ޔަޒާން އާއި ލައިބާ ދޮރުމައްޗަށް އިރުކޮޅަކު ބަލަހައްޓައިގެން ތިއްބެވެ. އެކަމަކު އަޒުރާއެއް ނުވަނެވެ. ލައިބާ އަށްވެސް ޔަޒާންއަށްވެސް އެކަކު އަނެކަކާއި ދިމާލަށް ބަލާލެވުނެވެ. ދެމީހުންނަށްވެސް އިވުނީ އަޒުރާގެ އަޑުކަމާއި އަޑުއައީ ދޮރުމަތިންކަން ޔަގީންވެއެވެ. ޔަޒާން ޓީވީގެ ރިމޯޓު ހިފައިގެން އަނެއްކާވެސް އެރީ ބޮޑުއަށިމައްޗަށެވެ. ލައިބާވެސް މަޑުމަޑުންގޮސް ބޮޑުއަށީގެ އެއްފަރާތުގައި އަރާ އިށީނެވެ.
ހަމަހިމޭންކަން ވެރިވެފައި އޮންނަތާ ގަޑިއެއްހާއިރުފަހުން އަޒުރާ އައިސް ގެއަށްވަނެވެ. އަޒުރާ ފެނިފައި ލައިބާގެ ހަތަރެސްފައި ގަނޑުވިއެވެ. އޭނަގެ ފަހަތުން ނަދީމާވަތްކަމީ ހަމަ ނަސީބޭ ލައިބާގެ ހިތަށް އެރިއެވެ.
"ކަލޭ އާދެބަލަ، މިހެން ބުނީމަ އަނެއްފަހަރު ދުވެ ފިލާނީކީ ނޫން" އަޒުރާ ރުންކުރުގޮތަކަށް ލައިބާއަށް ގޮވާލަމުން ލައިބާގެ ކޮޓަރިއަށްވަނެވެ. ނަދީމާވެސް އަޒުރާގެ ފަހަތުން ވަނެވެ. ލައިބާއަށް އިންތަނުން ގުޑިލެވުނީ ދެތިންމިނެޓު ފަހުންނެވެ. އޭނަވެސް ކުދިފިޔަވަޅުތަކެއް އަޅަމުން ގޮސް ކޮޓަރިއަށްވަނެވެ. އޭނަގެ ފަހަތުން އަވަސް އަވަހަށް ޔަޒާން އެކޮޓަރިއަށްވަނެވެ.
"ކަލޭ އަދި މިތަނަށް ވަންނާކަށް ނުބުނަމެއްނު، ދޭ ދޭ، މިތަނުން ނުކުމެ ބޭރުގަ އެހަށް މަޑުކުރޭ" އަޒުރާ ލައިބާގެ ފަހަތުން ވަތް ޔަޒާންއަށް ބުނެލިއެވެ.
"ނުބުންޏަސް އަހަރެން ނިދާތަނަށް އަހަންނަށް ވަދެވިދާނެއެއްނު" ޔަޒާން އަޒުރާއަށް ދޫނުކުރާ ފަދަ ގޮތަކަށް ބުނެލިއެވެ.
"މައްސަލައެއްނެތޭ، އަހަރެން ބުނަންދެން މިކޮޓަރިން ބޭރުގަ މަޑުކުރޭ" އަޒުރާ އައިސް ޔަޒާންގެ ކޮނޑުގައި އަތްއަޅާ މަޑުމަޑުން ކޮއްޕާލަމުން ބުނެލިއެވެ.
"ލައިބާއަކީ މިހާރު ކުޑަކުއްޖެއްނޫން، އެހެންވީމަ މިހާރު އެނގޭނެ ކަންނޭގެ މިއުޅެނީ ކީއްކުރަންކަންވެސް" ނަދީމާ ލައިބާގެ އެނދުގެ އެއްފަރާތުގައި އިށީނދެއިނދެ އޭނަގެ ދަބަސް ހުޅުވާލަމުން ބުނެލިއެވެ.
