ޔަޒާންގެ ބަލާލުމުގައިވަނީ ހިތްހަމަނުޖެހުމެވެ. ލައިބާއަށް އެކަން ކިތަންމެ ރީތިކޮށްވެސް ފާހަގަ ކުރެވުނެވެ. ލައިބާއަށް އިސްދަށަން ޖެހުނީ އެހެން ވެއެވެ.
"ސުކޫލަށް ދާގަޑިއަށް ތައްޔާރުވެ ހުރޭ އަންނާނަން އެގަޑިއަށް" ޔަޒާން ކޮޓަރިން ނުކުމެ ދޮރުބާރަށް ޖެހިއެވެ. ފެންކަޅިވެފައި ލައިބާ ދޮރާދިމާލަށް ބަލާލިއެވެ.
މެންދުރު ލައިބާ ސްކޫލަށް ގެންދަންވާއިރަށް ޔަޒާން ބުނިފަދައިން އައެވެ. އަދި މިއަދު އެހެން ދުވަސް ދުވަހާއި ހިލާފަށް ޔަޒާން އަވަސް އަރުވާލާފައި ލައިބާ ގޮވައިގެން ގޭން ނުކުތެވެ. ހިނގަނީވެސް މާބާރަށެވެ. ލައިބާއަށް ޖެހެނީ ދޭތެރެއަކުން ދުވެފައި ޔަޒާންއާއި އެއްވަރު ކުރާށެވެ. އަދިވެސް ޔަޒާން އެހުރީ ލައިބާދެކެ ހިތްހަމަ ނުޖެހިފައިކަން ލައިބާއަށް އެނގުނެވެ. އެއްވެސް ވާހަކައެއްވެސް ލައިބާ އާއި ނުދައްކައެވެ. އިސްކޫލު ދޮރުން އެތެރެއަށް ލައިބާ ވަނުމާއިއެކު ޔަޒާން އައިކޮޅަށް ހިނގައިގަތީ ލައިބާ ގާތު ދަނީއޭވެސް ނުބުނެއެވެ. އިރުކޮޅަކު ލައިބާ ޔަޒާންއަށް ބަލަން ހުރުމަށްފަހު ކުލާސްރޫމު ތަކާއިދިމާލަށް ހިނގައިގަތެވެ.
ކުލާހަށް ލައިބާ ވަނުމާއިއެކު އެހެން ކުދިން ލައިބާއަށް ބަލަންފެށިއެވެ. ކުލާސް ޓީޗަރަށް ލައިބާ ފެނުމާއިއެކު ލައިބާގެ ހާލު އަހާލިއެވެ. މިހާރު ބަލިއެއްކޮށް ފަސޭހަވީތޯ ސުވާލުކޮއްލަމުން އަވަހަށް ވަދެ އިށީނުމަށް އަޝްފާ ބުނެލި އެވެ. ލައިބާ ކުޑަކޮށް ހިނިތުންވެލަމުން ބޯޖަހާލީ އަޝްފާ ކުރި ސުވާލަށް ޖަވާބު ދިނުމުގެ ގޮތުންނެވެ. ދުވަހުގެ ކިޔެވުން ފެށިގެން ދިޔައިރު ކައިރީގައި އުޅޭ ކުދިންގެ އެކިއެކި ވާހަކަތައް ލައިބާއަށް އަމާޒުވަމުންދިޔައެވެ. އެހެންނަމަވެސް ލައިބާ މަސައްކަތްކުރަމުން ދިޔައީ އެއަޑުތައް ނާހާ އެކުދިންނާއި ދިމާލަށްވެސް ނުބަލާ ވޭތޯއެވެ. ކުލާސް ޓިޗަރު އަޝްފާގެ އުޅުމަށް އެއްވެސް ބަދަލެއް އައިހެނެއް ހިއެއްނުވެއެވެ. އެކަމަކު އެހީ ކުރެވުމަކީ މުޅިން ގޯސް ހީކުރެވުމެއްކަން ލައިބާއަށް އެނގުނީ އިސްކޫލުގެ ހުސްބިމަށް ހުރިހާ ކުދިން ދުވެހެދުމަށް ނެރުނުވަގުތުއެވެ.
