ޔަޒާން އާއި ފައިޒަންމެންނާއި ދެމެދު ދެކެވެމުންދިޔައީ ލައިބާގެ ވާހަކައެވެ. އެމީހުން އިންތިޒާރު ކުރަމުންދިޔައީ އަޒުރާ ހަވީރު ބޭރަށް ދާނެ އިރަކަށެވެ. ލައިބާވެސް ފޫހިކަމާއިއެކު ބޮޑު އަށިމަތީގައި ދެފައި އެލުވައިލައިގެން އިށީނދެއިނީ އުނދޯއްޔަށް އޭރުވެސް ކޮންމެވެސް ވަރަކަށް އަވިއަރާފައިވާތީ އެވެ. ކޮޓަރި ތެރެއިން ޔަޒާން އާއި އޭނަގެ ރަޙުމަތްތެރިން ހީގަންނައަޑު ދޭތެރެއަކުން އިވެމުންދިޔައެވެ. އޭރު އަޒުރާ ކޮޓަރިއަށް ވަތްގޮތަށް ނުނިކުމެއެވެ.
ތުންފަތުގައި މަޑުފިޔާތޮށިކުލައެއް ޖައްސާލުމާއިއެކު ލޮލުގެ ކައިރި އަނދުނުން ފަވާލާފައި ވެއެވެ. ހަށިގަނޑުގެ ބައްޓަމާއި އެއްގޮތަށް ހެދުން އަޅާފައި ހުރިއިރު އަޒުރާ ލާފައިވަނީ އެންމެ މިޒަމާނުގެ ޅަކުދިން ލާފަދަ ޓޮޕަކާއި ޖިންސެކެވެ. އެއީ އޭނައަށް ޝިޔާޒު ގެނެސްދިން ހަދިޔާއެކެވެ. އެވާހަކަ ނުދެއްކިއެއްކަމަކު އޭނަގެ ހިތުގައި ޝިޔާޒުއަށްޓަކައި ހާއްޞަކަމެއް ދެވިފައި ވެއެވެ. ޝިޔާޒުކަހަލަ ފިރިހެނަކު ހަޔާތުގެ ބައިވެރިއަކަށްވާން ނޭދޭނީ ފަހެ ކާކުހެއްޔެވެ؟
އަޒުރާ ކޮޓަރިން ނުކުތްވަގުތު ލައިބާ އާއި ޔަޒާން ނިދާ ކޮޓަރިތެރެއިން ހުނުމުގެ އަޑުއިވުނެވެ. ގޭން ނުކުންނަން ދަމުން އަޒުރާ އެކޮޓަރީގެ ދޮރުހުޅުވާ ބަލާލިއެވެ. ޔަޒާން އާއި އޭނަގެ ދެރަޙުމަތްތެރިން އެނދުމަތީ މަޖާ ސަކަރާތުގައި ތިއްބެއެވެ. އަޒުރާ ބޯދިއްކޮލުމުން ތިންމީހުންވެސް ހިމޭންވި އެވެ. އެއާއިއެކު އަޒުރާ އޭނަ ދަމުން ހަމަ ބަލާލީކަމުގައި ބުނެ ހިނިތުންވެލަމުން ދޮރުލެއްޕި އެވެ.
"ޒާން ބުނެފިއްޔާ އޭނައަށް ކާން ހަދާތި، އަހަރެންގެ ކޮޓަރި ފާހާނާގައި ހުންނާނެ މިދެދުވަހު ބޭލި އެއްޗިހި، އަހަރެން އަންނަން ވާއިރަށް އެހެދުންތައް ނަގާތި، މަގޭ ކޮޓަރި ފޮޅާ ސާފުކޮއްލާތި އިނގޭ، އަދި އެނދުގެ ތަންމަތިވެސް އަޅާތި" ގޭން ނުކުންނަން ދިޔައިރު އުނދޯލީގައި އިން ލައިބާ ފެނުމާއިއެކު އަޒުރާ ބުނެލިއެވެ. އެހެން ބުނިއިރު ލައިބާއަކީ އަދި ބާރަ އަހަރުގެ ކުޑަކުއްޖެއްކަމެއް އޭނަ ނުދެކެއެވެ. އޭނަ ލައިބާގެ ޖަވާބަކަށް މަޑެއްނުކުރެއެވެ. ބުޑުން އަށްޑިހަ އަށެއް އަޅަމުން ނުކުމެގެން ދިޔައީ އެވެ. 
