އަޒުރާ ކޮޓަރިން ނުކުމެގެން ދިޔައީ ހެމުންހެމުންނެވެ. އޭނަ ލުބާގެ އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދިނެވެ. އޭނަ ހީކުރީ ލައިބާ ހަދައިގެން ދައްކަމުންދާ ވާހަކައެއް ކަމުގައެވެ. ލައިބާއަށް ވަކިން ބޮޑަށް ރޮވުނެވެ. އޭނަ ނިންމީ ލުބާގެ ގާތުން ހަގީގަތް އޮޅުންފިލުވަމަށެވެ. ދޮގުހަދަނީ އަޒުރާ ކަމެއް ނޫނީ ލުބާކަމެއް މިހާރު އޭނައަށް ޔަގީންކުރާކަށް ނޭގެއެވެ. އެވާހަކައިގައި ހަގީގަތެއް އެކުލެވިފައިވާނަމަ އަޒުރާ އެގޮތަށް ހެމުންނެއް ނުކުމެގެން ނުދާނެއެވެ.

އަޒުރާ ލައިބާގެ ކޮޓަރިން ނުކުމެ ބޮޑުއަށިމަތީ ހަމަޖެހިލިއެވެ. އޭނަ ލައިބާގެ ކުރިމަތީގައި އޭނަ ދެއްކި އެއްވެސް ވާހަކައަކަށް ސަމާލުކަމެއް ނުދިންކަމުގައިވިޔަސް އޭނަ ލައިބާ ދެއްކި ވާހަކަތައް އަޑުއެހިއެވެ. އެއީ ކީއްވެ ލައިބާ ދެއްކި ވާހަކައެއްބާއޭ އަޒުރާ ހިތަށް އަރަމުންދިޔައެވެ "ލުބާ" އެއީ ކާކު ބާވައޭވެސް އޭނަގެ ހިތަށްއެރިއެވެ. ލައިބާގެ ސިފައިގައި އެމީހަކު ހުއްޓެއްކަމަކު އޭނަ އެއްމާބަނޑު ދެކުދިންނެއް ނުވިހައެވެ. އަދި ވިހޭކުއްޖެއް މީހަކަށް ދީފައެއްވެސް ނެތެވެ. އޭނަ އެއްގޮތަކަށްވެސް ލައިބާގެ ބަނޑުގައިވާ ދަރިފުޅު އުފަންވާކަށް ނޭދެއެވެ. އަދި ލައިބާއިނީ ބަލިވެކަންވެސް އެންމެނަށް ސިއްރުކުރަމުންދަނީ ހަމައޭނަގެ ނުފޫޒުގެ ބޭނުންކޮއްގެންނެވެ. އަޒުރާ ލައިބާ ވިހަންވާއިރަށް ކަންކުރާނެގޮތެއް ވަނީ ނަދީމާ އާއި މަޝްވަރާކޮށް ނިންމާފައެވެ.

ޔަޒާން އަޒުރާގެ ކޮޓަރިން ނުކުމެގެން އައިސް ބޮޑުއަށީގައި އަޒުރާ އާއި ތަންކޮޅެއް ދުރުގައި އަރާ އިށީނެވެ. ހުޅުވާފައިވާ ޓީވީއަށް ބަލަހައްޓައިގެން އިން އަޒުރާ ޔަޒާންއަށް ބަލާވެސް ނުލައެވެ.

"އަހަންނަށް އެނގޭ ޒާންގެ ދަރިއަކަށްކަން ލައިބާ ބަލިވެއިނީ، ކީއްވެ؟ އަހަރެން ޒާންއަށް ރައްކާތެރިވާނޭ ހުރިހާ ގޮތެއް ކިޔާދިނީމެއްނު، އަހަންނަށް އެނގޭ ޒާން ތިކުރާ ކަމެއް ނުހުއްޓާނެކަން، އެކަމަކުވެސް އޭނަ ބަލިވެ ނީންނަގޮތަކަށް ތިކަންކުރަންވެއްޖެއެއްނު، މިއޮއްހުރިހާ ދުވަހު ހުރެފަ ކީއްވެ މިހާރު އެހެން ހަދަންވީ؟" އަޒުރާ އިންގޮތަށް އިނދެ ވާހަކަދެއްކިއެވެ.

