"ކޮބާތަ ކަނބުލޮގެ އަންހެން މަންޖެ، އަހަރެން އޭނަ ދެކިލަން ބޭނުން" އަލިފުތާބެ ދެވަނަ ފަހަރަށް ބުނެލިއެވެ.
"އޭނައަކަށް އާދެވޭކަށް ނެތް، އޭނަ ނުނެރި މިކަމަށް ހައްލެއް ގެނެވޭކަށްނެއްތަ؟" އަޒުރާ އަހާލިއެވެ. ހަގީގަތުގައި މިވަގުތު ލައިބާ އެމީހުންގެ ކުރިމައްޗަށް ގެނެސްފިނަމަ ބޭޒާރުވާނީ ހުދު އަޒުރާކަން އޭނައަށް އެނގެއެވެ. އަދި ލައިބާގެ ހަށިގަނޑުގައިވާ ޒަހަމަތަށް ފެނި ކުއްވެރި ކުރާނީވެސް އަޒުރާއެވެ. ލައިބާ ނެރެން އޭނަ ބޭނުންނުވާ ސަބަބަކީ އެއީއެވެ.
"ތެދެއް ފުތާބެ، އެމަންޖެ ނުފެނި ކަމެއްކޮއްދެވޭކަށް ނެތްތަ؟" ޝިޔާޒުވެސް މިހާރު ހުރީ ކަންބޮޑުވެފައެވެ
"ކަމެއްކުރަންތާ ވާނީ...ބޭބެއަށް އެނގޭ ކަމަކީ އެކުއްޖާއަށް ވަރަށް ގިނަ ކަންތައްތަކާއި އެބަ ދިމާވޭ...ކަނބުލޮ ގާތު ނުބުނޭތަ އެއްވެސް ކަމެއްގެ ވާހަކަ؟ މީ ކުއްލިއަކަށް ވެގެން އުޅޭކަމެއްނޫން....ކަނބުލޮ އާއި ދެ ކުދިންނައްވެސް ކަމެއް ކުރަން ޖެހޭނީ...ބޭބެ ދޮގެއް ހަދާކަށްނެތިން، މިގެއަށް ކޮއްފަހުރިކަމަކީ ގޯސްކަމެއްނޫން، އެހެންވީމަ އެކަންތައް ބާތިލް ކުރާކަށް ބޭބެ ގަސްތެއް ނުކުރަން، އަނެއްކާ ބާތިލް ކުރަން ބޭނުންވިޔަސް ބޭބެއަކަށް އެކަމެއް ނުވާނެ...ގޭތެރޭގަ އުޅޭއިރު އެއްވެސް ކަހަލަ ގޯނާއެއް ނުކުރެވޭނެ، އެހެންވީމަ ބޭބެ ދޭނަން ތަވީދެއް، އެކަމަކު ތަވީދު ލިޔެވޭނީ މިއަދު އަސުރުން ފައިބައިގެން، މިރޭ އިޝާނަމާދުން ފައިބައިގެން ބޭބެ ގެއަށް އަންނަހާއިރުން ކަލޯ އާދޭ ބޭބެ ބަލާ، އޭރުން އެގަޑީގަ އައިސް ބޭބެ ތަވީދު އަޅުވަދޭނަން، އޭރުން ދެން އިރާދަކުރެއްވިއްޔާ ނުކުރޭނެ ގައިގަ އަތްލާކަށް" އަލިފުތާބެ ޔަގީންކަމާއިއެކު ބުނެލިއެވެ.
"ދެން އެހެންވީރު މިރޭ ދޯ ކަމެއްވާނީ، މިގަޑީގަ އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނެތަ" ޝިޔާޒު އޮޅުންފިލުވާލިއެވެ.
"ހޫމް....މިގަޑީގައެއްނޫން، ދެން ކަލޯ ހިނގާ ބޭބެ ގެއަށް ލައިދޭން ދާން" އަލިފުތާބެ ޝިޔާޒުއަށް އެހެން ބުނެލަމުން ބޭރަށް ނުކުންނަން ހިނގައިގަތެވެ.
"އެ ނިޒާރު އެއީ ހާދަ ކުޅަދާނަ މީހެކޭ...." ޝިޔާޒު އާއިއެކު ގެއިން ނުކުމެގެން ދަމުން އަލިފުތާބެ ހިނިއައިސްފައި ހުރެ ބުނެލިއެވެ.
