"ކީއްވެ ނުވާންވީ، ހަމަގައިމުވެސް އަހަރެން ލައި ދެކެ ލޯބިވަން" ލުބާ ހިނިއައިސްފައި ލައިބާގެ ގާތުގައި އިށިންނަމުން ބުނެލިއެވެ.
"އެކަން އަހަންނަށްވެސް އެނގޭ، އެކަމަކު، ހިތަށް އަރަނީ ލޯބި ލިބޭނޭފަދަ ކައިވެންޏެއް ދުވަހަކުވެސް އަހަންނަށް ކުރެވޭނެބާއޭ...އެފަދަ ޒުވާނަކު އަހަރެންފަދަ މީހަކަށް ލިބޭނެބާއޭ..." ލައިބާ ހިޔާލީ ދުނިޔެއަކަށް ގެއްލިފައި އިންގޮތަކަށް އިނދެ ބުނެލިއެވެ.
"ލައި ބޭނުންވަނީ ކައިވެންޏެއް ކުރަންތަ؟ ނޫނީ ލައިދެކެ ލޯބިވާނެ މީހެއްތަ؟ ކޮންއިރަކު އެފަދަ ޒުވާނަކަށް ލައި ކަޅިއަޅަން ފެށީ" ލުބާ ލައިބާ އާއި ސަމާސާކޮއްލިއެވެ.
"ކާކުތަ އެފަދަ މީހަކު އެމީހެއްގެ ހަޔާތުގައި ބޭނުންނުވާނީ، އަހަންނަށް އެނގޭ ލުބާވެސް ބޭނުންވާނެ ލުބާދެކެ ލޯބިވާނެ މީހަކު، ހަޔާތުގެ ބައިވެރިއެއް ކޮންމެވެސް ހިސާބަކުން ބޭނުންވާނެ، އަހަންނަށް އެފަދަ ކަމަކާ ވިސްނަން މަޖުބޫރުވަނީވެސް މިގޭގަ މިއުޅޭ މީހުންނާއި ހެދިގެން، މިހާރު އަބަދު ބޭނުންވަނީ މިގެއިން ނުކުމެގެންދާން، އެކަމަކު ދާނީވެސް ވަކި ކޮންތާކަށް، އެހެންވެ ހިތަށް އަރަނީ އަހަރެންނާ އިންނާނެ ރަނގަޅު ޒުވާނަކު ވާނެނަމައޭ، އަހަރެންނަށް އޯގާތެރިވެ ލޯބިވާ އަދި އަހަންނަށް ދިމާވާ ހުރިހާ ނުރައްކާތަކުން ސަލާމަތްކޮއްދޭނޭ ފިރިއެއްކަމުގައިވާނޭ ޒުވާނަކާއި ދިމާވާނެ ނަމައޭ... ހެ ހެ ހެ....އަހަރެންގެ މޮޔަކަންވެސް ދޯ" ލައިބާ ދައްކަމުންދިޔަ ވާހަކަ ކުރުކޮއްލަމުން އިންތަނުން ތެދުވެ ކުނިގޯނި ކައިރިއަށް ދިޔައީ ބަތްތަށީގައި ނުކެވިފައިހުރިބައި ކުނިގޯންޏަށް އަޅާލުމަށެވެ.
