އަލިފުތާބޭގެ މަސައްކަތުގެ އަގުއަދާކުރުމަށްޓަކައި ޝިޔާޒު އޭނަގެ ވޮލެޓުން ރަތްގަނޑުގެ ނޫޓުތަކެއްނެގިއެވެ. އެތަންފެނި އަލިފުތާބޭ އެކަން މަނާކުރިއެވެ. އޭނަ ޝިޔާޒު ގާތު ބުނިގޮތުގައި އޭނައަށް އެނގިފައިހުރި އެއްޗެއް އެނގިފައިވަނީ އަޒުރާގެ ކާފަ ނިޒާރުގެ ފަރާތުންނެވެ. ވީއިރު އެފަދަ މީހެއްގެ ޢާއިލާއަށް ކޮއްދޭ ކަމެއްގެ އަގުނަގާކަށް އޭނައަކަށްވާ ހަމަ ލާހިކެއްނޫން ކަމުގައި ބުނަމުންދިޔައެވެ.
އަލިފުތާބެ ކޮއްދިން ކަންތަކުގެ ފައިދާކުރިއެވެ. އެދުވަހަށްފަހު އަޒުރާއަކަށް އެއްވެސް އުނދަގުލެއްނުވެއެވެ. ދެތިންދުވަހު ގޭތޭރޭގައި ނަގާ ފޯރިވެސް މަޑުޖެހިފައި އޮތެވެ. އެހެންނަމަވެސް އެކަން ހަފްތާއެއް ހަމަވަންދެންވެސް ދިގުލައެއް ނުދިޔައެވެ. އިހެކޭ އެއްގޮތަށް ގޭތެރޭގެ ހާލަތު ބަދަލުވެއްޖެއެވެ. އަޒުރާގެ ކަރުގައި ރަތުލޮއެގެ ބަޑިއަކަށް ލާފާއި ތަވީދު އަޅާފައިވާއިރު ޔަޒާންގެ ކަރުގައިވެސް ތަވީދު އަޅުވާފައިވީ ހަމައެގޮތަށެވެ. އެހެންނަމަވެސް އަޒުރާގެ ރީތިވާމޭޒުގެ ވަތްގަނޑުގައި އަލިފުތާބެ ލައިބާގެ ގައިގާ އަޅުވަންދިން ތަފީދު ލީގޮތަށް އެބައޮތެވެ. އޭނަ އޭތި ލައިބާގެ ގައިގާ އަޅުވާކަށް ގަސްދެއްނުކުރެއެވެ. ލޯގަނޑު ކުރިމަތީ އިށިންނަށް ކޮންމެ ފަހަރު އަޒުރާ އޭނަގެ ރީތި އިސްތަށިގަނޑުމަތިން ހަނދާންވެއެވެ. އެކަމަކު އިސާހިތަކު އެކަންމަތިންވެސް ހަނދާންނެތި އޭނަގެ ބަދަލުވުމެއްނެތް ދިރިއުޅުމަށް އެނބުރިދެއެވެ.