ކުދިކުދި ގުރޫޕުތަކުގައި އަންހެން ކުދިންނާއި ފިރިހެން ކުދިން ދުވެ ސަކަރާތްޖަހަން އުޅެއެވެ. ބައެއްކުދިން ބޯޅަ ކުޅެމުންދާއިރު އަނެއްބައި ކުދިން ފައިގަ ތަޅާ ކުޅެމުން ދިޔައެވެ. މިއިން އެއްވެސް ކަމެއްގައި ބައިވެރިވާން ހިތަށްވެސް ނާރަނީ ލައިބާގެއެވެ. އެއްފަރާތެއްގައި ގަހެއްގެ ހިޔަލުގައި އެހެންކުދިން އުޅޭގޮތް ބަލަމުން ލައިބާދިޔައެވެ. އަޝްފާ އައިސް ލައިބާގެ ގާތުގައި މަޑުކޮއްލުމުން ހިނިތުންވެލިއެވެ. އަޝްފާ ލައިބާ އާއި އިނގިރޭސިން ވާހަކަދެއްކިއެވެ. އެކަމަކު ލައިބާ ޖަވާބު ދެމުން ދިޔައީ ބޮލުގެ އިޝާރާތުންނެވެ. އަޝްފާ ދެން ސުވާލުކުރީ ބޮލުގެ އިޝާރާތުން ޖަވާބު ނުދެވޭނޭފަދަ ސުވާލެކެވެ. އެހެންނަމަވެސް ލައިބާގެ ފަރާތުން ޖަވާބެއްނައެވެ.
"ލައިބާ ފެމިލީގަ ކޮންކޮންބައެއް ތިބެނީ؟" އަޝްފާ ދިވެހިބަހުން އަހާލީ ލައިބާއަށް އިނގިރޭސިން ވާހަކަދައްކަން އުނދަގޫވަނީއޭ ހިތާއެވެ.
"ތްރީ ޕީޕަލް..." ލައިބާ މަޑުމަޑުން ބުނެލިއެވެ. އަޝްފާއަށް ލައިބާ އެއްޗެކޭ ބުނިކަން އެނގެއެވެ. އެކަމަކު ބުނީ ކީކޭކަމެއް ރަނގަޅަށް އަޑެއްނީވުނެވެ. ލައިބާ ވާހަކަދެއްކީ އެހާވެސް މަޑުންނެވެ.
"މިސްއަކަށް އަޑެއް ނީވުނު" އަޝްފާ ބުނެލިއެވެ. އެއާއެކު ލައިބާ ކުޑަތަންކޮޅެއް ބާރަށް ބުނެލިއެވެ.
"ހޫ އަރ ދޭ" އަޝްފާ އިނގިރޭސިން އަހާލިއެވެ.
"މަދަރ، ބްރަދަރ...އެންޑް މީ..." ލައިބާ ބުނެލިއެވެ.
"އެނީ އަދަރ ޕަރސަން ލިވިންގ އިން ޔޯރ ހައުސް" އަޝްފާ އަނެއްކާވެސް ކަމެއް ޔަގީން ކުރަން ބޭނުންވާފަދަ ގޮތަކަށް އަހާލިއެވެ.
މިފަހަރު ލައިބާ ޖަވާބު ދިނީ ބޮލުގެ އިޝާރާތުންނެވެ. އެގޭގައި އިތުރު ބަޔަކު ނޫޅޭކަމެވެ. ލައިބާއަށް ލިބެމުންދިޔަ ހާސްކަމާއިއެކު އަތުގެ ބޮޑުވައި އިނގިލީގެ ނިޔަފަތިކެވެން ފެށުނެވެ.
"މިސް ވާހަކައެއް އަހަންތަ؟" އަޝްފާގެ ވާހަކަދެއްކުމުގައި ކުރިއަށްވުރެ ސީރިއަސްކަން އެކުލެވިގެންދިޔައެވެ.
