އޭރުވެސް ޔަޒާން މަސައްކަތް ކުރަމުން ދިޔައީ އަޒުރާއަށް ބަލާވެސް ނުލާ ވޭތޯއެވެ. ކާގެއާ ދިމާލަށް ހިނގަމުން ދިޔަ ޔަޒާން ސިހިގެން ދިޔައީ އޭނަ އާއި އެއްވަރަށް ހިނގަމުންއައި އަޒުރާ ޔަޒާންގެ ކޮނޑުގައި ހިފާލުމުންނެވެ. އަޒުރާއަށް ޔަޒާން ސިހުނުކަން އެނގުނެއްކަމަކު އެކަމަކަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ.
ޔަޒާންއަށް މިވަރުގެ ދުވަހެއް އަދި ނާދެއެވެ. އަޒުރާގެ ހެޔޮކަމާއި ލޯތްބާއި އަޅާލުން މިއަދު ޔަޒާންއަށް ފެންނަމުންދިޔައެވެ. ތައްޓަށް އަޅާފައިވާ ބަތާ ރިހަޔާ މޮޑެދެމުން ތައްޓަށް ސަމްސާ ލައިދިނެވެ. ފެންތަށި ގެނެސް ކައިރީގައި ބައިންދާދެމުން އަޒުރާ ޔަޒާންގެ ގާތުގައި އިން ގޮނޑީގައި އިށީނެވެ.
"ޒާންގެ އަންނައުނުތައް ވަރަށް ބާވެއްޖެ ދޯ،" ޔަޒާންގެ ގިރުވާނުގެ ކަނުގައި އަތްހާކާލަމުން އަޒުރާ ބުނެލިއެވެ. ޔަޒާން ބަހެއް ނުބުނެއިނީ ބުނާނެ އެއްޗެއް ނޭގިގެންނެވެ. ވާނީވެސް އެހެންތާއެވެ. މީދުވަހަކުވެސް އޭނައަށް އަޒުރާގެ ފަރާތުން ފެނިފައިވާ ޢަމަލުތަކެއް ނޫންވިއްޔާއެވެ.
* * 
އިރުއަރާ އޮއްސުމާއިއެކު ކޮންމެ ރެއަކުމެހެން އަޒުރާމެންގެއަކީ ނުބައި ޢަމަލުތައް ކުރާ ގެއެކެވެ. ދުވަސްތައް ފާއިތުވަމުންގޮސް އުމުރުން އެގާރަ އަހަރު ފުރުނުއިރު ޔަޒާންއަކީ އަޒުރާ ބޭނުންވާ ކަންތައް ފުއްދައި ދިނުމަށް އުޅޭ އަޅަކަށްވެނިމިއްޖެ އެވެ. ހުދު ޔަޒާން ވެސް ވަނީ ދުރުނުވެވޭނޭ ވަރަށް ނުބައި އެ ޢަމަލުތަކަށް ދެވިހިފާފައެވެ. އަޒުރާ އާއި އޭނަގެ ރަޙުމަތްތެރިންގެ ތެރޭ ޔަޒާންއަކީ ކުޑަކުއްޖެއްނޫނެވެ. އެމީހުން ދެކެނީ ޔަޒާންއަކީ އެމީހުންގެ މަޖަލުގައި ބައިވެރިވާ، އެމީހުންގެ ހިތްއުފާކޮއްދޭން އުޅޭ ފުރާފުރިހަމަ ވެފައިވާ ކުޑަ ފިރިހެނެއްގެ ގޮތުގައެވެ. ޔަޒާންއަށް އޭނަގެ މަންމަ އޮޅި، މަންމައަކާއި ދޭތެރޭ ހުންނަންވާނެ ކުލުނާ އޯގާތެރިކަމާއި ކުރަންޖެހޭ އިޚްތިރާމްއަކީ ކޮބާކަމެއް ނޭގެއެވެ. އެހެންނަމަވެސް އަދިވެސް ޔަޒާން އަޒުރާއާއި މުޙާތަބު ކުރަނީ މަންމަގެ ނަމުންނެވެ.
