ޔަޒާން އާއި ލައިބާ ޓީވީ ބަލަން ބޮޑުއަށިމަތީގައި ތިބިގޮތަށް ތިބީއެވެ. ޔަޒާންވެސް އެންމެ ފަހުން ބަނޑުހައިވެގެން ހިއްކިބަނަސްކޮޅަކާއި ސައިތައްޓެއް ބޯލިއެވެ. އަޒުރާ އަންނާނެ އިރެއް އެކުދިންނަކަށް ނޭގެއެވެ. ޔަޒާން ލައިބާ އާއި ދުރަކަށް ނުދެއެވެ. ހަވީރު އަތަށް އަޅާލިއިރު ލައިބާ ކުޑަކޮށް ހަމަޖެހިފައިވާކަން އެނގެއެވެ. އެހެނީ ފެންވަރައިލައިގެން އޭނަ ގޯތިތެރޭގައި އެލުވާފައިވާ އުނދޯއްޔަށް އަރާ އިންތަން ޔަޒާންއަށް ފެނުނީނަމައެވެ. ޔަޒާން ގޭގެ އޮޅިގަނޑު މަތީ އިށީނދެލައިގެން ލައިބާއަށް ބަލަން އިނެވެ. އޭނަގެ ތުންފަތައްވެސް ހިނިތުންވުމެއް ވެރިވީ ލައިބާ އޭނައަށް ބަލާލުމަށްފަހު ހިނިތުންވެލީމައެވެ.
ގޭ ދޮރުމައްޗަށް މަޑުކޮއްލި ސައިކަލުން އަޒުރާ ފައިބައިގެން އަންނަތަން ޔަޒާން އާއި ލައިބާއަށް ފެނުނެވެ. ޔަޒާން އޮޅިގަނޑު މަތީ އިނދެފައި އަވަހަށް ތެދުވިއެވެ. އަޒުރާ ހަމަޖެހިލާފައި އައިސް ގޭތެރެއަށް ވަނެވެ. ޔަޒާން އޭނަގެ ފަހަތުން ގޭތެރެއަށްވަނެވެ. އަދި ކޮޓަރީގައި އޮތް ލައިބާގެ ބޭސް ސިޓީ ހިފައިގެން އައިސް އަޒުރާގެ ކޮޓަރިއަށް ވަނެވެ.
"އަހާ، ތިއައީދޯ... ޒާންއަށް ގޮވަން އުޅެނިކޮށް ތިއައީ،" އަޒުރާ ހިނިއައިސްފައި ބުނެލިއެވެ. އޭރު އޭނަ ފެންވަރަންވެގެން އެއްޗެހި ބަދަލު ކުރަމުންދިޔަ އެވެ. އަދި ކޮޓަރީގެ ދޮރަށް އިޝާރާތްކޮށްލި އެވެ. 
"މަންމާ..." ޔަޒާން އަޒުރާއަށް ގޮވާލަމުން ބޭސް ސިޓީ ދިއްކޮއްލިއެވެ.
"ތި ކޯއްޗެއް؟" އަޒުރާ އަހާލިއެވެ.
"މީ ލައިގެ ބޭސް ސިޓީއެއްނު، ޑޮކްޓަރު ބުންޏެއްނު ބޭސް ކާން ޖެހޭނެއޭ،" ޔަޒާން ބުނެލިއެވެ. "ތިދެން އެއްލާލާ، އޭނަ އެހެރީ ރަނގަޅުވެފައެއްނު، ދެން ބޭސް ނުކެޔަސް ރަނގަޅުވާނެ... ޒާން، އާދެބަލަ..." އަޒުރާގެ ވާހަކަދެއްކުމުގައި ހުރި ރާގުގަނޑު ކުއްލިއަކަށް ބަދަލުވިއެވެ.
ޔަޒާންއަށް އިތުރު އެއްވެސް ވާހަކައެއް ނުދެއްކުނެވެ. ހިތާ ސިކުނޑި އެނބުރިގަތީއެވެ. 
އަޒުރާގެ ކޮޓަރީގައި ގިނަވަގުތުތަކެއް ހޭދަކޮއްފައި ނުކުތް ޔަޒާން ހުރީ ހަމަޖެހިފަ އެވެ. އޭނައަށް ލައިބާގެ ސަބަބުން ލިބުނު ނުތަނަވަސްކަންވެސް ފިލާފައިވާ ކަހަލައެވެ. އޭނަ ގޭން ބޭރަށް ނުކުމެ ދެއަތްމައްޗަށް ނަގާ ހަށިގަނޑު ދަމާލިއެވެ. އަދި އުނދޯލީގައި އިން ލައިބާއަށް ބަލާލިއެވެ. އޭރު އެއްވަރަކަށް އުނދޯލި ހެއްލިހެއްލި ހުއްޓެވެ.