"ލައިބާގެ މަންމަ ކީއްވެތަ ލައިބާ ބަލާ ނާންނަނީ، މަންމަ އުޅެނީ ބަލިވެތަ، މިސް ބޭނުން ލައިބާގެ މަންމައާއި ބައްދަލުކުރަން، މަންމަ ގާތު ބުނެފައެއްނު އޮތީ އޮފީހަށް އައިސްދިނުމަށްވެސް...ދެން އަދި އެއްވާހަކަ، ލައިބާއަށް ގޭތެރޭގަ އެއްވެސް ކުއްޖަކު އުނދަގޫ ކުރޭތަ، މިބުނީ ލައިބާ ބޭނުންނުވާ ކަންތައްތައް ކުރަން މަންމަ ނޫނީ ބޭބެ ބުނޭހޭ..." އަޝްފާ ޖެހިލުންވެ ހުރެ ދެއްކިވާހަކަ މެދުކަނޑާލީ ލައިބާއެވެ.
"ނޫން...ނޫން... އެއީ ލައިގެ މަންމަ އާއި ދޮންބެ، އެކުދިން އެކަހަލަ ހަޑިކަންތަކެއް ނުކުރާނެ..." ލައިބާގެ މޫނުމަތިން ރުޅިވެރިކަން ފެންނަން ހުއްޓެވެ.
އަޝްފާއަށް އިތުރަށް އެވާހަކަ ދައްކާކަށް ނުކެރުނެވެ. ލައިބާގެ ޖަވާބު އައިގޮތުންނާއިވެސް އެކުއެވެ. އެހެންނަމަވެސް ލައިބާއަށް ކޮންމެވެސް ކަމެއް ވާކަމާއިދޭތެރޭ އޭނަގެ ހިތުގައި ޝައްކުއުފެދެއެވެ.
އިސްކޫލުން ލައިބާ ގެނެސް ބޭރު ދޮރުން ވައްދާލިގޮތަށް ޔަޒާން ހިނގައިގަތީ ރަޒިއްޔާމެންގެއަށް ވަނުމަށެވެ. އޭރު އެގޭތެރެއިން ނަޒްމީ އާއި ފައިޒަން ނުކުންނަނީއެވެ. އެމީހުން އެދަނީ އަތިރިމައްޗަށް ދާންކަން ލައިބާއަށް އެނގެއެވެ.
"ދޮންބޭ، ސައި ނުބޮންތަ، ލައި އެކަނިއެއްނު ބަދިގެއަށް ދާންޖެހޭނީ" ލައިބާ ފާރުބުރިމަތިން ރަޒިއްޔާމެންގޭތެރޭ ހުރި ޔަޒާންއަށް ގޮވާލަމުން ބުނެލިއެވެ.
"މަށެއް ސައެއް ނުބޯނަން، ލައިބާ ބުނީމެއްނު ތީ މިހާރު ބޮޑު މީހެކޭ، ދެން ދޭބަލަ ބަދިގެއަށް ގޮސް ސައިބޯން" ޔަޒާން ބުނެލިއެވެ.
ލައިބާއަށް އެއަޑުއިވިފައި ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. އެހެން އެބުނީ ހަމަ ޔަޒާންބާއޭ އޭނަގެ ހިތަށް އެރިއެވެ. ލައިބާ ތުންފިތާލީ ދެރަވިލެއް ބޮޑުކަމުންނެވެ. ޔަޒާން އާއި ދިމާލަށް އިތުރަށް ބަލާކަށްވެސް އޭނަ ބޭނުމެއްނުވިއެވެ. އަވަސް އަވަހަށް ގޭތެރެއަށްވަދެގެން ގޮސް ކޮޓަރިއަށްވަނެވެ. އަދި އެއްޗެހި ބަދަލުކޮއްލައިގެން ބަދިގެ ފަރާތަށް ދާން ނުކުތީ ބަޑުހައިވެފައި ހުރިވަރުންނެވެ. ލައިބާ ހިތާ ހިތާ އެއްޗެހި ކިޔަމުންދިޔައީ ރުޅިއައިސްފަ ހުރުމުންނެވެ. އޭނަ އެކަނި ބަދިގެ ފަރާތަށް ދެވިދާނެ ކަމާއި މަންމަގެ ލޯތްބާ އަޅާލުމާއި އަދި ޔަޒާންގެ ލޯތްބާ އަޅާލުމެއްވެސް އޭނަ ބޭނުމެއްނޫނެވެ. މިކަހަލަ ގެއެއްގައި އޭނައަށް އުޅެންޖެހިފަ މިވަނީ ކީއްވެބާއެވެ.
