"އަޒޫ....އަޒޫ..." އަޒުރާގެ ކޮޓަރިދޮރުގައި ޓަކިދެމުން ނަދީމާ ގޮވާލިއެވެ. ހިތް އަވަސްވެފައިވާ އަޒުރާއަށް އަވަހަށް ދޮރުހުޅުވާލުމާއިއެކު ނަދީމާގެ އަތުގައި ހިފާ ކޮޓަރިތެރެއަށް ވެއްދިއެވެ.
"ކޮބާ، ގެނައިންތަ؟" އަޒުރާ ކެތްތެރިކަން ކުޑަވެފައިވާ ރާގެއްގައި އަހާލިއެވެ.
ނަދީމާ އޭނާގެ އަތުގައި އޮތް ކޮތަޅު އަޒުރާއަށް ދިއްކޮއްލި އެވެ. އަޒުރާ ހާސްވެފަހުރި ވަރުން ނަދީމާވެސް ކަންބޮޑުވި އެވެ. އަދި އަޒުރާއާއި އެކިއެކި ސުވާލުތައް ކުރަންފެށި އެވެ.
"ކިހިނެތްތައްވީ؟ ވެގެން އުޅޭ ގޮތެއް ބުނެބަލަ، އޭރުންނޭ މަށަށްވެސް އެހީއެއް ފޯރުކޮއްދެވޭނީ، އެހެންނޫނަސް މީމަގޭ ދާއިރާއެއްނު... އަޒުރާ ތިއުޅޭގޮތުން އަހަރެން ބިރުގަންނަވަރުވޭ..." ނަދީމާ އަޒުރާގެ އަތުގައި ހިފައި ގެނެސް އެނދުގައި ބެއިންދިއެވެ.
"ނަދީ...އަހަންނަށް ހީވަނީ....ހީވަނީ....ނޫން...ނޫން، މިހާރު އަހަންނަށް ޔަގީން...." އަޒުރާ ވާހަކަދައްކަމުންދިޔައީ ލައިބާގެ ފަރާތުން އޭނައަށް ފެންނަމުންދިޔަ ކަންތައްތަކުގެ ތެރެއަށް ހިޔާލުދޫކޮއްލައިގެން އިނދެއެވެ. އަދިވެސް އެމަންޒަރުތައް އަޒުރާގެ ސިކުނޑީގައި ބުރުޖަހަމުންދަނީއެވެ.
"ބަލަ ކޮންކަމެއްތަ ހީނުވެ ޔަގީންވެގެން ތިއުޅެނީ؟" ނަދީމާ އަޒުރާގެ ކޮނޑުގައި ހިފާ އޭނައާއި ދިމާލަށް އަނބުރާލިއެވެ.
"ލައިބާ...އޭނަ....އޭނަ ބަނޑުބޮޑު، އަހަންނަށް މިހާރު ޔަގީން، އޭނަ އުޅޭގޮތުން އަހަންނަށް އެނގޭ އޭނަ އޭނދީ ބަލިވެކަން" އަޒުރާ ނަދީމާއަށް ބަލަން އިނދެ ބުނެލިއެވެ.
"ހަމަ އަސްލުވެސް، އެކަމަކު...ހާދަ ގަބޫލުނުކުރެވެޔޭ، ކީއްވެ؟ ކިހިނެތް؟ ކޮންއިރަކު އެނގުނީ؟ އަނެއްކާ އެކުއްޖާއަށް އެހެން ހެދީ ކާކޫކަން އިނގޭތަ؟" ނަދީމާއަށްވެސް ލިބުނީ ހައިރާންކަމެކެވެ. އޭނައަށްވެސް އެކިސުވާލުތައް ފައްޗަކަށް އަމުނާލެވުނީ އެޚަބަރަކީ އޭނައަށްވެސް ގަބޫލުކުރަން ދަތިވި ޙަބަރަކަށް ވުމުންނެވެ. ލައިބާފަދަ މަޑުމަޑުން ހުންނަ ގެއިން ބޭރަށް ނުނިކުމެ މީހުންނާއި އެކަހެރިކޮށް އުޅެމުންދާ ކުއްޖަކު ބަލިވެއިން ވާހަކަ އަޑުއިވުމީ ކޮންމެ މީހަކަށްވެސް ގަބޫލުކުރަންދަތިވާނެ ކަމެކެވެ.
