންމެވެސް ވަރަކަށް އެނގިފައިވެއެވެ. އޭނަ ތަފާތު އެއްޗެހި ހިފައިގެން އަޒުރާގެ ގާތަށް ދާކަން ޝިޔާޒުއަށް އެނގެއެވެ. އޭނަވެސް ގެއްލިގެން އެއުޅެނީ ހަމަކުއްލިއަކަށެވެ. އެއްވެސް މީހަކަށް އޭނަ ދިޔަތަނެއްނޭގެއެވެ. މުޅިރަށް ހޯދުނުއިރުވެސް މަނިކުގެ އިޝާރާތެއްކީއްކުރަން އޭނަގެ ނިޝާނެއްވެސް މީހަކަށް ނުފެނުނެވެ. ޝިޔާޒު އަދިވެސް އަޒުރާމެންގޭ ބަނބުކެޔޮގަހުން އަރައިގެން ދިޔަ އަލިގަނޑުމަތިން ހަނދާންހުރެއެވެ. އަޒުރާމެންގެއަކީ ޝިޔާޒުދެކޭ ގޮތުގައި ނާމާންގެއެކެވެ. އޭނަ މިހާރު އަޒުރާގެ އެއްވެސް ފޯނުކޯލަކަށް ޖަވާބެއްނުދެއެވެ. އެދެމެދުގައި އޮތް ގުޅުން ކަނޑާލުން އެއީ އެންމެ ރަނގަޅުގޮތް ކަމުގައި ޝީޔާޒުދެކެވެ.
އަޒުރާ ދުވަހަކުވެސް ކަންބޮޑުނުވާވަރަށް ކަންބޮޑުވެފައިވެއެވެ. އޭނަގެ ކަމަކީ މީސްމީހުން ކައިރިން ޚަބަރު އޮޅުންފިލުވުމެވެ. މަނިކުއަށް ވީގޮތާއިމެދު އޭނަވަނީ ސުވާލު އުފެދިފައެވެ. އަނެއްކޮޅުން ޝިޔާޒުގެ ޚަބަރެއްވެސް ވަނީއެއްނޫނެވެ. ދުވަހަކުވެސް ޝިޔާޒު ހޯދަން އެގޭދޮށަށް ގޮސްފައިނުވާތީ އަޒުރާއަށް އެހެން ހަދާކަށް ނުކެރުނެވެ. އެންމެ ކައިރިން އަޝްހަރު ނޫނީ ޝިޔާޒުގެ ޚަބަރެއް ގެނެސްދޭނެ މީހަކު އަޒުރާއަކަށްނެތެވެ. އެހެނަސް އަޝްހަރުއަށްވެސް ޝީޔާޒުގެ ޚަބަރެއްވީކަމަކަށް ނުވިއެވެ. މަނިކު ލައިބާގެ ކައިވެންޏަށް އެނދިގެން އައިދުވަހު އަޒުރާ ހީކުރީ ދެން އޭނަގެ ދިރިއުޅުން މިހިސާބުން ރަނގަޅު ހާލަތަކަށް ބަދަލުވީކަމަށެވެ. އޭނަގެ ދިރިއުޅުމަށް ބަދަލުއައިއިރު މިއައީ ރަނގަޅުގޮތަކަށްނޫނެވެ. މަނިކު ގެއްލި ޝިޔާޒުވެސް ގެއްލުނީއެވެ. އޭނައަށް ފައިސާލިބުމުގެ ދެދޮރު ބަންދުވީއެވެ. އާދަނު ގާތަށް ދިއުންވެސް އަޒުރާ ހުއްޓާލީ އަމިއްލައަށެވެ. އެއީ އޭނަ އިންނަން އެހުމާއި ގުޅިގެންނެވެ. އަޒުރާ ދެން އިތުރަށް މީހަކާއި ކައިވެނި ކުރާކަށް ބޭނުމެއްނުވެއެވެ. އޭނަގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ.
"ފޯނު ނުނެގުން އެއީ ހައްލެއްނޫން، ރީތިކޮށް ބުނީމަ ނިމުނީ ދެން އަހަރެންދެކެ ފޫހިވީއޭ" ރުޅިވެރިކަމާއިއެކު އަޒުރާ ބުނެލިއެވެ. އޭރު އޭނަ އާއިއެކު އޭނަގެ ކޮޓަރިތެރޭ ނަދީމާ އާއި ހިޝްމާ އިނެވެ.
"ޝިޔާޒު ވަރަށް ހެއްވާ، މަވެސް ހިއެއްނުކުރަން، މިއޮއްހުރިހާ ދުވަހު އަހަރުމެންނާއިއެކު އުޅެއުޅެފަ ހަމަ ކުއްލިއަކަށް އެގޮތަށް އަހަރުމެންނާއި ދުރަށް ގޮސްދާނެއެކޭ، އަޒޫ، އަޅާނުލުންކަންނޭގެ ދެން އެންމެ ރަނގަޅުވާނީ، މިހާރު ގުޅަންވެސް ގުޅިއްޖެއެއްނު، ދެން އިތުރަށް ގުޅާނެކަމެއްނެތް، އެކަހަލަ ކިތަންމެ ޝިޔާޒެއް އަހަރުމެންނަށް ލިބިދާނެ" ނަދީމާ އަޒުރާއަށް ހިތްވަރު ލިބޭފަދަ ގޮތަކަށް ބުނެލިއެވެ. އެހެންނަމަވެސް އަޒުރާގެ ހިތްހަމައެއްނުޖެހުނެވެ. އެތަށް އަހަރެއްވަންދެން ޝިޔާޒުއަށް ހިތުން ޖާގައެއް ހުސްކުރެވިފައިވާއިރު ހަމަހިތަށް އަރުވާލާހާ ފަސޭހައިން އޭނަގެ މަތިން ހަނދާންނައްތާލެވިދާނެހެއްޔެވެ.
"ކީއްވެތަ އެމަނިކުގެ ވާހަކަ އަޒޫ އެހާ ވަރަށް ދައްކަނީ" ހިޝްމާ މަޑުމަޑުން އިނދެލާފައި އަހާލިއެވެ.
"އޭނަގެ ވާހަކަވެސް ދެއްކޭނެތާ، އޭނަ ފިހާރަ ހިންގާތީވެސް އަހަންނަށް ނުލާހިކު ފައިދާކުރޭ، މިފަހަކަށް އައިސް ގޭގައި ބިސްކޯދާ، ކިރާ، މައިލޯ އާއި ކޮފީ ފަދަ އެއްޗެހި ހުސްނުވާނެ، ނުވިތާކަށް ފިހާރައަށް އަލަށް މުދަލެއް ގެނެސްފިއްޔާ އެވެސް ގެނެސްދޭނެ، އެހެންވީމަ އޭނަގެ ޚަބަރު ބެލޭނެއެއްނު، އަނެއްކާ އޭނަވެސް ހަމަހުރެފަ ގެއްލުނީއޭ ވިއްޔަ މީހުން އެކިޔަނީ، އަހަރެން ހަމަ އަޖައިބުވޭ" އަޒުރާ ދެކޮޅަށް ހިނގަމުން ވާހަކަދެއްކިއެވެ.
މަނިކު ގެއްލިގެން މުޅިރަށް ސަމާލުކަމަށް އައިސްފައިވާތާ ތިންދުވަސްފަހުން ރުއްދަނޑަށް ކާށިބަލާ ދިޔަ ހަރު އުމުރުގެ އިދުރީސް ދުވެފައި ރަށުއޮފީހަށް އައީ ބިރެއްފެނިގެން އައިގޮތަށެވެ. އެއީ ހެނދުނު އެގާރަ ޖަހަން އުޅެނިކޮށެވެ. އޮފީސް އޮޅިގަނޑާ ހަމައަށް އޭނައަށް އެރުނީ ކިރިޔާއެވެ. މީހާ ހޭނެތިގެން ވެއްޓުނީއެވެ. އޮފީހުގައި ތިބި މުވައްޒަފުން އަތުލަފިކޮއްލައިގެން އިދުރީސް ސިއްހީމަރުކަޒަށް ގެންދިޔައެވެ. ވީގޮތް އޮޅުންފިލީ އޭނަ ހޭއެރުމުންނެވެ. ހަށިގަނޑުގައި ވަރުޖެހިލުމާއިއެކުހެން އިދުރީސް އާއި ރަށުގެ އިސްބޭފުޅުންނާއި ރައްޔިތުންގެ ބަޔަކު ނުކުތީ އިދުރީސްގެ ރުއްދަނޑަށް ދިއުމަށެވެ. އެމީހުންގެ ތެރޭ އަޒުރާގެ ޔަޒާންވެސް ހުއްޓެވެ. އެއްވެސް އަންހެނަކު އެމީހުންނާއިއެކު ބައިވެރިއެއް ނުކުރިއެވެ. އިދުރީސް މަގުމަދައްކަމުން ކުރިއަށްގޮސް އޭނައަށް ފެނުނު މަންޒަރު އެބައިމީހުންނަށްވެސް ދައްކައިފިއެވެ. ކޮންމެ މީހެއްގެ ދެލޯ ބޮޑުވެގެންދިޔައެވެ. ބައެއްމީހުން ހުރިދިމާލަށް ހޮޑުދުއްވާލިއެވެ. އަނެއްބައިމީހުންގެ ދޫތަކުން ހެޔޮއެއްޗެތި ކިޔެވެ.
