"ހާދަވަރެއްވެފައޭ އެސޮރަށް އެއޮތީ، އަދިވެސް ޑޮކްޓަރަށް ގެންދާކަށް ނޫޅޭ...." ރަޒިއްޔާމެންގޭ ތެރެއަށް އެއްވެފައިތިބި މީހުންތަކުގެ ތެރެއިން މީހަކު ބުނެލިއެވެ.
"ބަލަ ހައްވަދައިތަ އެއުޅެނީ އެސޮރު ބުރަކަށީގައި ބޭސް ކަފަގަނޑެއް އަޅަންށޭ، އަހަރުމެންގެ ކުޑަ މަންޖެ ކަކުލު ހުޅަށް ތަދުވާތި އުޅެނިކޮށްވެސް ހައްވަދައިތައޭ ބޭސްގަނޑެއް އަޅައިދިނީ، މިހާރު އެހެރީ މުޅިން ބަރާބަރުވެފަ، ހައްވަދައިތަ އެހެން ހުއްޓަސް ވަރަށް ކުޅަދާނަވާނެ" ޖަމީލާގެ ގާތުގައި ހުރި މީހަކު އޭނައަށް އަޑުއިވުނު ވާހަކައަށް ޖަވާބުދިނެވެ.
"މަށަށްވެސް ހީވަނީ ހައްވަދައިތަ އެއުޅެނީ ލޭމަނާ ކުރަންހެން، ވަގުތީ ފަރުވާއެއް އެހަށް ދެވޭތޯ ކަންނޭގެ" ޖަމީލާވެސް ބުނެލިއެވެ.

ޔަޒާން އެރޭ ގެއަށް ގެނައިއިރު ރޭގަނޑު ނުވައެއްޖަހަނީއެވެ. އަޒުރާ ކަންބޮޑުވުމާއިއެކު ޔަޒާންގެ އެނދުގައި އޭނަގެ ގައިގާ ފިރުމާލަ ފިރުމާލެއިނެވެ. އޭރު ކުރިމަތީހުރި އެނދުގައި ލައިބާ އިށީނދެލައިގެން ބަލަން އިނެވެ. އެރޭ ޔަޒާންއަށް ކާންގެނެސް ސަމްސަލުން ލަވާހެދީވެސް ހުދު އަޒުރާއެވެ. އެކަމަކު އެއަޅާލުމާއި އޯގާތެރިކަން ދެމި އޮތީ އޭނަގެ ރަޙުމަތްތެރިން ގެއަށްއަންނަންދެންނެވެ. ރޭގަނޑުގެ ކުޅިވަރު ފެށެންދެންނެވެ. ލައިބާއަށް އަރާމުކަމާއިއެކު ފުންނިންޖަކުން އެރޭ ނިދާލެވުނެވެ. އެއްވެސް ހިޔާލެއް ފިކުރެއްނެތި ހިތްހަމަޖެހިލައިގެން އޮވެއެވެ. އޭނަ ޔަޒާންއަށް ދިމާވި ހާދިސާ އާއިމެދު ކަންބޮޑެއްނުވެއެވެ. އެކަމާއި ދޭތެރޭ އޭނަ ވިސްނަންވެސް ބޭނުންނުވަނީއެވެ. އެއަނިޔާ އަކީ ލައިބާއަށް ލިބެމުންދިޔަ އަނިޔާ ތަކާއި އަޅާބަލާއިރު އެއްވެސް އެއްޗެއް ނޫންކަންކަމުގައި އޭނަ ދެކެއެވެ. އެހާދިސާ ޔަޒާންއަށް ބަދަލުތަކެއްގެނުވިއެވެ. އެހެންނަމަވެސް އެރެއަށްފަހު އަނެއްކާވެސް ލައިބާގެ ހަމަނިދި ނަގާލިއެވެ. ޔަޒާންއަށް އިރުއޮއްސި ރޭވެއްޖެނަމަ އެކަނި ގެއިން ބޭރަށް ނުކުންނާކަށް ނުކެރެއެވެ. އެހެންވެ އޭނަ ފައިޒަން އާއި ނަޒްމީ އެގެއަށް ގެންނަން ފެށީއެވެ. 