އަޒުރާ އޭނަ އިންގޮނޑީގައި ފެންޑާގައި އިނެވެ. ކޮއްޅަށް ހުރި އަޝްހަރު ދިޔަގޮތަށް ގޮސް ބޮޑުއަށިމައްޗަށް އެރިއެވެ. އަދި ސުވާލު ކުރަންފެށިއެވެ. އޭރު ދޮރުކައިރީ ހުރި ޔަޒާންގެ މޫނުމަތިން ފެންނަނީ ބިރުގެންފައިވާކަމެވެ. އޭނައަށް އަޒުރާގެ އިސްތަށިގަނޑަށް ބަލަން ހުރެވުނީއެވެ. ވެގެން އުޅެނީ އާދައިގެ ކަމެއްނޫންކަން ޔަޒާންއަށް ރެއަކާލާވަރުވެއްޖެއެވެ. އަޒުރާއަށް ޔަޒާން ފެނުމާއެކު ކޮޓަރިއަށް ވަނުމަށް ހަޅޭލަވައިގަތެވެ. ޔަޒާން އަޒުރާގެ އަޑަށް ކޮޓަރިއަށްވަނެއްކަމަކު އޭނަ ހުރީ އަޒުރާ އަޝްހަރަށް ވެގެން އުޅޭގޮތް ކިޔާދިންއިރު އަޑުއަހާށެވެ. އޭނަގެ ހަތަރެސްފައި ފިނިވިއެވެ. މީގެ ދެތިން އަހަރުކުރީގެ ކަންތައްތަކެއް އޭނަ ހަނދާންވުމުންނެވެ. ވަލުތެރެއަށް ގޮސްއުޅުނު ދުވަސްމަތިންނެވެ. އޭނަ ތަޅުންގަނޑުމަތީ ކުރުގެޅިލައިގެން ދެލޯމަރާލައިގެން އޮތް ލައިބާއަށް ސަމާލުކަމެއް ނުދީ ގޮސް އެރީ އޭނަގެ އެނދަށެވެ. ބިއްދޮށަށް އަރާ އިންއިރު އޭނަގެ ހިތްބިރުގެންފައިވާކަން އެނގެއެވެ.
އަޝްހަރު ކުރިން ކުރަމުން އައި މަސައްކަތް ދޫކޮއްލާފައި އޭނަ މިހާރު އުޅެނީ ޝިޔާޒުގެ މަސައްކަތުގައެވެ. އެހެންވެ އަޒުރާގެ ގާތުގައި މުޅިދުވަހު މަޑުކުރިޔަސް ޝިޔާޒުގެ ޝަކުވާއެއް ނޯންނާނެކަން ގައިމެވެ. އޭނަ ކަންކުރީވެސް އެހެންނެވެ. މެންދުރުފަސްވެ ހަވީރުގެ ހިޔާ އެޅިލިއިރު އެގެއަށް ނަދީމާ އާއި އޭނަގެ ރަޙުމަތްތެރިންވެސް އަތުވެއްޖެއެވެ. އެމީހުންނަށްވެސް ލިބުނީ ހައިރާންކަމެވެ. އެމީހުންނަށްވެސް އެވާހަކަތައް ގަބޫލުކުރަން ދަތިވިއެވެ. ކޮންމެ މީހެއްގެ ސުވާލަކީ މީގެ ކުރިން ކަމެއްނުވީ ކީއްވެހެއްޔެވެ. ހަމަ ކަމެއްދިމާވާންވީ މިއަދުހެއްޔެވެ. ގައިމު އަލިފުތާބެ ބުނާގޮތުގައި އެއީ އަޒުރާގެ ކާފައިރުއްސުރެ އެގޭތެރޭގައި ހުންނަކަމެކެވެ. ދެން އަޒުރާއަށް ގޯނާއެއް ކުރެވެން ކުރެވުނު ކަމެއްވެސް އޮންނާނެތާއެވެ. އަޒުރާގެ ވާހަކައިން އޭނަ އެއްވެސް ކަމެއް ނުކުރަން ކަމުގައި ބުނަމުންދިޔައެވެ. އެއީ ހަމަހުރެފަ ކުއްލިއަކަށް ދިމާވި ހާދިސާއެކެވެ.
ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން މަގުތަކުގައި ދިއްލާފައި ހުރި ހޮޅިބުރިތަކުން އަލިކޮއްދެމުންދިޔައެވެ. އެހެންނަމަވެސް ރަށުތެރޭގައި މާބޮޑުއަލިކަމެއް ހުރިކަމަކަށް ނުދައްކައެވެ. ޝިޔާޒު ސައިކަލުގައި މަޑުކޮއްލައިގެން އިނީ އަލިފުތާބޭ މެންގޭ ދޮރުކައިރީގައެވެ. އޭރު އިޝާ ނަމާދުން ފައިބައިގެން އަލިފުތާބެ އަންނަނީއެވެ.
"އަހާ ތިއައީ ދޯ، މަޑުކޮއްލާ މިއަންނަނީ ގޭތެރެއަށް ވަދެލާފަ ތައްޔާރުކުރި އެއްޗެހި ހިފައިގެން" އަލިފުތާބެ ގޭ ދޮރާ ހަމަވުމާއިއެކު ޝިޔާޒުއަށް ބުނެލިއެވެ. ޝިޔާޒު އާއެކޭ ބުނެލަން ބޯޖަހާލިއެވެ. އަދި އަނެއްކާވެސް ސައިކަލު ހުންގާނުގައި ދެއަތްއަޅުވާލިއެވެ.
މުޅިދުވަހު ގޭގައި ހުންނަން ޖެހުމުން އަޒުރާގެ ހާސްކަންދިޔައީ އިތުރުވަމުންނެވެ. އަނެއްކޮޅުން ލައިބާ މުޅިދުވަހުކަހަލަ ގޮތަކަށް އޮތީ ނުކައެވެ. އޭނައަށް ވެފައިހުރިވަރު ފެނުނީ ނަދީމާއަށެވެ. އޭނަ އަޒުރާ އާއި ސުވާލުކުރިއެވެ. އަޒުރާ ކަންވީގޮތް ނަދީމާއަށް ކިޔާދިނެވެ. އެހެންނަމަވެސް ނަދީމާ ކުއްވެރިކުރީ ޔަޒާންއެވެ. އެކަމާ އަޒުރާ ހިތްހަމަނުޖެހުނެވެ. ނަދީމާގެ އުޅުން ކިތަންމެ ވިޔާނުދާވިޔަސް އޭނަ ކަމުގެ ހަގީގަތް ގަބޫލުކުރެއެވެ. އޭނަ އަޒުރާދެކެ ވަރަށް ބޮޑަށް ހިތްހަމަނުޖެހުނެވެ. ރުޅި އިސްކުރިކަމުގައި ވިޔަސް ވަކި މިންގަނޑެއް އޮންނަންވާނެ ކަން ނަދީމާ ބުނަމުންދިޔައެވެ. ޔަޒާން ކޮޓަރިން ބޭރަށް ފޮނުވާލާފައި ނަދީމާ ލައިބާއަށް އެހީތެރިކަން ފޯރުކޮއްދިނެވެ. ފުރަތަމަ ބަސްގަބޫލު ނުކޮށް ބޮޑާހާކާލިއެއްކަމަކު ނަދީމާގެ އެތަކެއް އާދޭހާ އެދުމުގެ މަތިން ލައިބާ ފާހާނާއަށްވައްދާ ފެންވެރުވިއެވެ. އޭނަގެ ޒަހަމްތަކުގައި ބޭސްއަޅާދިނެވެ. ނަދީމާގެ ފަރާތުން ދުވަހަކުވެސް ފެންނާނޭކަމަށް ހީނުކުރޭހާ އަޅާލުން ލައިބާއަށް ލިބުނެވެ.
