ބަރޯހިފައިގެން މީހުންތަކުގެ ތެރެއިން ސިއްޙީމަރުކަޒާދިމާލަށް ދިޔައިރު މީހުންތައް ނޭފަތުގައި އަތްއަޅަންފަށައިފިއެވެ. ކުނިވަސްދުވާތީ ބައެއްމީހުން ބަރޯގެ ފަހަތުން ނުގޮސް މަޑުކޮއްގެން ތިއްބެވެ. އެހެންނަމަވެސް ކޮންމެ މީހަކުވެސް އެކަކު އަނެކަކު ކައިރިން ވެގެންއުޅޭގޮތް އޮޅުންފިލާތޯ އަހަމުންދިޔައެވެ.
ޔަޒާން އެނބުރި ގެއަށް އައީ މެންދުރުފަސްވިފަހުންނެވެ. އޭނަ ގެއަށް އައިއިރު އަޒުރާ އިނީ ހައްވަދައިތަ އާއިއެކު އެގޭ ޖޯލީގައެވެ. ލައިބާ ގޭފާރުބުރިމަތިން ގުދުވެ އޮވެ ހައްވަދައިތަ އާއި އަޒުރާ ޖޯލީގައި ތިބެގެން ދައްކާ ވާހަކަ އަޑުއަހަމުންދިޔައެވެ. އޭރު ލުބާ އުނދޯލީގައި އިންކަން ލައިބާއަށް އެނގެއެވެ. ދޭތެރެއަކުން ލޮލުގެ ހިމަކޮޅުން ލުބާއަށް ނަޒަރުހިންގާލައެވެ. ލުބާ ރަށުތެރޭގައި ވެގެންއުޅޭ އެއްވެސް ކަމަކާ ކަންބޮޑުވެ ހަބަރު އޮޅުންފިލުވާކަށް ނޫޅެއެވެ. އޭނަ އެއްވެސް ހިޔާލެއް ފިކުރެއްނެތް މީހަކު ފަދައިން ދޭތެރެއަކުން ޖެހިލާމަޑު ވައިރޯޅިއާއިއެކު ބަނބުކެޔޮ ގަހުގެ ފަތްތައް ތެޅިލާގޮތްބެލުމަށް އެކަމަށް ނަޒަރު ހުއްޓާލައިގެން އޮތެވެ.
"ޒާން، އާދެބަލަ...ނިކަން މިތާ އިށީނދެބަލަ" އަޒުރާމެންނާއި ޔަޒާން އަރާހަމަވުމާއިއެކު ބުނެލިއެވެ.
"ތެދެއް ކޮއެފުޅާ، އެ މަނިކު މަރުވެފައި އޮތީ ވަރަށް އާދަޔާއި ހިލާފު ގޮތަކަށޭ މީހުން ކިޔާ، އެއީ ތެދެއްތަ، ދެކުނިންތަ އޭނަ އޮތްގޮތް" ޔަޒާން ޖޯލިފަތީގައި އަޒުރާއާއި ޖެހިގެން އިށީނުމުން ހައްވަދައިތަ އަހާލިއެވެ.
ޔަޒާން އޭނައަށް ފެނުނު މަންޒަރު ފެނުނުގޮތަށް ކިޔާދިނެވެ. އެއަޑުއަހަން ހުރި ލައިބާ އަވަސް އަވަހަށް ވައިއަޑުން ލުބާއަށް ގޮވާލިއެވެ. އަދި ޔަޒާން ދައްކަމުންދިޔަ ވާހަކައަށް އެއްކަންފަތް ސަމާލުކޮއްލޮމުން އެދިމާލަށް ބަލާލާފައި ދެން އެނބުރިލިއިރު ލުބާ ހުރީ އޭނަގެ ދާދިގާތުގައެވެ.