"ލައި މޮޔައެއްނޫނޭ، ކޮންމެ އަންހެންކުއްޖެއްވެސް ބޭނުންވާނެދޯ އެފަދަ ޒުވާނެއް، ކިހިނެތް އިނގެނީ އަދި އެފަދަ މީހަކާ ލައި އާއި ދިމާ ނުވާނެކަމެއް، ވަގުތާއި ހާލަތަކީ ވަރަށް މުހިއްމު އެއްޗެއް، ލައި އެފަދަ ގުޅުމަކަށް ތައްޔާރުވަންދެން ކަންނޭގެ އެފަދަ ޒުވާނަކާއި އަދި ދިމާނުވެގެން ތިއުޅެނީ، ދެން ހިއެއްނުވޭ މާގިނަ ދުވަހެއްވާނެހެނެއް، އެކަމަކު ސުވާލެއްކޮއްލާނަން، ލައި ތިބުނާފަދަ، އޯގާތެރި، ލޯބިވާ، އުމުރުދުވަހު އެކީގައި އުޅެންބޭނުންވާ، ލައިބާއަށް ނުބައި ޢަމަލުކުރާމީހުންގެ ފަރާތުން ރައްކާތެރިކޮއްދޭ މީހަކީ ހުތުރު ސިފައެއް ލިބިފައިވާ މީހެއްކަމުގައި ވެއްޖެނަމަ ދެން ހަދާނީ ކިހިނެތް؟" ލުބާ ލައިބާގެ ފަހަތުން ކަހަލަގޮތަކަށް ގޮސް ބަދިގެ ދޮރުކައިރީ މަޑުކޮއްލިއެވެ.
"ތިބުނީ، އެއްވެސް މީހަކީ ހުތުރުމީހަކަށް ނުވާނެއެއްނު" ލައިބާ ސިންކުގެ ކައިރީ ތަށިދޮންނަން ހުރެފަ ކުއްލިއަކަށް ބަލާލަމުން ބުނެލިއެވެ.
"ތެދެއް، އެއްވެސް މީހަކީ ހުތުރު މީހެއްނޫން، އެކަމަކު އޭނައަށް ގުދުރަތުން އެހެންމީހުން ބިރުގަންނަ ފަދަ ހުތުރު ސިފައެއް ލިބިފައިހުރެއްޖެނަމަ ދެން ލައި ހަދާނީ ކިހިނެތް؟" ލުބާގެ ސުވާލު އަނެއްކާވެސް ތަންކޮޅެއް ތަފްޞީލުކޮއްލިއެވެ.
"ދެން ނޭގެ، އެހެން މީހުން ބިރުގަންނަކަމުގައި ވަނީނަމަ، އަހަރެންވެސް ބިރުގަންނާނެ ދޯ، ނޫނީ ސިފަ ހުތުރުވިޔަސް ހެޔޮ، އަހަންނަކީވެސް މާރީތި މީހެއްނޫން، އޭނަގެ ނިޔަތް އަހަންނާއި ދޭތެރޭ ރަނގަޅުވުމީވެސް ހާދަ ބޮޑުވަރެކޭ، ލުބާއަށް އެކަން އެނގޭނެ، އަހަންނަކީ މިރަށުގައި މިއުޅޭ އެހެން އަންހެންކުދިން ފަދަ އަންހެން ކުއްޖެއް ނޫނެއްނު، އަހަރެންނަކީ އަބުރުވެރި އަންހެން ކުއްޖެއް ކަމަކަށް ނުވާނެ، އެދުވަހަކުން އެމީހަކު އަހަރެން ޤަބޫލު ކުރާނީ އަހަރެންގެ ހުރިހާ ހަގީގަތެއް އެނގިހުރެ، ޔަގީނުންވެސް އެމީހަކީ މާތްމީހެއްކަމުގައި އަހަންނަށްވާނެ ދޯ، އޭނަގެ ސިފަ ހުތުރުވި ކަމުގައިވިޔަސް އެދުވަހަކުން އަހަންނަށް ދުނިޔޭގެ ހުރިހާ އުފަލެއް ޙާޞިލްވިފަދަ....