"މާދަން ކަންނޭގެ މީހަކާ އިންނަން ތެޅިގަންނާނީ، އަތުންފައިން މަސައްކަތެއްކުރަން ނޭގުނީމަ، އިންނަމީހާ ބުނާނެ ކަލޭގެ މަންމަ ގޭތެރޭގެ އެއްވެސް ކަމެއް ކުރާކަށް ދަހެއްނުކޮށްދޭހޭ....އޭރުން ކިހާ ރީތި، އަންހެން ދަރިންނަކީ މައިންނަށް ހުތުރުނަން އަރުވާ ބައެއް" އަޒުރާ ބަދިގެ ތެރެއަށް ވަންނަމުން ބުނެލިއެވެ.
އެއްޗެހި ހިއްކަން އަޅަން ހުރި ލައިބާގެ ހިތަށް އަޒުރާބުނި އެއްޗަކުން އެއްވެސް އަސަރެއް ނުކުރިއެވެ. މާކުރިންވެސް އޭނައަށް އަޒުރާ އެފަދަ އެއްޗެއް ބުނެދާނެކަން އެނގެއެވެ. ލާނެތްގޮތަކަށް ހިނިއާދެވުނީވެސް އެހެންވެއެވެ. ލައިބާއަށް މީހެއްގެ ދުލުކުރިން ތައުރީފުގެ ބަހެއް ރައްދުވުމަކީ އަޒުރާއަށް ކެތްވާނޭވަރު ކަމެއްނޫންވިއްޔާއެވެ. ލައިބާ އަޒުރާ އާއި ނަދިމާގެ އުޅުމަށް ސަމާލުކަމެއްނުދީ އޭނަ ކުރަމުންދިޔަ މަސައްކަތްކުރުމުގައި އުޅުނެވެ.
ބަދިގޭގައި ނަދީމާ އާއިއެކު އަޒުރާވެސް އިނީ ކާންށެވެ. އެދެމެދުގައި އެކިއެކި ވާހަކަތައް ދެކެވެމުންދިޔައެވެ. އެމީހުންގެ ދިރިއުޅުމުގެ ކަންތައްތަކާއި ގުޅިފައިވާ ވާހަކަތަކެވެ.
"އަޒޫ، ލައިގެ ރޫފަ އަނެއްކާވެސް އެބަ ރަނގަޅުވޭދޯ، މިހާރު އަންހެނެއްގެ ބައްޓަންތައް އަންނަންފަށައިފި، ކުރީގަ ހުރި ޅަގޮތްގަނޑެއް ނެތް، ބަލާބަލަ ފުޅާވެލައިފާ ހުރިވަރު....އަނެއްކާ ކަމެއް އުޅެނީތަ، ހޫން، އެހެންބުނެވުނީމަ މިހަނދާންވީ، އަދިވެސް އަހަރެން ކައިރީ ނުބުނަމެއްނު އެއީ ކާކުކަމެއް؟" ނަދީމާ ކާމޭޒުކައިރީ އިންއިރު ބަދިގޭގެ ދޮރުން ރޯނުގައި ބެޑުޝީޓެއް ހިތްކަން އަޅަމުންދިޔަ ލައިބާ ވަރަށް ރީތިކޮށް ފެންނަމުންދިޔައެވެ.
"ކާކުގެ ވާހަކައެއް ތިދައްކަނީ؟" އަޒުރާއަށް ނަދީމާ އޮޅުންފިލުވަން އުޅޭކަމެއް ނޭގުނެވެ.
"މަމިއަހަނީ އެފަހަރު ލައި ބަނޑުބޮޑުވީ ކާކަށްހޭ، ކާކުހޭ އޭނަ އެހާ ކުޑައިރު އެފަދަ ގުޅުމެއްހިންގީ، އެސުވާލު ކުރިއަސް އަޒުރާ އެކަމަށް ސަމާލުކަމެއްނުދޭ، ކިހާވަރަކަށް އަހަރެން އެހިން، އަސްލު އެކަމުގައި އަހަރެންވެސް އެހީތެރިވެދޭން އުޅުނީމަ އެސުވާލުކޮއްލެވުނީ" ނަދީމާ ބަތްސުވާ އަނގަޏަށްލަމުން ބުނެލިއެވެ.