"އަހަންނަކަށްވެސް ނޭގެ، އޭނަ އެހެން އުޅެފާނެޔޭ އަޅެ މީހަކު ހީވެސް ނުކުރާނެއެއްނު، އަންނާނަން އެކުއްޖާ ގަނޑު ގޮވައިގެން، އަދިވެސް ބޮޑަށް ޔަގީންކުރަންވެގެން ނަދީ ގާތު ބުނީ ހޯމްކިޓެއް ގެނެސްދިނުމަށް" އަޒުރާ ތެދުވަމުން ބުނެލިއެވެ. އަދި އަވަސް ހިނގުމުގައި ކޮޓަރިން ބޭރަށް ދިޔައެވެ.
"ކިހިނެތްތައްވީ؟" ލައިބާ އޭނަގެ އަތުގައި އަޒުރާ ހިފާދަމައިގަތުމުން ބުނެލިއެވެ. އެހެންމަވެސް އަޒުރާ ވަކިއެއްޗެއް ނުބުނެ ލައިބާގެ އަތުގައި ހިފާ ދަމަމުން ކަހަލަގޮތަކަށް ގެންގޮސް އޭނަގެ ކޮޓަރިއަށްވެއްދި އެވެ. އޭރު ޔަޒާން އެގޭތެރެއަކު ނެތެވެ. ގޭގަނެތިއްޔާ ޔަގީނުންވެސް އޭނަވާނީ ރަޒިއްޔާމެންގޭ ކުދިންނާއިއެކުއެވެ.
"އޭ އަޒޫ ހަމަޖެހިބަލަ، ލައި ދޫނީ އާދެބަލަ މިކޮޅަށް...އަޒޫ ތިތާ އިށީނދޭ" ނަދީމާ އަށް އަޒުރާ ލައިބާގެ އަތުގައި ހިފައިގެން އައިސް ކޮޓަރިތެރެއަށް އޭނަކޮއްޕާލިގޮތް ފެނުމުން ބުނެލިއެވެ.
ނަދީމާ ލައިބާ އޭނަގެ ކައިރިއަށް އައުމާއިއެކު ވާހަކަދައްކަން ފެށިއެވެ. ލައިބާއަށް ނަދީމާގެ ވާހަކަތަކުގެ ތެރެއިންވެސް އިރުއިރުކޮޅާ ބަލާލެވެނީ އަޒުރާގެ މޫނަށެވެ. ނަދީމާ އޭނަގެ ގާތު އަހާ ސުވާލުތަކަށް ޖަވާބު ދޭންވީތޯ ލައިބާގެ ހިތަށް އަރަމުންދިޔައެވެ.
"ލައި، ވާހަކަ ދައްކަބަލަ....ދައްތަ މިކިޔާ އެއްޗެއް ލައިއަށް އެނގޭކަން ޔަގީން، ވީމަ ޖަވާބު ދީބަލަ" ނަދީމާ މަޑުމައިތިރިކަމާއިއެކު ވާހަކަދެއްކިއެވެ.
"މަށަށްތަ އެނގެނީ، މީނައެއްނު އެކިޔަނީ އަހަރެންގެ ބަނޑުގަ ކުއްޖެއް އޮތިއްޔޭ، މަށަކަށްނޭގެ..." ލައިބާ ފޫހިގޮތަކަށް ތުން އަނބުރާލަމުން ނަދީމާ އާއި އަޒުރާއަށް ފުރަގަސްދެމުން މެޔާދިމާލުން ދެއަތްހުރަސްކޮއްލި އެވެ. އޭނަގެ އެ ޢަމަލުން އޭނަހުރީ ހިތްހަމަ ނުޖެހިފައިކަން ނަދީމާއަށް އެނގުނެވެ. އެހެންވެ އިތުރަށް އޭނަވެސް ސުވާލެއްކުރަން ބޭނުންވީ އޭނަ ގެނައި ޓެސްޓު ކިޓުން ޗެކުކުރުމަށްފަހު އެވެ.
