އާދަނުމެންގޭ ކައިރި އަވަށްޓެރިންނަށް ހީވެފައި އޮންނަނީ އަޒުރާ އެވަރަކުން އެގެއަށް އައިސް އުޅެނީ ނަރީމާގެ ކަންތައްތައް ކޮއްދިނުމުގައެވެ. އެހެނީ ނަރީމާގެ އުމުރުން އެގާރަ އަހަރުގައި މަންމަ އާއި ވަކިވިފަހުން މައެއްގެ ސިފައިގައި އޭނަ ބަލައިގަނެފައިވަނީ އަޒުރާކަމަށް ވީތީއެވެ. އެކަކަށްވެސް ނޭގެނީ އެގޭތެރޭގައި ހިނގާ ކަންތައްތަކެވެ. އާދަނުގެ ކޮޓަރީގައި ތަޅުލައިގެން ތިބެ އެތަށް އިރެއްވަންދެން ތެޔޮދަމަނީ ކިހިނެތްކަމެވެ. އެއީވެސް އާދަނު ކުރީކޮޅު ނަރީމާއަށް އޭނަ އާއި އަޒުރާ އާއި ދެމެދު އޮންނަ ގުޅުން ސިއްރު ކުރަން ބުނަމުން ގެންދާ ދޮގެވެ. 
އަނެއްކޮޅުން އޭނަ އަޒުރާއަށް އެހާ ހިތްކިޔައިގެން އުޅެނީވެސް ސަބަބަކާއި ނުލައެއްނޫނެވެ. އަޒުރާ ނަރީމާގެ ކޮޓަރީގައި އުޅެފައި އާދަނުގެ ކޮޓަރިއަށް ދާކަމެއް އާދަނަކަށް ނޭގެއެވެ. އަނެއްކޮޅުން ނަރީމާއަށްވެސް މިހާރު އަޒުރާ އެއީ އާދަނު ގެންނަ މީހެއްކަންވެސް އެނގެއެވެ. އަޒުރާ އޭނަގެ ހިތްހަމަ ޖައްސާދެއެވެ. އަނެއްކޮޅުން ކޮންމެ ރެއަކު ދަމަންޖެހޭ ތެޔޮ ދަމަން އާދަނު ބޭނުންވަނީ ނަރީމާގެ އަތުންނެވެ.
"މިއަދު ހާދަ އަވަސް އަރުވާލާފަ ދާން ތިއުޅެނީ" ގަމީހުގެ އެތެރެއިން އަބަދުވެސް އާދަނު ލާއުޅޭ ކަހަލަ ގަންޖުފަރާސް ގަނޑެއް ލަމުން ކޮޓަރިން ނުކުތް އާދަނު ރާގުލާފައި އަހާލިއެވެ.
"އަޒުރައައްތަ ދަރިފުޅު ކޮންމެވެސް ކަމެއްވެގެން ދާން އެދަނީ" އަޒުރާގެ ގާތުގައި ހުރި ނަރީމާ ބުނެލިއެވެ.
"ނުގޮސްނުވެގެން މިދަނީ، އަންނާނަން މާދަން" އަޒުރާ ހިނިތުންވެލަމުން ނަރީމާގެ ކޮނޑުގައި ފިރުމާލަމުން ހިނގައިގަތެވެ.
އެހެން ދުވަސް ދުވަހު ކޮންމެވެސް މީހެއްގެ ސައިކަލު ފަހަތުގައި ގެއާއި ހަމަޔަށް ދާ އަޒުރާ މިއަދު ދިޔައީ ހިނގާފައެވެ. އޭރު އޭނަގެ ސިކުނޑީގައި އެކިއެކި ހިޔާލުތައް އެނބުރެމުންދެއެވެ. ގެއަށް ގޮސް ލައިބާއަށް ހަނދާނެ ގޮތަކާއި ދޭތެރޭއެވެ. ދަތްކުނޑިވިކަމުން ދެފަޔަށް ލެވުނުހާބާރެއްލަމުން އަޒުރާ ބޮޑުމަގަށް ނުކުމެ ހުރިގޮތަށް ހިނގައިގަނެއްޖެއެވެ.
