ލައިބާގެ ހިތަށް އަބިޔާލްގެ ވާހަކަތަކުން ލުބާ ހަމަޖެހުން ހޯދާދޭން މަސައްކަތްކުރަމުންދިޔައެވެ.

"ލުބާ ދަންނަންތަ އޭނަ؟" ލައިބާއަށް އާބިޔާލް އާއި ލުބާ އާއި ގުޅުމެއްވާހެން ހީވުމުން އަހާލެވުނެވެ.

"ކިހިނެތްވީ، މިރަށުގަ އުޅެންޏާ، އަދިއެވެސް މިހިސާބުގަ އުޅެންޏާ އަހަންނަށް ފެނިފަވެސް ހުރެދާނެއެއްނު" ލުބާ އޮޅުވާލަން އުޅޭފަދަ ގޮތަކަށް ވާހަކަދެއްކިއެވެ.

ލައިބާ އެކިއެކި ސުވާލުތައް ކުރަންފެށިއެވެ. އެހެންނަމަވެސް އެދެވޭކަހަލަ ޖަވާބެއް ލުބާ ނުދިނެވެ. އަބިޔާލް އާއި ލުބާ އާއިއެއީ ދެރަޙުމަތްތެރިންބާއޭ ލައިބާގެ ހިތަށްއެރިއެވެ. އަނެއްކާ އަބިޔާލް ލައިބާއާއި ވާހަކަދައްކަނީ ލުބާ ބުނެގެންބާއޭ ލައިބާގެ ހިތަށް އެރިއެވެ. އެހިޔާލު ލައިބާގެ ހިތާ ސިކުނޑިއަށް މީގެކުރިން ދުވަހަކުވެސް ނުކުރާފަދަ އުނދަގޫތަކެއް އިޙްސާސް ކުރުވިއެވެ.

"ލުބާ، އަޅެ ބުނެބަލަ، އަބިޔާލް ދަންނަންތަ، ލުބާގެ ރައްޓެއްސެއްތަ އެއީ، އަހަރެން ލުބާ ކައިރީ އެއްކަލަ ވާހަކަ ދެއްކިފަހުންދޯ އާބިޔާލް އަހަންނާ ވާހަކަދެއްކީ" ލައިބާ ރޯނުގައި ބެޑުޝީޓުތައް ހިއްކަން އަޅަން ހުރި ލުބާގެ ދާދި ގާތުގައި ހުރެގެން މަޑުމަޑުން ވާހަކަދައްކަމުންދިޔައެވެ.

"ތީ ލައިއަށް ހީވާގޮތޭ، އަބިޔާލް އާއި ލައި ދިމާވީ އެންމެ ރަނގަޅު ވަގުތުގަ، އެކަމާ ދެން ނުވިސްނަބަލަ، އަބިޔާލްއަށް އެނގޭނެ ލައިއަކީ އެހެން އަންހެން ކުދިންފަދަ އަންހެން ކުއްޖެއް ނޫންކަން، ވެދާނެއެއްނު އެހެންވެ ކަމަށް ލައިއާއި ވާހަކަދެއްކީވެސް، ކިހިނެތް އެނގެނީ އޭނަގެ ހާލަކީވެސް ލައިމަތިން ހަނދާންކުރުން ނޫންކަމެއް، ލައިބާ ބޭރަށް ނުކުންނަ ނަމަތާ އަބިޔާލް ފެންނާނީވެސް" ލުބާ ކޮންމެވެސް ގޮތަކުން ހަމަޖައްސާލިއެވެ.