މިހުރިހާ ކަމެއްގެ ސަބަބުން އެންމެ ބޮޑު ހައިރާންކަމެއް ލިބިގެންދިޔައީ އަޝްހަރަށާއި ޝިޔާޒުއަށެވެ. އެހެންނަމަވެސް އެކަމާ އެމީހުން ފާޑެއް ނުކިޔައެވެ. އެމީހުން އެގޭތެރޭ އުޅޭ އުޅުމަކަށްވެސް ބަދަލެއް ނުގެނެއެވެ. އަޝްހަރަކީ ކުޑަކުދިންނާ ގަޔާވާ މީހެއްކަންވެސް އެނގިގެން ދިޔައީ ޔަޒާން ފެނުމުންނެވެ. އަޝްހަރު ބުނިހާކަމެއް އެބުނި ގޮތަކަށް ޔަޒާން ކުރަމުންދެއެވެ. އެއްވެސް ޝަކުވާއަކާއި ބިރުވެރިކަމެއްނެތިއެވެ. އެއްވެސް މަޖުބޫރު ކުރުވުމެއް ނެތިއެވެ. ޔަޒާންގެ ރުހުމާއެކު އޭނަވެސް ބޭނުންވެގެންނެވެ. އެތަނުގައި ޔަޒާންއަށް ހެޔޮ ގޮތްދައްކާނޭ އެކަކުވެސް ނެތެވެ. އެންމެންވެސް އޭނަ ކޮއްޕަމުންދިޔައީ ގަދަފަދަ ކަމާއިއެކު އަނދާ އަލިފާނުގެ ތެރެއަށެވެ. އެހޫނުގައި އޭނައަށް ކުރެވޭ ނުކުރެވޭ ކަމެއްވެސް ނޭގެއެވެ. އިސްލާމް ދީނުގައި ހުއްދަކުރައްވާފައިވާ އިމުން އޭނަ ބޭރުވެ ނިމިއްޖެއެވެ. ކުރެވެނީ ނުބައި ޢަމަލުތައްކަން އެނގުމުންވެސް އެކަމުން ލިބޭ ހިތްހަމަޖެހުމާ ލައްޒަތެއްގެ ބޮޑުކަމުން ހުއްޓާނުލެވުނީ އެވެ.
ރޭގަނޑުގެ ގިނަވަގުތުތައް އަޒުރާ އާއި އޭނަގެ ރަޙުމަތްތެރިންނާއިއެކު ހޭދަކުރަމުން އައި ޔަޒާންގެ ކިޔެވުން އެއްދުވަހަށްވުރެ އަނެއްދުވަހު ދިޔައީ ދައްވަމުންނެވެ. ކޮންމެގޮތަކަށް ކަންތައްތައް ހުރިކަމުގައިވިޔަސް އަޒުރާ ބޭނުންވަނީ ޔަޒާންއަކީ ކިޔަވައިގެން ހުރި ކުއްޖަކަށް ހެދުމަށެވެ. އެހެންވެ ޔަޒާންއަށް ސްކޫލުގެ ފިލާވަޅުތަކަށް ސަމާލުކަން ދިނުމަށާއި ކޮންމެ ދުވަހަކު އިސްކޫލަށް ދިއުމަށް އެދެމުންދިޔައެވެ. ޔަޒާންގެ ސަމާލުކަން އެހެން ކަމަކަށް ނުދެވޭނެކަން އެނގުމުން އަޒުރާ ނިންމީ އޭނަ އާއި ޔަޒާން އާއި އޮންނަ ގުޅުން ދުވަސްކޮޅަކަށް ދުރުކޮއްލުމަށެވެ. އެގޮތުން ޔަޒާން އާއި ލައިބާ އާއި ދެކުދިން ނިދަމުން އައި ކޮޓަރިއަށް ޔަޒާން ނިދަން ފޮނުވާލިއެވެ. އެހެންނަމަވެސް ޔަޒާންއަށް ނިދޭގޮތެއްނުވި އެވެ. ގޭތެރޭގައި އަޒުރާ އާއި އޭނަގެ ރަޙުމަތްތެރިންގެ ހުނުމުގެ އަޑު އިރުއިރުކޮޅާ ގުގުމައިގެން ދެއެވެ.