ލައިބާގެ ހަށިގަނޑުގައި ފެންނަން ހުރި ޒަހަމްތައް ފަސޭހަވަމުންދިޔައެވެ. އެކަމަކު އޭނަގެ ހިތާސިކުނޑީގައި އެވާރ ޕްރެޝަރާއި އެކަނިވެރިކަން ދިޔައީ އިތުރުވަމުންނެވެ. ލާފައިހުންނަ ދެމޭފޮތީގެ ބޮޑު ހެދުމުގެ އިތުރުން ބުރުގާވެސް އަޅަންޖެހުނީއެވެ. މުޅިމީހާގެ ސިފަވަނީ ގެއްލިފައެވެ. އެރީތި ލޮލުގެ ވިދުންގެއްލި ނާއުއްމީދުވެފައިވެއެވެ. މުޅި އުމުރުގައިވެސް ހަމަޖެހިގެން ނޭވާއެއް ލާނެ ފުރުޞަތެއް ނުލިބޭނެކަން އޭނައަށް މިހާރު އެނގެއެވެ. އެފަދަ ދުވަހެއް އައިސްދާނެ ކަމުގެ އުންމީދު ކުރުންވެސް އޭނަ ދޫކޮއްލައިފިއެވެ. އަނެއްކޮޅުން އޭނައަށް ލިބެމުންދިޔަ އަނިޔާގެ ނިމުމެއްނެތެވެ. ނަދީމާ ކާންދިން ބޭސްތައް ބަރާބަރަށް ވަގުތުން ވަގުތަށް އަޒުރާ ކާންދެމުންދިޔަތާ ދެތިން ދުވަސްފަހުން އޭނަގެ ބަނޑުގައި ރިއްސަންފެށިއެވެ. ދިހަވަރަކަށް ގަޑިއިރު އެވޭނުގައި ތެޅިފޮޅެމުންދަނިކޮށް ބަނޑުގައިވި ދަރިފުޅު ބައިގެން ދިޔައެވެ. އަޒުރާ އާއި ނަދީމާ ހުރިހާ ކަމެއް ފޮރުވާލީއެވެ. ލައިބާގެ ހަށިގަނޑުގައި ވޭންއެޅުންފިޔަވާ ދެންވީ އެއްވެސް ކަމެއް ނޭގެއެވެ. އޭނައަށް އެމީހުން އެކުރީ ކިހާވަރެއްގެ ކަމެއްކަންވެސް އަންދާޒާކޮއްލާކަށް ނޭގެއެވެ. ހަމަގައިމުވެސް އޭނަގެ ބަނޑުގައި ކުއްޖެއް އޮތް ކަމާއި އެކުއްޖާ އެމީހުން މަރާލިކަން އޭނައަށް އެނގެއެވެ. އޭނައަށް އިޙްސާސްކުރެވުނު ވޭނަކީ އެކުއްޖާ ބަނޑުގައި މަރާލުމުން ވީކަމެއްކަންވެސް އޭނައަށް ވިސްނުނެވެ. އެކަމަކު އަޒުރާމެންގެ އެއްވެސް ކަމަކަށް އޭނަ އެއްޗެއް ނުބުނެއެވެ. ކިރިޔާ ތެދުވެވޭވަރު ވާއިރަށް ގޭތެރޭގެ މަސައްކަތް ކުރަންޖެހުނެވެ.
ލައިބާ އާއި ލުބާގެ ގުޅުން ކުރިއަށްދިޔައެވެ. އެހެންނަމަވެސް ލުބާގެ މޫނުމަތިން ކުރިންފެންނަ އުފާވެރިކަމެއް ނުފެނެއެވެ. އޭނަ ލައިބާ އާއި ބައްދަލުކުރަނީ ކުރިއެކޭވެސް އެއްގޮތަށް މީހުން ނުހުންނަ ވަގުތުތަކުގައެވެ. ލައިބާގެ ހަށިގަނޑަށް އަންނަ ބަދަލުތައް ކިޔާދެމުންދިޔައީ ލުބާއެވެ. ލައިބާ އަބަދުވެސް ލުބާއާއި ކުރާ ޝަކުވާއަކީ އޭނަ ލައިބާ އެންމެ ބޭނުންވާވަގުތު ކައިރީ ނުހުންނަނީ ކީއްވެކަމެވެ. ގޮވާލާއިރަށް އަންނާނަމޭ އަބަދުވެސް ބުނެއެވެ. އެކަމަކު ނާންނަނީ ކީއްވެކަން ލައިބާ އޮޅުންފިލުވަން ބޭނުންވެއެވެ.