ކުދިކިޔަމުން ގޮސް ބަދިގެއަށް ވަދެވުނުއިރުވެސް ލައިބާއަކަށް ނޭގުނެވެ. އާދައިގެ މަތިން ހަވީރު ސަޔަށާއި ހެނދުނުގެ ސަޔަށް ހުންނަ އެއްޗިއްސާއެކު ލައިބާ ސައިބުޔެވެ. އެއީ ފާރޮއްޓާއި ކަޅުސަޔެވެ. އޭނަގެ އުމުރުން ނުވަ އަހަރު ވީއިރު ގޭގައި އަބަދުވެސް ހުސްނުވެ ހުންނަ ކާއެއްޗަކީ އެއެވެ. މަދުފަހަރަކު ކްރީމް ކޭކަރ ބިސްކޯދު ހޯދާފައި ހުރެއެވެ. އެކަމަކުވެސް ދުވަހަކުވެސް ކާން ހުންނަ އެއްޗަކަށް ފާޑުކިޔާ ބޮޑާހާކައެއް ނުހަދައެވެ. ގިނަފަހަރަށް އެލިބޭ އެއްޗަކަށް ޝުކުރުކޮއްލައިގެން ހުންނަނީއެވެ.
އިރުއޮއްސެމުން ދިޔައިރު ލައިބާ އުނދޯލީގައި އިށީނދެލައިގެން އިނެވެ. އެކަމަކު އޭނަގެ މޫނުމަތިން އެހެންޏާ ފެންނަފަދަ އުފާވެރިކަމެއް ނުފެނެއެވެ. ވައިރޯޅިއާއިއެކު އުނދޯލި ހެއްލުމުންވެސް ލައިބާ އެކަމާއި މާގަޔައެއް ނުވިއެވެ. އޭނަ އަދިވެސް ހީވަނީ ފިކުރުބޮޑުވެފައި ވާހެންނެވެ. އާދައިގެ މަތިން ހައްވަ ދައިތަ ޖޯއްޔަށް ނުކުމެ އޮތްތަން ފެނެއެވެ. ގޭދޮށުގައި ހުންނަ ފިހާރައަށް ލޮލީ ގަންނަން އައިސް އުޅޭ ކުދިވެރިން ފެނެއެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމަކަށް ލައިބާގެ ސަމާލުކަމެއް ނުދެވެއެވެ. ދެފަހަރަކު އުނދޯލި ކުރިއަށް ހެއްލިލާފައި ލައިބާއަށް އިވުނީ އަންހެން ކުއްޖެއްގެ ހުނުމުގެ އަޑެވެ. ލައިބާ ވަށައިގެން ހޯދާލިއެވެ. އެއަޑު ލައިބާގެ ސަމާލުކަން ހޯދިއެވެ. ކުޑައިރުކޮޅެއްގެ ތެރޭ އަނެއްކާވެސް ހުނުމުގެ އަޑުއިވުނެވެ. ލައިބާ އުނދޯލިން ފައިބައި ބަނބުކެޔޮގަސް ވަށައިގެން ހޯދާލިއެވެ. އެކަމަކު އެކަކުވެސް ނުފެނުނެވެ. ލައިބާ މަގުމަތީ ދޮރުކައިރިއަށް ނުކުތީ ބޭރުގައި ކުއްޖަކު ހުރެދާނެ ކަމަށެވެ. އެހެންނަމަވެސް މަގުމަތިން އެފަދަ އަޑެއް އިވިދާނެފަދަ އެއްވެސް ކަމެއް ލައިބާއަކަށް ފާހަގައެއް ނުކުރެވުނެވެ.
