އާދައިގެ މަތިން މިއަދުވެސް ޔަޒާން އިސްކޫލަށް ދިޔައެވެ. އެހެންނަމަވެސް އިސްކޫލުތެރޭގައި ރާއްޖޭން ބޭރު ބަޔަކާއިއެކު ދިވެހި ދެތިން މީހުން އޮފީސް ބޭރުގައި ތިބި ސްކޫލުގެ ވެރިންނާއި ވާހަކަދައްކަމުންދިޔަ އެވެ. ޔަޒާންއަށް ފެނުނެއްކަމަކު އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އޭނަ ދިޔަގޮތަށް ދިޔައީ އޭނަގެ ކުލާހާ ދިމާލަށެވެ. އިސްކޫލުގެ ގޭޓުން ވަންނަ ކޮންމެ ކުއްޖަކުމެ އޮފީސް ކުރިމަތީގައި އެއްވެތިބި މީހުންނަށް ކަޅިއެއް އެއްލަ އެވެ. އެއްގޮތަކަށްވެސް ވެގެން އުޅޭގޮތެއް ނޭގެއެވެ.

ބްރޭކް ގަޑިނިމި ކުދިން ކުލާސްތަކަށް ވަދެ ދެން ޖެހިގެން އޮތް ގަޑިއަށް ތައްޔާރުވަމުންދިޔަ އެވެ. އަންހެން ކުދިންނާއި ފިރިހެން ކުދިން ދެބަޔަށް ބަހާލާފައި ވާއިރު ޔަޒާން އިނީ އެންމެ ފަހަތު ބަރީގައެވެ. އޭނަގެ ކުރިމަތީ މޭޒުގައި އޭނަ ފިލާވަޅު ލިޔަން ގެންގުޅޭ ފޮތް ހުޅުވާލާފައިވާއިރު އޭނަ އިނީ އެފޮތުން ގަނޑެއް ކަނޑައިގެން ރޮކެޓެއް ހަދަންށެވެ. އެހަދާ ނިމުމާއިއެކު ގަލަމުން ކޮންމެވެސް އެއްޗެއް އޭގައި ލިޔެލިއެވެ. އަދި އަންހެން ކުދިން ތިބި ފަރާތަށް އެކަރުދާސް ރޮކެޓު އެއްލިއެވެ. އޭތި ވައިގެ އެހީގައި ގޮސް ޖެހުނީ ބުރުގާއަޅައިގެން އިން އަންހެން ކުއްޖެއްގެ ބޮލުގައެވެ. އެވަގުތު ޓީޗަރުވެސް އައިސް ކުލާހަށް ވަދެއްޖެއެވެ.

"އެކްސްކިއުޒް މީ..." ސުޕަރވައިޒަރު ކުލާހުގައި ކިޔަވަދޭން ހުރި ޓީޗަރަށް ބުނެލިއެވެ. އަދި ކުލާސް ރޫމު ދޮރުމަތީ ތިބެގެން ވާހަކަތަކެއް ދެއްކުމަށްފަހު ސުޕަވައިޒަރު ކުލާހަށްވަނެވެ.
"ކޮބާ ހުރިހާ ކުދިންގެ ހާލު ކިހިނެތްތައް؟ ތިކުދިންގެ ކިޔެވުން މެދުކަނޑާލާކަށް ނޫން މިއަދު އަހުސަން ސާ މިއައީ، ހުރިހާ ކުދިންވެސް މިވަގުތަށް ކުރަން ހުރި ހުރިހާ ކަމެއް ހުއްޓާލާފަ ހޯލަށް ދާންވީ، އަންހެން ކުދިންނާ ފިރިހެން ކުދިން ވަކިން ދެސަފު ހަދާލަބަލަ ނިކަން އަވަހަށް، ދެން އަހުސަން ސާގެ ފަހަތުން އާދޭ..." ސުޕަރވައިޒަރު އަހުސަން ހިނިތުންވެލަމުން ބުނެލިއެވެ. އޭނަ އެ އިސްކޫލުގައި މަސައްކަތްކުރާތާ ހަތްއަހަރުވެއްޖެ އެވެ. އޭނައަކީ ކުދިންނާއި ގުޅޭ އެކުދިންނާއިއެކު މަސައްކަތްކުރާނެގޮތް ދަންނަ މީހެކެވެ. އިސްކޫލުގައި އޭނައަށް ނޭނގި ކަމެއް ނުހިނގާނެއެވެ.
"ސާ، އަނެއްކާ ކިހިނެއް ވީތޯ؟" ސާމީ ސަފުގެ ކުރީގައި ހުރެފައި އަހާލިއެވެ.
"މިފަހަރުވެސް ތިކުދިންނަށް އާމަޢުލޫމާތެއް ފޯރުކޮއްދިނުމަށް މިމަސައްކަތް ކުރަނީ، މިފަހަރު ތިކުދިންނަށް މަޢުލޫމާތު ފޯރުކޮއްދޭނީ ރެޑްކްރޮސް އާއި އަމިއްލަ ޖަމިއްޔާއަކާއި ގުޅިގެން ކުރިއަށްގެންދާ ވަރަށް މުހިއްމު މަޢުލޫއަކާއި ގުޅިގެން... އަންހެން ކުދިން އެޑްވިން ސާ އާއިއެކު ހޯލްގެ އުތުރު ފަރާތު ދޮރުންވަންނާނީ، އޯލް ދި ބޯއީސް ކަމް ވިތްމީ..." އަހުސަން ހުރިހާ ކުދިންނާއި ކުރިމަތި ލައިގެން ހުރެ ވާހަކަ ދެއްކިއެވެ.