"ޒާން... ވަދޭ ކޮޓަރިއަށް، މިރޭ މިތަނަށް ނުކުމެގެން ނުވާނެ،" ބޮޑު އަށިމަތިން ޝިޔާޒުގެ އުނގުތެރޭ އިނދެފަ އަޒުރާ ތަޅުންގަނޑުމައްޗަށް ފުއްމާލީ ބިރެއްފެނިގެން ފުއްމާލާ އުސޫލުންނެވެ. އޭރު ޔަޒާން އޭނަގެ ކޮޓަރި ދޮރުގައި ލެގިލައިގެން ހުއްޓެވެ.
"ދެން އަޒޫ، އޭނަ ނުނެރެން ތިއުޅެނީ ކީއްވެތަ؟ ޒާން ލޯބީ އާދެބަލަ މިކޮޅަށް،" އަޝްހަރު ޔަޒާންއަށް އައުމަށް އިޝާރާތްކުރި އެވެ.
"ނޫން އަޝްހަރު، މިރެއަކު ނޫން، ޒާން ވަދޭ ނިދަން، މާގިނަ ގިނައިން ބުނަން ޖެހެންޏާ މަށައްވެސް މާރީތިކޮށެއް ނުބުނެވޭނެ އެނގޭ،" އަޒުރާ ޔަޒާންއަށް މަނާކުރުމުގެ ގޮތުން ޝަހާދަތް އިނގިލި ދިއްކޮއްލި އެވެ. ޔަޒާންގެ މޫނުމަތިން ހިތްހަމަ ނުޖެހުން ފާޅުވިއެއްކަމަކު އޭނަ އަޝްހަރުގެ ކައިރިއަށް އަންނާކަށް ނޫޅެއެވެ. ހުރިގޮތަށް ކޮޓަރި ދޮރުގައި ލައްވެގަނެގެން ހުރީއެވެ.
"މިރޭ އަޒޫ މާ މޫޑީވެގެން ތިއުޅެނީ އަނެއްކާ އޭނަގެ ފަރާތުން ކަމެއް ނުވީތަ؟" ތެޔޮ ބިޑީގެ ދުންތައް އަނގައިންނާއި ނޭފަތުން ނެރެލަމުން ނަދީމާ ބުނެލި އެވެ.
"އަހަރެން މޫޑީ ވެގެންނެއް ނޫޅެން، އޭނަ އެހެރީ އަދަބު ދީފަ، އޭނަ ބޭނުންހާ ކަމެއްކުރެވޭނީ އަހަރެންވެސް ބުނާގޮތް ހަދައިގެން... ވަދޭ އެތެރެއަށް، އެނދަށް އަރާ އޮވޭ، މަށަށް ވަރިހަމަ ޒާން ނުނިދިޔަސް، އެކަމަކު މިކޮޓަރިން ނުކުމެގެން ނުވާނެ،" ނަދީމާއަށް ޖަވާބުދެމުން އަޒުރާ އައިސް ޔަޒާންގެ ކޮޓަރީގެ ދޮރުހުޅުވާލަމުން އޭނަގެ އަތުގައި ހިފާ ކޮޓަރިއަށް ވެއްދިއެވެ. އަދި އިންޒާރުގެ ނަޒަރަކުން ބަލާލަމުން ކޮޓަރީގެ ދޮރު ލައްޕާފައި ހިނގައިގަތެވެ.
"އަޒޫ އަހަރެން ވާހަކައެއް އަހަންތަ؟" ޝިޔާޒުގެ އުނގަށް އެނބުރިއައިސް ވަތް އަޒުރާގެ އިސްތަށިގަނޑާ ކުޅެލަމުން ބުނެލިއެވެ.
"ހޫމް... އަހާބަލަ،" އަޒުރާގެ ދިގު އެސްފިޔަތަކާއި އެކު ދެލޯ ކުޑަކޮއްލަމުން ޖާޒުބީ ހިނިތުންވުމެއް ޝިޔާޒަށް ދެމުން ބުނެލިއެވެ.
"ޔަޒާން މިކަމުގެ ތެރެއަށް ވައްދައިގެން އުޅެނިކޮށް މީހަކަށް އެނގިއްޖެއްޔާ ކަޑަވާނެއެއްނު، މިހާރު އަޒޫ ގާތަށް މީހަކުވެސް ގެންނަން ޖެހިލުންވޭ... މީހުން ނުލިބެންޏާ އަޒޫ ކިހިނެތް އުޅޭނީ،" ޝިޔާޒު ވަރަށް ވިސްނަމުން ބަސްތައް އަތުރަމުން ދިޔައެވެ.