ލުބާއަށްވެސް އެފަދަ މީހަކު ލިބެން އަހަރެން އެދެން، ލުބާގެ ހަޔާތް ރަނގަޅުގޮތުގައި ހޭދަވެގެން ދިއުމަށް އަހަންނަށް އެދެވޭ، މިހާރު ހިތަށް އަރާ ލުބާ ގޭތެރެއަށް ނުވަންނަކަން ހަމަރަނގަޅޭ، އެހެންނޫންނަމަ އަޒުރާ އާއި ޔަޒާން ލުބާގެ ދުވަސްވެސް ދުއްވާލާނެ، އަހަރުމެން ދެމީހުންނަށް ބައްދަލު ނުވެވޭގޮތް ހަދާނެ، އަހަރެން ބޭނުމެއްނޫން ޔަޒާންއަށް ލުބާ ފެންނާކަށް، އޭރުން އޭނަ އަހަންނަށް ހަދާފަދަ ގޮތްގޮތް ލުބާއަށްވެސް ހަދާނެކަން ޔަގީން، އެއްވެސް ކުލުނެއް ހަމްދީރުވުމެއްނެތް ބައެއް އެއީ....ތީއަހަރެންގެ ކޮއްކޮ ކަމެއްވެސް ދައްތަކަމެއްވެސް ނޭގޭ، ކޮންމެ ގޮތެއްވިޔަސް ލިބިފައިތިވަނީ އަހަރެންގެ ސިފަ....އަހަރެން އެންމެ އަޖައިބުވަނީ އެހެންވެ، ލުބާގެ ނަމުން ގޮވަންޖެހެނީވެސް އެހެންވެ، ލުބާއަށް އެނގޭތަ، ލުބާ ނެތިއްޔާ އަހަރެން ވަރަށް އެކަނިވެރިވާނެ، ދުނިޔޭގައި ދިރިހުރުމުގެ ހުރިހާ އުއްމީދެއް ގެއްލިގެންދާނެ...." ލައިބާ ބަދިގެތެރޭގައި އެކިއެކި ކަންތައްތައް ކުރަމުން ވާހަކަދެއްކިއެވެ.
ލުބާކުއްލިއަކަށް ޔަޒާންއޭ ބުނިއަޑުއިވުނެވެ. އެއަޑަށް ލައިބާ ބަލާލިއިރު ލުބާއެއް ނެތެވެ. އޭނަ ދިޔައީއެވެ. ލައިބާވެސް ބެލީ ބަދިގެ ދޮރު ލައްޕާފައި ގޭތެރެއަށް ވަނުމަށް ދިއުމަށެވެ. އެކަމަކު ޔަޒާން އޭރު ގޭތެރެއިން ނުކުމެގެން އެދިމާލަށް އަންނަނީއެވެ. އޭނަ ލައިބާ ދިޔަކަ ނުދިނެވެ. ކާންހެދުމަށް ބުނަންފެށުމުން ލައިބާ އެނބުރި ބަދިގެއަށްވެނެވެ. އެވަގުތުކޮޅުވެސް އޭނަ ލައިބާއަށް އުނދަގޫ ކުރަން މަސައްކަތްކުރަމުންދިޔައެވެ.
"ކޮބާ ބަނޑުބޮޑުވީތަ؟" ޔަޒާން އެންމެންފަހުން މޭޒުކައިރީ އިށީންނަމުން ބުނެލިއެވެ.
"ކީކޭ..." ލައިބާއަށް ކަންބޮޑުވުމާއިއެކު އަހާލެވުނެވެ. އޭނައަށް ޔަޒާން އެހެން އެހުމުގެ ބޭނުމަކީ ކޮބާކަން އެނގެއެވެ. ޔަޒާންއަށް ލައިބާ މިހާރު އިންނާނީ ބަލިވެކަން ޔަގީންވަނީކަންވެސް ނޭގެއެވެ. އެކަމަކު ލައިބާ އެކަން އޭނައަށް ޔަގީންކޮއްދޭކަށް ބޭނުމެއްނުވެއެވެ. އަދި މީހުންނަށް އެނގޭވަރަކަށް އޭނަގެ ބަނޑުވެސް ބޮޑެއްނުވެއެވެ.