"އަހަންނަށް ވަރިހަމަ އަޒޫ ހިތްހަމަނުޖެހުނަސް ޖެހުނަސް، އެފަދަ އަނިޔާ ދޭކަށް ނުވާނެ، އޭނަ ބުރުގާ އަޅުވަން އުޅޭ، ތިހެން ހަދާފަ އެކުއްޖާ ބޭރަށް ނެރޭނެ ކަމެއްނެތް، އަބަދު ފޮރުވައިގެން ބަންދުކޮއްގެންނެއްވެސް ނުގެންގުޅެވޭނެ...ފާރުތަކުގަވެސް ކަންފަތްހުރޭ، ފާޑު ފާޑުގެ ވާހަކަތައް ދައްކާނީ ހަމަ އަޒުރާއޭ ކިޔައިގެން...ދެން މިބޭސްތައް އޭނައަށް ރަނގަޅަށް ދޭތި، އޭރުން އެކުއްޖާ ތިކަމުން ސަލާމަތްވެދާނެ، އަދި ބުނަންތަ، އަންނަ ހަފްތާ ޑިއުޓީ ފެށުނީމަ އިންޖެކްޝަނެއްވެސް ގެންނާނަން، އެހާތަނަށް ރަނގަޅު އަލާމާތެއް ނުފެނިއްޖެއްޔާ އެވެސް ޖަހާނީ، އޭރުން ވަގުތުން ފައިބައިގެން ދާނެ...." ނަދީމާ ލައިބާގެ އަތަށް ދެވައްތަރެއްގެ ކެޕްސޫލް ގުޅައަކާއި ތިން ގުޅަބޭސް ލާދީފައި އަޒުރާ އާއި ދިމާލަށް އެނބުރި ބުނެލިއެވެ.
"ބުރުގާއޭ....އަނެއްކާމަވީ އޭނައަށް ބުރުގާވެސް ގަނެދެން، ނަދީ ބުންޏެއްކަމަކު ނުވާނެ ތިކަމެއް" އަޒުރާ ރުންކުރުގޮތަކަށް ބުނެލިއެވެ.
"އާނ....ކީއްތަވީ، އޭރުން މިހުރިހާ ތަންތަނެއް މީހުންނަކަށް ނުފެންނާނެއެއްނު، ނޫނީ އެހުރިގޮތަށްތަ އަޒުރާ އޭނަ ނެރެން ތިއުޅެނީ" ނަދީމާވެސް ގޮތްދޫނުކޮށް ބުނެލިއެވެ.
"ހޫން، ދެން ވަރިހަމައޭ، އޭނަ ބުރުގާ އަޅުވަ ފާނަމޭ، ބުނެބަލަ، މިބޭސްތައް ކާންދިނުމަށްވުރެ އެއިންޖެކްޝަން ޖަހާލަންވީނު، އޭރުން މިކަމުން އެއްޝޮޓުން ސަލާމަތްވީނު" އަޒުރާ ސަމާލުކަން ދިނީ އެހެން ކަމަކަށެވެ.
"އަޒޫ، މަމީ ނަރުހެކޭ، ލައިގެ ހަށިގަނޑު އަދި ހާދަ ޅަވާނެއޭ، އެހެންވެ އެންމެ ފަހު ގޮތް އެއީ އިންޖެކްޝަން، މިދިން ބޭސްތައްވެސް ވޯކް ކުރާނެ، ތިހާ ހިތްއަވަސްވެގެން ނޫޅެބަލަ، ދެން ތިހިރަ މޭޒުމަތީ ހުރި ފެންފުޅި މައްށަށް ދިއްކޮއްލަބަލަ" ނަދީމާ ބުނެލިއެވެ. އޭނަ އަޒުރާ ފެންފުޅި ދިނުމާއިއެކު ލައިބާއަށް ދިއްކޮއްލާފައި ބޭސްތައް ކާލުމަށް ބުންޏެވެ.
އެހެންދުވަސް ދުވަހު ގޭތެރޭގެ ހުރިހާ މަސައްކަތެއް ކުރާ ލައިބާ މިއަދު އެއްވެސް ކަމެއް ނުކުރެއެވެ. ކުރާކަށް ނުވެސް ޖެހުނެވެ. ޝިޔާޒު ގަޑިން ގަޑިއަށް އެގޭތެރެއަށް ޕާރުސަލް ވައްދައެވެ. އެހެންވެ ބޭސްކެއުމުގެ ކުރިން ލައިބާއަށް ޖެހުނީ ކާށެވެ. އެހެނީ ނަދީމާ އެހުރިހާ ކަމެއްކުރަން އޭނައަށް މަޖުބޫރު ކުރުވަމުންދިޔަކަމެވެ. ލައިބާ މަޑުމަޑުން އޭނަގެ ތަންމަތީގައި އޮށޯވެ ބިއްދޮށަށް އެނބުރުނެވެ.
"އެމީހުން އަހަންނަށް ކިހިނެތް ހަދަންތަ އެއުޅެނީ..." ލައިބާގެ ހިތް ސުވާލުކުރަމުންދިޔައެވެ.
