ލައިބާގެ ކުލާސް ޓީޗަރަށް ލައިބާއަށް އަންނަމުންދިޔަ ބަދަލުތައް ފާހަގަ ކުރެވި ހުދު އޭނަ ގޮސް ހެޑްމާސްޓަރަށް އެވާހަކަ ދަންނަވައިފިއެވެ. އަހަރު ނިމެން މިހާތަނަށް އައި އިރުވެސް ލައިބާގެ ބެލެނިވެރިއަކާއި ބައްދަލު ނުވެވުނުކަމާއި، އަދި އެތަށް ފަހަރެއްގެ މަތިން ލައިބާއަށް ޗިޓު ހަވާލުކުރެވުނު ކަމެވެ. އަޝްފާ ހެޑްމާސްޓަރަށް ލައިބާއަށް ދިމާވާ ކަންތައްތަކުގެ ވާހަކަ ކިޔާދެއްވިއެވެ. ފަހަކަށް އައިސް ކުލާސްރޫމަށް ކުޑަކަމުދެވުމާއި، ކުރިއަށްވުރެވެސް ބޮޑަށް ކުދިންނާއި ދުރުހެލިވާތަން ފެނުމާއި، ވާހަކަދެއްކުމުގައި އާގަންނަ ގޮތެއް ހުރުން، މިފަދަ ކަންތައްތަކަކީ ބެލެނިވެރިން ހާއްސަކަމެއް ދޭންވެއްޖެ ކަންތައްތައްކަމުގައި އަޝްފާ ދެކުނެވެ. ލައިބާގެ ހަމަހިމޭންކަން އެއްގޮތަކަށްވެސް އަޝްފާއަށް ކަމަކު ނުދެއެވެ. އޭނަ ހެޑްމާސްޓަރަށް އެކިއެކި ޝަކުވާތައް ހުށައެޅިއެވެ. އޭގެތެރެއިން ކުރިން ކިޔެވުމަށް މޮޅު ލައިބާގެ ކިޔެވުމަށްވެސް ބަދަލުތަކެއް އަންނަކަމުގައެވެ. 
"ލައިބާގެ މަންމައަކީ އަޒުރާ، އަޅުގަނޑު ދަންނަން އޭނަ، އަޝްފާ އާއި ބައްދަލުކުރުމަށް އަޅުގަނޑު މިއަދު އެގެއަށް ޗިޓެއްފޮނުވާނަން، އަޅުގަނޑުވެސް ދެތިންފަހަރު ދަންނަވައިފިން އަޒުރާ އާއި ބައްދަލުކޮއްލަން، ކަންތައްތައް މިހާ ސީރިއަސްކަމެއް އޭރު ހިތަކަށް ނާރާ، އަޝްފާ ބޭނުންނަމަ އަޒުރާ އާއި މިކޮޅުން ގުޅާދެވިދާނެ، އޭރުން ކަންނޭގެ އެންމެ ރަނގަޅުވާނީ، އެހެންމިބުނީ ޗިޓު ފޮނުވިޔަސް އަޒުރާ އަންނާނެހެން ހީނުވާތީ، އޭނަ އަބަދުވެސް ފޮނުވާނީ އޭނަގެ ފިރިހެން ދަރި، އެކުއްޖާވެސް ކިޔެވުމުގެ ފެންވަރު ދަށްކަމުން އެހެރީ އިސްކޫލުން ވަކިކުރަންވެފަ، އެކަމަކު މި މަޑުކުރަނީ މިއަހަރު ނިމެންދެން، އެކުން މިރަށުން ކިޔެވޭނީ ގުރޭޑް ހަތަކާއި ހަމައަށް ވީމަ...ކީއްކުރާނީ، ފަރުވާކުޑަ ބެލެނިވެރިންވެސް އަދިވެސް އެބައުޅޭވިއްޔަ" ހެޑްމާސްޓަރު ނިތަށް ރޫއަރުވާލަމުން ކަންބޮޑުވެފައި އިން ރާގެއްގައި ބުނެލިއެވެ.
