ލައިބާ އޭނަގެ ގާތުގައި އިން ޒުވާނާގެ އެދުމުގެ މަތިން ނަންހާމަކުރިއެވެ. ވާހަކަ ދައްކާލަން އިންނަން ލައިބާ ބޭނުންވިކަމުގައިވިޔަސް އަތިރިމައްޗަށް އަންނަމުންދިޔަ މީހުންގެ އަދަދު ގިނަވަމުންދިއުމާއިއެކު އޭނަ ބޭނުންވީ އެނބުރި ގެއަށްދާށެވެ. މަޑުމަޑުން އިންތަނުން ތެދުވަން އުޅެންފެށުމުން އެޒުވާނާ ލައިބާގެ އަތުގައި ހިފާލަމުން ތެދުވަން އެހީތެރިވެދިނެވެ. ލައިބާގެ މޫނު ލަދުން ރަތްވެގެންދިޔައެވެ. ރަކި ހިނިތުންވުމަކާއިއެކު ލައިބާ އަވަސް އަވަހަށް އަތްދުރަށްލަމުން ދަނީއޭ ބުނެ އެޒުވާނާއަށް ފުރަގަސްދިނެވެ. އެލަދުވެތިކަމުގެ ފަރުދާގައި ނިވާވެލީ އެޒުވާނާގެ ނަންވެސް އަހާލަން ނުކެރިއެވެ.
ލައިބާ އަތިރިމަތިންލާފައި ބޮޑުމަގަށް ނުކުތެވެ. މަޑުހިނގުމުގައި ދެފިކުރެއްގައި ހުރެ ގެއާއި ދިމާލަށް ދިޔައީ އަޒުރާގެ ރުޅި މަޑުވެފައިހުއްޓަސް އޭނަ ފެނުމުން އިހުއައިވަރަށްވުރެ އޭގެ ދެގުނަ ރުޅި އަޒުރާ އަންނާނެކަން އެނގިހުރެއެވެ. އެހެންނަމަވެސް ގެއަށް ނުގޮސް ދާނެ އެހެންތަނެއްވެސް ނެތެވެ. އަތިރިމައްޗާ ދިމާ އެއްފަރާތެއްގައި ހުރި ޖޯލިފަތީގައި އޮތް އަންހެން ކުއްޖާ ލައިބާއަށް ފެނުނީ އެހިސާބަށް އެރިތަނާހެންނެވެ. އޭނަ ލައިބާއަށް ވަރަށް ހިނިއައިސްފައި ބަލަން އޮތެވެ.
"ލުބާ....މިތާ ޖޯލީގަ ކީއްކުރަނީ، އަހަރެން ލުބާ ހޯދަން ބޭނުންވެފަ ހުއްޓަ މިދިމާވީ، މިއަދު ދާންވާނީ ލުބާ އުޅޭ ގެއެއް ބުނެފަ، އަހަންނަށް ބޮޑުކަމެއް ދިމާވެގެން ލުބާ ހޯދަން ދެވޭނީވެސް އޭރުންނު، މިހާރު މިޖެހެނީ ލުބާ އަންނަނާނެ އިރަކަށް އިންތިޒާރުކުރަން....." ލައިބާ އެއްނޭވާއިން އެތަށް އެއްޗެއް ބުނެލިއެވެ.
"އަޒުރާއަށް އެނގުނީދޯ" ލުބާ އޭރުވެސް ޖޯލީގައި އޮތްގޮތަށް އޮވެ ބުނެލިއެވެ. އަދި ނިތުގައި އަތް ބާއްވާލި ގޮތުން ހީވީ އޭނަ ކޮންމެވެސް ބޮޑު ފިކުރެއްގެ ތެރެއަށް ގެއްލުނުހެންނެވެ.
"ކިހިނެތް ލުބާއަށް އެނގުނީ އެކަން" ލައިބާ ހައިރާންވިއެވެ.