ލައިބާ ޖޯލި އުނދޯލީގައި ބުރަކަށި ޖައްސާލައިގެން ބަނބުކެޔޮ ގަހުގެ ގޮފިތަކަށް ނަޒަރު ހުއްޓާލައިގެން އޮތްއިރު އޭނަ އާއި މީހަކު ވާހަކަދެއްކިހެން ވެސް ހީނުވެ އެވެ. އެހެންނަމަވެސް އޭނައަށް އަޒުރާދެއްކި ހުރިހާ ވާހަކައެއް އަޑުއިވުނެވެ. ނުރުހިފައި ޗޮކެއް ކަނޑާލުމާއިއެކު ލައިބާ އުނދޯލިން ފައިބައިގެން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. އޭރު ރުޅިވެރިކަމާއިއެކު އެމޫނުގައިވާ ދެބުމަ ގޮއްޖަހާލާފައިވެއެވެ. ހިކި ކުރަކި ވެފައިވާ ދެ ތުންފަތްވެސް އިންޗިއަކަށް ބޭރަށް ދަމާލާފައިހުއްޓެވެ.
ލައިބާ ވަރަށް ހާލުގައި އަޒުރާގެ އެނދު ތަންމަތި އެޅިއެވެ. އަދި އެކޮޓަރިތެރެ ސާފުކުރަން ފެށިއެވެ. ފޮޅާ ނިންމާލާފައި ކުނިއަޅަން ކޮޓަރިތެރޭގައި ބަހައްޓާފައި ހުރި ޑަސްބިން ހިފައިގެން ގޮސް ބަދިގެ ފަރާތުގައި ހުރި ކުނިގޯންޏަށް އަޅާލިއެވެ. ދެން އަޒުރާގެ ކޮޓަރި ފާހާނާގައި ދާވެފައި ހުރި ހެދުންތައް ގެނެސް ގިފިލީގައި ބަހައްޓާފައި ހުރި ދޮންނަ މެޝިންތެރެއަށް ލިއެވެ. ލައިބާގެ ހަރަކާތްތައް ހުރިގޮތުން އޭނަ އެހުރިހާ ކަމެއް އެކުރަނީ މަޖުބޫރުންކަން ކޮންމެ މީހަކަށްވެސް އެނގޭހާވެއެވެ. ލައިބާ ގިފިލީގައި އުޅެނިކޮށް ޔަޒާން ދެފަހަރަކު ގޮވާލިއަޑުއިވުނެވެ.
"ވަރަށް ފޫހިވޭ..." ލައިބާއަށް ޔަޒާން އޭނަގެ ނަމުން ގޮވާލިއަޑު އިވުމާއިއެކު ބުނެލެވުނެވެ.
ކުއްލިއަކަށް ގިފިލީގެ ދޮރުތަޅުލައިގެން ނުނިކުމެ ގިފިލީގައި ހުރެދާނަމޭވެސް ލައިބާގެ ހިތަށް އެރިއެވެ. އެކަމަކު އެހެންހުންނާކަށް ނުކެރޭނެއެވެ. އިރުއޮއްސި އަނދިރިވާކަށް ދެން މާގިނައިރެއްނެތެވެ. ރޭގަނޑު ގިފިއްޔަށް ވަންނަން ލައިބާ ނުލާހިކު ބިރުގަނެއެވެ. އަނެއްކޮޅުން ރޭގަނޑު އެކަކުވެސް އެގިފިއްޔަކަށް ނުވަންނާނެވިއްޔާއެވެ. ލައިބާ ވިސްނިގޮތުގައި އެއީވެސް ސަބަބަކާއި ހުރެގެންނެވެ. ހިޔާލު ތަކުގެ ތެރެއަށް ގެއްލިފައި ގިފިލީގައި ހުރި ލައިބާއަށް އަނެއްކާވެސް ޔަޒާން ގޮވާލިއަޑުއިވުނެވެ.
"އޯއި، މަށަށް އަޑުއިވެޔޭ" ލައިބާ މެޝިނުގެ މަތިގަނޑު ލައްޕާލަމުން ގިފިލިތެރެއިން ނުކުތެވެ. އޭރު އެތެރެގޭ ތެރެއިން ބޯދިއްކޮއްގެން ހުރި ޔަޒާން ލައިބާއަށް ފެނުނެވެ.
"އަޑުއިވޭނަމަ އައީހެއްނު، ކޮންއިރެއް ގޮވާތާ" ޔަޒާންވެސް ރުންކުރުގޮތަކަށް ބުނެލިއެވެ.
"ދެން ކީއްކުރަންތަ ތިގޮވަނީ" ލައިބާ ވަކިހިސާބަކުން ހުއްޓި އުނަގަނޑުގައި ދެއަތްވިއްދާލަމުން ބުނެލިއެވެ.
"އެނގެއެއްނު ކީއްކުރަންކަން އަހަރެން ގޮވާނީ، އާދޭ ކޮޓަރިއަށް" ޔަޒާން ހިނިތުންވެލަމުން އެނބުރި ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.