* * 

ދެ ދަންފަޅިއަށް ކިޔަވާދޭ އިސްކޫލުގެ ހޯލުގައި ޕާޓިޝަން ޖަހާ ދެބަޔަށްވަނީ ބައިކޮއްލާފައެވެ. ހެނދުނު ކުރިއަށް ގެންދިޔަ 

ކަންތައްތައް މެންދުރުފަހުގެ ދަންފަޅީގެ ކުދިންނަށް ކުރިއަށް ގެންދިޔައެވެ. ޚާއްޞަކޮށް މެންދުރުފަހުގެ ދަންފަޅީގެ ކުލާސްތަކުގައި ކިޔަވަމުން ގެންދަނީ ތުއްތު ކުދިންނަށް ވުމާއިއެކު އެކުދިންނަށް މަޢުލޫމާތު ފޯރުކޮއްދެވޭނޭ ފަދަ ސަމާނުތައް މޭޒުމަތީ ބަހައްޓާފައި ހުއްޓެވެ.

މަޢުލޫމާތު ދީ ކުދިން ހޭލުންތެރި ކުރުވަމުން ދިޔަ މަޢުލޫއަކީ ޖިންސީ ގޯނާއެވެ. އަންހެން ކުދިންނާއި ފިރިހެން ކުދިން ވަކިން ހޯލްގެ ދެފަޅީގައި ބައިތިއްބައިގެން ކުރިއަށް ގެންދިއުމަށް ދެޓީމު އުޅެއެވެ. އެމީހުންނަށް އެހީތެރިވުމުގައި އިސްކޫލުގެ ޓީޗަރުން އުޅެއެވެ. ރެޑްކުރޮސްގެ ބައެއް މީހުންނަކީ ރާއްޖެ މީހުންނަށް ނުވާތީ އެމީހުން ވާހަކަދައްކަމުން ދިޔައީ އިނގިރޭސިންނެވެ. އެކަމަކު އެމީހުން ކިޔާއެއްޗެއް ދިވެހިބަހުން އެކުދިންނަށް އޮޅުން ފިލުވާދެމުންދިޔައެވެ.

ގޮނޑިބަރީގައި އެހެންކުދިންނާއިއެކު އިށީނދެގެން އިން ލައިބާއަށް އެމީހުންގެ ވާހަކަތަކުން އިތުރު ނުތަނަވަސް ކަމެއް ލިބެމުން ދިޔައެވެ. އެމީހުން އަތުގެ އިޝާރާތުން އެދައްކައިދޭ ކަންތައްތަށް ބަލަން ލައިބާ ބޭނުމެއް ނުވިއެވެ. އޭނަގެ ބަނޑުގަ ރިއްސާހެންވެސް އޭނައަށް ހީވެއެވެ. ބައެއް ފަހަރު ހޮޑުލަވާހެންވެސް އޭނައަށް ހީވެއެވެ. ނާށިގަނޑުތެރޭ ސިކުނޑިފުރި ބާރުވާހެންވެސް އޭނައަށް ހީވެއެވެ. ވެރިވަމުންދިޔަ ހާސްކަމުގެ ތެރޭ އިނގިލިތަކުގައި ހުރި ނިޔަފަތިތައް ކައިހުސްކޮއްލަން މަސައްކަތްކުރަމުން ދިޔައެވެ. މިނެޓަކަށްފަހު މިނެޓެއް ލައިބާގެ ހަތަރެސްފައި ދިޔައީ ފިނިވަމުންނެވެ.