***

ލައިބާއޭނަގެ ހާލަތު ސިއްރުކުރަމުންގޮސް ބަނޑަށް ހަތަރުމަސްވެގެން ދިޔައިރު މަނިކުގެ މަރަށްވެސް އެހާދުވަސް ވެގެންދިޔައެވެ. ބަނޑުގައި ދިރޭ ފުރާނައެއްވާކަމުގެ ފުރުތަމަ އަސަރެއް ފާޅުވެގެންދިޔައީ ލައިބާ ފެންވަރަން ހުއްޓައެވެ. ބަނޑުގައިވާ ދަރިފުޅު ފުރަތަމަ ތޮޅެލުމާއިއެކުވެސް ލައިބާގެ މޭގަނޑު ފިނިވެގެންދިޔައެވެ. އަވަސްއަވަހަށް ބަނޑުގައި އަތްޖައްސާލެވުނެވެ. މިވަނީ ކިހިނެތްބާއޭ އަމިއްލަ ޒަމީރާ ސުވާލުކޮއްލެވުނެވެ. އަނެއްކާ ބަނޑުގައި ހަމަނުޖެހުމެއް އުޅެނީބާއޭ ލައިބާގެ ހިތަށްއެރިއެވެ. ދަރިފުޅުގެ ތޮޅެލުންވެސް ލައިބާއަށް ފާހަގަކުރަން ނޭގުނީއެވެ. ކަމެއް އޮޅުންފިލުވާލަން އަހާލަންވެސް ހުރީ ލުބާ އެކަނިވިއްޔާއެވެ.
އަވަސްވެފައިވާ ހިތަކާއިއެކު ގޭތެރޭގައި އެކިމަސައްކަތް ކުރުމުގައި މަސްޢޫލުވެ އުޅުނު ލައިބާއަށް ލުބާގެ އަޑުއިވުމާއިއެކު ދުވެފައިގޮސް އޮޅުލައިގަތެވެ. އަދި ލުބާގެ އަތްއޭނަގެ ބަނޑުގައި ޖެއްސީ ކަންބޮޑުވެފައި ހުރެއެވެ. ލައިބާ އޭނައަށް އަލަށް އިޙްސާސް ކުރެވުނު ކަންތަކުގެ ވާހަކަ ލުބާއަށް ކިޔާދިނެވެ. އޭނަ ލައިބާގެ ބަނޑުގައި ދެއަތްތިލަ ޖައްސާލައިގެން އިރުކޮޅަކު މަޑުކޮއްލިއެވެ. ލުބާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިގެންދިޔައެވެ. މިފަހަރު ލައިބާގެ ގެނެސް ކައިރިކޮއްލީ ލުބާއެވެ. ލައިބާގެ ޅަގޮތްއަދިވެސް ނުދެއެވެ. ލުބާ ލައިބާއަށް މާބަނޑު އަންހެނަކަށް ކުރިމަތިވާނެ އެކިއެކި ކަންތައްތައް ކިޔާދިނެވެ. އަދި ގިނަދުވަހެއް ނުވެ ބަނޑުމިހާރަށްވުރެވެސް ބޮޑުވާނެކަމުގައި ލުބާ ބުނެދިނެވެ. ލައިބާގެ ހިތަށް ހަމަޖެހުން ގެނުވިއެވެ. އެކަމަކު ބަނޑު ބޮޑުވަމުންދާއިރު އެބަނޑު ފޮރުވާނީ ކިހިނެތްކަމެއް އޭނައަކަށް ނޭގެއެވެ.
