ނަދީމާއަށް ސަމާލުވެވުނީ އެނދުގައި ގުޑިވެސްނުލާ އޮތް ލައިބާއަށެވެ. އޭނަ ލައިބާގެ އަތުގެ ކުޑަހުޅާ ދިމާލުން ވިންދުބަލާލިއެވެ. އަދި ނޭފަތްކައިރިއަށް އަތްގާތްކޮއްލަމުން ލައިބާ ނޭވާލާތޯވެސް ޗެކު ކުރިއެވެ. ނަދީމާގެ މޫނު މައްޗަށް ނުތަނަވަސްކަން ވެރިވެގެންދިޔައެވެ.
"ކިހިނެތްވީ؟ އޭނަ ހޭނެތުނީތަ؟" އަޒުރާ ނަދީމާއަށް ވީގޮތް ފެނި އަހާލިއެވެ.
"އަހަރެން މީގެ ކުރިން ދުވަހަކުވެސް ނުދެކެން މިކަހަލަ ކަމެއް، އެދެއިންޖެކްޝަން ޖަހާލީމަ އެނގުންވާކަށް މާގިނައިރެއް ނުނަގާނެ، އެކަމަކު ލައިބާ އެއޮތީ ހަބަރު ހުސްވެފަ އޮތްހެން، އޭނައަކަށް އެއިންޖެކްޝަނުން ކުރަންވީ އެއްވެސް އަސަރެއް ނުކުރޭ، އަޖައިބެއް ކަހަލަގެ ކަމެއް، އަޒޫ..." ނަދީމާއަށް އިތުރަށް ބުނާނެ އެއްޗެއް ނޭގުނީއެވެ.
"އޭނަ މަރެއްނުވެއެއްނު، މަބުނާ ގޮތް ހަދާބަލަ ދެންވެސް، ބާކީ ތިއޮށް ދޭތިވެސް ޖަހާބަލަ" އަޒުރާ އެދުމަތީއޮތް އިތުރު ދެއިންޖެކްޝަނަށް އިޝާރާތްކުރަމުން ބުނެލިއެވެ.
ހެނދުނު އިރުއަރަންދެންވެސް ގޭގެ ބޭރުން އެކިއެކި ތަފާތު އަޑުތައް އިވެމުންދިޔައެވެ. ނަދީމާވެސް އެކަމާ ސުވާލު އުފެދި ކަންބޮޑުވެފައިވާކަން އަޒުރާއަށްވެސް އެނގުނެވެ. ޔަޒާން އިނީ ބިރުން ނިދަންވެސް ނުކެރިފައެވެ. އެނދުމަތީ ފައިކުރުކޮއްލައިގެން ފާރުގައި ބުރަކަށި ޖައްސާލައިގެން އިންއިރު އަދިވެސް އޭނަގެ ކަންފަތުގައި އޭރު އިވުނު ހަޅޭކުގެ އަޑު ހަރުލާފައިވާ ކަހަލައެވެ. އެއީ ކޮންފަދަ ބިރުވެރި އަޑެއް ހެއްޔެވެ. މުޅި ހަށިގަނޑުގައި ރޫރޫ ނާޅާ އެއްވެސް ތަނެއްނެތެވެ. އަޒުރާ އާއި ނަދީމާ ކަންބޮޑުވެފައިވަނީ ލައިބާ އާއިމެދުއެވެ. އޭނަގެ ހާލާ މެދުއެއްނޫނެވެ. އެހެންނަމަވެސް އެމީހުން ބޭނުންވި ކަންތައްތައް ހީކުރިގޮތަށް ނުވުމުން އެކަމާއިއެވެ. ނަދީމާއަށް ހަދާނެގޮތް ހުސްވިކަހަލައެވެ. އޭނަ އަޒުރާ ކައިރީ ދެން ހަދާނެ ގޮތަކާއިމެދު މަޝްވަރާކުރިއެވެ.