"އަހަންނަށް އަޒުރާގެ މޫނު ފެނުމުން އެނގިއްޖެޔޭ، ތިނޫނީ އޭނަގެ މޫނުމަތިން އެފަދަ ނުބައި އަސަރެއް ފާޅުވާނެ އެހެންކަމެއް މިދުނިޔެމައްޗަކު ހިޔެއްނުވޭ ފެންނާނެހެނެއް"
"އާން....މާ ބޮޑަށްވެސް އެނގިއްޖެ، އޭނައަށް އެނގިއްޖެ އަހަރެންގެ ބަނޑުގަ ކުއްޖެއް އެބައޮތްކަން، އޭނަ މިކުއްޖާ މަރާލާނެ، ނަދިމާ އަޒުރާ ބުނާ ކޮންމެ ކަމެއްވެސް ކޮއްފާނެ، އެމީހުން އަހަރެންގެ ބަނޑުގަ މިއޮތް ކުއްޖާ ދުނިޔެއަށް އަޔަކަނުދޭނެ، ދެން އަހަރެން ހަދާނީ ކިހިނެތްތައް، އިނގޭތަ، އަހަރެން މިއުޅެނީ މެންދުރުކަން ހާއިރު ގޭން ނުކުތްގޮތަށް، އަޒުރާ ހުރީ ވަރަށް ރުޅިއައިސްފަ، އެހެންވެ އަނިޔާކޮއްފާނެތީ އަވަސް އަވަހަށް އޭނަގެ އަތުގަ ނުޖެހި ބޭރަށް ނުކުތީ.....މިއައީ ތިއޮށްދިމާ އަތިރިމަތީ އިނދެއިނދެފަ...." ލައިބާ ލުބާއަށް ހުރިހާ ވާހަކައެއް އޮޅުންފިލުވާ ދިނެވެ.
"ލައިބާގެ ބަނޑުގައި ތިވާ ކުއްޖާ ސަލާމަތްކޮށް މިދުނިޔެއަށް އުފަންކުރަން ހަމަ ބޭނުންތަ؟ އެކަމަކު ދަރިއެއް ގެންގުޅުމަކީ ވަރަށް ބުރަ މަސްޢޫލިއްޔަތެއް، ލައި ކިހިނެތް ދަރިއެއް ބަލާނީ ތިހާލުގަ، ކާކު ދަރިފުޅަށް އަޅާލާނީ، އެއްޗެހި ހޯދަދޭނީ، އަޒުރާއަށް އެހަރަދު ކުރަން ޖެހިދާނެތީވެސް ލައިގެ ބަނޑުގަ ތިވާ ދަރިފުޅު އުފަންވިޔަކަ ނުދޭނެއެއްނު، ދެން ކީއްވެ ތިކުއްޖާ އުފަން ކުރަން ބޭނުންވަނީ؟ އެއީ ޔަޒާންގެ ލެޔޭ..." ލުބާ ވާހަކަދެއްކީ އެހެންޏާ ވާހަކަދައްކާ ރާގާއި ތަފާތުގޮތަކަށެވެ.
"ލުބާ، ތިހުރިހާ ސުވާލަށް ޖަވާބުދޭކަށް އަހަންނަކަށް ނޭގޭ، ޔަގީނުންވެސް އަހަރެން ދިރިހުރުމަށްލިބޭ އިތުރު ހިތްވަރެއްގެ ގޮތުގައި އެކުއްޖާވާނެ، އަހަރެންގެ އެކަނިވެރިކަން ފިލާނެ، މިހާރު އަދިއަމުދުން އަހަންނަކަށް ނުކެރޭނެ މިކުއްޖާ މަރާލާކަށް، އެއީ ދިރިދިރި ހުރި ފުރާނައެކޭ، އަހަންނަށް އެކުއްޖާގެ އިޙްސާސް ނުކުރެވޭ ދުވަހެއް މިހާރަކު ނުދޭ، އަބަދުވެސް އަހަރެންގެ އެންމެ ކައިރީގައި އަހަރެންގެ ހުރިހާ ކަމެއްގައި ބައިވެރިވާ ހަމައެކަނި ފަރާތަކީ އެއީ، މިކުއްޖާ އުފަންވެއްޖެނަމަ އަހަންނަށްވެސް ކޮންމެވެސް ގޮތެއް ފެންނާނެ، އެހެންނޫނީ އަހަރެން މީހަކާ އިނީމަ ނިމުނީނު" ލައިބާގެ ހާސްކަން ލުބާގެ ސަބަބުން އިތުރުވެގެންދިޔައެވެ.