"މިގޭގަ ފިރިހެނަކު ނޫޅެއެއްނު އަހަރެންނޫނީ، އަޒުރާއަށް އަހަރެންގެ އެހީ ބޭނުންވާގޮތަށް އަހަރެން ލައިބާއަށް ބޭނުންވެޔޭ، އޭނަ ކައިވެނި ކޮއްގެން ދާންވާއިރަށް ރަނގަޅު ހަދިޔާއެއްދޭންވެގެން ކުރިކަމެއް އެއީ، އެކަމަކު އެ މަނިކުވެސް މަރުވީވިއްޔަ......އަނެއްކޮޅުން އަހަރެން ބުނާހާގޮތެއް މިހާރު ލައިބާ ހަދަނީކީ ނޫން، އެހެންވީމަވެސް ވާނީ އެކަހަލަ ގޮތްގޮތޭ..." ޔަޒާން އެއްވެސް ޖެހިލުމެއްނެތި ބުނެލިއެވެ.

"އެވެސް އިތުރުވާ ބޮލެކޭ، މީހުން ބުނާނެ އެއްޗަކަށްވެސް ނިކަން ވިސްނާލައިގެން އުޅެބަލަ، އަހަރެން މިހާރު ތިކަމެއް މަނައެއްނުކުރަމެއްނު، އެކަމަކުވެސް ހެޔޮ، ލައިބާ ބަލިވެ އިންނަމީ އެންމެ ފަހު ފަހަރު" އަޒުރާ އޭނަގެ ނިންމުން އަޑުއިއްވާލިއެވެ.

ފަތިސްވާން ކައިރިވިވަރަކަށް ގޭތެރޭގައި އުޅޭމީހުންގެ އަޑުތައް މަޑުމަޑުންގޮސް ހިނދިއްޖެއެވެ. ޔަޒާން ކޮޓަރިއަށް އައީ އެވަގުތުއެވެ. ނުނިދިފައިއޮތް ލައިބާއަށް ކުއްލިއަކަށް ތެދުވެވުނީ ޔަޒާންގެ ރަތްވެފައިހުރި ދެދޮލާއި ނިވާކަމެއްނެތް ހަށިގަނޑު ފެނުމުންނެވެ. އޭނަ އައިގޮތަށް އައިސް ލައިބާގެ އިސްތަށިގަނޑުގައި ހިފައި ގެނެސް އޭނަގެ މޭގައި ލައިބާގެ މޫނުޖައްސާލިއެވެ. ލައިބާއަށް ދުވިވަހުން ޔަޒާންގެ މޭގައި އަތްއަޅާ ދުރަށް ކޮއްޕާލިއެވެ. އޭނަ އެކަމާ ހިތްހަމަ ނުޖެހުނެވެ. އަނެއްކާވެސް ލައިބާ އާއި ގާތްވުމަށް އުޅުނެވެ. މިފަހަރު ލައިބާ އޭނަ ދުވަހަކުވެސް ނުކުރާކަމެއްކުރިއެވެ. ފައިކުރުކޮއްލާފައި ޔަޒާންގެ ބޮނޑުކޮޅުގައި ފައިންޖެހިއެވެ. އަދި އޭނަ އާއި ގާތް ނުވުމަށް އަމުރުވެރިގޮތަކަށް ބުނެލިއެވެ. ޔަޒާންއަށް ވީތަދުން ކޮޅަކަށް ނުހުރެވުނެވެ. އޭނަ ތަޅުންގަނޑުމައްޗަށް ދެމުނީއެވެ. އިތުރަށް ލައިބާ އާއި ކައިރިވާކަށް މަސައްކަތެއްވެސް ނުކުރެވުނެވެ. އެހެންނަމަވެސް އޭނަގެ ގާތަށް ރުޅިއައެވެ. އަދި ދުލަށްއައިހައި ނުބައިއެއްޗެއް ލައިބާއަށް ގޮވަންފެށިއެވެ.