ހަވީރުގެ ވަގުތުގައި ލައިބާ އޮތީ ކުރާނެކަމެއްނެތި އެނދުގައި އޮށޯވެލައިގެންނެވެ. މަޑުމަޑުން އަތުން ބަނޑުގައި ފިރުމަމުން ދިޔައިރު އޭނަގެ ސިކުނޑީގައިވަނީ އެތަށް ސުވާލެއް އުފެދި ފުނިޖެހިފައެވެ. ދަރިފުޅު އުފަންވާވަގުތު ވާނީ ކިހިނެތްބާއޭ އޭނަގެ ހިތަށް އަރަމުންދިޔައެވެ. އަޒުރާމެންގެ މަސައްކަތް ކާމިޔާބު ނުވިއެއްކަމަކު ބަނޑުގައިވާ ދަރިފުޅު އުފަންވުމުން އެކުއްޖާ ގެންގުޅޭނެ ގޮތަކާއިމެދު ލައިބާ ސުވާލުއުފެދުނެވެ. ލުބާ ކައިރީ އަޒުރާ ގޭގައި ނޫޅޭވަގުތުތަކުގައި ގޭތެރެއަށް ވަނުމަށް އެދި އާދޭސް ކުރިކަމުގައިވިޔަސް ނުވަންނާނެއެވެ. ވީއިރު ލުބާގެ އެހީ ހޯދާނީވެސް ކިހިނެތް ހެއްޔެވެ. ލުބާ އުޅޭތަނެއް އަހައިފިނަމަ ކޮންމެވެސް އެހެން ވާހަކައެއް ފަށާނެއެވެ. ބައެއްފަހަރަށް ލައިބާއަށް ސުވާލު ގިނަކުރަންވެސް ނުކެރެނީއެވެ. ލުބާގެ އެހީތެރިކަން އޭނަ ބޭނުންވާލެއް ބޮޑުކަމުންނެވެ. ލުބާ ނެތްނަމަ މިއަދު އޭނައަށް އާދެވިފައިވާ ހިސާބަށްވެސް ނާދެވޭނެކަން ޔަގީނެވެ. ލައިބާގެ ބަނޑަށް ނުވަމަސް ފުރުނު ދުވަހު ލުބާ ދެއްކި ވާހަކަ އޭނަ ހަނދާނެއްނުނެތޭނެއެވެ. ލައިބާ އާއި އޭނަގެ ދަރިފުޅު ސަލާމަތުން ގެންދާނެކަމެވެ. އެކަމަކު އެއީ ކޮންދުވަހަކުންކަމެއް ނުބުނެއެވެ. އަދި ގެންދާނީ ކޮންތާކަށްކަމެއްވެސް ނުބުނެއެވެ. ލައިބާގެ އުއްމީދުގެ ހުޅުކޮޅު ނިވުނަނުދޭނެކަމުގެ އުއްމީދު ލުބާ އާލާކޮއްދިނެވެ.

"ވަރަށް އުފަލުންދޯ ތިއޮންނަނީ، ކަލޭ ބޭނުންގޮތަށް ތިކަންތައްވީމަ، ބުނަން އަހަރެން ދުނިޔޭގަ ހުރިހާ ދުވަހަކު ކަލެއަށް ހަމަޖެހުމެއްނެތްކަން ދަންނާތި" ކޮޓަރީގެ ދޮރުމަތީ ހުރި އަޒުރާގެ އަޑު ލައިބާއަށް އިވުނެވެ.

"ކަލޭ މަގޭ ބަނޑުގަ އޮންނަ ދަރިމަރަން އުޅޭއިރު، ކީއްވެތަ އަހަރެން ދުނިޔައަށް ގެނައި، އަދި އެވެސް ދެފުރާނަ ކަލޭ މިދުނިޖެއަށް ގެނައި، ގެނެސްފަ އެދެކުދިން ވަކިކުރުވީ ހަމަ ކަލޭ، މިއަދު އަހަރެން މިހާ އެކަނިވާން ޖެހުނީވެސް ކަލެއާއި ހެދި، ބައެއްފަހަރު ހިތަށް އަރާ ނަސީބެކޭ އޭނަ މިގޭގަ ނޫޅޭކަން...." ލައިބާއަށް އަޒުރާގެ ބަސްތައް އަޑުއިވުމާއިއެކު ރައްދުދިނެވެ. އޭނަ އަޒުރާކޮއްފާނެ ކަމެއްދެކެ ކިތަންމެ ބިރުގަތްކަމުގައި ވިޔަސް އަޒުރާދެކެ އަންނަ ރުޅި ކޮންޓްރޯލްއެއް ނުކުރެވެއެވެ. ބުނާ ކޮންމެ ބަހެއްގެ ރައްދުދޭން އޭނަ ބޭނުންވެއެވެ. އޭނައަށް ވެގެންވަންޏާ އަޒުރާގެ އަނިޔާތަކުން ސަލާމަތްވާން މަސައްކަތްވެސް ކުރެއެވެ.

"ކަލޭ މަރާލަން އަހަރެން ހާދަ މަސައްކަތެއް ކުރީމޭ، އެކަމަކު ވީކަމެއް ހަރާން، ސުންޕާކަމުން އަހަންނަށް އުނދަގޫކުރަން ދުނިޔެއަށް އަންނަންވެއްޖެވިއްޔަ، އަހަރެންގެ ހަށިގަނޑުގެ ރީތިކަން ނަގާލީ ހަމަ ކަލޭ، ކިހާ ދުވަހަކު އަހަރެން އުޅެންޖެހުނު އެވޭނުގަ، ހައްވަދައިތައަށް އެނގޭނެ އަހަރެން އުޅުނު ހާލު، އެމީހާގަނޑާހެދި ކަލޭ ދުނިޔެއަށް އައިމަ މަރާނުލެވުނީވެސް، އެހެންނޫންނަމަ ކަލޭކަހަލަ ސުންޕާމީހަކު އަހަރެން ބޭނުންވާނެތަ އަހަރެންގެ ގޭގަ އުޅެން" އަޒުރާ އައިސް ލައިބާގެ ކުރިމައްޗަށް ހުއްޓެމުން ވާހަކަ ދައްކިއެވެ.