"އަހަރެން ލައި ނުރުހޭފަދަ އެއްވެސް ކަމެއްނުކުރަން، އަހަންނަށް ވީވަރަކުން ލައިއަށް އެހީތެރިކަން ފޯރުކޮއްދެން، އަޒުރާ އާއި ޔަޒާންގެ އަނިޔާވެރިކަމުން ލައި ސަލާމަތްކުރަން އަހަރެންވެސް ބޭނުންވޭ، އަހަންނަށް އެނގޭ ލައިއަށް އެހީތެރިކަން ފޯރުކޮއްދެވެނީ އަބަދުވެސް އެކަމެއް ހިނގާފަހުންކަން، އެކަމަކު އަހަރެންވެސް ލައިއަށްޓަކައި ވަރަށް ބޮޑެތި ގުރުބާންތައް ވަމުންދާކަން ލައި ހަނދާންނައްތާ ނުލައްޗޭ، ބަނޑުގައި ތިވާ ކުއްޖާއަކީ ލައިގެ ދަރިއެއްކަމުގައި ގަބޫލުކުރާހާ ވަގުތަކު އަހަރެން ތިދަރިފުޅަށް އަޅާލާނަން، ލައިބޭނުންވަނީ ތިދަރިފުޅު މިދުނިޔެއަށް އުފަންކުރަންކަން އަހަންނަށް މިހާރު ޔަގީންވެއްޖެ، ތިކަންވެސް އިރާދަކުރެއްވިއްޔާ އަހަރެން ކޮއްދޭނަން، ލައި ބިރުނުގަނޭ، އެމީހުން ކޮންމެ ކަމެއްކުރިޔަސް މިފަހަރު ދަރިފުޅު ވައްޓާލާކަށް ނުކެރޭނެ، އަދި އެކުއްޖާ އޮތީ އަހަރެންގެ ބާރުގެ ދަށުގަ، މިފަހަރު އެމީހުންނަށްވުރެ ކުރީގަ އަހަރެން މިއުޅެނީ....ލައި، ހިނގާބަލަ އެއްކަލަ ރީތި މާތަށް ހުންނަތަނަށް، އިރުއޮއްސުނީމަ ގެއަށް ދާނީ، މިހާރު ދާނެކަމެއްނެތް، އެނަދީމާ މިހާރު ގޭގައި އުޅޭނެ" ދުރުން ބަޔަކު އަންނަތަން ފެނުމާއިއެކު ލުބާ ދައްކަމުންދިޔަ ވާހަކަ މެދުކަނޑާލާފައި ކުއްލިއަކަށް ދާން އުޅުނެވެ.
ލައިބާ ދެކޮޅު ހެދުމެއްނެތި ލުބާ އާއިއެކު ދިއުމަށް ހިނގައިގަތެވެ. ޖޯލިފަތީގެ ބިއްދޮށުން ގަސްތަކުގެތެރެއަށް ލުބާގެ އަތުގައި ހިފައިގެން ލައިބާ ދިޔައިރު އޭނަގެ ހިތުގައި އެއްވެސް ބިރުވެރިކަމެއްނުވެއެވެ. ވަށައިގެންވެރިވަމުންދިޔަ ހަމަހިމޭންކަމާއި ފެންނަމުންދިޔަ ބޮޑެތި ގަސްތަކުގެ ތެރެއިން ލުބާ އާއި ލައިބާ ވާހަކަދައްކާ އަޑުނޫނީ ނީވެއެވެ. ދޭތެރެއަކުން ކާޅެއް ނޫނީ ކޮވެއްޔެއް ގޮވާލާއަޑާއިއެކު ލައިބާ އެދިމާލަށް ބަލާލާނެއެވެ. ބޯގަސްތަކުގެ ތެރެއަށް ވަދެވުމާއިއެކު ލުބާ އަނެއްކާވެސް ކުރިންދައްކަމުންދިޔަ ވާހަކައާއި ގުޅުވާ ވާހަކަދައްކަން ފެށިއެވެ. ކުއްޖަކު ދުނިޔެއަށް އުފަންކުރެވޭނީ ވަރަށް ހިތްވަރު ހުރެގެން ކަމުގައި ލުބާ ކިޔާދެމުންދިޔައެވެ. އެވަގުތަކީ ދުވަހަކުވެސް ލައިބާ ކެތްތެރި ނުވާ ދަރަޖައަކަށް ކެތްތެރިވާންވާނެ ވަގުތެއްކަމުގައި ލުބާ ބުނަމުންދިޔައެވެ. އޭނަގެ މޫނުމަތިން ހާސްކަން ފެންނަމުންދިޔައެވެ. މައްޗަށް ހެދިފައިވާ ބޮޑު އަހިވަށްގަހެއްގެ ބުޑުގައި ލުބާ ލައިބާ އިށީނުމަށް އެހީތެރިވެދިނެވެ. އޭނަ ހުރިހާ ވާހަކައެއް ދައްކަމުންދިޔައިރުވެސް ލައިބާގެ އަތުން ދޫކޮއްނުލައެވެ.