"އަޅުގަނޑުމެންގެވެސް ޒިންމާއެއް ނޫންތޯ އެއީ ދަރިވަރަށް ދިމާވާ ކަންތައްތައް އޮޅުންފިލުވައި އެކުދިންނަކީ މުޖުތަމަޢުއަށް ފައިދާ ކުރުވަނިވި މޮޅެތި ކުދިބަޔަކަށް ހެދުން، ރަނގަޅު އަދަބުތައް ދަސްކޮއްދީ، މީހުންގެ ތެރޭ އުޅެން ދަސްކޮއްދިނުން، ކަންތައްތައްތަކަށް އިސްނެގުމަށާއި، މީހުންނާއި މުޢާމަލާތު ކުރާނެ ގޮތް ދަސްކޮއްދިނުން، އަޅުގަނޑަށްވެސް ވަރަށް ގިނަ ޗިޓު ފޮނުވިއްޖެ ލައިބާއަތަށް ދީފައި، މިފަހަރު ލައިބާގެ މަންމައަށް ގުޅުންކަންނޭގެ އެންމެ ރަނގަޅުވާނީ" އަޝްފާ ބުނެލިއެވެ.
"ބޭރު ކެބިންގަ އަޅުގަނޑުގެ އެސިސްޓެންޓު ޔޫހާ އިންނަވާނެ، އޭނަ ގާތު ބުނޭ ދަރިވަރުގެ ނަން، އޭރުން އޭނަ ބެލެނިވެރިޔާ އާއި ގުޅާދެއްވާނެ، އިތުރުކަމެއް އަޝްފާ ބޭނުންވެއްޖެނަމަވެސް ޔޫހާ ގާތު ބުނެލައްވާ، އަޅުގަނޑު އޭނަ ގާތު ބުނެލާނަން އަޝްފާގެ ވާހަކަ" ހެޑްމާސްޓަރު ގޮނޑިން ތެދުވަމުން ހިނިތުންވެލިއެވެ. އަދި އަޝްފާ އާއިއެކު ބޭރަށް ނުކުތީ ޔޫހާގެ ކެބިން އާއި ދިމާލަށް ދިއުމަށެވެ.
އަޝްފާގެ ކަންފަތުގައި ފޯނުގެ އަތްގަނޑު ޖައްސައިގެން އިންއިރު އޭނައަށް އަނެއްކޮޅުން ފޯނު ރިންގުވާއަޑުއިވެއެވެ. ދެފަހަރަކު ގުޅިފަހުން އަޒުރާ ފޯނުނެގިއެވެ.
"އައްސަލާމް ޢަލައިކުމް، ލައިބާގެ މަންމަ އަޒުރާ ތޯ" އަޝްފާ އަދަބުވެރިކަމާއިއެކު އަހާލިއެވެ.
"ހޫމް، ކިހިނެތްވީ، ތީ ކާކު؟" އަޒުރާ އަވަހަށް އެއީ ކާކުތޯ އެނގެން ބޭނުންވިއެވެ. އޭނަގެ ހިތަށް އެރީ ލައިބާ އެހެންމީހުން ކައިރީ ފާޑު ފާޑުގެ ވާހަކަ ދައްކަނީކަމަށެވެ.
"މީ ލައިބާގެ ކުލާސް ޓީޗަރު އަޝްފާ، ލައިބާ މަންމައަށް ގުޅާލަން ޖެހުނީ ލައިބާ އާއި ބެހޭގޮތުން ވަރަށް ގިނަ ވާހަކަތައް ދައްކަން ހުރީމަ، ލައިބާގެ އަތަށް ދީފައި ވަރަށް ގިނަ ޗިޓުވެސް ގެއަށް ފޮނުވިން، ލައިބާ މަންމަ އާއި ބައްދަލުކޮއްލައިގެން މިވާހަކަ ދެއްކުންކަންނޭގެ އެންމެ ރަނގަޅުވާނީ..." އަޝްފާގެ ވާހަކަތައް އަޒުރާ މެދުކަނޑާލިއެވެ.
"ކޮން ޗިޓެއް، އަޅުގަނޑަކަށް އެއްވެސް ޗިޓެއް ނުލިބޭ، ލައިބާ މަޑުމަޑުން ހުއްޓަސް ވަރަށް ލާނެތްވާނެ، ކޮންމެފަދަ އެއްޗެއްވެސް ކިޔާފާނެ، އަބަދުވެސް އުޅޭނީ މީހުންގެ ސަމާލުކަން ހޯދަން" އަޒުރާ ހަމަޖެހިލާފައި ވާހަކަދައްކަން މަސައްކަތްކުރިއެވެ.