"އެއީ އަހަރެން ކުރާނެކަމެއްތަ، އަހަރެން ކުޑަކުޑައިރުއްސުރެ އަހަރެން ހީކުރީ ކަލެއަށް ލިބުނީ އަހަންނާ ޔަޒާން އާއިއެކަނި ކަމަށް، އެކަމަކު.....ކީއްވެތަ އެހެން ހެދީ....." ލައިބާ އަޒުރާ އާއި ކުރިމަތިލަމުން މަޑުމައިތިރިކަމާއިއެކު އަހާލިއެވެ.

"އަހަރެން ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރިއަސް އެއީ ކަލެއާއި ބެހޭ ކަމެއްނޫނޭ، އަހަރެން ބަނޑުބޮޑުވާހާ ފަހަރަކު އެކުއްޖާ އުފަން ކުރަންޖެހޭތަ، އަހަރެންގެ ރަހިމުގައި ކަލޭ އޮތްކަމަކު އަހަންނާ ކަލެއާއި ހާސް ފަރަގު ހުންނާނެ، މިހާރުވެސް ބަލާބަލަ އަމިއްލައަށް ބުއިބޮނޑި، ކަލޭ ދަރިއެއް ވިހައިގެން އުޅޭނީ ކިހިނެތް، އަހަރެންގެ އަތުން ލޯލާރިއެއްހާ ހިސާބުވެސް ހަރަދު ނުކުރާނަން، ހީނުކުރާތި ކަލޭ ވިހޭމަ އަހަރެން ބަދަލުވެދާނެއޭ، ނުވާނެ ތިކަމެއް، ކުރިން މިބުނެލީ އަހަރެންގެ ފަރާތުން އެއްވެސް ވަރެއްގެ އެހީއެއް ލިބޭނެކަމުގެ އުއްމީދު ނުކުރާތި، ކަލޭ އަމިއްލައަށް ތިކުޑައެއްޗަށް ދޭނެ އެއްޗެހިވެސް، ލައްވާނެ އަންނައުނުވެސް ހޯދަން ޖެހޭނީ...." އަޒުރާގެ ވާހަކަ މެދުކަނޑާލިއެވެ.

"އަހަރެންގެ ވާހަކައެއް ނޫނޭ މިދައްކަނީ، މިދައްކަނީ އަހަންނާއިއެކު އުފަންވި އަހަރެންގެ ދެވަނަ ކުއްޖާގެ ވާހަކައޭ، ކީއްވެހޭ އަހަރެން ބަހައްޓާފަ އޭނަ އެހެންމީހަކަށް ދިނީ؟" ލައިބާ ހަރުކަށިކަން އެކުލެވިފައިވާ ގޮތަކަށް ބުނެލިއެވެ.

"ކޮންވާހަކައެއް ތިދައްކަނީ، އަހަރެން ނުދެނަ ހުރިން...." އަޒުރާ ނިތަށް ރޫއަރުވާލަމުން ލައިބާއަށް ފާޑަކަށް ބަލާލިއެވެ.

"އާން، ނޭގޭނެ، ކަލެއަށް ހަމައެކަނި އެނގޭކަމަކީ.... އެކަން ކަލެއަށްވުރެ މޮޅަށް އެނގޭނެ އެހެން އަންހެނަކު މުޅި މިރަށުގަވެސް ހުންނާނެ ހެނެއް ހިޔެއްނުވޭ.....އަހަރެންނާ އޭނަ އާއި ވަކިކުރިއިރު ކަލޭ ހީނުކުރަން އަހަރުމެން ދެމީހުން އެކަކު އަނެކަކާ ދިމާވެދާނެއެކޭ، ބަލަ އޭނައަށް އެނގެޔޭ ކަލެއަކީ ކޮންކަހަލަ މައެއްކަން، އޭނަގެ އަނގައިންވެސް ކަލެއަށް ދުވަހަކުވެސް މަންމައޭ ގޮވާލާއަޑެއް އަހަރެން ނާހަން، އެހެންވެ އަހަރެންވެސް ކަލެއަށް މަންމަ ކިޔުންހުއްޓާލީ، ކަލެއަކީ މަންމައެއްގެ ލަގަބުދޭވަރަށްވުރެ ރަޙުމުކުޑަ އަނިޔާވެރި މީހެއް، ކަލޭ އަހަރެން މަރުވާން އެދޭވަރަށް އަހަރެންވެސް ހިތަށް އަރާ ކަލޭގެ ކައިރިން އަހަންނަށް ސަލާމަތްވެވޭނީ ކޮންދުވަހަކުންބާއޭ...." ލައިބާ ދެރަވާގޮތްވިއެވެ. އޭނަ އާއި ލުބާ އާއި އެކުގައި ހޭދަކުރެވިފައި ވަގުތުތައްމަތިން ހަނދާންވިއެވެ.