"ލުބާ ހާސްނުވެބަލަ، ތިގޮތަށް އަހަންނަށް އެހީވާން ހުރެއްޖެނަމަ އަހަރެންގެ ހިތްތަވަރު ހުންނަކަން ލުބާއަށް ދައްކާލާނަން" ލައިބާ ލުބާގެ އަތްތިލާގައި ހިފާ ބާރުކޮއްލަމުންބުނެލިއެވެ.
"ލައިއަށް ކަމެއްވެއްޖެއްޔާ އަހަރެން ވަރަށް ދެރަވާނެ" ލުބާ އެއްއަތުން ލައިބާގެ ބޮލުގަ އާއި ކޯތާފަތުގައި ފިރުމާލިއެވެ.
"އޭ، މިކަމާހެދި އަދި އެއްކަމެއްގެ މަތިން ހަނދާންނެތިފައޭ މިހިރީ" ލައިބާ ހިނިތުންވެލަމުން އެދެމެދަށްވެރިވެފައިވާ ހާސްކަން ފިލުވާލަން މަސައްކަތް ކުރަމުން ބުނެލިއެވެ. އޭނަ ލުބާއަށް އަތިރިމަތިން ދިމާވި ކާކުކަން ނޭގޭ ޒުވާނާގެ ވާހަކަ ކިޔާދިނެވެ. ލުބާ ހިނިއައިސްފައި އެވާހަކަތައް އަޑުއަހަންއިނީ ވަރަށް ގަޔާވެލައިގެންނެވެ. ލައިބާގެ ވާހަކަ ހުރިގޮތުން އޭނަ އަދިވެސް އެޒުވާނާ އާއި ބައްދަލުވާން އެދޭކަން އެނގުނެވެ.
އިރުއޮއްސި ކަޅު އަނދިރިކަން ދުނިޔެމައްޗަށް ވެރިވެފައިވެއެވެ. ހަނދުގެ ބުރުފުރިހަމަވެފައި ބޮޑުކަމަށްދެއްކިއަސް ހަނދުގެ ރީތި ނަލަ ރިހިހަނދުވަރުގެ އައްޔެއްނެތެވެ. އޭގެބަދަލުގައި ހަނދުދައްކަނީ މަޑު އޮރެންޖުކުލައެއްގައެވެ. ލައިބާ ލުބާ އާއިއެކު މަޑުމަޑުން ފާރުކައިރިން ހިނގަމުންގޮސް ގެއަށްވަނެވެ. ދޮރުމަތީ ހުރެ ލުބާއަށް ބަލާލީ އެންމެ ފަހުފަހަރަށް ބަލާލާފަދަ ގޮތަކަށެވެ. ލުބާ ބަނބުކެޔޮ ގަސްދޮށުގައި އަނދިރީގައި މަޑުކޮއްލައިގެން ހުއްޓެވެ.
"ކޮންތާކަށް ގޮއްސަތިޔައީ، އަޒުރާ ހީވަނީ މުޅިގޭތެރޭގަ ހުޅުޖަހާފާނެހެން، އަހަރެން އެހީމެއްނު ކަލޭ ބަނޑުބޮޑުވީހޭ.....މޮޅުތަކެއް ވާނެކަމައްތަ އޭރު ނުބުނެ ހުރީ، ބަލަ އެއީ އަހަރެން ގަސްދުގަ ކުރިކަމެކޭ، ކަލެއަށް މީހަކާ އިނދެވުނައެއް ނުދޭނަން މަށަށްވެގެން، އިނަސް އެގެއަށްވެސް ދާނަން، ކަލެއަށް ޖެހޭނީ އަހަރެން ދިޔައީމަ އަހަރެންގެ ބޭނުންތައް ފުއްދަދޭން، އަޒުރާ މިވަގުތު ގޭގަ ނެތްކަން އެއީ ކަލޭގެ ނަސީބު، އެހެންނޫނީ އަނެއްކާވެސް މަށަށްކަންނޭގެ ޖެހޭނީ ކަލޭމެން ދެމީހުން ދުރުކުރަން، އާ އެހެންޏާ ކަލޭ މަރާލައިފިއްޔާ އަހަންނަށް މިހެނެއް ނޫޅެވޭނެވިއްޔަ، އެއަޒުރާ އާއިއެއްކޮށް އަހަރެން އުޅެނީ އޭނަ ރުއްސަންވެގެން، އެކަމަކު ކަލެއާއިއެއްކޮށް އަހަރެން އުޅެނީ، އަހަރެންގެ އަމިއްލަ ހިތްހަމަޖެހުމަށްޓަކައި....ހެ ހެ ހެ....އަނެއްކާވެސް ރޯން ތައްޔާރުވެގެން ހުރޭ" ބޮޑުއަށިމަތީ އޮތް ޔަޒާންއަށް ލައިބާ ފެނުމާއިއެކު އެއްކޮށް އެކިއެއްޗެހި ކިޔަންފެށިއެވެ. އަދި ދުރުގައި ނުވެސް ހުރެވުނެވެ. 