"އެހެންތަ، އެކަމަކު...ދެން އެހެންވީރު ލައިބާ މަންމަ އާއި ބައްދަލުކޮއްލެވޭނެ ގޮތެއް ނުވާނެތޯ" އަޝްފާއަށް ހައިރާންކަން ލިބުނެއެވެ.
"ބައްދަލުކުރިޔަސް ފޯނުންދެއްކިއަސް ދައްކާނީ ހަމަ އެއްވާހަކައެއްނު، މައްސަލައެއްނެތޭ އަޝްފާ ފޯނުން ކިޔާދިނަސް" އަޒުރާ އަޝްފާ އާއި ބައްދަލުކުރާ ކަހަލަ ހިޔާލެއްނުކުރިއެވެ.
އަޝްފާއަށް އިތުރުގޮތެއް ނެތިގެން ލައިބާގެ ފަރާތުން އޭނައަށް ފާހަގަ ކުރެވެމުންދާ ކަންތައްތަކުގެ ވާހަކަތައް ކިޔާދޭން ފެށިއެވެ. އޭނަ ކަންބޮޑުވެފައިވާ މިންވަރަށްވުރެ އަނެއްކޮޅުން އެވާހަކަތައް އަޑުއަހަމުންދިޔަ އަޒުރާއަށް ވެރިވަމުންދިޔަ ހާސްކަން މާބޮޑެވެ. އޭނަގެ ހިތުތެރޭ ލައިބާއަށް އުފެދެމުން އައި ރުޅިވަރިކަންވެސް ދިޔައީ އިތުރުވަމުންނެވެ. ދަތްކުނޑިވިކާލަ ވިކާލަ ހުރީ އަޝްފާ ފޯނު ބާއްވާނެ އިރަކަށެވެ.
"ލައިބާ މަންމައަށް ފާހަގައެއް ނުކުރެވޭތޯ ލައިބާއަށް އަންނަމުންދާ މިފަދަ ބަދަލުތަކެއް، މައްސަލައަކީ ލައިބާ ވާހަކަ ނުދައްކާތީ، ކިތަންމެ ވަރަކަށް ސުވާލުކުރިއަސް ޖަވާބެއް ނުލިބޭ، އަނެއްކާ ލައިބާ ބިރުގަންނަ ކަހަލަ ކަމަކާ ގޭތެރެއިން ދިމާވަނީތޯ، ނޫނީ ލައިބާ ލައްވާ ގަދަކަމުން ކަންތައްތައް ކުރުވަނީތޯ، އަޅުގަނޑަށް ފާހަގަ ކުރެވޭ އަދިވެސް ލައިބާ ވާހަކަދެއްކުމުގައި ކުޑަ އުނދަގޫ ކަމެއް ހުންނަކަން، ލައިބާ މަންމަ ލައިބާގެ ފިލާވަޅުތައް ބަލާލަންތޯ، ކުރިން ލައިބާ ވަރަށް މޮޅު، ފިލާވަޅުތަކަށް ވަރަށް ސަމާލުކަންދޭނެ، އެކަމަކު މިހާރު ހީވަނީ އޭނަ އިސްކޫލަށް އަންނަންވެސް ބޭނުންނުވާހެން، ލައިބާއަށް ކައުންސިލިންގ ދޭން ފެނޭ އަޅުގަނޑަށް، މިއިސްކޫލަށް ދުރުވި ރެޑްކުރޮސްގެ ބޭފުޅުންވެސް އެދިލެއްވި ލައިބާއަށް ކައުންސިލިންގ ދެނިކޮށް އޭނަގެ އުޅުމަށް ބަދަލު އައިސްދާނެކަމަށް، އޭރުން ކަންތައްތަކުގައި އިސްނަގަންކެރި އެހެން ކުދިންގޮތަށް އުޅެން ލައިބާއަށްވެސް ދަސްވާނެތީ...ކީކޭ ލައިބާގެ މަންމަ ބުނަނީ" އަޝްފާ ވަރަށް އުއްމީދާއިއެކު ބުނެލިއެވެ.