ފަތިސްވަގުތެވެ. އިވެމުންދިޔަ އަޑުފަށްގަނޑު މަޑުވެ އެއްކޮށް އަޑުކެނޑިފައިވެއެވެ. ނަދީމާއަށް ލައިބާގެ އެނދުގައި ބޯއަޅާލައިގެން އިނީ ނިދިފައެވެ. އަޒުރާވެސް ތާއްޔާޖެހެމުންގޮސް މެޔާކައިރިކޮއްލާފައިވާ ދެކަކޫމަތީ ބާއްވާލާފައިއޮތް ދެއަތުގައި ބޯޖަހާލެވުނެވެ. ޔަޒާންވެސް އަރިއަކަށް ފައިކުރުކޮއްލައިގެން ނިދިފައި އޮތެވެ. ހޭވެރިކަމެއްނެތް ލައިބާއަށް ކުއްލިއަކަށް ހީވީ މީހަކު ގޮވާލިހެނެވެ. އޭނަ ސިހިފައި ފުއްމައިގެން ތެދުވެ އެނދުގައި އިށީނެވެ. ލައިބާގެ އެހަރަކާތުން އެނދުގެ ކޮޅުގައި ނިދިފައި އިން ނަދީމާ ދިޔައީ ސިއްސައިގެންނެވެ.
"އަޒޫ...." ނަދިމާ އަވަސް އަވަހަށް އަޒުރާއަށް ގޮވާލިއެވެ.
ލައިބާ ވަށައިގެން ހޯދާލުމަށްފަހު އޭނަގެ ބުޑުމަސްގަނޑުގައި އަތްޖައްސާލެވުނެވެ. އޭނައަށް އެމީހުންކުރި އެއްވެސްކަމެއްގެ އިޙްސާސްއެއް ނުވިއެވެ. ނަދީމާ ފުރަތަމަ އިންޖެކްޝަން ކޮއްޕާލިކަން ނޫން އެހެން އިޙްސާސްއެއް ލައިބާއަކަށް ނުވެއެވެ. އޭނަގެ ބަނޑުގައެއް ނުރިއްސައެވެ. އެއްވެސް ކަހަލަ އުނދަގުލެއް ނުވެއެވެ. އެހެންނަމަވެސް ލައިބާއަށް އޭނަގެ ބަނޑުގައި އަތްޖައްސާލެވުނެވެ. އަދިވެސް ކަންބޮޑުވެފައިވެއެވެ. މިވަރުން އަދި އަޒުރާ ހުއްޓާނުލާނެކަން އެނގޭތީއެވެ.
ލައިބާގެ ހެނދުނުގެ ސައިވެސް އެތެރެހައްޓަށް ދިޔައީ އެތަށް ބައިވަރު ވައްތަރެއްގެ ބޭސްގުޅަ ތަކަކާއިއެކުއެވެ. ނަމަވެސް އެއިން އެއްވެސް އެއްޗެއް އެތެރެހަށީގައި ހަރުލާގޮތެއް ނުވެއެވެ. ކޮންމެ ފަހަރަކު ލައިބާއަށް ލެވޭ ހޮޑާއިއެކު އެބޭސްތައް ބޭރުވެގެންދެއެވެ. އޭނަ ހުރީ އެމީހުންގެ ކައިރިން ސަލާމަތްވާނެ އިރަކަށް ބަލަބަލައެވެ. އެހެންނަމަވެސް އަޒުރާ އޭނަ ލޮލުކޮޅަށް ނުފެންނަ ހިސާބު ދުރަށް ދާކަށް ގަސްތެއްނުކުރިއެވެ. ނަދީމާ އަޒުރާގެ އަތަށް ތަފާތު ވައްތަރުގެ ބޭސްކާޑުތަކާއި ބޭސްފުޅިތައް ދީފައި އޭނަގެ ގެއަށް ދިއުމަށް ހިނގައިގަތެވެ.