"ނަދީ، އޭނައަށް ކޮންމެހެން ކިޔާދިނުން މުހިއްމެއްނޫން، ހުރިހާ ކަމެއް އެނގިހުރެގެން މިހިސާބަށް އޭނަ އެއައީ، އަހަންނަށް އޭނަގެ ބަނޑުވަނީ ފެނިފަ، ނަދީވެސް އޭނަގެ ބަނޑު ބަލާލަބަލަ، އޭރުން އެނގޭނެ، ދެމަސް ތިންމަހުގެ ބަނޑެއްނޫން އެއީ، އެކަމަކު މިފަހަރު އަހަރެން ބޭނުމެއްނޫން އޭނަ ކައިރީ އެއްވެސް ސުވާލެއް ކުރާކަށް، ބުނަން ނަދީ، އަހަރެން ބޭނުންވާގޮތަށް މިފަހަރު ކަންތައްކޮއްދޭން ޖެހޭނީ، މިބުނީ ގެނައި އިންޖެކްޝަން ޖަހާށޭ މިހާރު، އެހެންނޫނީ އެނބަޑެއް ނުހިދޭނެ" އަޒުރާ ރުޅިއައިސް ރަތްވެފައި ހުރެ ބުނަމުންދިޔައެވެ. ބައެއްފަހަރު އޭނަ ގާތަށް އައިސްފައި ހުރި ރުޅިގަނޑު ކޮންޓްރޯލް ކުރާހެންވެސް ހީވެއެވެ. ލައިބާގެ ގަޔަށް އަތްއިސް ކުރެވިދާނެތީއެވެ. އަޒުރާއަށް ހަމައަށް ދެބަސް ބުނެވޭއިރަށް ރުޅިއާއިގެން ދަތްކުނޑިވިކާލެވެއެވެ.
"މިވަރުވާއިރު ކިތަށްމަސްކަން މިހާރު ލައިބާއަށްވެސް އެނގޭނެ، އަޅެ ބުނެބަލަ، މިހާރު ކިތަށްމަސްވެއްޖެ؟" ނަދީމާ އޭނަ ހިފައިގެން އައި ސާމާނުތައް ތައްޔާރުކުރަމުން އަހާލިއެވެ.
"މީ އަހަރެން ބޭނުންވެގެން ވާކަމެއްނޫނޭ، އަޒުރާއަށް ހަމަރަގަނޅަށް އެނގޭނެ އެކަން، ދެން މިހާރު އަހަރެން ބަނޑުބޮޑުވީމަ ކީއްކުރަން އަހަރެންގެ ބަނޑުގަ އޮތް ކުއްޖާ މަރާލަންވީ، އަހަރެންގެ ދަރިފުޅަކަށް މިކުއްޖާވާނީ، އޭނަ މަރާލާކަށް އަހަރެން ބޭނުމެއްނޫން، އަހަރެން ބޭނުންވަނީ މިކުއްޖާ ދުނިޔަށް އުފަންކުރަން....މިކުއްޖާ މަރާލިޔަސް އަހަރެން އަނެއްކާވެސް ބަނޑުބޮޑުވާނެ، ދެންވެސް އަހަރެންގެ ބަނޑުގަ އޮންނަ ކުއްޖާ މަރާލާނީތަ، އާނ....ޔަގީން މަރާލާނެކަން، މިހިރަ އަޒުރާގެ ލަގޮނޑިއަށް ކެތްވެސް ނުވާނެ އަހަރެންގެ ބަނޑުގައި އޮންނަ ފުރާނަ ނުގެންގޮސް، ނަދީމާ ހުރޭ އޭނަ ބުނިހާކަމެއް ކުރަން، މީ އޭނަ އާއި ހެދިވާގޮތެއް.....ކަލެއާއި ހެދި އަހަރެން ބަނޑުބޮޑުވީ" ލައިބާއަށް ރޮވުނުއިރު އަޒުރާދެކެ ރުޅިވެސް އާދެވިއްޖެއެވެ. އަޒުރާ އާއި ދިމާލަށް ބުނެލިބަހުގެ ޖަވާބު ހޫނުކަމާއިއެކު އައިސް އެރީ ލައިބާގެ ކޯތާފަތްމައްޗަށެވެ.