ލައިބާ މަޑުމަޑުން އައިސް ދެހިޔާލެއްގައި ހުރެ ގޭތެރެއަށް ވަނެވެ. އޭނައަށް ބޮޑުއަށިމަތީ ޓީވީ ބަލަން ތިބި ފައިޒަން އާއި ނަޒްމީ ފެނުމުން ހިތްތެޅިގަތެވެ. އޭނަގެ އަތްފައި ފިނިވާންފެށިއެވެ. އަނެއްކާ ޔަޒާން އެއުޅެނީ ކީއްކުރަންބާއޭ ލައިބާގެ ހިތަށް އެރިއެވެ. އޭނަގެ ދެރަޙުމަތްތެރިން އެގޭގައި އުޅެނިކޮށް ޔަޒާން އެހެން އެއުޅެނީ ކީއްވެބާއޭ ލައިބާގެ ހިތަށްއެރިއެވެ. ފައިޒަން އާއި ނަޒްމީ ލައިބާއަށް ބަލާލާފައި ހިނިތުންވެލި އެވެ.
"މިހާރުތަ ހަމަ" އަވަސް އަވަހަށް ކޮޓަރިއަށް ދެމިގަތް ލައިބާ ތެޅިތެޅިއޮތް ހިތަކާއިގެން ބުނެލިއެވެ.
"އާ، މިހާރު" ޔަޒާން ލައިބާގެ އަތުގައި ހިފާ އޭނަ އާއި ދިމާލަށް ދަމައިގަންނަމުން ބުނެލިއެވެ.
"އެކަމަކު..." ލައިބާހުރީ ވަރަށް ހާސްވެފަ އެވެ. ކުއްލިއަކަށް ކުރިމަތިވާން މިއުޅެނީ ކިހާވަރެއްގެ މުސީބާތެއްކަމެއް ވެސް ނޭގޭތީއެވެ.
"... ދެން އިތުރު ވާހަކަ ނުދައްކާ އަވަސްކޮށްބަލަ، ވަގުތު ދުއްވާލަން ތިއުޅެނީ ކީއްކުރަންތަ، އެހެންނޫނީ..." ޔަޒާން ހަރުކަށިގޮތް ދައްކާލި އެވެ.
ލައިބާ ބަސް އެހި އެވެ. އެނޫންގޮތެއް ނެތިގެންނެވެ. އޭރު ކޮޓަރި ދޮރު ކުޑަކޮށް ހުޅުވާލައިގެން ތިބި ފައިޒަން އާއި ނަޒްމީއެއް ލައިބާއަކަށް ނުފެނެއެވެ. އެހެންނަމަވެސް ގިނައިރެއްނުވެ ލައިބާ ތެޅިގަންނަމުން ޔަޒާންގެ މޭގައި އަޅާ ކޮއްޕާލީ، ފައިޒަން އާއި ނަޒްމީ ފެނުމުންނެވެ. ލައިބާއަށް ހަޅޭލަވައިގަނެވުނީ ގަސްދުގައެއް ނޫނެވެ. އެއެމެން މަޖުބޫރުކުރުވިއެވެ. 
ތިންމީހުން ހެމުން ހެމުން ކޮޓަރިން ނުކުމެގެން ދިޔައިރު ލައިބާއަށް ގިސްލަ ގިސްލާފައި ރޮވެނީއެވެ. މަޑުމަޑުން ކޮޓަރިތެރެއަށް ވިއްސިގެން ގޮސްފައިވާ އޭނަގެ އަންނައުނުތައް ނަގަންފެށިއެވެ. އޭނައަށް އަނިޔާ ލިބެނީ ދުރުމީހެއްގެ ފަރާތުންނެއްނޫނެވެ. އޭނައަށް އަނިޔާކުރަނީ އޭނަގެ އާއިލާގެ މީހުންނެވެ. އެއީ ކީއްވެހެއްޔެވެ. އެމީހުން ކުރާ ކަންތައްތަކުން އޭނައަށް ތަދުވެއެވެ. އޭނައަކީ އަދި ކުޑަކުއްޖެއްކަން އެމީހުން ނުދަންނަނީ ކީއްވެހެއްޔެވެ. އެހެންކުދިންހެން ކިޔަވާ ރީތި ހެދުންލާ ހަދަން ލައިބާވެސް ބޭނުންވެއެވެ. އެކަމަކު އޭނަ ނުވަމާ ދިހަދުވަސްވަންދެން ބަނޑުގައި ގެންގުޅެ ވިހެއި މައިމީހާއަށްވެސް ރަނގަޅީ އޭނަ ނެތިއްޔާއެވެ. މިހާރު އޭނަގެ ހަށިގަނޑަށް ބޭރުމީހުންގެ ހަމަލާތައްވެސް އަރަންފެށީއެވެ. އެކަމަށްވެސް ރުހިގެން ހުންނަންވީ ހެއްޔެވެ.