"ބުނަން އަހަރެންނަށް ނޭގޭ ކޮންވާހަކައެއް ކަލެއަށް މާއެނގިގެން ތިއުޅެނީ، ސާފު ބަހުން އަހަނަށްވެސް އެނގޭނޭހެން ނިކަން ބުނެބަލަ" އަޒުރާ ރުޅިގަދަވާގޮތްވިއެވެ. އެހެންނަމަވެސް ލައިބާ ވާދަކިޔާހާ ހިނދަކު އޭނައަށް ދޫކުރާ ކަހަލަ ހިޔާލެއް ނުކުރެއެވެ.

"މިދައްކަނީ ލުބާގެ ވާހަކަ، އަހަންނާއިއެކު ކަލޭގެ ބަނޑުގައި ދެންއޮތް ކުއްޖާގެ ވާހަކަ، ކީއްވެހޭ އޭނަ އެހެންމީހަކަށް ދީފަ އަހަރެން ކަލޭގެ އަނިޔާވެރިކަމުގައި ގެންގުޅެން ބެހެއްޓީ، އަހަރެންވެސް މީހަކަށް ދިންނަމަ، އޭރުން ކަލޭވެސް އަހަރެންގެ ސުންޕާކަމުން ސަލާމަތްވީއެއްނު، އަހަންނަށް ލުބާފަދަ ރަނގަޅު ދިރިއުޅުމެއްވެސް ލިބުނީހެއްނު، އޭނަފަދައިން އަހަންނަށްވެސް ކިޔަވާ މޮޅުމީހަކަށް ވުމުގެ ފުރުޞަތު ލިބުނީހެއްނު، މިހާރު އަހަރެން ކަލޭދެކެ މިއަންނަ ރުޅި އާޢި ވާފޫހި ނުވީސްކަން ޔަގީން، އޭރުން އަހަރެން ދިނީ ނުބެލިގެން ކަމުގައި އަހަންނަށް ގަބޫލުކުރެވުނީސް ކަންނޭގެ، އަހަންނާ އަހަރެންގެ ބޭބެ އާއިމެދު އޮންނަ ގުޅުންވެސް ރަނގަޅުވީސް، ލުބާ އަހަރެންގެ ކައިރިއަށް ނައިނަމަ އަހަންނަށް ނުވެސް އެނގުނީސް ކަލޭ އެއްމާބަނޑު ދެކުދިން ވިހޭކަންވެސް، ކަލޭ ދެކުނިންތަ އެއްފަހަރުވެސް އޭނަ، އަހަންނާ އޭނަ އާއި ބަހައްޓައިފިނަމަ އެއްވެސް ތަފާތެއް ނުހުންނާނެ....ކީއްވެތަ އެހެން ހެދީ؟" ލައިބާއަށް ރޮވުނެވެ. އޭނަ ލުބާގެ ވާހަކަ އަޒުރާގެ ގާތުގައި ނުދެއްކުމަށް ހުރީ އަމިއްލައަށް ވައުދުވެގެންނެވެ. އަނެއްކޮޅުން ލުބާވެސް ލައިބާގެ ގާތުގައި އަޒުރާކައިރީ އޭނަ އަންނަ ވާހަކަ ނުބުނުމަށްވަނީ ބުނެފައެވެ. އެހުރިހާ ކަމެއް މިއަދު ބަދަލުވެއްޖެއެވެ.