"ހުރިހާ ކުދިންވެސް ވާނެ ބުނަން އެއީ ގޯސް ކަންތަކޭ، އެހެން މީހަކު އެފަދަ ތަނެއްގައި އަތްލާނަމަ އަވަހަށް މަންމަ ގާތު ބުނަން ވާނެ، ނޫނީ ބައްޕަ ގާތު... ނޫނީ ތިކުދިންގެ މިސްމެން ގާތު..." މަޢުލޫމާތު ދޭން ހުރި އަންހެން މީހާ ބުނަމުން ދިޔަ ޖުމްލަތަކުގެ ސަބަބުން ލައިބާ ދިޔައީ ސިހިގެންނެވެ. އޭނައަށް ރޮވުނީ ކީއްވެކަމެއް ނޭގެއެވެ. ގިސްލަ ގިސްލާފައި ރޯންފެށިއެވެ. ކުއްލިއަކަށް ހުރިހާއެންމެންގެ ސަމާލުކަން ހުއްޓުނީ ލައިބާއަށެވެ. ކުލާސް ޓީޗަރު ދުވެފައި ކަހަލަ ގޮތަކަށް އައިސް ލައިބާގެ ގާތުގައި ހުއްޓުނެވެ.
ލައިބާއަށް ވީގޮތެއް އޮޅުން ފިލުވަން އޭނަގެ އަތުގައި ހިފި އަޝްފާއަށް ތެޅިގަނެވުނެވެ. އަވަސް އަވަހަށް ލައިބާގެ ނިތްކުރީގަ އާއި ކަރުގައި އަތްލައިފިއެވެ.
"ޝީޒް ހެވިން ފީވާ...." އަޝްފާ އޭނަގެ ކައިރީގައި ހުއްޓިތިބި ދެމީހުންނަށް ބުނެލި އެވެ. އަދި އަޝްފާ ލައިބާ އުރާލައިގެން އެތަނުން ނުކުތެވެ. އެހެން ކުދިންގެ ސަމާލުކަން ހޯދަން އަނެއްކާވެސް ރެޑްކުރޮސް އިން އައިސް ތިބި މީހުންފެށިއެވެ.
"ލައީ... ލައީ..." އަޝްފާގެ އަތުގެ ތެރޭ އޮވެ ރޮމުންދިޔަ ލައިބާގެ ހަބަރު ހުސްވާހެން ހީވެގެން އޭނަ ލައިބާއަށް ގޮވަން ފެށިއެވެ.
"މިހާ ހުންގަދަ އިރު ކީއްވެބާ އިސްކޫލަށް މިކުއްޖާ ފޮނުވީ؟" އަޝްފާގެ ކައިރީގައި ހުރި ރެޑްކުރޮސްގެ ރިޝްފާ ހިތްހަމަނުޖެހުމާއިއެކު ބުނެލިއެވެ.
"ހަމައެއްގޮތަކަށްވެސް ނޭގެ، މީ ވަރަށް އާދަޔާ ހިލާފު ކުއްޖެއް... ދެން އެކަމާ ވާހަކަ ދައްކާލާނީ ފަހުން، އެހަށް މިކުއްޖާއަށް ފަރުވާއެއް ދެވޭތޯ އުޅެމާ..." ލައިބާ ގޮވައިގެން ސިއްޙީފަރުވާދޭ ރޫމާ ދިމާލަށް ދުވަމުން ކަހަލަގޮތަކަށް ދިޔަ އަޝްފާ ބުނެލި އެވެ.
ލައިބާއަށް ހޭވެރިކަމެއްވީއިރު އޭނަ އޮތީ އިސްކޫލުގައި ސިއްޙީ ހިދުމަތްދޭ ކޮޓަރީގައި ހުންނަ އެނދުގައެވެ. މަޑުމަޑުން ލޯހުޅުވާލިއިރު ކައިރީގައި އޭނަގެ ކުލާސް ޓީޗަރާއި އިތުރު އަންހެނަކު ހުއްޓެވެ. އެމީހުންނާއި ވާހަކަ ދެއްކުމުގައި ހެލްތުވޯކާރ ހުއްޓެވެ.