ލައިބާ ގޭތެރޭގައި ކުރަން ޖެހޭ އެއްވެސް މަސައްކަތަކަށް ބަދަލެއްނާދެއެވެ. އަޒުރާ އާއި ޔަޒާންއަށް އޭނަ އެހާލުގައިވެސް ކައްކާފައި ކާންދޭންޖެހެއެވެ. އެމީހުންގެ ދުލުން ބުނަމުންދާ ނުބައިބަސްތައް އަޑުއަހަމުން އެކަމަށް ކެތްތެރިވަމުން ދިޔަ ލައިބާއަށް މިއަދު އޭނަގެ ބަނޑުގައިވާ ކުއްޖާ ނޫން އެހެންއެއްވެސް ކަމެއް މުހިއްމެއްނޫނެވެ. ޔަޒާން ހިތަށް އަރައިފިއްޔާ ލައިބާގެ ގައިގާ އަޅާކޮއްޕާލި ކޮއްޕާލީނުން އޭނަ ބިންމައްޗަށް ވައްޓާލައެވެ. ލައިބާގެ ނަސީބު ކަންނޭގެއެވެ. އެވަރުވެގެން ދާއިރުވެސް އޭނަގެ ބަނޑުގައި ރިއްސާތީއެއް އޭނަ ނޫޅެއެވެ. އެކަމުން އެއްވެސް ކަހަލަ އުނދަގުލެއް ލައިބާއަށް ނުފޯރައެވެ. ލުބާ ބުނިހެން އޭނަގެ ބަނޑުބޮޑުވާކަން ފާހަގަ ކުރެވެއެވެ. ހެނދުންތައްވެސް ބާރުވެއެވެ. އެކަމަކު އެވަރުން ފުއްދާލުން ނޫން ގޮތެއްނެތެވެ.
ހަވީރުގެ ވަގުތެވެ. ލައިބާ އުނދޯލީގައި އިށީނދެލައިގެން މަޑުމަޑުން ހެއްލާލަ ހެއްލާލަ އިނެވެ. ކުއްލިއަކަށް ގޭދޮރުމަތިން މީހަކު ހުރަސްކެނޑިހެން ހީވެ އެދިމާލަށް ބަލާލިއެވެ. މީހަކު ފެންނާކަށް ނެތެވެ. އަޒުރާ އިރުއިރުކޮޅާ ނުކުމެ ލައިބާއަށް ބަލާލައެވެ. މިއަދު ލުބާ އަންނާނެހެން ހީވާ ކަހަލަ ދުވަހެއް ނޫންކަން ލައިބާއަށް އިޙްސާސްވާކަހަލައެވެ. އެކަމަކު އޭނަ ލުބާ އާއި ވާހަކަދައްކަން ބޭނުންވެއެވެ. ދެން ހަދާނީ ކިހިނެތްތޯ އަހާލުމަށެވެ. ލައިބާއަށް ދެވަނަ ފަހަރަށްވެސް މީހަކު ގޭ ދޮރުމަތިން ހުރަސްކެނޑިހެން ހީވެ މަގުމައްޗާ ދިމާލަށް ބަލާލެވުނެވެ. ނަމަވެސް މިފަހަރުވެސް މީހަކު ފެންނާކަށް ނެތެވެ. އޭނަ މަޑުމަޑުން ތެދުވެ ބޭރު ފާރުބުރި ކައިރިއަށް ދިޔައެވެ. އަދި މަގުގެ ދެފަރާތް ބަލާލިއެވެ. އޭރު މަނިކުގެ ފިހާރަ އާއި ޖެހިގެން ހުރި ގޭގެ ކަންމަތީ މަޑުކޮއްލައިގެން ހުރި ޒުވާނާ ލައިބާގެ ލޮލުގައި އަޅައިގަތެވެ.
"އެއީ މިހިސާބު ޒުވާނެއްތަ، އެކަމަކު ކުރިން ނުފެންނަނީ ކީއްވެބާ، މިނޫނީ ދުވަހަކުވެސް ބޭރަށް ނުކުމެލާ ތަނެއް ނުދެކެން، އެވާނީ އެފަރާތު ކުއްޖެއްކަމަށް" ލައިބާ އޭނަގެ ޒަމީރާ ވާހަކަދެއްކިއެވެ.