"އަހަރެން އަބަދުވެސް ލައިބާ ކައިރީގަ އުޅެމޭ، އެހީވެސްވަމޭ....އެކަމަކު ތިގެއަށް އަހަންނަކަށް ނުވަދެވޭނެ، ލައި ބޭނުންވަނީ އަހަރެން ދުވަހަކުވެސް ދެންނާނަންތަ، އަހަރެން ތިގެއަށް ވަންނަން މަސައްކަތްކޮއްފިއްޔާ ވާނީ އެހެން، ދެން ދުވަހަކުވެސް ލައިއަކަށް އަހަރެންނެއް ނުފެންނާނެ....އަހަރެންނަށްވުރެ ލައިދެކެ ލޯބިވާ އެހެންމީހަކު ނުހުންނާނެ" ލުބާ އަބަދުވެސް އެހެން ބުނާނެއެވެ. ލުބާ ކިޔާދޭގޮތުގައި ބައެއްދުވަސްތަކުގައި އޭނައަށް ލައިބާދެކެލަން ނާދެވޭނެއެވެ. އޭނަގެވެސް އާއިލާއެއް އޮންނަކަމާއި އެމީހުންނާއި އެކު އުޅެންވެސް ޖެހޭކަން އޭނަ ލައިބާއަށް ހަނދާންކޮއްދެއެވެ. އެކަމަކު ޔަގީނުންވެސް ލައިބާ އާއި ދުރަށް ނުދާނަންކަމަށް އޭނަ ވަޢުދުވެއެވެ.
ލައިބާ އެކަން ގަބޫލުވެސް ކުރެއެވެ. ލުބާ އޭނައަށް ހަދިޔާއެއް ނުގެނެސްދޭ ދުވަހެއްނުދެއެވެ. ލައިބާގެ އުމުރުންވެސް މައްޗަށްދަމުން ދިޔަވަރަކަށް ވަށައިގެން ހިނގާ ކަންތައްތަކަށް ކުރިއަށްވުރެ ލޯހުޅުވެމުންދިޔައެވެ. އޭނައަށްވެސް ބައެއް ފަހަރު ލުބާގެ އާދަޔާ ހިލާފު ބާރެއް ހުންނަކަން ފާހަގަ ކުރެވެންފެށިއެވެ. ކުއްލިއަކަށް ފެނުމާއި ކުއްލިއަކަށް ގެއްލުމެވެ. ލައިބާ އެއްޗެއް ބޭނުންވެއްޖެނަމަ ކުޑަހިނދުކޮޅެއްގެ ތެރޭ އެ އެއްޗެއް ގެނެސްދިނުމެވެ. އާދައިގެ އިންސާނަކަށް އެހާ އަވަހަށް ކަންތައްތައް ކުރެވޭނެބާއޭ ލައިބާ ހިތައް އަރައެވެ. ކޮންމެގޮތެއްވިޔަސް ލައިބާގެ ހަޔާތުގެ ބޮޑުބައެއްގައި ވަރަށް މުހިއްމު ރޯލެއް ލުބާ ކުޅެއެވެ. މަޑުމަޑުން ލައިބާ ގޮވައިގެން ގެއިން ބޭރަށްވެސް ލުބާ ދާންފެށިއެވެ. އަތިރިމަތީ ހިނގާލުމާއި ރާޅުޖަހާހިސާބުގައި ދުރުދުރަށް ފެތުރިފައި އޮންނަ މާސިންގާ ކަނޑަށް އެތައް އިރަކު ލައިބާ ބަލަންހުރެއެވެ. ރީތި ކުލަކުލައިގެ މާބިންނަށް ލުބާ އޭނަ ގެންދެއެވެ. ގޯތިތެރޭގައިވެސް ލުބާ ގެނެސްދޭ ވައްތަރު ވައްތަރުގެ މާ އިންދަމުން ލައިބާ ދިޔައެވެ. އެކަމާ އަޒުރާ މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ. ގިނަފަހަރަށް ލައިބާ ބޭރަށް ދަނީ ގޭގައި މީހަކު ނޫޅޭ ވަގުތުތަކުގައެވެ.