މިއަދަކީ ބޮޑު ދުވަހަކަށް ވީގޮތް ލައިބާއަށް އެނގެއެވެ. ޔަޒާން ލޯގަނޑު ކުރިމަތީ ހުރެ އިސްތަށިގަނޑު ރީތި ކުރަމުން ފަރިބަލަމުން ދިޔައިރު ތުނބުން ފުމެލަ ފުމެލާ ހުއްޓެވެ. ލައިބާ ތުންދަމާލައިގެން ދެލޯ އަޅާއުސޫލުން ޔަޒާންއަށް ބަލަހައްޓައިގެން އިނެވެ. އަޒުރާ އެކޮޓަރިއަށް އައިސްދާނެ ކަމަކަށް އޭނަ ބިރެއް ނުގަނެއެވެ. އެކަން އެގޮތަށް ވާނެނަމައޭ ލައިބާގެ ހިތަށް އަރާތާ ކިތަންމެ ދުވަހެކެވެ. އެކަމަކު އޭނައަކީ މިވަގުތީ ދުނިޔެއަށް އުފަންވެފައިވާ ބަދުނަސީބުވެރިއެކެވެ. އޭނައަށް ނަސީބޭ ކިޔާއެއްޗެއް އޮންނަކަމެއް ގަބޫލެއްނުކުރެވެއެވެ.
"އަހަރެން އަންނަން ވާއިރަށް މިކޮޓަރި ހުސްކުރާތި" ޔަޒާން އަމުރުވެރި ރާގަކަށް ބުނެލިއެވެ.
"ނުކޮއްފިއްޔާ...." ލައިބާ ފުރަތަމަ ފަހަރަށް ޔަޒާން އާއި ދިމާލަށް އިދިކޮޅަށް އެއްޗެއް ބުނެލިއެވެ.
"ދެން ހަދާނެ ގޮތްވެސް މަށަށް އެނގޭނެ، މަނޫޅެމޭ ގޮތް ހުސްވެގެންނެއް" ޔަޒާން ހިނިގަނޑެއް ޖަހާލަމުން ކޮޓަރިން ނުކުތެވެ.
ޔަޒާން ދިޔައީ ރަށު ފާލަންކޮޅަށެވެ. އޭނަގެ އެންމެ ގާތް ދެރަޙުމަތްތެރިން ރަށަށް އަންނައިރު ފާލަންދޮށުގައި އޭނަވެސް ހުރުމަށެވެ. ފާލަން ދޮށަށް އެއްވެފައި ތިބި މީހުންތަކުގެ ތެރެއިން ރަޒިއްޔާގެ އާއިލާވެސް އޭރު ފާލަމާ ދިމާ އަތިރިމަތީ ހުރި ބޮޑުގަހެއްގެ ހިޔަލުގައި މަޑުކޮއްލައިގެން ތިއްބެވެ.
ޔަޒާންގެ ކެތްތެރިކަން ކުޑަވެފައިވާ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވެގެންދިޔައީ ނެރުންވަތް ދޯނިފެނުމުންނެވެ. ޔަޒާން ކުރިއަށްވުރެ ފާލަމާ ގާތްވެލަމުން ދޯނި ގާތް ކުރާ ދިމާލަށް ޝައުގުވެރިކަމާއިއެކު ބަލަންހުއްޓެވެ. މާގިނައިރެއްނުވެ ދޯނި ފާލަމާއި ގާތްކޮއްލުމާއިއެކު މީހުންތައް ފައިބަން ފަށައިފިއެވެ. ރަޒިއްޔާގެ ޢާއިލާވެސް ދޯންޏާ ގާތްވެލީ އޭގައި އައި ފައިޒަން އާއި ނަޒްމީ ފެނޭތޯއެވެ. ޔަޒާންއަށް އެމީހުންގެ ތެރެއަށް ދާކަށް ނުކެރުނެވެ. އެހެންވެ ހުރިތާ މަޑުކޮއްލައިގެން ހުރީ ފައިޒަން އާއި ނަޒްމީ ފެންނާނެ އިރަކަށެވެ. ޔަގީނުންވެސް ދެން ގިނައިރެއްނުވާނެކަން އެނގޭތީއެވެ.
"ހޭ ޒާން..." ނަޒްމީ ފާލަމްމަތީ ރަށާވީ ފަރާތުގައި ހުރި ޔަޒާންއަށް ގޮވާލިއެވެ.
"ސޯ ގްރޭޓް ޓު ސީ ޔޫ މޭން،" ފައިޒަން އައިގޮތަށް ޔަޒާންގެ ގައިގާ އޮޅުލައިގަންނަމުން ބުނެލިއެވެ.