މަނިކުގެ ފިހާރަ އާއި ޖެހިގެން ހުރިގޭގެ ކަންމަތީ މަޑުކޮއްލައިގެން ހުރީ ލައިބާ އާއި އަތިރިމަތިން ދިމާވެ ވާހަކަދެއްކި ޒުވާނާއެވެ. އޭނަ ހިނިއައިސްފައި ހުރެ ދޭތެރެ ދޭތެރެއިން ލައިބާއަށް ކަޅިއެއް އެއްލައެވެ. ލައިބާވެސް އެބެލުންތަކަށް ޖަވާބުދެމުން ދިޔައީ ލަދުވެތިކަމާއިއެކުއެވެ. ލައިބާގެ ހިތްބާރަށް ތެޅިގަތީ އެޒުވާނާ ލައިބާ އާއި ދިމާލަށް އަންނަން ފެށުމުންނެވެ. ލައިބާއަށް ގޭގެ ދޮރުމަތީ ރަނާފައިވާ ފާރުބުރިއާއި ދުރަށްޖެހިލެވުނީ ދެން ހަދާނީ ކިހިނެތްބާއޭ ހިތަށް އަރާފައެވެ. އޭނައަށް ފަހަތަށް ގޭގެ ދޮރާދިމާލަށް ބަލާލެވުނެވެ. އަޒުރާ ހުރިތޯއެވެ. އަނެއްކޮޅުން ޔަޒާންވެސް ގޭގައި އެބައުޅެއެވެ. ލައިބާ ފިރިހެން ކުއްޖަކާ ވާހަކަ ދައްކާތަން ފެނިއްޖެނަމަ އެމީހުންގެ ޢަމަލުތައް ހުންނާނެ ގޮތެއް ލައިބާއަށް ނޭގޭތީ އެޒުވާނާ އާއި ވާހަކަދެއްކުމަކީ ބުއްދިވެރިކަމެއް ކަމާއިމެދު ސުވާލުއުފެދިގެންދިޔައެވެ. ވަކިގޮތެއް ނުނިންމިގެން އުޅެނިކޮށް އެޒުވާނާ އައިސް ލައިބާމެންގޭ ކުރިމަތީ ހުރި ގޭގެ ފާރުގައި ޖެހިލައިގެން ހުއްޓިއްޖެއެވެ. ލައިބާ ލަދުވެތި ހިނިތުންވުމެއް ދެމުން މަގުގެ އެހެން ދިމަދިމާލަށް ބަލަންފެށިއެވެ.
"ހީކުރިންތަ ފެނިދާނެ ކަމަށް" އެޒުވާނާ ސުވާލުކޮއްލިއެވެ. އޭގެ ޖަވާބުގައި ލައިބާ އިސްޖަހާލުމާއިއެކު ދެފަރާތައް މަޑުމަޑުން ބޯހޫރުވާލިއެވެ.
"ލައިބާ..." އެޒުވާނާގެ ދުލުން ބޭރުކޮއްލި ލައިބާގެ ނަންއިވުމުން އޭނައަށް ބުނެދޭން ނޭގޭފަދަ ގޮތްތަކެއް ވެގެން ދިޔައެވެ. ބޭއިޙްތިޔާރުގައި އެޒުވާނާއަށް ބަލާލެވުނެވެ. އެންމެ ފުރަތަމަ ދިމާވިދުވަހެކޭ ތަފާތެއް ނެތެވެ. ހުސްފައިގައި ހުރި އިރު އަދިވެސް އެދެފައިގައި ދޮންވެލި ނުފިލާހުއްޓެވެ. ލައިގެން ހުރީ އެދުވަހުވެސް ފެނުނު މުށިކުލައިގެ ސޯޓެވެ. އަދި ގަޔަށް ހެޔޮވަރުކޮއްލާފައި ވަނީ އެދުވަހުވެސް ފެނުނު ހުދުކުލައިގެ އަތްކުރު ތުނި ގަމީހެވެ. ނައްޓާލެވިފައިވާ ގޮއްތަކުގެ ތެރެއިން އެޒުވާނާގެ މޭމަތި ފާޅުކަން ބޮޑުގޮތަކަށް ފެންނަމުންދިޔައެވެ. އެފަންއިސްތަށިގަނޑު އޮތީ މިނިވަންކަމާއިއެކު ދޫކޮއްލެވިފައެވެ. އެވިދުން އެކުލެވިފައިވި ދެލޯ ލައިބާ އާއި ދުރަށް ނުދެއެވެ. ކުއްލިއަކަށް އެޒުވާނާ ލައިބާގެ ގާތަށް އައެވެ. މަޑުމަޑުން އަތުގެ ތެރޭ އަނބުރާލަ އަނބުރާލަ ގެންގުޅުނު ހުދު އަސުރުމާ ލައިބާއަށް ދިއްކޮއްލިއެވެ. ލައިބާއަށް ހައިރާންކަން ލިބުނެވެ. އޭނަ އަސުރުމަލެއް ދިނުމުން ލައިބާއަށް އިތުރު ހަނދާންތަކެއް އާވެގެންދިޔައެވެ. އެންމެ ފުރަތަމަ ލުބާ އާއި ދިމާވިދުވަހެވެ.