"ހޫމް...އެކަންތައް ދޯ،އަހާލުމަކުން އެއީ މައްސަލައެއްނޫނެއްނު...މަށަށްވެސް އެކަންވީގޮތެއް ނޭގެ، ފަހުން މަވެސް ނާހަން، އެހެންނުވާނީ، އޭނަ ހިތުން ވަރަށް މޮޅުކަމެއް އެކުރެވުނީ، އަހަރެން އެވަރުކުރީމަވެސް ނުބުނީމަ ދެން އަޅާނުލީ" އަޒުރާ ދޮގެއް ހަދާލިއެވެ. އޭނަ އާއި ނަދީމާ ކިތަންމެ ގާތްކަމުގައިވިޔަސް ޔަޒާން ލައިބާ އާއިއެކު ހިންގާ ޢަމަލުތަކުގެ ވާހަކަތައް ބުނާކަށް އޭނަ ބޭނުމެއްނޫނެވެ.
"މިހާރު އޭނަ އެކަހަލަ ކަމެއްނުކުރާކަން ޔަގީންތަ، އަހަންނަށް ވަރަށް ހީނުވޭ އޭނަ އެފަދަ ގުޅުމެއް ނުހިންގާ ހުންނަހެން، މިބުނީ އޭނަގެ ހަށިގަނޑަށް ބަލާލާފަ، އަޒުރާ އެމަންޖެއާ އެކަހަލަ ވާހަކައެއް ނުދައްކަންތައް، އޭނަގެ ހަށިގަނޑަށް އެފަދަ ބަދަލުތައް އަންނައިރު ސުވާލު ކުރަންވާނެއެއްނު" ނަދީމާ ބުނެލިއެވެ.
"މަށަށް ބެލޭތަ އޭނަ އުޅޭހާ ގޮތެއް، އެވެސް ކުޑަކުއްޖެއް ނޫންވިއްޔަ އުރުގައި ބައިންދައިގެން އުޅެން، އޭނައަށްވެސް ހެޔޮ ނުބައިވަކިވާނެ" އަޒުރާ ނަދީމާ ވާހަކަދައްކަން އުޅޭ މަޢުލޫއަކާއި އެހާ ގަޔާވާގޮތެއް ނުވިއެވެ.
"ތީއޭ އަޒޫގެ މައްސަލައަކީ، އޭނަ މިހާރުވެސް ނޭގެ އޭނދީ ބަލިވެ ނޫންކަމެއް، އަހަރެން މިގެއަށްވަދެލާ މީހާއަށްވެސް އޭނަގެ ހަށިގަނޑަށް އަންނަ ބަދަލުތައް ފާހަގަ ކުރެވޭ، އެކަމަކު ތީ މަންމަ، އަޒޫ ތިބުނަނީ އެވަރަކަށް ތިމަންނައެއް ނުބަލަމޭ ވިއްޔަ....ބޮނޑިއެއް ބުއީމަ ދެން ކާކު ހާސްވެގެން އުޅެންޖެހޭނީ، ލައިބާ އެހެން އުޅެނީ ކީއްވެތޯ މިހާރު ބަލަންވެއްޖެއެއްނު، އޭނަގެ އުޅުން ހުންނަގޮތުންނޭ އަހަރެންވެސް މިކަހަލަ ވާހަކަދައްކަން މިޖެހެނީ، ފިރިހެނުންނަށް ފޯރިހިފާލައިގެން އުޅޭކަހަލަ ކުއްޖަކަށް ލައިބާ ނުވާއިރު އޭނަ މިފަދަ ކަންތައްތައް ކުރުމުގެ ކޮންމެވެސް ސަބަބެއް އޮންނާނެ އެއްނު، އެހެންނޫނީ އަޒޫ އޭނަ މީހަކާ ދެވަންއުޅޭ، އޭރުން އޭނަ އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލާފަ ބެހެއްޓޭނެއެއްނު" ނަދީމާ ލައިބާއަށް ސަމާލުކަން ދިނުމަށް މީގެ ކުރިންވެސް އަޒުރާގާތުގައި ބުނަމުންދެއެވެ. ކީއްވެކަމެއްނޭގެއެވެ. ނަދީމާއަށް ލައިބާއަށް އަބަދުވެސް ކޮންމެވެސް ސިފައެއްގައި އަޅާލެވެއެވެ. އެކަމަކު ފާޅުގައި އަޒުރާ އާއި ދިމާ އިދުކޮޅަށް ތެދުވާކަށް އޭނައަކަށް ނުކެރެއެވެ.