އަނދިރިވާން ފެށުމުން ވާގަނޑުން ނުކުމެގެން އަތިރީމަތީގައި އިން ޖޯލިފައްޗާ ދިމާލަށް ޔަޒާން އޭނަގެ ރަޙުމަތްތެރިންނާއި އެކު ހިނގަމުން ދިޔައެވެ. އެހެންނަމަވެސް ފައިޒަން އާއި ނަޒްމީ މިއަދު އެތާ މަޑުކުރާ ކަހަލަ ހިޔާލެއް ނުކުރިއެވެ. އެމީހުން ބޭނުންވީ މަޤްރިބު ނަމާދަށް އަވަހަށް ގެއަށް ދިއުމަށެވެ. 
"އޭ ކަލޭމެން ދެމީހުން... ގޭމީހަކަށް ނުފެނޭތަ" ޔަޒާން އަހާލިއެވެ.
"ދޮންތަ އޮންނަނީ މަންމަ ކޮޓަރީގަ... މަންމަ އަޅައެއް ނުލާނެ" ނަޒްމީ ކިޔާދިނެވެ.
"އޭ ޒާން... އަދިވެސް އެވާހަކައެއް ކިޔާދެވޭ ވަރެއް ނުވޭ" ފައިޒަން ޝައުގުވެރިކަން ފާޅުކުރިއެވެ.
"ހެ ހެ ހެ، އެއީ ބޮޑު ސިއްރެއް، އެވާހަކަ އަދި ބާއްވާ،" ޔަޒާން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.
އިރުއޮއްސި އަނދިރިވެފައިވަނިކޮށް ގެއަށް އައިސް ޔަޒާންވަތްއިރު ބޮޑުއަށިމަތީ ޓީވީ ހުޅުވައިގެން ލައިބާ އިނެވެ. އޭނައަށް ޔަޒާން ފެނުމުން އެއްޗެއް ބުނަން އަނގަ ހުޅުވާލާފަވެސް އަނގަލައްޕާލިއެވެ. ޔަޒާން އަދިވެސް ލައިބާދެކެ ރުޅިއައިސްފައި ހުރެދާނެތީއެވެ. ޔަޒާންއަށް ލައިބާ ނުވެސް ފެންނަ ކަހަލައެވެ. އޭނަ ގޭތެރެއަށްވަތް ގޮތަށް ދިޔައީ ކޮޓަރިއާއި ދިމާލަށެވެ.
ހަފްތާއެއް ވޭތިވެގެން ދިޔައިރުވެސް ލައިބާ އާއި ޔަޒާން ވާހަކައެއް ނުދައްކައެވެ. ޔަޒާންގެ މަސައްކަތަކަކީ ކޮންމެ ދުވަހަކު ލައިބާ އާއިއެކު އިސްކޫލު ދޮށަށް ދިއުމެވެ. އިސްކޫލަށް ލައިބާގެ ބެލެނިވެރިއަކު ގެންނަން ބުނެފައިވާތާވެސް ހަފްތާއެއް ވޭތުވެގެން ދިޔައިރު އެތަށް ފަހަރެއްގެ މަތިން އެތަށް ޗިޓެއްވަނީ ލައިބާއަށް ހަވާލުކުރެވިފައެވެ. ކުލާސް ޓީޗަރ އަޝްފާ ލައިބާ އާއި އެތަށް އެތަށް ސުވާލެއް ކޮންމެ ދުވަހަކުވެސް ކުރެއެވެ. އެކަމަކު އަޝްފާ ހީކުރާފަދަ ޖަވާބެއް ލައިބާގެ ފަރާތުން ނުލިބެއެވެ. އިސްކޫލުގެ ހެޑްމާސްޓަރު އަޒުރާގެ ފޯނަށް ގުޅުމުން ކޮންމެވެސް އެއްޗެކޭ ކިޔާ ހަމަޖައްސާލައެވެ. ނޫނީ ހެޑްމާސްޓަރަށް ދައުވަތު ދެނީ އެގެއަށް އަޒުރާ ބުނާ ވަގުތަކު ބައްދަލުކޮއްލަން އައުމަށެވެ.