ފެންވަރައިލައިގެން ނުކުތް އަޒުރާ ބަދިގެއަށްވަނީ އެރޭ ކާނެ އެއްޗެއް ހެދުމަށެވެ. އޭނައަށްވެސް ކުނިވެފައި ހުރި އެއްޗެހީގެ ވަސްދުވިއެވެ. އަވަސް އަވަހަށް ކުނި ގޯންޏަށް ތެލިތަކުގައިވާ އެއްޗެއް ހުސްކުރަން ފެށިއެވެ. ތެލިތަށް ދޮވެ ނިންމާލުމަށްފަހު މިސްރާބުޖެހީ ގޭދޮރުމަތީ ހުރި ފަޅު ގޯއްޗާއި ޖެހިގެން ހުރި ކާސިމު ގޯތި ފިހާރައަށެވެ. އެތަނުން އޭނަ ނޫޑުލީހާއި މަސްދަޅު ގަނެގެން އައިސް ރޭގަނޑުގެ ކެއުމަށް ނޫޑުލިސް ހަދާލިއެވެ. އެކަމާ ޔަޒާން ހުރީ ވަރަށް އުފަލުންނެވެ. އެފަދަ ކާއެއްޗެއް ކާލުމުގެ ނަސީބު ލިބެނީ ވަރަށް މަދުންކަމަށް ވާތިއެވެ.
ގޭގެ ދޮރުމަތީ އޮތް ހުސްތަންކޮޅަށް އެޅިފައިވާ ކުނިބުނި ނެގުމުގައި އަޒުރާ އުޅެނިކޮށް ހައްވަދައިތަ ގޮވާލިއެވެ. އަދި މިދެދުވަހު އަޒުރާގެ ހަބަރެއްނުވީ އަނެއްކާ ކިހިނެތްވެގެން ތޯ އަހާލިއެވެ. އަޒުރާ ކަންވީގޮތް ކިޔާދިނެވެ. އޭރުވެސް އުނދޯލީގައި އިން ލައިބާ އަޒުރާއަށް ވަރަށްވެސް ފުންނަޒަރަކުން ބަލަމުންދިޔަ ކަމެއް ފާހަގައެއް ނުކުރެވެއެވެ. ޔަޒާން ގޭގެ މަގުމައްޗާ ވީ ފަރާތުގެ ފާރުބުރިމަތީ އިށީނދެގެން ހައްވަދައިތަ އާއި އަޒުރާ ދައްކަމުންދިޔަ ވާހަކަ އަޑުއަހަން އިނެވެ. އެވަގުތު ޖެހިގެން ހުރިގޭ ރަޒިއްޔާ ކުނިބަރޯ ހިފައިގެން ނުކުތެވެ.
"އޭ ރަޒީ... ޖައުފަރު ރަށަށް އައިސްފަ ދިޔަފަހުން ހާދަ ޗާލުކަމަށް އެބަ ދައްކައޭ ދޯ..." އަޒުރާ ކުނިއަޅަމުން ދިޔަ ގޯނީގެ ދެފަރާތުގައި ހިފާ ތަޅުވާލަމުން ބުނެލިއެވެ. އޭނަ ރަޒިއްޔާ އާއި ގޮތަކަށް ދިމާކޮއްލީއެވެ.
"ސާބަސް، ކުދިން ތިއްބަވެސް މީނަ ކޮންމެފަދަ އެއްޗެއް ކިޔާފާނެ... އަޒުރާވެސް ކުނިއުކަން ދާންތަ ތިއުޅެނީ، އެހެންޏާ ހިނގާބަލަ މަށާއެކު... އޭ އަޒުރާ މަގޭ ނަޒުމީ ބުނި ލައިބާ ބަލިވެ އުޅުނު ވާހަކަ، އަހަރެން އައިއިރު ގޭދޮރުޖަހާފަ ހުރީމަ ދެން އަޅާނުލީ، މިހާރު ކިހިނެތްތަ އެމަންޖެ،" ރަޒިއްޔާ ހިނިއައިސްފަވެސް ކުއްލިއަކަށް އެއްޗެއް ހަނދާންވެގެން އަހާލިއެވެ.