"އަޒޫ، އަހަރެން ބުނަމެއްނު އަނިޔާ ނުކުރާށޭ" އަޒުރާ ކުއްލިއަކަށް ލައިބާގެ މޫނުގައި ޖެހުމުން ނަދީމާއަށް ބުނެލެވުނެވެ.
"އަހަރެން މިހިރަގެން ފަޅައިގެންދަނީ، ނަދީ އަވަސްކުރޭ، އަވަހަށް ތިއެއްޗެއް އޭނަގެ ގަޔަށް ޖަހަންއުޅޭ، މިކަންތައް ނިންމާލަން އުޅޭ، އެހެންނޫނީ އަހަރެން އަމިއްލައަށް އޭނަގެ ގަޔަށް ތިއިންޖެކްޝަން ޖަހާލެވިދާނެ، އަހަރެން އެހާވެސް ރުޅިގަދަވެދަ މިހިރީ، އަމިއްލައަށް ގޮތްގޮތަށް އުޅެއުޅެފަ އެހެންމީހުންގެ ބޮލުގައި އެބަދުނާމު އަޅުވަން، ކިހާރީތި، މިއަދު މެންދުރުން ފެށިގެން އިރުއޮއްސެންދެންވެސް އުޅުނީ ކޮންތާކުކަމެއްވެސް މީހަކަށް އެނގެނީކީ ނޫން" އަޒުރާ ކޮޓަރިތެރޭ ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. 
ގިނައިރުތަކެއްނުވެ ނަދީމާ ލައިބާ އެނދުގައި ބާއްވަން އުޅުނެވެ. އެކަމަކު ލައިބާ އޮށޯންނާކަށް ބޭނުމެއްނުވިއެވެ. އޭނަ އޭރުވެސް ބުނަމުންދިޔައީ ބަނޑުގައިވާ ދަރިފުޅު ބޭނުންކަމުގައެވެ. ނަދިމާގެ ނަމުން ގޮވާ އާދޭސްކުރަމުންދިޔައެވެ. ދަރިފުޅު މަރާނުލާށޭ ކިޔަމުންނެވެ. ނަދީމާ އަޒުރާއަށް ބަލާލިއެވެ. އަޒުރާ ކޮޓަރިން ބޭރަށް ބޯދިއްކޮއްލާފައި ޔަޒާންއަށް ގޮވިއެވެ. އަޒުރާ ޔަޒާންއަށް އެންގީ ލައިބާ އެއްއަރިއަށް ވާގޮތަށް ބޭވުމަށްފަހު އޭނަގެ ދެފައިގައި ހިފެހެއްޓުމަށެވެ. އަދި ލައިބާގެ ދެއަތުގައި އޭނަ ހިފަހައްޓާނޭކަމުގައެވެ. ޔަޒާންއަށް ލައިބާ އެނދުމައްޗަށް ވައްޓާލުން އުނދަގޫކަމަކަށް ނުވިއެވެ. އަޒުރާ ބޭނުންވާގޮތަށް އޭނަ ލައިބާ ހިފަހައްޓާލިއެވެ. ގޭތެރޭގައި ލައިބާގެ ރުއިމުގެ އަޑުގަދަވެގެންދިޔައެވެ. ހަމައެވަގުތު ގޭތެރެއިން ފިރިހެނެއްގެ ބާރު ހަޅޭކުގެ އަޑެއް ގުގުމައިގެން ދިޔައެވެ. ކޮންމެ މީހެއްގެ ބިރޭކިޔާ ހިއްސުހޭލައްވާލާފަދަ ވަރުގަދަ ބާރުއަޑެކެވެ. ޔަޒާން އާއި ނަދީމާ އާއި އަޒުރާއަށް އެއްފަހަރާ ވަށައިގެން ހޯދާލެވުނެވެ. އެހެނީ އެއަޑު އައި ކޮންދިމާލަކުންކަން ޔަގީން ކުރާކަށް އެކަކަށްވެސް ނޭގުނުކަމެވެ. އެއަޑުއިވުނެއްކަމަކު ލައިބާގެ ރުއިމެއްނުހުއްޓުނެވެ. އޭނައަށް އެއަޑު ނީވޭފަދައެވެ. އަޒުރާ ނަދީމާއަށް ގޮވާލަމުން އަވަސް ކުރާށޭ ބުނެލިއެވެ. އެހެންނަމަވެސް ނަދީމާގެ ހިޔާލު ބަދަލުވާން އުޅުނުހެން ހީވުމުން އަޒުރާ އޭނަގެ އަތުން އިންޖެކްޝަން އަތުލާފައި އޭނަ އަމިއްލައަށް ޖަހަންއުޅުނެވެ. އަޒުރާއަށް ޖަހަން ނޭގޭނެތީއާއިއެކު ނަދީމާ އަލުން އިންޖެކްޝަން އަތުލުމަށްފަހު ލައިބާގެ ގަޔަށް ޖެހިއެވެ. ލައިބާގެ ރުއިމުގެ އަޑު އަދިވަކިން ގަދަވިއެވެ. އަދި އެވަގުތު ތެޅިގަންނަން މަސައްކަތްކުރަމުން ދިޔައެވެ.
"މަންމާ...." ލައިބާއަށް ގޮވާލެވުނެވެ. ކީއްވެކަމެއްނޭގެއެވެ. މައިވަންތަކަމުގެ ހިތެއްވާނަމަ އެހިތަށް އަސަރުކުރާނެއޭ ހީކުރެވުނީކަންނޭގެއެވެ. އެއަތުން އޯގާތެރިކަމުންފުރިގެންވި ހިމާޔަތްތެރިކަން ލިބިދާނެއޭ ހީކުރެވުނީކަންނޭގެއެވެ. އެކަމަކު އެއަޑު އިވޭހިސާބުގައި މައިވަންތަކަމުގެ ލޯތްބާއި އޯގާތެރިކަމުން ފުރިގެންވި ހިތެއްލިބިފައިވާ ފަރާތެއް ނެތެވެ.
ކުއްލިއަކަށް ހީވީ ބޮޑުތިކީގެ ވާރޭ ފުރާޅުމައްޗަށް އޮއްސާލިހެނެވެ. އެކަމަކު ވާރޭގެ ތިއްކަކަށްވުރެ ފުރާޅުގައި ޖެހޭއިރު ކިޔާ އަޑުގަދައެވެ. ޓިނު ފުރާޅުވެސް ދޭތެރެއަކުން ހެލިލާހެން ހީވެއެވެ. އެރޭ އެގެއަށް ނަދީމާ ނޫން އެކަކަށްވެސް އާދެވޭގޮތެއް ދިމައެއްނުވިއެވެ. ނަދީމާވެސް ކުރިން އެގެއަށް އައިސް އިނީތީ އިނދެވުނީއެވެ. އަޒުރާ ޔަޒާން ފޮނުވީ ވާރޭވެހޭތީ އެތެރެގޭ ދޮރުލެއްޕުމަށެވެ. އޭނަ ބޭރަށްނުކުމެވެން އިންދޮރާދިމާލަށް ދިޔައިރު ވާރޭ ވެހޭހެނެއްހިޔެއްނުވެއެވެ. ޔަގީންކޮއްލުމަށް ދޮރުކަނީގައި ހިފާ ބޭރަށް ބޯދިއްކޮއްލަން އުޅުނުވަގުތު ގޯތިތެރޭގެ ހުސްތަނުގައި ސީދާ މެދަށްވާގޮތައް