"އިނގޭތަ، އެއްކަލަ މަނިކު މަރުވެފައި އޮތްވާ ފެނިއްޖެޔޯ، އޭނަގެ ހަށިގަނޑަށް ކޮންމެވެސް މީހަކު ވަރަށް އަނިޔާކޮއްފަޔޯ އޮތީ، ފުލުހުން އެބައާދޭ އޭނަގެ ހަށިގަނޑު ބަލަންވެގެން، ހަށިގަނޑުން ފެންނަން ހުރި ނިޝާންތަކުން ހީވަނީ މީހަކު އޭނަ މަރާލާފައިވާހެނޯ.....ކިހާބޮޑު އަޖައިބެއް، އަހަރެން ހުރީ އެމަނިކު އާއި އިންނަން ޖެހުނީތީ ވަރަށް ފޫހިވެފަ، ހިތަށްއެރި ކޮންމެވެސް ގޮތަކުން އޭނަގެ ކިބައިން ސަލާމަތްވާނެނަމައޭ...އެކަމަކު މިގޮތަށް ސަލާމަތްވެދާނެ ކަމަކަށް ގަބޫލުވެސް ނުކުރެވޭ....ކީކޭ ލުބާ ބުނަނީ" ލައިބާ މަޑުމަޑުން ލުބާ އާއި ވާހަކަދައްކަމުން ދިޔައީ އަޒުރާމެންނަށް އަޑުނީވޭނޭވަރަށެވެ.
"ބައެއްކަންތައްތައް ހައްދުފަހަނަ އަޅާދިޔައިމަ އެހެންވެސް ވާނެދޯ، ދެން އެވާހަކަ ނުދައްކާ، އެކަމުން ސަލާމަތްވީކަމުގައި ދެކޭ، އެއަށްވުރެ ދެން ކުރިއަށް ވާންއުޅޭ ކަންތަކާއިމެދު ވިސްނަމާ" ލުބާ ބުނެލިއެވެ.
"ތިބުނީ މިކަންތައް ދޯ، މީ ޔަޒާން ގަސްދުގަ ކުރިކަމެއް، އަހަރެން ހިތަށް އަރާ އަހަރެން އެހާ ބާރުގަދަވީނަމައޭ، އޭރުން އެއިން ކޮންމެ ފަހަރަކު އަހަންނަށް ޔަޒާން ދުރަށް ކޮއްޕާލެވޭނެއެއްނު، އޭނަ އަހަރެން މަނިކު އާއި އިނަސް ދޫނުކުރާނެ ކަމަށްބުނި، އަހަންނަށް އެކަން އެނގޭ، އަހަރެންނަށް ޖެހޭނީ މަޖުބޫރުވެގެން އޭނަ ހެދިހާ ގޮތެއް ހެދިގެން ހުންނަން....އެކަމަކު..." ލައިބާ އޭނަގެ ބަނޑުގައި އަތްޖައްސާލައިގެން ހުރެ ވާހަކަދެއްކިއެވެ.
"ލައި ވަކިގޮތެއް ނިންމަންވީނު، ތިކަން އެންމެނަށް ސިއްރެއް ނުކުރެވޭނެ، މިހާރު ބަނޑު ހިނދިކޮށް ހުއްޓަސް ފަހުން މާބަނޑު އަންހެނުންގެ ބަނޑު ހުންނަގޮތަށް ލައިގެވެސް ބަނޑެއްލާން ފަށާނެ، އޭރުން ބަނޑުގައި ދިރޭ ފުރާނެއެއްވާނެ" ލުބާ ބުނެލިއެވެ. އޭނަ ލައިބާ އާއި ދޭތެރޭ ވަރަށް ކަންބޮޑުވެއެވެ.
"އަހަންނަށްވެސް އެނގޭ އެމީހުންނަށް މިކަން އެނގިއްޖެއްޔާ، ކުރިންވެސް އެމީހުން ހެދިގޮތަކަން ކަންތައްކުރާނީ، އަހަރެން ކިހާ ވޭނެއްގަ އުޅުނީ، އޭރު އަހަރެންގެ އުމުރުގެ ޅަކަމުން ހަދާނެގޮތެއް ވިސްނައިގަންނާކަށް ނޭގެނު، އެހެންވެ އެމީހުން ބޭނުންވިގޮތަށް ކަންތައްކުރީ، އެކަމަކު އަދި އަހަރެން މިކަމަށް ވިސްނަން ބޭނުން ވަކި ގޮތެއް ނިންމާނީވެސް އަހަރެން، އަޒުރާމެން ބޭނުންހާ ގޮތެއް ވާކަށް އަހަރެން ބޭނުމެއްނޫން، އަދި އެމީހުންނަށް އެއްވެސް ކަމެއް އެނގޭކަށް ބޭނުމެއްނޫން، ހޮޑު ނުލެވޭނަމައޭ ހިތަށް އަރާ، ކުރިންވެސް އެމީހުންނަށް އެނގުނީ އެހެންވެ، އަހަންނަށް ލުބާ އެހީތެރިވެދެންޏާ މިކަން އަދި ސިއްރުކޮއްދީ، އެމީހުންނަށް މިކަން ނޭގޭނޭ ގޮތެއް އަހަންނަށް ހަދާދީ...އަހަރެން ވަކިގޮތެއް ނިންމަންދެން" ލައިބާ މަޑުމަޑުންގޮސް އެލުވާފައި ހުރި ޖޯލި އުނދޯލީގައި އިށީނެވެ.