"ކައުންސިލިންނޭ، ކީއްކުރާ ކައުންސިލިންއެއް، އެއީ އޭނަ ނުލަފާކަމުން އުޅޭގޮތް، ގޭގަ އުޅޭ ވައްތަރެއް ކަލޭމެން ސްކޫލުގައި ތިބޭ މީހުންނަކަށް ނުފެންނާނެ، މަށަށްތާ އެނގޭނީ އޭނަގެ ގޮތްގަނޑު، މަވިއްޔަ މިހާދުވަސްވަންދެން މިބަލަނީ، އޭނަ ނޫނަސް މަގޭ ދަރިއެއް ތި އިސްކޫލުން ކިޔަވާ، ތިހާ ކަންތަކެއް ނުދައްކާ، މަށަށް އެނގޭ އޭނައަށް ހަދަންވީ ގޮތް، ތި ކައުންސިލިންނަކާ އެއްޗެހި ދޭންވެސް މަށަށް އެނގޭ، ދެން އޭނަ ކަލޭމެންނަށް އުނދަގުލެއް ނުކުރާނެ...އެންމެ ރަނގަޅެއްނު" އަޒުރާގެ ރުޅިވެރިކަން އޭނަގެ އަޑުންވެސް އެނގޭހާވެއެވެ.
"ލައިބާ މަންމަ ނިކަން ރުޅިއިސްނުކޮށް މިކަންތައްތަކާއި ދޭތެރޭ ވިސްނާލަންވީނު، ލައިބާ މީހުންގެ ސަމާލުކަން ހޯދަން އުޅޭނީވެސް ކޮންމެވެސް ކަމެއްވެގެންތާ، އަނެއްކޮޅުން ނުވައަހަރުގެ ކުއްޖަކު ކުލާސްރޫމު ތެރެއަށް ހުރިހާ ކުދިންގެ ކުރިމަތީ ކުޑަކަމުނުދާނެ، ލަދުވެސް ގަންނާނެ އެއުމުރުގަ އެކަހަލަ ކަންތައްތައް ވީމަ" އަޝްފާ ދައްކާ ވާހަކަ އެއްގޮތަކަށްވެސް އަޒުރާ އަޑުއަހާކަށް ބޭނުމެއްނުވިއެވެ. އޭނަ އެކިއެކި އެއްޗެހިކިޔަމުން އަވަސް އަވަހަށް ފޯނު ބާއްވައިފިއެވެ.
ފޯނުބޭއްވުމާއިއެކު އަޒުރާއަށް އޭނަގެ އަތުގެތެރޭއޮތް ފޯނުގައި ހިފާބާރުކޮއްލެވުނީ އައިއްސަހުރި ރުޅިއެއްގެ ގަދަކަމުންނެވެ.
"ކާކުތަ، ކިހިނެތްވީތަ ލައިބާ؟" ނަރީމާ އަހާލިއެވެ.
ނަރީމާއަކީ އަޒުރާ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އަނެއްއަވަށަށް ދާންޖެހޭ ސަބަބެވެ. ނަރީމާއަކީ ސޯޅަ އަހަރުގެ އަންހެން ކުއްޖެކެވެ. އޭނަގެ އުމުރުން ބާރަ އަހަރުންފެށިގެން އަޒުރާ އެގެއަށްދެއެވެ. އަޒުރާ އެގެއަށް ވަންނަނީ އޭނަގެ ދޮންބައްޕަގެ ބުރަކަށީގައި ތެޔޮދަމައިދޭށެވެ. އެތެޔޮ ބައެއްރޭ ރޭ ނަރީމާއަށްވެސް ދަމަންޖެހެއެވެ. އެކަމަކު އެކަމާ ނަރީމާ ހުންނަނީ އުފަލުންނެވެ. އަޒުރާ ހިތްހަމަޖެހެނީ ކޮންމެދުވަހެއްގެ އެންމެ ތިންގަނޑިއިރުގެ މަސައްކަތައް ދެހާސް ރުފިޔާ ލިބޭތީއެވެ. ނަރީމާގެ ދޮންބައްޕަ އާދަނަކީ ރަށުގެ ވިޔަފާރިވެރިއެކެވެ. ކެޔޮ ދަނޑަކާއިއެކު އިތުރު ދެދަނޑު ގެންގުޅޭ ދަނޑުވެރިއެއްވެސް މެއެވެ. އުމުރުން ފަސްދޮޅަހަށް ވުރެ މައްޗަށް ދިޔައިރު އަދިވެސް އުޅެންވަނީ ވިހި ފަންސަވީހުގެ ޒުވާންކުދިންހެންނެވެ. މީހުންގެ އަނބިންނަށް ކަޅިއެޅުމާއި ޅަކުދިންގެ ހިތްތަކުން ޔާގައެއްލިބޭތޯ ހަދިޔާ ފޮނުވުމާއި މިކަހަލަ އެތައްކަމެއް ކުރުމަކީ އާދަނުގެ އާދައެކެވެ.