މުޅި ދުވަހު ކަހަލަ ގޮތަކަށް ޔަޒާން ހުރީ ލައިބާދެކެ ރުޅިއައިސްފައެވެ. އަދި އޭނަ އާއި ދިމާލަށް އެކަމުގެ ބަދަލު ހިފާނަން ކަމުގައި ބުނަމުންދިޔައެވެ. އޭނަ އެކަން ކުރީ އަޒުރާ މެންދުރު ބޭރަށް ދިޔަވަގުތު ބަލާފައެވެ. އޭނަ އާއިއެކު ދެތިން ހަތަރު ބޮޑެތި ފިރިހެނުންގޮވައިގެންއައިސް ލައިބާ އާއި ކުރިމަތިލިއެވެ. ގަދަކަމުން އެމީހުން ބޭނުންހާކަމެއް ލައިބާއަށް ކުރަމުންދިޔައެވެ. ރޯވުނެއްކަމަކު ލައިބާ ހަޅޭކެއްނުލަވައެވެ. އޭނަ އާދޭސްކުރަމުންދިޔައީ އޭނަގެ ބަނޑުގައިވާ ދަރިފުޅަށް ގެއްލުމެއްލިބިދާނެތީއެވެ. ޔަޒާން ހިތްފުރޭވަރު ވުމުން ދެންތިބި މީހުންނަށްވެސް ދާން އިޝާރާތްކުރިއެވެ. އެމީހުން ޔަޒާންގެ މޫނަށް ބަލާލަމުން ލައިބާ އާއި ދުރަށް ޖެހުނެވެ. އަދި ލައިބާގެ ކޮޓަރިން ނުކުތުމުން ޔަޒާން ލައިބާގެ އަތުގައި ހިފާދަމަމުން ކަހަލަ ގޮތަކަށް ބަދިގެ ފަރާތަށް ނެރި ކުންނާރު ގަހާދިމާލަށް ކޮއްޕާލިއެވެ.

"ކޮބާތަ ކަލޭ ސަލާމަތްކޮއްދޭހިތުން އުޅޭ އެއްޗަކީ، އަންމިއޮތީ، ހަދާނެ ގޮތެއް ހަދާފަ، ނިކަން އަހަރެންގެ ގައިގަ އަތްލަބަލަ، އަދި ފުއްޕާފަ އުޅެޔޭ އަހަރެން ބިރުގަންނާނެކަމަށް، މިފަހަރު އަޑެއްބަޑެއް ލައްވާނުލީ ކީއްވެތަ؟ މިގޭ ފުރާޅު ވައްޓާލާވަރު ނުކުރީ ކީއްވެތަ، އަޒުރާބުނިހެން އަހަންނައްވެސް އެރެއަށްފަހު އެނގިއްޖެ މިކަމާ އޭނަ އާއިކަން ގުޅިފައިވަނީ، މަށަށްވަރިހަމަ ކަލޭތީ ކޮންމެ އެއްޗަކަށްވިޔަސް، ކަލައެކަށް އޭނައެއް ނުވެސް ގެންދެވޭނެ، އަހަރެން ބޭނުންގޮތެއް އޭނައަށް ހަދާނީ....އޭނަގެ ބަނޑުގަވެސް އެއޮތީ މަގޭ ކުއްޖެއް، ކަލޭހުރޭ ދުރުގަ އަޑުއަޑުލައްވަމުން ބަލަން" ޔަޒާން ރުޅިވެރިކަމާއިއެކު ބުނެލިއެވެ. އަދި ވެލިގަނޑުމައްޗަށް އަރިއަކަށް ވެއްޓިފައިއޮތް ލައިބާގެ ބަނޑުގައި ފައިންޖަހަން އުޅުނުވަގުތު އައިނައިގޮތެއް ނޭގި މަތިން ވެއްޓުނީ ކާއްޓެކެވެ. ޔަޒާންގެ ފައިގައި ނުޖެހުނީ ހަމަ ކިރިޔާއެވެ.
"ތީ ދޯ ކުރަން އެނގުނު ވަރަކީ" ޔަޒާން ސިހުނެއްކަމަކު ބުނެލިއެވެ. އަދި އެތަނުގައި ނުހުރެ ނުކުމެގެން ދިޔައެވެ.
ކުއްލިއަކަށް މީހަކު އައިސް ލައިބާގެ ފުރަގަހުން އޭނަގެ ގައިގާ އަތްލުމާއިއެކު ސިހިފައި ދުރަށް ޖެހިލެވުނެވެ.