"އަހަރެން ލައިގެ ކަންތައްތައް އަބަދުވެސް ބަލަމޭ ބުނަމެއްނު، އިތުބާރުކުރޭ، ލައި ބޭނުންވަނީ ތިގޮތްކަމުގައި ވާނަމަ، ތިކަންވާނީ ތިގޮތަށް، މިފަހަރު އެމީހުންނަށް ތިކަން އެހާ އަވަހަކާ ނޭގޭނެ" ލުބާ ޔަގީން ކަމާއިއެކު ބުނެލިއެވެ. އަދި އޯގާތެރިކަމުން ފުރިގެންވި ހިނިތުންވުމަކާއިއެކު ލައިބާގެ އަތުގައި ފިރުމާލިއެވެ.
ރޭގަނޑުގެ އަނދިރިކަމަށްފަހު ދުވާލުގެ އަލިކަން ދުނިޔެމައްޗަށް ވެރިވެގެންދެއެވެ. މަނިކުގެ މަރުގެ ހާދިސާއަށްފަހު އަޒުރާ އެކަކު ކައިރީވެސް މަނިކު ލައިބާގެ ކައިވެންޏަށްއެދިގެން އައި ވާހަކައެއް ނުދެއްކިއެވެ. ރަށުތެރޭގައި ފުލުހުން އެމީހުންގެ ތަޙުގީގު ކުރިއަށް ގެންދިޔައެވެ. މަނިކުގެ އާދަޔާއި ހިލާފު މަރާގުޅިގެންނެވެ. ރަށުގެ އެކިމީހުންނާއި ސުވާލުކުރެވެމުންދިޔައެވެ. އޭގެ ތެރޭގައި އަޒުރާގެ އާއިލާވެސް ހިމެނުނެވެ. އެކަމަކު އަޒުރާ އެމީހުން ކުރި ގިނަ ސުވާލުތަކަށްވަނީ ދޮގު ހަދާފައެވެ. އެހެނީ އޭނަގެ މައްޗަށް އެއްވެސް ވަރަކަށް ޝައްކެއްވާކަށް އޭނަ ބޭނުމެއްނޫނެވެ. ފުލުން ބެލިބެލުމުގައި މަނިކުގެ މަރާ ގުޅުންހުރި އެއްވެސް ކަމެއް އެމީހުންނަކަށް ނުފެނުނެވެ. އެހެނީ މަނިކު މަރުވެފައި އޮތްއިރުވެސް އޭނަގެ އުނަގަނޑުގައި އަޅާފައިވާ ކުޑަދަބަހުގައި ފަސްސަތޭކައިގެ އެތަށް ނޫޓެއް ހުއްޓެވެ. އެކަމުން އެމީހުންނަށް އެނގުނު ގޮތުގައި މަނިކު މަރާލަން އުޅުނު މީހަކީ ވަގެއްނޫންކަން އެނގުނެވެ.
ޔަޒާން ރަށުތެރޭގައި އުޅޭ ޒުވާނުންނާއި ގުޅިގެން އުޅޭއިރު އެމީހުންގެ ތެރޭގައި ގިނައީ ރަށުތެރޭ ވިޔާނުދާވެގެން އުޅޭ މީހުންނެވެ. ޔަޒާންވެސް އެއްވެސް މަސައްކަތެއް ކުރާކަށް އަދިވެސް ގަސްތެއްނުކުރެއެވެ. ރީތި އަންހެން ކުދިންގެ ފަހަތުން ހިނގުމާއި އެކުދިންނަށް ކުދިކުދި ގޯނާކުރެއެވެ. އަޒުރާ އެއިން އެއްވެސް ކަމަކާ ފަރުވާލެއް ނުބަހައްޓައެވެ. މީހުންނަށް އުނދަގޫވެގެން އެވާހަކަ ހިފައިގެން އަޒުރާ ހޯދަން އަތުވެއްޖެނަމަ ޔަޒާންއާއި ދިމާލަށް އެއްޗެއް ދޭއްޗެއްވަރު ބުނެލާނެއެވެ. އެހެންނޫނީ އޭނަގެ އުޅުން ރަނގަޅު ކުރުމަށް އެއްވެސް ބާރެއް ނާޅައެވެ.