"މީ ކޮންފަދަ ބޮޑު އިއްތިފާގެއް، މީ ނަސީބުގެ މަލެއް، ހެޔޮހަބަރު ގެނެސްދޭ މަލެއް...." ލައިބާގެ ހިތް އޭނަ ގާތު ބުނެލިއެވެ.
"މިހިސާބުގަތަ އުޅެނީ" ލައިބާ ވަރަށް ހިތްވަރާއިއެކު އަހާލިއެވެ.
"ހޫމް، މީ އަހަރެންގެ ސަރަހައްދޭ، މިހާރު ބޭރުގައި ހުއްޓަސް، އަހަރެން އުޅެނީ ލައިބާގެ ގޭގައެއްނު، ލައިބާއަށް ފެންނަ ހިސާބުގައެއްނު..." އެޒުވާނާ ހިނިއައިސްފައި ވާހަކަދެއްކިއެވެ.
"ވަރަށް ސަމާސާ ކުރަންތަ" ލައިބާ ލަދުވެތިހިނުތުންވުމަކާއިއެކު އަހާލިއެވެ.
"ނޫނޭ، ބައެއްފަހަރު ސަމާސާކޮއްލާހިތްވޭ" އެޒުވާނާ ލައިބާއަށް ބަލަން ހުރެ ބުނެލިއެވެ. ލައިބާ ހިނިތުންވެލިއެވެ.
"އަހަރެންގެ ނަން އެހިއިރު، ތިފަރާތަށް ކިޔާނަމެއްނުބުނަމެއްނު" ލައިބާ ކުއްލިއަކަށް ހަނދާން ވެގެން ބުނެލިއެވެ.
"އެހީމަތާ ބުނެވޭނީ، އަހަންނަށް ކިޔަނީ އަބިޔާލް" އެޒުވާނާ ގެ އަޑުގައިވާ ހިތްގައިމުކަމީ ލައިބާއަށް އެޒުވާނާއަށް ހާއްޞަކަމެއްދެވުނު ފުރުތަމަކަމެވެ. ދެވަނަ ފަހަރަށް ދިމާވުމުން ހިތް އެޒުވާނާއަށް އެދި ގޮވާލިކަން ލައިބާއަށްވެސް އިޙްސާސްވެގެން ދިޔައެވެ. އެކަމަކު އޭނަގެ ހާލު އަމިއްލައަށް ވިސްނެއެވެ. އަބިޔާލްއަށް އޭނަގެ ހަގީގަތް އެނގޭބާއެވެ. ނޫނީ އެނގިއްޖެނަމަ ދެންވާނީ ކިހިނެތްބާއެވެ. ކުއްލިއަކަށް އަބިޔާލް ލައިބާގެ މޫނު ކުރިމަތީ ފުއްޓެއްކެއް ޖަހާލިއެވެ.
"ކޮން ހިޔާލެއްގަ؟ އަހަރެން ދަނީ އިނގޭ، މީހުން ވަރަށް ބަލާނެއެއްނު މިތާ ހުންނަންޏާ، އަނެއްކާ ލައިބާގެ މަންމަ ނުކުމެދާނެ" އަބިޔާލް ފާރުބުރިމަތިން އަތްނަގަމުން ދުރަށް ޖެހިލިއެވެ. ލައިބާ މަޑުމަޑުން ބޯޖަހާލިއެވެ.
"ބޭރަށް ދާންތަ ތިވިސްނަނީ، ލަދެއްނުގަނެއޭ ބޮޑުބަނޑެއް ނުކުންނައިރު ބޭރުތެރޭ ނުކުމެ އުޅޭކަށް" ލައިބާ އަޒުރާގެ އަޑަށް ސިހިފައި ފަހަތްބަލާލިއެވެ. އަދި އަނެއްކާ އެނބުރި އަބިޔާލްއަށް ބަލާލިއެވެ. އެހެންނަމަވެސް އޭނައެއް ނެތެވެ.