"އަހަންނޭ، ލުބާ..." ލުބާގެ އަޑުއިވުމުން ލައިބާއަށް ވަކިން ބޮޑަށް ރޮވުނެވެ. ބަނޑުގައި ލުބާގެ އަތްޖައްސާލުމާއިއެކު ދަރިފުޅު މަރުވީކަންނޭގެއޭ ބުންޏެވެ. ލުބާގެ މޫނުމަތިން ހިތާމަވެރިކަން ފާޅުވަމުންދިޔައެވެ. އޭނަ ލައިބާ ހަމައަކަށް އެޅުވުމަށް މަސައްކަތްކުރަމުންދިޔައެވެ. އިތުރަށް ކުރެވޭނެ ކަމެއް ނެތުމުންނެވެ. އޭނަ ލައިބާ ކޮޅަށްތެދުވުމަށް އެހީތެރިވެދިނެވެ. ލައިބާގެ އަތްނަގާ އެތެރެގެއަށް ވަންނަ ދޮރުކަނީގައި ޖައްސާލަމުން އެތެރެއަށްވަދެ ފެންވަރާލައިގެން ނުކުތުމަށް ލުބާ އެދުނެވެ.
"ލުބާ އާދެބަލަ، އަހަންނާއިއެކު ކޮޓަރިއާއި ހަމައަށް ހިނގާބަލަ" ލައިބާ ލުބާގެ އަތުގައި ބާރަށް ހިފާލަމުން ބުނެލިއެވެ. އެހެންނަމަވެސް ލުބާ އެއްވެސް އެއްޗެއް ނުބުނެ ހުރިގޮތަށް ހުރީއެވެ. ލައިބާ ދެތިންފަހަރުމަތިން އާދޭހުގެ ރާގަކަށް ބުނުމަށްފަހު އޭނަ ލުބާގެ އަތްފޮޅުވާލިއެވެ. އަދި ގޭތެރެއަށް ވަދެގެންދިޔައީ ވަރަށް ހާލުންނެވެ. އެމަންޒަރު ބަލަން ހުރި ލުބާ ހީވަނީ ދެންމެދެންމެ ގޭތެރެއަށް ފިޔަވަޅެއް އަޅަން އުޅޭހެންނެވެ. އެކަމަކު އޭނަ ގޭގެވަށައިގެން ނަޒަރުހިންގާލުމަށްފަހު ކަރުއެލުވާލިއެވެ.

ހަވީރުވެގެން އައިވަގުތެވެ. ލައިބާ އެނދުގައި އޮވެގެން ރޮމުންދިޔައެވެ. އިރުއިރުކޮޅާ ބަނޑުގައި އަތްލައެވެ. ދަރިފުޅު ތޮޅިލާހެންވެސް އޭނައަށް ހީނުވާތީއެވެ. ބާލީހުގައި މޫނު ފޮރުވައިގެން އޮތްއިރު އޭނަގެ ކަންފަތުގައި ލުބާގެ އަޑުޖެހުނެވެ. އޭނަގެ ނަމުން ލުބާ ގޮވާކަން އެނގުނެވެ. އެކަމަކު ލައިބާ ނުކުންނާކަށް ގަސްތެއް ނުކުރިއެވެ. އަނެއްކޮޅުން ލުބާވެސް ހުއްޓާނުލާ ގޮވަމުންދިޔަވެ. އަދި ލައިބާގެ ބަނޑުގައިވާ ދަރިފުޅު ރަނގަޅުކަމުގައި ބުނަމުންދިޔައެވެ. ބަނޑުގައިވާ ކުއްޖާގެ ވާހަކަދެއްކުމުން ލައިބާ މަޑުމަޑުން ތެދުވިއެވެ. އަދި ލޯފޮހެލަމުން އެނދުގައި އިށިންވަގުތު ބަދިގެ ފަރާތަށް އައިސްދިނުމަށް ލުބާއެދުނެވެ. ދެހިޔާލުގައި އިނދެފަވެސް ލައިބާއަށް ނުގޮސް އިންނާކަށް ނުކެރުނެވެ. އޭނަ ބަދިގެ ފަރާތަށް ނުކުތެވެ. އެކަމަކު ދޮރުމަތީ މަޑުކޮއްލައިގެން ހުރީއެވެ.

"އަހަންނަކަށް ގަބޫލެއް ނުކުރެވޭ ލުބާ އަހަންނަށް އެހީތެރިވެދޭއިރުވެސް އަޒުރާ އާއި ކުރިމަތިލާން ބޭނުންނުވާ ސަބަބެއް، މިގެއަށްވެސް ވަންނަނީކީ ނޫން، މިގެއަށްވަދެއްޖެއްޔާ ދުވަހަކުވެސް ލުބާ ނުފެންނަންވީ ކީއްވެކަމެއްވެސް އަހަންނަކަށް ނޭގޭ، އަޒުރާ އަކަށް ނުކެރޭނެ ލުބާއަށް ގޮތެއް ހަދާކަށް، އޭނައަށް އޭރުން އެނގޭނެ ހުރިހާ ކަމެއް ބޭޒާރު ވެއްޖެކަން، މިއަދު އަހަރެންގެ ގާތުގައި ލުބާ ހުރުމަށް އަހަރެން ވަރަށް ބޭނުން، ދެން ކޮންމެ ވަގުތެއްގަވެސް އަހަރެން ވިހާފާނެ، އަހަރެން ބޭނުން ލުބާ ހުންނަން، މިހެން ސިއްރުސިއްރުން އުޅުނީމަ އެމީހުން ހީކުރަނީ އަހަރެން މޮޔަގޮވަނީކަމަށް" ލައިބާ ދެރަވެފައި ހުރެ ވާހަކަދެއްކިއެވެ.