އަޒުރާއަށް ޝިޔާޒުގެ ހަބަރެއްނުވުމާއިއެކު ރޭގަނޑުގެ މަޖާގަނޑުގައި ފޯރިކުޑަވާން ފަށައިފިއެވެ. އަޝްހަރު ބަރާބަރަށް އާދެއެވެ. އޭނަ އާއިއެކު ނަދީމާ އާއި އޭނަގެ ރައްޓެހިންވެސް އާދެއެވެ. ޝިޔާޒުގެ ހަނދާންތަކާއި ދުރުވުމުގެ ނިޔަތުގައި އޭނަ އަނެއްކާވެސް އާދަނުއަށް ގުޅަންފެށިއެވެ. އޭނަގެ ކައިރިއަށް ދާންފެށީއެވެ. އާދަނު އުފަލާއިއެކު އެކަން ގަބޫލުކުރިއެވެ.
ދުވަސްތައް މާޒީގެ ސޮފްހާ އާއިއެކުވެ ހިރަފުސްއަރަމުންދިޔައެވެ. އެކަމަކު ލައިބާގެ ހަޔާތުން އޭނަ ހަނދާން ހުންނަން ފެށީއްސުރެން ކުރިމަތިލި ކޮންމެ ދުވަހެއް އިއްޔެވީކަމެއްހެން ހަނދާނުގައި ހަރުލާފައިވެއެވެ. އޭރުއްސުރެ ކޮންމެ ދުވަހަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އެތަށް އެތަށް އަނިޔާއެއް ލިބެމުންދިޔަ ދުވަސްތަކެކެވެ. އޭރުވެސް މިހާރުވެސް އޭނަ ދިޔައީ ކެތްތެރިވަމުންނެވެ. އިންސާނަކަށް ކެތްތެރިކަން ދެއްވާފައިވާ އެންމެ މަތީ ދަރަޖައަށް އޭނަ ކެތްތެރިވެއެވެ. އެކަމަކު އޭނައަކީ އިންސާނެކެވެ. ހިތުގައި ނަފުރަތާއި ރުޅިވެރިކަންވެސް އުފެދެއެވެ. އަނިޔާވެރިވާ މީހުން ނެތިދިއުމަށްވެސް އެދެވެއެވެ. އެކަމަކު އެއިން އެއްވެސް ކަމަކަށް ބާރުފޯރުވެވޭވަރަށްވުރެ އޭނަ ނިކަމެއްޗެވެ. އެފަދަ އެހީއެއްވާނެ މީހަކު އޭނަގެ ނަޒަރުގައި ނެތެވެ. އެކަމަކު ލުބާގެ އެހީތެރިކަން އިންތިހާއަށް ލިބެއެވެ.
އުމުރުން ފަނަރަ އަހަރަށްވުރެ ބޮޑުވެގެން ދިޔައިރު ލައިބާގެ ހިތާ ސިކުނޑިވެސް ފުރާވަރުގެ އޮއެވަރިގައި ވަނީޖެހިފައެވެ. މީހަކަށް ނޭގުނު ކަމުގައިވިޔަސް އޭނަވެސް ލޯބި ބޭނުންވެއެވެ. އަމާން އޮމާން ރީތި ދިރިއުޅުމެއް އުޅެން އޭނަވެސް ބޭނުންވެއެވެ. ދާނުގެ ބައިވެރިއަކަށްވުރެ އުމުރުގެ ދެންއޮތް ދުވަސްތަކުގައި ހަޔާތްވޭތުކޮއްލާނެ ބައިވެރިއަކު ބޭނުންވެއެވެ. އެހެނަސް އެފަދަ މީހަކާއި ދިމާވުމަކީ މުސްތަހީލުކަމެއްކަމުގައި ލައިބާއަށް އެނގެއެވެ. ކޮންމެ ފިރިހެނަކު ބަލާލި ކަމުގައިވިޔަސް ލައިބާގެ ހިތަށް އެހެން އެއްވެސް ކަމަކަށްވުރެ ބިރުވެރިކަން ވަދެގެންދެއެވެ. އޭނަގެ ފަރާތުން ރައްކާތެރިކަމެއްނެތްކަމުގައި ހިތް ގޮވަންފަށައެވެ. އެހެންވެ އެއިން ފަރާތަކަށް ބަލާލާނެހާ ހިތްވަރެއް ލައިބާގެ ނުހުރެއެވެ.