"އަހަންނަށް ފެންނަނީ ޒުލޭހާ އާއިއެކު މިކުއްޖާ އޭނަގެ ގެއަށް ގެންދަން، މިހާރު ކިހާ ވަރަކަށް ގުޅިއްޖެ" ހެލްތުވޯކަރު ބުނެލިއެވެ. އަދި އެއާއެކު އެތަނުގައި ހުރި ފޯނުން ނަންބަރަކަށް ފިތާލުމަށްފަހު ޒުލޭހާއެތަނަށް ފޮނުވާދިނުމަށް އެދުނެވެ. ލައިބާ ލޯހުޅުވައިގެން އޮތްކަން އޭނަގެ ޓީޗަރަށާއި އެހެންމީހުންނަށް ފާހަގަ ކުރެވުނީ ދެނެވެ. ހެލްތުވޯކަރު ލައިބާ ގާތު މިހާރު ކިހިނެތްތޯ އަހާލިއެވެ. ލައިބާ އެއްވެސް ޖަވާބެއް ނުދީ އޮތީއެވެ. ދެލޯވަނީ ފެންކަޅިވެފައެވެ. ހީވަނީ ދެންދެންމެ އަނެއްކާވެސް ރޯން ފަށާފާނެހެންނެވެ. އެހެންވެ އެކަކަށްވެސް ލައިބާ އާއި އިތުރު ސުވާލެއް ކުރާކަށް ނުކެރުނެވެ.
"ބައްލަވާ އަޅުގަނޑު މިހުންނެވީ...." ޒުލޭހާ އައިސް ދޮރުމަތީ ހުއްޓިލަމުން ބުނެލިއެވެ.
"އާ... ޒުލޭހާ ގާތު އަންނާށޭ ބުނީ މިކުއްޖާގެ ގެއަށް އޭނަ ގެންދަންވެގެން" ހެލްތުވޯކަރުގެ ވާހަކަ ނުނިމެނިސް ޒުލޭހާ ވާހަކަދެއްކިއެވެ.
"ކޮބާތޯ ބެލެނިވެރިޔާ؟" ޒުލޭހާ އަހާލިއެވެ.
"މިއުޅެނީ އެއްގޮތަކަށްވެސް އޭނަގެ ގޭގެ މީހަކާ ނުގުޅިގެން، މިކުއްޖާ މިއޮތީ ހުމާ... ވަރަށް ހުންގަދަ... މިތާކު ނުބޭއްވޭނެއެއްނު، އޭނަގެ އާއިލާގެ މީހުން ގާތަށް ފޮނުވަން ވާނެއެއްނު... އަޝްފާ ކިޔާދޭނެ މިކުއްޖާގެ ގޭގެ މަޢުލޫމާތުތައް، ދެން އޮފީހުގަ އުޅޭ ނިޒާރު ދާނެ ޒުލޭހާ އާއިއެކު........." ހެލްތުވޯކަރު ވާހަކަދެއްކިއެވެ. ޒުލޭހާއަށް ހަދަންވީ ގޮތްކިޔާދިނެވެ. އޮފީހުގައި އުޅޭ ނިޒާރުއަށް ގުޅުމުން އޭނަ އައީ ފޮތެއް ހިފައިގެންނެވެ. އޭގައި ހެލްތުވޯކަރު އެއްޗެހިތަކެއް ލިޔުމަށްފަހު ނިޒާރު އާއި ހަވާލު ކުރަމުން ކުއްޖާގެ ބެލެނިވެރިޔާ ލައްވާ ސޮއި ކުރުވުމަށް ބުންޏެވެ. އަދި ލައިބާ އާއި ގާތްވެލިއެވެ.
"ލައިބާ ދޯ ކިޔަނީ.......ތީ އެއްވެސް ކަމެއްނޫން އިނގޭ... ރަނގަޅަށް ބަސް އަހައިގެން ކައިގެން ބޭސް ކަނިކޮށް ވަރަށް އަވަހަށް ރަނގަޅުވާނެ، ލައިބާ ގެއަށް ދާނީ ޒުލޭހާ ދައްތަ އާއިއެކު... މީ ޒުލޭހާ ދައްތަ..." ހެލްތުވޯކަރު ލައިބާ ތެދުކުރަމުން ވާހަކަދެއްކިއެވެ. އަދި ކައިރީގައި ދިގުހެނދުން ލާފައި ހުރި އަންހެނަކު ދައްކަމުން އެއީ ޒުލޭހާ ކަމުގައި ބުންޏެވެ. ލައިބާ ހަމަ އަނގައިން ބަހެއްވެސް ބޭރުކޮއްނުލައެވެ. އޭނަގެ ކަމަކީ ފަހަރަކު މީހަކަށް ބެލުމެވެ. މޫނުމަތިން ހީވަނީ ވަރަށް ކަންބޮޑުވުމާއިއެކު ބިރުވެސް ގަނެފައިވާހެނެވެ.