"އަޒުރާ ދައްކާ ވާހަކަތަ ނޫނީ އަހަރެން ލައި އާއި ދައްކާ ވާހަކަތަ ގަބޫލުކުރެވެނީ، އަޒުރާ ތެދެއް ހަދާނެތަ، އޭނަ އުޅެނީ ޔަޒާން ބޭނުންވެގެން، އެކަމަކު ޔަޒާން އުޅެނީ ލައިބާ ބޭނުންވެގެން، އެކަމުގެ ހުރިހާ ރުޅިއެއް އޭނަ އެދަނީ ލައިބާއަށް ބާލަމުން، ޔަޒާން ހީކުރީ މިއަދު އޭނަ އަށް އެކުރެވުނީ ވަރަށް މޮޅުކަމެކޭ، އަހަރެން ލައިބާ ގެންދާނަމޭ ބުނީމެއްނު، އަހަރެން އެމީހުންގެ ކައިރީ ލައިބާ ތިހާލުގަ އުޅެން ބަހައްޓާކަށް ނޫޅެމޭ....އަހަރެންވެސް ރުޅި އާދޭ، ދެރަވޭ، އެމީހުންގެ ހިތްތަށް އެވަނީ ހަރުވެ ހިލައަށްވެފަ، އަހަރެންވެސް ހިތަށްއަރާ ކޮންމެ ފަހަރަކު ތިގޭތެރެއަށް ވަދެވޭނަމަ މިހާރު ތިއަޒުރާއެއްވެސް ތިޔަޒާންއެއްވެސް ނުހުރީސް، އަހަންނަކީ ފިނޑިއެއްނޫން، އެކަމަކު އެމީހުންހާ ރަޙުމުކުޑަމީހެއްވެސް ނޫން، އަހަންނަށްވެސް ނުބައިވާން އެނގޭ...." ލުބާގެ އަޑުގައި ތަފާތުކަމެއް އެކުލެވިފައިވިއެވެ.

"އެނގޭ އަޒުރާ ދޮގު ހަދާނެކަންވެސް، އޭނަ އަހަންނަށް ހެވެއް ނޭދޭކަންވެސް، ޔަޒާން އަހަރެންނާ ދުރަށް ނުދާނެކަންވެސް، އެކަމަކު ލުބާ، އަހަރެން ކައިރީ ތެދަށް ބުނެބަލަ، އަހަންނާ ލުބާޔާ މިހާ ވައްތަރުވާންޖެހޭ އެންމެ ސަބަބެއް އަހަރެންގެ ވިސްނުމަށް އައީ، އެހެންވެ އަޒުރާ އާއި ދިމާލަށް އެހުރިހާ އެއްޗެއް ކިޔުނީ، އަހަންނަށް މިހާރު ހަގީގަތް އޮޅިއްޖެ، ލުބާ އުޅޭ ގެއެއް، ލުބާގެ އާއިލާއެއް އަހަންނަށް އަދިވެސް އެނގެނީކީ ނޫން، އެވާހަކަ ފަށާއިރަށް ކޮންމެވެސް އެހެން ވާހަކައެއް ފަށާނެ، ހެޔޮނުވާނެ އަހަރެންނާއިމެދު އަޅާލާ ހަމައެކަނި މީހަކީ ލުބާ، އެހެންވެގެން އަހަރެން ލުބާގެ ހުރިހާ ކަމެއް އެނގެން ބޭނުންވަނީ، ކަމެއް ޖެހުނަސް އަހަރެން މިހާރު މިޖެހެނީ މަޑުކޮއްލައިގެން ހުންނަން، ލުބާ އަންނާނެ އިރަކަށް" ލައިބާ ހަގީގަތް އެނގެން ބޭނުންވެފައި ހުރިވަރު ލުބާއަށް ހާމަކުރިއެވެ.