މީހަކު ހުރިހެން ޔަޒާންއަށް ހީވިއެވެ. އޭނަ ސިހުނީ އެމީހާއެއްކޮށް ކަޅުއަނދިރިގަނޑެއްފަދައިން ހުރުމުންނެވެ. އަވަސް އަވަހަށް ދޮރުލައްޕާފައި ބަދިގެ ފަރާތުދޮރު ލައްޕަން ދިޔައެވެ. ދޮރުލައްޕަ ލައްޕާ ހުއްޓަ ބޮޑުކަޅު ހިޔަންޏެއް ބަދިގެފަރާތުން ހުރަސްކަނޑާލިހެން ހީވިއެވެ. އަދި ހަމައެއާއިއެކު ކުންނާރުގަހާ ދިމާލުން ބޮޑުއަލިގުޅައެއް ފެނުނެވެ. އޭތި އިނީ ބިމުގަނުޖެހި ގަހުން މައްޗަށްވެސް ނާރައެވެ. ކުއްލިއަކަށް ހީވީ ޔަޒާންގެ ކައިރީގައި ހުރެފައި މީހަކު ބާރު އަޑަކުން ހަޅޭލަވައިގަތް ހެންނެވެ. ޔަޒާންއަށްވެސް ބިރުންގޮސް ހަޅޭލަވައިގަނެވުނެވެ. އެއަޑަށް އަޒުރާ ނުކުތްއިރު ދޮރުލައްޕަން ދޮރުގައި ހިފާލި ޔަޒާން ގަނޑުފައިހުރިގޮތަށް ހުރެ ހަޅޭލަވަނީއެވެ. އަޒުރާ އައިސް ޔަޒާންގެ ގައިގާ އަތްލުމާއިއެކު ވަކިން ބާރަށް ހަޅޭލަވައިގަތީ ސިހުނުވަރުންނެވެ. ޔަޒާން އަޒުރާގެ އަތް ދުރަށްކޮއްޕާލިފަހުން ހަމަހޭވެރިކަންވެގެން ހަޅޭލެވުންހުއްޓާލިއެވެ. އަޒުރާ ކަންވީގޮތެއް އޮޅުންފިލުވަން އުޅުނެވެ. އޭނަ ދޮރުތައްލެއްޕުމަށްފަހު ޔަޒާން ގޮވައިގެން ލައިބާއޮތް ކޮޓަރިއަށްވަނެވެ.
"އެހެންވެއޭ އަހަރެން ބުނަނީ މީ ބޮޑު ސުންޕާއެކޭ، އަހަރުމެންނަށް މިއިވޭ ބިރުވެރި އަޑުތަކަކީ މިސުންޕާ އާއި ގުޅިފަހުރި ކަންތައްތައްކަން ޔަގީން، ހިތަށް އަރާ އަމިއްލައަށް ދަންޖެހިގެންވިޔަސް، ނޫނީ ޒަހަރެއް ބޮއެގެންވިޔަސް މީތި މަރުވާނެނަމައޭ، އޭރުން އަހަރުމެންގެ ބޮލުގަ އެއްވެސް ކަމެއް ނޭޅޭނެއެއްނު" އަޒުރާ ޔަޒާން ގޮވައިގެން އޭނަގެ އެނދުގައި އިށިންނަމުން ބުނެލިއެވެ.
"ހަމަ ހުވާ ވާރޭ ނުވެހޭކަން، ބޭރުގަ ހުރި ކޮންމެވެސް މީހަކު ކުރާކަމަކުން މިކަންތައްތައް މިވަނީ، އެކަމަކު މިތަވީދު އޮތިއްޔާ ކައިރިއެއް ނުވެވޭނެއޭ ބުނި" ޔަޒާން ކަރުގައި އޮތް ތަވީދުގައި އަތްޖައްސާލަމުން ބުނެލިއެވެ.