ނަރީމާގެ މަންމަ ނިޔާވި ހަބަރަކީ ރަށުތެރޭ އެއްއަޑަކަށް އެތަށް ދުވަހެއްވަންދެން ދެކެވުނު ވާހަކައެކެވެ. އެހެނީ ނަރީމާގެ މަންމަ ބަޝީރާ ފެނުނީ ފަންކާގައި ދަންޖެހި މަރުވެފައި ހުއްޓައެވެ. ބަޝީރާއަކީ ގޭދޮށު އަވަށްޓެރިންނާއި ގުޅޭ ވަރަށް ހެޔޮ މީހެކެވެ. ކުއްލިއަކަށް ދިމާވި އޭނަގެ އާދަޔާ ހިލާފު މަރުގެ ފަހަތުގައި ވަރަށް ބޮޑު ސިއްރެއް ފޮރުވިފައި ވާނެކަމަށް ރަށުތެރޭ ވާހަކަދެކެވުނެވެ. އެހެންނަމަވެސް އަދިއަދަށްވެސް އެކަމުގެ ހަގީގަތެއް އެކަކަށްވެސް ނޭގެއެވެ. އެއްއަވަށުގެ މީހުން އަނެއްއަވަށުގެ ކަންތައްތަކާއި ބެހިއެއްނޫޅެއެވެ. އެހެންވެ އަޒުރާ އެގެއަށް އައިސްވަދެ ނުކުމެ ހެދިޔަސް އެކަމަށް ފަރުވާލެއްދޭ ބަޔަކު ނޫޅެއެވެ. ކޮންމެ ބަޔަކުވެސް އެބައެއްގެ އަމިއްލަ ދިރިއުޅުމައިގެން އުޅެވޭތޯ މަސައްކަތް ކުރަމުންދެއެވެ. އަނެއްކޮޅުން ގޭދޮށުއަވަށްޓެރިން ބަޝީރާއަށް ކުރާ ގަދަރު އާދަނުއަށްވެސް ކުރިއެވެ. އެހިސާބުގައި އާދަނުގެ ފިހާރަ ނޫނީ ލޭންދޭނަށް އެއްޗެހި ދޫކުރާ ފިހާރައެއް ނުހުރެއެވެ. އެގޮތުންވެސް މީހުންނަށް އޭނައަކި ހެޔޮލަފާ ސޯލިހު މީހެއްކަމުގައި ހީވެފައިވެއެވެ. ބަޝީރާގެ މަރަށްފަހުވެސް އޭނަ ނަރީމާ ބަލަނީ އޭނަގެ އަމިއްލަ ދަރިއެއްފަދައިންނޭ ދުލުކުރިން ނުބުނާ މީހަކު މަދެވެ. އެހެނީ އެމީހުންނަށް ދުވަހަކުވެސް ނަރީމާ ދެރަވެ ރޯއަޑެއް ނީވެއެވެ. ދެރަވެފައި ހުއްޓައެއްވެސް ނުފެނެއެވެ. މިހާދުވަސް ވީއިރުވެސް އާދަނު އެހެން މީހަކާ ނީންނަން ހުންނަނީ ކީއްވެތޯ ސުވާލުކޮއްފި ނަމަ އޭނަ ބުނާހާވެސް އެއްޗަކީ ނަރީމާއަށްޓަކައި އިތުރު ކަވައިވެންޏެއްކޮށް ދޮންމަންމައެއް ގެނަންބޭނުން ނުވަނީ ކަމުގައެވެ. އަދި ބަޝީރާގެ މަގާމެއް އެހެން މީހަކަށް ނުވެސް ދެވޭނެ ކަމެވެ. ހުރިހާ ކަމެއް މިހެން ހުރިއިރު ނަރީމާ ހުންނަނީ އަޒުރާ އާއި ހެދި މޮޔަވެފައެވެ.

ކޮމެންޓް 0