"އަހަރެން ލައިއަށް އެއްވެސް ކަމެއް އޮޅުވައެއް ނުލާނަމޭ، ހުރިހާ ވާހަކައެއް ކިޔާދޭނަން، އެކަމަކު އެހަށް އަހަންނަށް ކަމެއްކޮއްދީ..." ލުބާ އަވަސް އަރުވާލާފައި ބުނެލިއެވެ.
"ކޮންކަމެއް" ލައިބާގެ ކެތްތެރިކަން ކުޑަވެގެންދިޔައެވެ.
"މިރޭ ޔަޒާން ނިދުމުން އޭނަގެ ކަރުގައި އަޅާފައިވާ ތަވީދު ނަގާ، ލައިބާގެ އަތުގަ ފޮރުވާފަ ބާއްވާ، އަދި މެންދުރު ކައްކަން ބަދިގެއަށްވަދެފަ އުނދުނަށް ލާ އަންދާލާ، އެކަކު ކައިރީވެސް އެއްވެސް އެއްޗެއް ބުނާނެކަމެއްނެތް، ޔަޒާންއަށް އެނގޭނެ އޭރުން މިދުނިޔެ މަތީ އޭނަ ނޫނަސް ބާރުހުރި މީހުން އެބައުޅޭކަން....ލައި، ބުނެބަލަ، މިކަން ކޮއްދޭނަންތަ؟" ލުބާ ލައިބާގެ ގާތަށް ޖެހިލަމުން އޭނަގެ މޫނަށް ބަލާލިއެވެ.
"އޭރުން އަޒުރާ ކުރިންވެސް ގެއަށް އައި މުސްކުޅި މީހާލައްވާ އެކަހަލަ ތަވީދެއް ހަދުވާނެ، އެނެގުމުގެ ބޭނުމެއްނެތެއްނު" ލައިބާ ވިސްނާލަމުން ބުނެލިއެވެ.

"މިހާރު އެއޮތްތަވީދު ނަގާބަލަ، އަލިފުތާއަކަށް އެހެނެއްނާދެވޭނެ ދެނެއް މިގެއަކަށް، އޭނަގެ ދަރިއުޅެނީ ވަރަށް ބަލިވެ، ކުރިން ދުވަހު މަހަށް ގޮސް އުޅެނިކޮށް އޮޑިންވެއްޓިގެން އުޅެނީ، އެކަމުގަ އޭނަ އެއުޅެނީ ނޭވާ ނުލާ، އަޒުރާ ބުންޏަސް އޭނަ ހިޔެއްނުވޭ މިފަހަރު އަންނާނެ ހެނެއް، އަހަރެން ބުނިގޮތަށް ކަންތައް ކުރައްޗޭ....އަދި ބުނަން ލައިބާ ސިއްހަތު ރަނގަޅު ފިރިހެން ދަރިއަކު ވިހާނެ، ހީކުރަން މިދެވުނީ އުފާވެރި ހަބަރެއްކަމަށް" ލުބާ ހިނިތުންވެލަމުން ލައިބާގެ މޭދަށުން ތިރިއަށްވާގޮތަށް ބަނޑުގައި ފިރުމާލަމުން ބުނެލިއެވެ. ލައިބާގެ މޫނުމަތި ކުއްލިއަކަށް ބަދަލުވިއެވެ. ލިބުނު ހުރިހާ ވޭނާ ހިތްދަތިކަން ފިލައިގެންދިޔަފަދައެވެ. އަވަސް އަވަހަށް ލުބާ ބުނިކަންތައްތައް ކޮއްދޭނަން ކަމުގައި އެއްބަސްވިއެވެ. ފެންކަޅިވެފައިވާ ދެލޯ ފޮހެލަމުން ލުބާގެ ގައިގާ އޮޅުލައިގަތެވެ. ލޯތްބާ ކުލުނާއެކު އޯގާތެރި ފިރުމާލުމަކުން ލުބާ ލައިބާގެ ބޮލުގައި ފިރުމާލިއެވެ.
އިރުއޮއްސި އަނދިރިވެ ގޭތެރޭގެ ހަލަބޮލިކަން ފެށުނުކަންވެސް ލައިބާއަށް އެނގުނެވެ. އޭނަގެ ކަންފަތުގައި ލުބާގެ ވާހަކަތައް ހަރުލާފައިހުއްޓެވެ. ހަދަންވީގޮތެއް އަމިއްލަ ސިކުނޑީގެ ތެރޭ ރާވާލަމުންދިޔައެވެ. ޔަޒާން ނިދާނެ އިރަކަށް އޭނަ އިންތިޒާރު ކުރަމުންދިޔައެވެ.

ކޮމެންޓް 0