އުނދޯލީގައި ލައިބާ އޮށޯވެލައިގެން މައްޗަށް ބަލަންއޮތް އިރު އޭނަގެ ފުރަގަހުގައި ލުބާ އުނދޯލި ހެއްލަދޭން ހުއްޓެވެ. ލުބާ ދިޔައީ އެކި އެކި ވާހަކަދައްކަމުންނެވެ. އުޑުމައްޗަށް ވެރިވަމުންއަންނަ ރަތްވިލާތަކުން އެކިއެކި އެއްޗެހި ލައިބާއަށް ސިފަކޮއްދެއެވެ. ކޮންމެދުވަހަކުވެސް ގަދަ ފިޔާތޮށިކުލައިގެ އަސުރުމަލެއް ލައިބާއަށް ގެނެސްދެއެވެ. ކުއްލިއަކަށް އުނދޯލި ހުއްޓުމާއިއެކު ލައިބާ ލުބާއަށް ގޮވާލިއެވެ. ހަބަރެއްނުވުމުން ބޯހިއްލާލާފައި ފަހަތް ބަލާލިއެވެ. އޭރު ލުބާއެއްނެތެވެ. ހަމައެވަގުތު މައިދޮރުން ވަތް އަޒުރާގެ އަޑު ލައިބާގެ ކަންފަތުގައި ޖެހުނީ ހޮނުގުގުރިއެއް ހެންނެވެ. ވެގެން އުޅޭގޮތެއް ނޭގުނަސް ލައިބާއަށް ބިރުންތެޅިގަނެވުނެއެވެ.
"މިހިރަ ގޮތްކުޑަ ކުއްޖެއް މަށަށްލިބިފަ ހުރި، ހަމަ މިހާރު ތިއުނދޯލިން ފައިބާ" އަޒުރާ އަޑުހަރުކޮށް ބުނެލިއެވެ. އާދަވެގެން ޖޯޔަށް ނުކުމެ އިންނަ ހައްވަދައިތައަށް އެއަޑުއިވިގެން ތެދުވެގެން އައިއެވެ. އަޒުރާ އެކަމަށް ސަމާލުކަމެއް ނުދީ ލައިބާ އުނދޯލިން ފައިބަން ވާއިރަށް އަތުގެ ހިކަނދި މަސްގަނޑުގައި ހިފާ ދަމައިގަތްގަތީނުން އަނގަވަތަށް ބިންމައްޗަށް ވައްޓާލިއެވެ.
"މަގޭ ދަރި، އަޒުރާ...ކަލޭ މޮޔަވީތަ، ކުރާނެކަމެއް ނޭގިގެންތަ ތިއުޅެނީ، މިހާރު ދަރިންނަށް އަނިޔާވެސް ކުރަން ފެށީތަ...ހުއްޓާލާ ހުއްޓާލާ، އެއްގޮތަކަށްވެސް އެމަންޖެއަށް އަނިޔާކޮއްގެން ނުވާނެ، ތިކިޔާއެއްޗެއް އެމަންޖެގައިގަ އަތްނުލާ ކިޔިދާނެއެއްނު..." ހަބަރު ބަލަން އައި ހައްވަ ދައިތައަށްވެސް ހަޅޭލަވައިގަނެވިއްޖެއެވެ. ކަނޑިކި ހިއްލާލުމާއިއެކު ދުވަމުން ކަހަލަ ގޮތަކަށް އައިސް އަޒުރާމެންގޭ ތެރެއަށްވަދެ ވެއްޓިފައި އޮތް ލައިބާ ނެގިއެވެ.
"ކިޔާފަ ނުކިޔާނެ އެއްޗެއް ނޭގިގެން އޭނަ އެއުޅެނީ، މަގޭ ކައިރީ ފާޑު ފާޑުގެ ވާހަކަ ދައްކާފަ އެވަރުން ނުފިދިގެން އިސްކޫލުގެ ޓީޗަރުން ގާތުވެސް ފާޑު ފާޑުގެ ވާހަކަ ދައްކަނީއޭ، ލަދުން ބޯ ހަލާކުވާވަރުވޭ...ހިނގާ އެތެރެއަށް، ހައްވަ ދައިތަވެސް ރަނގަޅުވާނީ ދެން ގެއަށް ދިޔައްޔާ" އަޒުރާ އަނެއްކާވެސް ލައިބާގެ އަތުގައި ހިފާ ދަމަމުން ގޭތެރެއަށް ވަންނަން ދިޔައެވެ.