"އެއްކޮށް ނިންމާލީތަ" ޔަޒާން ހިނިއައިސްފައި ވާހަކަދެއްކިއެވެ.
"އާ...ނިންމާލީ، ކޮބާ އާ ހަބަރެއްނެއްތަ" ފައިޒަން ބުނެލިއެވެ. އޭރު ރަށުތެރެއަށް އަރައިގެން ގެއަށް ދިއުމަށްޓަކައި ފައިޒަން އާއި ނަޒްމީ ހިނގަމުންދިޔައެވެ. އެދެމީހުންނާއިއެކު އެމީހުންގެ އާއިލާގެ ބައެއްމެމްބަރުން އައެވެ. ކާސިމު އެދެމީހުންގެ ފޮށި ބަރޯއަކަށްލައިގެން ރަޒިއްޔާއާއި ވާހަކަދައްކަމުން ކުރިއަށް އާދެއެވެ.
"ހާދަ ދުވަހެކޭ ދޯ މިދިޔައީ، ދިމާވީމަ ވާނެއެއްނު ކަމެއް ބާއްވާލަން... މިހާރު ކޮންބިޓެއްތަ ތިގެންގުޅެނީ" ނަޒްމީ އާދައިގެ މަތިން ޔަޒާންގެ ކޮނޑަށް އަތްވައްޓާލަމުން ސިއްރުސިއްރުން އަހާލިއެވެ.
ތިން މީހުން އެމީހުންގެ މަޖާ ސަކަރާތުގައި ތިބެ ރަޒިއްޔާމެންގޭ ތެރެއަށްވަދެގެން ދިޔައެވެ. ހަވީރުވާންވާއިރަށް ރަނގަޅު ޕްލޭނެއް ތައްޔާރުކުރުމަށް ތިން މީހުންގެ މެދުގައި މަޝްވަރާކުރެވެމުން ދިޔައެވެ. ރަޒިއްޔާއަށް އޭނަގެ ދެދަރިން އެނބުރި އޭނަގެ ގާތަށް އައުމުން ލިބިފައިވާ އުފާވެރިކަމެއްގެ ބޮޑުކަމުން އެކުދިން ރާވަމުންދިޔަ ނުބައިރޭވުންތައް އޭނައަކަށް ފާހަގައެއްނުކުރެވުނެވެ.

ފެންވަރާލައިގެން ނުކުތް ލައިބާ އިސްތަށިގަނޑުގައި ފުނާއަޅަމުން ފެންޑާއަށް ނުކުތެވެ. އަދި އާދައިގެ މަތިން ޓީވީ ހުޅުވާލުމާއިއެކު ބޮޑުއަށިމަތީ އަރާ އިށީނދެއްޖެއެވެ. އޭނަ މަޑުމަޑުން އިސްތަށިގަނޑުގައި ފުނާއަޅަމުން ދިޔައީ އިސްތަށިގަނޑު ތެމިފައި އޮތުމުން ހިއްކާލުމުގެ ބޭނުމުގައެވެ. އަނެއްކޮޅުން އޭނަ ޓީވީއިން ދައްކާ ލަވަތައް ބަލަން ވަރަށް ފޯރިހުރެއެވެ. އަޒުރާ ގޭތެރޭގައި ފޯނެއްގައި ހުރެގެން ދެކޮޅަށް ހިނގާތަންވެސް ލައިބާއަށް ފެނެއެވެ. އެކަމަކު އޭނަ ޓީވީގެ އަޑުމަޑުކުރާކަށް ގަސްތެއް ނުކުރެއެވެ. ހަމަޖެހިލާފައި ޓީވީ ބަލަން އިނީއެވެ.