"މިހާރު ރަނގަޅު، ހޮސްޕިޓަލުގަ އުޅެއުޅެފަ މިއައީ... އެހެންވެ ގެއިން ނުފެނުނީ، ހިނގާ ދަމާ ދޯ، ރަޒީ ވިއްޔަ، އަންނާނަން ބަރޯ ހިފައިގެން،" އަޒުރާ ވާހަކަ ކުރުކޮއްލިއެވެ. ރަޒިއްޔާ ހައްވަދައިތައަށް ގޮވާލިއެވެ. އަދި ދަނޑުގެ ވާހަކަ އަހާލިއެވެ.
"ހާދަ ނުގަޑިއެއްގަ ކުނިއުކަން ދާން ތިއުޅެނީ،" ހައްވަދައިތަ ރަޒިއްޔާއަށް ބުނެލިއެވެ.
"އާ، އެހެންޏާ އަހަރެން ދަނީ ހެނދު ހެނދުނާ، މިއަދު އެގަޑީގަ ކުޑަކޮށް ބޮލުގަ ރިއްސާތީ އުޅުނީ، އިއްޔެގެ ކުނިމީ، މާދަންވަންދެން ބަހައްޓައިފިއްޔާ ދެގޯނިވާނެ، އޭރުންވެސް އުކާލަން ބުރަވާނީ ހަމަ އަހަންނަށް،" ރަޒިއްޔާ ހައްވަދައިތައަށް އޮޅުންފިލުވާދިނެވެ.
"ޖައުފަރު ގާތު ބުނެބަލަ ދެން ރަށަށް ބަދަލުވާށޭ، ގައިމު ތިގޮތަށް ދަރިންކޮޅު ގޮވައިގެން އެކަނި އުޅޭކަށް ނުޖެހޭނެއެއްނު،" ހައްވަ ދައިތަ އޭނަގެ ހިޔާލު ފާޅުކުރިއެވެ.
"ކިހިނެތް އެގޮތަށްވެސް ވާނީ، ހައްވަދައިތަ ހީކުރާކަށް މިކުދިންގެ ކިޔެވުމަށް ހާދަ ހަރަދެއް ހިނގައޭ، އަދި ކޮބާ ގޭގެ ހަރަދު، ރަށުގަ ވަޒީފާއެއް އޮތީކީ ނޫން، ރިސޯޓު ވަޒީފާގަ އުޅޭތީ މިހެން ކިރިޔާވެސް ހަމަޖެހިލައިގެން މިއުޅެވެނީ..." ރަޒިއްޔާގެ ވާހަކަ މެދުކަނޑާލީ އަޒުރާއެވެ.
"ކޮބާ ދަމާދޯ..." އަޒުރާ ބަރޯހިފައިގެން އައިސް ކުނިގޯނި ބަރޯއަށް ލިއެވެ.
ގޭތެރެއިން ބޯދިއްކޮއްލި ފައިޒަންއަށް އޭނަގެ މަންމަ ކުނި ބަރޯހިފައިގެން ދިޔަތަންފެނުނެވެ. އަދި ފާރުބުރި މަތީއިން ޔަޒާން ފެނުމުން ހިނިއައިސްފައި އޭނަ އާއި ވާހަކަދެއްކުމަށް އައެވެ. ޔަޒާން އަށް ފައިޒަން ފެނުމުން ނިތްއެއްލަމުން އޭނަގެ ގާތަށް ދިއުމަށް ފާރުމަތިން ފޭބިއެވެ.
"އޭ ކޮބާ ދާނަންތަ މިއަދު؟" ފައިޒަން ހުރިދިމާލަށް އައިސް ފާރުބުރިމަތީ އަތްއަޅުވާލި ޔަޒާންއަށް ސިއްރުސިއްރުން ބުނެލިއެވެ.
"މިއަދުތަ؟" ޔަޒާން ދާން ބޭނުންނުވާފަދަ ރާގެއްގައި ބުނެލި އެވެ.
"މިއަދު ކަޑަތަ؟ އެކަމަކު އަހަރެން މިއަދު ވަރަށް ބޭނުން، އަދި އެބައޮތް ޒާންއަށް ކިޔާދޭން ވެފައޮތް ވާހަކައެއް،" ފައިޒަން ބުނެލިއެވެ.