ހައްވަދައިތަ ކަންބޮޑުވުމާއިއެކު ދެފަރަތާތަށް ބޯހޫރުވާލާފައި ނުކުންނަން ހިނގައިގަތެވެ. އޭރު ލައިބާއަށް ރަނގަޅަށް ރޮވިއްޖެއެވެ. ގަދަކަމުން ދަމަމުން ލައިބާ ގެންދިޔައިރު ބަބުކެޔޮ ގަސްފަހަތުގައި ލުބާ ފިލާ ހުރިތަން ލައިބާއަށް ފެނުނެވެ. އެއްވެސް އިޙްތިޔާރަކާއި ނުލާ ލައިބާއަށް އެދިމާލަށް އަތްދިއްކޮއްލެވުނެވެ. އެއާއެކު ބަނބުކެޔޮ ގަހުން ވެއްޓުނު ބޮޑު ދެބަނބުކެޔޮ އައިގޮތަށް އައިސް ޖެހުނީ އަޒުރާގެ ކޮނޑުގައެވެ. ވީތަދުން އަޒުރާއަށް ކުއްލިއަކަށް ލައިބާގެ އަތުން ދޫކޮއްލެވުނެވެ. އެވަގުތު ލައިބާ ލުބާ ހުރި ދިމާލަށް ބަލާލިއެވެ. ލުބާގެ މޫނު މަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެއެވެ.
"މިވެސް ކަލޭގެ ކަންތައް، ތަދުވެސް ވެއްޖެޔޭ...އަދި އެބަ ބަލައެއްނު މަށާދިމާލަށް ވައްތަރަކަށް، ހިތުން މަށަށް ބޮނޑިއެއް ލިބުނީމަ ތިހުންނަނީ ވަރަށް އުފަލުންދޯ، ހުރެބަލަ، ކަލެއަށް ހަދާނެގޮތް މަށަށް އެނގެއޭ..." އަޒުރާ ގެއަށްވަދެ ދޮރުތައް ލެއްޕިއެވެ. އަދި ބަދިގެއަށް ނުކުންނަން އިން ފަޅީގެ ދޮރުވެސްލެއްޕިއެވެ. އެވަގުތު ދޮރު ބިއްދޮށުގައި އިން އިލޮށިފަތި ފެނުނެވެ. އަވަސް އަވަހަށް އިލޮށިފަތި އަތަށް ހެޔޮވަރުކޮއްލަމުން އެއައިގޮތަށް އައިސް ލައިބާގެ ގައިގާ ބޮނޑިއެއް އަޅައިފިއެވެ.
އިރުއޮއްސުނު ވަގުތަށް ގެއަށް އައިސް ވަތް ޔަޒާން ދިޔައީ ސިއްސައިގެންނެވެ. އަޒުރާ ހުއްޓާލުމެއްނެތި ލައިބާގެ ގައިގާ އިލޮށިފަތިން ތަޅަމުންދިޔައެވެ. އޭނަވެސް އަވަސް އަވަހަށް ގޭތެރެއަށްވަދެ ދޮރުލެއްޕީއެވެ.
"މަންމާ...ލައި ކީއްކޮއްގެން ތިހާވަރަކަށް ތި އަނިޔާކުރަނީ" ޔަޒާންވެސް އަޑަށް ބާރުލާފައި ބުނެލިއެވެ.
"އޭނަ ކުރެން އަހާބަލަ އޭނަ ކީއްތޯ ނުކުރަނީ، އަހަރެން މުޅި ރަށުގަ ފަލީހަތްކުރަން މި ސުންޕާ މިއުޅެނީ" އަޒުރާގެ ނޭވާވެސް ހުރީ ކުރުވާގޮތްވެފައެވެ.
ތަޅުންގަނޑުމަތީ ކުރުގެޅިލައިގެން ލައިބާ އޮތްއިރު އޭނަގެ ގައިގަ އެތަށް މިތަނުންވަނީ ފިތްނެގުމުގެ އިތުރުން އިލޮށިކޮޅުތައް ވަދެފައެވެ. އޭނަގެ ރުއިމާ ގިސްލުމުގެ އަޑު މުޅި ގޭގައި ހަރުލާފައި ހުއްޓެވެ. އަޒުރާ އިލޮށިފަތި ލައިބާ އާއި ދިމާލަށް އެއްލާލަމުން އުނގަނޑުގައި އަތްވިއްދާލިއެވެ. އޭނަވެސް ލައިބާ ގައިގަ ތަޅަތަޅާ ވަރުބަލިވީއެވެ. އިރުކޮޅަކު ލައިބާއަށް ބަލަން ހުރެފައި އަޒުރާ އޭނަގެ އަތުން ލައިބާގެ ހެނދުމުގައި ހިފައި ދަމައިގަތެވެ.