ރޮމުން ރޮމުންގޮސް ލައިބާއަށް ހޮޑުލެވުނެވެ. ދުވެފައި ފާހާނާއަށް ވަދެވުނީ ކިރިޔާއެވެ. އޭނަ މޭނުބައި ކުރާތީ އުޅެނީ ވަރަށް ބަލައިގެންނެވެ. ހާއްސަކޮށް ގަރުދިޔަ ކައްކާއިރު އާއި ހޫނުކުރާއިރުގައި ދުވާވަހުން ލައިބާއަށް ހޮޑުލެވޭތާ ދެ ދުވަހެއްވެއްޖެ އެވެ. އެހެންވެސް ބުނާނީ ކާކުކައިރީ ހެއްޔެވެ. މިހާރަކަށް އައިސް ލައިބާ ހުންނަނީ މާބޮޑަށް ކާހިތްވެސްވެފަ އެވެ. އަދި އޭގެތެރެއިން ވެސް އޭނައަށް މީރީ ބަދިގެ ފަރާތުގައި ހުރި ކުންނާރުގަހުން ހުތްކުންނާރާ ލޮނާ ޖަހައިގެންނެވެ.
އަޒުރާ ފެނުމާއިއެކު ބޭރު ޖޯލީގައި އިން އާދަނު އަވަސް އަވަހަށް ގޭތެރެއަށްވަނެވެ. އުނގުމަތީ އިން ދުފާތައްބަށް ޖެހިގެން އިންޖޯލީގައި އިން ނަރީމާއަތަށް ދެމުންނެވެ. ނަރީމާ އަވަށްޓެރި ކުއްޖަކާ ވާހަކަދައްކާލުމަށް ޖޯލީގައި މަޑުކޮއްލައިގެން އިނީއެވެ. އޭނައަށް އާދަނުއާއި އަޒުރާ އެދިޔައީ ކީއްކުރަންކަން ނޭނގިގެންނެއްނޫނެވެ.
"އަހަންނަށް ހާދަ ކަމުދެޔޭ އަޒޫ" އާދަނު އަޒުރާގެ ދޮންކަނދުރާގައި އަތްލި އެވެ.
"އާދަނުވެސް މަށަށް އެހާ ހެވެއްނު" އަޒުރާ ލާނެތް ރާގަކަށް ބުނެލިއެވެ.
އާދަނު އާއި އަޒުރާ އެކިއެކި ވާހަކަތައް ދައްކަމުންގޮސް އަޒުރާ އާދަނުގެ އަންހެނުން ބަޝީރާގެ ވާހަކައެހިއެވެ. އާދަނު އެކަމާ ގަޔާނުވުމުން އަޒުރާ އޭނަގެ މޮޅު އުކުޅުތަކުން އުކުޅެއް ބޭނުންކޮއްލިއެވެ. އަދި އާދަނުގެ އަނގައިން ބަސް ނެރެން ފެށިއެވެ.
"އަޒޫ، ބަޝީރާގެ ވާހަކަ ކީއްކުރަންތަ ދައްކަނީ، އޭނަ އާއި ހާސްބައި އަޒޫ ތަފާތު، ހިތަށް އަރާ މަށަށްވެސް ބަޝީރާއާ ނީނދެ އަޒޫ އާ އިނދެވުނު ނަމައޭ" މަސްތުކަމުގެ ތެރޭ އާދަނު މަޑުމަޑުން ވާހަކަދައްކަމުން ދިޔައެވެ.
"ދެން އަޅެ ބުނެބަލަ، ބަޝީރާ ކުއްލިއަކަށް މަރުވުމުގެ ހަބަރަކީ ކޮބާތަ؟" އަޒުރާ އާދަނުގެ ގައިގައި ފިރުމާލަމުން ބުނެލިއެވެ.
"އަޒޫ މަށާ އިންނަންވީނު، އަހަންނަށް އެނގޭ އަޒޫއަށް ހުރިހާ ހަގީގަތެއް އެނގޭކަން، މިބުނީ މިގޭތެރޭ ހިނގާ ކަންތައްތައް އަޒޫއަށް ވަރަށް ރަނގަޅަށް އެނގެޔޭ، އަނެއްކާ އަޒޫ ކަހަލަ ކުއްޖަކަށް މިކަން ވިސްނޭނީ ވެސް، އަހަރެންގެ ގައިގަވެސް ބާރުއެބަހުރި ދޯ؟" އާދަނު ބުނެލިއެވެ.
"ދެން ތިބުނަނީ ބަޝީރާ އާދަނުގެ އުފާކޮށެއް ނުދެއޭތަ" އަޒުރާ އާދަނުއަށް ބަލާލަމުން ބުނެލި އެވެ.

ކޮމެންޓް 0