ރޭގަނޑުގެ ނިދިން މަޙުރޫމުވެފައި ލައިބާ އޮތެއްކަމަކު އޭނަގެ ބަނޑުގައި މީހަކު ކޮއްޓާލާފަދަ އިޙްސާސްއެއް ކުރެވޭކޮންމެ ފަހަރަކު އޭނަގެ ތުންފަތަށް ހިނިތުންވުމެއްވެރިކުރުވައެވެ. ބުނެދޭންނޭގޭ ގޮތްތަކެއް ހަށިގަނޑަށް ވެގެންދެއެވެ. އެހެންނަމަވެސް ޔަޒާންގެ މަތިން ހަނދާންވާ ކޮންމެ ފަހަރަކު ސިހިގެންދެއެވެ. ފަހަކަށް އައިސް އޭނަ ކުރާ އާދަޔާއި ހިލާފު ސުވާލުތަކުންވެސް ލައިބާއަށް ނުތަނަވަސްކަން ވެރިކުރުވައެވެ. ފުރަތަމަ ފަހަރަށް އޭނައަށް ބަނޑުގައި ދަރިއެއްވާކަމާއިމެދު ކުރިއަށްވުރެ ބޮޑަށް ވިސްނާލެވުނެވެ. އަދި ބަނޑުބޮޑު ވުމަކީ އެކަމާއި އަޅާނުލާ ދޫކޮއްލެވިދާނެ ކަމެއްނޫންކަންވެސް ލައިބާއަށް ވިސްނެންފެށިއެވެ.
ލައިބާ ކުރިއަށްވުރެވެސް ދުރު ދުރުން އުޅޭކަން އަޒުރާއަށް ދިޔައީ ފާހަގަ ކުރެވެމުންނެވެ. އޭނަ އެހެން އުޅެނީ މަނިކު އާއި ކައިވެނިކުރަން ނިންމީމަ ކަމުގައި އޭނަ ދެކުނެވެ. ޔަޒާން އާއި ލައިބާ އާއިމެދު އޮންނަ ގުޅުން އަޒުރާއަށް އެނގެއެވެ. އެހެންނަމަވެސް މިހާރު އޭނައަށް އެއީ ނުހުއްޓުވޭނެ ކަމެއްކަމުގައި އެނގިއްޖެއެވެ. އެހެނީ އެކަންކުރިއަށް ގެންދިއުން އެއީ ޔަޒާން އެދޭގޮތްކަމުގައި ވާތީއެވެ. އެކަމާ އަޒުރާ އަޅާނުލުމުން ޔާޒާންގެ ފަރާތުންވެސް އަޒުރާއަށްލިބޭ ސަމާލުކަން އިތުރުވެގެންދިޔައެވެ. މަނިކުގެ ފަރާތުން ލިބުނު ރުފިޔާތައް ހަރަދު ކުރުމުގައި އަޒުރާ އާއި ޔަޒާން އުޅެމުންދިޔައިރު އޭގެން އެންމެ ލާރިއެއްހާ ހިސާބުވެސް ލައިބާއަށް ހަރަދުނުކުރެއެވެ. އެމީހުން އެރުފިޔާތައް ސިއްރުކޮއްގެން އުޅޭކަމެއްވެސް ލައިބާއަކަށް ނޭގެއެވެ. އާހެދުން ތަކާއި މޯބައިލް ފޯނުގެންގުޅުމާއި ރީތިހާ ފައިވާނަށް އެރުމަކީ ލައިބާގެ ނަޒަރުގައި އަޒުރާގެ އާމު ދިރިއުޅުމެވެ. އެކަންތައްތަކާއި ސަމާލުކަމެއް ދިނުމަކުން ލައިބާއަށް ކުރާނެ ފައިދާއެއް ނޯންނާނެއެވެ. ގޭގައި ފާޑުފާޑުގެ ޕާރުސަތައް ގެނެސްގެން ކައިހަދާއިރުވެސް ލައިބާއަކީ ގޭގައި އުޅޭ މީހެއްނޫނެވެ. އޭނައަށް އޮތްތަނަކީ ބަދިގެއެވެ. ކާންބޭނުންނަމަ އަމިއްލައަށް ކައްކައިގެން ކާންވީއެވެ. އެކަމަށް މަނާ ނުކުރާކަންވެސް އެއީ ނަސީބެކެވެ. ލައިބާ އެގޭގައި ބަހައްޓާފައިވެސް އެހުންނަނީ މީހުން ކިޔާނެ އެއްޗަކާއިމެދު އަޒުރާ ގަންނަ ބިރަކުންކަން ލައިބާއަށް އެނގެއެވެ.