މިއަދު ލައިބާގެ އުމުރުން ފަނަރަ އަހަރު ފުރުނީއެވެ. އެކަމަކު އެކަމުގައި އެއްވެސް ޙާއްސަކަމެއްނެތެވެ. ތަފާތަކީ މިހާރު ކުރިއަށްވުރެ ލައިބާގެ ހަށިގަނޑު ނިކަމެތިވެފައި މޫނުމަތީގައި އެއްވެސް ދިރުމެއްނެތްކަމެވެ. އަވަދިނެތި އުޅެމުންދިޔައީ ގޭތެރޭގެ މަސައްކަތުގައެވެ. މެންދުރުގެ ވަގުތަށްވުމާއިއެކު އިރުގެ ހޫނުން ބިންގަނޑުވެސްވަނީ ހޫނުކޮއްލާފައެވެ. ލައިބާ ބާލިދީއަކަށް ފެންއަޅައިގެން ގިފިލިތެރެއިން ނުކުތެވެ. އަދި ގިފިލި ދޮރުމަތީ ބާލިދީ ބަހައްޓާފައި އެލިފައި އޮތް ބުރުގާގެ ދެކަންގަނޑު ނަގާ ގޮށެއްޖަހާލުމަށްފަހު ކަރުގައި އަޅުވާލިއެވެ. ލައިބާ ހެދުމުގެ އަތްކުރި އުޅަންބޮށި ކައްޓާއި ހަމައަށް އޮޅާލަމުން ފެންބާލިދީއަށް އަތްކޮއްޕާލާފައި ހޫނުއަރަމުންދިޔަ ފަސްގަނޑަށް ދެއަތުން ފެންޖަހަންފެށިއެވެ.
"ލައިބާ..." ލައިބާ ކުރިއަށް ބަލާލިއެވެ.
"ލުބާ...ކޮންއިރަކު އައީ" ލައިބާއަށް ކުރިމަތީ ބަދިގެއާއި ވީފަރާތުގައި ހުރި ލުބާ ފެނުނެވެ. އަވަސް އަވަހަށް ކުރަންހުރި މަސައްކަތް ހުއްޓާލާފައި ލުބާއަށް ސަމާލުކަންދިނެވެ.
"ހަދިޔާއެއް ބޭނުންތަ" ލުބާ އޭނަގެ ދެއަތް ފުރަގަހަށް ލައިގެން ހުރެ އަހާލިއެވެ.
"ދުވަހަކުވެސް ހަދިޔާއެއްނުލާ އައިންތަ" ލައިބާ ހިނިއައިސްފައި ބުނެލިއެވެ. އެއާއިއެކު ލުބާވެސް ހީލިއެވެ. އަދި އޭނަގެ އަތުގައި ބަންދުކޮއްލާފައިވާ ކެޔޮފަތް ހުޅުވާލަމުން ލުބާ އޭނަގެ އަތުގައި ވާއެއްޗެއް ދައްކާލިއެވެ. އޭގައި ހުރީ ކޮންމެވެސް ކާއެއްޗެކެވެ. ލައިބާ ދުވަހަކުވެސް އެގޮތަށް ހަދާފައިހުރިއެއްޗެއް ނުކައެވެ. އެހެންވެ އެއީ ކޮންކަހަލަ ބާވަތެއްގެ ކާއެއްޗެއް ކަމެއް ނޭގުނެވެ. އޭނަ ބަދިގެ ތެރެއަށް ވަދެފައި އައީ ސަމްސަލެއް ހިފައިގެންނެވެ.
"މިއަދު މީ އާވައްތަރެއްގެ ހަދިޔާއެއްތަ" ލައިބާ ކެޔޮފަތުގައި ހުރި އެއްޗެއް ކެއުމަށް ސަމްސާ ލަމުން އަހާލިއެވެ.
"މީރީއާ ބުނައްޗޭ، މީ އަހަރެން ވަރަށް ގިނައިން ކާއެއްޗެއް، މިއަދު މީ ލައިބާގެ އުފަންދުވަހެއްނު، ހިތަށްއެރީ ލައިބާއަށް ގެންގޮސްދޭން" ލުބާ ރަކިގޮތަކަށް އިނދެބުނެލިއެވެ.
"މްމްމްމް...ވަރަށް މީރު، ހަމައަސްލުވެސް ވަރަށް މީރު، ހުރިގޮތުން ހީވެސް ނުކުރަން މީ ފޮނިއެއްޗެއް ކަމަކަށް" ލައިބާއެތިކޮޅެއް އަނގައަށް ލާފައި ބުނެލިއެވެ.
"މިތާ ލައި ކާންއިނދޭ އަހަރެން ފެންޖަހާލަދީފާނަން" ލުބާ އެހީތެރިވުމަށް އުޅުނެވެ.