ޒުލޭހާ ލައިބާ އުރާލިއެވެ. އޭނައަށް ހިނގާފައި ނުދެވޭނެކަން ޒުލޭހާއަށް އެނގުނީކަންނޭގެއެވެ. އޯގާތެރިކަމާއިއެކު ލައިބާގެ ބޯ އޭނަގެ ކޮނޑުގައި ބާއްވާލައިގެން އޮތުމަށް ބުނަމުން ބޮލުގައި ފިރުމާލިއެވެ. ޒުލޭހާ އިސްކޫލުން ނުކުމެ ލައިބާ މެންގެއަށް މިސްރާބު ޖެހީ އަޝްފާ ކިޔާދިން ގޮތަށެވެ. ބޮޑުމަގު ހުރިގޮތަށް ޒުލޭހާ ދިޔައީ އެއީ އެންމެ ފަސޭހައިން އެގެއަށް ދެވޭނޭ މަގަށްވީތީ އެވެ.
"އައްސަލާމް ޢަލައިކުމް...." ނިޒާރު ލައިބާ މެންގޭތެރެއަށް ވަދެވެން ހުންނަ ދޮރުކައިރީ މަޑުކޮއްލައިގެން ހުރެ ސަލާމް ގޮވިއެވެ. އެހެންނަމަވެސް ހިލަމެއް ނުވިއެވެ. ޒުލޭހާވެސް ސަލާމް ގޮވާލިއެވެ.
ބަޔަކު މީހުން ސަލާމް ގޮވާއަޑު އިވިގެން ކޮޓަރީގައި އޮތް ޔަޒާން ނުކުތެވެ. އެވަގުތު ލައިބާ ފެނިފައި އޭނަ ކަންބޮޑުވިއެވެ. އަވަހަށް އެމީހުން އެތެރެއަށް ވެއްދިއެވެ. އަދި ބޮޑުއަށި މަތީ ލައިބާ ބޭއްވުމަށް ބުންޏެވެ.
"ކިހިނެތްވީ..." ޔަޒާން ސުވާލުކުރިއެވެ.
"ކޮއްކޮގެ މަންމަ ކޮބާތަ؟ ގޭގެ ބޮޑުމީހަކު ނޫޅޭތަ..."ޒުލޭހާ މަޑުމައިތިރި ކަމާއިއެކު އަހާލިއެވެ.
"މަންމަ... މަންމަ....މިވަގުތު އަހަރެން އެކަނި ގޭގަ މިއުޅެނީ" ޔަޒާން ކަންބޮޑުވުމާއިއެކު ބުނެލިއެވެ. އަދި ބޮޑުއަށިމަތީ ބާއްވާފައިއޮތް ލައިބާގެ ގާތަށް ޖެހިލިއެވެ. ލައިބާގެ އަތުގައި ހިފާލިއެވެ.
"އޭ މީ އެއްކަލަ އަޒުރާ މެންގެޔޭ..." ނިޒާރު ވަރަށް ވިސްނަން ހުރެފައި ހަނދާވުމުން ބުނެލިއެވެ.
"ތެދެއް ކޮއްކޮ މަންމައަށް ކިޔަނީ އަޒުރާތަ؟" ޒުލޭހާ ޔަގީން ކުރުމަށް ޔަޒާން ގާތު އަހާލިއެވެ.
"ހޫމް..." ޔަޒާން ހޫ ލައްވާލިއެވެ.
"ކޮންއިރަކުން މަންމަ ގެއަށް އަންނާނީ" ޒުލޭހާ އަހަން ނާހަން އުޅެފަވެސް ބުނެލިއެވެ.
"ނޭނގެ..." ޔަޒާންވެސް މިހާރު ޒުލޭހާ އާއި ނިޒާރު އާއި ދިމާލަށް ބަލަހައްޓައިގެން ހުރީ ފާޑަކަށެވެ. އެކަން ޒުލޭހާއަށް ފާހަގަ ކުރެވުނީކަންވެސް ނޭގެއެވެ.
"ކޮއްކޮ މަންމަ ގާތު ބުނާތި އިސްކޫލު އޮފީހަށް އައިސްދެއްޗޭ، މީނަ ހުންއައިސްގެން ގެއަށް ފޮނުވާލީ، އެއޮތީ ބޭސްދީފަ... ހެލްތުވޯކަރު ބުނީ ހޮސްޕިޓަލަށް މިކުއްޖާ ގެންދިއުމަށް، ދެން ދަނީ" ޒުލޭހާ ނިޒާރު އާއިއެކު އެގެން ނުކުންނަން ހިނގައިގަތެވެ. ޔަޒާން އެއްޗެކޭ ނުބުނެ އެމީހުން ނުކުމެގެން ދަންދެން އެދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އެމީހުން ދިއުމާއިއެކު ޔަޒާން އަވަސްވެ ގަތީ ފެން ހޯދާށެވެ.

ކޮމެންޓް 0