"ކަލޭ ތިހިރީ ހަމަ ރަނގަޅަށް މޮޔަވެފަ، ހަމަޖެހޭ އެއްޗެކޭ ނިކަން ކިޔާބަލަ، އަހަރެން ދުނިޔަށް އުފަންކުރިއްޔާ ކޮއްފަހުންނާނީ ކަލެ އާއި ޒާން އާއިއެކަނި، ދެން ކޮން ލުބާއެއްތަ، އަހަރެން ދުވަހަކުވެސް އެއްމާބަނޑު ކުދިންނެއް ނުވިހަން، އަދި އެފަދަ ގޮތަކަށް ބަލިވެ ވެސް ނީނދޭ، އަހަންނަކަށް ނޭގޭ ކަލޭ ކޮންތާކުން އަޑުއަހައިގެން ދައްކާ ވާހަކައެއް ކަމެއްތީ، މިހާރު ދެން ކިޔާނެ އެއްޗެއް ނޭގިގެންތަ ތިއުޅެނީ، އަހަރެން ކުދިންވިހާފަ ނުބަހަމޭ މީސްމީހުންނަށް، ކާކުތަ އުޅެނީ ތިކަހަލަ ބުރައެއް ބޮލުގަނޭޅިގެން، މަށެއްނޫޅެން ތިވާހަކަތައް އަޑުއަހާކަށް، އަދި ތިބަނޑުގައޮތް އެތި ނުކުތީމަ ތިއަށްވުރެވެސް ބޯގޯސް ކަލޭ ވާނެ، ދުނިޔޭން އެކީ މޮޔަވާނެ ކަލޭ" އަޒުރާ ހެމުން ކަހަލަ ގޮތަކަށް ފަހުބަސްތައް އަމުނާލިއެވެ.

"ނޫން، އަހަރެން މޮޔަވެގެން ދައްކާވާހަކައެއް ނޫނޭ މީ، އޭނަ ފެނުނު ކޮންމެ މީހަކަށް އެނގޭނެ އަހަންނާ އޭނަ އާއި އެއްވެސް ތަފާތެއްނެތްކަން، އަހަރުމެން ދެމީހުންގެ ތެރެއިން ކޮއްކޮއަކީ ކޮބާކަމެއް، ދައްތައަކީ ކޮބާކަމެއް ނޭގޭ....މިއަދު މިހިސާބަށް މިއާދެވުނީ އޭނަގެ ހިތްވަރުން، އެހެންނޫނަމަ އަހަރެން ކަލޭ ހިތްއުފާވާފަދަ ކަމެއްކޮއްގެން މިދުނިޔެއާއި ވަކިވާނެތާ ކިތަންމެ ދުވަހެއް" ލައިބާ ރޮމުން ބުނެލިއެވެ. އޭނައަށް މިހާރު ވާނުވާ އޮޅިއްޖެއެވެ. އަޒުރާ އެއްގޮތަކަށްވެސް އޭނަ ދައްކާ ވާހަކައެއް ގަބޫލެއް ނުކުރިއެވެ. އޭނަ އާއިއެކު ލުބާ އުފަންނުވާފަދައެވެ. އެކަމަކު ލުބާ ހުންނަނީ އޭނަގެ ސިފައިގަ ކަމާއިމެދު އޭނަ އެއްވެސް ޝައްކެއްނުވެއެވެ. އަމިއްލަ ސޫރަ ލޯގަނޑުން ބަލާލުމުން ފެންނާނީ އެފަދަ ގޮތަކަށެވެ. އިތުރުވާކަމީ ލޯގަނޑުން ފެންނަ ސޫރަ ވާހަކަ ނުދައްކާކަމެވެ. އެކަމަކު ލުބާ އޭނައަށް އެކިއެކި ކަންތައްތައް ކޮއްދެއެވެ. ކުޑައިރުންފެށިގެން މިހިސާބަށް އޭނަ ބޮޑުވެގެން އައި މަންޒަރުވެސް ލައިބާވަނީ ދެކިފައެވެ. ވީއިރު އަޒުރާއަށް ލުބާ ނޭގެންވީ ކީއްވެ ހެއްޔެވެ. އަޒުރާ ގަސްދުގަ ލައިބާއަށް ހަގީގަތް އޮޅުވާލަނީބާއޭ އޭނަގެ ހިތަށްއެރިއެވެ. ލުބާގެ ހަގީގަތްވެސް އޭނަ އަމިއްލައަށް ލައިބާއަށް ހާމަކުރާކަށް ބޭނުމެއްނުވެއެވެ. މިހާރު ލައިބާއަކީވެސް ކުޑަކުއްޖެއްނޫނެވެ. ކަންތައްތަކާއިމެދު ވިސްނާ ފިކުރުކުރުމީ އޭނަގެ އާދައަކަށްވެފައިވާ ކަމެކެވެ.

ކޮމެންޓް 0