"އަޒުރާ ފެނުނީމަ ދުވެ ފިލީކަންނޭގެ...ނަސީބެއްނު" ލައިބާގެ ހިތަށް ވަގުތުން އެރިއެވެ.
އަނގައިން ނުބުނެ އަވަސް އަވަހަށް އައިސް އުނދޯލީގައި ލައިބާ އިށީނެވެ. އަދި އަޒުރާ އާއި ދިމާލަށް ލޯއަޅާލަމުން އުނދޯލި ހެއްލާލިއެވެ. އަޒުރާއަށް ފޯނެއް އައީ އެވަގުތުއެވެ. އޭނަ އެއްޗެއް ބުނަން އަނގަހުޅުވާލާފަވެސް ވަނީ އެތެރެއަށެވެ.
ފާއިތުވެދާ ކޮންމެ ދުވަހަކީ ލައިބާގެ ބަނޑަށް އިތުރުވަމުންދިޔަ ދުވަހަކެވެ. ބަނޑުގައިވާ ދަރިފުޅު ބޮޑުވުމަށް ލިބުނު ފުރުޞަތުތަކެކެވެ. ނަދީމާ އާއި އަޒުރާއަށް ލައިބާގެ ބަނޑަށް ނުވަމަސްފުރުނުއިރުވެސް އެބަނޑުގައިވާ ކުއްޖާއަށް ކަމެއްނުކުރެވުނެވެ. ލައިބާގެ ބަނޑުބޮޑުކަމުން އޭނައަށް މަސައްކަތްކުރަން އުނދަގޫވިއެވެ. ގޭތެރޭގައި މީހުން ނޫޅޭ ވަގުތު ތަކުގައި ބަދިގޭ މަސައްކަތްތަކުގައި ލުބާ އޭނައަށް އެހީތެރިވުމުގައި އުޅެއެވެ. އެހެންނަމަވެސް މިހާރު އުނދޯއްޔާ ހަމައަށް ނުކުތުންވެސް އަޒުރާ އޮންނަނީ މަނާކޮއްފައެވެ. ދެފައިން ހިނގަން ބޭނުންވާނަމަ ގޭގެ ގޯތިތެރޭ އުނދޯއްޔާ ހަމައަށްވެސް ނުކުމެގެން ނުވާނެކަން އަޒުރާވަނީ އަންގާފައެވެ. ދެމަސްވެގެން ދިޔައިރު ލައިބާއަށް ޔަޒާންގެ ފަރާތުން ބޮޑެތިއަނިޔާ ލިބެމުންދިޔައެވެ. އޭނަ ބޭނުންވާގޮތަށް ލައިބާއަށް އެއްވެސް ކަމެއްކޮއްދެވޭ ކަމަކަށް ނުވެއެވެ. ލައިބާގެ ގައިގެ ތަން ތަންގަނޑު ނޫފައިގަނެފައި ހުންނަތަންވެސް އަޒުރާއަށް ފެނެއެވެ. އެކަމަކު އެކަމާ ސުވާލުކޮއްލަން ހިތަށްވެސް ނާރައެވެ. އަނެއްކޮޅުން ލައިބާގެ ހިތަށް އިތުރުވޭން ލިބުނު ކަމަކަށް އަބިޔާލް ނުފެނުންވިއެވެ. ލައިބާ ލުބާގެ ގާތުގައި އެހުރިހާ ވާހަކައެއް ކިޔާދެމުންދިޔައެވެ. އޭނަގެ ހިތުގައި އަބިޔާލްއަށް ހާއްސަކަމެއް ދެވިފައިވާކަމެވެ. ހަޔާތުގެ ބައިވެރިއަކު ހޮވާނަމަ އަބިޔާލްފަދަ މީހަކު އޭނަ ބޭނުންވާވާހަކައެވެ. އޭނަ އާއި މެދު އަބަދުކަހަލަ ގޮތަކަށް ވިސްނޭކަމެވެ. ނުފެންނާތީ ހިތަށް ތަދުވާކަމެވެ. މީ ލޯބިކަމުގައި ވާނަމަ އޭނަ އަބިޔާލްދެކެ ލޯބިވާ ވާހަކަވެސް ބުންޏެވެ.

ކޮމެންޓް 0