"މައްސަލައެއްނެތް، އާދޭ ފާހާނާއަށް، މިކަންތައް ކޮއްފަ ލައިބާ ދާންވީ، އެހާ ގިނައިރެއް ނުނަގާނެ" ނަދީމާ އިށީނދެ އިނދެފައި ތެދުވެ އޭނަ ގެނައި ކޮތަޅުނެގިއެވެ.
ލައިބާ ނުރުހިފައިހުރެވެސް ނަދީމާ އާއިއެކު އޭނަ ބުނިކަމެއް ކުރަން ދިޔައީ، އެކޮޓަރިން އަޒުރާގެ ކުރިމަތިން ދެވެން އޮތް އެންމެ ފަސޭހަ ގޮތަކީ އެއީ ކަމުގައި ވާތީއެވެ. އޭނަ ފާހާނާއަށް ވަދެ ނަދީމާ ބުނިގޮތަށް ކަންތައްކުރިއެވެ. އަދި ފާހާނާއިން ނުކުމެގެން ދާން ހިނގައިގަތުމުން ނަދީމާ ލައިބާ ގާތު މަޑުކުރުމަށް އެދުނެވެ. އަދި އޭނަގެ އަތަށް ލައިބާ ދިއްކޮއްލި ޓެސްޓިން ކިޓަށް ބަލަހައްޓައިގެން ހުރެ ފާހާނާއިން ނުކުތެވެ. އަޒުރާއަކަށްވެސް އިތުރަށް މަޑަކުން ނީނދެވުނެވެ. އަވަސްފިޔަވަޅުގައި ނަދީމާގާތަށް އައިސް އޭނަގެ އަތުގައި އޮތް އެތި އަތުލާ ބަލާލިއެވެ.
"އަހަރެން ބުނީމެއްނު، ނަދީ އަހަރެން ބުނީމެއްނު، ދެން ކިހިނެތް ހަދާނީ...މިހިރަ ގޮތްކުޑަ ކުއްޖާޔާ ހެދި އަހަރެން ބޭޒާރުވެނިމޭކަށް ބޭނުމެއްނޫން...." އަޒުރާ ކުއްލިއަކަށް ލައިބާ އާއި ދިމާލަށް އެނބުރިލަމުން ބުނެލިއެވެ. ލައިބާއަށްވެސް ހުއްޓުން އެރީ އެމީހުންނަށް އެނގި ޔަގީންވެގެން އުޅޭ ކަމެއް އޮޅުންފިލުވުމުގެ ބޭނުމުގައެވެ.
"ކާކުގެ ދަރިއެއްތޯއެއްނު ބަލަންވީ، އަނެއްކާ އޭނަ އުޅެނީ ކުއްޖަކާ ރައްޓެހިވެގެންތަ؟" ނަދީމާ އަޒުރާއަށް ބުނެލިއެވެ.
"އޭ ކަލޭ ބުނޭ، ތީކާކުގެ ދަރިއެއް" އަޒުރާ ލައިބާގެ ކުރިމައްޗަށް ހުއްޓިހުރެ ބުނެލިއެވެ. ލައިބާއަށް ވެގެން އުޅޭގޮތެއް އެނގުނީ އަދިކިރިޔާއެވެ. އޭނައަށް ބޭއިޙްތިޔާރުގައި އަމިއްލަ ބަނޑުގައި އަތްޖައްސާލެވުނެވެ. އެއާއެކު އޭނަގެ ހިތާ ސިކުނޑި ނޭގޭ ބިރުވެރިކަމަކުން ވަށާލިކަހަލައެވެ. ސިހިގެން ދިޔައީ އަޒުރާގެ ހޫނު އަތްތިލަ އެކޯތާފަތުގައި ހޫނުކަމާއިއެކު އިޙްސާސްކުރެވިގެން ދިއުމުންނެވެ. އެހެންނަމަވެސް ލައިބާއަކަށް ތަދެއްނުވިއެވެ. އެއަށްވުރެ އޭނަހުރީ ބިރުގެންފައެވެ. ދެންވާނެ ގޮތެއްނޭގޭހާލުގައެވެ.