"އަހަރެން އެބަ ވިސްނަމޭ އޭނަ މީހަކާ ދެވަން، އެކަމަކު ކާކުތަ އޭނަ އާއި އިންނާނީ" އަޒުރާ ކައިނިމިގެން ފެންތަށި ބޯލަމުން ބުނެލިއެވެ.
"އޭނަ އާއިވެސް އިންނާނެ މީހަކުވެދާނެ، ނިކަން ރީތި ހެދުމަކާއި އެއްޗެހި ލައްވާލާ އޭނަ ބޭރަށް ފޮނުވާ ހަދާބަލަ، އޭރުންނު މީހުންނަށް އޭނަ ފެންނާނީވެސް، ހުތުރު ކުއްޖެއް ނޫން ލައިއަކީ، މިރަށުގަ ތިއްތިދެއްކެމުން ފަރިއަށް ހިނގާ ކުދިންނަށްވުރެ މިހާރުވެސް އެމަންޖެ ރީތިކޮއްލައިފިއްޔާ މާޗާލުކަމަށް ދައްކާނެ.......އޭ ދެން އެކުން މަށަށް ވާހަކައިގަ އިނދެވޭކަށްވެސް ނެތް، އަހަރެން މިއައީ ހަމަ ކާލައިގެން ދާންކަމަށް، ބުނަން ލައިބާ އާއި ސުވާލުކުރާތި، އޭނަ އަދިވެސް އެފިރިހެނަކާއި ގާތް ގުޅުމެއް ބާއްވަންތޯ؟" ނަދިމާ ކައިނިމުމާއިއެކު ގަޑިއަށް ބަލާލިއެވެ. ހީކުރިވަރަށްވުރެ މާލަސްވެފައި ހުރުމުން އޭނަ އަވަހަށް ޑިއުޓީއަށް ހޮސްޕިޓަލަށް ދިއުމަށް ތައްޔާރުވެލިއެވެ.
"އެކަމަކު އޭނަ ހޮޑުލާ ބަލިވެ އުޅޭތަނެއްވެސް އަހަންނެއް ނުދެކެން، މިހާރު އޭގެ ފަހުން ކިތަށް އަހަރު މިވަނީ" އަޒުރާވެސް ނަދީމާ އާއިއެކު ބަދިގެއިން ނުކުންނަމުން ބުނެލިއެވެ.
"ވެދާނެއެއްނު، އެފަހަރު ލައި ބަލިވެއިންކަން އޭނައަށް އެނގި ދޭތެރެ ދުރުކޮއްލީކަމަށްވެސް، ދެން އެހެންވިޔަސް އަޅެ އަހާލަބަލަ އެމަންޖެ ކައިރިން، އަހަންނަށް ވަރަށް ލަސްވޭއެބަ ދެންދަނީ އިނގޭ" ނަދީމާ އަޒުރާގެ ފަހަތުން ނުކުންނަމުން ބުނެލިއެވެ.
"އާން، އަވަހަށް ދޭ، އަދި އަންނައްޗޭ ހަވީރުން ޑިއުޓީ ނިންމާލާފަ" އަޒުރާއަށް ވުރެ ކުރިން އަވަސް ފިޔަވަޅުތަކުގައި ނަދީމާ ނުކުމެގެން ދާންފެށުމުން ބުނެލިއެވެ.
އަޒުރާ ކޮޓަރިއަށް ވަންނަން އުޅެފަވެސް ބަދިގޭ ކާމޭޒުމަތީ އެމީހުން ކައިފައި ހުރި ތަށިތައް ހުންނާނެތީ ލައިބާ ވީ ހިސާބެއް ބަލާލިއެވެ. އޭރު ގޭގައި އެދެމައިން ނޫނީ އެހެން އެކަކުވެސް ނޫޅެއެވެ. އޭނަ ގޮސް ލައިބާގެ ކޮޓަރި ދޮރުގެ ތަޅުގައި ހިފާލީ ހުޅުވާލުމަށެވެ. ނަމަވެސް ތަޅުލާފައި ހުރުމުން ހަރުކަށި ގޮތަކަށް ލައިބާގެ ނަމުން ގޮވާލިއެވެ.
"މި ހުޅުވަނީ" ލައިބާ ކޮޓަރި ތެރެއިން ބުނެލިއަޑުއިވުނެވެ.