ކައްކަން ދަސްކުރުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނު ހައްވަދައިތައަށް ލައިބާ ޝުކުރުވެރިވެއެވެ. ޅައިރުގައި ހައްވަދައިތަ ވާހަކަދައްކިއަސް ގޮވާލިއަސް އަނގައިން ނުބުނާ ލައިބާ ބޮޑުވަމުން އައީ މުޅިން ތަފާތުކޮށެވެ. މިހާރު އޭނަ ހައްވަދައިތަ އާއި ވާހަކަދެއްކުމުގައި އެއްވެސް ޖެހިލުމެއްނުވެއެވެ. މިއަދާއި ހަމައަށް އައިއިރު ލައިބާގެ ބައްޕައަކީ ކާކުކަން އޮޅުން ފިލުވާދިނީ ހައްވަދައިތައެވެ. ހައްވަދައިތަގެ ވާހަކައިން ލައިބާއަށް ލިބިފައިއެވަނީ އޭނަގެ ބައްޕަގެ ސިފައެވެ. ލައިބާގެ ބައްޕައަކީ ރާއްޖޭ މީހެއްނޫނޭ ބުންޏެވެ. ދިގު އިސްކޮޅެއް ލިބިފައިވާ ދޮން ބޮޑުމީހެކެވެ. ލޮލުގެ ކަޅީގެ ކުލަ ތަފާތުވެފައި ރަންކުލައަކަށްދާ އިސްތަށިގަނޑެއް ލިބިފައިވާކަމުގައިވެސް ހައްވަދައިތަ ބުންޏެވެ. އެދުވަހު ލައިބާ ހިތަށްއެރިއެވެ. އޭނަގެ ބައްޕައަށް ރާއްޖޭގައި އޭނަގެ ދަރިއަކު ހުރިކަން އެނގޭބާއެވެ. ލައިބާއަށް އެކަން އެނގުމުން ވަކި އުފަލެއްނުވެއެވެ. އެހެނީ އޭނައަކީ ބައްޕަނެތް ކުއްޖެއްގެ ގޮތުގައި ރަށު އެންމެނަށްވެސް އެނގޭކަމެވެ.
ލައިބާގެ ނަސީބުގައި އޭނައަށް އޯގާތެރިވާނޭ ފަރާތެއް ލިބުންނެތީކަންނޭގެއެވެ. މަސްދުވަސްފަހުން ހައްވަދައިތައަށް ކުއްލި ގޮތަކަށް ފުރަންޖެހުނީ ހުސޭނުބެ ދަނޑުގައި އުޅެނިކޮށް ރުކަކުން ވެއްޓުނު ކާޓަކުން ޖެހި ކޮނޑުހުޅަށް ލިބުނު ގެއްލުމަކާއިއެކީ ދިވެހިބޭސް ކުރަންށެވެ. ހުސޭނުބެ އެއްގޮތަކަށްވެސް ޑޮކްޓަރު ބޭސް ކުރާކަހަލަ ހިޔާލެއް ނުކުރެއެވެ. އެހެންވެ ނޫނު އަތޮޅަށް ފުރަން ހައްވަދައިތައަށް މަޖުބޫރުވީއެވެ. ލައިބާއަށް އެންމެ ފަހުން ހައްވަދައިތަ ފެނުނީ އެދުވަހު މެންދުރު ފަހުއެވެ. އެމީހުންގެ ދޮށީ ދަރިފުޅާ އާއިލާއާއިއެކު ފޮށިތަންމަތި ހިފައިގެން ނުކުންނަނިކޮށެވެ. ދެން ބަދިގޭގައި އުޅޭއިރު ލައިބާއަށް ގޮވާލާނެ މީހަކުވެސް ނުހުންނާނެއެވެ.