"އަޒުރާ...އަނިޔާ ނުކޮށްބަލަ، ތިހެން ހެދުމަކުން ވަކި މިކަން ނުވާކަމަކަށް ނުވާނެއެއްނު...ރުޅި މަޑުކޮއްފަ ވިސްނަބަލަ، ލައިބާ ވާހަކަދައްކަން ފުރުޞަތުދީބަލަ" ނަދީމާވެސް ހުރީ ކަންބޮޑުވެފައެވެ. އެކަމަކު ލައިބާއަށް އަނިޔާކުރުން އެއީ ރަނގަޅު ހައްލުކަމުގައި ނަދީމާ ނުދެކުނެވެ.
"އޭނަ ބުނާނެތަ، ނުބުނާނެ...ބުނާނެނަމަ ގައިމު ހުރިހާ ކަމެއް ފަޅާއެރީމަ ދެން ބުނަންއެންމެ ރަނގަޅެއްނު، އަހަރުމެންނަށް ކިތަށްފަހަރު އެހިއްޖެ ބަނޑުގައި އޮތް ކުއްޖާގެ ބައްޕައަކީ ކާކުހޭ، ބޮޑުވެގަނެގެން... ބޯހަލާކު ވާވަރުވޭ، މީހުންނަށް ދެއްކެންވެގެން ދޯ ކަލޭ މާ މަޑުމަޑުން ހުންނަ މީހަކަށް ހެދިގެން އުޅެނީ..." އަޒުރާގެ ރުޅި މަޑުވާގޮތެއް ނުވިއެވެ. ނަދީމާ އައިސް އަޒުރާގެ އަތުގައި ހިފައިގެން ކޮޓަރިން ބޭރަށް ނުކުތުމަށް އުޅުނެވެ.
ހަވީރުގެ ގަޑިއަށް ވުމާއިއެކު ގޭދޮރުމަތީ ހަދާފައި ހުންނަ ޖޯލިފަތިތަކުގައި ނުކުމެތިބި އަވަށްޓެރިންނާއި ބޮޑުމަގުން އަތިރިމައްޗަށްދާ ނޫކަށިފުރައިގެ ދެޖިންސުގެ ކުދިންވަރަށްވެސް ގިނައެވެ. ހަމައެގޮތުން މޫދުން އަރައިގެން އަންނަ ބައިގަނޑު ގަނޑުވެސް ރަށުތެރެއަށް އަރައިގެންއަންނަނީ ބޮޑުމަގުންލާފަ އެވެ. ހުނުމުގެ އަޑާއި އަވަށްޓެރިންގެ ޗުކުޗުކުތެޅުވުމުގެ އަޑާއިއެކު މާހައުލަށްވެރިވެފައިވަނީ އާދަޔާއި ހިލާފު ހަލަބޮލިކަމެކެވެ. ނަދީމާ ގަދަކަމުން ކަހަލަ ގޮތަކަށް ގެއިން ނެރުނު އަޒުރާ ގޮވައިގެން މިސްރާބުޖެހީ އަތިރިމައްޗާ ދިމާލަށެވެ.