"މީ ކޮންކަންތައްގަނޑެއްތަ، އަދިވެސް ކުރިން ދިމާވިކަންތައްތައް ރަނގަޅުނުވަނީތަ" ނަދީމާ ވާނުވާނޭގިފައި އިންގޮތަކަށް އަޒުރާ އާއި ސުވާލުކުރިއެވެ.
"އަލިފުތާބެ ބުނި ގަޔަކު އަތެއް ނުލެވޭނެއޭ، އަދި އެބަސް ދޮގުކުރެވޭކަށްވެސް ނެތްތާ، ހަމަގައިމުވެސް ގަޔަކުއަތެއްނުލައެއްނު، ކާފަގެވެސް ކަންތަކޭމީ، ފާޑުފާޑުގެ ފޮތްބޮނޑިތަކުން ކިޔެވެލި ދަސްކޮއްގެން ވޭވިއްޔަ ކަންތައްތައް ކުރަން، ފަހުންވެސް މިގޭގަ މީހުން އުޅޭނެކަމަކަށް ނުވިސްނާވިއްޔަ، މިހާރު އަހަރުމެންނަށް ހުރިހާ ކަމެއް، ދެން އަލިފުތާބެ ބުނާނެ އަހަރެން ކާންބޯން ކުރާ މަސައްކަތް ހުއްޓާލާށޭ، ބަލަ އެކިމީހުން ކުރާނީ އެކި ކަހަލަ މަސައްކަތެއްނު، މީ އަހަރެންނަށް އެންމެ ފަސޭހައިން ދަސްވި މަސައްކަތްވީމާ އަހަރެން ކުރަނީ، އަނެއްކާ ރަނގަޅު އާމްދަނީއެއް އެބަލިބޭ، ދެން ހަމަ މީހަކު ކަމެއްކުރިއެކޭ ކިޔާފަ ވޭތަ މިހުރިހާ ކަމެއްވާން، އެހެންނޫނަސް މިއޮށް ސުންޕާއަކީ ރާއްޖެކަމެއްވެސް ނޫންވިއްޔަ" އަޒުރާ އިނދެގެން އެކިއެކި ކޫސަނި ވާހަކަތައް ދައްކަމުންދިޔައެވެ. ލައިބާގެ ގަޔަށް އިންޖެކްޝަން ޖެހިތާ ފަސްވަރަކަށްމިނެޓު ތެޅިތެޅިފަ އޭނަގެ ހަބަރުހުސްވިއެވެ. އޭގެ ފަހުން އެއޮތްގޮތަށް އޭނަ އޮތީއެވެ. ނަދީމާ ގަޑިބަލަމުން ދިޔައެވެ. އޭނައަށް އަންނަންޖެހޭ އެއްވެސް ކަހަލަ ބަދަލެއް ނާދެއެވެ. އެކަމަކު ލައިބާގެ ބަނޑުބަލާލިއިރު ދަރިފުޅުގެ ފައިތިލައިގެ ނިޝާން ނޫފައިގަންފައި ހުރިގޮތަށް ބަނޑުގެ އެތަންމިތަނުގައި ހުއްޓެވެ. ނަދީމާ ލައިބާގެ ވިންދާ ނޭވާ ޗެކުކުރެއެވެ.
"މަށަށް ފެންނަނީ އަލުން ޖަހަން، އޭނައެކޭ ނިދާފައޮތް މީހެކޭ ތަފާތެއް ނެތެއްނު" އަޒުރާ ނަދީމާ އާއި ކައިރިވެލައިފައި ލައިބާއަށް ބަލާލަމުން ބުނެލިއެވެ. 

ކޮމެންޓް 0