މެންދުރުގެ ކެއުމަށް ހޮސްޕިޓަލުގައި އުޅެފައި ނަދީމާ އަޒުރާގެ ގެއަށް އައިވަގުތެވެ. އޭރު ލައިބާ އަތްމަތި އަވަސްކޮއްލާފައި ކާމޭޒުމަތި ތައްޔާރު ކުރުމަށް ބަދިގޭގައި އުޅެއެވެ. ދޭތެރެއަކުން ބުރުގާގެ ކަންގަނޑު ހިއްލާލަމުން މޫނުމަތިން ވިދަމުންދާ ދާތިކިތައް ފޮހެލައެވެ. ބަދިގޭ ތެރޭގައި ފުނޑިހަވާދުގަނޑުގެ މީރުވަސް ހަރުލާފައި ހުއްޓެވެ. މިހާރު ލައިބާގެ ބަނޑަށް ހަމަސްވީއިރުވެސް އޭނަގެ ބަނޑުގައިވާ ދަރިފުޅު ތޮޅެލުންފިޔަވާ އިތުރު އެއްވެސް ވަރެއްގެ އުނދަގުލެއް ނުވެއެވެ. އެހެންނަމަވެސް ކުރިން ފުނޑަން އިންނަގޮތަށް ދާކައިރީ ނީނުމަށް ލުބާވަނީ އެދިފައެވެ. އަދި ލައިބާއަށް ފުނޑަން ޖެހިދާނެކަމަށް ފުނޑާދައި ފެންތާންގީ ކައިރީ ތަންކޮޅެއް އުސްކޮށް ރާނާފައި އިން ގާފޮޅުމަތީ ބައިންދާދިނެވެ. އެހެންވެ އެކަންވެސް ނުހަނު ފަސޭހަވެގެން ހިނގައްޖެއެވެ. ހުރިހާ ކަމަކަށް އޭނައަށް ލުބާ ފުދެއެވެ. ގައިގާ ބާރު ހުރެއެވެ. ޑޮކްޓަރަކަށްފުދެއެވެ. އެކުވެރިއެކެވެ. ލައިބާ ދެކޭގޮތުގައި އޭނައަށް ލިބިފައިވާ ހަމައެކަނި އާއިލާއަކީވެސް އެއީއެވެ. ލުބާއެވެ.
އަޒުރާ އާއިއެކު ނަދީމާ އަންނަންވާއިރަށް ލައިބާ ބަދިގެ ފަރާތުން ނުކުތެވެ. އަދި މެށިނުގައި ފެންލެވިފައި ހުރި އެއްޗެހި ބާލިދީއަށް އަޅައިގެން އޭނަ ނުކުތީ ރޯނުތަކުގައި އެއެއްޗެހި ހިއްކަން އެޅުމަށެވެ.
"މްމްމްމް....ހާދަ މީރުވަހެކޭ މިދުވަނީ، ލައިބާ މިހާރު ހާދަ މޮޅޭދޯ ކައްކަން" ނަދީމާ ބަދިގެ ތެރެއަށް ވަންނަމުން އަޒުރާއަށް ބުނެލިއެވެ. އެއަޑު ރޯނުތައްކައިރީ އައިސް ހުއްޓިލި ލައިބާއަށް އިވުނެވެ. އޭނަގެ ތުންފަތަށް ފަނޑު ހިނިތުންވުމެއްވެރިވެގެންދިޔައެވެ. އެކަމަކު އެހިނިތުންވުމުގައި ލާނެތްކަމެއްވެސް އެކުލެވިފައިވިއެވެ.

ކޮމެންޓް 0