"ނަދީ މިކަމާހެދި އަހަރެންގެ ބޯފަޅައިގެން ހިގައިދާނެ، ހިތަށް އަރާ ނެރެ އެއްލާލަންވީއޭވެސް، އޭރުންވެސް ނުބައިވާނީ އަހަރެން....އަނެއްކާ މިއުޅެނީ މީހުންގެ ވާހަކަ ދައްކަން ނުވެސް އެނގޭމީހުން...ދެން ބުނެބަލަ މަށަށް މިކަމުގަ އެހީއެއްވެދެވޭނެތަ، ނޭގެ ކިތައް މަސްކަމެއް ވެސް، އަދިވެސް އޭނަ އެހުންނަނީ ގަދަކޮއްފަ ވާހަކަ ނުދައްކަންވެގެން... ގޮތްގޮތަށް އުޅެފަ ކަމެއްދިމާވީމަ ބަދުނާމު މިވަނީ އަހަރުމެން، އަހަރެން އަންހެން ދަރިއަކު ބޭނުންނުވަނީވެސް އެހެންވެއޭ، އެކަމަކު ކީއްކުރާނީ ހޯދަން ބޭނުންނުވިޔަސް މިއޮތީ މިކަންވެސް ބޮލުގައި އެޅިފަވިއްޔަ، އެވެސް އެންމެ ރެއަކު އެކަން ބޮލުގައި އެޅުނީމައޭ މިހާ ފޫހިވަނީ، ޔަޒާން ގޮތަށް އޭނަވެސް ފިރިހެން ކުއްޖަކަށް ވީނަމަ އަޅެ އަހަރެންގެ ބޮލަށް ކިހާ ފަސޭހަވާނެ....މި ދުއްޕާނެއް ނުޖެހުނީހެއްނު" އަޒުރާއަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭގެއެވެ. އަތިރިމަތީގައި ހެދިފައިހުރި މަގޫ ގަސްތަކުގެ ކައިރީ ދޮންވެލި ގަނޑުމަތީ އިށީނދެލައިގެން ނަދީމާ އާއި އަޒުރާ ތިއްބެވެ. ދައްކަމުންދިޔަ ވާހަކައިގެ ހޫނުކަން އެތަނުގައި އުޅޭ އެހެންމީހުންނަށް އިވޭކަށް ހުދު އަޒުރާވެސް ބޭނުމެއްނުވެއެވެ. ކިތަންމެ ރުޅި އައިސްފައި އިނދެ ދަތްކުނޑި ވިކިއަސް އޭނަގެ އަނގައިން އަޑުބޭރުވަނީ ނަދީމާއަށް އިވޭވަރަށެވެ.
"އަޒޫ، މިހާރު ވިސްނަންވީ ލައިބާ އެކަމުން ސަލާމަތް ކުރަން، އަހަންނަށް ހިއެއްނުވޭ އެއީ އޭނައަށް އެނގިގެން ވީކަމެއްހެން، އޭނަވެސް ބޭނުމެއްނުވާނެދޯ އެހާ ޅައުމުރެއްގަ ބަލިވެ އިންނާކަށް، ކޮންމެވެސް މީހަކު އެކުއްޖާއަށް ލަނޑެއް ދިނީކަންނޭގެ، އެކަމަކު އެހެންވެސް ބުނާނީ ކިހިނެތް، އެއީ ގޭން ބޭރަށް ނުކުންނަ ކުއްޖެއްނޫން، މީހަކާ ވާހަކައެއް ދައްކާ ކުއްޖެއްނޫން، ރޭގަނޑު އެހާ އަވަހަށް ނިދާ، ދެން ކާކުބާ، އަނެއްކާ ގެއަށް އައިސް އުޅޭމީހެއްތަ...." ނަދީމާވެސް ވިސްނަމުންދިޔައީ ލައިބާގެ ހާލާދެތެރޭއެވެ.
ނަދީމާ އެންމެ ފަހުން ބުނެލި ޖުމްލައަކުން އަޒުރާއަށް ކުރީގެ ހަނދާނެއް އިޔާދަވެގެން ދިޔައެވެ. ލައިބާ އޭނަގެ ގާތު ރޮމުން ދެއްކި ވާހަކަތަކެވެ. އެކަމުގެ ސަބަބުން އަޒުރާ އޭނައަށް ކުރި އަނިޔާތަކެވެ. އެދެމެދުގައި އޮތް ގުޅުން ހީނަރުވެގެން ދިޔަ މައްސަލައެވެ. އެކަމަކު ފަހުން ލައިބާގެ އެއްވެސް ޝަކުވާއެއް އަޒުރާ އާއި ހަމައަށް ނާދެއެވެ. މުޅިން ލައިބާ ބަދަލުވެގެންދިޔަކަން ވެސް އަޒުރާއަށް ފާހަގަކުރެވިގެންދިޔަ އެވެ. އެކަމަކުވެސް އޭރު އޭނައަށް އަޅާނުލެވުނީ އެވެ.

ކޮމެންޓް 0