ލައިބާ ވަރަށް ހާލުން ނެރުނު ފެންބާލިދީ އެއްވެސް ތަކުލީފަކާއިނުލާ ލުބާ ހިއްލާލިއެވެ. އަދި ގޯތިތެރެއަށް ފެންބާލިދީ އުކާލިއެވެ. އެއާއެކު ވަށައިގެން ހުރިހާތަނަކަށް ފެންތައް ބުރައިގެންދިޔައެވެ. އެތަންފެނި ބަދިގެ އޮޅީގައި އިށީނދެލައިގެން އިން ލައިބާ ކެޔޮފަތް އުނގުގައި ބައިންދާލަމުން އަތްތިލަބަޑި ޖަހާލިއެވެ.
"ލުބާ ހާދަ މޮޅޭ، އަހަންނަށް ފެންބާލިދީ އުފުލާނުލެވޭނެތީ ބިންމަތީ ބަހައްޓައިގެން ފެންޖަހަނީ" ލައިބާ ބުނެލިއެވެ.
"ލައިގެ ގައިގާ ވަރުހުންނާނީ ކިހިނެތް، ގިނަފަހަރަށް ރަނގަޅަށް ނުވެސްކައި، އެމީހުން ހެދިހާ ގޮތެއް ހެދިގެން ތިއުޅެނީ، ހިތަށް އަރާ...." ލުބާ އިތުރަކަށް ނުބުންޏެވެ.
"އެކަމާ ދެން އަޅާނުލާ، އިނގޭތަ، މިގޭ ދޮރުމަތީގަ ހުރި ފަޅުގޭގައި ހަދާފައެހެރީނު ފިހާރައެއް، އެތާނގަ އިންނަ މުސްކުޅިބެގަނޑު މިއަދުވެސް އަހަރެން އެތަނަށް ހަނޑޫކޮޅެއް ގަންނަން ދިޔައީމަ ހީވަނީ ކާލަފާނެހެން، އަދި ކޮންމެ ދުވަހަކު އަހައޭ މަންމަ ކޮބާހޭ، ވަރަށް ފޫހިވޭ، އެއަޒުރާ ހުންނަނީ ވަރަށްވެފައޭ އޭމުސްކުޅިގަނޑު މިގެއަށް އެއްޗެހި ފޮނުވާތި" ލައިބާ ހިތްހަމަނުޖެހިފައި އިނދެ ބުނެލިއެވެ.
"އޭނަ ލައިބާ ގައިގަ އަތްލާތަ" ލުބާ އަވަސް އަވަހަށް އަހާލިއެވެ.
"ނޫން، އެކަމަކު އޭނަގެ ދެލޮލުން މަގޭ ގައިގަ އަތްނުލާތަނެއް ނީންނާނެ ކަންނޭގެ...ހެ ހެ ހެ" ލައިބާ ހޭންފެށިއެވެ. އޭނައަށް ލުބާގެ މޫނުމަތިން ފެނުނު ރުޅިވެރިކަން ފާހަގަކުރެވުނު ހެނެއް ހިއެއްނުވެއެވެ.
"ލައިބާ........އެކޮއެ އާދެބަލަ" ހައްވަދައިތަ ބަދިގެ ތެރެއިން ބޯތައްޓެއް ހިފައިގެން ނުކުންނަމުން ބުނެލިއެވެ. ލައިބާ ސިހިފައި ހައްވަދައިތައަށް ބަލާލާފައި ދެން ލުބާ ހުރި ދިމާލަށް ބަލާލިއިރު އޭނައަށް ނެތެވެ. ލައިބާ ތެދުވެ އަތުގައި ހުރި އެއްޗެހި ބަދިގެ މޭޒުމަތީ ބަހައްޓާފައި އަވަހަށް ހައްވަދައިތަ މެންގޭ ފާރުބުރި ކައިރިއަށް ދިޔައެވެ.
"އަން، މިއަދު ހައްވަދައިތަ މާޅޮސްކެޔޮލުގަ ރިހަކައްކައިގެން މިއުޅެނީ..." ހައްވަދައިތަ ދިއްކޮއްލީ ރިހަބޯތައްޓެކެވެ.