ގިނައިރުތަކެއްނުވެ ލައިބާ ކޮޓަރި ދޮރުހުޅުވާލިއެވެ. އޭނަ އެނިކުތީ ފެންވަރައިގެންކަން އަޒުރާއަށް އެނގުނެވެ. އޭރު ލައިބާގެ އިސްތަށިގަނޑުގެ ކޮޅުގައި ކޮންމެވެސް ވަރަކަށް ތުވާލިއޮޅާލައިގެން ހުއްޓެވެ. އޭނައަށް ދޮރުމަތީ ހުރި އަޒުރާ ފެނުމުން ކިހިނެތްވީތޯވެސް އަހާނުލާ ކޮޓަރީގެ ތެރެއަށް ހިނގައިގަންނަމުން ތުވާލިން އިސްތަށިގަނޑު ހިއްކަންފެށިއެވެ.
"ކާމޭޒުމަތީ ހުރި ތަށިތައްނަގާތި" އަޒުރާ އެހެންބުނެލަމުން އެކޮޓަރިތެރެއަށްވަނެވެ.
ލައިބާ ބުރުގާ އެޅުވިފަހުން އަޒުރާއަށް އޭނަ ބުރުގާނާޅާ ހުއްޓައި ފެނުނުމީ ފުރަތަމަފަހަރެވެ. ލައިބާގެ މުށިކުލައަރާ އިސްތަށިގަނޑުވެސް އޭނަގެ ކޮނޑަށްވުރެ ތިރިއަށްވަނީ ދިގުވެފައެވެ. ހަށިގަނޑުގެ ކުލައަށް އަދިވެސް ބަދަލެއްނާދެއެވެ. ނަދީމާ ބުނީ ތެދެއްކަން އަޒުރާއަށް އިޙްސާސްވިއެވެ. މީހަކު ރީތިކޮއްލައިފިނަމަ އަގުބޮޑު ޖަވާހިރެއްފަދައިން ލައިބާގެ ރީތިކަމުގެ ބެބުޅުންތައް ހާމަވެގެންދާނެއެވެ. އަދި އެހާ އަގުބޮޑުކޮށް އޭނައަށް ލައިބާ ވިއްކާވެސް ލެވިދާނެއެވެ. އަޒުރާއަށް ލައިބާގެ ބަނޑުގައި އަޅައިގަނެވުނީ ދެނެވެ. ކުރިން ލައިބާގެ ހަށިގަނޑުގައި ލައްވާނުލާ ދޫކޮއްހުރި ހެދުން މިހާރު ހުރީ ގަޔަށް ފަހާފައިވާ ހެދުމެއްހެންނެވެ. އޭނަ ފަލަވަނީ ބާއޭ އަޒުރާ ހިތަށްއެރިއެވެ. އެހެނީ ލައިބާ ބަލިވެ އުޅޭތަނެއް އެއްގޮތަކަށްވެސް ނުފެނެއެވެ. ކުރިއަށްވުރެވެސް މިހާރު ވަކިން މުރާލިވެފައި ހަރަކާތްތެރިކަމަށް ފާހަގަކުރެވެއެވެ.
"ބަނޑުބޮޑުތަ، އާދެބަލަ މިކޮޅަށް...މަށަށް ދައްކަބަލަ ތިހެދުން ހިއްލާފަ ބަނޑު" އަޒުރާ ޔަޒާންގެ އެނދުގައި އިށީނދެލަމުން ފާޑަކަށް ބުނެލިއެވެ. އެއީ އޭނަ ޔަގީންވެގެން ބުނިއެއްޗެއް ނޫނެވެ.
"ކީއްކުރަން، އަހަރެން ބަނޑުބޮޑެއްނޫނޭ" ލައިބާ އަވަސް އަވަހަށް ބުނެލިއެވެ. އަދި އަޒުރާ އާއި ކުރިމަތިނުވާނޭ ގޮތަކަށް އެނބުރިހުރެ އިސްތަށިގަނޑުގައި ފުނާއަޅަމުން ދިޔައެވެ.
"މަށަށް ފުރަގަސް ދޭށޭތަ މަމިބުނީ، މިކޮޅަށް އައިސް ނިކަން ތިބަނޑު އަހަންނަށް ދައްކަބަލަ" އަޒުރާ ދެވަނަ ފަހަރަށްވެސް ބުނެލިއެވެ.