މާގިނައިރެއްނުވެ ޝިޔާޒު އަލިފުތާބެ ގޮވައިގެން އައިސް އަޒުރާމެންގޭތެރެއަށްވަނެވެ. އެވަގުތު ގެއަށްވަންނަތާ ގޯތިތެރޭ ހުރި ބަނބުކެޔޮ ގަހުން ކުއްލިއަކަށް ވިދުވަރެއްހާ ބާރުމިނުގަ މައްޗަށް އަރައިގެން ދިޔަ އަލިގަނޑު ޝިޔާޒުއަށް ފެނި ޖެހިލުންވިއެވެ.
"ކަންބޮޑުނުވޭ، އަހަރެން މިގެއަށް އައިކަން އެނގުނީ، އެއްވެސް ގޯނާއެއް ނުކުރާނެ، ދެން އެކުން އެގަހާ ދިމާލަށް ކަލޯ ނުބަލާ އަހަރެންގެ ކުރިއަށް އާދޭ" ވަގުތުން އަލިފުތާބޭގެ އަޑު ޝިޔާޒުގެ ކަންފަތުގައި ޖެހުނެވެ.
ޝިޔާޒު ކުރިއަށް ބަހައްޓައިގެން ހުރެ އަލިފުތާބެ ގެއަށްވަންނަން ދިޔައެވެ. އަދި ގޭތެރޭ އޮޅި ގިރާކުރުމުގެ ކުރިން ތުންތަޅުވާލަމުން ޝިޔާޒުގެ އަތުގައި ހިފެހެއްޓިއެވެ. މިނެޓެއްހާއިރު ތެރޭ އަލިފުތާބެ ޝިޔާޒުގެ އަތުގައި ހިފަހައްޓައިގެން ހުރެ ގޭތެރެއަށް ވަދެއްޖެއެވެ. އޭރު އަޝްހަރާއި ނަދީމާގެ ރަޙުމަތްތެރިންނާއި ތިބީ ބޮޑުއަށީގައި އޮލަވާހަކައެއްގައެވެ. އެމީހުންނަށް އަލިފުތާބެ ފެނުމާއިއެކު ބޮޑުއަށިމަތިން ފުއްމައިލައިގެން ގޮސް އަޒުރާއަށް ގޮވާލުމަށްފަހު އޭނަގެ ކޮޓަރިއަށް ގޮސްވަނެވެ. ނަދީމާ އާއިއެކު އަޒުރާ އަވަސް އަވަހަށް ލައިބާގެ ކޮޓަރިން ނުކުތެވެ. އެއާއިއެކު ޔަޒާން ގޮސް އެކޮޓަރީ ދޮރުކައިރީ މަޑުކޮއްލިއެވެ.
"ޝިޔާޒް..." އަޒުރާއަށް ޝިޔާޒުއަށް ގޮވާލެވުނެވެ.
"މިއައީ ހިފައިގެން، ކަނބުލޯ، ބޭބެގެ އަތުން ކޮންމެހެން އެޅުން އެހާ މުހިއްމެވެސް ނޫން، އެކުންމިއައީ މިތަވީދު ދީފަ މިސޮރު ފޮނުވާލާތަނުން ގެއާއި ހަމައަށް ނުފޯރަފާނެތީ. އަން މިހިރީ...މީ ކަނބުލޮގެ، ދެން މިއޮތީ ފިރިހެން ދަރިފުޅުގެ، ދެން މިއޮތީ އަންހެން ދަރިފުޅަށް، މިތަވީދުތައް އަޅުވާނީ ވައަތުގެ ހިކަނދިމަސައްގަނޑުގަ، ވަކިގަޑިއެއް ނެތް، މިހާރު ހަމައަޅަންވީ އިނގޭ، އަދި ބުނަން އަތުގައި ބައިންދަން އުނދަގޫވަންޏާ މައްސަލައެއްނެތް ބަޑިއަކަށް ލާފައި އުނުގައި ނޫނީ ކަރުގައި އެޅިޔަސް، ކޮންމެގޮތަކަށްވިޔަސް ގައިގާ މިޖެހިފައި އޮންނަންޖެހޭނީ....އޭރުން ޔަގީން، ދެން އިރާދަކުރެއްވިއްޔާ ގައިގަ އަތްލާކަށް ނުކެރޭނެ...." އަލިފުތާބެ އަޒުރާގެ ގާތުގައި ބުނެލިއެވެ.