"ތީ ކީ މައްސަލައެއް ނޫނެއްނު، ޝިޔާޒު މީހުން ގެނެސްބަލަ، ޔަޒާންއަށް ހަދާނެގޮތްވެސް މަށަށް އެނގެއޭ... އެހެންނޫނަސް ކާކަށް ކޯއްޗެއްތަ އެނގޭނީ، މިއޮއް ހުރިހާ ދުވަހު މިހިސާބު މީހުންނަށް ނޭގުނުކަމެއް މިހާރު އެނގޭނެތަ... އަނެއްކާ ޝިޔާޒްގެ ކަމެއް ފަޅާއަރާފާނެތީ ކަންބޮޑުވަނީތަ؟" އަޒުރާ ޝިޔާޒުގެ އަތުގެ ތެރެއަށް ވެއްޓިގަތެވެ. ޝިޔާޒު ހިނިގަނޑަކާއިއެކު ޗޮކެއް ކަނޑާލަމުން އެއަތުގެ ތެރޭ އަޒުރާ ހިފަހައްޓާލިއެވެ.
ކޮޓަރީގައި ނުނިދިގެން އުޅޭ ޔަޒާން އެއްފަހަރު އެނދުގައި އޮށޯންނާނެއެވެ. އަނެއްކާ ތެދުވެ އިށީންނާނެއެވެ. ނޫނީ ކޮޓަރިތެރޭ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރެއެވެ. ޔަޒާންގެ ސަމާލުކަން ދޮރާދިމާލަށް އަނެއްކާވެސް ގޮސް ހުއްޓުނީ ގޭތެރޭގެ އަޑުމަޑުވުމުންނެވެ. އޭނަ މަޑުމަޑުން ގޮސް ދޮރު ހުޅުވާލިއެވެ. އެއާއެކު އޭނަގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
* * 
މަގުތައްމަތީ މީހުން ހޭލަމޭލަވެ އުޅޭތަންފެނެއެވެ. ހެދުނުގެ ވަގުތުގައި އިސްކޫލު ދޮށަށް ކުދިންގޮވައިގެން ދާ މީހުންނާއި ގޭގޭ ދޮރުމަތި ކުނިކަހަން އުޅޭ މީހުންނެވެ. ދޭތެރެއަކުން ބަރޯއެއް ހިފައިގެން ވަލާ ދިމާލަށް ދާ ދެތިން މީހުން ފެނެއެވެ. ރަށުތެރެއިން މާބޮޑު ތަރައްގީގެ ކުލަވަރެއް ފެންނާކަށް ނެތެވެ. އިސްކޫލަކަށް ހުރީ ގްރޭޑް ހަތަކާއި ހަމައަށް ކިޔަވާދޭ އިސްކޫލެކެވެ. ފުއްދުންތެރިކަން ހުރިމިންވަރުން ކޮންމެ މީހަކުވެސް އެމީހެއްގެ ދަރިއަށް ރަނގަޅު ތަޢުލީމު ދިނުމަށްޓަކައި ކައިރިރަށްތަކަށް ފޮނުވާލެއް މަދެއްނޫނެވެ. މައްސަލައަކީ އަދިވެސް މީސްކޮޅުމަދު މިފަދަ ރައްތަކުގައި މިފަދަ ފުރުޞަތުތަށް ފަހިކޮއްދެމުން ދަނީ ފިރިހެން ކުދިންނަށްވީކަމެވެ. އަންހެން ކުދިންނާއިމެދު ގިނަ މީހުންގެ ވިސްނުންހުރީ ކުރީގެ ބޯދާ ހިޔާލުތަކުގެ މައްޗަށެވެ.