އިދުރީހުގެ ރުއްދަނޑުން ރުކެއްގެ އެއްވެފައިއިން ދެފަންތޮށިގަނޑުގެ ބުޑެއްހާ ހިސާބުގައި އެލިފައި އޮތީ މީހެކެވެ. އޭނަގެ ގައިގާ ހިސާބަކަށް އަންނައުނު ހުއްޓެވެ. އަދި ހަށިގަނޑުގެ ގޮހޮރުފަދަ ތަންތަންވަނީ ބަނޑުފަޅާ ނުކުމެފައެވެ.
"އެއީ މަނިކު، އެއީ މަނިކު..." އެންމެންގެ ތެރެއިން ޔަޒާންގެ އަޑު ގުގުމައިގެން ދިޔައެވެ.
"އަހަރުމެން މިހިސާބު ބެލިން، މި ރުއްތައްވެސް ބެލިން، އެކަމަކު އޭނައެއް ނުފެނުނު، ދެން ކީއްވެ މިހާރު މިފެނުނީ" މީހުންތަކުގެ ތެރެއިން މީހަކު ބުނެލިއެވެ. އެންމެނަށްވެސް ބުނެދޭންނޭގޭ ގޮތްތަކެއްވަނީ ވެފައެވެ. އެތަށް ސުވާލެއް ސިކުނޑިއަށްވަނީ ޖަމާވެފައެވެ. އެކި މީހުން އެކަން ދެކެނީ އެކިގޮތަށެވެ. މަނިކުގެ ފުރާނަނެތް މަސްގަނޑުވަނީ އެތަން މިތަނުން ވީދާ ހަލާކުކޮއްފައެވެ. އެއްވެސް ރަހުމެއްނެތްފަދަ ގޮތަކަށެވެ. އެއްބަޔަކު ކައިރި ގެއަކުން ދެތިން ބެޑުޝީޓު ބަލާ ފޮނުވިއެވެ. އެމީހުން އައުމާއިއެކު ރުކަށްއެރުމަށް ކުޅަދާނަ ކެރޭމީހަކު ލައްވާ ބެޑުޝީޓުގެ ތެރެއަށްލައިގެން މަނިކުގެ ހަށިގަނޑު ތިރިކުރިއެވެ. އޭރު އެހިސާބުގައިވެސް މިނިކުނިވަސް ހިފާފައިހުއްޓެވެ. އެހެންވެ ރަށުގެ އިސްވެރިންގެ އެދުމާއިއެކު އަވަހަށްބެލީ ގެނައި ބެޑުޝީޓުތެރޭ މަނިކުގެ ހަށިގަނޑު ބަންދުކޮއްލެވޭތޯއެވެ. އަދި އިދުރީސް ކާށި އަޅަންގެނައި ބަރޯ އޭރުވެސް އެތަނުގައި ހުރުމުން އެއަށް ލައިގެން މަނިކުގެ ހަށިގަނޑު ރަށުތެރެއަށް ނެރުނެވެ.
ރަށުތެރެއަށް ނުކުމެވުނުއިރު ގެތަކުންނާއި އެކި ހިސާބުހިސާބު މީހުންތައްވަނީ މަގުމައްޗަށް ޖަމާވެފައެވެ. އަޒުރާވެސް ހައްވަދައިތަ އާއިއެކު ޚަބަރު ބަލަން ގޮސްހުއްޓެވެ. އެކަކު އަނެއްކަކަށް މަނިކުގެ ފުރާނައެއްވާ ނެތޭކިޔަންފަށައިފިއެވެ.

ކޮމެންޓް 0