އެހެންތަ، އެކަމަކު މާދަން ދޯ ތިވާހަކަ ދައްކާލާނީ، މާދަން އެއްކަލަ ތަނަށްވެސް ދާނީ... އޯކޭތަ" ޔަޒާން ލައިބާއަށް ބަލަމުން ވާހަކަދެއްކި އެވެ. އޭނަ ކަންބޮޑުވަނީ ލައިބާ އެމީހުން ދައްކާ ވާހަކަ އަޑުއަހާފާނެތީ އެވެ.
ފައިޒަންގެ ކެތްތެރިކަން ކުޑަވެފައިވިއެއް ކަމަކު ޔަޒާންގެ ނިންމުމާއި އެއްބަސްވިއެވެ. އޭނަ ދެން އެދުނީ އެގެއަށް ގޭމް ކުޅެލަން އައުމަށެވެ. އެކަމަށްވެސް ޔަޒާން މިއަދު އުޒުރުވެރިވިއެވެ. އިރުއޮއްސެން ގާތްވެފައި ވުމާއިއެކު އޭނަގެ މަންމަވެސް ގޭގައި އުޅޭތީ ދެވެންނެތް ވާހަކަ ބުންޏެވެ.
އުނދޯލީގައި އޮތް ލައިބާ ދޭތެރެއަކުން ޔަޒާން އާއި ފައިޒަންއަށް ނަޒަރުހިންގާލައެވެ. އެހެންނަމަވެސް އޭނަގެ ސިކުނޑީގައިވަނީ ގޭދޮރުމަތިން ފެނުނު ކުޑައަންހެން ކުއްޖާގެ ހިޔާލުތަކެވެ. އެވަގުތު އޭނައަށް ކުރެވުނު އާދަޔާ ހިލާފު އިޙްސާސްއެވެ. އެއީ ކޮންކުއްޖެއް ބާއެވެ. ހީވީ އަމިއްލަ ސޫރަ ލޯގަނޑުން ފެނުނު ހެންނެވެ. ލައިބާއަށް މޫނުގައި އަތްއަޅާލެވުނެވެ. ފަހަކަށް އައިސް ލައިބާއަށް އާދަޔާ ހިލާފު ގަބޫލުކުރަން ދަތި ކަންތައްތަކެއް ދިމާވަމުން ދާކަމީ އޭނަގެ ހިތަށް އިތުރު ބިރުވެރިކަމެއް ވަންނަމުން ދިޔަކަމެކެވެ. އެހެންމީހުންނަށް ނީވޭ އަޑު އަޑު އިވުމާއި އެހެން މީހުންނަށް ނުފެންނަ ބައެއްކަންތައްތައް ފެނުމެވެ. ލައިބާ އެވާހަކަތައް ޔަޒާންއަށް ކިޔާދެއެވެ. އެކަމަކު އެއިން އެއްވެސް ކަމެއް އޭނަ ގަބޫލު ނުކުރާކަން ލައިބާއަށް އެނގެއެވެ. އެފަދަ ވާހަކަތައް ދެއްކުން ހުއްޓާލަން ޖެހުނީވެސް އެހެންވެއެވެ.
ކުއްލިއަކަށް ޖެހިލި ފިނިފިނި ވައިރޯޅި އާއިއެކު އުނދޯލި ހެއްލުނެވެ. ލައިބާ ދެލޯމަރާލީ އެފިނިކަމުގެ ތެރެއަށް ގެނބިގެން ދިއުމަށެވެ. އޭނަގެ ސިކުނޑީގައި އުފެދެމުންދާ އެތަށް އެތަށް ސުވާލެއްގެ ސަބަބުން ލިބެމުންދާ ނުތަނަވަސްކަމަށް ފިނިކަމެއް ލިއްބައިދުނަމަށެވެ. ހިތަށާއި ސިކުނޑިއަށް ހަމަޖެހުން ހޯދުމެވެ. ދެލޯމަރާލިތާ މާގިނައިރެއްނުވެ ލައިބާއަށް ނިދިޖެހިއްޖެއެވެ. ފުންނިންޖަކުން ނިދުނީ ކޮންއިރަކު ކަމެއް އޭނައަކަށް ނޭގެއެވެ.
"އަޒުރާ، އެމަންޖެ ގޭތެރެއަށް ވައްދަން ވީނު، ދެން މާގިނައިރެއްނުވެ އަނދިރިވެދާނެ" ކުނިއުކައިގެން އައިސް އަޒުރާމެންގޭ ފާރުކައިރީ މަޖާއަނގަތަޅަން ތިބެފައި ހައްވަދައިތަ ބުނެލިއެވެ.