މިއަދަކީވެސް އަޒުރާގެ އާއިލާއަށް އެހެން ދުވަސްތަކެކޭ އެއްފަދަ ދުވަހެކެވެ. ގްރޭޑު ފަހެއްގައި ތަޢުލީމު ހާޞިލްކުރަމުން އަންނަ ޔަޒާންއަށް މިއަދުވެސް ހޭލެވުނީ އަޒުރާގޮވީމައެވެ. ލޯ އުނގުޅަމުން އުނގުޅަމުން ތެދުވިގޮތަށް އޭނަ ހިނގައިގަތީ އަޒުރާގެ ކޮޓަރީގައި ހުރި ފާހާނާ އާއި ދިމާލަށެވެ. އޭރު ޔަޒާންގެ ހަށިގަނޑުގައި އެއްވެސް ނިވާކަމެއްނެތެވެ. އޭނަގެ ހަށިގަނޑު ނިވާކުރުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތްކަން އޭނަ ހިނގާފަދިޔަ ގޮތުން އެނގެއެވެ. އަޒުރާއަށް ޔަޒާންއާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ބުނާނެ އެއްޗަކާއިމެދު ވިސްނާލާށެވެ. ޔަޒާން އެކޮޓަރިއަށް އައީ ކޮންވަގުތަކު ކަމެއް ހުދު އޭނައަށްވެސް ނޭގެއެވެ. އަދި މިގޮތަކަށް ޔަޒާންއެއް ނުހިފޭއްޓޭނެކަން އަޒުރާގެ ހިތަށްއެރީ އެވަގުތުއެވެ.
"އެވަރަށް ބުނީމަވެސް އައީ ދޯ... ބުނީމަ ބުނާގޮތް ހަދަން މިހާރު ޔަޒާންއަށް ނޭގޭތަ؟ އަހަރެން ނުނިކުންނާށޭ ބުނީމަ ނުޖެހެޔޭ އަންނާކަށް..." އަޒުރާ ފާހާނާ ދޮރުމަތީހުރެ ޔަޒާންއަށް އެއްޗެހި ކިޔަމުން ދިޔައީ ނުރުހުންވެ ހުރެއެވެ.
"މަންމަ ރުޅި ނާދެބަލަ، އަހަރެން އަންނަ ހިތްވަނީއޭ،" ޔަޒާން އިސް ޖަހާލައިގެން ހުރެ ބުނެލިއެވެ.
"ކޮންމެހެން އަންނަ ހިތްވާނެކަމެއްނެތް، އަހަރެން ބުނީމަ ބުނާގޮތް ނުހަދަންޏާ ޔަޒާން ބޭނުންވާ ކަންތައްތަކެއްވެސް ނުވާނެ... މިއަދުވެސް އިސްކޫލަށް ދާން ތެދުވީކީ ނޫން، މިހާރު ދިހަ ދުވަސްވީ ޖެހިޖެހިގެން އިސްކޫލަށް ނުދާތާ، ޔަގީން ދެން ސްކޫލު އޮފީހުންކަން މަށަށް ގުޅާނީ، ބޯހަލާކު ވާވަރުވޭ، އަނެއްކޮޅުން މިހާރު ކަލެއަށް ލައިބާގެ ކަންތައްތައް ވެސް ކޮއްދެވޭ ކަމަކަށް ނުވޭ،" އަޒުރާ ތުން އަނބުރާލަމުން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.
* * 
"ދޮންބޭ.....ދޮންބެ ކީއްވެ މިހާރު ލައިއާ ވާހަކަ ނުދައްކަނީ، މިހާރު ނުވެސް އަހަމެއްނު ލައި އިސްކޫލުގަ ކުރީ ކޮންކަމެއްހޭވެސް، އިއްޔެވެސް ލައިއެކަނި ވާރކް ހަދަން ޖެހުނީމަ ހުރީ ނުބައިކޮށް ހެދިފަ، މިސް ބުނީ ވާކްތައް ހަދަންވާނީ މަންމަގެ ހެލްޕް އާއި އެކީ ކަމަށް، އެކަމަކު މަންމައަށްވުރެ ދޮންބެ މާމޮޅުވާނެއެއްނު ދޯ..." އިސްކޫލަށް ދިޔަ މަގުމަތީ ލައިބާ ޔަޒާން އާއި އެކިއެކި ވާހަކަތައް ދައްކަމުންދިޔައެވެ.