ރެއަކީ އަޒުރާގެ އެހެން ރޭ ރޭ ފަދަ ރެއެކެވެ. އެކަނިމާ އެކަނި ނިދިފައި އޮތް ލައިބާއަށް ހޭލެވުނީ ފާހާނާއަށް ދާން ޖެހިގެންނެވެ. ގޭތެރޭގައި ބަޔަކުމީހުންގެ ހުނުމުގެ އަޑާއި ވާހަކަދައްކާ އަޑުފަށްގަނޑު ލައިބާއަށް އިވުމުން ކޮޓަރި މޭޒުމަތީއިން ކުޑަ ސޯނާ ގަޑި ބަލާލިއެވެ. އޭރު ދޭއްޖަހާ ބޮޑުވެއްޖެއެވެ. ލައިބާ ދެއަތުން ލޯފޮހެލަމުން ފާހާނާ އާއި ދިމާލަށް ހިނގައިގަތީ އެއަޑުތަކަކީ އޭނައަށް ކުރިންވެސް އިވިފައިވާ އަޑުތަކަކަށް ވީމައެވެ.
ނިދަން އަރާ ހަމަޖެހިލިއެއްކަމަކު ލައިބާއަށް ނިދޭގޮތެއް ނުވިއެވެ. ފުރާޅުގެ ވަކަރެއްގައި އެލުވާފައިވާ ފަންކާ ކުޑަ އެއްލުމަކާއިއެކު އެނބުރެމުންދިޔަޔަސް އޭގެން ވައިރޯޅިއެއްހާ ހިސާބުވެސް އެނދާހަމައަށް ފޯރާ ހެނެއް ހިއެއްނުވެއެވެ. ކުރިން ހޫނު ނުވިޔަސް މިހާރު ލައިބާގެ ހަށިގަނޑަށް އައި ބަދަލުތަކުގެ ތެރޭގައި ކުރިއަށްވުރެ ހޫނުވެ ހަށިގަނޑުން ހިތްލާ ދާގިނައެވެ. އެކަމުގެ ސަބަބުން ނިދާ ހޭލާއިރު ބޯދަށުގައި އޮންނަ ބާލީސްވެސް ގިނަ ފަހަރަށް އޮންނަނީ ވަރަށް ބޮޑަށް ތެމިފައެވެ. ލައިބާ އަނގައިން އަޑެއް ގޮއްވާލުމާއިއެކު ތެދުވެ އެނދުގައި އިށީނެވެ. އެވަގުތު ކޮންމެވެސް މީހަކު އައިސް ދޮރުގަ ޖެހިގެން އަޑާއިއެކު ހޭންފެށިއަޑު އިވުނެވެ. ލައިބާ ދޮރާ ދިމާލަށް ބަލާލިއެވެ. އެދަންވަރު އެގޭގައި ނިދުމުގެ ބަދަލުގައި ކުރަނީ ކޮންކަމެއްކަން މިހާ ދުވަސް ވީއިރުވެސް ލައިބާއަކަށް ނޭގެއެވެ. މީގެކުރިން އަޒުރާދެކެ ގަންނަ ބިރުންނާއިއެކުވެސް ދޮރުގެ އަނެއްފަރާތުގައި ހިނގާ ކަންތައްތައް ބަލާލަން ލައިބާ ފަސްޖެހެއެވެ.
އެނދުން ތެދުވެގެން ގޮސް ދޮރުގެ ތަޅުގައި ހިފާލަމުން ފުންނޭވާއެއް ލައިބާ ބޭރުކޮއްލިއެވެ. އެފަދަ ހިތްވަރެއް އޭނައަށް ލިބުނީ ކިހިނެތް ކޮންގޮތަކުން ކަމެއް ނޭގެއެވެ. މިހާރު އޭނައަށް ކަންތައްތައް ނޭގޭ ވަރަށް ކުޑައެއް ނޫނެވެ. އެހެންވެ ކަންތައްތައް އޮޅުން ފިލުވަންވެސް ބޭނުންވެއެވެ. ލައިބާ މަޑުމަޑުން ދޮރުގެ ތަޅުގައި ހިފާ އަނބުރާލިއެވެ.

ކޮމެންޓް 0