ފަހަކަށް އައިސް ލައިބާގެ ގައިގަ ނުފިލާ ރިހުމެއް ހުންނަހެން އޭނައަށް ހީވެއެވެ. އެކަމަކު އޭނައަކީ ކަންތައްތަކަށް ކެތްކުރަން ދަސްވެފައިވާ ކުއްޖަކަށްވާތީ އެކަމާއި މާބޮޑު ފަރުވާލެއް ނުހުރެއެވެ. ބަދިގޭގައި އުޅޭއިރު އޭނަ ހޮޑުލަވާގޮތްވާތާ ވެސް ދެ ދުވަހެއް ވެއްޖެއެވެ. އޭރު އޭނަގެ ގާތަށް ލުބާ ނާންނަތާވެސް ދެ ދުވަސްވަނީ އެވެ. ވާގޮތް ކިޔާދޭން ހުރީ ހަމައެކަނި އޭނަވިއްޔާ އެވެ. ދެން ގޭތެރޭގައި ލައިބާގެ ހާލު އަހާލާ މީހަކު ނޫޅެއެވެ. ހުންވައްތަރު ވެދާނެތީ އޭނަ ހުންނަނީ ވަރަށް ކަންބޮޑުވެފައެވެ. އެއީ އަޒުރާ އޭނައާއި ދިމާލަށް އެއްޗެހި ކިޔާނެވަރު ހިތައްއަރާފަ އެވެ. ގޭތެރޭގެ މަސައްކަތްތައް ކުރުމަކީ މިހާރު އޭނަގެ ވާޖިބަކަށްވެފައި އޮންނާތީއެވެ.

"ބަލަ ކަލެއަކަށް ނޭގޭތަ މަމިހިރީ ވަރަށް މުހިއްމު ފޯން ކޯލެއްގަ ކަމެއް، ހަމަ އައިގޮތަށް އައިސް ޓީވީ ހުޅުވާ އަޑު ފުލްކޮއްލައިގެން އަރާ ބޮޑުއަށިމަތީ ތިއިންނަނީ، މަށަށް ޖެއްސުން ކުރަންވެސް ފެށީ ދޯ، މިދެން ކިހާ ވަރުގަދަ ކަމެއް، ކަލޭ މަށަށް ނުފެންނަ ހިސާބުގަ އުޅޭށޭ މިހާރު ބުނެފީމެއްނު" އަޒުރާ ފޯނުކޯލް ނިންމާލުމަށްފަހު ލައިބާ އާއި ދިމާލަށް އެނބުރުނު ގޮތަށް ފަތިވަރު އަމުނާލިއެވެ.
"މަ ޖެއްސުމެއް ނުކުރަން...." ލައިބާ އަޒުރާއަށް ބަލާލުމެއްނެތި އިސްތަށިގަނޑުގާ ފުނާ އަޅާލަ އަޅާލަ އިނދެ ބުނެލިއެވެ.
"ކަލޭ މަށާ ވިއްދާފަ އެއްޗެހިވެސް ބުނަންފެށީތަ، ބަލަ ތި އަނގަގަޑުން ބަހެއްނުބުނެވޭ ވަރު ކޮއްލަފާނަން، ތިއުޅެނީ މަ ރުޅި ނައިސްގެން ދޯ، ކަލޭ ތިވަރު ކުރީ ބަލަ މަށޭ، އަދިވެސް މަދިނީމަ ލައިގެން، މަދިނީމަ ކައިގެން ބޮއެގެން އުޅޭއިރުވެސް މަގޭކުރިމަތީ ޒުވާބު ކުރާނަމޭ ހިތާ ދޯ ތިއުޅެނީ" އަޒުރާ ދެފިޔަ ތަޅަމުން ފުއްމާލި ކުކުޅެހެން އައިސް ބޮޑުއަށިމައްޗަށް ޖެހިގަތެވެ. އަދި ވަގުތުން ލައިބާގެ ކޮލުގައި ހިފާ ފިތާލި ފިތާލީނުން އޭނަގެ ދިގު ނިޔަފަތިތައް ވައްދާލިއެވެ. ލައިބާގެ ނާޒުކު ކޯތާފަތުން ހަންގަނޑު ކަނޑައިގެންގޮސް އަޒުރާގެ ނިޔަފަތިތައް ޖެހިފައި ހުރިތަންތަނުން ލޭކުލަފެނިގެންދިޔައެވެ. އެވަރުވުމުންވެސް އަޒުރާ ހުއްޓައެއްނުލިއެވެ. އޭނަ ކޮޓަރިއަށް ދިޔައީ ލައިބާގެ ކަންފަތްމަތީ ޖަހާފައެވެ. ލައިބާ އޭނަގެ ކޯތާފަތުގައި މަޑުމަޑުން އަތްހާކާލަ ހާކާލާ ބޮޑުއަށިމަތީގައި އިނެވެ. އޭނަގެ ދެލޮލުން އެންމެ ކަރުނަތިއްކެވެސް ނުވެއްޓުނެވެ. އޭނަ އަޒުރާ އާއި ޔަޒާންގެ އެފަދަ ބީހުންތަކަށް މިހާރު އެއްގޮތްވީއެވެ. ރޮއެ ރޮއެ ދެލޯ ފާރުކުރުމުގެ އެއްވެސް ބޭނުމެއްނެތެވެ. އެއާއި ހިލާފަށް ލައިބާގެ ހިތުގައި ރޯވަމުންދިޔައީ ނަފުރަތުގެ އަލިފާނެވެ. އަޒުރާދެކެ އޭނަ އިނީ އިންތިހާ ދަރަޖައަށް ރުޅިއައިސްފައެވެ. އެތަށް އެއްޗެއް ބުނަން ބޭނުންވެފައެވެ. އެކަމަކުވެސް ފަސްޖެހެވެނީ ކީއްވެކަމެއް ހުދު ލައިބާއަކަށްވެސް ނޭގެއެވެ. އޭނަގެ ދުލުގައި ތަޅެއްލެވެންވީ ކޮންސަބަބަކާއި ހެދިހެއްޔެވެ.