"ދޮންބެ ހީކުރީ ލައިއަށް ފާހަގައެއް ނުކުރެވޭނެކަމަށް، އެކަމަކު މިހާރު އެނގިއްޖެ ތީ ދޮންބެގެ ކުރީގެވެސް ލައިކަން........ސޮރީ އެނގޭ، އަސްލު މަންމައަށް ހެލްޕްވާން ހަދައިގެން ދޮންބެ ހަނދާންނެތުނީއޭ ލައިގެ ހޯމްވޯކްމަތިން، މިއަދުވެސް ބަސް އަހައިގެން ކިޔަވައްޗޭ،" ޔަޒާން ބުނެލީ ހިތްހެޔޮކަމާއި ލޯތްބާއެކުއެވެ. އޭނައަށް ލައިބާގެ މައުސޫމުކަމުން ފުރިގެންވި ވާހަކަތަކުން ކުރީގެ ހަނދާންތައް އާކުރުވިއެވެ. ކުރިން އޭނަ އާއި ލައިބާއަކީ އެކުއްޖެއް އަނެއްކުއްޖެއްގެ ހާލުބަލަމުން އެހީތެރިވަމުން ބޮޑުވަމުން އައި ދެކުދިންނެވެ. އެކަމަކު ޔަޒާންގެ މުޅި ހަޔާތް އެކޮޅުކޮޅުން ޖެހިއްޖެއެވެ. އޭނައަށް ދަސްވި ޢަމަލުތަކެއްގެ ސަބަބުން އެހެން ހުރިހާކަމެއްގެ މަތިން ފޫހިކުރުވައިފިއެވެ. އެކަމަކު އަދިވެސް ލައިބާއަށް އެކަންތައްތައް ސިއްރުކުރަން އޭނަ ބޭނުންވެއެވެ.
"ލައި ބަލާ ދޮންބެ އަންނާނަން ދޯ... ޕުލީޒް... ޕުލީޒް އަވަހަށް އަނައްޗޭ، ލައިއެކަނި އޮފީހުގަ އިންނާކަށް ނުކެރޭނެ" އިސްކޫލުގެ ތެރެއަށް ވަދެގެން ދަމުން ލައިބާ ޝަކުވާކޮއްލި އެވެ.
"މިއަދު ހަމަ ބަރާބަރު ގަޑިއަށް އަންނާނަން" ޔަޒާން އާދައިގެ މަތިން ބުނެލިއެވެ. އެކަމަކު އާދެވޭނެ ކަމުގެ ޔަގީންކަމެއް އޭނައަކަށް ނެތެވެ. އެކަންވެސް ގުޅިފައިވަނީ އަޒުރާ އާއިއެވެ. ލައިބާ އިސްކޫލަށް ދާވަގުތަކީ އަޒުރާއަށް ޔަޒާންއާއިއެކު ގޭތެރޭގައި މިނިވަންކަމާއިއެކު އެކަނިވެލަން ލިބޭ ވަގުތުކޮޅެވެ. އެހެންވެ އެވަގުތަކީ އަޒުރާގެ ކަންތައްތަކަށް ޔަޒާން ބޯލަނބަންޖެހޭ ވަގުތެކެވެ. އޭނައަށް އެވަގުތު ކިތަންމެ ކުޑަކަމެއްވެސް ކުރެވޭނީ އަޒުރާގެ ހުއްދަލިބިގެންނެވެ. ފަހަކަށް އައިސް ލައިބާ ބަލާދިއުމަށް ލަސްވަނީ އެހެންވެއެވެ.
ބާރު ހިނގުމުގައި ގެއަށް ވަންނަން ދިޔަ ޔަޒާން ހުއްޓުނީ ރަޒިއްޔާމެންގެ އާއި އެގެއާއި އިންވަކިކުރަން ރާނާފައިވާ ފާރުބުރި މަތިން ނަޒްމީ ގޮވާލީމައެވެ. މިހާރު ޔަޒާންއަށް އެކުދިންނާއިއެކު އެގެއަށްގޮސް ގޭމްކުޅެހަދާލާނެ ވަގުތެއްނުވެއެވެ.
"އޭ ޒާން، ކަލޭ ހާދަ ބިޒީއޭ ދޯ.........ކީއްވެތަ ނުފެންނަނީ، އަބަދު ގޭތެރޭގަ، އޭ ޒާންގެ މަންމަ ވަރަށް ރުޅިގަދަ ދޯ، އެންގީތަ ގޭންބޭރަށް ނުނިކުންނަން، ކޮއްކޮ އާއިއެކޮށް ފީކޮއިކުޅެން ގޭތެރޭގަ ހުންނާށޭ ބުނީދޯ....ހެ ހެ ހެ ހެ ހޭ" ނަޒްމީ ޔަޒާން އާއި ދިމާކޮއްލިއެވެ.

ކޮމެންޓް 0