"ނޫޅެން ދައްކާކަށް، ކަލެއަށް އަހަރެންގެ ތަންތަން ދައްކަންޖެހޭތަ....މަމިދަނީ ތަށިތައްނަގަން" ލައިބާ މޭޒުމަތީ ފުނާ ބާއްވަމުން އެތާގައި ހުރި ގޮނޑީގައި އަޅުވާލާފައި އޮތް ބުރުގާ ދަމައިގަންނަފަދަ ގޮތަކަށް ހިފައިގެން ކޮޓަރިން ނުކުންނަށް އުޅުނެވެ.
"މިކޮޓަރިން ބޭރަށް ކަލޭ ފިޔަވަޅެއް ނާޅާތި އިނގޭ، ޖަދަލުކުރަން އަދިވެސް އެބައުޅެޔޭ، ކަލޭ ކައިރީ އަހަރެން މިބުނަނީ ތިބަނޑުދައްކަ ބަލާށޭ، ބަނޑުބޮޑު ނޫނިއްޔާ މިހާރު ދެން ދައްކަންވީނު، މަވެސް މިއުޅެނީ ކުރާނެ ކަމެއްނެތިގެންނެއް ނޫންވިއްޔަ...އެކަމަކު ބުނަން ކަލެއަށް ރަނގަޅުވާނީ އަހަރެން ބުނާގޮތް ހެދިއްޔާ، ތިހެން ޖަދަލުކުރުމުގެ ނަތީޖާ ނުކުންނަނީ ކިހިނެތްކަން ކަލެއަށް ހަމަރަނގަޅަށް އެނގޭނެ، އަހަރެންގެ އަތުން ފައިން ގޯހެއް ހަދަން ބޭނުންނުވަންޏާ މިކޮޅަށް އާދޭ" އަޒުރާއަށްވެސް އެނދުން ތެދުވެވިއްޖެއެވެ.
ނުކުންނަން އުޅެފަވެސް ލައިބާއަށް ހުއްޓުން އަރާފައި ހުރެވުނީއެވެ. އަޒުރާގެ ގޮތް އޭނައަށް ނޭގެނީކީ ނޫނެވެ. އޭނަގެ ހަރުކަށިކަމާއި ރަހުމް ކުޑަކަންވެސް އޭނައަށްވަނީ ފެނި އިޙްސާސް ކުރެވިފައެވެ. ހަތަރެސްފައި ފިނިވެފައިވިއެއްކަމަކު ލައިބާގެ އަތްތިލައިން ދާހިތްލަންފެށިއެވެ. ހާސްކަން މީހާއަށް ލިބެމުންދިޔަވަގުތު ބަނޑުގައިވާ ތުއްތުކުއްޖާ ތޮޅިލިއެވެ. ލައިބާއަށް ހިންދިރުވާލެވުނެވެ. އަޒުރާއަށް އޭނަ ބަލިވެއިންކަން ޔަގީންވެއްޖެއްޔާ ބަނޑުގައިވާ ދަރިފުޅަށް ހަދާނެގޮތެއްވެސް ނޭގެއެވެ. ބަނޑުގައިވާ ފުރާނައަށް އެއްވެސް ގެއްލުމެއްވާކަށް ލައިބާ ބޭނުމެއްނޫނެވެ.
"އަހަރެން މިކުއްޖާ އުފަން ކުރާނަން، އަހަރެން މިކުއްޖާ އުފަންކުރާނަން..." ލައިބާ ހިތާ ހިތާ ކިޔަމުންދިޔައެވެ. އޭނަ ސިހިގެންދިޔައީ އަޒުރާ ތިންވަނަ ފަހަރަށް ހަޅޭލަވައިގަތުމުންނެވެ. އެހެންނަމަވެސް ހުރިތަނުން ގުޑާވެސް ނުލިއެވެ. ދެން ވާނެ ގޮތެއްނޭގި ބިރުގެންފައި ހުރި ލައިބާގެ ދެލޯ ފެންކަޅިވަމުންދިޔައެވެ. ހާސްކަމުގެ ތެރެއިން ދެއަތްދެއަތާ ޖޯޑުކޮއްލެވުނެވެ. އަދި ބަނޑާގާތްކޮއްލެވުނެވެ. ކުއްލިއަކަށް ލައިބާގެ އަތުގައި ހިފާ އަޒުރާ ދަމައިގަތެވެ. ނުވިސްނާހުރި ލައިބާ އެއްފަރާތަކަށް ވިއްސައިގެންދާފަދަ ގޮތަކަށް ދެތިންފިޔަވަޅާއިއެކު ނަސީބަކުން ނުވެއްޓި ހިންދަމާލެވުނެވެ.

ކޮމެންޓް 0