ލައިބާ ފާހާނައިގައި ހުންނަ މޫނުބަލާ ލޯގަނޑުން އޭނަގެ ކޯތާފަތް ބަލަމުންދިޔައެވެ. އަދި މަޑުމަޑުން މޫނު ދޮންނަ ތަށީގެ އިސްކުރު ދޫކޮއްލުމަށްފަހު ދެއަތްތިލަ ތެތްމާލަމުން ނަގާ ކޯތާފަތުގައި ޖައްސާލިއެވެ. ފިނިކަމެއް އިޙްސާސްކުރެވިގެންދިޔައެވެ. ދެފަހަރަކު ލައިބާއަށް އެހެން ހަދާލެވުނު ތަނާހެން ކޮޓަރިއަށް ބަޔަކުވަތްއަޑު އިވުނެވެ. ލައިބާ އަވަސް އަވަހަށް އިސްކުރު ބާރުކޮއްލުމަށްފަހު ކޮޓަރިތެރެއަށް ނުކުތެވެ. އޭރު ފައިޒަން އާއި ނަޒްމީ ޔަޒާންގެ އެނދުގައި އިށިންނަނީއެވެ. ލައިބާ އެމީހުންނަށް މާބޮޑު ސަމާލުކަމެއް ނުދީ އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ.
"ޒާން، ކޮބާތަ ސަޕްރައިޒް...." ލައިބާ ކޮޓަރިން ނުކުމެ ދޮރުލައްޕާލި އިރަށް ނަޒްމީ ނާއުއްމީދުވީ ގޮތަކަށް އަހާލިއެވެ.
"ތެދެއް ކޮބާ، އަހަރެން ހީކުރީ ސަޅި ބިޓެއް ހުރީކަމަށް" ފައިޒަން އޭނަގެ ކުރިމަތީ ހުރި ޔަޒާންއަށް ބުނެލިއެވެ.
"ނުފެނުނުތަ ސަޕްރައިޒެއް" ޔަޒާން ލާނެތް ފާޑަކަށް ހިނިއައިސްފައި ހުރެ ގަމީހުގެ ގޮއްތައް ނައްޓަމުން ބުނެލިއެވެ.
"އާ ނުފެނުނު،" ފައިޒަން އަނެއްކާވެސް ވާހަކަދެއްކީ ޔަޒާން އާއިއެވެ.
"މަވެސް ނުދައްކަމޭ... މަ ބުނަން މިއުޅެނީ ދެންމެ އެދިޔައީއޭ ދޭން އުޅޭ ސަޕްރައިޒްއަކީ، އެ ސަޕްރައިޒްއަށް ބަލާލިންހޭ، ރަނގަޅުހޭ" ޔަޒާން ކުރިއަށްވުރެ ބޮޑަށް ހީލިއެވެ.
"އޯ... އެކަމަކު.....އޭރުން ކިހިނެތްވާނީ، އެއީ ޒާން ކޮއްކޮއެއްނު..." ނަޒްމީ ފައިޒަން އާއި ޔަޒާން ދައްކަމުންދިޔަ ވާހަކަ އަޑުއަހަން އިނދެ ބުނެލިއެވެ.

ކޮމެންޓް 0