"ކިހާ ދެރަކަމެއް، މިހުރިހާ ކަމަކީވެސް ކަލޭގެ ކަންތައް، ހަނދާންކޮއްބަލަ، އަހަރުމެން ކުޑައިރު ކިހާ ލޯބިން އުޅުނީ، އަހަރެންގެ ދޮންބެއޭ ތީ، ކީއްވެތަ ތިހެން ތިއުޅެނީ، އަދިވެސް ރަނގަޅަށް އުޅެވިދާނެއޭ، ތިއުޅެވެނީ ގޯސްކޮށްކަން އެނގޭއިރު ކީއްވެތަ ރަނގަޅުވާން ހިތަށް ނާރަނީ، އަހަރެންގެ ކުށަކީ ކޮބާ، އަހަރެންގެ މުޅިދިރުއުޅުން ތިހަލާކުކޮއްލީ، އަހަރެން އަޒުރާ ކަހަލަ އަންހެނަކަށްވީމަތަ؟ އޭނަ ކުރާކަމެއް ކުރަން ބެހެއްޓިނަމަ، ތިކަމުގެ ސަބަބުން އޭނަ އަހަރެން ދެކެ އެހާ ފޫހިވެގެންވެސް އެއުޅެނީ، ޔަޒާން އާއި ހެދި އޭނަ އަހަންނަށް އެވަރަށް އަނިޔާކުރަނީ، ޔަޒާން އަހަންނާ ނުބެހި އަޒުރާ އާއިއެކު އުޅޭނެ ގޮތަކަށް އުޅުނަސް އަހަރެން އެއްވެސް ކަމަކާ ނުބެހި ހުރެދާނަމޭ..." ލައިބާގެ ވާހަކަތައް މެދުކަނޑާލީ ޔަޒާންއެވެ.
"މާރަނގަޅުވާން އަމިއްލައަށް އުޅޭނެ ކަމެއްނެތް، އަހަރެން މިބުނީނު އަހަރެން ހިތްހަމަޖެހޭތިއޭ ...އަދި އަމުދުން ދުވަހަކުވެސް ދުރަކަށް ނުދާނަން، ބަނޑުގަ ތިއޮށް ކުއްޖާ އަޒުރާ ވައްޓާލާނެއެއްނު، ހަމަ ވައްޓާލީ އަނެއްކާ އަނެއްކުއްޖާ ދޭނަން...." ޔަޒާން ގަދަކަމުން ލައިބާގެ ގައިގާ ހިފަހައްޓައިގަތެވެ.
"އޭ...."އަޒުރާގެ ބާރު ހަޅޭކުގެ އަޑުއިވުނެވެ. ދުވަހަކުވެސް އެހާބާރަށް އަޒުރާ ހަޅޭލަވައިގަތް އަޑެއް ޔަޒާންވެސް ލައިބާވެސް ނާހައެވެ. ދެމީހުންގެ މޭގަނޑު ފިނިވިއެވެ. ސިހިގެންދިޔައީ ލައިބާ އެކަންޏެއްނޫނެވެ. ޔަޒާންވެސް ކުއްލިއަކަށް ލައިބާ އާއި ދުރަށް ޖެހެމުން އަޑުއައި ދިމާލަށް ބަލާލިއެވެ. އަޑުއައި ގޭދޮރުމަތިންނެވެ.

ކޮމެންޓް 0