"ތެދެއް އަޒުރާ، ދޭ އެމަންޖެ ވައްދަން، މަވެސް ދެން މިދަނީ، އިރުއޮއްސި އަނދިރި ވާންވާއިރަށް ގިފިއްޔަށްވަދެ މި ބަރޯ ދޮންނަންވެސް ޖެހޭނެ،" ރަޒިއްޔާވެސް ކުރިމަތީ ހުރި ބަރޯ ދެއަތުން ހިއްލާލަމުން ބުނެލިއެވެ.
ހައްވަ ދައިތަ އާއި ރަޒިއްޔާ އެމީހުންގެ ގެއަށް ވަނުމަށް ހިނގައިގަތުމާއިއެކު އަޒުރާވެސް ވަނީ ގޭތެރެއަށެވެ. އޭރު ޔަޒާން އާއި ވާހަކަދައްކަން ހުރި ފައިޒަންވެސް އޭނަގެ މަންމަ ގެއަށް ވަތްތަން ފެނިފައި އެތެރެއަށް ދިއުމަށް ހިނގައިގަނެއްޖެއެވެ. މިމަންޒަރު ފެނުމާއިއެކު އަޒުރާ ޔަޒާންއަށް ގޮވާފައި އުނދޯލީގައި ނިދިފައިއޮތް ލައިބާ ގޭތެރެއަށް ވެއްދުމަށް ބުނެލިއެވެ.
ލައިބާއަށް ހޭލެވުނީ އޭނަގެ ގައިގާ މީހަކު ފިރުމާހެން ހީވެގެންނެވެ. މަޑުމަޑުން ލޯހުޅުވާ ބަލާލިއިރު އޭނަގެ ގާތުގައި ޔަޒާން އޮށޯވެލައިގެން އޮތެވެ. ޔަޒާންއަށް ބަލާލުމާއިއެކު އޭނަ ލައިބާގެ ނިތްކުރީގައި ބޮސްދިނެވެ. އަދި ލައިބާގެ ހަށިގަނޑު ގާތްކޮއްލަން އުޅުނެވެ. އެހެންނަމަވެސް ލައިބާއަށް ކުއްލިއަކަށް ޔަޒާންގެ ގައިގާ އަޅާ ކޮއްޕާލެވުނެވެ. ޔަޒާންއަށްވެސް ލިބުނީ ސިހުމެކެވެ. އޭނައަށްވެސް ދުރައްޖެހިލެވުމާއިއެކު ލައިބާއަށް ބަލާލެވުނެވެ.
"ކިހިނެތްވީ،" ޔަޒާންއަށް އަހާލެވުނެވެ.
"ވަރަށް ބަނޑުހައިވެއްޖެ..."ލައިބާ ތެދުވެ އިށީންނަމުން ބުނެލިއެވެ. ހަގީގަތް ހާމަކުރަން ލައިބާ ބޭނުންނުވަނީއެވެ.
"ހިނގާ އަވަހަށް ކާން، މަންމަ ބުނެފަ އޮތީ ލައި ހޭލީމަ ކާންދީފަ ނިދާއެއްޗެއްހި ލައްވަން" ޔަޒާން ހިނިއައިސްފައި ބުނެލިއެވެ. އޭނައަށް ހީކުރެވުނީ ލައިބާ މާބޮޑަށް ބަނޑުހައިވެފައި އޮތުމުން ވީގޮތެއް ކަމަށެވެ. އެހެންނޫނީ ޔަޒާންގެ އެއްވެސް ކަމެއް ލައިބާ މަނައެއް ނުކުރާނެއެވެ.
ކޮޓަރީގެ ކަނެއްގައި ހުރި ބޮޑު އެނދުގައި ފުރޮޅެމުން އަޒުރާ ދިޔައިރު އޭނަ ދިޔައީ ފޯނުން ވާހަކަދައްކަމުންނެވެ. އޭނަ ރޭގަނޑުގެ މަސައްކަތަށް ތައްޔާރުވަނީއެވެ. އެންމެ ތިންރެއަށް އޭނަގެ ކުޅިގަނޑު މެދުކެނޑުނު ކަމަށްޓަކައިވެސް އޭނައަށްހީވީ އޭނަގެ ދިރިއުޅުމުގެ ހަމަޖެހުންގެއްލިގެން ދިޔަހެންނެވެ. ތިންރޭ ތިންއަހަރުހާ ދިގުވެގެން ދިޔަހެން ހީވިއެވެ.

ކޮމެންޓް 0