"މަންމާ، ޕްލީޒް...އަޅެ މަންމާ އެއްފަހަރެއް ކަމަށް ލައިއަށް މާފުކޮއްބަލަ، ދެން ދުވަހަކުވެސް އެކަހަލަ ވާހަކައެއް ނުދައްކާނަމޭ، މަންމާ ޕްލީޒް، ލައި އާދޭސްކޮއްފައޭ މިބުނަނީ، ޕްލީޒް، މަންމާ...ނޫން...ނޫން...މަންމާ، ލައިގެ ހެދުން އިރާނުލާ، މަންމާ ލައިއަތުގަ ނެތޭ ހެނދުމެއް، ޕްލީޒް މަންމާ ލައިއަށް މާފުކޮއްބަލަ، ދެން ދުވަހަކުވެސް އެކަހަލަ ވާހަކައެއް ނުދައްކާނަމޭ، ބަސްއަހާނަމޭ، މަންމަ ބުނިކަމެއް ކޮއްދޭނަން ލައި، ޕްލީޒް މަންމާ، ހާދަ ތަދުވެޔޭ ލައިއަށް، އެހެން ނަހަދަބަލަ" ރޮމުން ރޮމުން ލައިބާއަށް ރަނގަޅަށް ވާހަކަ ނުދެއްކުނެއްކަމަކު އަޒުރާގެ ކައިރީ އާދޭސް ކުރިއެވެ.
އަޒުރާ ލައިބާ ދައްކާ ވާހަކައެއް އަޑުއެހުމެއްނެތި ލައިބާގެ ހެދުން އިރާލަން އުޅުނެވެ. އެވަގުތު ޔަޒާން ލައިބާ އާއި އަޒުރާ އާއި ދޭތެރެއަށްވަނެވެ. އޭނަ އަޒުރާގެ ގައިގާ އޮޅުލައިގަތެވެ.
"ދެން ހެޔޮ މަންމާ، އޭނަ އެބުނަނީނު މިހާރު އޭނައަށް ވިސްނިއްޖެޔޭ... ދެން ހިނގާ ކޮޓަރިއަށް" ޔަޒާން އަޒުރާގެ ގައިގާ އޮޅުލައިގަނެގެން ހުރެ ބުންޏެވެ.
ފުންނޭވާތަކެއް ވަރުބަލި ކަމާއި ރުޅިވެރިކަމާއިއެކު ބޭރުކުރަމުން ދިޔަ އަޒުރާ މައިތިރިވިއެވެ. އަދި ޔަޒާންއަށް ބަލާލިއެވެ. އޭނަ ޔަޒާން ދުރުކޮއްލުމަށްފަހު އޭނަގެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ. ކޮޓަރިއާއި ހަމައަށް ދިޔައިރުވެސް ޔަޒާން ހުރީ ހަދާނެގޮތެއް ނޭގިފައެވެ. އެއްފަހަރު ލައިބާއަށް އަނެއްފަހަރު އަޒުރާއަށް ބަލާލެވެއެވެ. އެތަނުން އެހީވާންވީ ކާކަށްކަމެއް ނޭގުނެވެ.
"އަދިވެސް ކަލޭ ތިތާ ހުންނަނީތަ" އަޒުރާ އޭނަގެ ކޮޓަރި ދޮރުމަތީ ހުއްޓެއްމުން ޔަޒާންއަށް ބަލާލިއެވެ.
އަޒުރާގެ އަޑަށް ސިހިފައި ޔަޒާން އެދިމާލަށް ދިއުމަށް އަވަސްވެގަތެވެ. އޭރުވެސް ލައިބާގެ އަޑު ކަނޑައިގެން ނުދެއެވެ. ރޮއެ ރޮއެފައި ގައިގެ އެތަން މިތަނުގައި ފިރުމަނީއެވެ. އެހެނީ އެތަންތަނަށް ވާތަދުންނާއި ނަގާ ދިލައިންނެވެ. އަނެއްކޮޅުން ހިތްދަތިވެގެންގޮހެވެ. ކެތްކުރުން ނޫން ގޮތެއް މިއަދު އޭނައަކަށް ނެތްކަން އެނގުނެއެވެ. ޝަކުވާ ކުރުމުން ލިބޭނީ އިތުރު ވޭންތަކެކެވެ. ހަށިގަނޑުގައި ލާނީ އިތުރު ލަކުނުތަކެކެވެ. އެކަމަކު އެކަކަށްވެސް ނުފެންނަ ފާރުގަނޑެއް އެހިތުގައި އުފެދެމުން އެބަދެއެވެ. ދުވަހެއްގެ ކޮޅުންވެސް އެފާރުގަނޑު ހިކިއްޖެނަމަ ޔަގީނުންވެސް ނުފިލާނެ ވަރުގެ ލަކުނަކަށް އެވެގެންދާނެއެވެ.

ކޮމެންޓް 0