"އިއްޔެ މަސްރިހަކެއްކީ ހައްވަދައިތަ ބުނިގޮތަށް، ވަރަށް މީރު އެހަވާދުގަނޑު، މާޅޮސްކޭލުގަ ރިހަކައްކަންވެސް ދަސްކޮއްދެއްޗޭ" ލައިބާ ހިނިއައިސްފައި ހައްވަދައިތަ ގާތު ބުނެލިއެވެ.
"މައްސަލައެއް ނޯންނާނެ، ދުވަސްކޮޅަކުން ލައިބާ މަންޖެގެ ރިހަގަނޑުގެ ރަހަގަނޑު މާރަނގަޅުވާނެ ކަންނޭގެ...އެކޮއެ، ކޮންކުއްޖަކާތަ މާވަރަކަށް ތިއަނގަތަޅަނީ، ހައްވަދައިތަ ބަދިގޭގަ ހުރިއިރު ލައިބާ ވާހަކަދައްކާހެން ހީވި ވިއްޔާ" ހައްވަދައިތަ ލައިބާ ރިހަބޯތަށީގައި ހިފައިގެން ހިނގައިގަތްތަނާހެން ބުނެލިއެވެ.
"އެއީ ރައްޓެހި ކުއްޖެއް، ހައްވަދައިތަ ގޮވާލިއަޑަށް ބިރުން ފިލީކަންނޭގެ" ސަމާސާ ގޮތަކަށް ހިނިއައިސްފައި ލައިބާ ބުނެލިއެވެ. މީހެއްގެ ހިލަމެއްވާއިރަށް ފިލުމަކީ ލުބާގެ އާދައެއްކަން ލައިބާއަށް އެނގެއެވެ.
އަޒުރާ ޔަޒާން ގޮވައިގެން މެންދުރުގެ ކާގަނޑިއަށް ބަދިގެއަށް އައެވެ. ލައިބާ އަވަސް އަވަހަށް އެމީހުންގެ ކުރިމަތިން ދުރަށް ދިޔައެވެ. އަދި އެމީހުން ކައިނިމެންވާއިރަށް އޭނަގެ ކޮޓަރިއަށް ގޮސްފެންވަރާލާ ތާޒާވެލިއެވެ. އޭނަ ފަހަކަށް އައިސް ކަންތައްކުރަނީ އެހެންނެވެ. އެވެސް ޔަޒާންގެ ކިބައިން ސަލާމަތްވުމަށެވެ.
ޔަޒާންއަކީ މިހާރު ފުރާފުރިހަމަވެފައިވާ ޒުވާނެކެވެ. އޭނަގެ ދެރަޙުމަތްތެރިންނާއިއެކު އުޅުމުގެ ނަސީބު އަނެއްކާވެސް އޭނަށް ގެއްލުނީއެވެ. ނަޒްމީ އާއި ފައިޒަން މަސައްކަތުގެ ދާއިރާއަށް ނުކުތީއެވެ. ފައިޒަން ސިފައިގެންގެ ތެރެއަށް ވަތްއިރު ނަޒްމީވަނީ މާލޭގެ ރަނގުޅުއޮފީހަކަށެވެ. ރަޒިއްޔާ އޭނަގެ ގެއާއި ރަށްދޫކޮއްލާފައި ދެދަރިންނާއި ފިރިމީހާ އާއި އަންހެން ދަރިފުޅާއެކު މާލެ ބަދަލުވީއެވެ. އެގެހުރީ ފަޅަށެވެ. އަޒުރާގެ ގޮތް އިނގޭއިރުވެސް ރަޒިއްޔާ ދަމުން އަޒުރާގެ ގާތުގައި ދޭތެރެ ދޭތެރެއިން އެނގޭތެރެ ބަލާލަދިނުމަށާއި ގޯތިތެރެ ކުނިކަހާލަ ދިނުމަށް އެދުނެވެ. އަދި އެގޭގައި އިންދާފައި ހުރި ގަސްތަކުން އަޒުރާ ބޭނުންއެއްޗެއް ގެންދިއުމުގެ ހުއްދަދިނެވެ.

ކޮމެންޓް 0