"ކީއްވެތަ މިހާރު އެހާ ބަސްމަދުވެފަ ތިހުންނަނީ؟ ލައި އަހަންނަށް ކަމެއް ސިއްރުކުރަނީތަ؟ އަނެއްކާ ބަނޑުގަ ރިއްސަނީތަ، އެކަމަކު ރިއްސައިގެން ނުވާނެ" ލުބާ ބުނެލިއެވެ. އެއީ ތެދެކެވެ. ލައިބާ ބަލިވެއިންކަން ޔަގީން ކުރީ ލުބާއެވެ. އެކަން އޭނައަށް އެނގުނީ ކިހިނެތްކަމެއް ލައިބާއަކަށް ނޭގެއެވެ. އޭނަ ދެކުނު ގޮތުގައި އޭނަ އާއި ހިލާފަށް ލުބާއަކީ ކިޔަވައިގެން ހުރި މޮޅު މީހެކެވެ. ލައިބާ އޭނަ ބަލިވެއިންކަން ސިއްރުކުރުމަށް ލުބާ ގާތުން އެދުމުން، އޭނަ ލައިބާއަށް ބޭސްކުރަން ފެށިއެވެ. ޑޮކްޓަރު ބޭހެއްނޫނެވެ. ލައިބާ ދުވަހަކުވެސް ނުދެކޭފަދަ ތަފާތު ވައްތަރުގެ ފަތްޕިލާވެލީގެ ބޭސްތަކެވެ. ލައިބާއަށް ކިތަންމެ ނުބައެއްކަމަކު އެބޭސްތައް ބޭނުންކުރުމުން ހަށިގަނޑަށް ލުއިވެ ތާޒާކަން ލިބެއެވެ. އަދި އެއްގޮތަކަށްވެސް ހޮޑެއްނުލަވައެވެ. އެކަމާ އޭނަ އަޖައިބު ވުމަށްވުރެ ލުބާގެ މޮޅުކަމަށް ތަޢުރީފު ކުރެއެވެ.
"ކަމެއްނުވޭ...ތަނަކަށް ތަދެއްވެސްނުވޭ، ވާހަކައެއް އަހަންތަ؟" ލައިބާ ބަދިގެ ފާރުބުރި މަތީ ބަތްތަށިހިފައިގެން ނުކުމެ އިނދެ ކުންނާރުގަސް ކައިރީހުރި ލުބާ އާއި ވާހަކަދެއްކިއެވެ.
"ހޫމް، އަހާބަލަ" ލުބާ ތަންކޮޅެއް ބޮޑަށް ހިނިތުންވެލަމުން ލައިބާ ބުނަން އުޅޭއެއްޗަކަށް ޝައުގުވެރިކަން ފާޅުކުރިއެވެ.
"ލުބާ...ލުބާގެ މަންމަމެން ލުބާ މީހަކާ އިންނަން ނުބުނޭތަ؟" ލައިބާ މަޑުމަޑުން ބަތްފުއްފުއް އަނގަޔަށް ލަމުން އަހާލިއެވެ. ހީވާގޮތުން އޭނަ ބަތްތައްޓަކައި އެހާ ގަޔައެއްނުވެއެވެ.
"ހެ ހެ ހެ...މީހަކާ އިންނާނީ އަހަރެންވެސް ބޭނުންވެގެންނު، އަހަރެން އިންނަން ބޭނުންވަނީ އަހަރެންނަށް ކަމުދާ މީހަކާ، އަހަރެން ލޯބިވާ ކުއްޖާއާއި، އަހަރެންގެ މައިންބަފައިން އެކަމާ ދެކޮޅެއް ނުހަދާނެ...ލައި ކީއްވެ ތިހެން ތިއެހީ" ލުބާވެސް ސުވާލުކޮއްލިއެވެ.
"ލުބާ، އަހަރެންދެކެ އެކަކުވެސް ލޯބިވެދާނެތަ؟" ލައިބާ ވިސްނާލާފަދަ ގޮތަކަށް ކުޑަހިނދުކޮޅަކު މަޑުންއިނުމަށްފަހު ބުނެލިއެވެ.

ކޮމެންޓް 0